...

Support Us

ކޮލަމް: ވިނަވި

ދިވެހިންގެ މަސައްކަތްތެރިކަމުގެ ތެރެއިން… ރޯނުވެށުން

ރޯނުވެށުމަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. ރާއްޖޭގެ ރޯނުން އަޅައި އުޅުނު ވަލަކީ އިހު ޒަމާނުގައި މުޅި ސަރަހައްދުގެ ނައުޒޯގުގައި ބޭނުންކުރި ވާވެލާވެލީގެ ތެރޭގައި މަޝްހޫރު އެއްޗެކެވެ. އެކަތަ ކެނބާއި ނައިލޯނު ވައު ތައާރަފުވީ ފަހުން ބޯޓުފަހަރުގައި ރޯނު ވައު ބޭނުމެއް ނުކުރެއެވެ. މިހާރު ރޯނުގެ ބޭނުން ހިފަނީ ރިސޯޓުތައް ޒީނަތްތެރި ކުރާށެވެ. އެ ވިޔަފާރިން ރޯނަށް ވަރަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ.

ރޯނުވެށުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ބޮނބި ވަޅުލައިގެން ފޯކުރުމެވެ. ގިނައިން އެކަން ކުރަނީ ވަލުތެރޭގައި ފެންތިލަ ތަނެއްގައި ވަޅެއް ކޮނެގެންނެވެ. އެ ވަޅަށް ހދ. ކުޅުދުއްފުށީގައި ކިޔަނީ އޮޅެވެ. ބައެއް ރަށްރަށުގައި އެއަށް ފަލޭ ވެސް ކިޔައެވެ. އޮޅަކީ ވަށްކޮށް ކޮނެފައި ހުންނަ، 12 ފޫޓު ނުވަތަ 14 ފޫޓު ފުޅާމިނުގެ، 2 ފޫޓު ފުންމިނުގެ ވަޅެކެވެ. ވަޅު ހުންނާނީ ދަނޑީގެ ދެ ބިތް ހުރަސްކޮށްގެން ހަތަރު ބަޔަށް ބައިކޮށްފައެވެ. ބިތްތައް އާއްމުކޮށް ގަތަނީ ބުރެވި ދަނޑިންނެވެ. ގަތައިފައި ބޮނބި އަޅަން ފައްޓާނީ އޭގެ އެއް ބައިންނެވެ. އެ ބައި ފުރުނީމައި ދެން ބޮނބި އަޅާނީ އެހެން ބަޔަކަށެވެ. ބޮނބިތައް އަތުރާނީ ހިލަތޮށި މައްޗަށްވާ ގޮތަށެވެ. އޭގެ މައްޗަށް ވެލިލައި ނިވާކުރުމަށްފަހު އަނެއް ބޮނބި ފަށަލަ އަޅާނީއެވެ. އެގޮތަށް ބޮނބި އަޅައި ނިމުމުން ފަނުން ނޫނީ ސަތަރިގަނޑަކުން ނިވާކޮށްފައި ބަހައްޓާނީއެވެ. ބައެއް މީހުން އޮޅަށް ތެލާޕިއާ މަސް ލައެވެ. އެއީ މަދިރިފަނި އެޅުން މަދުކުރުމަށެވެ.

ބައެއް މީހުން މޫދުގެ ރާޅުޖަހާ ފަށުން ބޭރުގައި ވެސް އޮޅު ހަދައެވެ. އެހެނަސް އެއީ އުނދަގޫ ކަމެކެވެ. އަދި ބޮނބިތައް އޮޔާދިއުން ފަދަ މައްސަލަތައް ވެސް ކުރިމަތިވާ ކަމެކެވެ. އެގޮތަށް އާއްމުކޮށް އޮޅު ހަދަނީ އައްޑޫގެ ރަށްރަށް ފަދަ ފަޅުގައި ތިލަ ތަންތަން ހުންނަ ރަށްރަށުގައެވެ. ކުޅުދުއްފުށީގެ އުތުރު އަވަށު މީހުން އެތާނގައި އޮންނަ ކުޅިކައިރީގައި ވެސް އޮޅު ކޮނެއެވެ. މިހާރު އެއަރޕޯޓު ހެދިފަހުން އެ ސަރަހައްދުގައި އޮޅުތައް ވަނީ މަދުވެފައެވެ. ބޮޑެތި ގޯތި ހުންނަ މީހުން ގޯތިތެރޭގައި ވެސް އޮޅުހަދައެވެ. އެންމެ މިޒަމާނުގެ ގޮތަކީ އޮޅުގެ ބަދަލުގައި ބާ، ޑީޕް ފްރީޒަރެއްގެ ތޮށިގަނޑު ބޭނުން ކުރުމެވެ.

ގަބުޅި ހެހެނީ އަދި ބޮނބި ފާކުރަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ބޮނބި ހޯދަނީ ރުކުން ކުރުނބާ، ގަބުޅި ނޫނީ ކާށި އަޅައިގެންނެވެ. ރޯނު އެންމެ މޮޅީ ކުރުނބާ ބޮނބިން ވެށީމައެވެ. ވަޅުލުމުގެ ކުރިން ބޮނބި ހެހެގެން އަރިއަރިއަށް ބައި ކުރާނެއެވެ. އެގޮތަށް ބައިކުރުމަށްފަހު އޮޅުގައި އަތުރައި ވަޅުލާނީއެވެ. ފޯކުރަން ހަ މަސްދުވަހު އެގޮތަށް ބަހައްޓައެވެ. ފޯވީމާ އޮޅުން ނަގައި ބޮނބީގެ ހިލަތޮށި އިނގިލިން ނައްޓާނެއެވެ. ރަނގަޅަށް ފޯވެފައި ހުންނައިރު އެއީ ދާދި ފަސޭހަ ކަމެކެވެ. ދެން އޮންނާނީ ބޮނބި ތެޅުމެވެ. ތަޅަނީ ރުއްވަކަރު ނޫނީ އެހެން ވެސް ހަރު ލަކުޑިގަނޑެއްގައި ބަހައްޓައިގެން ހަތަރެސްކަނަށް ހުންނަ ކުރެދި މުގުރަކުންނެވެ. ބޮނބިތަޅައި ނިމުނީމާ ފެން ފެލައިގެން މޫދަށް ގެންގޮސް ދޮވެ ކުނޑިތައް ފިލުވައި، އަނެއްފަހަރު ފެލާލައިގެން ގެޔަށް ގެންގޮސް ގޯތިތެރޭގައި އަވީލައިގެން ހިއްކަނީއެވެ. އެއްދުވަހުން ނަރުތައް ހިކެއެވެ.

ބޮނބި ތަޅަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ނަރުތައް ހިކުނީމާ ދެން އޮންނާނީ ލީލި އެޅުމެވެ. އެކަމަށްޓަކައި ނަރުތައް ފުރަތަމަފިނދަނީއެވެ. ފިނދުމަކީ ދެ އަތުގެ އިނގިލިތައް ބޭނުންކޮށްގެން ނަރުތައް ވަކިކުރުމެވެ. ފިނދުމަށްފަހު ނަރުތައް ފައިގެ ފަލަމަސްގަނޑު މައްޗަށްލައިގެން އަތުގެ އިނގިލިތަކުން ހިމަ ފަށަކަށް އަނބުރަނީއެވެ. ފަލަމަސްގަނޑުގައި ލީލި އެޅުމުގެ ބަދަލުގައި ފިލާ ފޮއްޗެއްގެ މަތީގައި ވެސް އަޅައެވެ. ލީލީގެ ފަލަމިން ބަހައްޓާނީ ގަތަން ބޭނުންވާ ރޯނުގެ ފަލަމިނަށް ބަލއިގެންނެވެ. ކުރީ ޒަމާނުގައި ލީލި އަޅައިހެދީ ގަހެއްގެ ހިޔަލުގައި ފައިގެ ފަލަމަސްގަނޑު ހާމަވާގޮތަށް ތިބެގެންނެވެ. ނަމަވެސް މިހާރު އެކަން ކުރަނީ ގޭތެރޭގައި ނިވާވާ ގޮތަށް ތިބެގެންނެވެ. ލީލި އަޅައި ނިމުނީމާ އަޅަނީ ފޮއްޓަކަށް ނުވަތަ ވަށިގަނޑަކަށެވެ.

ބޮނބި ފިނދަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ރޯނުވަށަނީ ހިޔާ ގަހެއްގެ ދަށުގައި އަރާމު ގޮނޑިއެއްގައި އިނދެގެންނެވެ. ކުރިމަތީގައި ލީލިފޮށި ބަހައްޓާފައި ހުންނާނެއެވެ. ލީލި ފޮއްޓާއި ރޯނު ވަށާ މީހާއާ ދޭތެރޭގައި ކަންޏެއް ބިމަށް ޖަހާފައި ހުންނާނެއެވެ. ރޯނު ވަށަން ވީމާ ކަނީގެ ތެރެއިން އަތަށް ލީލިތައް ދަމާނެއެވެ. ދެން ދެ އަތްތިލައިން، އުނގުޅާ ހަރަކާތެއް ބޭނުންކޮށްގެން ރޯނު ވަށައެވެ.

ލީލި އަޅަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ގަތައިފައި ހުންނަ ރޯނު އަޅަނީ ފޯލި ފޯއްޔަށެވެ. ފޯލި އެޅުމުގައި މިނަކަށް ބޭނުންކުރަނީ ކަކުލުގެ މަތިން ފެށިގެން ފައިގެ ބޮޑުވާ އިނގިލިއްޔާ ހަމައަށް ހުންނަ ދުރުމިނެވެ. އެއީ ގާތްގަނޑަކަށް ދެ ފޫޓެވެ. ކޮންމެ ފަށެއް އަޅާއިރު ކަކުލުން މަތިން ފެށިގެންތިރިއަށް ގޮސް ބޮޑުވާ އިނގިލީގައި އެޅުވުމަށް ފަހު އަނެއްކާ މައްޗަށް ފަލަމަސްގަނޑާ ހަމައަށް ރޯނުފަށް ގެނެއެވެ. އެގޮތަށް އަޅާފައި އޮންނަ ފަށެއްގެ ދިގުމިނަކީ ހަތަރު ފޫޓެވެ. ރޯނު ފޯއްޔެއްގައި ހުންނަނީ އެ ވަރުގެ 12 ފަށެވެ. ވީމާ ފޯއްޔެއް ނިގުޅާލީމާ އޭގެ ޖުމުލަ ދިގުމިނަކީ 48 ފޫޓެވެ. ދެން އޮންނާނީ ރޯނު ބޮނޑި ބަނުމެވެ. ބޮނޑިއެއްގައި އޮންނާނީ 12 ފޯއްޔެވެ. އެއިން ފޯއްޔެއްގެ އެއްކޮޅު ނައްޓައިގެން އެއިން ރޯނުބޮނޑީގެ އެއްކޮޅުން އަނެއްކޮޅަށް ބަންނާނީއެވެ. ރޯނު ވިއްކަނީ ބޮނޑި ބޮނޑިންނެވެ.

ރޯނު ވަށަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ހަތަރު ސައިޒަކަށް ރޯނު ވަށައި ހަދައެވެ. އެއީ ތަފާތު ބޭނުންތަކަށް ތަފާތު ސައިޒެވެ. އާއްމުކޮށް ވަށަނީ ފަލަ ރޯނާއި ހިމަ ރޯނާއި މެދު ރޯނާއި ހިމަ ރޯނެވެ. އިހުގައި ބޮޑުރޯނު ވެސް ވެށިއެވެ. އެއީ ބުރުޒުތަކުގައި ދިފާއީ ކަންކަމަށް ބޭނުންކުރި އެއްޗެކެވެ.

ރޯނަކީ ދިވެހީންގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންކަމުގައި ބޭނުންކުރި އެއްޗެކެވެ. ރޯނުން އޮޑިދޯނިފަހަރުގެ ވަރަށް ގިނަ ބޭނުން ފުދެއެވެ. އެގޮތުން ހަޅިބައިން އައްސާށާއި ފަލިތަންޑުގައި ދޫ އެއްސުމަށް ހިމަރޯނު ބޭނުން ކުރިއެވެ. މެއްކުގައި ބޭނުންކުރީ މެދު ރޯނެވެ. ރޯނުން ހިމަ ވައު އަޅައިގެން ދޯނީގެ ހަންޖަލާއި ސަވާއާއި ކުރެއްވާއި ދައްމާނުގެ ގޮތުގައި ބޭނުންކުރިއެވެ. ފަލަ ވައު ނަގިއްޔާއި ލޮތާރިއާއި ފަނާލާން ބޭނުން ކުރިއެވެ. ދޯނިފަހަރު ކޮޅަން ބޭނުންކޮށް ހެދީ ހަޅަނގު ރޯނެވެ.

ރޯނު ވަށަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ރާވެރިން، ހަރުބަންނަން މެދުރޯނު ބޭނުންކުރިއެވެ. ލަންބައިނު ޖަހާށާއި އެތުގެ ކޮޅުގައި އޮޅަން ބޭނުންކުރީ ހިމަ ރޯނެވެ. އަދި ބައްޖާއި ގޮޅާ ހިފަހައްޓަން އުޅަކަކަށް ބޭނުން ކުރީ ވެސް ހިމަރޯނެވެ. ދަނޑުވެރިކަމުގައި ވެޔޮވެޔޮ އަރުވާ ދާ ބަންނަން ރޯނު ބޭނުންކުރިއެވެ.

އިހުގައި ބޭނުންކުރި ފަން ގޭގެ އަޅަން ރޯނުގެ ބޭނުން ޖެހުނެވެ. ބިތްތަކާއި ފުރާޅުގައި އާއްމުކޮށް ލައި އުޅުނު ފަންގި ވިދެހެދީ ތިން ރޯނު ފަށް ބޭނުންކޮށްގެންނެވެ. ފަންގި ލާއިރު އައްސައި ހެދީ ވެސް ރޯނުންނެވެ. ގޭތެރޭގައި ބޭނުންކުރާ ގުޅި ޖާޑި ފަދަ ގެވެށި ކަންވާރު މުގުރުނަ ނުދިނުމަށް ބޭރުގައި ލާ ދާފަރާ ވިޔެ ހެދީ ހިމަ ރޯނުންނެވެ. އިހުގައި އެނދުގައާއި އުނދޯލީގައި ފުރައި އުޅުނީ ވެސް ރޯނެވެ. ކުރިން ޖޯލިގަތައި ހެދީ ވެސް ރޯނުންނެވެ. ނަމަވެސް މިހާރު އެކަން ކުރަނީ ތަފާތު ނައިލޯނުންނެވެ.

ރޯނު ފޯލި އަޅަނީ  -ފޮޓޯ: ކުރިނބީ ސްކޫލް/ އެފް.ބީ

ވަރަށް އާދަޔާ ޚިލާފު ކަންކަމަށް ވެސް ރޯނު ބޭނުންކުރިއެވެ. އެފަދަ އެއް ބޭނުމަކީ ފައިސާގެ ގޮތުގައި އެއްޗެތި ގަތުމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުގެ ދުވަސްވަރު ހުޅުވި ކާޑުގެތަކުންނާއި ރައްޔިތުންގެ ފިހާރަތަކުން ރޯނަށް އެއްޗެތި ގަނެވުނެވެ. އަނެއް އާދަޔާ ޚިލާފު ބޭނުމަކީ އަތުގައި އަޅާ ބިޑި ނެތް ޒަމާނުގައި ކުށްވެރިންގެ ދެ އަތް ބަނުމަށް ބޭނުންކުރުމެވެ.އެ ޒަމާނުގައި ސަންދޯކުގައި ވެސް ފުރައި ހެދީ ރޯނެވެ.

(މި ލިޔުންތެރިޔާ ރޯނު ވަށާގޮތް ދަސްކުރީ އަލް މަރްހޫމާ ސަންފަ ހުއްޔަ ރޯނު ވަށާތަންބަލައިގެންނެވެ. އޭނާއަކީ މަޝްހޫރު ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނުގެ ފަހަރިއެވެ. އަދި ލިޔުންތެރިޔާގެ މާމަދައިތައެވެ.)

ރިފަރެންސް

  1. ލުބުނާ މުޙައްމަދު، ބޮޑުރުއްދޮށުގެ، ކުޅުދުއްފުށި ސިޓީ (2021) ބޮނބި ތެޅުމާއި ރޯނު ވެށުން، ފޯން އިންޓަރވިއު
  2. އަޙުމަދު ލަތީފް، ގަލްގެ، ފުވައްމުލަކު ސިޓީ (2021) ބޮނބި ތެޅުމާއި ރޯނު ވެށުން، ފޯން އިންޓަރވިއު
  3. ފަތުހިއްޔާ އަބޫބަކުރު (2021) "ދިވެހި މަސައްކަތުގެ ތެރެއިން ރޯނުވެށުން،" އަހުމަދިއްޔާ1982
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.