Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: އައްޑޫއަށް ތަރައްޤީ ލަސްވުމުގެ ޒިއްމާ އައްޑޫގެ ބައެއް މީހުންވެސް ނަގަންޖެހޭ!

މީގެ އަހަރުތަކެއް ކުރީން އައްޑޫ އަތޮޅާ ގުޅޭގޮތުން އަޅުގަނޑު ކޮލަމެއް ލިއުނީމެވެ. ސުރުޚީ އަކީ: "އައްޑޫއިން މަދިރި އާއި ވާ ހުސްކޮށްދޭ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓް!" އެވެ. މިލިއުން ކިޔާފައި އައްޑުއަށް ނިސްބަތްވާ ސޔާސީ، ކަމުވޮށިގެންވާ ބޭފުޅަކު އަޅުގަނޑަށް ގުޅުއްވިއެވެ. އަދި ވިދާޅުވިއެވެ: "ވާލާއި މަދިރިއަކީ ވެސް އުޅެން ޖެހޭ އެއްޗެއް. އެތަކެތި މަރައިގެން ކަމަކު ނުދާނެ!"

މުއާސަލާތީ ބޮޑު ކުންފުންޏެއްގައި އުޅުއްވާ، އައްޑޫގެ އިސް އެހެން ބޭފުޅަކުވެސް ވާލާއި މަދިރި ހުސްކުރުމުގެ ހިޔާލާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. ވިދާޅުވިއެވެ: "ވާލާއި މަދިރި މެރުމުން ފުޑްޗެއިން ހަލާކުވެދާނެ!" އެވެ.

މިއީ އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންގެ ވިސްނުން ހުންނަގޮތް ކަމުގައި ވަނީނަމަ އައްޑޫގެ ތަރައްޤީއާ މެދު އެހެން އަތޮޅުތަކުގެ މީހުންގެ ވިސްނުން ވަކި ރަނގަޅުވާންވީ ކީއްވެގެންތޯއެވެ؟ މަދިރީގެ އުނދަގުލާ ހެދި އަމިއްލަ ގޭގެ ފެންޑާގައި ހަމަޖެހިލައިގެން ނުތިބެވެއެވެ. ވާލުގެ އުނދަގުލާ ހެދި ގޭގެ ގަހެއްގައި މޭވާކޮޅެއް ސަލާމަތުން ނޯވެއެވެ. އެވަރުންވެސް ބައެއް މީހުންގެ ވިސްނުން މިހުންނަނީ ފުޑްޗެއިން ސަލާމަތް ކުރުމަށާއި ވާލާއި މަދިރީގެ ހައްޤު ހިމާޔަތް ކުރުމަށެވެ. އެގޮތަށް ވިސްނާނަމަ ޖަރާސީމަކީވެސް ދިރޭ އެއްޗެކެވެ. އެވެސް މަރައިގެން ނުވާނެއެވެ. އެވެސް ފުޑްޗެއިންގެ ބައެކެވެ. އެންޓިބައޮޓިކްވެސް ކައިގެން ނުވާނެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަޅުގަނޑު ލިއުނު އެހެން ލިއުމެއްގައި، އައްޑޫ ހިތަދޫއިން މީދޫއަށް ބްރިޖެއް އެޅުމުގެ ހިޔާލް ފާޅުކުރުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކީވެސް ހަމަ އައްޑޫގެ ބައެއް މީހުންނެވެ.

ހިތަދޫ އަތިރިމަތި… ފޮޓޯ: އަލީ މާހިރު/ އެފް.ބީ

އައްޑު އަތޮޅަކީ ބިން ބޮޑު، ނިސްބަތުން އާބާދީ ބޮޑު އަތޮޅަކަށް ވިއަސް، އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންނަކީ އަތޮޅުގެ ތަރައްޤީއަށްވުރެ އަމިއްލަ ޒާތީ ކަންކަމާއި ޒާތީ ހަސަދަ އިސްކުރައްވާ ބޭފުޅުންތަކެކެވެ. އެއީ ކިތައްމެ ރަނގަޅު، އަދި ތިމާގެ އަމިއްލަ އަތޮޅަށް ފައިދާ ހުރި ހިޔާލަކަށް ވިއަސް، އެހެން މީހަކު ފާޅުކުރި ހިޔާލަކށް ވުމުން، އެ ހިޔާލަކާ ދެކޮޅުވަނީއެވެ. ހަމަ އެފަދައިން މުޅި އަތޮޅަށް ފައިދާ ކުރިއަސް ތިމާގެ ޒާތީ ފައިދާއަށް އޭގެން ކުޑަ އުނިކަމެއް ލިބިދާނެތީ އެކަމާ ދެކޮޅުވަނީއެވެ.

މީގެ ކުޑަ މިސާލެކެވެ. މީގެ އެތައް އަހަރެއް ކުރީން، ރައީސް މައުމޫނުގެ ވެރިކަމުގައި، އެޓޯލްސް މިނިސްޓަރަކަށް އިލްޔާސް އިބްރާހިމް ހުންނެވިއިރު އައްޑުއަށް ކޮންނަ ބޯޓެއް ގެނެސްދެއްވާފައި ވިދާޅުވިކަމަށް ވެއެވެ: "ހިތަދޫއާއި މާހެރައާ ދެމެދު އެއްކޮށް ހިއްކާލާފައި އެއްފަސްކޮށް، ހިތަދޫ ބޮޑުކޮށްލާ!"ށެވެ. ނަމަވަސް އެދުވަސްވަރުގެ މަސްވެރިން ބޭނުންވީ މަސްބާނައިގެން އަންނަ ގޮތަށް މާހެރައާ ދިމާލުން ހިތަދޫ އަތިރިއަށްް ދޯނި ކައިރި ކުރެވޭ ގޮތަށް އޮތުމަށެވެ. އެހެންކަމުން ހިތަދޫގެ ބިން ހިއްކައިގެން ހިތަދޫ ބޮޑުކޮށް އޭގެ ސަބަބުން ކިތައްމެ ތަރައްޤީއެއް އަންނާން އޮތަސް، ތިމާގެ މަސްދޯންޏަށް ތިމާގެ ގެއާދިމާއަށް އަތިރިއަށް ނުލެފެންޏާ ތަރައްޤީގެ އެ މަޝްރޫއު ހިންގާނެ ކަމެއް ނެތެވެ. އެއިރުގެ މަޝްހޫރު ކެޔޮޅުންނާއި އައްޑޫގެ އިސް ބައެއް މީހުންގެ ވިސްނުން ހުރީ އެފަދައިންނެވެ. އަދިވެސް ބައެއް މީހުންގެ ވިސްނުން ބަދަލެއް ނުވެއެވެ. އެއްވެސް ކަމެއް މިތާކު ނުވާނެއޭ، ނުކޮށްދޭނެއޭ ކިޔާފައި ދެއަތް އުރާލައިގެން ބޮޑާހާކައިފައި ތިބުމަކީ ބައެއް މީހުން ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެވެ.

އައްޑޫ ސިޓީގައި އޮތް ތިން ރިސޯޓް ބަންދުކުރި ގޮތަށް ނުހުޅުވި އެތައް ދުވަހެއް ވާއިރުވެސް އައްޑޫގެ ކައުންސިލް މެބަރުންނާއި އައްޑޫއަށް ނިސްބަތްވާ މަޖުލީސް މެބަރުންނަށް ވާކަމެއް ނެތެވެ. ސަރުކާރަށް ޕްރެޝަރކޮށްލާކަށް ބޭނުމެއް ނޫނެވެ. އަތޮޅުގެ ފައިދާއަށް ވުރެ ތިމާގެ ސިޔާސީ ފައިދާއަށް އިސްކަން ދެވެނީއެވެ.

މުސްކުޅިން ބުނެއުޅެއެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. އައްޑޫ މީހުންވެސް "ރޯން"ވީއެވެ. ނުރޮއެ ތިބެގެން މި ޒަމާނުގައި ކިރެއް ނުލިބޭނެއެވެ. މާމޮޅު ތާރީހެއް އޮތް ތަނެކޭ ކިޔާފައި ފަހުރުވެރިވެގަން ތިއްބާ ހުވަދު އަތޮޅު، ލާމު އަތޮޅު، ހއ. އަދި ހދ. އަތޮޅުވެސް ދުވަސް ކޮޅަކުން އައްޑޫ އަށް ވުރެ ތަރައްޤީވެ ކުރިއަރައިގެން ހިނގައިދާނެއެވެ.

އައްޑޫ ނޫން އެހެން އަތޮޅުތަކުގެ ރައްޔިތުން އެމީހުންގެ އަތޮޅު ދެކެ މާ ލޯބިވާކަމަށް ފާހަގަކުރެވެއެވެ. އަތޮޅާއި ރަށުގެ ލޯބީގައި، އެންމެން ގުޅިގެން "ރޮއެގެން" ނަމަވެސް ކަންތައްތައް ކުރުވާތަން ފެނެއެވެ. އައްޑޫއަށް ހެޔޮ އެދިގެން މީހަކު ހިޔާލެއް ފާޅުކުރިއަސް އެމީހަކަށް މަލާމާތް ކުރުމަކީ ބައެއް މީހުން ދެކޭގޮތުގައި ތިމާގެ ހައިބަތު ބޮޑުކޮށްދޭ ކަމެކެވެ. ހަވީރު ފިންޏަށް ކޮފީ ޖަހައިގެން ތިބެ މިފަދަ ފުރައްސާރަކޮށް، އަނބި މީހާ މަސައްކަތް ކޮށްގެން ހޯދާ މުސާރައިން ކައިގެން، ދަރިފުޅު ސްކޫލަށް ގެންގޮސް ގެނެސްފައި، އަނބިމީހާ އޮފީހަށް ގެންގޮސް ގެނައިމާ އެއީ އައްޑޫ ތަރައްޤީ ކުރެވުނީއެވެ.

ހިތަދޫ ސިޓީޕާކު… ފޮޓޯ: އަލީ މާހިރު/ އެފް.ބީ

އައްޑޫއަކީ މާލެ ނަގާފައި އެންމެ ބޮޑު ތަރައްޤީއެއް އަންނަންޖެހޭ އަތޮޅޭ ހަމައެކަނި ބުނެލާފައި ފަރުޖައްސާލައިގެން ތިބުމުގެ ފުރުސަތު ސަރުކާރަށް ދީގެން ނުވާނެއެވެ. ހަޤީޤީ ތަރައްޤީ ގެނެސްދޭން ޖެހެއެވެ. މަގުތަކުގައި ތާރު އެޅުމާއި ބަނދަރު ހެދުމާއި ގަމުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމާއި އެތާނގައި ސީޕްލޭން ބޭސް ހެދުމާއި ގެސްޓް ހައުސް މަޝްރޫއު ހިންގުމާއި ސިޓީ ހޮޓާ އެޅުމާއި ހަންކެޑެ ސަރަހައްދު ތަރައްޤީ ކުރުމާއި އެންވެރިކަން އާލާ ކުރުމާއި ކަނޑިހެރަ ފަދަ ރައްރަށުގައި ރިސޯޓް ހެދުމާއި ހިތަދޫ އިން މީދޫއަށް ބްރިޖް އެޅުމާއި ހޮސްޕިޓަލް ތަރައްޤީ ކުރުން ފަދަ މަޝްރޫއުތައް އަވަސް ކުރެވެން ޖެހެއެވެ. ސަރުކާރުގެ އިސްވެރީންގެ ކަންފަތްދޮށުގައި ބަސްބުނަން ޖެހެއެވެ. ސަރުކާރުން ނުކޮށްދެންޏާ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ކުރަން ޖެހެއެވެ.

އައްޑޫ ސިޓީގެ ކައުންސިލް މެމްބަރަކު ދާދި ފަހުން މިކޮލަމަށް ކިޔައިދިން ގޮތުގައި ޕްލޭނިން މިނިސްޓަރ އަސްލަމް ބޭނުންފުޅު ވަނީ އައްޑޫގެ ތަރައްޤީ އަށް ހުރަސް އަޅުއްވައި، މަޝްރޫއުތައް ލަސްކުރައްވައި، ދެކުނުގެ ތަރައްޤީގެ ނާރެހަކަށް އަސްލަމްގެ އުފަން އަތޮޅުކަމުގައިވާ ހުވަދު އަތޮޅު ހެއްދެވުމަށެވެ. އައްޑޫ ސިޓީގެ މޭޔަރ ފޯނުން ގުޅުއްވަން އުޅުއްވުމުން އަދިވެސް މިނިސްޓަރ އަސްލަމާ ނުގުޅޭ ކަމަށް ކައުންސިލަރ މައުލޫމާތު ދެއްވިއެވެ. މިފަދަ ވާހަކަތައް ރައީސްގެ އަރިހަށް އުފުއްލަވަންވީ އައްޑޫގެ ކައުންސިލް މެބަރުންނާއި މަޖުލީސް މެމްބަރުންނެވެ. ޕްލޭނިންގ މިނިސްޓަރަކަށް ވިއަސް މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އަތޮޅުގެ ރައްޔިތުންގެ ތަރައްޤީއަށް މިގޮތަށް ހުރަސް އެޅިގެން ނުވާނެއެވެ.

މިއީ އައްޑޫ ރައްޔިތުން ކަންކަމަށް އެދި "ރޯންވީ" ވަގުތެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއެވެ. ތަރައްޤީއަށް އެދެންވީއެވެ. އެކަކު އަނެކަކަށް ފުރައްސާރަކޮށް މަލާމާތް ކުރުމަކުން ވާނެ ފައިދާއެއް ނެތެވެ. މާޒީގެ ތެރެއަށް އައްޑޫ ދޫކޮށްލާފައި އެހެން ސަރަހައްދުތައް ތަރައްޤީވެ، ދުންޖަހާފައި ކުރިއަށް ގޮސް އޮބާލުމުގެ ކުރީން އައްޑޫ ރައްޔިތުން ޣާފިލުކަމުގެ ނިދީން ހޭލާންވެއްޖެއެވެ.

 

ކަވަރ ފޮޓޯގައި: އައްޑޫ ކަނބަލުންކޮޅެއް ސަގާފީ ހެދުމުގައި ޓޫރިސްޓުންނަށް މަރުހަބާ ކިއުމުގެ އިވެންޓެއްގައި… -ފޮޓޯ: އައްޑޫ ސިޓީ/ އެފް.ބީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. އައްޑޫ ތަރައްޤީ ކުރުމަށްޓަކާއި އެހެން އަތޮޅުތައް ޤުރުބާން ކުރާކަށް ނުޖެހެއެވެ. ތަރައްޤީއަކީ އެންމެންގެވެސް ޙައްޤެކެވެ. އައްޑޫގެ ތަރައްޤީގެ ތެރެއިން ފުރޭނިގެންއަންނަ ފޮދުވަރަކަށް އެހެން އަތޮޅުތަކުގެ ތަރައްޤީވެގެން ނުވާނެއެވެ. ހުވަދޫގައިހުރި ޤުދުރަތީ ވަޞީލަތްތަކުން ލިބޭފައިދާއަކީ އައްޑޫ މަގުންއައިސް އޭގެ ހިމަކޮޅު ހުވަދޫ މީހުންނަށް އޮންނަ އެއްޗެއްގެ ގޮތުގައި ވިސްނުމަކީ ބަލިކަށި ވިސްނުމެކެވެ. ހުވަދޫއަކީ ރިސޯޓުތައް ގިނަ އަތޮޅެކެވެ. އެއާރޕޯޓުތައްވެސް މަދެއްނޫނެވެ. ސީޕްލޭނާއި އިންޓަނޭޝަނަލް އެއަރޕޯޓް އޮޕަރޭޓްކުރާކަށް ހުވަދޫގެ އަސްދަޑިން ބޭރާށްދާކަށް ނުޖެހެއެވެ.

  2. ވަރަށް ރަނގަޅު ލިއުމެއް. އައްޑޫ ރައްޔިތުންގެ "ސޭކު" ވިސްނުމާހެދި ނޫންނަމަ ހިތަދޫ މީދޫ ބްރިޖް މިހާރު އޮތީހީ އެޅިފަ. އެއްޗެއް ބުނާ މީހެއްގެ ޒާތާ ބެހިފަ އެމީހާ ދިރިއުޅޭ ތަނާމެދު ގޮތްފާޑު ކިޔާ ދެކޮޅުނުޖެހޭ "މޮޅު" ވާހަކަ ދައްކާއިރު، ތިމާމެންގެ ހައްގުގަ ވަކާލާތު ކުރަން ތިމާމެން ވޯޓު ދީގެން ހޮވާފަ ތިބި ބައެއް މީހުންނަކީ ކޮންތަނަކަށް ނިސްބަތްވާ ކޮންތާކު ދިރިއުޅޭ މީހުންކަމާމެދު ފިކުރު ހިންގާލުމެއްވެސް ނޯވޭ. މިވަރުވީމަ ދެން ބޮޑުވަރު.
    ދެން އޮތީ އަސްލަމުގެ ވާހަކަ. ޒަހާ ފިޔަވައި އެހާ ނާގާބިލު ވަޒީރެއް ހަޔާތުގަވެސް ނުދެކެން. އެކަމަކު ހެޔޮތާ ކިބުރުވެރިކަމާއި ބޮޑާކަމުގަވެސް އިމްތިޔާޒު ފަހުމީ އާއއއި ހަސަން ލަޠީފަކަށް ދުލެއް ނުކުރޭ ވިއްޔަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *