...

Support Us

ސުޒެއިން ގައުމީ ޓީމުގެ ޕްރެކްޓިހުގައި ދުބާއީގައި..  -ފޮޓޯ: އެފް.އޭ.އެމް

ސީނިއަރ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ފުރަތަމަ ފަހަރަށް ދިވެއްސެއް

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުންނާނީ ސުޒެއިން

އަންނަ އޮކްޓޫބަރުމަހު މާލޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން މިއަދު ހަމަޖައްސައިފިއެވެ. މިއީ ބޮޑު މުބާރާތެއްގައި ވާދަކުރާ ސީނިއަރ ގައުމީ ޓީމު ދިވެހި ކޯޗަކާ ހަވާލުކުރި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑް ވިކްޓަރީން 1986 ގައި ތައާރަފުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބަށާއި ވެލެންސިއާއަށާއި ލެގޫންސަށާއި އޯކިޑަށް ކުޅުމަށްފަހު، 2003 އިން ފެށިގެން ކޯޗެއްގެ ގޮތުން ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ސުޒެއިން މި މަހުގެ 10ގައި ވަނީ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ވެސް އެފް.އޭ.އެމުން ހަމަޖައްސައިފައެވެ.

އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "އަދިވެސް" އަށް މިއަދު ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރުކުރުމުގެ ހުރިހައި ކަމެއް ސުޒެއިނާ ހަވާލުކޮށްފައިވާ ކަމަށާއި، ބިދޭސީ ކޯޗެއް ހޯދުމުގެ ކަންތަކާ އުޅޭނީ މުބާރާތް ނިމުމުން ކަމަށެވެ.

ސުޒެއިން، 51، އަކީ މިހާރު ދަނޑުމަތީގައި ތިބި ދިވެހި ކޯޗުންގެ ތެރެއިން އެންމެ ގިނަ ތަށި ހޯދައިފައިވާ، އެންމެ ކާމިޔާބު ކޯޗެވެ. ސުޒެއިންގެ 18 އަހަރުވީ ކޯޗިން ކެރިއަރުގައި 11 ތަށި ހޯދައިފައިވާއިރު އޭނާ އެންމެ ގިނަ ކާމިޔާބު ހޯދައިދީފައި ވަނީ ވިކްޓަރީއަށެވެ. ވިކްޓަރީގެ ރަން ޒަމާނުގައި ސުޒެއިން ހޯދައިދިން ހަ ތައްޓަކީ ޕްރެޒިޑެންޓްސް ކަޕްގެ ތިން ތައްޓާއި އެފް.އޭ.ކަޕްގެ ދެ ތައްޓާއި މާލޭ ލީގުގެ އެއް ތައްޓެވެ. އޭގެ ފަހުން މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު އެއް ތައްޓާއި ޕްރެޒިޑެންޓް ކަޕްގެ ދެ ތައްޓާއި އެފް.އޭ.ކަޕް އެއް ފަހަރު ސުޒެއިން ހޯދައިދީފައިވެއެވެ.

ސީނިއަރ ގައުމީ ޓީމުގެ އާ ކޯޗިން ސްޓާފުންނާއެކު އެފް.އޭ.އެމްގެ ރައީސް ބައްސާމް (ކ-3) އަދި ސުޒެއިން (ކ-4) -ފޮޓޯ: އެފް.އޭ.އެމް

އެކުއެކުގައި ކުރިއަށްދިޔަ އޭޝިއަން ކަޕާއި ވޯލްޑްކަޕް ކޮލިފައިންގައި ގައުމީ ޓީމު ބެލެހެއްޓި ނެދަލެންޑްސްގެ މާޓިން ކޫޕްމަނާއި އެސިސްޓެންޓް ކޯޗު ނެދަލެންޑްސްގެ ރެނޭ ހިޑިންކްގެ އެގްރިމަންޓް ބާތިލްކޮށް އެ ދެ ކޯޗުން މިހާރު ވަނީ ފޮނުވައިލައިފައެވެ. މާޓިންގެ ކޯޗުކަމުގައި އޭޝިއަން ކަޕްގެ ކޮލިފައިން އިން މިދިޔަ ޖޫން މަހު ރާއްޖެއަށް ޖާގައެއް ލިބުނުއިރު އެ ޓީމުގެ ދެ ވަނަ އެސިސްޓެންޓް ކޯޗަކަށް ހުރީ ވެސް ސުޒެއިނެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) އަށް ނިސްބަތްވާ ދެކުނު އޭޝިއާގެ އަށް ގައުމު ވާދަކުރާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ އީދު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 1-13 އަށް ގަލޮޅު ދަނޑުގައެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހުމުން، ކަމާ ބެހޭ ތައްޔާރީތައް މިހާރު ވަނީ ވާން ފަށައިފައެވެ.


ސުޒެއިންގެ އިތުރުން ގައުމީ ޓީމަށް ދެން ހަމަޖައްސައިފައި ވަނީ އެސިސްޓެންޓް ކޯޗަކަށް ދަ ގްރާންޑޭ ސްޕޯޓްސްގެ ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ) އާއި އެސިސްޓެންޓް ކޯޗު އަދި ގޯލްކީޕަރ ކޯޗަކަށް އިމްރާން މުހައްމަދު (އިންމަ) އާއި ގޯލްކީޕަރ ކޯޗަކަށް އަސްލަމް އަބްދުއްރަހީމާއި ޓީމުގެ މެޑިކަލް އަކަށް އަބްދުﷲ ރާފިއުއެވެ.

ސީނިއަރ ގައުމީ ޓީމުގެ އާ ކޯޗިން ސްޓާފުންނާއެކު އެފް.އޭ.އެމްގެ ރައީސް ބައްސާމް (މ) -ފޮޓޯ: އެފް.އޭ.އެމް

އިންމަ މީގެ ކުރިން ވެސް ވަނީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ތިން އަހަރެއްހާ ދުވަހު ކޮށްފައެވެ. އެ ދުވަސްވަރު ބައެއް މެޗުތަކުގައި އިންމަ ވަނީ ވަގުތީ ކޯޗެއްގެ ގޮތުން ވެސް ޓީމަށް އިރުޝާދު ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.