...

Support Us

ބަދަލުތަކެއް ގެނައި ވަޔެއްގެ އޮއިވަރު

މިއީ ލުއި ރޯޥލްސްގެ ’ޓްރޭޑް ޥިންޑްސް‘ މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. ލަވައާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލުމުގެ ކުރިން، އެންމެ ފުރަތަމަ ’ޓްރޭޑް ޥިންޑްސް‘ މި ލަފުޒާއި އަދި ލަވަކިޔުންތެރިޔާ ލުއި ރޯޥލްސްއާ ބެހޭ ގޮތުން އެއްޗެއް ލިޔެލަން ގަސްދުކުރަމެވެ.

’ޓްރޭޑް ޥިންޑްސް’ އަކީ، އާއްމުގޮތެއްގައި، ދުނިޔޭގެ އުތުރު ފަޅިން އިރުއުތުރުންނާއި އަދި ދެކުނުފަޅިން، އިރުދެކުނުން ޖެހޭ ވައިރޯޅިއަކަށް ކިޔާ ނަމެކެވެ. އެ ވައި ޖެހެނީ ދުނިޔޭގެ މެދާއި ކައިރިން، އިސްތިވާއީ ރޮނގާހަމައިން، ސަތުހުންނެވެ. އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑާއި އަދި އިންޑިޔާ ކަނޑުގައި އުފެދޭ ތޫފާނުތައް އެމެރިކާއާއި އެފްރިކާއާއި ދެކުނު އޭޝިއާގެ ބައްރުތަކަށް ގެންގޮސް ފޯރުކޮށްދެނީ މި ވައެވެ. އަދި އެފްރިކާގެ ބިމުގެ ހިރަފުސް، ހުޅަނގުން، އެޓްލާންޓިކް ކަނޑު ހުރަސްކޮށް، ކެރީބިއަން ކަނޑަށާއި އުތުރު އެމެރިކާގެ އިރުދެކުނު ބައެއް ހިސާބުތަކަށް ވެސް ގެންގޮސްދެއެވެ. މީގެ އިތުރުން، ބޯކޮށް ވާރޭވެހުން ވެސް، މި ވަޔާއި ގުޅިފައިވެއެވެ. އާދެ، ތޫފާނާއި ހިރަފުހާއި ވާރޭ މިވަޔާއި، ގުޅިފައިވެއެވެ. މި މާނަ ތަކަށް ރިއާޔަތްކޮށް، ލަވައިގައި، ’ޓްރޭޑް ޥިންޑްސް‘ މާނަކުރެވިފައިވާނީ ’ބަދަލުތަކެއް ގެނައި ވަޔެއްގެ އޮއިވަރެއް‘ މި ފަދައިންނެވެ.

ދެން ލަވަކިއުންތެރިޔާގެ ކުޑަ ތައާރުފެއް ހުށަހަޅާލާނަމެވެ. މިލަވަ ކިޔައިފައިވަނީ ލުއި އެލަން ރޯޥްލްސް އެވެ. އޭނާއަކީ އެމެރިކާގެ ފަންނާނެކެވެ. އުފަންވީ 1933މ. ވަނަ އަހަރުއެވެ. މި ދުނިޔެ ދޫކޮށްދިޔައީ 2006މ. ގައެވެ. އޭނާއަކީ ލަވަކިޔުންތެރިއެއްގެ އިތުރުން، ލަވަކިޔުންތެރިއެއް ވެސް މެއެވެ. އަދި ފިލްމުތަކުގައި ހަރަކާތްތެރިވި މުމައްސިލެއްވެސް މެއެވެ. ނަމަވެސް، އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާ ވަނީ 60 އަލަބަމް އުފައްދައިފައެވެ. އަދި އޭނާގެ ލަވަހޮޅި ވިކުނު އަދަދު ސާޅީސް މިލިޔަނަށްވުރެ މަތި ކަމަށް ބުނެވެއެވެ.

މި ލަވަ ލިޔެފައިވަނީ އެމެރިކާގެ ދެ ލަވަލިޔުންތެރިއެކެވެ. ރާލްފް މެކްޑޮނަލްޑާއި ޥިލިޔަމް ސޯލްޓަރ އެވެ. މި ލަވަ ނިކުމެފައިވަނީ 1977މ. ގައެވެ. ލަވައިގައި ބަލައިލެވިފައިވަނީ މުޖުތަމައުއަށް އަންނަމުންދާ ބައެއް ބަދަލުތަކުގެ މައްޗަށެވެ. އިގުތިސާދީ ކުރިއެރުމާއި އަދި، ކަމޭހިތުމާއި އެކަކު އަނެކަކަށް އަޅާލުންފަދަ، މުޖުތަމައުގެ ބައެއް އަގުތައް ގެންލިގެން ދިޔުމުގެ ސަބަބުން އަންނަ ބަދަލުތަކެވެ. މުޖުތަމައުގައި އިގްތިސާދީ ފަންތިތައް އުފެދުމެވެ. މުއްސަނދިންނާއި ފަގީރުންނެވެ. ލިބޭ މީހުންނާއި ނުލިބޭ މީހުންނެވެ. މުދަލާއި ފައިސާވެރިންނާއި އެއިން މަހުރޫމުވެފައިވާ މީހުންނެވެ. ބާރުވެރިންނާއި ނިކަމެތިންނެވެ. ހައްގުތައް ލިބިފައިވާ މީހުންނާއި ހައްގުތަކުން އުނިކުރެވިފައިވާ މީހުންނެވެ. އަދި އިގުތިސާދީގޮތުން ކުރިއަށް ދިޔުމުގެ ފުރުސަތު އޮތް މީހުންނާއި އެ ފުރުސަތު ނެތް މީހުންނެވެ.

މިކަމުގެ ސަބަބުން ނޭދެވޭ އިޖުތިމާއީ ބަލިތައް ފެތުރިގެން ދެއެވެ. މީހުންގެ ތެރެއިން އަޚުވަންތަކަމާއި ގާތްކަމުގެ ގުޅުން ގެއްލިދިޔުމެވެ. އެކަކު އަނެކަކަށް ކަމޭ ހިތުމާއި އަޅާލުމުގެ ސިފަ ނެތިދިޔުމުވެ. މީގެ ބަދަލުގައި މުޖުތަމައުގައި ފެތުރިގެންދަނީ އެކަކު އަނެކަކަށް ހެޔޮނޭދުމުގެ ހަސަދަލުމުގެ އަލިފާނެވެ. ނުބައި ނިޔަތްލުމާއި އަނެކުންގެ ހަލާކަށް އެދުމުގެ ނުބައި ވަބާއެވެ.

އިގްތިސާދީ ފުރުސަތު އެންމެންނަށް ނެތުމުން، ދެން ފެންނަނީ ވަޒީފާ ނެތިފައި އުޅޭ ޒުވާނުންތަކެވެ. ފިރިހެން ކުދިންނާއި އަންހެން ކުދިންނެވެ. ފިރިހެން ކުދިން މަގުމަތީގައި އާވާރާވެގެން އުޅެނީއެވެ. އެހެން އުޅުމުގައި ވިޔާނުދާ އަމަލަތަކަށް އަރައިގަތުން އޮންނަނީ ދާދި ކައިރީގައެވެ. މަސްތުވާތަކެތި ބޭނުންކުރުމެވެ. އަދި މި މަގުގައި ހިނގުން ދެން ގެންދަނީ ވައްކަންކުރުމާއި ދިމާއަށެވެ. މަސްތުވާތަކެތި ގަންނަން ފައިސާން ހޯދަން ޖެހޭތީއެވެ. ދެން ގަޔަށް އަތްލައި މަރާމާރީ ހިންގުވެސް އޮންނަނީ ދާދި ފަސޭހަ ކަމަކަށްވެފައެވެ. އަނެއްކޮޅުން އަންހެންކުދިން ފައިސާ ހޯދަން ނިކުންނަނީ މަގުމައްޗަށެވެ. އެކުދިންގެ ހަށި ވިއްކުމަށެވެ. އެކުދިން ބަދަލުވެގެން ދަނީ ކަސްބީ އަންހެނުންނަށެވެ.

ލަވައިގައި ފާހަގަކުރާ ގޮތުގައި، އެންމެ ބޮޑު ހިތާމައަކީ، މިހެން ކަންތައްތައް ވަމުންދާއިރު ވެސް، ރަނގަޅު ހެޔޮލަފާ މީހުންވެސް އަޅާނުލާ ތިބުމެވެ. އިސްލާހުގެ މަގަށް މަސައްކަތްކުރަން ނޫޅުމެވެ. އަދި، ކިއެއް ހެއްޔެވެ؟ އެފަދަ ބައެއް މީހުންވެސް، މި އޮއިވަރުގައި ޖެހި ހަލާކުވުމެވެ. ލަވައިގައި އިޝާރަތް ކުރަނީ މިހެން އަޅާނުލާ ނުތިބުމަށެވެ. އަދި، އިސްލާހަށްޓަކައި އަތުކުރި އޮޅާލައި، ހެޔޮގޮތް ޚިޔާރުކުރުމަށެވެ. މިކަން ފެށެނީ އެކަކު އަނެކަކަށް ލޮބުވަތައި އިހުތިރާމު ކުރުމުންނެވެ. މި ލަނޑުދަނޑިއާ ހަމައަށް ދެވޭނީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮތް އިގްތިސާދީ ތަފާތު ކުޑަކުރެވިގެންނެވެ. ސަލާންޖަހަންނުޖެހި، އެމީހުންގެ އަސާސީ ބޭނުންތައް، ފުއްދޭނޭގޮތް ހެދިގެންނެވެ. އެމީހުންގެ އަބުރާއި އިއްޒަތް، އެމީހުންގެ އިންސާނީ ކަރާމަތް ހިފަހައްޓައި ދެމެހެއްޓިގެންނެވެ.

ހިޔަރ އައި ސްޓޭންޑް، ލުކިން އަރައުންޑް މީ،

ޥައިލް އޯލް އަރައުންޑް މީ ޥަޓް ޑޫ އައި ސީ؟

މިތާ ކޮޅަށް ތެދުވެ ބަލަހައްޓައިގެން އަހަރެން އެބަހުރީމެވެ. އަހަރެންގެ ވަށައިގެން (ވަމުންދާ ކަންތައް ތަކަށް) ބަލަހައްޓައިގެންނެވެ.

މިހެން ކޮޅަށް ހުންނައިރު އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަ [މަންޒަރަކީ] ކޮބާ ހެއްޔެވެ؟

އަންހެޕީ ފޭސަސް ބިހައިންޑް އަ ޕެއިންޓަޑް ސްމައިލް

ހާރޓްއޭކް އެންޑް ލޯންލިނަސް ޑްރެސްޑް އަޕް އިން މޮޑަރން ސްޓައިލް

އަންހެޕީ ޕީޕަލް ލިވިން އިން ސިން އެނޑް ޝޭމް

ރިފްލެކްޝަންސް އޮފް މައިސެލްފް، ލައިފް އިޒް ނޯ އީޒީ ގޭމް

ހިތްހަމަނުޖެހިފައި ތިބި މޫނުތަކެވެ. ކުރަހާލެވިފައިވާ [އެބަހީ ހަގީގީނޫން] ހިނިތުންވުމެއްގެ ފުރަގަހުގައިވާ [މޫނުތަކެކެވެ.]

ހިތުގެރިހުންތަކާއި އެކަނިވެރިކަން [ބަރުދާސްތުކުރަމުންދާ ބައެކެވެ]. [މިކަންކަން] ޒަމާނީ ހެދުމުން ހެދުންއަޅައި ފޮރުވައިގެން [ތިބި ބައެކެވެ].

ފާފަ ކުރުމުގައްޔާއި ލަދުވެތި ކަންތައްތައް ކުރުމުގައި ހިތްހަމަނުޖެހި ތިބި މީސްމީހުންނެވެ.

މިއީ ހަމަ އަހަރެންގެ އަމިއްލަ ނަފްސަށް ފެންނަ ފެނުންތަކެކެވެ.

[އާނއެކެވެ!] ދިރިއުޅުމަކީ މާފަސޭހަ ކަމެއްނޫނެވެ.

ޥީ އާރ ކޯޓް އިން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަޥަރ ޓައިމް

އަހަރުމެންވަނީ ބަދަލުތަކެއް ގެނައި ވައެއްގެ އޮއިވަރުގައި ޖެހިތާށިވެފައެވެ.

އަހަރުމެންގެ މިޒަމާނަށް ބަދަލުތައް ގެނައި ވައިގެ އޮއިވަރުގައެވެ.

ހިޔަރ އައި ސްޓޭންޑް، ލުކިން އަރައުންޑް މީ،

ޥައިލް އޯލް އަރައުންޑް މީ ޥަޓް ޑޫ އައި ސީ؟

މިތާ ކޮޅަށް ތެދުވެ ބަލަހައްޓައިގެން އަހަރެން އެބަހުރީމެވެ. އަހަރެންގެ ވަށައިގެން (ވަމުންދާ ކަންތައް ތަކަށް) ބަލަހައްޓައިގެންނެވެ.

މިހެން ކޮޅަށް ހުންނައިރު އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަ [މަންޒަރަކީ] ކޮބާ ހެއްޔެވެ؟

ޔަންގް ގާރލްސް ހޫލް ބިކަމް ސްޓްރީޓް ޥާރކާރސް އިން ދަ ނައިޓް

ޔަންގެ ބޯއިޒް، ދަ ރެސްޓްލަސް ބްރީޑް، ލުކިން ފޯރ އަ ފައިޓް

[އެއްކޮޅުން] ޒުވާން އަންހެން ކުދީންނެވެ. [އަޚުލާގީ މާތްސިފަތަކާ ދުރުވެ،] މަގުމަތީގައި ރޭގަނޑު [ކަސްބީ] މަސައްކަތް ކުރާ [ބަޔަކަށް]، ދާދިއަވަހަށް، ވެގެން ހިގައިދާނެ ކުދީންނެވެ.

[އަނެއްކޮޅުން] ޒުވާން ފިރިހެން ކުދީންނެވެ. [އަޚުލާގީ މާތްސިފަތަކާ ދުރުވެ،] އެއްވެސް ގަރާރުކަމެއްނެތި [އެބަހީ، މަގުމަތީ އާވާރާވެގެން އުޅޭ،] އަބަދުމެ، [ގަޔަށް އަތްލާ] މަރާމާރީ ހިންގުމަށް ތައްޔާރުވެ ތިބި ޖީލެއްގެ ކުދީންނެވެ.

ޗިލްޑރަން ބޯތްހ ރިޗް އެނޑް ޕޯރ

ދޭ އާރ ސާރޗިން ފޯރ ދަ ޓްރުތްހ

އެނޑް އިފް ދޭ ޑޯންޓް ފައިންޑް އިޓް

ގޯޑް ހެލްޕް ޓުމޯރޯސް ޔޫތްހ!

މުއްސަނދި ކުދީންނާއި ފަގީރު ކުދީންވެސް މެއެވެ.

މިހުރިހާ ކުދީން ވެސް ހައްގާއި ބާތިލު [އޮޅި، އެކަން] ހޯދައި ވަކިކުރަން މަސައްކަތް ކުރަނީ އެވެ.

މި ކުދީންނަށް ހައްގާއި ބާތިލު އޮޅުންފިލައި ވަކިނުކުރެވިއްޖެ ނަމަ، [ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.!]

މާތްރަސްކަލާނގެ އަހަރުމެންގެ މާދަމާގެ ޒުވާން ޖީލަށް އެހީތެރިވެ ވޮޑިގެން [އެކުދީންނަށް ހެޔޮމަގު ދައްކަވާށިއެވެ!]

އޯ ޔެސް، ޥި’އަރ ކޯޓް އިން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަވަރ ޓައިމް

އާއެކެވެ.

އަހަރުމެން މިވަނީ ބަދަލުތަކެއް ގެނައި ވައެއްގެ އޮއިވަރުގައި ޖެހިތާށިވެފައެވެ.

އަހަރުމެންގެ މިޒަމާނަށް ބަދަލުތައްގެނައި ވައިގެ އޮއިވަރުގައެވެ.

ޓްރޭޑް ވިންޑްސް އާރ ބޮލޮވިންގް އަރައުންޑް މީ

ޥައިލް އޯލް އަރައުންޑް މީ، ޥަޓް ޑޫ އައި ސީ؟

ބަދަލުތަކެއް ގެންނަމުންދާ ވައެއް އެބަ ޖެހެއެވެ. އަހަރެންގެ ވަށައިގެން އެވައި ޖެހެމުން އެބަދެއެވެ.

[މިވައި ޖެހެމުންދާއިރު] އަހަރެންގެ ވަށައިގެން އަހަންނަށް ފެންނަ [މަންޒަރަކީ] ކޮބާ ހެއްޔެވެ؟

ހޭޓްރަޑް އެންޑް ޖެލެސީ، ބްރަދަރ ހުޑް އިޒް ޑާއިން

ލަވް އިޒް ދި އާންސްވަރ، ބަޓް ނޯ ބޮޑީ އިޒް ބާއިން

[ދޭދޭ މީހުންގެ މެދުގައި އޮތް] ނަފުރަތާއި ހަސަދަވެރިކަމެވެ.

[އެމީހުންގެ ތެރޭގައި އޮތް] އެއްބަނޑު އެއްބަފާކަން ނެތިދާތަނެވެ.

[މިކަންކަމަށް އޮތް ހަމައެކަނި] ހައްލަކީ [އެކަކު އަނެކަކަށް] ލޮބުވަތައި [އިހުތިރާމު ކުރުމެވެ.] އެހެންނަމަވެސް އެކަކުވެސް [މިކަން] ގަބޫލުކޮށް ބަލައެއް ނުގަނެއެވެ.

ގުޑް ޕީޕަލް އާ ޓާރނިން ބޭޑް، ސަމް ޑޯންޓް، ބަޓް ދޭ އާރ ފިއުޥް

ދަ ޥިންޑްސް އާރ ބޮލޯޥީންގް، ދަ ޗޮއިސް އިޒް އޯލް އަޕް ޓު ޔޫ

ހެޔޮލަފާ މީހުންވެސް ނުބައިވަނީއެވެ.

ބައެއް މީހުންނަށް އެހެނެއް ނުވެއެވެ. ނަމަވެސް އެއީދާދި މަދުބައެކެވެ.

ބަދަލުތައް ގެންނަ ވައި އަންނަނީ ޖެހެމުންނެވެ.

[ރަގަނޅު ގޮތް] ޚިޔާރު ކުރުމުގެ [މިނިވަންކަން] ކަލޭމެންގެ އަތްމަތީ އެބައޮތެވެ.

ޥި’އަރ ކޯޓް އިން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަޥަރ ޓައިމް

ޔޭ ޔޭ ޔޭ

އަހަރުމެން މިވަނީ ބަދަލުތަކެއް ގެނައި ވައެއްގެ އޮއިވަރުގައި ޖެހިތާށިވެފައެވެ.

އަހަރުމެންގެ މިޒަމާނަށް ބަދަލުތައް ގެނައި ވައިގެ އޮއިވަރުގައެވެ.

އާއެކެވެ. އާއެކެވެ. އާއެކެވެ. އާއެކެވެ.

ޔެސް، ޥި’އަރ ކޯޓް އިން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަޥަރ ޓައިމް

ޥީ އާރ ރައިޑިން އޮން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަޥަރ ޓައިމް

އާއެކެވެ. އަހަރުމެންވަނީ ބަދަލުތަކެއް ގެނައި ވައެއްގެ އޮއިވަރުގައި ޖެހިތާށިވެފައެވެ.

އަހަރުމެންގެ މިޒަމާނަށް ބަދަލުތައް ގެނައި ވައިގެ އޮއިވަރުގައެވެ.

އަހަރުމެން [ހަޔާތުގެ ނައު] ދުއްވަމުންމިދަނީ ބަދަލުތަކެއް ގެންނަމުންދާ ވައެއްގެ އޮއިވަރުގެ ތެރޭގައެވެ.

ޔެސް، ޥި’އަރ ކޯޓް އިން ދަ ޓްރޭޑް ޥިންޑްސް

ދަ ޓްރޭޑް ޥިންޑްސް އޮފް އަޥަރ ޓައިމް

އާއެކެވެ. އަހަރުމެންވަނީ ބަދަލުތަކެއް ގެނައި ވައެއްގެ އޮއިވަރުގައި ޖެހިތާށިވެފައެވެ.

އަހަރުމެންގެ މިޒަމާނަށް ބަދަލުތައް ގެނައި ވައިގެ އޮއިވަރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *