...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕްރޮފެސަރ އުޤައިލްގެ ޝަރުތު ހަމަވޭތޯ؟

ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ވިސްނުންތެރީންގެ ތެރޭގައި ހިމެނޭ، އަދި ދިވެހީންގެ ތެރެއިން ޕްރޮފެސަރގެ ލަޤަބް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅާ ކަމުގައިވާ ޕްރޮފެސަރ އުޤައިލް 2023 ވަނަ އަހަރު ރިއާސީ އިންތިޙާބްގައި ވާދަ ކުރައްވަފާނެ ކަމަށް ވިދާޅުވުމުން ބައެއް ސިޔާސީ ބޭފުޅުންގެ ލަގޮނޑިއަށް ވަރަށް އަސަރުކޮށްފިއެވެ. އެމް.ޑީ.ޕީގެ ކުރީގެ ނައިބު ރައީސް، އަދި މިހާރު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމުގައިވާ އަލްހާން ފަހުމީ، އުޤައިލްގެ ނިންމެވުމަށް މަލާމާތް ކުރައްވައި މިފަދައިން ޓްވީޓް ކުރައްވާފައި ވެއެވެ: "ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓްވެއާރއެއް ހެދިއަސް ވެރިކަން ހިންގަން ސޮފްޓްވެއާރއެއް ނުހެދޭނެ ދެއްތޯ؟" އެވެ.

އަލްހާން ހިތުން އެ ވިދާޅުވީ ވަރަށް މޮޅު ވާހަކައެކެވެ. ކޮމްޕިއުޓަރުގެ އެހީގައި ދޮގުވެރީން ދެނެގަންނަ ސޮފްޓްވެއާރއެއް އުފައްދަވައި މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދަވާފައިވާ އުޤައިލަށް ރައީސްކަން ކުރައްވަން އެނގިވަޑައިނުގެންފައި އެކަން ކުރައްވަން އެނގިވަޑައިގަންނަވަނީ އަލްހާނަށްތޯއެވެ؟ މިފަދައިން ސުވާލު ދަންނަވަން ޖެހުނު ސަބަބަކީ 2023ގައި ރައީސް ކަމަށް ވާދަކުރައްވަފާނެ ކަމަށް އަލްހާން ވެސް ކުރިން ވިދާޅުވެފައިވާތީއެވެ. އަލްހާން 2023ގައި ރިއާސީ އިންތިހާބްގައި ވާދަކުރެއްވުން މައްސަލައަކަށް ނުވެފައި ޕްރޮފެސަރ އުޤައިލް ވާދަ ކުރެއްވީމާ މަލާމާތް ކުރައްވަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. މި ފަހަކަށް އައިސް އަލްހާނަކީ ގޮނޑިއެއް ހުސްވާއިރަށް އެ ގޮނޑިއަކަށް ވާދަކުރައްވާ ބޭފުޅެއްކަން އެންމެނަށްވެސް އެނގެއެވެ. އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށެވެ. ދެން މާލޭ މޭޔަރު ކަމަށެވެ. ދެ ފަހަރުވެސް ވަނީ ބޮޑު ތަނުން ފެއިލްވެފައެވެ. އަލްހާނަށް ވޯޓު ދޭނޭ މީހަކު އެ މަނިކުފާނުގެ ރަށުގައި ވެސް އަދި މާލެއަކުވެސް ނެތެވެ.

އަލްހާން އެ އިޝާރާތް ކުރައްވާ ސޮފްޓްވެއާރ އަކީ އިނގިރޭސި ފުލުހުންވެސް އަދި އެމެރިކާގެ އެފް.ބީ.އައި އިންވެސް ބޭނުންކުރާ ސޮފްޓްވެއަރ އެކެވެ. އަދި ޕްރޮފެސަރ އުޤައިލްގެ ހަމައެކަނި ކާމިޔާބަކީ އެސޮފްޓްވެއާރ އެއްވެސް ނޫނެވެ. އަލްހާންމެން ކަހަލަ ދެއިރު ދެދަޅައަށް ސިޔާސީ ކޮޅު ބަދަލު ކުރައްވާ ބޭފުޅުންގެ މަލާމާތުން އަސަރުކުރާ ވަރަށްވުރެ ޕްރޮފެސަރ އުޤައިލްގެ ޝަހުސިއްޔަތު މާ ބޮޑަށް ވެސް ވަރުގަދަވާނެކަން ޔަޤީނެވެ.

އަޅުގަނޑު މިވާހަކަ މިލިއަނީ އެއްވެސް ހާލެއްގައި 2023ގެ އިންތިހާބްގައި ޕްރޮފެސަރ އުޤައިލަށް ތާއީދު ކުރުމުގެ، ނުވަތަ ތާއީދު ނުކުރުމުގެ ނިޔަތަކުވެސް ނޫނެވެ. އަޅުގަނޑުގެ ވާހަކައަކީ ތައުލީމާއި ތަޖުރިބާގައި އަރާ ތިއްބެވި ދިވެހި ލީޑަރުން މި އިންތިހާބްގައި ހަމަ ވާދަކުރައްވަންވީއެވެ. ގޮތެއް ނިންމާނީ ރައްޔިތުންނެވެ. އަލްހާނަކީ ފަހަކަށް އައިސް ރައީސް ސޯލިހު ޕްރޮމޯޓް ކުރެއްވުމުގައި ވަރަށް ބުރަކޮށް ޓްވީޓް ކުރައްވާ ބޭފުޅެއްކަން ފާހަގަވެފައިވާއިރު އުޤައިލްގެ އަގު ވައްޓާލައްވަން މިފަދަ ދަށު ދަރަޖައިގެ ޓްވީޓް ކުރައްވަނީ ރައީސް ސޯލިހަށް 2023ގައި ރަނގަޅު ވާދައެއް ދެއްވިދާނެ ބޭފުޅަކަށް އުޤައިލް ވާތީ ކަމަށްވެސް ވެދާނެއެވެ.

ދެން އޮތީ ޕްރޮފެސަރ އުޤައިލާ ގުޅުވައިގެން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ދެއްކެވި ވާހަކައެވެ. ދިޔާނާ ވިދާޅުވީ ރައީސް ކަމަށް ވާދަކުރައްވާނަމަ އެންމެ ފުރަތަމަ ޤައުމަށް ހިދުމަތެއް ކޮށްދެއްވާށޭއެވެ. މާނައަކީ އުޤައިލަކީ ޤައުމަށް އެއްވެސް ޚިދުމަތެއް ކުރެއްވި ބޭފުޅެއް ނޫނޭތޯއެވެ؟ އުޤައިލް ރާއްޖެއަށް އެއްވެސް ހިދުމަތެއް ނުކުރައްވާ ކަމަށް ވިދާޅުވެ މަލާމާތް ކުރެއްވުމުގެ ގޮތުން ދިޔާނާ ވިދާޅުވީ ދޭތެރެއަކުން ރާއްޖެ ވަޑައިގެން ލައިބްރަރީ އަކަށް ފޮތްކޮޅެއް ހަދިޔާ ކުރެއްވުމަށް ވުރެ ބޮޑު ޚިދުމަތެއް އުޤައިލްގެ ފަރާތުން ފެންނަންޖެހޭ ކަމަށެވެ. ދިޔާނާ އަކީ ފަހަކަށް އައިސް ރައީސް ނަޝީދާއި ނަޝީދުގެ ސެކިއުލަރ ސިޔާސަތަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ޓްވީޓް ކުރައްވާ ބޭފުޅެކެވެ. އެހެން ކަމުން މިހާ އަވަހަށް އުޤައިލާ މި ޖައްސާލެއްވީ 2023ގައި ނަޝީދާ ވާދަކުރައްވައި އުޤައިލް ކުރި ހޯއްދަވާފާނެތީ ޖެހިލުންވެ ވަޑައިގެން ކަމަށް ޤަބޫލް ކުރެވެއެވެ.

ދިޔާނާމެންގެ ނަޒަރުގައި ރައީސް ކަމަށް ވާދަކުރުމުގެ ޝަރުތު ފުރިހަމަ ވަނީ މަގުމަތީގައި މުޒާހަރާކޮށް، ހައިޖާނު އުފައްދާ އެކްޓިިވިސްޓަކަށް ވުމުންނެވެ. އެއީ ނަޝީދު ރައީސް ކަމަށް ޝަރުތު ހަމަވާ ގޮތެވެ. ވެރިކަން ލިބިވަޑައިގަތުމުން ވެރިކަން ކުރައްވަން އެނގިވަޑައިނުގަތަސް މައްސަލައެއް ނެތެވެ. ނޫނީ ދިޔާނާމެންގެ ނަޒަރުގައި ރައީސް ކަމަށް ވާދަކުރުމުގެ ޝަރުތު ފުރިހަމަ ވަނީ ސަންރައިޒް ބަލަން ފަޅުރަށްރަށަށް ގޮސް މުޅި މޫނުގައި ވެލި އުނގުޅައިގެން ތިބޭ މީހުންނާއި ކާށިދޫ އާއި ގަފާރާ ދެމެދު ކޭބަލް ކާރު އަޅާނެކަމުގެ ފޮނި ހުވަފެން ރައްޔިތުންނަށް ދައްކައިގެން އޮޅުވާލައިގެން ގޮނޑި ހޯދައިފައި، މަޖިލީސްދޮށުގައި އޮށޯވެ، ހެއްދެވި ނެހެއްދެވިއަށް ގޮވައި، މީސްމީހުންގެ ގެދޮރުގެ ހުރުމަތް ކަނޑަމުން ރަށުތެރޭގައި ލާހޫރޭ މީހުންތޯއެވެ؟

ކޮންމެވެސް މިނިސްޓްރީއެއްގެ އިސް މަޤާމެއްގައި ނުވަތަ މަޖުލީސް މެމްބަރަކަށް 10 ވަރަކަށް އަހަރު ހުންނަވައި މިލިއަނަރަކަށް ވެވަޑައިގަތުމަކީީ ވެސް ރައީސް ކަމަށް ޝަރުތު ހަމަވާ ގޮތެއް ކަމަށް ވެދާނެއެވެ. މިހާރުގެ ރައީސް ސޯލިހަކީ ޤައުމަށް ވަކި ކޮން ޚިދުމަތެއް ކޮށްދެއްވި ބޭފުޅެއް ބާވައެވެ؟ މަހަކު ލައްކައެއްހާ ރުފިޔާގެ މުސާރަ ނަންގަވައިގެން މަޖުލީހުގެ ގޮނޑިއެއް ހޫނުކުރައްވަން 25 އަހަރު އިންނަވައި، އަނގައިން ބަހެއް ވިދާޅުނުވެ އަހަރުތައް ބޭކާރު ކުރެއްވުމަކީ ޤައުމަށް ޚިދުމަތް ކުރެއްވުންތޯއެވެ؟ ރައީސް ނަޝީދު ރައީސް ކަމަށް ވަޑައިގަތުމުގެ ކުރީން ޤައުމަށް ކޮށްދެއްވިހާވެސް ކަމަކީ ޤައުމު ހަލަބޮލި ކުރައްވައި މަގުމަތީގައި ޑްރާމާ ކުޅުއްވުމެވެ. ރައީސް ނަޝީދުގެ ކިބައިގައި ވެރިކަމުގެ ވައްޓަފާޅިއާއި ލީޑަޝިޕާއި ވިސްނުންތެރިކަމާއި ކެރުންތެރިކަން ހުރިނަމަ 07 ފެބްރުއަރީ 2012ގައި ރައްޔިތުން ޖުމްހޫރީ މައިދާނަށް އެއްވުމުން އެހާ ފަސޭހައިން އިސްތިއުފާއެއް ނުދެއްވީހެވެ.

ޕްރޮފެސަރ އުޤައިލް ޤައުމަށް ހިދުމަތެއް ނުކުރައްވާ ކަމަށް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އެކަމަކު ނިމިގެންދިޔަ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީގެ ދެމަސް ދުވަހުގެ ތެރޭ އެކަނިވެސް އުޤައިލް ފައުންޑޭޝަނުން ހަ ހާސް ދިވެހި ކުދީންނަށް ހިލޭ އިނގިރޭސި ކޯސް ހިންގައިދެއްވިއެވެ. މި ކޯސްތަކުގައި ކިޔަވައިދެއްވީ އިނގިރޭސިވިލާތުގެ ޓީޗަރުންނެވެ. އަދި އެ ހަ ހާސް ކުދީންނަށް އިނގިރޭސި ބަހުގެ އިތުރުން، ކަންކަމާ މެދު ވިސްނާނެ ގޮތުގެ ހުނަރުވެސް ދަސްކޮށްދެވުނެވެ. މީގެ އިތުރުން 800 ދިވެހި ކުދީންނަށް ކޮމްޕިއުޓަރ ކޯޑިންގްގެ ކޯސް ހިންގަވައިދެއްވިއެވެ. އަދި މިދެންނެވި 800 ކުދީންނަކީ މުސްތަޤްބަލްގެ ލީޑަރުންނަށް ހެއްދެވުމުގެ ވިސްނުމުގައި ލީޑަަރޝިޕް ހުނަރުތައް އެކޯހުގެ ތެރެއިން ދަސްކޮށްދެވުނެވެ. އަދި ވެބްސައިޓް ހަދަން ވެސް ދަސްކޮށްދެވުނެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެންމެ 30 ދުވަސްތެރޭ އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް ބިނާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 ސައިންޓިސްޓުން ކުޑަކުޑަ އުކުޅަހަށް ގެންނަވައި ސައިންސްވެރީންގެ ބޮޑު މަހާސިންތާއެއް އުކުޅަހުގައި ބާއްވަވައި، ސައިންސްވެރީންގެ ސަމާލުކަމަށް ރާއްޖެ ގެންނެވިއެވެ. އުޤައިލް ވިދާޅުވާ ގޮތުގައި ހަޤީޤީ ކިޔަވައިދިނުމަކީވެސް، އަދި ސައިންޓިފިކް ރިސާރޗްކުރުމުގެ ވައްޓަފާޅިއަކީވެސް މިފަދަ ޕްރޮގްރާމްތަކުގެ ތެރެއިން ގެނެވޭނެ އެއްޗެކެވެ.

މީގެ އިތުރުން އަލްހާން އެ ވިދާޅުވާ "ލައި ޑިޓެކްޓަރ ސޮފްޓްވެއާރ" އަކީ ވަރަށް ބޮޑު އަގުގައި ޕްރޮފެސަރ އުޤައިލް ދުނިޔޭގެ ޤައުމުތަކުގެ ފުލުހުންގެ އިދާރާތަކަށް ހިދުމަތްދޭ ސޮފްޓްވެއާރ އަކަށް ވީއިިރުވެސް ދިވެހި ފުލުހުންނަށް އޭގެ ހިދުމަތް ދެއްވީ މުޅިން ހިލެއެވެ. ވީމާ ބައެއް ސިޔާސީ ބޭފުޅުން މަގުމަތީގައި މުޒާހަރާ ކުރައްވައި، އަނެއް ބައި ބޭފުޅުން ގޮނޑި ހޫނު ކުރެއްވުމަކީ ރައީސް ކަމަށް ވާދަ ކުރެއްވުމުގެ ޝަރުތު ހަމަވާ ކަމެއް ކަމުގައި ވަނީ ނަމަ މަތީގައިވާ ކަންތައް ތަކުން އުޤައިލްގެ ޝަރުތު ހަމަނުވާންޖެހޭ ސަބަބެއް ނެތެވެ. އެއީ ޤައުމީ ހިދުމަތެއް ނޫންތޯއެވެ؟

ރިއާސީ އިންތިހާބްގައި ވާދަ ކުރެއްވުމުގެ ޤާބިލްކަން ކާނަލް ނާޒިމްގެ ވެސް އެބަހުއްޓެވެ. އުމަރު ނަސީރުގެވެސް އެބަހުއްޓެވެ. ރައީސް ޔާމީންގެ ވެސް އެބަހުއްޓެވެ. އަދި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ވެސް އެބަހުއްޓެވެ. ނަމަވެސް ފަސްބައިގައި ކޮރަޕްޝަނުގެ ލަފެއް ނެތް، ސިޔާސީ ޕާޓީއެއްގެ ހިޔަނި ނޭޅޭ ކެންޑިޑޭޓަކު ހޮވާނަމަ ރައީސް ކަމަށް އެންމެ އައުލާކަން ބޮޑު ކެންޑިޑޭޓުންގެ ތެރޭގައި ޕްރޮފެސަރ އުޤައިލް ހަމަ ޔަޤީނުންވެސް ހިމެނޭނެއެވެ. މީގެ ތެރެއިން ކޮންމެ ބޭފުޅަކު ރައީސް ކަމަށް ހޮވިވަޑައިގަތަސް ދެން އަންނަ ވެރިކަމެއްގައި ޔާމީން، އުޤައިލް، އުމަރު ނަސީރު، އަދި ކާނަލް ނާޒިމްގެ ދައުރެއް ކޮންމެވެސް އެއް ސިފައެއްގައި އޮތުމަކީ ޤައުމަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމުގައި ޤަބޫލް ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31111

3 Responses

  1. މިލިޔުން ކިޔާލީމާ ވަކިފަރާތެއް ޕްރޮމޯޓް ކުރަން މަސައްކަތް ނުކުރާކަން ވަރަށް ބޮޑަށް ސާފުވެއްޖެ. އަދި އެހެންމީހުންނަށް ސީދާކޮށް މަލާމާތް ނުކުރާކަންވެސް އެނގިއްޖެ. ކޮންމެ މީހަކަށްވެސް އެމީހަކު ދައްކާ ވާހަކަ އެއީ އެންމެ މޮޅު ވާހަކަ. ވަރަށް ސަލާން!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.