...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: 2023 އަށް މި ޗެލެންޖް ނަންގަވާ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓު ހިބަކޮށް ދީފީމެވެ!

ދިވެހިރާއްޖޭގެ ރިއާސީ އިންތިހާބު މިވަނީ ގާތްގަނޑަކަށް ދެއަހަރު ދުވަހަށް ކައިރިވެފައެވެ. އެ އިންތިހާބް ވެގެންދާނީ މިހާތަނަށް ބޭއްވޭ އެންމެ ވާދަވެރި އިންތިހާބަށް ކަމަށް ވުމަކީ ވަރަށް ކައިރި ކަމެކެވެ. އެ އިންތިހާބްގައި ދިވެހި ރައްޔިތުން ވޯޓުދޭނީ ޤައުމުގެ ކުރިމަގަށް ދިމާވެފައިވާ މުހިއްމު ހުރިހާ މައްސަލަތަކެއް ހައްލުކޮށްދެވޭ ފަދަ އާދަޔާ ހިލާފް ހުށަހެޅުމެއް ހުށަހަޅުއްވާ، ނުވަތަ ސިޔާސަތު ތަކެއް ހާމަކުރައްވާ ކެންޑިޑޭޓަކަށް ކަން ކަށަވަރެވެ. ޤައުމަށް ދިމާވެފައިވާ މުހިއްމު ހުރިހާ މައްސަލައެއް އެއް ލަކިން ހައްލު ކުރެވޭ ފަދަ އާދަޔާ ހިލާފް ހުށަހެޅުމެއް އަޅުގަނޑުގެ އެބައޮތެވެ. މިއީ ފާއިތުވި ވިއްސަކަށް އަހަރުތެރޭ އެކި ފަހަރު މަތީން އަޅުގަނޑު އެކަމަކަށް އަލިއަޅުވަމުން އަންނަ ކަމެކެވެ.

މި މަޝްރޫއު ހިންގައިފިނަމަ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ހުރިހާ ހުރަހެއްވެސް ނައްތާލެވި، މައްސަލަތަކުގެ ހައްލު ހޯދޭނެއެވެ. އިންޑިއާ ފަދަ އިސްތިއުމާރީ ބާރުތަކުގެ ނުފޫޒުން ސަލާމަތްވެ، އިގްތިސޯދީގޮތުން ފުދުންތެރި، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ، ހުނަރުވެރި ތައުލީމީ ޖީލެއް ބިނާކުރެވިފައިވާ، ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމުގެ ތަޅުދަނޑި އޮތީ މި މަޝްރޫއުގައެވެ. ޒަމާނުއްސުރެ ހުރިހާ ސިޔާސީ ވެރިންވެސް ވިދާޅުވަމުން އަންނަ ދެކުނު އޭޝިއާގެ ސިންގަޕޫރު ކަމުގައި ދިވެހި ރާއްޖެ ހެދުމުގެ ތަޅުދަނޑިވެސް އޮތީ ހަމަ މި މަޝްްރޫއުގައެވެ. ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކުޑަ ޖަޒީރާ ޤައުމުތަކުގެ ކުޑައިގެ ދަށުން ނިކުމެ ސަލާމަތް ހޯދޭނީވެސް މި މަޝްރޫއިންނެވެ. ދިވެހި ރާއްޖޭގެ ކުރިމަގަށްޓަކައި، އަދި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމާއި ފުދުންތެރި ކަމަށް ޓަކައި މި މަޝްރޫއުގެ މުހިއްމުކަން ވިސްނޭނީ ހުޅުވިފައިވާ ވިސްނުމަކާ އެކު މި މަޝްރޫއަށް ފިކުރު ހިންގާލުމުންނެވެ. މިއީ ކޮން މަޝްރޫއެއްތޯއެވެ؟ އެއް ބަޔަކު މިއީ ޖޯކެއް ކަމަށް ވެސް ދެކެފާނެއެވެ. ނަމަވެސް ކޮންމެވެސް ތޫނުފިލި ސިޔާސީ ލީޑަރަކު މާގިނަ ދުވަހެއް ނުވެ މި މަޝްރޫއު އަމިއްލަ ކުރެއްވުމަކީ އަޅުގަނޑުގެ އެދުމެވެ. މިއީ ވާވު އަތޮޅުން ބިޔަ ބޮޑު "ރާއްޖެ"އެއް އުފެއްދުމުގެ އާދަޔާ ހިލާފް މަޝްރޫއެވެ!

ވާވު އަތޮޅަކީ ގުދުރަތީ ގޮތުން ދެ އަތޮޅެކެވެ. އެއީ އަސްލު ވާވު އަތޮޅާއި، އެ އަތޮޅު ކައިރީ އޮންނަ "ވައްޓަރު" ނަމަކަށް ކިޔާ ގުދުރަތީ ކުޑަ އަތޮޅެކެވެ. ވާވު އަތޮޅަކީ ސައިޒުގެ ގޮތުންވެސް އަދި އާބާދީގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ކުޑަ އަތޮޅެވެ. އަތޮޅުގައި ވިއްސަކަށް ރަށް އޮތްއިރު މީހުން އުޅެނީ އެންމެ ފަސް ރަށުގައެވެ. އަދި މުޅި އަތޮޅުގެ އާބާދީ އަކީ ގާތްގަނޑަކަށް 2000 އެވެ. ވާވު އަތޮޅުގެ އެންމެ އިރުމަތީ ފަރާތުން ފޮއްތެޔޮމުލިން ފެށިގެން އަތޮޅުގެ އެންމެ ހުޅަނގު ފަރާތު ފުއްޓަރާ ދެމެދު، އަތޮޅުގެ ފުޅާމިނުގައި 30 މޭލު ހުރެއެވެ.

އަތޮޅުގެ 2000 ވަރަކަށް އާބާދީ އެހެން އަތޮޅަކަށް ބަދަލުކޮށް، ބަދަލުކުރި މީހުންނަށް ސަރުކާރުން ގެދޮރާއި ބަދަލު ދިނުމަށް ފަހު، މާކަނޑުން ވެލި ޕަމްޕު ކޮށްގެން (ޑީޕްސީ ޑްރެޖިން ހަދައިގެން) މުޅި ވާވު އަތޮޅު ހިއްކުމަކީ މީގެ ވިއްސަކަށް އަހަރު ކުރީން އިނގިރޭސި ހަފުތާ މަޖައްލާ "މަންޑޭޓައިމްސް"ގައި ލިއުނު ލިއުމުން ފެށިގެން އަޅުގަނޑު ފާޅުކުރަމުން އަންނަ ޚިޔާލެކެވެ. މިއީ ޓެކްނިކަލް ގޮތުން މިހާރު ދުނިޔޭގައި ޓެކްނޮލޮޖީ ހުރި، އަދި ކުރެވިދާނެ ކަމެކެވެ. ޚަރަދަށް ބަލާއިރު ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމުން، ދައުލަތުން އެއްވެސް ޚަރަދެއް ނުކޮށް ހިންގިދާނެ ބިޔަ މަޝްރޫއެކެވެ. ޑީޕްސީ ޑްރެޖިން އަކީ މާކަނޑުގެ އަޑިން ޕަމްޕް ކޮށްގެން ވެލި ނެގުމަށް ކިޔާ ނަމެކެވެ. މިގޮތަށް ބިން ހިއްކައިގެން، މުޅި ވާވު އަތޮޅު އެއްކޮށް، ކަނޑުގެ ލޮނުގަނޑުން ފެށިގެން މަދުވެގެން 15 ފޫޓުގެ އުސްމިނަށް ހިއްކުމުން، އެއްފަސްކޮށް އުފެދޭ ބޮޑުސިންގާ ރަށް ވެގެން ދާނީ މަދުވެގެން އެއް މިލިއަން މީހުންނަށް އެއްފަހަރާ އުޅެވޭ ފަދަ "ސޭފް އައިލޭންޑް" އަކަށެވެ.

ރާއްޖޭގެ ރަށްތަކުގެ އުސްމިން، ކަނޑުގެ ލޮނުގަނޑުން ފެށިގެން ހުންނަނީ އެވްރެޖްކޮށް ފަސްފޫޓު ވަރުގައެވެ. އެހެން ކަމުން ލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް މިބިޔަ ބޮޑު ބިން ހިއްކާލުމުން ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވެދާނެ ތިމާވެށީގެ ނުރައްކާތަކުން މިބިޔަ ރަށަށް ސަލާމަތްކަން ލިބިގެން ދާނެއެވެ. ވާވު އަތޮޅަކީ ރާއްޖޭގެ ވެރިރަށް މާލެއާވެސް އެހާ ދުރު އަތޮޅެއް ނޫނެވެ. ސްޕީޑް ލޯންޗްގައި ދޮޅުގަޑިއިރުން ދެވެއެވެ.

ވާވު އަތޮޅުގެ އެތެރެވަރީގެ އެންމެ ފުން ހިސާބުގެ ފުންމިނަކީ އެވްރެޖްކޮށް 73 މީޓަރެވެ. މިސާލަކަށް ބަލާނަމަ ސިނަމާލެ ބްރިޖްގެ މައި ތަނބުތައް އެވަނީ ކަނޑުގެ އަޑިން 100 މީޓަރު ފުނުގައި ޖަހައިފައެވެ. އެހެންކަމުން މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން 73 މީޓަރު ފުން ވާވު އަތޮޅު އެއްކޮށް ހިއްކާލުމަކީ ނުކުރެވޭވަރުގެ ކަމެއްނޫނެވެ. އަދި ދާދި ފަހުން ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ސަރުކާރުން ބިން ހިއްކައިގެން އުފައްދާފައިވާ ބޮޑެތި ރަށްތަކަށް ބަލާއިރު ވާވު އަތޮޅު އެއްކޮށް ހިއްކުމުގެ ޓެކްނޮލޮޖީއާއި ތަޖުރިބާ، އަދި ކޮންޓްރެކްޓަރ ފައިނޭންސަށް ބޭނުންވާ ފައިސާ ޗައިނާއިން ވެސް ލިބޭނެއެވެ. އަދި ޗައިނާ ނޫނަސް ޔޫރަޕްގެ ހޮލެންޑް ފަދަ ޤައުމުތަކަކީވެސް މިފަދަ ޓެކްނޮލޮޖީ އާއި ފައިނޭންސް ހުރި ޤައުމުތަކެވެ.

މިގޮތަށް ވާވު އަތޮޅު (ވައްޓަރުވެސް ހިމެނޭ ގޮތަށް) ހިއްކައިފިނަމަ ގާތްގަނޑަކަށް 3،000 އަކަމޭލުގެ ބިޔަ ރަށެއް އުފެދޭނެއެވެ. އެއީ ގާތްގަނޑަކަށް މާލެވަރުގެ 1000 މާލޭގެ ބިމެވެ. އެފަދަ ބިޔަ ރަށެއް، ކަނޑުގެ ލޮނުގަނޑުން ފެށިގެން 15 ފޫޓު އުސްކޮށް ހިއްކައިފި ނަމަ، އެރަށް ވެގެންދާނީ، ތިމާވެއްޓަށް އަންނަ ބަދަލެއްގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލިއްޖެ ނަމަވެސް، ދިވެހި ރައްޔިތުންގެ ނުވަތަ ދިވެހި ރާއްޖޭގެ މުސްތަޤްބަލް، އިރާދަކުރެއްވިއްޔާ، ޔަގީންކޮށްދޭނެ ބިޔަ ރަށަކަށެވެ. ހަމަ އެފަދައިން އިގްތިސޯދީ ބިޔަ އިންޖީނަކަށެވެ.

މިތަނުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކާއި، ބޮޑެތި އާގު ބޯޓުފަހަރު އެލޯންގްސައިޑް ކުރެވޭވަރުގެ ޓްރާންސްޝިޕްމެންޓް ބަނދަރަކާއި ތަފާތު އުފެއްދުންތައް އުފައްދާ ކާރުހާނާތަކާއި ސްކޫލް، ހޮޓެލް އަދި ކޮންޑޮމީނިއަމްސް އާއި ފްލެޓް ފަދަ ހުރިހާ ވަސީލަތްތައް ޤާއިމް ކުރެވޭނެއެވެ. އަދި ދަނޑުވެރިކަން ކުރާނެ ބޮޑެތި ދަނޑުތަކާއި، ކުކިން އޮއިލް، ޓޮމާޓޯ ޕޭސްޓް، ޓޮމާޓޯ ސޯސް، ހިކިކިރު، ގެރިކިރު، ދިޔާކިރު ޕެކެޓް، ކުކުޅުގެ ބާވަތްތައް، ހަކުރު، ނޫޑުލްސް، ހަނޑޫ، ބިސްކޯދު، އިންޖީނު އޮއިލް، ކޫލެންޓް ފަދަ، އާއްމުކޮށް ބޭނުންކުރާ ތަފާތު މުދާ އުފައްދާ ނުވަތަ ޕެކް ކުރާ ކާރުޙާނާ ތަކާއި، މޮޓޯރ ސައިކަލް ފަދަ ތަކެތި އެސެމްބުލް ކުރާ ކާރުހާނާތައްވެސް ހުންނާނެއެވެ. މިތަނުގައި ބޮޑެތި އަދަދުން (މިލިއަނުން) އިންވެސްޓް ކުރާ ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ޕާމަނެންޓް ރެސިޑެންސީ ދެވޭނެއެވެ. ޕާމަނެންޓް ރެސިޑެންސީ އަކީ ދިވެހި ރައްޔިތަކަށް ވުމެއްނޫނެވެ. އެއީ ރައްޔިތަކަށް ލިބޭ ވޯޓުލުމުގެ ހައްޤު ފަދަ ހައްޤުތައް ނުލިބޭ، އެހެނަސް ވިސާއާ ނުލައި ރާއްޖޭގައި ދާއިމަށް އުޅުމުގެ ހުއްދައެވެ.

ދިވެހިރާއްޖެއިން އެތެރެކުރާ ބާވަތްތަކުގެ ތެރެއިން އާއްމުކޮށް ބޭނުންކުރާ ކައްކާ ތެޔޮ ފަދަ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭ މިންވަރު ބަލައި، އެކަމަށް ރިޢާއަތްކޮށް، އެތަކެތި ދިވެހިރާއްޖޭގައި އުފައްދައި، ނުވަތަ އެތަކެތި ގަނޑުކޮށް ނުވަތަ 'ރޯކޮށް' ރާއްޖެ އެތެރެކޮށް، ރިފައިންކޮށް، ޕްރޮސެސްކޮށް އަދި ބަންދުކޮށް ދިވެހި ބާޒާރަށް ނެރުމަށް ބޭނުންވާ ފެކްޓަރީތައް އެއިރުން ހެދޭނީ ވާވު އަތޮޅުގެ ބިޔަ ރަށުގައެވެ. މިރަށަށް ކީދާނެ އެއް ނަމަކީ "ވާވު-ސޭފް-އައިލޭނޑް"އެވެ.

ވާވު އަތޮޅު ހިއްކާއިރު، ވައްޓަރު ވެސް ހިއްކޭނެއެވެ. ވައްޓަރަކީ ގުދުރަތީ ބޮޑު ސިންގާ ހާބަރެކެވެ. ވައްޓަރު ހިއްކާނީ އެތަނުގެ ގުދުރަތީ ހާބަރު ދެމިއޮންނަ ގޮތަށް، ވައްޓަރުގެ ވަށައިގެންނެވެ. މެދުގައި އޮންނަ ގުދުރަތީ ހާބަރު ނުހިއްކާ ބާއްވާ ގޮތަށެވެ. އެއަށްފަހު ވައްޓަރާއި "ވާވު-ސޭފް-އައިލޭންޑް"އާ ދެމެދު ބްރިޖަކުން ގުޅާލުމަށް ފަހު ވައްޓަރު ބަނދަރު ވެގެންދާނީ ބޮޑު ސިންގާ، ބިޔަ، ޓްރާންސްޝިޕްމެންޓް ކޮންޓެއިނަރ ބަނދަރަކަށެވެ. މި ކޮންޓެއިނަރ ބަނދަރާއި، ވާވު-ސޭފްއައިލޭންޑްގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓާއި ފެކްޓަރީތަކާއި އެހެނިހެން އިންފްރާސްޓްރަކްޗަރގެ ސަބަބުން ވާވު ވެގެންދާނީ މެދުސައިޒުގެ ބޮޑު ޤައުމެއް ފަދަ ތަނަކަށެވެ. ހަމައެކަނި އެތަނުގެ އިގްތިސޯދުން މުޅި ދިވެހިރާއްޖޭގެ ހަރަދުތައް ޗަލުވާލެވޭވަރުގެ ބިޔަ އިގްތިސޯދަކަށެވެ. އެ ސަރަހައްދަކީ ޚާއްސަ އިކޮނޮމިކް ޒޯނަކަށް ހަދައި، އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދެވިގެން ދާނެއެވެ.

މިއީ ބިޔަ ތަސައްވުރެކެވެ. މި ދިވެހި ޤައުމުގެ އިގްތިސޯދީ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ކުރިމަގުގެ ފޯރުންތެރިކަމާއި ޤައުމުގެ ތަރައްޤީ އަދި ރައްކާތެރިކަމާ ގުޅިފައިވާ ބިޔަ ތަސައްވުރެކެވެ. މި މަޝްރޫއުގެ ސަބަބުން ވާވުއަތޮޅުގެ ތިމާވެށި ބަދަލުވެގެން ދިޔަކަމުގައި ވިއަސް އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ ކުރިމަގު އުޖާލާވެ، އިގްތިސޯދީ މިނިވަންކަން ލިބި، ސިންގަޕޫރު ފަދަ ތަރައްޤީވެފައިވާ ޤައުމަކަށްވެ، އިންޑިއާ ފަދަ ޤައުމުތަކުން ދިއްކޮށްލާ ކުޑަ ހެލިކޮޕްޓަރެއް ފަދަ ހައިރާތަކަށް ބަރޯސާ ނުވެ އުޅެވޭ، ދުނިޔޭގައި ނަން ހިނގާ ޤައުމަކަށް ދިވެހި ރާއްޖެ ވާނެއެވެ.

މީގެ ސަބަބުން ދިވެހި ރާއްޖެ ވެގެންދާނީ ހަމައެކަނި ދެކުނު އޭޝިއާގެ ސިންގަޕޫރަކަށް ނޫނެވެ. ދެކުނު އޭޝިއާގެ ޑުބާއީގެ ލަޤަބްވެސް ދިވެހި ރާއްޖެއަށް ލިބިގެންދާނެއެވެ. މެދުއިރުމައްޗާއި، އިރުމަތީ އޭޝިއާ އަދި ޔޫރަޕްގެ ބޮޑެތި އިންވެސްޓްމެންޓްތައް ވާވު ސޭފް އައިލޭންޑަށް އަންނާނެއެވެ. މި މަޝްރޫއު ހަޤީގަތަކަށް ވާތާ މަދު އަހަރުތަކެއްގެ ތެރޭ ސިންގަޕޫރު އަދި ޑުބާއީއާ އިގްތިސޯދީގޮތުން ވާދަކުރެވޭ ފަދަ ކުރިއަރާފައިވާ ޤައުމަކަށް ދިވެހި ރާއްޖެ ވެގެން ދާނެއެވެ. މިފަދަ ނަޒަރަކުން ވިސްނުމުން އެނގިގެންދާ ހަޤީގަތަކީ ދިވެހި ރާއްޖެއަކީ ވަސީލަތް މަދު ޤައުމެއްވެސް ނޫންކަމެވެ. އަދި ކުޑަ ޤައުމެއްވެސް ނޫންކަމެވެ. ދިވެހި ރާއްޖެއަކީ ނުހަނު ވަސީލަތް ގިނަ، ބޮޑު ޤައުމެކެވެ! ދުނިޔޭގެ މުހިއްމު ލޮކޭޝަނެއްގައި އޮތް، ބިޔަ، ބޮޑު، ވަސީލަތުގެ ގޮތުން މުއްސަނދި ޤައުމެއްކަމެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިވެހި ޤައުމަށް ކަޅިއަޅަނީ އެހެން ވެގެންނެވެ. އެމީހުން ދިވެހީންނަށް ވިސްނައިދޭން ބޭނުންވަނީ މިއީ ފަޤީރު، ކުޑަ ޤައުމެއްގެ ގޮތުގައެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެކެވެ. އެ ވިސްނުމުން ސަލާމަތްވެ، ވާވު އަތޮޅުގެ ބިޔަ މަޝްރޫއު އައިގެން ތެދުވާނެ ކެންޑިޑޭޓަކަށް އަޅުގަނޑުގެ ވޯޓު ހިބަކޮށް ދީފީމެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
62

2 Responses

  1. ބުޝްރީއެވެ! ތިޔަ ތަޞައްވުރު ގެންގުޅުއްވި ވެރިޔަކު 2013ން 2018 އަށް މި ރާއްޖޭގައި ވެރިކަން ކުރެއްވި އެވެ. ސައޫދީ އެހީގައި ފާފުގައި ހިނގާން ހަމަ ކިރިޔާ ނުފެށުނު "ފާފު މަޝްރޫޢަކީ ތިޔަ ވިދާޅުވިފަދަ ފުޅާ މަޝްރޫޢަކަށް ނުވިޔަސް އިންޑިއާއަށް ބަރޯސާވުން މުޅިން ހުއްޓުވޭނެ މަޝްރޫޢެކެވެ. އަދި "އައިހަވަން" މަޝްރޫޢާއި ފ. މަޝްރޫޢު ހިންގުނު ނަމަ، އިންޑިއާއިން ޖެހުނީހީ ދިވެހިރާއްޖެއަށް ސަލާން ޖަހާށެވެ! އިންޑިއާއަށް ކެތްނުވެގެން، ރާއްޖޭގެ ޚާއިނުންނަށް ރިޝަވަތު ދީގެން، މީސް މީޑިއާގައި ސައޫދީ ރަސްގެފާނަށް ހެއްދެވި ނެހެއްދެވިއަށް ގޮވައިގެން އެ މަޝްރޫޢު ހުއްޓުވީ އެހެންވެގެންނެވެ. އެހެން އެކަން ވިޔަސް ދެވަނަ ދައުރަކަށް ޔާމީނަށް އާދެވުނު ނަމަ، އަލުން އެ މަޝްރޫޢާއި ތިލަމާލެ ބްރިޖް 2019 ޖެނުއަރީގައި ޗައިނާގެ ސީސީސީސީ ކުންފުނީން ފަށާން ހަމަޖެހިފައި އޮތްކަން އިންޑިއާއަށް އެނގޭތީ އީސީއަށް ރިޝްވަތުދީ ވޯޓު އޮޅުވައިލައިގެން އިންތިޚާބު ވަގަށް ނެގީ އިންޑިއާއިންނެވެ. އެހެންކަމުން އިންޑިއާގެ ޕަޕެޓަކު ރައީސަކަށް ބަހައްޓައިގެން ހެވިފައި އެ ތިބެނީއެވެ. އަދިވެސް އިޤްތިޞާދީ ތަޖުރިބާއާއި ނޯހައު ހުރި ގަޓުހުރި ލީޑަރެއް ރައީސް ޔާމީން ނޫނީ ފެންނާކަށް ނެތެވެ. އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޝަރީޢަތެކޭ ކިޔައިގެން ކުޅުނު ޑްރާމާއެއްގައި އެ މަނިކުފާނު ޖަލުގައި އެ ބަހައްޓަނީ އިންޑިއާގެ ނުފޫޒުންނެވެ. ހަގީގަތުގައި އިބްރާހީމް މުޙަންމަދު ޞާލިޙު ވެސް އެ ކަމާ ގިލްޓީ ވެއެވެ. ނަމަވެސް އިންޑިއާގެ ދަށުގައި ވެފައިވާތީ އިންޑިއާގެ ސަފީރު ބުނާ ގޮތަށް ނޫނީ ޢަމަލު ކުރެވޭކަށް ނެތެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *