...

Support Us

ނަބަވީ ހިޖްރައިގެ ދަރުސްތަކުގެ ތެރެއިން

ހިޖްރީ އައު އަހަރު ފެށުމާއެކު ޖައްވަށް ފެތުރިގެން ދަނީ ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ހިޖްރައިގެ ވަސްމީރު ޒިކުރާތަކެވެ. އެ ކަލޭގެފާނު މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައަކީ ދުނިޔެ ބަދަލުކޮށްލި މަތިވެރި ހާދިސާއެކެވެ. ތާރީޚުގެ މަގުޗާޓު އަލުން ކުރަހައިލި މުހިއްމު ހަދަސެކެވެ. މުޝްރިކުންނާއި ޙަސަދަވެރީންގެ ނުބައި ރޭވުންތައް ކިތަންމެ ވަރުގަދަވިޔަސް އަދި އެބައިމީހުންގެ މަޅިތައް ކިތަންމެ ގަދަފަދަވިޔަސް ﷲގެ ރޭވުންތައް މާމަތިވެރިކަން ކައު ރަސޫލާގެ ހިޖްރައިން ފާޅުވެގެން ދިޔައެވެ. ޤުރައިޝުންގެ މުޝްރިކުން އިސްލާމީ ދަޢުވަތާއި މި ދަޢުވަތުގެ މާތް ސާޙިބާ ނައްތައިލުމަށް ޓަކައި ތަފާތު ވަސީލަތްތަކުންނާއި މަގުތަކުން މަސައްކަތްކުރިއެވެ. ހައްލައިލުމުގެ ހުށައެޅުންތަކުންނާއި ބޮއިކަޓްކުރުމާއި ޙިޞާރު ކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތަކުންނާއި، ގޯނާކުރުމުގެ ތަފާތު ވަސީލަތްތައް ބޭނުންކުރިއެވެ. އެބައިމީހުންނަށް ވަނީ މި ވަސީލަތްތަކުން ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީން މި ދަޢުވަތާ ދުރަށް ނުލެވިފައެވެ. އެންމެފަހުން އެބައިމީހުން ނިންމީ މި ދަޢުވަތުގެ މާތް ސާހިބާ އަވަހާރަކޮށްލުމަށެވެ. އެ ހިސާބުން އެމީހުންނަށް ހާމަވެގެން ދިޔައީ ﷲގެ ރޭވުންތެރިކަމުގެ މަތިވެރިކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُواْ لِيُثْبِتُوكَ أَويَقْتُلُوكَ أَويُخْرِجُوكَ وَيَمْكُرُونَ وَيَمْكُرُ اللّهُ وَاللّهُ خَيْرُ الْمَاكِرِينَ[1] كافر ވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް، ނުވަތަ އަވަހާރަކޮށްލުމަށް، ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު، ހަނދުމަކުރައްވާށެވެ! އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި اللَّه (އެއުރެންގެ ރޭވުންތައް، باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެ ގޮތަށް) تدبير ކުރައްވަތެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ، تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.)  

މި ހިޖްރައިގެ ސަބަބުން އިސްލާމީ ދަޢުވަތުގެ ޙާލަތު މުޅިން ބަދަލުވެގެން ދިޔައެވެ. އިސްލާމީ ދަޢުވަތަށް އަމާން ރައްކައުތެރި ވެށްޓެއް ލިބިގެން ދިޔައެވެ. ޤުރައިޝުންގެ ދުއްތުރާތަކާ ދުރުގައި އަންޞާރީންގެ މަދަދުގައި މި ދީނަށް ޓަކައި މަސައްކަތް ކުރެއްވުމުގެ މައިދާން ހުޅުވިގެން ދިޔައެވެ.

