Support Us

ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް އީރާނުގައި މިލިޔަނޭރުންގެ ޢަދަދު އިތުރުވެއްޖެ

އިނގިރޭސިވިލާތުގެ މިޑްލް އީސްޓް އައިގެ ރިޕޯޓެއް ބުނާގޮތުގައި މި ހުސްވި އަހަރު އީރާނުގައި މިލިޔަނޭރުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮރޯނާގެ ސަބަބުންނާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދު އިނދަޖެހެމުންދާ ވަގުތެއްގައި މުއްސަނދީން އެ ޤައުމުގައި ގިނަވީ ކިހިނެއް ބާވައެވެ؟ ޢަލިބާބާގެ ވޮށްގަނޑުން ނޫންކަން ކަށަވަރެވެ.

ކެޕްޖެމިނީ ކުންފުނިން ޢާލަމީ މުއްސަނދިކަމާ ބެހޭ ގޮތުން ނެރުނު ރިޕޯޓު ބުނާގޮތުގައި 2020ގައި މިލިޔަނޭރުން އެންމެ ގިނައިން ފާޅުވެފައި ވަނީ އީރާނުންނެވެ. އެ ޤައުމުގައި 250 ހާސް މިލިޔަނޭރުން އެބަ ތިއްބެވެ. މިޢަދަދުގެ ސަބަބުން އީރާނު ވަނީ ތިން ނުކުތާ މައްޗަށް ގޮސް ދުނިޔޭގެ ތަރްތީބުގައި 14ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

އެމެރިކާގެ ދަތިކުރުމުގެ ޢުޤޫބާތްތައް

މި ކުންފުނީގެ ރިޕޯޓު ބުނާގޮތުގައި ސްޕޭނާއި ރަޝިއާއާއި ބްރެޒީލާއި އަވަށްޓެރި ސުޢޫދީ ޢަރަބިއްޔާގައި ތިބި މިލިޔަނޭރުންނަށްވުރެ އީރާނުގައި ތިބި މިލިޔަނޭރުންގެ ޢަދަދު ގިނައެވެ.

އެމެރިކާގެ ދަތިކުރުމުގެ ސަބަބުން އިނދަޖެހިފައިވާ ޙާލަތުގައި އަދި ކޯވިޑް-19ގެ ސަބަބުން ކޮންމެ ދެ މިނެޓަކުން ދެ މިނެޓަކުން މީހަކު މަރުވަމުން ގޮސްފައިވާ ޤައުމެއްގައި މިހާ ގިނަ ޢަދަދަކަށް  މިލިޔަނޭރުން ގިނަވެ އުތުރި އަރާފައި ވަނީ ކީއްވެގެން ބާވައެވެ!

މުއްސަނދީންނަށް މަޝްވަރާއާއި ލަފާ ދެއްވާ ތަޖްރިބާކާރެއް ކަމުގައިވާ ރިޒާ ޣިޔާބީ މިޑްލް އީސްޓް އައިގައި ވިދާޅުވިއެވެ. "ރައުސްމާލީ މުޖްތަމަޢެއްގައި މީހަކު މިލިޔަނޭރަކަށް ވުމަކީ އާދައިގެ ކަމެކެވެ. އެހެނަސް ރައުސްމާލިއްޔަތާ ދެކޮޅަށް ޝިޢާރުތައް އުފުލޭ ޤައުމެއްގައި މިއީ ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. އެއީ އެ މުޖްތަމަޢަށް ބަލާއިރު ބީރަށްޓެހި ކަމެކެވެ. އެމެރިކާގެ މުޖްތަމަޢުފަދަ ރައުސްމާލީ މުޖްތަމަޢެއްގައި ސިލިކޯން ވާދީގައި މީހުން މިލިޔަނޭރުންނަށް ވާތަން ފެނުމުން އެކަމާ ޙައިރާނެއް ނުވާނެއެވެ."

އޭނާ ވިދާޅުވިއެވެ. "އީރާނުގައި އިސްލާމީ ޖުމްހޫރިއްޔާއެއް ޤާއިމު ކުރެވުމުން އެންމެން ހީކުރީ ރައުސްމާލިއްޔަތު ފުރަގަސްދީ އެ ޤައުމުން ފައިބާނެ ކަމަށެވެ. މުއްސަނދިކަން ބެހުމަށް ޓަކައި ޢަދްލުވެރި އައު ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށެވެ."

އެމެރިކާގެ ނިވްޔޯރކް ޓައިމްސްއަށް އީރާނުގެ ރޫޙާނީ ޒަޢީމު އާޔަތުﷲ ރޫޙުއްﷲ އަލްޚުމައިނީ 1988ވަނަ އަހަރު ވިދާޅުވިއެވެ. "އަހުރެމެން ޢަޒްމު ކަނޑާއަޅައިފައި މިވަނީ ދުނިޔޭގައި މި އޮތް ފާސިދު ނިޒާމުތައް ކަމުގައިވާ ޞިހްނިއްޔަތާއި ރައުސްމާލިއްޔަތާއި ކޮމްޔުނިޒަމް މުލުން ލުހެލުމަށެވެ. މި ތިން ނިޒާމުގެ ބިންގާތައް ތަޅައިލުމަށް ޓަކައި އަހުރެމެން ވަކީލުކޮށް ބަރޯސާ ވާނީ މާތްﷲ އަށެވެ."

ވޮޝިންގްޓަނާ ދުރުގައިވާ ނިޒާމެއް

ވޭތުވެދިޔަ ހަތަރު ދަހަރުގެ ތެރޭގައި އީރާނުން މަސައްކަތް ކުރަމުން ގޮސްފައިވަނީ ޝާހާ ގުޅުން ހުރި ނިޒާމުތަކާ އެކަހެރިވެވޭތޯއެވެ. ރައުސްމާލީ ނިޒާމަކީ ވެސް ޝާހުގެ ނިޒާމެއް ކަމަށް އީރާނުން ދެކެފައިވެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި ޚުމައިނީގެ އިންޤިލާބީ ޝިޢާރުތަކަށް އޭނާގެ ޚަލީފާއިން މާ ބޮޑު ސަމާލުކަމެއް ދެއްވި ކަމަކަށް ނުފެނެއެވެ. އީރާނުގައި މުއްސަނދީން ގިނަވުމުން މި ކަން އެނގެއެވެ.

އީރާނުގެ އާބާދީއަށް ބަލާއިރު މި އާބާދީ ވަނީ 21.6 އިންސައްތައަށް އިތުރުވެފައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުގައި ވެސް އީރާނުގެ  މިލިޔަނޭރުންގެ މުއްސަނދިކަން ވަނީ 2020ގައި 24.3 އިންސައްތައަށް އިތުރުވެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވާ ގޮތުގައި 2018ން ފެށިގެން އެމެރިކާއިން އޭނާގެ ޤައުމަށް ދަތިކުރުމަށް ޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓްރިއަނެއްހާ ޑޮލަރުގެ ގެއްލުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ލިބިފައެވެ. މި ކަމުގެ ސަބަބުން ދުވަހުންދުވަހުން ބޭނުންވާ ކާބޯތަކެއްޗާއި ބޭހުގެ އަގުތައް ވަނީ އުފުއްލިފައެވެ.

ބޭރުގެ ވުނަކުރުންތައް ދަށަށް

އދ ން ބޭއްވި ވިޔަފާރިއާއި ތަރައްޤީއާ ބެހޭ މަހާސިންތާއިން ތައްޔާރު ކުރި ޢާލަމީ ވުނަކުރުމާ ބެހޭ ރިޕޯޓް ބުނާގޮތުގައި 2017ގައި އީރާނުން 5 ބިލިއަން ޑޮލަރު ވުނަކޮށްފައި ވެއެވެ. އަދި 2019ގައި މި ޢަދަދު ވަނީ 1.3 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ބައިނަލްއަޤްވާމީ ބޭންކު ބުނާގޮތުގައި އީރާނުގެ އެކްސްޕޯޓު ވަނީ 2017ގައި 111 ބިލޔަން ޑޮލަރުން 2018ގައި 98 ބިލިއަނަށް އަދި 2020ގައި 29 ބިލިއަނަށް މަދުވެފައެވެ.

ޣިޔާބީ ވިދާޅުވާ ގޮތުގައި އީރާނުގައި މުއްސަނދީންނަށް މި ލިބުނު ކާމިޔާބީގެ ސަބަބަކީ ޢާއްމު ރައްޔިތުންގެ މިލްކިއްޔާތުތަކެވެ. އެއީ މަސައްކަތް އިތުރުވުމުގެ ސަބަބުން ހިނގި ކަމެއްނޫނެވެ."  އޭނާ ވިދާޅުވިއެވެ. "އީރާނުގެ ގިނަ މިލޔަނޭރުންނަކީ އުފެއްދުންތެރީންނެއް ނޫނެވެ. އަދި އެއީ ވިޔަފާރިވެރީންނެއް ވެސް ނުމެނޫންމެއެވެ. އެމީހުންނަކީ ވުނަކުރުމުގެ ދާއިރާގައި ތަޖްރިބާހުރި ބައެއް ވެސްނޫނެވެ. ބޭރުގެ ވުނަކުރުންތައް ނެތް މުޖްތަމަޢެއްގައި އަދި އިޤްތިޞާދީ ހެދިބޮޑުވުމެއް ނެތް ތަނެއްގައި އުފެއްދުންތެރިކަމުގެ މައިދާނުގެ ސަބަބުން މީހުން މުއްސަންޖެއް ނުވާނެއެވެ. އެހެނެއް ކަމަކު މި މުއްސަނދިކަން އަންނާނީ ޢާއްމުންގެ ޖީބުތަކުންނެވެ."

އެމެރިކާގެ ފޯރބްސް މަޖައްލާ ބުނާގޮތުގައި އީރާނުގެ ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެންބަރުގައި ޤައުމުގެ ސިޔާދަތީ މުއްސަނދިކަމުގެ ފަންޑުން 1 އިންސައްތަ ވަނީ ގުންބާކޮށްފައެވެ. އެއީ ޠަހަރާނުގެ ޙީއްޞާ ބާޒާރަށް ނެރެވުނު ޢާއްމު މުދާގަނޑެކެވެ. މިލިޔަނޭރުންގެ ޢަދަދު އިތުރުވެގެން ދިޔައީ މި ކަމުގެ ސަބަބުންނެވެ.

ޢާލަމީ މުއްސަނދިކަމާ ބެހޭ ރިޕޯޓު ބުނާގޮތުގައި ޠަހަރާނުގެ ޙިއްޞާ ބާޒާރުގައި ޙިއްޞާގެ އަގު ވަނީ މި ދިޔަ 2020ގެ މާރިޗް މަހާއި ޖުލައި މަހާ ދެމެދުގައި 625 އިންސައްތަ މައްޗަށް ގޮސްފައެވެ.

ސުމޭކު ފައިސާގެ ބާޒާރު

އީރާނުގެ މިލޔަނޭރުންގެ ޢަދަދު އިތުރުވުމަށް އެހީވެދިން ސަބަބުތަކުގެ ތެރޭގައި ސުމޭކް ފައިސާގެ ބާޒާރު ވެއެވެ. ސުމޭކު ފައިސާގެ ތެރޭގައި ގުނާލެވޭ އެންމެ މަޝްހޫރު ފައިސާއަކީ ބިޓްކޮއިނެވެ. މި ހުސްވި އޭޕްރީލް މަހު ބިޓްކޮއިންގެ އަގު ވަނީ 63 ހާސް ޑޮލަރަށް މައްޗަށް ގޮސްފައެވެ. ޠަހަރާނުގައި ބިޓްކޮއިން ފައިސާ ޖަހާ މަޢުދަނީއެއް ކަމުގައިވާ އަރްޔާން މިޑްލް އީސްޓް އައި އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މަޝްހޫރު ބިޓްކޮއިން ފައިސާ މައުދަނު ކުރާ އެތައް ބަޔަކު އީރާނުގައި އުޅެއެވެ. ސަރުކާރުން ކަރަންޓް ކަނޑާލައި ކަރަންޓް ދޫކުރާ މިންވަރު ކޮންޓުރޯލް ކުރީ މި މަޢުދަނީން ސުމޭކު ފައިސާ ޖަހާލެއް ގިނަވެގެންނެވެ. އީރާނުގައި ކަރަންޓް އަގުހެޔޮކަމުން އެ ޤައުމަކީ ސުމޭކު ފައިސާ ޖަހާ މަޢުދަނީން ވަރަށް ގިނަ ޤައުމެކެވެ. ކެމްބްރިޖް ޔުނިވަރސިޓީގެ ދިރާސާއެއް ބުނާގޮތުގައި ބިޓްކޮއިން ފައިސާ ޖެހުމަށް ބޭނުންކުރާ ޢާލަމީ ކޮމްޕިއުޓަރ ހަކަތައިގެ 4.6 އިންސައްތަ މަޞްދަރަކީ އީރާނެވެ.

ޢާލަމީ މުއްސަނދިކަމާ ބެހޭ ރިޕޯޓު ބުނާގޮތުގައި އީރާނުގެ ބޮޑެތި މުއްސަނދީންގެތެރެއިން 72 އިންސައްތަ މީހުންނަކީ ބިޓްކޮއިން ފައިސާގެ ބާޒާރުގެ ވުނޭރުންނެވެ. އީރާނުގެ ޗޭމްބަރު އޮފް ކޮމާރސް ލަފާކުރާގޮތުގައި ސުމޭކު ފައިސާގެ ބާޒާރުގައި އީރާނުގެ 12 މިލިޔަން މީހަކު ވުނަކުރެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *