Support Us

ކޮލަމް: އަލި

އެ ދަތުރު ވިޔަސްމެ ދަތިން ވެ ބަރު، ނުވެޔޭ އުދާހެއް ހިތްވެ ބަރު

ދިވެހިބަހާއި އަދަބާއި ތާރީޚަށް ހިސާބަކަށް ނަމަވެސް ކަމެއް ކޮށްދެވޭތޯ ދިވެހިބަހުގެ އެކެޑަމީގައި 2011ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8ވަނަ ދުވަހު ފެށި ދަތުރު އަދު ނިމުނީއެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8ވަނަ ދުވަހަށް ބަރާބަރު 1 ދަހަރު ވީއެވެ.

އަޅުގަނޑު ބެލީ ބަހާ މުޖުތަމަޢު ރައްޓެހި ކުރެވޭތޯއެވެ. ދިވެހިބަހުގެ އަހުލުވެރީންނާއި ދިވެހިބަހާ ދެމެދު އޮތް ދުރުކަމާއި ފޭކަން ދުރުކޮށް ދިވެހިބަސް ދިވެހީންގެ ހިތާއި ހިތުގެ ވިންދާ ގާތް ކޮށްދެވޭތޯއެވެ. އަޅުގަނޑު ބެލީ ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހި އަދަބިއްޔާތަކީ ދިވެހީންގެ އަމިއްލަވަންތަ ތަރިކަ ކަމުގައި ހެދޭތޯއެވެ. އާދޭހެވެ! އަޅުގަނޑު ބެލީ އެކުވެރިކަމާއި ލޯތްބާއި ކުލުނާއި އޯގާވެރިކަމުގެ އަތަކުން ބަހާއި އަދަބާއި ތާރީޚުގައި ފިރުމައިދެވޭތޯއެވެ.

މިއަދު ބަހާއި ތާރީޚާއި އަދަބިއްޔާތާ މެދު އުފާވެރިކަމާ އެކު ބަސްބުނާ ތަން އެކިއެކި މަންސަތަކުން ފެންނާތީ ލިބޭ ހިތްހަމަޖެހުން އަޅުގަނޑުގެ ގާތުގައި ވާހަކައެއް އެބަ ބުނެއެވެ.

އެކެޑަމީއާ އެކު ހޭދަވި އެއް ދަހަރުގައި ބަހާއި އަދާބާއި ތާރީޚުގެ ޚިދުމަތުގެ ހިނިތުންވުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނާތީ އުފާވެއެވެ. ވަކިވަކިވެ ދުރުދުރު ތިބި އެތައް އަދީބުންނާއި ޅެންވެރީންނެއް އިޖުމާއީ ގޮތުން މިއަދު ބަހާއި އަދަބަށް ޚިދުމަތް ކުރައްވާތީ އަޅުގަނޑު އުފާވެއެވެ.

ފާއިތުވީ 10 އަހަރުގައި ބަސް ފަންނިއްޔާތަށް އޮޅުކޮށް ރައްޓިކުރާން ކުރެވުނު މަސައްކަތުގެ ނަތީޖާ އޮންލައިން އެކި މަންސަތަކުން ފެންނާތީ އަޅުގަނޑު ހިތްހަމަ ޖެހެއެވެ. އޮންލައިން ބަސްފޮތްތަކާއި އެޕުތަކާއި "ފައްވާރާއި" "ބަސްދާރާއި" އީ ފޮތްތައް ހިސާބަކަށް ނަމަވެސް އާންމު ކުރެވި ފެންނާން ހުރީތީ އުފާވެއެވެ. "އިއްވިލިޔަންޏާއި" "ލިޔަނިއިއްވި" ފަދަ ޕްރޮގްރާމްތައް އާންމުވެފައިވާ ކަމުގެ އުފާވެސް ލިބޭމެއެވެ.

ބަހާއި އަދަބާއި ތާރީޚުގެ ދާއިރާއިން ކުރެވިފައިވާ ޢިލްމީ މަސައްކަތްތަކެއް ވެސް ވުޖޫދުން ފެންނާތީ އުފާވެއެވެ. ތާރީޚު އިސްލާމް ދީބާ މަހަލް، ރަހުންނާއި ރަނިން، ކުޑަހުވަދޫ ލޯމާފާނު، ފަނޑުވުމެއް ނެތް ހަނދާންތައް، ޅެންވެރީންގެ ތަފާތު ޅެންފޮތްތައް، ފަދަ އެތައް ފޮތެއް ނެރެވުނު ކަމުގެ ހިތްހަމަ ޖެހުން ހިތަށް ވަދެއެވެ. ބަހާއި އަދަބާއި ތާރީޚުގެ އެކި މުނާސަބަތުތަކުން މި ދާއިރާތަކުގެ ވިންދަށް ދިރުން ގެނެވުނުކަމުގެ އިހުސާސެއް ވެއެވެ. މި ދާއިރާތަކުގެ ޚިދުމަތްތެރީންގެ އަގާއި ގަދަރު ހިފެހެއްޓޭތޯ ބެލީމެވެ. އަގުވަޒަން ކުރެވޭތޯ ބެލީމެވެ.

ހިތުގެ އިޚްލާޞްތެރި ޝުކުރު އަރިސްކުރަމެވެ. އެކުގައި އުޅުނު މިތުރުންނަށެވެ. ދުރު ތިބެ އެހީތެރިވެ ދެއްވި މަދަދުގާރުންނަށެވެ. ދަރިވަރުންނަށެވެ. ހިލޭސާބަހަށް މަސައްކަތްކޮށްދެއްވި ހޭހަންވެރީންނަށެވެ. ފަންނީ މަސައްކަތްތަކުގައި މަދަދުވެރިވި ފަންނީދާރުންނަށެވެ. އެކެޑަމީގެ މެންބަރުންނާއި ވެރީންނާއި މުވައްޒަފުންނަށެވެ. ތިޔަ އެންމެހައި ލޮބުވެތި މިތުރުންނަށް ވެސް މެއެވެ.

ގައުމީ ޚިދުމަތުގައި ހޭދަ މިވީ 23 އަހަރެވެ. ތިޔަ އެންމެ ބޭފުޅުން ދެއްވި ލޯތްބާއި ކުރެއްވި އިހުތިރާމާއި ދެއްވި ހިތްވަރަށާއި ބެހެއްޓެވި ގާތްކަމަށް ޓަކައި ނުހަނު ލޯތްބާ އެކު ޝުކުރު ދަންނަވަމެވެ. އަބަދުވެސް އެކުވެރިކަމުގެ ގުޅުން ހިނިތުންވާނެއެވެ. މިތުރުވެރިކަމުގެ ލޯތްބާއި ކުލުނު ދާއިމަށް ދެމި އޮންނާނެއެވެ. ބަހާއި އަދަބާއި ތާރީޚަށް ޚިދުމަތް ކުރުމަކީ އަޅުގަނޑުގެ ހިތާއި ލެޔާ ގުޅިފައިވާ އުފަލެވެ.

ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުގެ ފުށުން ހިތްޕުޅަށް ނުތަވަސްކަމެއް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު ހުންނެވި ނަމަ އެބޭފުޅެއްގެ އަރިހުން މި ތަންވަޅު ނުހަނު އިޚްލާޞްތެރިކަމާ އެކު ދީލަތި މަޢާފަކަށް އެދެމެވެ. އިންޝާﷲ އަޅުގަނޑު އެއްވެސް ބޭފުޅަކާ މެދު ހިތްބުރަ ކަމެއް ނެތެވެ. އޮތީ ލޯތްބެވެ. ވެވެނީ މަޢާފެވެ. އަބަދުވެސް ހިތްހެޔޮކަން އިސްކޮށް ހިނިތުންވުން އެއީ ޝިޢާރުކަމުގައި ދަމަހައްޓާނަމެވެ. ދިވެހިބަހާއި އަދަބާއި ތާރީޚަށް އަބަދުވެސް އެދެނީ ކުރިއެރުމާއި ފާހަގަތިކަމެވެ. ބާއްޖަވެރިކަމެވެ. ދިވެހިގައުމަށް ނަސްރާއި ނަސީބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *