...

Support Us

ކޮލަމް މާޒީ: ލޯކަލް ކައުންސިލްތަކަކީ ކާކުގެ އުފެއްދުމެއް؟

ދިވެހިރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ ލޯކަލް ނިޒާމަކީ ވަކި ބަޔެއްގެ "ދަރިއެއް"ކަމަށް ވަކާލާތުކުރާ ބަޔަކު އުޅެއެވެ. ނަމަވެސް އެއީ ހަގީގަތާ ވަރަށް ދުރު ވާހަކައެކެވެ. ދިވެހިރާއްޖެ ލާމަރުކަޒީ ނިޒާމުން އެންމެ ރަނގަޅަށް ހިނގައިފައިވަނީ 1961 ވަނަ އަހަރާއި 1975 ވަނަ އަހަރާއި ދެމެދުގައި "އަތޮޅު ކޮމިޓީގެ ޤާނޫނު"ގެ ދަށުންކަން ފާހަކަކޮށްލަމެވެ. މިއަދު މި ހިނގާ ލާމަރުކަޒީ ނިޒާމުގެ ފެށުމަކީ އެއީ ކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެ ނިޒާމު އުވި، މަރުކަޒީ ނިޒާމަށް އެ ނިޒާމު ބަދަލުވެފައި ވަނިކޮށް، އަލުން ލާމަރުކަޒީ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ރައީސް މައުމޫންގެ ޒަޢާމަތުގެ ފަހުކޮޅުގައެވެ. މި ކަން އެންމެ ބާރަށް ހިންގަވައިލައްވާން ޙަވާލުކުރެއްވީ މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް އަންނަބީލު މުޙަންމަދު ވަޙީދުއްދީނާއެވެ.

މިހާރު މި ހިނގާ ލޯކަލް ކައުންސިލްތައް ވުޖޫދަށް ގެނައުމަށް ޓަކައި ފާސްކުރި "ލޯކަލް ކައުންސިލްތަކުގެ ޤާނޫނު" ފާސްކުރުމުގައި އަޅުގަނޑު ވެސް ހިއްސާވީމެވެ. ވޯޓުދިނުމުގެ ފުރުޞަތު ވެސް ލިބުނެވެ. އެއީ ރައީސް މައުމޫންގެ ޒަޢާމަތުގައި ފެއްޓެވި މަސައްކަތްޕުޅުގެ އަރަގެވެ. މުޙަންމަދު ވަހީދުއްދީނުގެ އިސްވާރުކަމުގެ ދަށުގައި އެތައް ބަޔަކު ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

މި ނިޒާމު އަލުން ވުޖޫދަށް ގެނައުމުގައި ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ނަސީބު އަޅުގަނޑަށް ވެސް ވަނީ ލިބިފައެވެ. މި ކަމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ޢިލްމީ އަދި ފަންނީ ފެންވަރެއްގައި އޭރުގެ ސަރުކާރުން ކުރެއްވިއެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2006 ވަނަ އަހަރު ޖޫން މަހު ފަހުކޮޅު މާލޭގައި ބޭއްވުނު "އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެއްދުމާ ބެހޭ ޤައުމީ ސެމިނާރ"އެވެ. މި ސެމިނާރުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ހުރިހާ ދާއިރާއަކުން މަންދޫބުން ބައިވެރިކުރެވުނެވެ. މީޑިއާގެ މަންދޫބުން ވެސް ހިމެނޭ ގޮތުންނެވެ. ރާއްޖޭގެ ފުންނާބު އުސް ގިނަ ޢަދަދެއްގެ ޢިލްމުވެރި ބޭފުޅުންނާއި މަތީ ފެންވަރުގެ ބޭބޭފުޅުން އެ ބޭފުޅުންގެ މަޢުލޫމާތާއި ތަޖުރިބާއާއި އިރުޝާދާއި ލަފާ ޙިއްޞާކުރެއްވިއެވެ. އޭރު ޑެޕިޔުޓީ ޑިރެކްޓަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރީ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ ޕްލޭނިންގ ސެކްޝަންގައެވެ. އަޅުގަނޑުގެ ސީދާ ވެރިއަކަށް ހުންނެވީ ޑިރެކްޓަރ މުޙަންމަދު ޝަރީފް ނަފީސެވެ. ވެރީންގެ އެންގެވުމުގެ މަތީން މި ދެންނެވި ސެމިނާރުގެ އެންމެހައި ކަންކަން ރާވައި ވިލަރެސްކޮށް ހިންގީ އަޅުގަނޑުގެ މުޙުތަރަމް އަޚު، (އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ) މުޙަންމަދު ޢާޞިފާއި އަޅުގަނޑާ ދެ މީހުންނެވެ. އެންމެ ކުޑަމިނުން ދަޢުވަތު ކާޑު ފަރުމާކޮށް ޗާޕުކޮށް ކާޑުތައް ބަހައި ހެދީ ވެސް އަޅުގަނޑުމެން އަމިއްލައަށެވެ. ދިމާވި ސަބަބަކާ ހުރެއެވެ. މި ކަމުގެ ހުރިހާ ތަފުޞީލުތަކެއް (އަޅުގަނޑު ފިޔަވައި) އެނގިވަޑައިގަންނަވާނެ ހަމަ އެކަނި ބޭފުޅަކީ އަޅުގަނޑުގެ މުޙުތަރަމް އެކުވެރި މުޙަންމަދު ޢާޞިފަށެވެ.

ސެމިނާރުގެ ދަންފަޅިތައް ހިނގަމުން ދިޔައިރު، ފަންނީ ގޮތުން އެހީތެރިވެދެއްވާން ތިއްބެވި ޢިއްޒަތްތެރި ބައެއް ބޭފުޅުންގެ ނަންފުޅުތައް މިހާރު ވެސް އަޅުގަނޑުގެ ހަނދާނަށް އެބަ އާދެއެވެ. އޭގެ ތެރޭގައި ޑރ. ސިމާދު ސަޢީދު، އަލްއުސްތާޛު މުޙަންމަދު އަނިލް، އަލްއުސްތާޛު އަޙުމަދު މުޢިއްޒު، އަލްފާޟިލް މުޙަންމަދު ޒާހިދު، އަލްފާޟިލް މުޙަންމަދު ޝިހާބު، އަލްފާޟިލް މުޙަންމަދު ނަޒީފު ފަދަ ބޭފުޅުންގެ ނަންފުޅުތައް ފާހަގަކޮށްލެވެއެވެ. ހަނދާނުގައި ނެތް ބޭބޭފުޅުންގެ އަރިއަހުން ނިހާޔަތަށް މާފަށް އެދެމެވެ. މި ބޭބޭފުޅުންނަކީ ޚާއްޞަކޮށް ޑރ. ސިމާދު ސަޢީދާއި، އަލްއުސްތާޛު މުޙަންމަދު އަނިލްއަކީ ފަންނީ ގޮތުން މުޅި މި މަޝްރޫޢުގައި ގަވާއިދު އެކުލަވައިލުމުގައި އަޅުގަނޑުމެންނާއެކު (އަދި އޭގެ އިތުރަށް ވެސް) ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅުންނެވެ. އަދި އަލްފާޟިލް މުޙަންމަދު ޒާހިދާއި އަލްފާޟިލް މުޙަންމަދު ނަޒީފު ފަދަ ބޭފުޅުންގެ އެހީތެރިކަން ވެސް ފާހަގަކުރެވެއެވެ.

ކޮންމެއަކަސް މި ދެންނެވި ގޮތުގެ މަތީން ބޭއްވުނު ޤައުމީ ސެމިނާރު އިފްތިތާހުކޮށްދެއްވި ޖަލްސާގައި ވިލަރެސްވެރީންގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބުނީ އަޅުގަނޑަށެވެ. އަޅުގަނޑު ދެއްކި މުޅި ވާހަކައިގައި، މި ކަންކަން ހިނގަމުން އައި ގޮތުގެ މައްޗަށް ފެން ގޮތެއްގައި ނަމަވެސް އަލިއަޅުވައިލެވޭތޯ ބެލީމެވެ. އޭރުގެ ފެންވަރުންނެވެ. އެހެންކަމުން ތާރީޚަށް ޓަކައި އެ ތަޤުރީރު ފުރޭފުކޮށްލާހިތްވީއެވެ. އަޅުގަނޑުގެ ވާހަކައިން މި ކަން ހިނގަމުން އައި ގޮތުގެ ތަޞައްވުރެއް ލިބިވަޑައިގަންނަވާނެ ކަމަށް ފެންނާތީ އެ ތަޤުރީރު، ކިތަންމެ ފެންވަރު ދަށް ނަމަވެސް މަޢުލޫމާތަށް ޓަކައި ފުރޭފުކޮށްލީއެވެ. ހަމައެކަނި ތާރީޚީ ހަގީގަތެއް ހާމަކޮށްލުމަށް ޓަކައެވެ. ވިދާޅުވެލެއްވުން އެދެމެވެ.

"بسم الله الرحمن الرحيم. މަޝްވަރާކުރުމަށް އަމުރުކުރެއްވި ﷲ ތަބާރަކަތަވަތާޢާލާއަށް ޙަމްދުސަނާއާއި ޝުކުރުދަންނަވަން. އަދި މަޝްވަރާކުރުމުގެ ރިވެތި އުޞޫލު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ކައުސާހިބާ މުޙައްމަދު ސައްލައﷲ ޢަލައިހި ވަސައްލަމައަށް ސަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެ ފާނުގެ އެންމެހައި އާލުއަޞްޙާބުން ޝާމިލުކުރަން.

ރަށުކައުންސިލާއި އަތޮޅުކައުންސިލް އުފެއްދުމާ ބެހޭ ޤައުމީ ސެމިނާރ އިފްތިތާޙްކުރުމުގެ ޖަލްސާގެ ޝަރަފްވެރި މެހެމާނު: މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް އޮނަރަބަލް ޙަމްދޫން ޙަމީދު، އަތޮޅުތަކުގެ ތަރައްޤީއާއި ބެހޭ ވަޒީރު: އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނާއި ދައުލަތުގެ ވަޒީރުން، ޢިއްޒަތްތެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި  ބޭރުގެ ޖަމާޢަތްތަކުގެ މަންދޫބުން، ލޮބުވެތި އަޚުންނާއި އުޚުތުން،

އައްސަލާމް ޢަލައިކުމް ވަރަޙުމަތުލްﷲހި ވަބަރަކާތޫހ!!

އާދެ! ދުނިޔެ ދެކެމުންދާ އެންމެ ބޮޑު ހަޤީޤަތަކީ ބަދަލުއައުން. އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ދުވަހެއްގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގައި، އަޅުގަނޑުމެންނާ ކުރިމަތިލާ އެންމެ ފާޅުކަން ބޮޑު ހަގީގަތަކީ ވެސް ބަދަލުއައުން. މި ހަގީގަތާ އަޅުގަނޑުމެން އަބަދު ވެސް ކުރިމަތިލާންޖެހޭ. ބަދަލުއުމުގެ ތެރޭގައި މާއްދީ ގޮތުންނާއި އެހެން ހުރިހާ ގޮތަކުން އަންނަ ބަދަލުތައް ވެސް ހިމެނޭޭ. އާދެ! މީގެ ތިރީހަކަށް އަހަރުކުރިޔަށް ވިސްނައިލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ޙާލަތު އޮތް ގޮތާއި އަޅުގަނޑުމެންގެ ފިކުރުތައް ހުރި ގޮތާއި މިއަދުގެ ކަންތައް އޮތްގޮތާ އަޅައި ބަލައިފި ނަމަ، އެ ތަފާތު ވަރަށް ބޮޑަށް ފެންނާނެ. ނަމަވެސް ބަދަލުތައެް އަންނަނީ އެއް ފަހަރާ، އެއް ވަގުތެެއްގައިކަމަށް ނުވާތީ، އެ އަންނަ ބަދަލު ކުއްލިއަކަށް ފާހަގަ ނުކުރުވެނީ. އެހެންނަމަވެސް އެ ބަދަލު، އެހާރާއި މިހާރާ ދެމެދުގައި ވާ ތަފާތު އަޅުގަނޑުމެން ބަލައިފި ނަމަ (ފަރަގު) ވަރަށް ބޮޑުވެދާނެ.

އާދެ! ކޮންމެ ދުވަހަކު ވެސް މި ކަންތައް ވަމުން އަންނާނެ. ވިސްނުމަށް ވެސް ބަދަލުއަންނާނެ. އަޅުގަނޑު ހިތުންް ކޮންވެސް ވަރަކަށް ފާރޫޤް ވެސް އެ ކަމަށް އިޝާރާތްކުރައްވައިފި.

އާދެ! 1970ގެ އަހަރުތަކުގައި އަޅުގަނޑުމެންގެ ޙާލަތު އޮތް ގޮތާއި އަޅުގަނޑުމެންގެ ވިސްނުން، އޭރު ހުރި ގޮތް އަޅުގަނޑުމެން މިއަދު އެބަޖެހޭ ހަނދާނަށް ގެންނާން. އާދެ! ރަށްރަށުގެ ހިންގުމުގައި ކަތީބުން އެ ބޭފުޅުންގެ މުަވާޞަލާތުގެ ކަންތައްތައް ކުރިއަށް ގެންދެވުމަށްޓަކައި ދިގު ދަނޑިއެއް ލައިފައި ހުންނަ ވޯކީޓޯކީއެއް ހިއްޕަވައިގެން ރަތްދަކަ އަވީގައި، ބޯ ވާރޭގައި އަތިރިމައްޗަށް ނުކުމެވަޑައިގެން އަތޮޅުއޮފީހާ މުވާޞަލާތު ކުރެއްވޭތޯ ކުރެއްވި މަސައްކަތްޕުޅު މިއަދުގެ ޒުވާނުން ހަނދުމަފުޅެއް ނުހުންނާނެ. އެހެންނަމަވެސް އެއީ ޙަޤީޤަތް. އަދި ޒުވާން އުމުރުގެ ކުދިން ކެއުމަށްފަހު ކުރާނެ ވަކިކަމެއް ނެތިފައި އަތިރިމަތީގައި ދުވަމުން ދިޔަކަން އެއީ އަޅުގަނޑުމެންގެ އިއްޔެގެ ހަނދާނުގެ ހަޤީޤަތްތައް. އަޅުގަނޑުމެން މިއަދު އެ ކަން ގަބޫލުކުރާން ޖެހޭނެ. އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކިޔަވައިދޭން ބޭނުންވާ ބައެއް މީހުން، ދޯނިފަހަރުން މަސްބައި ދީގެން، ހިންނައިން ކާށި ބައެއް ދީގެން، މުދައްރިސަކު ހޯދައިގެން ކިޔަވައިދިނުން ފިޔަވައި ތަޢުލީމަށް ސަމާލުކަމެއް ނުދިނުން އެއީ އަޅުގަނޑުމެންގެ އިހައް ދުވަހުގެ ތާރީޚް. މިއީވެސް ހަމަ ޙަޤީޤަތް. މިއަދު ގަބޫލުކުރާން އުނދަގޫ ހަޤީޤަތްތައް. އާދެ! އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެއް ދަންނަވާލާނަން. 1979ގެ ވަރަށްފަހުކޮޅު ރާއްޖޭގެ ވަރަށް އިއްޒަތްތެރި ވެރިޔަކު އަޅުގަނޑުގެ އަމިއްލަ ރަށަށް (އަޅުގަނޑަކީ މާވަށު މީހެއް) ވަޑައިގެން ނާނޭފުޅު ފިއްލަވާންވެގެން ނާނޭފުޅު ފިއްލަވާނެ ތަނެއް ހޯއްދަވާންވެގެން އަތޮޅުވެރީން އަޅުގަނޑު ގާތު ވިދާޅުވީ ރަނގަޅު ފެންވަރާނެ ތަނެއް ހޯދައިދޭން. ދެން އަޅުގަނޑު ހިނގަމުންހިނގަމުން ގޮސް އަޅުގަނޑަށް ފެނުނީ އަޅުގަނޑުގެ މަންމައާއި ބައްޕަމެންގެ ގޭގައި ހުރި ހިރިގާ ވަޅެއް. އޭރު އެ ރަށުގައި ހުރި އެންމެ ރަނގަޅު ތަނަކީ އެއީ އިނގޭތޯ. މިއީ ހަޤީޤަތް. އަޅުގަނޑު ބޭފުޅެއް ވެސް ދަންނަވައިފާނަން. އެއީ އޮނަރަބަލް ޢަބްދުﷲ ޙަމީދު. އެކަމަކު މިއަދު އަޅުގަނޑުމެން ހުރިހާ އެންމެން ފެންވަރަނީ ޝަވަރުން އިނގޭތޯ. އެހެންވީމާ މިއީ ވަރަށް ބޮޑު މާއްދީ ބަދަލެއް. އޭރު އަޅުގަނޑުމެންގެ ވިސްނުން ވެސް ހުރީ އެކަހަލަ ގޮތަކަށް. ކަތީބު ސަންގު ފުމެލުމާއެކު ނުކުމެ ވިދާޅުވިކަމެއް ކޮށްލާނެ. ކަތީބަށް އެނގިވަޑައިގެންނަވާނީ އަޅުގަނޑުމެން ކުރާންވާާ ކަންތައް. ކަތީބު، އާނ މިއަދު ރައްޔިތުން ބަންދޭ. އަޅުގަނޑުމެން ނުކުމެ މަސައްކަތްކޮށްލާންވީ. އެހެންވީމާ….

އާދެ! މި ދެންނެވި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ވިސްނުމަށް ބަދަލު އައުމަށްޓަކައި ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވި، މީހުންނަށް ތައުލީމުދިނުމާއި ހޭލުންތެރިކުރުމަށް ޓަކައި ޕްރޮގްރާމްތަކެއް ހިނގާން ފެށިއްޖެ. އެހެންކަމުން މީހުންގެ ވިސްނުމާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ އެހެން ހުރިހާ ކަމަކަށް ބަދަލު އަންނަމުން ގޮސް މިހާރު ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި.

ހަތްދިހައިގެ ކުރީކޮޅުގައި ކޮންމެވެސް ނަމެއްގައި އަތޮޅު ކޮމިޓީތަކެއް ރާއްޖޭގައި ހިނގަމުން ދިޔަކަމަށް ވީނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ ކޮމިޓީތައް އުވި، އޭގެ ފަހުގައި އެހެން ސިފައެއްގައި ރަށްކުރިއަރުވާ ކޮމިޓީތަކާއި އަދި އަތޮޅުކުރިއަރުވާ ކޮމިޓީތަކެއް އުފެދި ހަރަކާތްތެރިވަމުން އެބަ އާދޭ. ފަރޫޤު ދެންމެ އިޝާރަތް ކުރެއްވި ފަދައިން އެ ކޮމިޓީތަކުގެ ބޮޑުބައި މި އޮންނަނީ ރައްޔިތުން ނަގާ ކަހަލަ ގޮތަކަށް. އެއްބައި އިންތިޚާބުކުރި ކަމުގައިވިޔަސް. އެެހެންވީމާ….، މި ކޮމިޓީތައް ވެސް ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައި އެބަހުރި. އަޅުގަނޑު ދަންނަވާން މިއުޅެނީ މި ދެންނެވި ރކ. ކޮމިޓީތަކާއި އަތޮޅު ކުރިއަރުވާ ކޮމިޓީތަކުން ކޮށްފައި ހުރި މަސައްކަތްތައް އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލާންޖެހޭނެއޭ. އާދެ! އެ ޒަމާނުގައި އެނގޭ ވިސްނުން ހުރި ގޮތް.  އެ ބޭފުޅުންގެ ޚިޔާލުފުޅާއި ޝުޢޫރުތައް ބިނާވާ މިންވަރެއްގެ މަތީގައި އެ ބޭފުޅުންގެ ހުރިހާ ކަންތައްތައް ކުރިއަށް ގެންދެވި. ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި، ރައްޔިތުންގެ ޚިދުމަތްތަކަށް ބޭނުންވާ ތަފާތު އިމާރާތްތައް ކުރުމާއި އަދި ވެސް އިޖްތިމާޢީ އެހެނިހެން ވަސިލަތްތައް ގާއިމްކުރުމަކީ ރކ ކޮމިޓީއިން ކުރަމުން އައި ކަމެއް. އެހެންނަމަވެސް އަޅުގަނޑު ކުރީން ވެސް ދެނެންނެވިފަދައިން ބަދަލަކީ ކޮންމެދުވަހަކު އަންނަމުން، ގެންނަމުންދާ އެއްޗެކަށްވާތީ މިއަދު މިވަނީ އަދި އެހެން ބަދަލަކަށް ބޭނުންވެފައި.

އާދެ! ބައެއް ބަދަލުތަކަކީ އަޅުގަނޑުމެން ކުރިމަތިލާން އުނދަގޫ ބަދަލުތަކަކަށް ވެސް ވެދާނެ. ބައެއް ހަރުފަތްތަކަކީ ގިރާކުރާން އުނދަގޫ ހަރުފަތްތަކަކަށް ވެސް ވެދާނެ. އާދެ! މި ސްޓޭޖަށް އަރައިވަޑައިގަންނަވާން ވެސް އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށް ކޮންމެވެސް  ވަރަކަށް އުނދަގޫފުޅު ވެވަޑައިގަންނަވާނެ. އެއީ ކުޑަ ތަންކޮޅެއް އުސްކޮށް ހުރީމަ. އެހެންނަމަވެސް ބައެއް ފަހަރު އެ ކަހަލަ ހަރުފަތްތައް ވެސް ގިރާކުރާން އެބަޖެހޭ. މިއަދު އަޅުގަނޑުމެން ކުރިމަތިލާން މިއުޅެނީ ކުރީން ގިރާކުރެވިފައި ނެތް ހަރުފަތަކަށް. އެއީ ޑިމޮކްރެސީގެ އާ އިސްލާޙުތަކަކަށް. އޭގެ އިސްލާހީ އެޖެންޑާގެ މަގުޗާޓުގެ ވާހަކަ ފާރޫގު ވިދާޅުވެދެއްވައިފި. އާދެ! އަޅުގަނޑު އެ ވާހަކަ ދަންނަވާކަށް ނެތީން.

އަޅުގަނޑު މި ތަނަށް އައިސް މި ހުއްޓި މިހުރީ މި ސެމިނާރގެ ދަންފަޅިތައް ހިނގަމުންދާނެ ގޮތް ތިޔަ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވައިލުމަށް. އެހެންނަމަވެސް  އަޅުގަނޑު ހިތުން މި ވާހަކަ ދަންނަވާ މީހެއްގެ ވާޖިބަކަށް ވާންޖެހޭނެ އަޅުގަނޑުމެންގެ ހަނދާން އަޅުގަނޑުމެންގެ މަޒީގެ ތެރެއަށް ކޮންމެވެސް ވަރަކަށް ގެންގޮސްލުން. އެހެންވެގެން މި ވާހަކަތައް ދަންނަވައިލީ. އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ މި ވިސްނުމާއި އަޅުގަނޑުމެން މިހާތަނަށް އައި ކުރިއެރުމަށް ފައިހަމަ ކުރެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިންގުމުގެ ދާއިރާ ބައްޓަންކުރާށޭ. އޭރުގެ ކޮމިޓީތައް އޮތީ އޭރަށްް ކަމުދާ ގޮތަށް ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީން. ތަރައްޤީގެ ކަންތައްތައް ކުރަމުންގެންްދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ މަތީން. ތަރައްޤީގެ ކަންތައްތަކަށް ކުރަމުން ގެންދިޔަ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ރައްޔިތުން ގަބޫލުކުރަނީ އޮންނާން ޖެހޭނީ ރައްޔިތުންގެ އަމިއްލަވަންތަ، އިންތިޚާބުކުރެވިފައިވާ މަޖިލީސްތަކެއް ނުވަތަ ކައުންސިލްތަކެކޭ. އަދި ރައްޔިތުން އިންތިޚާބުކުރާ ވެރިންތަކެކޭ . އެއީ ޑިމޮކްރަސީގެ ވިސްނުމާއި ތަރައްޤީ މި ހޯދި ކުރިއެރުންތަކުގެ ސަބަބުން އަޅުގަނޑުގެ ވިސްނުމަށާއި ހުރިހާ ކަމަކަށްއައި ބަދަލުތަކުގެ ނަތީޖާ. މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ގެނެސްދިނީ ހަޤީޤަތުގައި އަޅުގަނޑު ދަންނަވާނީ 1970ގެ ފަހުކޮޅު ފެށުނު ތަޢުލީމުގެ ހުޅުވައިލެވިފައިވާ ސިޔާސަތުގެ ސަބަބުންނޭ. އެއީ އިއްތިފާޤުން އައި ބަދަލުތަކެއްނޫނޭ. ބަދަލަކީ އަންނައެއްޗެއް. ބައެއް ފަރާތުން ބޭނުންވާ ބަދަލު އަންނާނެ. އަނެއް ބައި ފަހަރު ބޭނުންނުވާ ބަދަލު ވެސް އަންނާނެ. ނަމަވެސް އަޅުގަނޑު މި ދެންނެވި ބަދަލަކީ ބަޔަކު ރާވައިގެން އަޅުގަނޑުމެން ޤައުމަށް ބޭނުންވާ ކަންތައްތަކާ މެދު ޚިޔާލުކުރައްވައިގެން ބައްޓަންކުރައްވައިގެން ވަކި އަމާޒަކަށްޓަކައި ގެންނެވި ބަދަލެއް. ތަރައްޤީގެ އާވިސްނުންތަކެއް. އެެހެންވީމާ މި ކަމަށްޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް އެކަމުގެ ޝުކުރު ހައްޤުވާ ވާހަކަ އަޅުގަނޑު ދަންނަވައިލަން. އަޅުގަނޑުމެން ހިތުގެ އަޑީން އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިލަން.

އާދެ! އަޅުގަނޑު މި ދަންނަވައިލި ކޮމިޓީތަކުގެ ވާހަކަ ދަންނަވާއިރު ތަރައްޤީގެ ޕްރޮގްރާމް، ތަރައްޤީގެ މަސައްކަތްތައް 1980ގެ ކުރީކޮޅުގައި ފެށިގެން އައި. އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭގެ ތަރައްޤީގެ ޕްރޮގްރާމްތަކެއް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދެވި. އެހެންނަމަވެސް އޭރު ވިސްނިފައި އޮތީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކަނޑައަޅުއްވާނީ ސަރުކާރުންނޭ. ރައްޔިތުންނަށް ބޭނުންވާނެކަމަށް ސަރުކާރަށް ފެނިވަޑައިގެންނެވި ހައްޤުތައް ފާހަގަކުރައްވައި ސަރުކާރުން ކަންތައްތައްް ކޮށްދެއްވަމުން ގެންދެވި. އެއީ، އެއީ މިވެނި ރަށަކަށް ބޭނުންވަނީ ސްކޫލެކޭ، މިވެނި ރަށަކަށް ބޭނުންވަނީ މިސްކިތެކޭ، އޭރު އެ ކަނޑައަޅާނީ ސަރުކާރުންެ. ރައްޔިތުން ބަލައިގަންނަނީ އުފަލުން. ހަޤީގަތުގައި ވެސް އެއީ ރައްޔިތުން ބޭނުންވާ ކަންތައްތަކެއް. އެހެންނަމަވެސް މިއަދު ރައްޔިތުން ބޭނުންވާ ކަންތައްތައް އެނގޭންޖެހޭނީ ރައްޔިތުންނަށްކަން މިއަދު ގަބޫލު އެބަކުރެވޭ. މިއީ ވިސްނުމަށްއައި ބަދަލެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ބަދަލު އަންނާނީ ހަމައެކަނި ތަރައްޤީއަށް، ފެންނާން ހުންނަ ކަންތައްތަކަކަށް ނޫނޭ. މީހުންގެ ވިސްނުމަށް ވެސް ބަދަލު އާދެޔޭޭ. ކުރީން ފަޅުކޮންނާންޖެހޭކަން ކަނޑައަޅުއްވަނީ ސަރުކާރުން. އެހެންނަމަވެސް މިއަދު ރައްޔިތުން ގަބޫލުކުރަނީ އެ ރަށެއްގެ ފަޅުކޮންނާންވާ ތަނާއި ފަޅުކޮންނަންޖެހޭކަން ވެސް ނިންމާންޖެހޭނީ ސަރުކާރަކުންނޫނޭ. ރައްޔިތުންނޭ. އެހެންވީމާ މި ބަދަލާއެކު މިއަދު އަޅުގަނޑުމެން ރަށްކުރިއަރުވާ ކޮމިޓީތަކާއި އަތޮޅުކޮމިޓީތައް އެބަޖެހޭ ބަދަލުކުރާން.

އާދެ! ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ފިކުރު ސަރުކާރާ ހަމައަށް ގެންދިއުމަށްޓަކައި ނުވަތަ ކަމާބެހޭ އެެހެން ފަރާތްތަކަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ ބަސްވިކޭ ކަހަލަ ރައްޔިތުންގެ ހިއްސާވާ، ރައްޔިތުންގެ އަމިއްލަވަންތަ ކައުންސިލްތަކެއް އޮންނަން އެބަ މަޖުބޫރުކުރޭ. މިއަދު ރަށްރަށުގެ ވެރިންނަށް ތިއްބަވާ ބޭފުޅުންނަކީ ކުރީން އަޅުގަނޑު ދެންނެވިހެން ހަމައެކަނި ވޯކީޓޯކީއަކުން ގުޅައިލައްވައިގެން އެ މަސައްކަތް ނިންމާލެވޭ ބޭފުޅުންނެއް ނޫން. މިއަދު ކޮންމެ ވަގުތެއްގައި ކަތީބުން ތިއްބަވާނީ ބޭނުން ކޮންމެ ފަރާތަކާއި މުޢާމަލާތު ކުރެއްވޭ ކަހަލަ ގޮތެއްގައި. އެހެންވީމާ ކުރިމަތިލާންޖެހޭ ކަންތައްތަކާއި ގޮންޖެހުންތައް ވަރަށް ގިނަވާނެ. މިއަދު ރައްޔިތުންގެ ބޭނުންތަކަށް ކަތީބު ޖަވާބުދާރީވާލެެއް އިތުރު ވާންޖެހޭ. ހައްލުކުރާންޖެހޭ ކަންތައްތައް އެތައް ގޮތަކަށް އިތުރުވެގެންދާނެ. އެހެންވީމާ އެ ކަންތައްތަކަށް ޖަވާބުދާރީވާން، ރައްޔިތުންނަށް ފައިދާ ހުރި ގޮތެެއްގައި ރައްޔިތުންގެ އަމިއްލަވަންތަ ކައުންސިލެއް އޮންނަން މަޖުބޫރު އެބަކުރޭ.

އާދެ! އަޅުގަނޑު، އަޅުގަނޑު ކުރީން ދަންނަވައިލި ފަދައިން ތަރައްޤީގެ މަޝްރޫޢުތައް 1980ގެ އަހަރުތަކުގައި ހިންގަމުން އައިސް އެ ކަމަށް އޮތީ ކޮންމެވެސްވަރެއްގެ ބަދަލުތަކެއް 1990ގެ އަހަރުތަކުގައި އަންނާން ފަށައިފައި. އާދެ! ކޮންމެވެސް ވަރަކަށް ރައްޔިތުންގެ ބަސްކިއުމާއި ރައްޔިތުންގެ ޚިޔާލާއެކު ކަންތައްތައް ކޮއްދެއްވޭ ކަހަލަ ގޮތަކަށް އެކަން ބައްޓަން ކުރެވެމުން އައި. އާދެ! އެއީ އެހެންނަމަވެސް ވަރަށް ހަނި ދާއިރާއެއްގައި ބައެއް ކަހަލަ ޕްރޮގްރާމްތަކެއްގައި. އާދެ! މި ގޮތަށް އައިސް ދާދި ފަހުން (މިދިޔައަހަރު) ރާއްޖޭގައި ބޭއްވުނު ގައުމީ ބައްދަލުވުމަކުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހެޅުނީ މި ކަހަލަ ކައުންސިލްތަކެއް އުފެއްދުމުގެ ޚިޔާލު. އެހެންވީމާ މި ކަމަށްޓަކައި އަޅުގަނޑުމެންގެ މިއަދުގެ މިނިސްޓަރ، މިނިސްޓްރީއާއި ހަވާލުވެ ވަޑައިގަތުމާއެކު ވަރަށް ހަލުވިކޮށް މި ކަންތައްތައް ކުރިއަށްގެންދެވި. އާދެ! ކައުންސިލްތަކެއް އުފެއްދުމުގެ ޚިޔާލުފުޅަކީ އެމަނިކުފާނު ވަރަށް ސަމާލުކަން ދެއްވައިގެން ކުރައްވާން ފެއްޓެވި ކަމެއް. އެ ކަމަށްޓަކައި، ފާރޫޤު ވިދާޅުވިހެން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޓީމުތައް ފޮނުއްވައިގެން (އަޅުގަނޑުވެސް އެކި ޓީމުތަކުގައި ދިޔައިން) ގޮސްގެން ރައްޔިތުންނާ ބައްދަލުކޮށްގެން ރައްޔިތުން ބޭނުންވާ ޚިޔާލުތައް ހޯދައިގެން ރަށުކައުންސިލާއި އަތޮޅުކައުންސިލްގެ ގަވާއިދުގެ ދެލިކޮޕީތައް އުފެއްދުނު.

އަޅުގަނޑު، ބައެއް ދަތުރުތަކުގައި ބައިވެރިވީ އަޅުގަނޑު އެކަނި. ރައްޔިތުންނަކީ އަޅުގަނޑުމެންނަށް ވަރަށް އެއްބާރުލުން ދިން އަޅުގަނޑުމެންގެ މަސައްކަތަށް ވަރަށް އެހީތެރިވެދިން ބަޔެއް. ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ދަތުރުތަކުގައި ރައްޔިތުންގެ ޚިޔާލުދެއްވުމުގައި ރައްޔިތުން އަަޅުގަނޑުމެންނަށް އެ ދެއްވި އެހީތެރިކަމާއި މަދަދު ފާހަގަކޮށްލަން. ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވާން ބޭނުންވޭ. އާދެ! އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، ޓީމުތަކެއް ދިޔަ ދޭއް ނުވަތަ ތިން ރަށަކުން (ދިމާވި ސަބަބަކާހުރެ) އަރައިވަޑައިނުގެންނެވުނު ކަމުގައި ވިޔަސް ރާއްޖޭގެ ހުރިހާ ރަށްރަށަށް އަޅުގަނޑުމެން ހަމަ ދަތުރުކުރީމު. ހުރިހާ ރައްޔިތުން އެއްކޮށްގެން މި ކަމާމެދު މަޝަވަރާކުރީމު. އަޅުގަނޑު ގާތު ކޮންމެވެސް ރަށަކުން ޒުވާނަކު އަހައިލި "ތިމަންނަ ވާހަކައެއް އަހާލަންހޭ؟" އަޅުގަނޑު ދެންނެވިން "އައްސަވާށޭ ކޮންމެ ވާހަކައެއްވިޔަސް." ވިދާޅުވި "މިދުވަސްވަރު ކަލޭމެން ބިރެއްނުގަނޭހޭ ރަށްރަށަށް ތިހެން އައިސް އުޅޭކަށް، މީހުން ހިފަހައްޓަފާނެތީއެއް؟" އަޅުގަނޑު ބުނިން އަޅުގަނޑަށް ޔަގީނޭ ދިވެހި ރައްޔިތުންނަކީ އެކަހަލަ ވިޔާނުދާ ބައެއްނޫނޭ. އެއީ ބަޔަކު ގޯސްކަމެއް ނުކުރަންޏާ ގޯސްކަމެއް ނުކުރާނޭ. ހަމަ ސަތޭކަ ޕަސަންޓް ޔަޤީންކަމާއެކުގައޭ، އަޅުގަނޑުމެން މިއައީ.

އަޅުގަނޑު ދިޔައިން އެކަނިމާއެކަނި އެއް އަތޮޅަކަަށް. އެއްވެސް އެހީތެރިޔަކާ ނުލައި. ހަމަ ޔަޤީންކަމާއެކު ދިޔައީ. ބައެއް ޓީމުތަކުގައި ވަޑައިގަތީ 2 ބޭފުޅުން ނުވަތަ 3 ބޭފުޅުން. އަޅުގަނޑު ދިޔައިން އެއްއަތޮޅަކަށް އެކަނިމާއެކަނި. އެހެންވީމާ ރައްޔިތުންނަކީ ތަރައްޤީއަށް ލޯބިކުރާ ވަރަށް ހޭލުންތެރި މި ކަހަލަ ކަންތައްތަކަށް ވަރަށް އެހީތެރި ބައެއްކަން އަޅުގަނޑު ފާހަގަކޮށްގެން އަޅުގަނޑު އެ ވާހަކަ މި ހާމަކޮށްލީ.

އާދެ! މި ދެންނެވި މައުލޫމާތުތަކުގެ އަލީގައި ކައުންސިލްގެ ގަވައިދެއް، އަޅުގަނޑުމެން އޭގެ ދެލިކޮޕީއެއް އެކުލަވައިލައިގެން ސަރުކާރުގެ މިނިސްޓްރީތަކުން ވެސް ހިއްސާޔާއެކު އަޅުގަނޑުމެންވަނީ މިހާރު އޭގެ ދެލިކޮޕީ ބަދަލުކުރަމުން އައިސް އޭގެ 15 ވަނަ ދެލިކޮޕީއާއި ހަމައަށް އާދެވިފައި. މި މަސައްކަތް ކުރަމުން އައި އިރު އަޅުގަނޑުމެންނަށް އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީ ވަރަށް މަތީ ދަރަޖައަކަށް ލިބުނު. އެކަމަށްޓަކައި އެޓާރނީ ޖެނެރަލް ޑރ. ހަސަން ސައީދަށާއި އެ އޮފީހުގެ، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވި، ހުރިހާ ފަރާތްތަކަށް މިނިސްޓްެރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ނަމުގައްޔާއި އަޅުގަނޑުމެންގެ ވަޒީރުގެ ނަންފުޅުގައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި މި މަަސައްކަތުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮއްދެއްވި ކޮމިޝަނަރ އޮފް އިލެކްޝަންސް އަލްފާޟިލް ކދ. އަޙްމަދު މަނިކު ވަރަށް ޚާއްސަ ސަމާލުކަމެެއް ދެއްވައި އަޅުގަނޑުމެންނާއެކު ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެއް ބައެއް ކަމަށް ފާހަގަކުރައްވައި އަޅުގަނޑުމެންނާއެކުގައި އަޅުގަނޑުމެންގެ މިނިސްޓްރީގެ ބައެއް ވެރިންނާއެކު ބައްދަލުވުންތަކެއް (ދިގު ދެމިގެންވާ ސިލްސިލާއެއްގޮތުގައި) ބާއްވަވައި އަޅުގަނޑުމެންނަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަކީ އަޅުގަނޑުމެން ހަނދާންނެތޭނެ ކަމެއްނޫން. އެހެންކަމުން ކޮމިޝަނަރ އޮފް އިލެކްޝަންސް އަލްފާޟިލު ކދ. އަޙްމަދު މަނިކަށާއި އެމަނިކުފާނުގެ އޮފީހުގެ ވެރިންނާއި މުއައްޒިފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވާން ބޭނުންވޭ.

އާދެ! ވަރަށް ޚާާއްސަ ގޮތެއްގައި މި ދަންނަވައިލީ އެހެންބޭފުޅުންގެ އެހީތެރިކަން ނުލީބޭތީއެއް ނޫން. އެހެންނަމަވެސް އަޅުގަނޑަށް، އަޅުގަނޑު އެ މަސައްކަތުގައި ބައިވެރިވާ ގޮތުން ވަރަށް ޚާއްސަ އެހީތެރިކަމެއް އަޅުގަނޑުމެންނަށް ދެއްވިކަން އަޅުގަނޑަށް ފާހަގަކުރެވުނު 2 ފަރާތެއް ހަމަ ފާހަގަކޮއްލާންވެގެން މި ވާހަކަ ދަންނަވައިލީ. މީގެ އިތުރަށް އަޅުގަނޑުމެންނަށް މި ކަމުގައި އެހީތެރިވެދެއްވި ސަރުކާރުގެ އެހެން ވަޒީރުންނާއި އެ ވުޒާރާތަކުގެ އިސްވެރީންނަށާއި އެންމެހައި މުއައްޒިފުންނަށް ވެސް އަޅުގަނޑު ޝުކުރު އަރިސްކުރާން ބޭނުން. އާދެ! މި ގޮތުގެ މަތީން އަޅުގަނޑުމެންނަށް ދެއްވި ދެލިކޮޕީ 15 އާއި ހަމައަަށް ދިއުމަށް ފަހު ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މީގައި އަދި ހުރިހާ ދާއިރާތައް އެއްކޮއްގެން ބައްދަލުވުންތަކެއް ބާއްވަން އެބަޖެހޭކަން. އެހެންކަމުން މިނިސްޓަރުގެ ލަފާފުޅުގެ މަތީން ރޭވިފައި މިވަނީ ރާއްޖޭގެ ކޮންމެ އަތޮޅަކުން 2 މަންދޫބުންނާއި އަދި ސަރުކާރުގެ ކޮންމެ ވުޒާރާއަކުން، އެ ވުޒާރާތައް ހިމެނޭ ސެކްޓާރތަކުން ކޮންމެ ސެކްޓާރއަކުން މަންދޫބަކު ބައިވެރިވެ ވަޑައިގަންނަވާނެ ގޮތަށް ބައްދަލުވުމެއް ބާއްވާން. ހަޤީގަތުގައި އަޅުގަނޑުމެން ބޭނުންވޭ ކޮންމެ ރަށަކުން ވެސް މަންދޫބަކު ގެންނާން. އެހެންނަމަވެސް އަަޅުގަނޑުމެންގެ އިމާރާތް ނުވަތަ މި ކަމުގެ ތަނަވަސްކަން އަޅުގަނޑުމެންނަަށް ތަފާތު ގޮތްގޮތުން ނެތުމާއެކުގައި އެ ކަމަށް އަޅުގަނޑުމެންނަށް ފުރުސަތު ނެތީ. އެއީ ރާއްޖޭގެ ބައްދަލުވުން ބާއްވާނެ ތަންތަނާއި އަދި އެހެނިހެން ވަސީލަތްތަކުގެ ދަތިކަން ހުރި މިންވަރުން. އެހެންނަމަވެސް އަޅުގަނޑުމެން އުންމީދުކުރަނީ ވަރަށް ހަމަހަމަ ގޮތެއްގައި ރައްޔިތުުންގެ އަޑާއި އަދި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އަޑު އަޅުގަނޑުމެންނަށް މި ސެމިނާރގެ ތެރޭގައި އިވިގެންދާނެކަމަށް. އެހެންކަމުން މިހުރިހާ ފަރާތްތައް ޙިއްސާވާ ގޮތެއްގައި މި ބޭއްވޭ ބައްދަލުވުމަކީ އަޅުގަނޑު މިދެންނެވި ކައުންސިލްތައް ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮތްދިނުމަށްޓަކައި ބޭނުންވާ ޚިޔާލާއި މަޝްވަރާ ލިބޭނެ ބައްދަލުވުމަށްވާނެ ކަމަށް.

އާދެ! މި ބައްދަލުވުން އަޅުގަނޑުމެން ބަހައިލައިފައި މިއޮތީ މަސައްކަތުގެ ބައި މައިގަނޑު ގޮތެއްގައި ހަތަރު ދަންފަޅިއަކަށް. ކޮންމެ ދަން ފަޅިއެއްގައި އަޅުގަނޑުމެން ކަރުދާސް ހުށައެޅުމާއެކުގައި އެ ކަރުދާހާ ބެހޭ ގޮތުން ވަރަށް މިނިވަންކަމާއެކުގައި ހުރިހާ ބައިވެރީން ގްރޫޕްތަކަކަށް ބަހައިލެވިގެން ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި އަޅުގަނޑުމެން ބޭނުންވާ ހުށައެޅުންތަކެއް ސަރުކާރަށް ހުށައެޅުމަށް އަޅުގަނޑުމެން ޚިޔާލްތައް ފައިނަލް ކުރާނަން. އެއީ އަޅުގަނޑަށް މި ޒަމާނުގެ އިބާރާތުން ދަންނަވާނަމަ ރެކޮމަންޑޭޝަންތަކެއް.

އާދެ! އެ ގޮތުން އެންމެ ފުރަތަމަ ދަންފަޅީގައި އަޅުގަނޑުމެން ވާހަކަ ދައްކައިލާނަން ރައްޔިތުންނަށް ޚިދުމަތްދިނުމާއި ތަރައްޤީގެ އާވިސްނުމަކަށް އަޅުގަނޑުމެންގެ މަޝްވަރާތައް ގެންދާނީ ކިހިނެއްތޯ. އެކަމަށް ޑރ. ސިމާދު ސައީދު ހުށައަޅުއްވައިދެއްވާ ކަރުދާހަށްފަހު ބައިވެރިން އަޅުގަނޑުމެންނާ މަޝްވަރާ ކުރަމުންގެންދާނީ އެކަމާ ބެހޭ ގޮތުން ވަރަށް މިނިވަން ޖައްވެއްގައި. ދެން އަޅުގަނޑުމެން އެއްބަސްވާ ގޮތުގެ މަތިން އެ ހުށައެޅުންތައް ހުށަހެޅޭނެ. އާދެ! ހަމަަ އެފަދައިން ޚިދްމަތްތަކާއި ތަރައްޤީގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާއާއި އެހެނިހެން ވަސީލަތްތައް ހޯދާނެ ގޮތްތަކާ  ބެހޭ ގޮތުން ވެސް މި ސެމިނާރއަށް ކަރުދާހެއް ހުށަހެޅި އޭގެ މައްޗައް ވާހަކަ ދެއްކޭނެ. ހަމައެފަދައިން އަޅުގަނޑުމެން މިސެމިނާރ ނިމިގެންދާއިރުގައި ބޭނުންވާ އެއް ކަމަކީ ސަރުކާރުން، ދެންމެ އަޅުގަނޑުމެންގެ އެގްޒެކެޓީވް ޑިރެކްޓަރ ފާހަގަކުރެއްވި ފަދައިން ރައީސުލްޖުމްހޫރިއްޔާގެ އިސްލާޙީ އެޖެންޑާގެ މަގުޗާޓުގައިވާ ގޮތުން ކައުންސިލް އެކުލަވައިލުމަށްޓަކައި ބޭނުންވާ ޚިޔާލުތައް ސަރުކާރަށް ހުށައެޅުން. އެއީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް ނުވަތަ ލޯކަލް ގަވަރނަންސް ނިޒާމަކަށް ބޭނުންވާ ޤާނޫނެއްގެ ބިލް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައަޅުއްވާ އިރު، އަޅުގަނޑުމެން ރައްޔިތުންނަށް، އޭގައި ހިމަނާން ބޭނުންވަނީ ކޮންކަހަަލަ ނުކުތާތަކެއްތޯ ބެލުމައްޓަކައި ހުށައެޅޭ ހުށަހެޅުމެއް. ކައުންސިލްތަކަށް ޤާނޫނީ ހައިސިއްޔަތު ލިބިދިނުން…. ޤާނޫނެއް އެކުލަވައިލުމުގައި ބަލާންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗައް އަލްއުސްތާޛު އަޙްމަދު މުއިއްޒު ހުށައަޅުއްވާ ކަރުދާހެއް ވެސް މީގައި އޮންނާނެ. އާދެ! އެހެންވީމާ، މި ކަންތައްތަކުގައި އަލީގައި އަޅުގަނޑުމެން މަޝްވަރާކޮށް ނިމޭއިރުގައި އަޅުގަނޑުމެން މި ސެމިނާރގައި މި އުންމީދުކުރަނީ ރަށު ކައުންސިލާއި އަތޮޅުކައުންސިލްތައް އުފެއްދުމައްޓަކައި ބޭނުންވާ މައިގަނޑު ޚިޔާލު ހިންގުމުގެ ދާއިރާއިންނާއި ވެރީންގެ ކިބައިން މިނިވަންކަމާއެކު ލިބިގެން އަންނާނެކަމަށް. ހަމަ އެފަދައިން މި ކަމާ ބެހޭ ޤާނޫނުތައް އެކުލަވައިލުމުގައި ބޭނުންވާ ނުކުތާތައް ވެސް ތިޔަހުރިހާ ބޭފުޅުން ފާހަގަކޮއްދެއްވައި އަޅުގަނޑުމެންނަށް ސަރުކާރަށް ހުށައެޅޭ ފެންވަރަށްް ގެނެސްދެއްވާނެކަމަށްެ.

އާދެ! ވަގުތުގެ ގޮތުން ތިޔަ ހުރިހާ ބޭފުޅުން މި ތަނަށް ވަޑައިގެން ތިޔަ ތިއްބެވީ ސަރުކާރުގެ އޮފީސްތަކުގެ ވަރަށް މުހިންމު ވަގުތުތަކެއް އަޅުގަނޑުމެންނަށް ހިއްސާކޮއްދެއްވައިގެން. އެހެންކަމުން އަޅުގަނޑުގެ މި ވާހަކަތައް މިހާރު ވެސް އެކަށީގެންވާ ވަރަށް ވުރެން ދިގުވެއްޖެކަމަށް ހީކުރަމުން، މައާފް އެދެމުން، އަޅުގަަނޑުގެ ވާޖިބު އަދާކުރެވިއްޖެކަމަށް ޤަބޫލުކުރަމުންް، އަޅުގަނޑުގެ ވާހަކަ މި ނިންމައިލަނީ އަޅުގަނޑުމެންގެ އެންމެންގެ ސިކުޑީގައި އައިސްފައި މިވާ ތަރައްޤީގެ އާ ވިސްނުމާއި އެއްގޮތްވާ ގޮތުގެ މަތީން ގައުމު ތަރައްޤީކުރުމަށް އާ ވިސްނުންތަކެއް މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. އަދި އަޅުގަނޑުމެން އެންމެން ހެޔޮ ނިޔަތުގައި ގައުމަށްޓަކައި މި ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން އެދި ދުޢާކުރަން. އާމީން…

ވައްސަލާމްޢަލައިކުމް ވަރަހްމަތުﷲ ވަބަރަކާތޫހ."

އަޅުގަނޑުގެ މި ވާހަކަކޮޅު ވިދާޅުވުމުން ސާފުވެވަޑައިގަންނަވާނެ ހަގީގަތަކީ، ލޯކަލް ކައުންސިލްތައް އުފެއްދެވުމުގެ ޙިއްސާ ވަރަށް ގިނަ ބޭފުޅުންނަށް އޮތުމާއެކު، މި ކަމުގައި އެންމެ ބޮޑު ޙިއްޞާއެއް (ނުވަތަ ކްރެޑިޓެއް) އަރުވާން ޖެހެނީ (ގަބޫލުކުރާން ބޭނުން ވިޔަސް ނުވިޔަސް) އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށާއި އޭރުގެ އަތޮޅުތައް ހިންގުމާ ބެހޭ ވަޒީރު، އަންނަބީލު މުޙަންމަދު ވަޙީދުއްދީނަށް ކަމެވެ. އެތައް ސަތޭކަ ބަޔެއްގެ މަދަދާއި އެހީތެރިކަމާއެކީގައިމެއެވެ. ލޯކަލް ކައުންސިލްތަކުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އިރު އެ މަޖިލީހުގައި އަޣުލަބިއްޔަތު އޮތީ އޭރުގެ ޑީއާރުޕީ-ޕީއޭ ކޯލިޝަނަށް ކަން ވެސް ފާހަގަކޮށްލާން ބޭނުންވެއެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގައި ޢަމަލީ ގޮތުން އަޅުގަނޑަށް ބައިވެރި ވެވުނު ކަމަށް ވިޔަސް މި މަސައްކަތްތައް ނިމި ޤާނޫނެއްގެ ބިލާމެދު ރައްޔިތުންގެ މަޖިލީހުގައި މަޝްވަރާކޮށް ބަހުސްކުރެވުނު އިރު، ކަން ދިމާވި ގޮތުން އަޅުގަނޑަށް އުޅެވުނީ އެ މަސައްކަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައެވެ. މާވަށް ދާއިރާއަށް ޚާއްޞަވެގެން ފުރަތަމަ ހޮވުނު މެންބަރުގެ ހައިސިއްޔަތުންނެވެ. އެހެންކަމުން މި ވާހަކަ ވެސް ދަންނަވައިލީއެވެ. ހަމައެކަނި ތާރީޚަށް ޓަކައެވެ.

އާދޭހެވެ! ކަން މިހެން އޮތް އިރު ލޯކަލް ކައުންސިލްތަކާ ބެހޭ ކަންކަން ހިންގުުމާއި އެ ކަމާ ބެހޭ ޤާނޫނު ފާސްކުރުމުގައި ވެސް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ޙިއްޞާވުމުގެ ފުރުޞަތު ލިބިފައިވާތީ މި ވާހަކަ ތާރީޚަށް ޓަކައި ފުރޭފުކޮށްލާން ބޭނުންވީއެވެ. ލޯކަލްކައުުންސިލްތަކަކީ ވަކި ބަޔެއްގެ ވިސްނުމެއްކަމަށާއި އެއީ ވަކި ބަޔެއްގެ ދަރިއެއްކަމަށާއި އެއީ މިވެނި ބަޔަކު ދަންނަ ކަމެއް ނޫންކަމަށް ވަކާލާތު ކުރިޔަސް އެ ކަމުގެ ހަގީގަތް އޮތީ އެހެން ނޫންކަން ހާމަކޮށްލުމަށް ޓަކައެވެ. އެއީ ވަކި ބަޔެއްގެ "ދަރިއެއް" ނޫނެވެ. އެއީ ރައްޔިތުންގެ އުފެއްދުމެކެވެ. މިކަން ހިނގި ގޮތް، އެހެން ގޮތަކަށް ދަންނަވާނަމަ، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ވުޖޫދަށް އައުމުގައި ދަތުރުކުރި މަގާއި އެކަމުގައި މަސައްކަތް ކުރީ ކޮން ބަޔެއްކަން ކޮންމެވެސް ވަރަކަށް މިހާރު ސާފުވެވަޑައިގެންފާނެ ކަމަށް އުންމީދުކުރަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. އެކަމަކު އެމްޑިޕީ އިން ބުނަނީ ލޯކަލް ކައުންސިލްތައް އުފެއްދީ އެ މީހުންކަމަށް. އަދި ޕީޕީއެމްކަށް ލާމަރުކަޒީ ނިޒާމެއް ނޭނގޭނެ ކަމަށް. ނަމަވެސް މީހގައި މި ބުނަނީ އޭގެ އަނެއް ކޮޅަށް. އަނެއްކާ އަޒީޒު ޖަމާލަށް އޮޅުނީކީ ނޫންތަ؟ ދެ މީހަކު އެކައްޗެއް މި ގައުމުގައި ނުކިޔާނެ. ދެން އަހަރެމެން އާންމުންނަށް ހައްތާ އޮޅެނީ.

  2. ދައްކާ ވާހަކަ އާ އަމަލާ ދިމާ ނުވާ ވާހަކަ ދައްކާތާ ކިހާ ދުވަހެއް ބާވެއޭ؟ ލާ މަރުކަޒީ އޭ ކިޔައިގެން ފޮނި ވާހަކަ ތަކެއް ދެއްކީ! ވީ ކަމެއް ހަރާން! އެއީ މައި ސަރުކާރުގެ އޮތް ބާރުތަކެއް ދޫކޮށްލަން ބޭނުން ނުވާތީ! އެކަމަކު، މި ކަން ކުރުމުގެ ގަޓު ހުރެ މި ކަން ކުރީ އެމްޑީޕީ ގެ ވެރިކަމުގަ ރައީސް ނަސީދު! އެހެން ވީމަ، މީ ކާކު ގެ ޚިޔާލެއްތޯ އެއް ނޫން މުހިންމީކީ، ކާކު ތޯ މި ކަން ކުރީ އެއީ މުހިންމު ކަމަކީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.