Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: 2023ގެ ރިއާސީ ރޭހުގެ ކުޅިބައި އަތުރާލެވޭނެ ގޮތް

ދަނގެތީ ދާއިރާގެ މަޖުލިސް މެމްބަރ (ރިޓަޔާޑް ކާނަލް) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ ފަރާތުން ޖުލައި 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވަރަށް ޔަޤީންކަމާ އެކު ވިދާޅުވިއެވެ: "އަޅުގަނޑަކަށް 2023 ވަނަ އަހަރާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް އެބަ ފެނޭ ﷲ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރ 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓް ހުވާ ކުރައްވާ މަންޒަރު."

ދެހާސް ތޭވީހުގެ ރިއާސީ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިޝާރާތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާ ފާޅުކަން ބޮޑު ގޮތެއްގައި، މިހާ ޔަޤީން ކަމާއެކު ކާމިޔާބުގެ ވާހަކަ ދެއްކެވި އެހެން ކެންޑިޑޭޓެއް އަދި ނުފެނެއެވެ. ދެހާސް އަށް ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރިއާސީ އިންތިހާބްތަކުގައި ވާދަ ކުރައްވާފައިވާ ޤާސިމް އިބްރާހިމާއި ރައީސް މައުމޫނަށް އެފަދަ އިންތިހާބެއް ދެން ކާމިޔާބު ކުރެއްވިދާނެ ކަމަކަށް ނުބެލެވެއެވެ. އަދި ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު ރައީސް ނަޝީދަށް ވެސް ދެން ރިއާސީ އިންތިހާބެއް ކާމިޔާބު ކުރެއްވިދާނެ ކަމަކަށް ނުބެލެވެއެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ހިންގުން ބަދަލު ކުރައްވަން ނަޝީދު މަސައްކަތް ކުރައްވަނީ ވެސް ރިއާސީ އިންތިހާބެއް ކާމިޔާބު ކުރެއްވުމުގެ އުއްމީދު ނަޝީދުގެ ކިބައިގައި ނެތުމުން ކަމަށް ބެލެވެއެވެ.

ދެހާސް ތޭވީހުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަކީ ޑްރަގްސް އާއި ގޭންގާއި ކޮރަޕްޝަނާއި ލާދީނިއްޔަތުން ޤައުމު ސަލާމަތް ކުރެއްވުމުގެ އެޖެންޑާގައި ކުރިމަތި ލައްވާފައިވާ ބޭފުޅެކެވެ. ދިވެހި ނޭޝަނަލް އެކްޝަން (ޑީ.އެން.އޭ)ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައިގެން، އުމަރު ނަސީރު މަސައްކަތް ކުރައްވާއިރު އުމަރުގެ ސިޔާސަތަށް ތާއީދުކުރާ ރައްޔިތުން ފުދޭ ވަރަކަށް ތިބި ކަމުގައި ވިއަސް ކޮންމެވެސް ކަހަލަ ކޯލިޝަނެއްގެ ތާއީދާ އެކުގައި މެނުވީ އިންތިހާބު ކާމިޔާބުކުރައްވަން އުމަރަށް ވަރަށް އުނދަގޫވާނެ ކަމަށް ބެލެވެއެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ޕްރޮފެސަރގެ ލަޤަބް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅާ ކަމުގައިވާ ޕްރޮފެސަރ އުޤައިލް އަކީވެސް 2023ގައި ވާދަ ކުރައްވަފާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން ފާހަގަކޮށްލެވޭ ނަމެކެވެ. އުޤައިލް އަކީ ވިސްނުން ތޫނު، މޮޅު، އަދި ސިޔާސީ ގޮތުންވެސް ޤައުމަށް މުހިއްމު ހިދުމަތް ތަކެއް ކޮށްދެއްވިދާނެ ބޭފުޅެއްކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް ސިޔާސީ އިތުރު ބެކިންއެއް ނެތި  2023 ކާމިޔާބު ކުރައްވަން އުޤައިލަށް ވެސް ދަތިވާނެއެވެ.

އިންޑިއާގެ އަޅުވެތިކަމަށް ދިވެހި ޤައުމު ވެއްޓެމުންދާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ، އިންޑިއާ ކޮޅަށް ވަރަށް ބޮޑަށް ބުރަވެފައިވާ، މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިފައެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ނިސްބަތްވާ ކޯލިޝަނުން ވަނީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ އެމް.އާރް.އެމް އަށް އިދިކޮޅު ކޯލިޝަނާ ގުޅުމަށް ދައުވަތު ދީފައެވެ. ނަމަވެސް ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސް ކަމަށް ބަލާއިރު ޕީޕީއެމް ނިސްބަތްވާ ކޯލިޝަނަކަށް އެމް.އާރް.އެމް ދާނެ ކަމަކަށް ނުބެލެވެއެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އަދާލަތުވެސް ދާނެކަމަކަށް ނުބެލެވެއެވެ. ދެހާސް ތޭވީހުގެ ކުޅިބައި އަތުރާލެވޭއިރު ވެދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ ގޮތަކީ އިންތިހާބްގައި ހަތަރު ފަރާތަކުން ވާދަކުރުމެވެ.

ފުރަތަމަ ފަރާތަކީ ރައީސް ނަޝީދެވެ. ނަޝީދު ވާދަކުރައްވާނީ ޕްރޯ އިންޑިއާ އަދި ސެކިއުލަރ ސިޔާސަތުގެ ދަށުންނެވެ.

ދެވަނަ ފަރާތަކީ ރައީސް ޔާމީން ނުވަތަ ޔާމީންގެ ކޯލިޝަނުން ނެރޭ ކެންޑިޑޭޓެކެވެ. އެ ފަރާތަކަށް ޕީޕީއެމް އާއި ޕީއެންސީގެ ތާއީދު އޮންނާނެއެވެ.

ދެހާސް ތޭވީހުގައި ވާދަ ކުރައްވާނެ ކަމަށް އަޅުގަނޑަށް ލަފާ ކުރެވޭ ތިންވަނަ ފަރާތަކީ އެމްއެންޕީގެ ފަރާތުން ކާނަލް ނާޒިމް ނުވަތަ އެ ޕާޓީގެ ފަރާތުން ހޮވާ ކެންޑިޑޭޓެކެވެ.

އަޅުގަނޑުގެ މި ލިސްޓުގައި ރައީސް ސޯލިހުގެ ނަން ނެތުމުން ބައެއް ފަރާތްތަކުން ސުވާލު ކޮށްފާނެއެވެ. މިހާރު ކަންތައް ދާގޮތުން އަޅުގަނޑަށް ފެންނަނީ ރައީސް ސޯލިހު 2023 ގައި ވާދަނުކުރައްވާނެ ކަމަށެވެ. އުމަރު ނަސީރުގެ ޑީއެންއޭ އާއި، އަދާލަތާއި އެމް.އާރ.ްއެމް ވެސް ނާޒިމްގެ ޕާޓީއާ އެކު ކޯލިޝަން ހަދާ މަންޒަރު އަޅުގަނޑަށް އެބަފެނެއެވެ. އާޚިރުގައި ރައީސް ސޯލިހުގެ ތާއީދުވެސް ލިބޭނެ ކަމަށް ބެލެވެނީ އެމް.އެން.ޕީ އަށެވެ.

އިންތިހާބުގައި ވާދަކުރާނެ ކަމަށް ލަފާ ކުރެވޭ ހަތަރު ވަނަ ފަރާތަކީ ޕްރޮފެސަރ އުޤައިލެވެ. އުޤައިލް ވާދަ ކުރައްވަން އަރުއްވާނެ ކަމަށް ބެލެވޭ ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓޭއްގެ ގޮތުން ޕްރޮފެސަރ އުޤައިލް ނިކުމެވަޑައިގެންފި ނަމަ އެކަށީގެންވާ ތާއީދެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން 2023 ގައި ވާދަ ކުރައްވަފާނެ ހަތަރު ކެންޑިޑޭޓުންނަކީ ރައީސް ޔާމީން، ކާނަލް ނާޒިމް، ރައީސް ނަޝީދު، އަދި ޕްރޮފެސަރ އުޤައިލް އެވެ. މީގެ ތެރެއިން ކާނަލް ނާޒިމްގެ ރަނިންމޭޓަކަށް އުމަރު ނަސީރު ނެގުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ފެނެއެވެ. އެފަދަ ހާލަތެއްގައި ހަތަރު ކެންޑިޓުުންގެ ތާއީދުވެސް ފުދޭ ވަރަކަށް ބޮޑުވާނެއެވެ.

ހަތަރު ބަޔަށް ވޯޓު ބެހިގެންދާއިރު ދެވަނަ ބުރަކަށް ގޮސް މީގެ ތެރެއިން ކާމިޔާބު ލިބޭނެ ކަމަށް ބެލެވެނީ އިންޑިއާގެ ކިބައިން ދިވެހި ޤައުމު ސަލާމަތް ކުރުމާއި، ލާދީނިއްޔަތުން ޤައުމު ސަލާމަތްކޮށް، އިގްތިސާދީ މުޅިން އައު ތަސައްވުރެއް ހުށަހަޅާ ކެންޑިޑޭޓަކަށް ކަމަށް ބެލެވެއެވެ. ކޮންމެ ބޭފުޅަކަށް 2023 ކާމިޔާބު ވިއަސް އެ ބޭފުޅަކު ވާން ޖެހެނީ ވަރަށް ޤަޓް ހުރި، ކެރޭ، ވަރުގަދަ ޗެލެންޖަކާ ކުރިމަތިލެވޭ ފަދަ ވިޝަނަރީ ބޭފުޅަކަށެވެ. ޤައުމުގެ މައްސަލަތައް ގިނަވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުން ދެން އިތުބާރު ކުރާނީ ނަމަކަށް ނުވަތަ ޕާޓީ އަކަށް ނޫނެވެ. ރައްޔިތުން ތާއީދު ކުރާނީ ރައްޔިތުން އެދޭ ފަދަ ބަދަލު ގެނެސްދެވޭނެ އިހްލާސްތެރި، ކެރޭ ލީޑަރަކަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ނަސީދު ނޫން ކޮންމެ މީހަކު އަޔަސް އޯކޭ.. ކާނަލް ނާޒިމް ތަފާތު ދައްކާނެ ހެން ހީވޭ!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *