Support Us

އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަރެންމީ ރާބޯމީހެއް ކަމުގައި ނުދެކޭށެވެ.

މިއީ ހިންދީ ފިލްމީ ލަވައެއް ކަމުގައިވާ "މުޖޭ ދުނިޔެވާލޯ ޝަރާބީ ނަ ސަމްޖޯ" (އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަރެންމީ ރާބޯ މީހެއް ކަމުގައި ނުދެކޭށެވެ!)، މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައިގެ ދިވެހި މާނަކޮށްލުމެކެވެ. މުޅީން ސީދާ ލަފްޒީ ތަރުޖަމާ އަކަށް ނުވި ކަމުގައިވިޔަސް ލަވައިގެ ޖުމްލަ މާނަ ގެނެސްދެވޭތޯ ކޮށްލެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.

މި ލަވައަކީ މީގެ 57 އަހަރު ކުރިން، 1964ގައި، ނިކުތް "ލީޑަރު" މި ފިލްމުގެ ލަވައެކެވެ. މި ފިލްމުގައި މައިގަނޑު ގޮތެއްގައި ބަލައިލެވިފައި ވަނީ މުޖްތަމައީ ފަސާދައިގެ މައްޗަށެވެ. އާދެ! މުޖުތަމައުގައި އަށަގެންފައިވާ "ކޮރަޕްޝަން"ގެ މައްޗަށެވެ. އާއްމުންނާއި ޚާއްސުންގެ ތެރޭގައެވެ. ސިޔާސީވެރީންނާއި ގައުމުގެ ލީޑަރުން ކަމުގައި ބެލެވޭ މީހުންގެ ތެރޭގައެވެ.

މި ލަވައަކީ "ލީޑަރު" މި ފިލްމުގެ މަޢުޟޫއީ (ތީމް) ލަވަ ކަމުގައި ބެލެވިދާނެއެވެ. ފިލްމުގައި ބެލުންތެރީންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖު، ލަވައިގައި ޚުލާސާކޮށް ބުނެދެވޭތީއެވެ. ލަވައިގައި އިޝާރާތް ކުރެވިފައިވަނީ، މުޖުތަމައީ ފަސާދައިގެ އަސްލު ގުޅެނީ، މުޖްތަމައުގެ އަފްރާދުން، އެމީހުންގެ އަމިއްލަ އެދުންތައް ހާސިލުކުރުމަށް މަސައްކަތްކުރާ ގޮތާއެވެ. އާދެ، ވަކިވަކި ފަރުދުން އެމީހުންގެ ދުނިޔަވީ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މަސައްކަތްކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ހުއްދަކަމެވެ. ކުރަންޖެހޭވެސް ކަމެކެވެ. ނަމަވެސް މިކަން ކުރަންޖެހެނީ ކަނޑައެޅިފައިވާ އިމެއްގެ ތެރޭގައެވެ. އަޚުލާގީ އަދި ގާނޫނީ އިމުގެ ތެރޭގައެވެ. ތަން ފަސާދަވެދިޔުމުގެ އަސްލެއް ކަމަށް ލަވައިގައި އިޝާރާތް ކުރެވެނީ މިކަމާއެވެ. މުޖުތަމައުގެ ފަރުދުން އެމީހުންގެ ދުނިޔަވީ އެދުންތައް ހާސިލު ކުރުމުގެ މަސައްކަތުގައި ގާނޫނީ އަދި އަޚުލާގީ އިމުން ބޭރުވެގެންދާ ދިއުމާއެވެ. މިކަމުގައި ހިމެނެނީ ވަކި ބަޔެއް ނޫނެވެ. މުޅި މުޖުތަމައުގެ ހުރިހާ ފަރުދުން ހެން މިކަމުގައި ޝާމިލުވެއެވެ.

ލަވައިގައި މިކަން ބުނެދެނީ މަސްތީ ހާލަތެއްގައިވާ މީހެއްގެ ދުލުންނެވެ. މަސްތުވެ ބިމުގައި، ފައިހަރުކޮށްލުން ދަތިވެފައިވިޔަސް، މި ހާލަތުގައި އޭނާގެ ހިތަށް ފެންނަ ކަންތައްތަކެއްގެ ގޮތުގައެވެ. އޭނާ ބުނެދޭ ގޮތުގައި މުޖުތަމައުގެ އެންމެންވެސް ވަނީ މަސްތީ ހާލަތެއްގައެވެ. އެމީހުންގެ ހަމަ ބުއްދި ފިލައިގޮސްފައެވެ. އެއް ބަޔަކު ވަނީ ރަލުގެ މަސްތުގައި ޖެހި ބުއްދި ފިލައިފައެވެ. އަނެއް ބަޔަކު މަސްތުކޮށްލާ އެއްޗަކީ އަންހެނުންނެވެ. ޖިންސީ ލައްޒަތެވެ. މިގޮތުގައި އެއްބަޔަކު ދުނިޔަވީ އުފާތައް، އަޚުލާގީ އަދި ގާނޫނީ އިމުގެ ބޭރުންވިޔަސް، ހޯދަން މަސައްކަތް ކުރަމުންދާ އިރު މުޖުތަމައު ފަސާދަވާކަށް ވަގުތުތަކެއް ނުނަގާނެއެވެ. އަދި ތިންވަނަ ބަޔަކު ނިކަމެތީންގެ ފަރާތުން ނާޖާއިޒު ފައިދާތައް ނަގައި އެމީހުންގެ "ލޭ ބޮއި" ހަދައެވެ. މުޖުތަމައުގެ ގިނަ ބަޔަކު މިގޮތުގައި އައްޔާޝީ ހަޔާތެއް ވެއަތު ކުރަމުންދާއިރު މުޖުތަމައުގެ އަނެއް ބަޔަކު ވަނީ އެމީހުންގެ އަސާސީ ބޭނުންތަކުން މަހުރޫމުވެ މާޔޫސް ކަމުގެ ތެރެއަށް ގެނބި ހަދާނެ ނަހަދާނޭ ގޮތެއް ނޭނގިފައެވެ. މުޖުތަމައުގައި އުފަލާއި އަރާމުގައި އުޅޭ މީސްމީހުންނަށް މިދެންނެވި ނިކަމެތީންނަކީ އުޅޭ ބައެއް ކަމުގައިވެސް ނޭނގެއެވެ. މިފަދަ ބޮޑު އިގުތިސާދީ ތަފާތުތަކެއް އަށަގެންފައިވާ މުޖުތަމައުއެއްގައި ފަސާދައިގެ ވަކިތައް ހިއްޕާލާކަށް އުނދަގުލެއް ނުވާނެއެވެ.

މި ވާހަކަތައް ކުރިޔަށް ގެންދަމުން އިތުރަށް ލަވަކިޔާ މީހާ ފާހަގަކޮށްދެއެވެ. ދުނިޔޭގައި ކަން ހިނގަނީ ވަރަށްވެސް އަޖައިބު ކުރުވަނިވި ގޮތަކަށެވެ. މީސްމީހުންގެ ބޭރުފުށް ރީތިވެދާނެއެވެ. މީސްމީހުން، ފައިސާވެރިވެފައި މުއްސަނދި ދިރިއުޅުން އުޅޭތަން ފެނިދާނެއެވެ. ނަމަވެސް އެ މީސްމީހުންގެ ހަގީގަތަށް ބަލާލެވޭއިރު، ބައެއް ފަހަރު، ކަން އޮންނަނީ އެހާ ރީތިވެފައި ތާހިރުކޮށެއްނޫނެވެ. އެފަދަ މީސްމީހުން، ފިލްމުގައި ބުނެދޭ ގޮތުގައި، އެމީހުންގެ މަގުސަދު ހާސިލު ކުރުމަށްޓަކައި އެމީހުންގެ ވާދަވެރީން މަރާލާންވެސް ފަސްނުޖެހެއެވެ. އަދި މިނޫންވެސް، ވައްކަމާއި ފޭރުން ފަދަ އިންސާނީ ޒަމީރު މަނާކުރާ ކަންކަމީ މިފަދަ ބައެއް މީސްމީހުންނަށް ހަމަ އެންމެ ރަނގަޅު ކަންކަމެވެ. އަދި މުޖުތަމައުގައި ފަސާދައިގެ ވަކިތައް ހިއްޕާލެވިފައިވާ މިންވަރު ރަމްޒުކޮށްދޭ ކަމަކީ މުޅި މުޖުތަމައުހެން، މިކަން، ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި ބަލައިގަނެ، ގަބޫލުކޮށްފައިވާ ކަމެވެ. އޭގެ ހެއްކަކީ މިފަދަ ޣައިރު ގާނޫނީ އަދި ލާއަޚުލާގީ އަމަލުތަކަށް ނުރުހުމުގެ ނަޒަރަކުން ބަލައިލާނޭ ލޮލާއި، އެފަދަ ކަންކަން، އިންކާރުކުރާނޭ ޒަމީރެއް އޮތް މީސްމީހުން މުޖުތަމައުން ފެންނަލެއް މަދުކަމެވެ. އެހެންވެ، ފައިސާ ހުރެއްޖެނަމަ، މިފަދަ ކޮންމެ ނުރަނގަޅު އަމަލެއްމެ ފައިސާގެ ދަޅައިން މުޖުތަމައުގެ ޒަމީރުގެ ލޯ ކަނުކޮށްލައި މަރާލެވިދާނެއެވެ. މިއީ މުޖުތަމައުގެ ވާޤިއު ކަމަށްވާއިރު، މުޖުތަމައުގައި ހަގީގީ ހާލަތު ކަމަށްވާއިރު، މުޖުތަމައު އޮންނާނީ ފަސާދައިގެ ތެރެއަށް ވެއްޓި ޣަރަގުވެފައެވެ.

ލަވައިގެ ތަރުޖަމާ

އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަންނަކީ ރާބޯ މީހެއް ކަމުގައި ނުދެކޭށެވެ.

ގަސްދުގައި އަހަރެން ރާ ބޮނީއެއް ނޫނެވެ. އަހަންނަށް ރާ ބޯން ޖެހިފައިވަނީއެވެ.

މިތަނުގައި އަހަރެން މިވަނީ ހަމަ ބުއްދި ފިލައިފައިވާ ހާލެއްގައެވެ. (އަދި ބިންމަތީގައި) ފައިތިލަވެސް ސާބިތު ނުވެއެވެ.

(ނަމަވެސް ކުރެވޭނޭ ކަމެއް ނެތެވެ.) މިއީ އަހަރެން ހިނގަން ޖެހިފައި އޮތް މަގެވެ.

އަހަރެންވަނީ މަސްތުވެފައި ކަމުގައި ބެލެވިދާނެއެވެ.

އެހެންކަމަށް ވިޔަސް، އަހަންނަށް، ސާފުކޮށް އެނގޭ ކަމެއްގެ ވާހަކައެއް އެބައޮތެވެ.

އެއީ މި ދުނިޔޭގައި އެންމެންހެން ވަނީ މަސްތުވެ (އެމީހުންގެ ހަމަ) ގެއްލިފައެވެ.

އެއް ބައަކު (މަސްތުވާން) ބޮމުންދަނީ (ރަލުން ފުރި) އުތުރިއަރާ ތަށިތަކުންނެވެ.

އަނެއް ބަޔަކު (މަސްތީ ބުއިންތައް) ބޮނީ (އެމީހުންގެ ލޯބިވެރީންގެ) ލޮލުންނެވެ.

އެއްބަޔަކު މަސްތުވެ ބުއްދި ފިލާފައި ވަނީ ދުނިޔޭގެ އުފަލާއި އަރާމުގެ ތެރެއަށް ވެއްޓި ގޮހެވެ.

އަނެއް ބަޔަކުގެ ހޭވެރިކަން ނެތިދަނީ ދިރިއުޅުމުގެ ހިތާމަތަކުގެ ތެރެއަށް ގެނބި (މާޔޫސްވެ) ގޮހެވެ.

އަދި މީގެ އިތުރުން އިންސާނުންގެ ލޭބޮއި، (އެބަހީ، އެމީހުންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގާ)، އެކަމުގެ މަސްތުގައި ޖެހިފައިވާ ބަޔަކުވެސް އުޅެއެވެ.

އާދެ! ހަމަ ކޮންމެ ހިތަކަށް ވެސް، އެހިތް މަސްތުކޮށްލައި ބުއްދިފިލުވާލަ ދޭނޭ، އެއްޗެއް ވެއެވެ.

އޭ އަހަރެންގެ ދުނިޔަވީ ރަހުމަތްތެރީންނޭވެ! ޒަމާނުގެ ގޮތާއި ފޮތަކީ ތަފާތުވެފައި ހާދަހާވާ އަޖައިބު ކުރުވަނިވި އެއްޗެކެވެ.

މި ދުނިޔޭގައި (މީސްމީހުންގެ) ހަށިތައް، (އެބަހީ، ބޭރުފުށް) އަލިވެފައި ސާފުވެދާނެއެވެ.

ނަމަވެސް (އެމީހުންގެ) ހިތްތައް، (އެބަހީ އެތެރެފުށް)، ކަޅުވެފައި ހާދަހާ ހަޑިއެވެ.

މި ދުނިޔެއަކީ ހަމަ ދުނިޔެއެވެ. (ދުނިޔޭގައި ކަން ހިނގާ އާދައަކަށް ބަދަލެއް ނާދެއެވެ.)

(މި ދުނިޔޭގައި) ފައިސާއިގެ ދަޅައިގެ (ބާރުން) ހިތްތަކުގެ ނުބައިކަން ފޮރުވައި ވަންހަނާ ކުރެވެއެވެ.

އޭ އަހަރެންގެ ދުނިޔަވީ އަޚުންނޭވެ! އަހަރެންނަކީ ރާބޯ މީހެއް ކަމުގައި ނުދެކޭށެވެ.

ގަސްދުގައި އަހަރެން ރާ ބޮނީއެއް ނޫނެވެ. އަހަންނަށް ރާ ބޯން ޖެހިފައިވަނީއެވެ.

މިތަނުގައި އަހަރެން މިވަނީ ހަމަ ބުއްދި ފިލައިފައިވާ ހާލެއްގައެވެ. (އަދި ބިންމަތީގައި) ފައިތިލަވެސް ސާބިތު ނުވެއެވެ.

(ނަމަވެސް ކުރެވޭނޭ ކަމެއް ނެތެވެ.) މިއީ އަހަރެން ހިނގަން ޖެހިފައި އޮތް މަގެވެ.