މިއީ ސާދަސަތޭކަ އެތައް އަހަރެއްގެ ކުރީގެ ޙާދިސާއެއްކަމުގައި ވިޔަސް މި ޙާދިސާގެ ޢިބްރަތްތަކާއި މާނަތަކަކީ އަޅުގަނޑުމެންގެ ހިތްތަކުގައި ދިރުން ލިބިގެންވާ ޙާދިސާއެކެވެ. އެއީ އަޅުގަނޑުމެންނާއެކު ތާއަބަދަށް ދެމި ހުންނާނެ ޒިކުރާތަކެކެވެ. އަޅުގަނޑުމެން މި ހަނދާންތަކާ ވަކިނުވެ ތިބެން ޖެހޭނެއެވެ.

މި މަތިވެރި ޙާދިސާއިން މޭވާ ބިންނަން ވަނީ ޖެހިފައެވެ. އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަމާއި މިނިވަން އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަ ކުރުމަށް ޓަކައެވެ. އަޅުގަނޑުމެންގެ ހިއްމަތްތައް ވަރުގަދަކޮށް އަޅުގަނޑުމެންގެ މަގަށް އަލި ކުރުމަށް ޓަކައެވެ. ކީރިތި ރަސޫލާ ﷺ ގެ އަރިހުން އުނގެނުމަށްޓަކައެވެ. އެކަލޭގެފާނުގެ ސަޙާބީން އެކަލޭގެފާނުގެ މަދަރުސާއިން ދަސްވެނިވެވަޑައިގެންނެވި ގޮތަށް ދަސްވެނިވުމަށް ޓަކައެވެ. މި ޒަމާނުގައި ﷲގެ ވަޖްހުފުޅަށް ޓަކައި ހިޖްރަ ކުރާނެ މަގުތައް ދެނެގަތުމަށް ޓަކައެވެ.

ހިޖްރައިގެ މާނަ

ބަހަށް ބަލާއިރު ހިޖްރައަކީ ތަނަކުން ތަނަކަށް ނަޤުލުވުމެވެ. އެހެނަސް ޢިލްމުވެރީން ވިދާޅުވާގޮތުގައި އެއީ އާދަކާދައިން ޢިބާދާތަށް، ޣާފިލުކަމުން ޒިކުރުކުރުމަށް، ﷲގެ ޙަޟްރަތާ ފޭވެ ދުރުގައި ހުރިހުރުމުން އެކަލާނގެ ޙަޟްރަތާ  ކުއްތަންކުރުވާ އީމާނީ ތަޢައްބުދީ ސުލޫކު އޭގައި ބައްޓަން ވެފައިވާ ނަޤުލުވުމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (المهاجرُ مَنْ هَجَرَ ما نَهى اللهُ عنه [2]– މުހާޖިރަކީ ﷲ ނަހީ ކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެފައިވާ މީހާއެވެ.) ހިޖްރައަކީ އޯގާވެރި ވަސީލަތެކެވެ. މި ވަސީލަތުގެ ސަބަބުން އަނިޔާވެރިކަމާއި، މީހުން ނިކަމެތި ކުރުމާއި، މީހުން ބައިބައިކުރުމާއި އެކަހެރި ކުރުމުން ދުރުހެލިވެވޭނެތެވެ. މި ކަމުގެ ސަބަބުން މުޖަތަމަޢު ބާރުވެރި ކުރެވި، ޢަދްލު އިންސާފާއި މިނިވަންކަމާއި އެއްބައެއްވަންތަކަމާ ދިމާއަށް ދެވޭނެތެވެ. الله ތައާލާ ވަޙީ ކުރެއްވިއެވެ. (وَاهجُرهُم هَجرًا جَميلًا [3] – އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ!‎)

އެހެންކަމުން ހިޖްރައަކީ ފަރްދީ ސުލޫކާއި އުންމަތުގެ ޙާލަތު އޭގައި ޝާމިލުވާ މަފްހޫމެކެވެ. މިއީ ޒަމާނާއި ތަނާއި ޙާލަތާ އެއްގޮތަށް އައުވެއައުވެ ދެމި އޮންނާނެ މާނަތަކެކެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅަކީ (لا هجرةَ بعدَ الفتحِ ولكنْ جهادٌ ونيَّةٌ[4] މައްކާ ފަތަޙަކުރެއްވުމަށްފަހު ހިޖްރަކުރުމެއް ނެތެވެ. އެހެނަސް އެއަށްފަހު އޮންނާނީ ޖިހާދުކުރުމާއި ނިޔަތެވެ.)

ހިޖްރައިގެ ބައެއް މާނަތައް

  • ހިޖްރައަކީ އެ ކަމުގައި ހޭދަކުރުމާއި ޤުރްބާންވުން ހިމެނޭ ކަމެއް: ހިޖްރައިން އުނގެނެންޖެހޭ މުހިއްމު ފިލާވަޅުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ދަޢުވަތަކަށް ކާމިޔާބާއި ނަޞްރު ލިބޭނީ ހޭދަކުރުމާއި ޤުރްބާނީތަކުންކަމެވެ. ކީރިތި ރަސޫލާ ﷺ ހިޖްރަ ކުރެއްވުމަށް ޓަކައި މައްކާއިން ނުކުމެވަޑައިގެންނެވި ރޭ މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލައްޕަވަން އޮންނެވިއިރު އެކަލޭގެފާނުގެ ހަށިކޮޅު މި ވަނީ މުޝްރިކުންގެ ނުބައި ރޭވުމަށް ހާސާ ކުރައްވައިފައެވެ. ކީރިތި ރަސޫލާ ﷺ އަށް ޓަކައި މިވަނީ ޤުރްބާން ކުރައްވައިފައެވެ. އެމީހުން ދީފާނެ އެއްވެސް ޙަމަލާއަކަށް ނުބައްލަވައި ރަސޫލާގެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވީ ފުރިހަމަ އީމާންކަމާއެކުގައެވެ. މި ކަމުގައި ފެންނަ ދެވަނަ ބަޠަލަކީ މާތްﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނެވެ. އެކަލޭގެފާނު ކީރިތި ރަސޫލާ ﷺގެ އަރިހުގައި ހިޖްރައަށް ވަޑައިގަތުމަށް ނުކުމެ ވަޑައިގަތީ އެކަލޭގެފާނުގެ ހުރިހާ މުދަލެއް އިސްލާންދީނަށް ޓަކައި ހޭދަކުރައްވުމަށް ހިއްޕަވައިގެންނެވެ. އެކަލޭގެފާނުގެ އެއްވެސް ބޭފުޅަކަށް އެއްވެސް އެއްޗެއް ނުބަހައްޓަވައެވެ. އެކަލޭގެފާނު އިސްކަން ދެއްވީ މި ތާރީޚީ ދަތުރުފުޅުގައި ކީރިތި ރަސޫލާ ﷺގެ އަރިހުގައި ހުންނެވުމަށެވެ. އިސްލާމީ އުންމަތް ނިކަމެތިވެ ދީނުގެ ދުޝްމަނުންގެ ކުރިމަތީގައި ބަނޑުޖަހަމުންދާ ވަގުތެއްގައި މިއީ ވަރަށް ބޭނުންތެރި ފިލާވަޅެކެވެ. މިއަދު މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ އެދުމަކީ ކިތަންމެ ނިކަމެތި ޙަޔާތަކަށް ވިޔަސް ދުނިޔޭގައި އުޅެވޭތޯ ބެލުމެވެ. ކީރިތި ރަސޫލާ ﷺ ސިފަކުރައްވާފައިވާ ފަދައިން އިސްލާމީ އުންމަތް މިވަނީ އެހެން ޤައުމުތަކަށް ހުޅުވާލެވިފައިވާ ޖާފަތަކަށް ވެފައެވެ. މުސްލިމުންގެ ޢަދަދު މަދުވެގެންނެއް ނޫނެވެ. އެހެނެއް ކަމަކު އެމީހުންގެ އީމާންކަމުގެ ބަލިކަށި ކަމުންނެވެ.
  • ބޮޑެތި މަސައްކަތްތައް ކުރެވޭނީ އެކަމުގައި ހިމެނޭ ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންވާ ތަޖްރިބާކާރު ހިތްވަރު ގަދަ މީހުން ތިބެގެންނެވެ. ކީރިތި ރަސޫލާ ﷺގެ ދަތުރުފުޅުގައި ބައިވެރިއެއްގެ ގޮތުގައި އިޚްލާޞްތެރި މިތުރަކު ގެންދެވިއެވެ. އެއީ އަބޫބަކްރުގެފާނެވެ. އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވުމަށް ޓަކައި ޢަލީގެފާނު ހަމަޖެއްސެވިއެވެ. އެކަލެގެފާނަށާއި އަބޫބަކްރުގެފާނަށް ބޭނުންފުޅުވާ ފަރިއްކޮޅު ތައްޔާރުކުރައްވައިގެން އެދެބޭކަލުންގެ އަރިހަށް ގެންނެވުމަށް ޓަކައި އަސްމާގެފާނު ހަމަޖެއްސެވިއެވެ. ޤުރައިޝުންގެ ޚަބަރުތައް ހޯއްދަވައި މި ޚަބަރުތައް އެކަލޭގެފާނާ ހަމައަށް ގެނެސް ދެއްވުމުގެ މަސައްކަތް ޢަބްދުﷲ ބިން އަބީބަކްރުގެފާނާ ޙަވާލު ކުރެއްވިއެވެ. ދުޝްމަނުންނަށް އޮޅުވައިލުމާއި ވަންހަނާކުރުމުގެ މަސައްކަތް ކުރެއްވީ އަބޫބަކްރުގެފާނުގެ ނޯކަރެއްކަމުގައިވާ ޢާމިރުގެފާނެވެ.
  • ޙިޖްރައަކީ  ރޭވުންތެރިކަމާއި މަންހަޖެއް: އިންސާނިއްޔަތު ޝިރްކުގެ ނުބައި ކަމުން ސަލާމަތް ކޮށް ޢަދްލު އިންސާފުގެ މުޖްތަމަޢަކަށް ގެނެވޭނީ އެކަމަށް ބޭނުންވާ މަންހަޖަކާއި ރޭވުމެއްގެތެރެއިންނެވެ. ކީރިތި ރަސޫލާ ﷺގެ ހިޖްރައަކީ މި މަންހަޖާއި ރޭވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.  ކީރިތި ރަސޫލާ ﷺ އަކީ ﷲގެ ވަޙީއާއި މަދަދު ލިބިވަޑައިގެންފައިވާ ރަސޫލެއް ކަމުގައި ވިޔަސް އެކަލޭގެފާނު ސަބަބުތަކުގައި ހިފެހެއްޓެވިއެވެ. އެކަލޭގެފާނު ހިޖްރައިގެ ދަތުރުފުޅު ކުރެއްވީ  އެކަމަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް ރާއްވަވައިގެންނެވެ. ދަތުރުފުޅު ކުރައްވާނެ މަގު ކުރައްސަވައިގެންނެވެ. ޤުރައިޝުންނަށް އޮޅުވައިލެއްވުމަށް ޓަކައި ބޭނުންވާ ހުރިހާ ކަމެއް ކުރައްވައިގެންނެވެ. އެކަލޭގެފާނު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ތިން ދުވަހު މަޑުކުރެއްވިކުރެއްވުމަކީ މުޝްރިކުންނަށް އޮޅުވައިލެއްވުމުގެގޮތުން ކުރެއްވި ކަމެކެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވުމަށް ޓަކައި ދަތުރުފުޅު ކުރެއްވީ އައްސޭރި މަގުންނެވެ. މިއީ ޢާއްމު ގޮތެއްގައި މީހުން މަދީނާއަށް ދަތުރުކޮށް އުޅުނު މަގެއްނޫނެވެ. މިއީ ކީރިތި ރަސޫލާ ﷺ އަޅުގަނޑުމެންނަށް ދެއްވި ވަރަށް މުހިއްމު ދަރެހެކެވެ. ކަންކަން ކާމިޔާބު ކުރެވޭނީ ރަނގަޅަށް ރާވައިގެންނެވެ. ކައު ރަސޫލާގެ މި ރޭއްވެވުމަށް ބަލައިގެން އިސްލާމީ އުންމަތްވެސް މިއަދު ތެދުވަން ވަނީ ޖެހިފައެވެ. މި އުންމަތަށް ޙައްޤު މަޤާމު ޙާޞިލު ކުރެވޭނީ އެކަމަށް ޓަކައި މައިދާނަށް ނުކުމެގެންނެވެ. ސަބަބުތަކުގައި ހިފަހައްޓައިގެންނެވެ.
  • ހިޖްރައަކީ މިސްރާބު ގެއްލިގެންދާ ވަގުތު މަގު ހޯދުމަށް ޓަކައި ލިބިފައިވާ ސަމުގާއެކެވެ. އާޚިރަތަށްވުރެ ދުނިޔެއަށް ދެވޭ އިސްކަން ބޮޑުވުމުން މިސްރާބު ގެއްލިގެންދާތަން ފެނެއެވެ. ހިޖްރައަކީ ދެވޭ އަހައްމިއްޔަތު އާޚިރަތާ ދިމާއަށް އަނބުރާލަދޭނެ އާލަތެކެވެ. އެއީ ﷲގެ ޙަޟްރަތަށް މީހާ އުފުއްލާދޭނެ އުޅަދެކެވެ. މިއީ ކޮންމެ މުހާޖިރަކުވެސް ކުރާނެ ސުވާލެކެވެ. ﷲގެ ޙަޟްރަތަށް އެނބުރި ދާނީ ކިހިނެއް ހެއްޔެވެ؟ މާތްﷲ ބަސްފުޅަކީ ކޮބައި ހެއްޔެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. (إِنَّ اللَّهَ مَعَ الَّذينَ اتَّقَوا وَالَّذينَ هُم مُحسِنونَ [5]– ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.) ކީރިތި ރަސޫލާ ﷺގެ ހިޖްރަ ދަތުރުފުޅާ ބެހޭގޮތުން މާތްﷲ ވަޙީ ކުރެއްވި ބަސްފުޅު އަޑު އައްސަވާށެވެ! އެކަލާނގެ ވަޙީ ކުރެއްވިއެވެ. ( إِلّا تَنصُروهُ فَقَد نَصَرَهُ اللَّهُ إِذ أَخرَجَهُ الَّذينَ كَفَروا ثانِىَ اثنَينِ إِذ هُما فِى الغارِ إِذ يَقولُ لِصٰحِبِهِ لا تَحزَن إِنَّ اللَّهَ مَعَنا ۖ فَأَنزَلَ اللَّهُ سَكينَتَهُ عَلَيهِ وَأَيَّدَهُ بِجُنودٍ لَم تَرَوها وَجَعَلَ كَلِمَةَ الَّذينَ كَفَرُوا السُّفلىٰ ۗ وَكَلِمَةُ اللَّهِ هِىَ العُليا ۗ وَاللَّهُ عَزيزٌ حَكيمٌ – ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.)
  • މުޢާވިޔަތު ބިން އަބީ ސުފްޔާނުގެ އަރިހުން ރިވާވެގެން ވެއެވެ. (لا تنقطِعُ الهجرةُ حتى تنقطِعَ التوبةُ، ولا تنقطِعُ التوبةُ حتى تطلُعَ الشمسُ مِن مَغرِبِها [6]– ތައުބާ ޤަބޫލު ކުރެއްވުން ހުއްޓިއްޖައުމަށްދާންދެން ހިޖްރަކުރުން ހުއްޓިގެން ނުދާނެތެވެ. އަދި ހުޅަގު ފަރާތުން އިރުއަރައްޖައުމަށްދާންދެން ތައުބާ ޤާބޫކުރެއްވުން ހުއްޓިގެން ނުދާނެތެވެ.) ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތަކުން އެނގޭގޮތުގައި މައްކާ ފަތަޙަވުމަށްފަހު ހިޖްރަ ކުރުމެއް ނެތެވެ. އެހެނަސް މާނަވީ ހިޖްރަ ކުރުމަށް ހުއްޓުމެއް ނެތެވެ. މާނަވީ ހިޖްރަކުރުމަކީ މުއުމިނާގެ ނިޔަތާ ގުޅިފައިވާ ކަމެކެވެ. އޭނާގެ ކޮންމެ ޢަމަލަކީ އެކަމުގައި ހިޖްރަކުރުން ޝާމިލުވާ ކަމެކެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (وَمَن يُهاجِر فى سَبيلِ اللَّهِ يَجِد فِى الأَرضِ مُرٰغَمًا كَثيرًا وَسَعَةً ۚ وَمَن يَخرُج مِن بَيتِهِ مُهاجِرًا إِلَى اللَّهِ وَرَسولِهِ ثُمَّ يُدرِكهُ المَوتُ فَقَد وَقَعَ أَجرُهُ عَلَى اللَّهِ ۗ وَكانَ اللَّهُ غَفورًا رَحيمًا- ﷲގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.) ދުނިޔެއިން ޙާޞިލު ކުރެވޭތޯ މަސައްކަތް ކުރަންވީ ﷲގެ ވަޖްހުފުޅެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުމެވެ. ދުނިޔޭގެ ހަނގުރާމައިގެ ޙަޤީޤީ ކާމިޔާބީއަކީ މިއެވެ.

ނިންމުން

އާދެ! ނަބަވީ ހިޖްރައަކީ އިސްލާމީ ދައުލަތުގެ ބިންގަލެވެ. އެއީ އިސްލާމީ ދަޢުވަތު އައު އުސްމިންތަކަށް ގެންގޮސްދިން ޖައްވީ އުޅަނދެވެ. މުސްލިމުންނަށް އަމާންކަން ލިބި އެމީހުންގެ ދީނަށް ޓަކައި މަސައްކަތް ފެށުމަށް މައިދާން ތަނަވަސްކޮށްދިނީ މި މާތް ހިޖްރައެވެ. ﷲގެ ޝަރްޢާއި ﷲއަށް އަޅުކަން ޚާލިޞް ކުރުމުން މެނުވީ އިންސާނިއްޔަތަށް ބާއްޖަވެރިކަމެއް ނެތެވެ.

ކީރިތި ރަސޫލާ ﷺ ގެ ބަރަކާތްތެރި ހިޖްރަ އުންމަތަށާއި އުންމަތުގެ އެންމެހައި ފަރްދުންނަށް ގޮވައިލަނީ ﷲއަށް އުރެދުމުގެ އަނދިރިކަމުން ބޭރަށް ހިޖްރަކުރުމަށެވެ. މި ހިޖްރަ ގޮވައިލަނީ ހަވާނަފްސުގެ ކަސްތޮޅުތަކުން ބޭރަށް ނުކުމެ ﷲގެ ނޫރާނިއްޔަތަށް ހިޖްރަކުރުމަށެވެ. މި ހިޖްރަ ގޮވައިލަނީ އަހުރެންވަންތަކަމުގެ ޢާލަމުން ބޭރަށް ނުކުމެ އަހުރެމެންވަންތަކަމުގެ ޢާލަމަށް ހިޖްރަކުރުމަށެވެ.

 

[1]  – ހޣކތހގ : 30

[2]  – أخرجه الترمذي (١٦٢١)، وأحمد (٢٤٠١٣)

[3]  –  المزمل :10

[4]  – أخرجه البخاري (٢٧٨٣) ومسلم (١٣٥٣)

[5]  –  النحل : 128

[6]  – أخرجه أبو داود (٢٤٧٩)، وأحمد (١٦٩٥٢) واللفظ لهما، والنسائي في «السنن الكبرى» (٨٧١١)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *