...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މޭޔަރަށް ސިޓީއެއް: އައްޑޫ ސިޓީގެ ތަރައްޤީ އަށް 15 ހުށަހެޅުމެއް

އައްޑޫގެ އިއްޒަތްތެރި މޭޔަރަށް،

ތިރީގައި އަޅުގަނޑު މި ހުށަހަޅާލަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް އަޅުގަނޑު ފާހަގަކުރާ 15 ނުކްތާއެކެވެ. އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒޫމް މެދުވެރިކޮށް އިހަށްދުވަހު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވުމުން އިއްޒަތްތެރި މޭޔަރ ވަނީ ސަރުކާރަށާއި ރައީސަށް ސަނާ ވިދާޅުވެ ޝުކުރު އަދާ ކުރައްވައިފައެވެ. އަދި އެތަކެއް މިލިއަނުގެ އެތަކެއް މަޝްރޫއު އައްޑޫގައި ހިގަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ލޯ އަނދިރިވުމުން ރައްޔިތުންނަކަށް މިއިން މަޝްރޫއެއްގެ މަސައްކަތް ހިނގާ ތަނެއް ނުފެނެއެވެ. އިންޑިއާގެ ޖީ.ކޭ.ޑީ ނަމަކަށް ކިޔާ، ކަމުގެ އެއްވެސް ވައްޓަފާޅިއެއް ނެތް ކުންފުންޏަކާ ހަވާލުކޮށްްގެން އައްޑޫގެ ބައެއް މަގުތައް ހަދާތާ ދެ އަހަރުވީއިރު މަގުތައް ކޮނެގެން އެކުރާ ކަމަކުން ރައްޔިތުންނަށް ހިނގާ ބިނގާވެ އުޅުން ދަތިވުން ފިޔަވައި އެއްވެސް ކަމެއް ވާތަނެއް ނުފެނެއެވެ. ޚުދު މޭޔަރުވެސް ދާދި ފަހުން މީޑިއާއަށް ވިދާޅުވެފައިވަނީ އައްޑޫގެ މަގު ހަދާ އިންޑިއާ ކުންފުނި ފަހަތުން ޖެހެނީ ދުވަން ކަމަށާއި، އެދެވޭ ގޮތުގައި މަސައްކަތް ނުކުރެވޭ ކަމަށެވެ.

އައްޑޫ ގަން ވީރާނާވުމުގެ، ނުވަތަ ވީރާނާ ކުރުވުމުގެ ކަންތައް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. ގަމުގައި ކުރެވޭހާ ވެސް ކަމަކީ އެއީ އެވެ. ވީރާނާވުމެވެ. އެއާޕޯޓްގެ ހިއްސާ ޗަމްޕާގެ ކާސާ ހޯލްޑިންގްސް އަށް ދީގެން އެމީހުންވެސް ބަލަން ތިބެނީއެވެ. ގެއްލުމުގައި އެއާޕޯޓް ހިންގާތާ އެތަކެއް އަހަރު ވެއްޖެއެވެ. ގަމުގައި ސީޕްލޭން ބޭސްއެއް ހަދާނެ ކަމަށާއި ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރާނެ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުން ވައުދުވެ، މި ސަރުކާރަށް ތިން އަހަރު ފުރޭއިރުވެސް ގަން އޮތީ ވީރާނާވުމުގައި މެކުހަށް ޖަހާފައެވެ.

އައްޑޫގެ ބަންދުކޮށްފައިވާ ތިން ރިސޯޓް މިއަހަރު ސެޕްޓެމްބަރު މަހު ހުޅުވޭނެ ކަމަށާއި ގަމުގެ ބައިނަލްއަޤްވާމީ ދަތުރުތައްވެސް ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއަސް އެކަން ނުވާނެކަން މިހާރު ޔަޤީނެވެ. މޯލްޑިވިއަންގެ އެތެރޭގެ ފްލައިޓްތަކުން ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑުވުމުން އައްޑޫގެ ގެސްޓް ހައުސް ވިޔަފާރި އޮތީ އިނދަޖެހިފައެވެ.

އައްޑޫގެ މަގުތަކުގައި އޮތީ ހުސް ފެނާއި ޗަކައެވެ. އައްޑޫ ރައްޔިތުންވެސް ވެހިކަލް ތަކަށް އަހަރީ ފީ ދައްކަނީ މާލޭ މީހުންނެކޭ އެއްވަރަކަށެވެ. ނަމަވެސް އައްޑޫ ރައްޔިތުންގެ ވެހިކަލްތައް ދުއްވަނީ ފެނާއި ޗަކައިން ފުރިފައިވާ އަޑިގުޑަން މަގުތަކުގައެވެ. ވީ އިރު ރައީސް ސޯލިހު އެ ވިދާޅުވާ ތަރައްޤީގެ މަޝްރޫތަކަށް ކައުންސިލުން އަތްޖެއްސެވިޔަސް ރައްޔިތުންގެ ކަނު ލޯ ތަކަކަށް މިއިން ކަމެއް ނުފެނެއެވެ.

އައްޑޫ ސިޓީގެ ބްރިޖް އެޅުން

އައްޑޫ ސިޓީގެ ހިތަދޫ އިން މީދޫ އަށް ބްރިޖެއް އެޅުމުގެ ވާހަކަ އަކީ މީގެ ދެތިން އަހަރު ކުރީއްސުރެ ވެސް އަޅުގަނޑު ލިއަމުން އަންނަ ވާހަކައެކެވެ. އާދީއްތަ ދުވަހުގެ ރޭ ކްލަބް ހައުސްގައި އޮތް މަޝްވަރާއެއްގައި މޭޔަރުވެސް ވަނީ އައްޑޫއަށް ބްރިޖެއްގެ މުހިއްމުކަން ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވައިފައެވެ. އަދި ރައީސް ސޯލިހާ ދެން ބައްދަލުވާ ފަހަރަކުން މިފަދަ ބްރިޖެއް އަޅައިދެއްވަން ރައީސަށް ހުށަހަޅުއްވާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ. ތިޔަ ވިދާޅުވާ ބައްދަލުވުމެއް ބާއްވައިގެން، ރައީސަށް ދަންނަވައިގެން ތިޔަ ބްރިޖް އަޅާނަމަ ތިޔަ ބްރިޖް އެޅޭނީ މައުމޫނު އަބްދުލްޤައްޔޫމްގެ ރައީސް ކަމުގައި އައްޑޫ ވިލިގިލި ހެދި ގޮތަށެވެ. ވާހަކަ ދައްކާތާ 20 އަހަރު ފަހުންނެވެ. އޭގެ ބަދަލުގައި އައްޑޫ ސިޓީ ކައުންސިލަށް، ލާމަރުކަޒީ ޤާނޫނުގެ ދަށުން ލިބިފައިވާ ބާރުތަކުގެ ފުރިހަމަ ބޭނުން ހިފައި، ބައިނަލް އަޤްވާމީ ބިޑަށް މި މަސައްކަތް ލައި، ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ކުރެހުމާ އެކު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައްވާށެވެ. މަސައްކަތް ކޮށްދޭނެ ފަރާތްތަކާއި އިންވެސްޓަރުން ވާނެއެވެ.

އަދި އެހެން ކަމެއްވެސް އެބައޮތެވެ. ބައެއް ފަހަރު ސިޔާސީ ކުދި ސްޓަންޓަކީ ވެސް އެ ސްޓަންޓު ޖެއްސުމުން ފައިދާ ކުރާނެ ކަމެކެވެ. ވީމާ އެކްސްކަވޭޓަރެއް ގެންނަވައި ހިތަދޫގެ ބަނދަރު ސަރަހައްދުން ފަޅުތެރެއިން ކޮނެ ހިއްކަން ފައްޓަވާށެވެ. އަދި ބެނާއެއް ދަމައިލައްވާށެވެ. އައްޑޫޫ ބްރިޖްގެ މަސައްކަތް އެއޮތީ ރަސްމީކޮށް އިފްތިތާހްވެފައެވެ. މަސައްކަތް ފައްޓަވައިދެއްވާނީ ސީދާ މޭޔަރެވެ. ދެން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުއްވާށެވެ. އައްޑޫ ސިޓީ ބްރިޖްގެ މަސައްކަތް ފައްޓައިފި ކަމަށާއި އެކަމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ދަންނަވާށެވެ. އެ ސަރަހައްދުގައި ދަމާ ބެނާ ނުވަތަ ޖަހާ ބޯޑު ނިކަން ވަރުގަދަ، ފަލަ ދަގަނޑު ހޮޅިން ޖައްސަވާށެވެ. އައްޑޫ ސިޓީީއަށް ސަރުކާރުގެ ވެރިއަކު އަރުއްވައިފިނަމަ އެ ސަރަހައްދަށް ގެންދަވައި އެ ބޯޑާއެކު ފޮޓޯއެއް ނަންގަވާށެވެ. މިގޮތުން ޕްރެޝަރކޮށްގެން މެނުވީ މި ބްރިޖެއް މާލޭ ސަރުކާރަކުން އަޅައެއް ނުދޭނެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކްލަބް ހައުސް މަޝްވަރާގައި މޭޔަރު ވިދާޅުވީ މިފަދަ ބްރިޖެއްގެ ދިގުމިނުގައި ހުންނާނީ 14 ވަރަކަށް ކިލޯ މީޓަރ ކަމަށާއި، އެންމެ ފުންމިނުން ކަނޑުގައި ތަނބު ޖަހަން ޖެހޭނީ 40 ހަކަށް މީޓަރު ފުނުގައި ކަމަށެވެ. އަދި ބްރިޖްގެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ލަފާ ކުރެވެނީ 400 މިލިއަން ޑޮލަރު ކަމަށެވެ. މާލޭ ސަރުކާރުން ހަރަދުކޮށްފައި އައްޑޫގައި 400 މިލިއަން ޑޮލަރުގެ ބްރިޖެއް އަޅާފާނެ ކަމަށް ޤަބޫލު ކުރާނީ މޮޔައެކެވެ. މޭޔަރަކީ މޮޔަ ބޭފުޅެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ވީމާ ރައީސް ސޯލިހަށް ދަންނަވަން މަޑު ނުކުރައްވާށެވެ. އެކަމެއް ނުވާނެއެވެ. މޭޔަރާއި ކައުންސިލަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ޑުބާއީ އާއި ސައުދީ ފަދަ ޤައުމުތަކަށް ދަތުރު ކުރައްވައި، އިންވެސްޓަރުން ހޯއްދަވައިގެން މަސައްކަތް ފައްޓަވާށެވެ. މިއީ އައްޑޫ ބްރިޖެވެ. މިކަން އައްޑޫ މީހުންނަށް ވާނެއެވެ. މާލޭ ސަރުކާރަކުން މިކަމެއް ކޮށެއްނުދޭނެއެވެ!

ބްރިޖް އަޅަން އިންޑިއާއާ ހަވާލު ނުކުރުން

ދެން ދަންނަވަން އޮތް ވާހަކައަކީ އިންޑިއާގެ ކޮންސިއުލޭޓް މައްސަލާގައި ރައްޔިތުން ނުރުހުނަސް މޭޔަރ ހުންނެވީ އިންޑިއާ ކޮޅަށެވެ. ވީމާ މޭޔަަރުގެ ފޭވަރިޓް ޤައުމަކީ އިންޑިއާ ކަމުގައި ވިއަސް އައްޑޫ ބްރިޖް އަޅަން އިންޑިއާއާ ހަވާލު ނުކުރައްވައްޗެވެ. އިންޑިއާއިން އަޅާ ބްރިޖަކަށް އަރާކަށް އައްޑޫގެ ގިނަ ރައްޔިތުންނަކަށް ނުކެރޭނެއެވެ. އެހެން ނޫނަސް އިންޑިއާއިން އެފަދަ ބްރިޖެއް އަޅާނަމަ ބެރިޖްގެ މަސައްކަތަށޭ ކިޔައިފައި އިންޑިއާގެ ދެތިން ހާސް މީހުން ގެނެސް އައްޑޫއަށް އަޅާލުމުން މިތަން ވެގެންދާނީ ރާއްޖޭގެ ލިޓުލް އިންޑިއާއަށެވެ. އެގޮތެއް ކަމަކު ނުދާނެއެވެ. އައްޑޫ ސިޓީ ބްރިޖް އަޅަން ޖެހޭނީ ޗައިނާ ފަދަ ހުނަރުވެރި، ތަޖުރިބާއާއި ފައިސާ ހުރި ބަޔަކު ލައްވައެވެ.

މޭޔަރު ވިދާޅުވީ ހަމަ ރަނގަޅަށެވެ. އައްޑޫ ބްރިޖަކީ ދެކުނުގެ ތަރައްޤީގެ ނާރެހަކަށް އައްޑޫ ބަދަލުކޮށްލާނެ މަޝްރޫއެކެވެ. ސާދަ ކިލޯ މީޓަރު ދިގު ބްރިޖްގެ މީދޫއާ ވީ ކޮޅުގައި، ބިން ހިއްކައިގެން ބޮޑު ޓްރާންސްޝިޕްމެންޓް ބަނދަރެއްވެސް ހައްދަވާށެވެ. އަދި މި ދިގު ބްރިޖްގެ އެގާރަ ދިމާއަކުން ފަޅުތެރައަށް ދިގު ފާލަންތަކެއް އަޅާފައި، ކޮންމެ ފާލަމެއްގެ ދެފަރާތުގައި 20 ވޯޓަަރ ބަންގަލޯ އާއި ސާރވިސް އިމާރާތެއް އެޅުުމުން އެ ހެދުނީ އެގާރަ ރިސޯރޓެވެ. އެ 11 ރިސޯޓް ތަފާތު ދިހަ ފަރާތަކަށް ކުއްޔަށް ދެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ބްރިޖް އަޅާނަމަ ބްރިޖް އަޅާ ކޮންޓްރެކްޓަރަށް ވެސް އެ 11 ރިސޯޓް ދެވިދާނެއެވެ.

އައްޑޫގެ އާބާދީ އެއްލައްކަ އަށް އިތުރު ކުރުން

މި ބްރިޖް އެޅުމުން އައްޑޫގެ އާބާދީ 70 ހާހާއި އެއްލައްކައާ ދެމެދުގެ އަދަދަކަށް އިތުރު ކުރުމަކީ މޭޔަރުގެ ވިސްނުމެއް ކަމުގައި ވިދާޅުވި ވިދާޅުވުން ކިތައްމެހާވެސް ރަނގަޅެވެ. އައްޑޫ އިން ބިން ހިއްކައިގެން، ހުވަދޫ، ފުވައްމުލައް އަދި އެނޫންވެސް އަތޮޅުތަކުން އައްޑޫގައި އިންވެސްޓްކޮށް، އައްޑޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުން ފަރާތްތަކަށް އަައްޑޫއިން ބިން ދިނުމަކީ ރަނގަޅު ކަމެކެވެ. މާލެ މާލެއަކަށްވީ އެހެން އަތޮޅުތަކުން މީހުން ހިޖުރަކޮށްގެންނެވެ. އައްޑޫގެ ތަރައްޤީގެ ކުރިމަގު ހޯދޭނީވެސް އެމަގުންނެވެ.

އެސްޓަރސް، ސޮނީ ފަދަ މާލޭގެ ކުންފުނިތައް އައްޑޫއަށް ގެނައުން

އަދި މިއާ ގުޅުން ހުރި އެހެން ވާހަކައެކެވެ. އެސްޓަރސް، ރެޑް ވޭވް، ސޮނީ، ދަމާސް، ވިލާ، ޗަމްޕާ، ސިމްޑީ، އެމް.އެޗް.އޭ، ބީ.އެޗް.އެމް، ފެންޓަސީ އަދި މި ނޫނަސް މާލޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ދައުވަތު ދީގެން ދެ ދުވަހުގެ ވިޔަފާރި މަހާސިންތާއެއް އައްޑޫގައި ނިކަން އަވަހަށް ބާއްވަވާށެވެ. މާލޭގެ އިންވެސްޓަރުންގެ ތެރެއިން އައްޑޫގައި ބޮޑެތި އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ އިންސެންޓިވްސް އާއި ދިގު މުއްދަތަކަށް ބިންވެސް ދެއްވާށެވެ. ރެޑްވޭވް ހައިޕަރ މާރކެޓަކާއި، އެސްޓަރސް މެގަ ސްޓޯރ އަކާއި، ސޮނީ ހާޑްވެއާ އާއި، ދަމާސް ފަރުނީޗަރާއި، ވިލާ ގޭހުގެ ޕްލާންޓަކާއި، ޗަމްޕާގެ ރިސޯރޓަކާއި، ފެންޓަސީ ބޭކަރީ އަކާއި މިނޫނަސް މިފަދަ އެތައް އިންވެސްޓްމެންޓް އައްޑޫ އަށް އައުމުން އައްޑޫގައި ވަޒީފާ އިތުރުވެ އިގްތިސޯދީ ހަރާކާތްތައް އިތުރުވާނެއެވެ. މިދެންނެވި މަހާސިންތާ ބާއްވަން މިހާރުވެސް ލަސްވެއްޖެއެވެ. އަވަހަށް އިއުލާން ކުރައްވާށެވެ.

މީދޫ ފަޅުތެރޭގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް

އައްޑޫ ސިޓީގެ ހުރިހާ ރަށެއް އެއްފަސްކުރުމުގެ ގޮތުން ހިތަދޫ އިން މީދޫއަށް ބްރިޖަކުން ގުޅާލާ ދުވަސް ދެކިލަން އައްޑޫގެ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެއެވެ. ހިތަދޫއިން ކާރަކަށް އަރައިގެން 14 ކިލޯމީޓަރުގެ އެ ފިނިބުރު ޖަހާލަން ބޭނުންނުވާނީ އައްޑޫގެ ކޮން ރައްޔިތެއްތޯއެވެ؟ މި ބްރިޖަކީ މައިގަނޑު ގޮތެއްގައި ހިތަދޫ ފަޅުތެރެއިން، ފަރު މަތިން ބިން ހިއްކައިގެން އެޅޭނެ ބްރިޖެކެވެ. ކަނޑު ހުރަސްކޮށް ބްރިޖް އަޅަން ޖެހޭނީ ވަރަށް ކުޑަ ތަންކޮޅެއްގައެވެ. އެއީ ކަނޑިހެރައިގެ ދެފަރާތުން އޮތް ދެ ކަނޑުއޮޅި މަތިން އެކަންޏެވެ. ބްރިޖްގެ އަނެއް ބަޔަކީ ހަޤީގަތުގައި ބްރިޖެއް ނޫނެވެ. އެއީ ބިން ހިއްކައިގެން އަޅާ ހައިވޭއެކެވެ.

ބްރިޖްގެ މި މަޝްރޫއާއި އެކުއެކީގައި މީދޫ ފަޅުން ބިން ހިއްކައިގެން ކޮންޓެއިނަރ ބަނދަރެއް ހަދައި، ހިއްކި ބިމުގައި ރިސޯޓާއި ހޮޓެލް އަދި ގެސްޓް ހައުސް އާއި ތަފާތު ފެކްޓަރީތައް ހެދުމަކީ މޭޔަރުގެ ތަސައްވުރަކަށް ހައްދަވާށެވެ. މިތަނުގެ ބިން ހިއްކުމާއި، ކޮންޓެއިނަރ ބަނދަރު ހެދުމާއި، ބްރިޖް އެޅުމަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ބީލަމަށް ލައިގެން އަމިއްލަ ފަރާތެއް ލައްވާ ތަރައްޤީ ކުރެވިދާނެ މަޝްރޫއު ތަކެކެވެ. ދައުލަތުން ހަރަދެއް ނުގޮހެވެ. މިކަން ހަޤީގަތަކަށް ހެދުމަށްޓަކައި މިނިސްޓަރުން އަރިހަށް ގޮސް އާދޭސް ދަަންނަވައި، ރައީސް އަރިހަށް ގޮސް އާދޭސް ދަންނަވާކަށް ނުޖެހެއެވެ. މޭޔަރާއި ކައުންސިލަށް މިކަން ވާނެއެވެ.

މީދޫ ޓަރާންސްޝިޕްމެންޓް ބަނދަރު ކައިރީގައި ޑްރައި ޑޮކިންގ ހިދުމަތް ދިނުން

އައްޑޫ ސިޓީ ބްރިޖް އަޅާއިރު، އައްޑޫ ސިޓީގެ މީދޫ ފަޅާއި ބްރިޖް ގުޅޭ ސަރަހައްދުގައި ބިން ހިއްކައިގެން ކޮންޓެއިނަރ ބަނދަރެއް ހަދައި، އެތަން ކުރިމަގުގައި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމެންޓް ބަނދަރަކަށް ބަދަލު ކުރަން ޖެހެއެވެ. އައްޑޫ ސިޓީ އޮތް ސަރަހައްދަކީ ގިނަ އަދަދަކަށް ބައިނަލްއަޤްވާމީ ކޮންޓެއިނަރ ބޯޓު ދަތުރުކުރާ ސަރަހައްދަކަށް ވުމުން މި ދެންނެވި ޓްރާންސްޝިޕްމެންޓް ބަނދަރާ އިންވެގެން ބައިނަލްއަޤްވާމީ ބޯޓުފަހަރަށް ހިދުމަތްދެވޭ ފެންވަރުގެ ޑްރައިޑޮކިން ނުވަތަ ބޮޑެތި ބޯޓުފަހަރު އެހެލައިގެން މަރާމާތު ކުރެވޭ ތަނެއް ތަރައްޤީ ކުރުމަކީ ވެސް މޭޔަރުގެ ތަސައްވަރަކަށް ހައްދަވަން ޖެހެއެވެ.

އައްޑުގެ ހުރިހާ މަގެއްގައި ތާރު އެޅުން

އަދި ބްރިޖާ އެކު އަންނަ ތަރައްޤީ އަށް މަގުފަހި ކުރުމަށްޓަކައި އައްޑޫގެ މަގުތައް ތަރައްޤީ ކުރައްވާށެވެ. އައްޑޫގެ ރަށްރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހައްދަވާށެވެ. މިތެއް ކިލޯމީޓަރެއް ނޫނެވެ. ހުރިހާ މަގެކެވެ. ހަންޏެއް ފުޅަލެއް ބެލުމެއް ނެތި އައްޑޫސިޓީގެ ހުރިހާ މަގުތަކުގައި ތާރު އެޅުމަކީ މޭޔަރުގެ ތަރައްޤީގެ ޕްލޭންގެ މުހިއްމު ބަޔަކަށް ހައްދަވާށެވެ. އައްޑޫސިޓީގެ ގަމަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތާރުއެޅި މަގުތައް ހުރި ރަށް ކަމަށްވެފައި އައްޑޫސިޓީގެ އެއްވެސް ރަށެއްގެ އެއްވެސް މަގަކީ ތާރުއެޅުމުގެ ތަރައްޤީން މަހްރޫމްވާން ޖެހޭ މަގެއް ނޫންކަމަށް ވަކާލާތު ކުރައްވާށެވެ.

އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު އެޅުން

އަދި އެހެން ވާހަކައެކެވެ. އައްޑޫސިޓީގެ ވެރިކަން ކުރާ ރަށް ހިތަދޫގައި، މަދުވެގެން 2،000 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް ތަރައްޤީ ކުރުމަކީ ކޮންމެހެން މޭޔަރު ކުރައްވަންޖެހޭ ކަމެކެވެ. މި އިސްލާމީ މަރުކަޒުގައި އިސްލާމިކް ލައިބްރަރީ އަކާއި، ޤުރުއާނާ ބެހޭ މަރުކަޒެއްވެސް ހިމެނެން ޖެހޭނެއެވެ. އަދި މާލޭގެ އިސްލާމީ މަރުކަޒުގައި ވާފަދަ ކޮންފަރެންސް ހޯލެއްވެސް މިތަނުގައި ހުންނަން ޖެހެއެވެ.

ގަން އެއާޕޯޓް ފުރިހަމަ އަށް އިންޓަނޭޝަނަލް ކުރުންް

ގަން އެއާޕޯޓަށް ބަލާއިރު، އެއަރބަސް އޭ-380ގެ ބިޔަ މަތިންދާ ބޯޓް ޖެއްސޭ ފެންވަރަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް، ކަނޑަށް ޖައްސާ މަތިންދާ ބޯޓުގެ ސީޕްލޭން ބޭސް އެއް ގަމުގައި ތަރައްޤީކޮށް، އައްޑޫސިޓީ އާއި ފުވައްމުލަކާއި ހުވަދޫގެ ރިސޯޓްތައް ސީޕްލޭން ވިއުގަ އަކުން ގުޅާލަން ޖެހެއެވެ. މީގެ އިތުރުން ގަން އެއާޕޯޓްގައި ޒަމާނީ ފެންވަރުގެ އިންފްލައިޓް ކޭޓަރިންގެ ހިދުމަތްދޭނެ ތަނަކާއި އެއާޕޯޓް ލައުންޖް ތަކާއި، ރެސްޓޯރެންޓް ތަކާއި، ޑިއުޓީ ފްރީ ފިހާރަތައް ހެދުމަކީވެސް މޭޔަރގެ އައްޑޫ ތަސައްވަރުގެ ބަޔަކަށް ވާންޖެހެއެވެ. މިގޮތަށް ގަން ތަރައްޤީވެ ނިމޭއިރު ދުވާލަކު މަދުވެގެން ބައިނަލްއަޤްވާމީ ޝެޑިއުލް ފަސް ފްލައިޓް ގަމަށް ޖެއްސޭވަރަށް ގަން ތަރައްޤީވާން ޖެހެއެވެ. މޭޔަރަށާއި ކައުންސިލަށް މިކަން ވާނެއެވެ. މައި ސަރުކާރުން ކޮށްދޭނެ ކަމަށް ނުތިއްބަވާށެވެ.

ގަމުގައި ކްރޫސްޝިޕް ޓާމިނަލަކާއި ޔޮޓް މެރީނާއެއް ހެދުން

އަދި އެހެން ވާހަކައެކެވެ. އައްޑޫ ސިޓީ ގަމުގައި ބޮޑެތި ފަސިންޖަރު ލައިނަރ ގާތްކުރެވޭ ވަރުގެ ކްރޫސް ޝިޕް ޓަރމިނަލް އެއް ޤާއިމްކޮށް، ޔޮޓްމެރިނާއެއްވެސް ގާއިމްކޮށް، އަގުހެޔޮކޮށް ދަތުރުކުރާ ފަތުރުވެރީންނަށާއި އެތެރޭގެ ލޯކަލް ޓޫރިޒަމަށް ޓާގެޓްކޮށްގެން ތިން ތަރީގެ ހޮޓަލެއްގެ ގޮތުގައި ގަމުގެ ދޫގަސް ތަރައްޤީކޮށް، އެތަން "ގޭން ބެކްޕެކާރސް މެރިނާ ހޮޓެލް" މި ތީމަށް ތަރައްޤީ ކުރުމަކީވެސް ގަމާއި މުޅި އައްޑޫގެ ތަރައްޤީއަށް އިންޤިލާބެއް ގެނުވާނެ ކަމެކެވެ. މިކަންވެސް މޭޔަރު ކުރައްވާށެވެ.

ގަމުގައި އެއާކްރާފްޓް އިންޖިނިއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް

ދެން އޮތީ ފްލައިންގ ސްކޫލްގެ ވާހަކައެވެ. މިހާރު ގަމުގައި ހިނގަމުންދާ ފްލައިންގް ސްކޫލްގެ ބަދަލުގައި ޒަމާނީ ފެންވަރުގެ އެއާކްރާފްޓް އިންޖިނިއަރިންގް އެންޑް ޕައިލެޓް ޓްރެއިނިންގް ކޮލެޖެއް، ކެމްޕަސް އެކަމަޑޭޝަންއާ އެކު، ގަމުގައި ތަރައްޤީ ކުރުމަކީވެސް ރާއްޖެއާއި ރާއްޖޭން ބޭރުން މި ކޮލެޖަށް ކުދިން ގެނެވޭނެ އިންވެސްޓްމެންޓަކަށް ވާނެއެވެ. މިކަން ވެސް މޭޔަރުގެ ވިޝަން އަކަށް ހައްދަވާށެވެ.

ކުރީގެ ހޮސްޕިޓަލް އޭޑީކޭ ފަދަ ބަޔަކާ ހަވާލު ކުރުން

މޭޔަރ އާއި ކައުންސިލުން ދެން ކުރައްވަން ޖެހޭ ކަމަކީ ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗް.އާރ.އެޗް) ޕްރައިވެޓައިޒްކޮށް އޭ.ޑީ.ކޭ ނުވަތަ ޓްރީޓޮޕް ފަދަ އަމިއްލަ ކުންފުންޏަކުން ހިންގާ ގޮތަށް ދޫކޮށްލެއްވުމެވެ. ޒަމާނީ ޕްރައިވެޓް ހޮސްޕިޓަލެއް އައްޑޫއަށް އައުމުން އައްޑޫގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް އިތުރު ފުރިހަމަކަން އައިސް ދެކުނުގެ ސިއްހީ ހިދުމަތުގެ ނާރެހަކަށް އައްޑޫ ވެގެންދާނެއެވެ.

8000 ޓޫރިސްޓް އެނދު އައްޑޫ އަށް ގެނައުން

މިހުރިހާ ކަމެއް ކުރެވި، ބްރިޖް އެޅިގެންދާއިރު އައްޑޫ ސިޓީއަށް މަދުވެގެން 8،000 ޓޫރިސްޓް އެނދު ނުވަތަ 4،000 ޓޫރިސްޓް ކޮޓަރި އިތުރު ކުރަން ޖެހެއެވެ. އޭގޮތުން "ހަންކެޑެ" ސަރަހައްދުގައި 200 ކޮޓަރީގެ ރިސޯޓަކާއި، ހެރެތެރޭގެ ދެކުނުން އެރަށާ އެއްފަޅެއްގައި އޮތް "މުލިކެޑެ"ގައި 300 ކޮޓަރީގެ ރިސޯޓެއް ހަދަން ޖެހެއެވެ. ރިސޯޓް، ގެސްޓް ހައުސް، މެރިނާ ހޮޓެލް ފަދަ ތަންތަން ތަރައްޤީކޮށް އައްޑޫ ސިޓީ އަށް 4،000 ޓޫރިސްޓް ކޮޓަރި އިތުރު ކުރާނީ، އައްޑޫގައި މިހާރު ހުރި ކަނޑިހެރެ، މުލިކެޑެ ފަދަ ރައްތަކުގެ އިތުރުން ބްރިޖްގެ އަރިމަތިން އެޅޭ ފާލަން ތަކުގައި ގާއިމް ކުރެވޭ ވޯޓަރ ބަންގަލޯތައްވެސް ހިމެނޭ ގޮތުގައެވެ. ހަތަރު ހާސް ކޮޓަރި އިތުރު ކުރުމުގެ ގޮތުން އައްޑޫސިޓީގެ މީހުން އުޅޭ ހުރިހާ ރަށެއްގައި "ޓޫރިޒަމް ޒޯން" ތަކެއް ކަނޑައަޅައި، އެޒޯން ތަކުގައި ވެލިއަޅައިގެން ބީޗް ހަދައި، ހޮޓެލް، ގެސްޓް ހައުސް، މެރީނާ ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމް ކުރާނީ ގަމުގެ ވައިގެ ބަނދަރާއި ގަމުގައިވާ ސީޕްލޭން ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވާނެ ފަދަ ގޮތަކަށެވެ.

މާހެރަ، ކޯހެރަ ފަދަ ރަށްތައް ގެސްޓް ހައުސްގެ އާ ކޮންސެޕްޓަކަށް ތަރައްޤީ ކުރުން

މީގެ އިތުރުން މާހެރެ، ކޯހެރެ، ދީރޮނޑި ފަދަ، ހިތަދޫ ފަޅުތެރޭގައިވާ ރަށްރަށް ލަކުޑި ފާލަންތަކަކުން ގުޅާލާ، ބެޓެރިން އޮޕަރޭޓްކުރާ ބަގީ ކާރުގައި އެރަށްތަކުގެ ދެމެދު ދަތުރުކުރެވޭ ގޮތަށް ހަދައި އެ ރަށްތަކަކީ އާދަޔާ ހިލާފް ތަފާތު ގެސްޓް ހައުސް ސަރަހައްދެއްގެ ގޮތުގައި ތަރައްޤިީ ކުރުމަކީ ވެސް އައްޑޫގެ ތަރައްޤީއަށް ކުރެވޭ ވަރަށް މުހިއްމު އިންވެސްޓްމެންޓަކަށް ވާނެއެވެ.

ސަރުކާރަށް އާދޭސްނުކޮށް ތަރައްޤީ ކުރުން

މަތީގައިވާ ކަނަތައްތައް ކުރާކަށް ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުން އަރިހު އާދޭސް ދަންނަވާކަށް ނުޖެހެއެވެ. އަދި މުއައްސަސާތަކުގެ ކުރިމަތީ ޓެންޓް ޖަހައިގެން ރޭކުރާކަށްވެސް ނުޖެހެއެވެ. މަތީގައިވާ ކަންތައްތަކަށް ބާރުއަޅައި، ބޭރުގެ އިންވެސްޓަރުންނާ ބައްދަލުކޮށް، މާލޭގެ ދިވެހި ބޮޑު އިންވެސްޓަރުންނާ ގުޅިގެން މަހާސިންތާ ބާއްވައި، އައްޑޫ ރައްޔިތުންނަށް ހައްޤު މިންވަރަށް އައްޑޫ ތަރައްޤީ ކޮށްްދެއްވުމަކީ އައްޑޫގެ މޭޔަރާއި ކައުންސިލްގެ ހުރިހާ މެމްބަރުން ވަރަށް މުރާލިކަމާއި، ހަރަކާތްތެރިކަމާއި، އަވަސް ކަމާއި އެކު ކުރައްވަން ޖެހޭ ކަމަކެވެ. ކައުންސިލްގެ ދައުރު 2024ގައި ހަމަވާނެއެވެ. ދެން ބާކީ އޮތީ ދެ އަހަރެއްހާ ދުވަހެވެ. އިތުރު ދައުރަކަށް އެދިވަޑައިގަންނަވާ ނަމަ މަތީގައިވާ ތަަރައްޤީގެ މަޝްރޫއު ތަކައިގެން އަވަސްވެވަޑައިގަންނަވާށެވެ. އެއިރުން ތި ނަންގަވާ މުސާރަވެސް ފުރިހަމައަށް ހަލާލުވާނެއެވެ. އަދި ރައްޔިތުންގެ ރުހުމާއި ލޯތްބާއި ވޯޓުވެސް ލިބޭނެއެވެ.

ޝުކުރިއްޔާ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.