...

Support Us

ކަންފަސޭހަ މުއައްސަސާ

މިދިޔަ މަސް ފެށުނުތަނާހެން، އަޅުގަނޑު މި ނޫހުގައި މަޒުމޫނެއް ލިޔުނީމެވެ. މަޒުމޫނުގެ ސުރުޚީޔަކަށް އޮންނާނީ "’ހޮޓްލައިން' އަށް ކުރާ ޚަރަދަކީ އިސްރާފެއް ބާވައެވެ؟" އެވެ.

އެމަޒުމޫނުގައި އަޅުގަނޑު އަލިއަޅުވައިލައިފައި ވާނީ، ކުއްލި ނުރައްކަލެއް ކުރިމަތިވެގެން އެކަން ކަމާބެހޭ ފަރާތަށް އަންގަން ޖެހިއްޖެނަމަ، ނުވަތަ ރައްޔިތަކަށް ކުއްލި މައްސަލައެއް ކުރިމަތިވެގެން ދައުލަތުގެ އަވަސް އެހީއަކަށް އާދޭހާއެކު އެދެން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި، ނުވަތަ ދައުލަތުގެ މަސްއޫލުވެރި މުއައްސަސާޔަކަށް އަވަސް މައްސަލައެއް ހުށައަޅަން ރައްޔިތަކަށް ބޭނުންވެއްޖެ ހިނދެއްގައި، އެކަން އަވަހަށް އަދި ފަސޭހައިން ކުރާނެ މަގެއް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ޓަކައި ޤާއިމް ކުރެވިފައިވާ ’ހޮޓްލައިން‘ ތަކަށެވެ. އަދި އެ ނިޒާމު ޤާއިމް ކޮށް، ދަމަހައްޓަން ކުރަން ޖެހޭ އެކިކަހަލަ ޚަރަދުތަކުގެ މައްޗަށެވެ. ހަރުކުރަންޖެހޭ އާލާތްތަކާއި، ތަމްރީނުކުރަން ޖެހޭ މުއައްޒަފުންނާއި، 24 ގަޑިއިރު ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭނޭ އެކި ބާވަތުގެ ޚަރަދުގެ މައްޗަށެވެ. ރައްޔިތުންގެ ފައިސާއިން، ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ބޮޑު ޚަރަދުގެ މައްޗަށެވެ.

އެ މަޒުމޫނުގައި ދެން އަޅުގަނޑު ދަންނަވާލީ، މިހިނގާ 2021 ވަނަ އަހަރުގެ ޖުލައި މަހުން 15 ވީ ބުރާސްފަތި ދުވަހު އަޅުގަނޑަށް ދިމާވި ކުއްލި ޙާދިޘާއެއްގެ ސަބަބުން ދައުލަތުގެ މުއައްސަސާއެއްގެ އެހީއަށް އެދިގެން އަޅުގަނޑު ހިނގި މަގުތަކުގެ ތެރެއިން އަޅުގަނޑަށް ކުރާން ޖެހުނު ތަޖުރިބާގެ ވާހަކައެވެ. ދައުލަތުގެ މުއައްސަސާޔަކާ ގުޅީމައި އެތަނުގެ ’ހޮޓްލައިން‘ އާ ގުޅަން އެންގި ވާހަކަޔެވެ. ’ހޮޓްލައިން‘ އާ ގުޅީމާ އަޅުގަނޑުގެ މައްސަލަ އީމެއިލް އަކުން ހުށައަޅަން އެންގި ވާހަކައެވެ!

މި ދެންނެވި ޙާދިޘާގެ ތެރެއިން ދެންވެސް ދިމާވި ހެއްވާ ކަންތައްތަކުގެ ތެރޭގައި ހުސްކޮށް އޮތް މަޤާމެއްގައި ހުންނަވާ، ނެތް ޑިރެކްޓަރަކާ ހަމަޔަށް އަޅުގަނޑުގެ މައްސަލަ ގެންދާނެ ކަމަށް ’ހޮޓްލައިން‘އިން ބުނި ވާހަކަޔާއި، މިކަހަލަ ވާހަކަތަކެއްވެސް މަޒުމޫނުގައި އޮންނާނެއެވެ. އެ ވާހަަކަތައް އަދި ވިދާޅުނުވާ ބޭބޭފުޅުން އަޅުގަނޑުގެ އެ މަޒުމޫނު ވިދާޅުވެލައްވަން ވާނެއެވެ.

ދެން އޮތީ އަޅުގަނޑު ’ހޮޓްލައިން‘ އަށް ހުށައެޅި ކުއްލި މައްސަލަޔާ ދޭތެރޭ މިދަންނަވާ މުއައްސަސާއިން ދެން ޢަމަލުކުރި ގޮތުގެ ހެއްވާ، ތާކުންތާކު ނުޖެހޭ، ދޯހަޅި ގޮތުގެ ވާހަކައެވެ.

ކޮންމެއަކަސް، ޖުލައި މަހުގެ 15 ވީ ބުރާސްފަތި ދުވަހަށް އިރު އޮއްސުނީ އަޅުގަނޑަށް ހެނދުނު ހެނދުނާ ދިމާވި މައްސަލަޔާ ނަހައްދަވާ ޑިރެކްޓަރ އަޅުއްވައި ނުލައްވައި ހުންނަވަނި ކޮށެވެ. ފަނަރަ ދުވަހަށް ސަރުކާރުވެސް ބަންދުވެގެންނެވެ. އެހެން ނަމަވެސް، އަޅުގަނޑުމެން ކަހަލަ، ޚިދުމަތުގައި އުޅެލައި، ދުނިޔޭގެ އެހެން ތަންތަނުގައި ކަންކަން ހިނގާނުހިނގާ ގޮތްވެސް ކުޑައިކޮށް ދަންނަ، ’ހޮޓްލައިން‘ މިބަހުގެ މާނަ ފަރަންޖީ ބަސްފޮތުންވެސް ބަލައިލައި އުޅޭ މީހުންނަށް ހީވާނީ ކީކޭތޯއެވެ؟ ’ހޮޓްލައިން‘ އަކީ ރަސްމީ ބަންދެއް އަންނަ އެއްޗެއް ނޫންކަމަށް ނޫންތޯއެވެ؟ އެހެންކަމާއެކު، ދުވަހުގެ އިރު ހަމަ އޮއްސުމާއެކު އަޅުގަނޑު އެއްކަލަ ’ހޮޓްލައިން‘އަށް ފޯނުކޮށްލައިފީމެވެ. އެއްވެސް މީހަކު ޖަވާބެއް ނުދީ ދެފަހަރަކު "ރިންގު ހުސްވީމައި" އަޅުގަނޑު ކަރު އެލުވައިލައިފައި ފޯނު ބާއްވައިފީމެވެ.

އަސްތާ، ޙައިރާނުން ބައިނާޅިއަށްވުރެވެސް ގިނައިން މިނެލެވޭ ގޮތް ވެއްޖެއެވެ! މުއައްސަސާގެ މޯބައިލް ފޯނު ނަންބަރަކުން އަޅުގަނޑާ ގުޅައިފިއެވެ. ވާހަކަދެއްކީ ފިރިހެނެކެވެ. ބަސްމަގު ވަރަށް ރީއްޗެވެ. އަޅުގަނޑު ހީކުރީ "ހޮޓްލައިން" ހަމަ އަސްލު "ހޮޓްލައިން" އަކަށްވެ، ސަރުކާރު ބަންދު ވިޔަސް، އަޅުގަނޑަށް ކުރިމަތިވި މައްސަލަޔަށް އިންޞާފުވެރިކަމާއެކު އަވަސް ޙައްލެއް ލިބެނީ ކަމަށެވެ.

އެކަމަކު މި ރާއްޖޭގައި އަޅުގަނޑުމެން ކަހަލަ ނުފޯރާ މީހުން އެކަހަލަ ފޮނި ހުވަފެން ދުށުމަކީ މިހައިރަކަށް އައިސް ގިނަފަހަރަށް ހެދޭ ބޮޑު ގޯހެކެވެ. ބޭކާރުވެސް ކަމެކެވެ.

ކޮންމެއަކަސް، ވާހަކަދެއްކި މީހާ ބުނީ އޭނާ އިނީ ސައިކަލެއްގެ މަތީގައި މަގުމަތީގައި ކަމަށެވެ. އަދި އަޅުގަނޑު ހުށައެޅި ކަންތައް ދެން ބަލައި، އަޅުގަނޑާ ގުޅަމުން ގެންދާނީ މުއައްސަސާގެ އެހެން މުވައްޒަފެއް ކަމަށެވެ. އަދި އެއީ އަޅުގަނޑުގެ "ކޭސް އޮފިސަރ" ކަމަށެވެ. އެ ހިސާބުން މިއީ ’ކޭސް އޮފިސަރ‘ ގެ ނަމޭ ބުނެފައި އޭނާ އަޅުގަނޑަށް ދިނީ، އަނދިރި ރޭތަކެއް ހަނދާނަށް އަންނަ ޒާތުގެ އަންހެން ނަމެކެވެ.

ޖުލައި މަހުގެ ދުވަސްތައް އިރު އަރަމުން އިރު އޮއްސެމުން އޮވެގެން ދިޔައެވެ. އަޅުގަނޑުގެ މައްސަލަ، މާވެވަށް ވެއްޓުނު ގެރި ދިޔަ މަގުން ދުނިޔެއަޅައި ހިނގައްޖެއެވެ. އަޅުގަނޑަށާއި އަޅުގަނޑުގެ ޢާއިލާޔަށް މާއްދީގޮތުންނާއި، ޞިއްޙީ ގޮތުންނާއި، ނަފްސާނީ ގޮތުން އެތަކެއް ގެއްލުން ލިބެމުން ދިޔައެވެ. އެހެންނަމަވެސް، ވެގެން އުޅެނީ ކީއްތޯ ބަަލައިލަންވެސް އެ މުއައްސަސާގެ ފަރާތުން މީހަކު ނައިސް، އަޅައިވެސް ނުލައި އޮވެ، ދިގު ބަންދު ނިމި، އޮގަސްޓު މަސް ވެސް ފެށިއްޖެއެވެ.

އޮގަސްޓުމަހުގެ ފުރަތަމަ ހަފުތާގައި ރަސްމީކޮށް ހުޅުވަން ޖެހޭ ތަންތަން ހުޅުވިތާ ހަތަރުވަނަޔަށް ވީ ދުވަހު، 4 އޮގަސްޓް ވީ ބުދަ ދުވަހު، އެއްކަލަ މުއައްސަސާއިން އަޅުގަނޑަށް ފޯނުކޮށްފިއެވެ! ފޯނު ކުރީ އަންހެނެކެވެ. ނަމެއް ނުބުނެ އަޅުގަނޑު މީ އަޅުގަނޑުތޯ އެހީމައި އަޅުގަނޑު އޭނާގެ ނަމަށް އެދި އަހައިފީމެވެ. އެއީ އޭނާޔަކީ އެއްކަލަ ’ކޭސް އޮފިސަރ‘ތޯ ބަލައިލާށެވެ. ނޫނެކެވެ! އޭނާ ބުނި ނަމަކީ އެ ނަމެއް ނޫނެވެ. ’ކޭސް އޮފިސަރ‘ވީ ތަނެއް އަދި އަދަށްވެސް އަޅުގަނޑަކަށް ނޭނގެއެވެ.

އަޅުގަނޑަށް ފޯނުކުރީ ކީއްކުރަންތޯ އަހައިލީމައި، މުއައްސަސާގެ ފަރާތުން ވާހަކަ ދެއްކި ކުއްޖާ އަޅުގަނޑު ގާތު އެދުނީ އަޅުގަނޑަށް ވައިބަރުން އެއްޗެއް ފޮނުވޭނޭ އެޑްރެހެއް ނުވަތަ ނަންބަރެއް އޭނާޔަށް ދިނުމަށެވެ. އެއީ ކީއްކުރަންތޯ އަހައިލީމައި އޭނާ އަޅުގަނޑު ގާތު ބުނީ އެއީ އަޅުގަނޑު ހުށައަޅައިފައި އޮތް މައްސަލަޔެއްގެ ޖަވާބު ފޮނުވަން ވެގެނޭއެވެ. އެ ހިސާބުން އަޅުގަނޑަށް ކުޑަވަރެއްގެ އުފަލެއް ލިބުނެވެ. އެއީ، އަޅުގަނޑުމެން ރައްޔިތުންގެ ފައިސާއިން ހިންގާ "ހޮޓްލައިން" އަކީ ރަސްމީ ބަންދުނޫން ދުވަސްދުވަހު ހަމައެކަނި ރަސްމީ ގަޑީގައި ހޭލާ އެއްޗަކަށް ވިިޔަސް، އަޅުގަނޑު އިމަރޖެންސީކޮށް ދައުލަތުގެ ކަމުވޮށިގެންވާ އެ މުއައްސަސާޔަށް ހުށައެޅި އާދޭސް ބަލައިގެންތާ 21 ދުވަސް ފަހުން ނަމަވެސް ޖަވާބެއް ދޭން އުޅޭތީއެވެ.

އެހެން ނަމަވެސް، އެ ހިސާބުން އަޅުގަނޑުގެ ހިތަށް އެހެން ކަހަލަ އެއްޗެއް އަރައިފިއެވެ. އެއީ، އެހައިތަނަށް ކަން ހިނގި ގޮތުން ވީ ގޮތެކެވެ. އެހެން ކަމާއެކު، އެ ފޮނުވާ ޖަވާބެއް ކޮންމެހެން ވައިބަރުން ފޮނުވަން ޖެހެނީ ކީއްވެތޯ އަހައިފީމެވެ. އަސްތާ، ދެން އެ ލިިބުނީ ލާމަސީލު ޖަވާބުން ޖަވާބެވެ! އެ ޖަވާބަކީ، ލިޔުމެއް ޙަވާލުކުރެވޭނޭ ފަސޭހަ ގޮތެއް ނެތް ވާހަކައެވެ! އަދި ޖަވާބު އަޅުގަނޑަށް ޕޯސްޓުކުރަންވެސް ތަންކޮޅެއް އުނދަގޫ ވާހަކައެވެ! އެހެންކަމުން ވައިބަރު ކޮށްލީމައި ހަމަ ރަނގަޅުވާނެ ނޫންހޭ އޭނާ އަޅުގަނޑު ގާތު އެއްސެވެ…!

ވާހަކަ އެ ދިޔަ ގޮތުން އަޅުގަނޑު އޭނާޔާ އިތުރު ސުވާލެއް ކޮށްލައިފީމެވެ. އެއީ، ތަނުން އަޅުގަނޑަށް ދޭ ޖަވާބު ފޯނުން ކިޔައިދިނަސް އަޅުގަނޑަށް ހަމަ އެންމެ ރަނގަޅޭއެވެ. އެ ގޮތް އަދި މާ ފަސޭހަ ވާނެ ނޫންހޭ ވެސް އަހައިފައެވެ. އަޅުގަނޑު އެ ސުވާލު ކުރީ، އަޅުގަނޑަށް ޒާތެއްގެ ޝައްކެއް ވެގެންނެވެ!

އަޅުގަނޑަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ޖަވާބުގައި އޮތް ކަމަށް ވަނީ ”ހުށައެޅި މައްސަލަ މިތަނުން ބަލަމުން އެބަ ގެންދަމެވެ.“ މިހެންނޯލައެވެ!

ޖަވާބު ޕޯސްޓު ކުރެވުނު ދުވަހަކުން ޕޯސްޓު ކޮށްލާށޭ ބުނެފައި، ތިޔަ ތަނުގައި ތިއްބަވާ މެންބަރުންނަށް ވެދުން ދަންނަވާށޭ ބުނެފައި އަޅުގަނޑު ފޯނު ބޭއްވީއެވެ! އަޅުގަނޑު ވީ ފޫހިން ދެން ބުނެވޭނޭ އެތި އަދި މާ ބޮޑު ވެދާނެތީއެވެ. އޭގެ ފަހުން މި ވީ އަށް ދުވަހެވެ. އިތުރު ޚަބަރެއް ނުވެއެވެ.

ޙައިރާނެއް ފަހެ ނުވާނެތޯއެވެ! ދިވެހި ރައްޔިތަކަށް ކުއްލި ކަމެއް ދިމާވެގެން، އޭނާޔަށް ކުއްލި އެހީއަށް ބޭނުންވެގެން ގުޅަން ހުންނަ ރަސްމީ މުއައްސަސާއެއްގައި "ހޮޓްލައިން" އެއް ޤާއިމްކޮށްގެން އެތަކެއް ޚަރަދު އެކަމަށް ކުރިޔަސް، އެއީވެސް ނުރަސްމީ ގަޑީގައި ނިދައިފައި، ސަރުކާރު ބަންދުވެއްޖިއްޔާ ޕިކުނިކުު ދާން އޮންނަ އެއްޗެއް ބާވައޭ އަޅުގަނޑު އަދިވެސް ހިތަށް އަރައެވެ. ޢާންމު ރައްޔިތަކު ހަތަރު އުދަރެސް ފެނުޖެހިގެން ކަމެއްގެ އަވަސް ޙައްލަކަށް އެދި އާދޭސް ކުރީމައި، 21 ދުވަސް ފަހުން ދޭން އޮތް ޖަވާބަކީ ”ހުށައެޅި މައްސަލަ މިތަނުން ބަލަމުން އެބަ ގެންދަމެވެ.“ މިއީ ބާވައޭ އަޅުގަނޑު ހިތަށް މިހައިރުވެސް އެބަ އަރައެވެ. އަދި އެ ޖަވާބަކީ ރައްޔިތު މީހާ ކުރި އާދޭހަސް ސަމާލުކަން ނުދީ އަޅައިނުލައި ތިބި ކަމުގެ ބަދުނާމުން ރެކެން ލިޔެލި އެއްޗަކަށް ހަމަ ނުވޭ ބާވައޭ އަޅުގަނޑު ހިތަށް ވަރަށް ސާފުކޮށް އެބަ އަރައެވެ.

މިހައިރު އަޅުގަނޑުގެ ހިތުގައި އޮތީ ހަމަ އެންމެ އެއްޗެކެވެ. އެއީ މިއެވެ. އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާޔަށް ދިމާވި ކަންތަކުން، ބަޔަކު މީހުންގެ ފުށުން ލިބުނު އަނިޔާއިން، އެ ފަރާތުން ލިބުނު މާއްދީ ގެއްލުމާއި، ޞިއްޙީ ގޮތުން ލިބުނު ދާއިމީ ގެއްލުމާއި، ނަފްސާނީ ގޮތުން ލިބުނު ގެއްލުމުން އަރައިގަންނަށް އަޅުގަނޑުމެން އަމިއްލަޔަށް ހިތްވަރު ކުރާނަމެވެ. އެކަމާ އިސްވެ ދައުލަތަށް ސަލާންޖަހާހިތެއް މިހައިރަކު ދެނެއް ނެތެވެ. އެކަމަކު އަޅުގަނޑުމެން ޙާލުގައި ޖެހިގެން އުޅޭތަން ދައުލަތުގެ ކަމާބެހޭ ފަރާތަކަށް އިސްވެ ފެނިގެން ވެދޭ އެހީއަކަށް އަޅުގަނޑުމެން ނޫނެކޭވެސް ނުބުނާނަމެވެ. މިހެން މިދަންނަވަނީ ކަމާ ބެހޭ މި މުއައްސަސާގައި މިހައިރު ތިބި މީހުންގެ ކަންފަސޭހަކަން އަޅުގަނޑުމެންނަށް ގާތުން ތަޖުރިބާ ކޮށްލަން ލިބުނީމައެވެ. ކަމެއް ނުވި ތާނގައި، އެހީއެއް ނުވެވުނު ތާނގައި، ވަނީ ކީއްތޯވެސް ބަލައިނުލެވުނު ތާނގައި، ޙާލު ބަލައިލަން ބަންދު ތެރޭގައި އެންމެ ފޯނެއް ކޮށްލި ނަމަވެސް އަޅުގަނޑު މިދެންނެވި އެއްޗެއް ނުދަންނަވާނަމެވެ.

އަޅުގަނޑުމެންނަށް ލިބުނު އަދި ފަހަރުގައި އަދިވެސް ލިބެމުންދާނޭ އަނިޔާގެ ވާހަކަ އަޅުގަނޑުމެން ދަންނަވާނޭ ފަރާތްތައް އަދި ހުހެއްވެސް ނުވެއެވެ.

އަޅުގަނޑުގެ ހިތަށް މިހައިރު އަރަނީ ހަމައެންމެ އެއްޗެކެވެ. އެއީ، ރަނގަޅަށް ވިއްޔާ، އަޅުގަނޑުމެން ނޫނަސް ނިކަމެތި އެތައް ބަޔަކަށް މިކަން ހަމަ މިގޮތަށް މިކަހަލަ ކަންކަން ދިމާވެފައި އޮންނާނެކަން އަޅުގަނޑަށް މިހައިރު ޤަބޫލުކުރެވޭ ވާހަކައެވެ. އެކަމަކު މުއައްސަސާގައި އެ ތިބި ބަޔަކު އެ ތިބަ ކަންފަސޭހަކަމުގައި ތިބެދާނެތާއެވެ! ތާރީޚަކީ މިގޮތަށްވެސް ލިޔެވޭ އެއްޗެއްކަން ހަނދާން ނައްތައިލައިގެން ތިބެދާނެތާއެވެ!