Support Us

ކޮލަމް މާޒީ: ގައުމިއްޔަތު ދިރިދެމި އޮތުމަށް ޓަކައި ގައުމީ މަސައްކަތަކަށް ބޭނުންވެފައި

މާލޭގެ މަގުތަކުގައި ހިނގައިލުމުން އެންމެ ގިނައިން ފެންނާން ހުންނަ ތަންތަނަކީ ފިހާރަތަކެވެ. ޚާއްޞަކޮށް ބައެއް މަގުތަކުގެ ދެ ފަރާތް ފުރިފައިވަނީ އެކި ސައިޒުގެ އެކި ފެންވަރުގެ ފިހާރަތަކުންނެވެ. މާލޭގެ އެންމެ ދެކުނު ފަޅީގައި ފިހާރަ މަދަސް އެހެން ހުރިހާ ދިމާއެއްގައި ވެސް ފިހާރަތަކާއި މި ނޫނަސް އާންމު ޚިދުމަތްދޭ ތަންތަނުން ވަނީ ފުރިފައެވެ. ފިހާރައެވެ. ސައިހޮޓަލެވެ. ކެފޭތަކާއި ރެސްޓޯރަންޓްތަކެވެ. ފޮޓޯކޮޕީގެ ޚިދުމަތްދޭ ތަންތަނެވެ. އަދި މިނޫނަސް އެހެން ބައެއް ތަންތަނެވެ. ފިހާރަތަކުން ވިއްކާ މުދަލުގެ ބާވަތްތަކަށް ވުރެ، އަދި އެ ތަންތަނުން ދޭ ޚިދުމަތްތަކަށްވުރެ ބޮޑަށް އަޅުގަނޑަށް ސަމާލުކަން ދެވެނީ އެ ތަންތާނގެ ނަންބޯޑުތަކަށެވެ. އެކި ފިހާރަތަކަށް އެކި ތަންތަނަން ނަންދީފައި ހުންނަނީ އެކި ބަހުންނެވެ. ގިނައިން ފެންނަނީ އިނގިރޭސި ނަންތަކެވެ. އަދި ކޮންމެ ބަހަކުން ނަން ކިޔަސް އެ ނަން ނަންބޯޑުގައި ގިނައިން ލިޔެފައި ހުންނަނީ ވެސް ތާނަ އަކުރަކުން ނޫނެވެ. ދިވެހި ބަހުން ނަންދީފައި ހުންނަ ތަންތަނާއި ތާނައަކުރުން ނަން ލިޔެފައިވާ ތަންތަން ވެސް ނެތެއް ނޫނެވެ. ނަމަވެސް ވަރަށް މަދެވެ. އަދި ފަރަންސޭސިބަސް ފަދަ ނުވަތަ އެ ނޫން އެހެން ބަސްބަހުން ނަން ކިޔައިފައި ހުންނަ ތަންތަން ވެސް މަދުން ނަމަވެސް ފެނެއެވެ. ތާނައަކުރުން ނަން ލިޔެފައިވާ ތަންތަން ވެސް ހުރޭމެއެވެ.

މި ގޮތަށް ހުންނަ ނަންބޯޑުތައް ފެނުމުން އަޅުގަނޑު ހިތަށް އަރައެވެ. އަޅުގަނޑުމެންގެ ނަންބޯޑުތައް ހެދުމުގައި އަޅުގަނޑުމެންގެ ބަހަށް އިސްކަން ނުދެނީ ކީއްވެބާވައެވެ! މި ފަދަ ނަންތައް ވެސް އަޅުގަނޑު ފަދަ މައް ދިވެހީންނަށް ކިޔާން އެނގޭ ގޮތަށް ތާނައަކުރުން ލިޔެ ނުލަނީ ކީއްވެބާވައެވެ. މި ކަންކަން ތަންފީޒުކުރާންޖެހޭ ފަރާތްތަކުން ވެސް މިކަމަށް ދޭންވާ ސަމާލުކަން ނުދެނީ ކީއްވެބާވައެވެ. ހަމަގައިމުވެސް ވިޔަފާރީގެ ކަންކަން ބަލަހައްޓަވާ ވުޒާރާއެއް ވެސް ސަރުކާރުގައި ހުރޭ ތާއެވެ. މި ކަން މިހެން ކުރާން ވާނެ ކަމަށް ޤާނޫނުގައި ލިޔެފައި ވެސް އެބަ އޮތް ތާއެވެ.

ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ނ)ގައި ލިޔެފައި އޮއްވައި އަޅުގަނޑަށް ފެންނަނީ "ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔާން އެނގޭނޭހެން ތާނައަކުރުން ލިޔެފައި އޮންނާންވާނެއެވެ." މިފަދައިންނެވެ. މި ޢިބާރާތަށް ބަލާއިރު ތަންތަނަށް ވަކި ބަހަކުން ނަމެއް ދޭކަށް އާންމުންނަކަށް ގާނޫނު ލާޒިމެއް ނުކުރެއެވެ. ނަމަވެސް އެ ކިޔާ ނަމެއް ތާނައަކުރުން ލިޔެފައި އޮތުން އެބަ ލާޒިމުކުރެއެވެ. އަދި އެ ނަމެއް "ތާނަ ފިޔަވައި އެހެން އަކުރަކުން ލިޔެފައިވާނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށް ވުރެ ބޮޑުވެގެން ނުވާނެ" ކަމަށް ވެސް އެ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި އޮވެއެވެ.

ކަން މިހެން އޮތް ކަމުގައި ވިޔަސް އާންމުންނަށް ފެންނާނެހެން ހަރުކޮށްފައި ހުންނަ ގިނަ ނަންބޯޑުތައް ހުންނަނީ މި ޤާނޫނާ ޚިލާފަށް ކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ ކަން ޤާނޫނާ އެއްގޮތަށް ބަދަލުކުރާކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން މަސައްކަތްކުރާތީއެއް ނުފެނެއެވެ. ނަމަވެސް މާސްކު ނާޅައި މީހަކު އުޅެފި ނަމަ، އެމީހަކު ހުއްޓުވައި ޖޫރިމަނާކޮށް ހެދެއެވެ. މިއީ ޤާނޫނެއްގައި ބަޔާންކޮށްފައި އޮންނަ ކަމެއް ވެސް ނޫނެވެ. ޤާނޫނަކުން ބާރު ލިބިގެން ދައުލަތުގެ އިދާރާއަކުން ހައްދަވައިފައި އޮންނަ އުޞޫލެކެވެ. މި އުޞޫލު ހިންގައިލާކަށް ސަރުކާރަކަށް އުނދަގޫކަމެއް ނެތެވެ. އެހެންވީމާ ނަންބޯޑުތައް ޤާނޫނާ އެއް ގޮތަށް ބަހައްޓާން ސަރުކާރުން ބޭނުންފުޅު ނުވަނީތާއެވެ. އަދި ފިހާރަތަކާއި ސައިހޮޓާތައް ހިންގާ ގިނަ މީހުން ވެސް ދިވެހިބަހަށް އިސްކަން ނުދެނީތާއެވެ. ނުވަތަ ޤާނޫނުގައި އެ ކަން ލާޒިމުކޮށްފައި އޮންނަކަން ވެސް ނޭނގެނީތާއެވެ. މިކަން އަންގައިދޭން ވެސް "ބަޔަކު" ނޫޅެނީތާއެވެ. އަދި ވިޔަފާރިތަކުން އެ ވިޔަފާރިތައް އަމާޒުކުރާ މީހުންނަށް ވެސް ސަމާލުކަމެއް ނުދެނީތާއެވެ.

މީހަކު ބުނެފާނެއެވެ. ރާއްޖޭގައި ޚާއްޞަކޮށް މާލޭގެ މަގުމަތީގައި ގިނައިން އުޅެނީ ދިވެހީންނެއް ނޫނެވެ. އެހެންވީމާ ވިޔަފާރިތައް ޚާއްޞަކުރާން ޖެހޭނީ އެ މީހުންނަށް ކަމަށް ވާތީ ދިވެހިބަހުން ނަންބޯޑު ހަދާން އިސްކަން ނުދެނީއެވެ. ނަމަވެސް މިއީ ވެސް ދެކޮޅުޖެހޭ ވާހަކައަކަށް ނުވެއެވެ. ސަބަބަކީ އެހެންކަމަށް ވާނަމަ، ގިނަ ނަންބޯޑުތައް ހުންނާންޖެހޭނީ ބަންގާޅީ ބަހުންތާއެވެ. އެހެނީ މާލޭގެ މަގުތަކުގައި ގިނައިން އުޅެނީ ބަނގްލާދޭޝް މީހުންނެވެ. ނަމަވެސް ގިނަ ނަންބޯޑުތައް ހުންނަނީ އިނގިރޭސި ބަހުންނެވެ. ލެޓިންއަކުރުންނެވެ. އެހެންވީމާ މިއީ ވަކި ވިޔަފާރިއަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަކަށް ވެސް ބެލޭކަށް ނެތެވެ.

މިކަމުން އަންގައިދެނީ ކޮން ކަމެއްތޯއެވެ! މިކަމުން ދަލީލުކޮށްދެނީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ މީހުން މި މުޖުތަމަޢުގައި މަދުކަމެވެ. ޤާނޫނު ތަންފީޒުކުރައްވާ އިދާރާތަކުގެ އިސްވެރީންގެ ތެރޭގައި ވެސް ޤައުމިއްޔަތަށް ލޯބިކުރައްވާ ބޭފުޅުން މަދުކަމެވެ. ހިތާމަހުރިކަމެކެވެ. އާދޭހެވެ! ޤައުމިއްޔަތަށް ލޯބިކުރުމުގެ އެންމެ މުހިންމު ކަމަކީ އެ ބަޔެއްގެ ބަސްދެކެ ލޯބިވުމެވެ. އެހެނީ ބަހަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު ބަހާއެވެ. ބަހަށް ލޯބިކުރުމަކީ ޤައުމިއްޔަތަށް ލޯބިކުރާ ކަމުގެ ރަމްޒެކެވެ. ނަމަވެސް މި ލޯބި އުފެއްދޭނީ ތަޢުލީމީ މަންހަޖުގެ ތެރެއިންނެވެ. އަދި އެ ހިސާބުން ފެށިގެން ޤައުމިއްޔަތުގެ އަސާސްތައް ހަނދާންކޮށްދީ އެ މީހުން މަރުވަންދެން ވެސް މި ކަމުގެ ތަމްރީނުތައް މެދު ކެނޑުމެއް ނެތި ދެވިގެންނެވެ.

ޤައުމެއް ތަރައްޤީވެ ކުރިއަރާނީ އެ ޤައުމެއްގެ އަފުރާދުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެދިގެންނެވެ. މި ފަދަ ލޯތްބެއް އުފެދިއްޖެ ނަމަ، އެއިރެއްގައި އޮންނަ ސަރުކާރަކާ ޚިޔާލު ތަފާތު ވިޔަސް ޤައުމާ ދެކޮޅުވެރިއެއް ނުވާނެއެވެ. ސަރުކާރު ދެކެ ރުޅިއެރިޔަސް ޤައުމާ ދެކޮޅަކަށް މަސައްކަތެއް ނުކުރާނެއެވެ. ހިތާމައާއެކު ދަންނަވާންޖެހެނީ ރާއްޖޭގެ ކޮންމެ ދާއިރާއަކުން ވެސް ފެންނަނީ ބަހަށް ލޯބި ނުކުރުމާއި ޤައުމީ ލޯބީގެ ކަންފުޅެއް ވެސް ނެތް ކަމުގެ ނިޝާންތަކެވެ.

ތަޢުލީމީ ފެންވަރު ހިފެހެއްޓުމުގެ މަސައްކަތްކުރައްވާ އިދާރާއިން ވެސް މަސައްކަތްކުރެއްވުމުގެ އިތުރަށް ވަކާލާތުވެސް ކުރައްވަނީ ދިވެހިބަހުން ކިޔަވައި ނުދެވޭނެ ކަމަށެވެ. ދިވެހި ބަހަކީ ޢިލްމީ ބަހެއް ނޫންކަމަށެވެ. ނަމަވެސް އެހެން ބަސްބަސް ޢިލްމީ ކުރި ގޮތަށް ދިވެހިބަސް ޢިލްމީ ކުރެއްވުމުގެ ޚިޔާލުފުޅެއް ވެސް ނުގެންގުޅުއްވައެވެ. އެހެން ޤައުމުތަކުގައި ކަންކުރި ގޮތް ބައްލަވާކަށް ވެސް ބޭނުންފުޅެއް ވެސް ނޫނެވެ.

އަޅުގަނޑުމެންގެ ވަކި ބަޔަކު ތާއީދު ނުކުރާ ބޭފުޅަކު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަން ހާލާކުކޮށްލާން ފާޅުގައި މަސައްކަތްކުރަނީއެވެ. މުއައްސަސާތަކުގެ އަގުވައްޓައިލެވޭތޯ ވީވަރެއް ކުރަނީއެވެ. ރާއްޖޭގެ ބިނާރުތައް ކުރިއަރައިދާނެ ފަދަ، ރާއްޖޭގެ އިޤުތިޞާދު އިތުރުވެދާނެ މަޝްރޫޢެއް ވެސް އެހެން ބަޔަކު ވެރިކަމުގައި ތިބިއްޔާ ވިޔަ ނުދޭން މަސައްކަތް ފަށަނީއެވެ. ރާއްޖެއަށް ރީތި ނަމެއް ލިބިދާނެ ފަދަ ކަމެއް ވެސް ވަކި ޕާޓީއެއްގެ ސަރުކާރެއް އޮވެއްޖެ ނަމަ، އެ ކަމަކަށް ހުރަސް އެޅޭތޯ ރާއްޖެއާ ދުޝްމަނު އެހެން ޤައުމެއްގެ އެހީގައި ވެސް މަސައްކަތްކުރެވެނީއެވެ. ތަފުޞީލު ނުދެންނެވިޔަސް މި ފަދަ ކިތަންމެ ކަމެއް ދިވެހީންގެ ފަރާތުން މާޒީގައި ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފެނިފައެވެ. މިއީ އެ ފަދަ މީސްމީހުންގެ ހިތުގައި ޤައުމީ ލޯބީގެ ކަންފުޅެއް ވެސް ނެތް ކަމުގެ ފާޅުކަން ބޮޑު ހެކިތަކެވެ.

އާދޭހެވެ! ޤައުމީ ތަރައްޤީއަށް ހުރަސް އިޅުމުގެ އިތުރަށް އެ ބަޔެއްގެ ޤައުމީ ބަހާ ދެކޮޅަށް ބަސްބުނެ މަލާމާތްކުރާނީ ޤައުމީ ރޫޙުގެ ކަންފުޅެއް ވެސް އެ މަލާމާތް ކުރާ މީސްމީހުންގެ ހިތްތަކުގައި ނުވާތީއެވެ. ބަހުގެ ބަސްކޮށާރު މުއްސަނދިކުރުމަށް ޓަކައި ކަމާބެހޭ ވިދާރާއިން ލަފުޒުތަކެއް އުފެއްދެވިޔަސް އެ ކަމަށް ހަޖޫޖެހުމަކީ ބައެއް މީހުންގެ އުފަލެކެވެ. އެ ފަދަ ލަފުޒުތައް އެ އުފައްދަނީ އެހެން ބަސްބަހުގައި ވެސް ލަފުޒު އުފައްދާން ގެންގުޅޭ ޢިލްމީ ހަމަތަކާއި އިޖުރާއާތުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ފުންނާބު އުސް ޢިލްމީ ބޭފުޅުންތޯ ބަލާކަށް ވެސް ބޭނުމެއް ނޫނެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން އޮންނަނީ ދިވެހިރާއްޖެއާ ތަފާތު ގޮތަކަށެވެ. އެތަންތާނގައި އެންމެ އިސްކަން ދެނީ އެ މީހުންގެ ބަހަށެވެ. އަވަށްޓެރި ޤައުތަކާއި ދުރު އިރުމަތީގެ ޤައުމުތަކަށް ބެލިޔަސް އެމީހުން އެ މީހުންގެ ބަހަށް އިސްކަންދޭކަން ވަރަށް ރަނގަޅަށް ފާހަގަކުރެވެއެވެ. އަދި އެއިން ޤައުމެއްގައި ބައިނަލްއަޤުވާމީ ޖަލްސާއެއް މުބާރާތެއް ބޭއްވިޔަސް އެ ޖަލްސާއެއްގެ ނުވަތަ މުބާރާތެއްގެ ނަންފޮތިގަނޑުގައި ލިޔާން އިސްކަން ދީފައި ހުންނަނީ އެ ކަމެއް ބާއްވާ ޤައުމެއްގެ ބަހަށެވެ. އެހެން ބަސްބަސް އަންނާނީ މާދަރީބަހުގެ ފަހަތަށެވެ.

އަޅުގަނޑު އެ ބަހަކަށް ކިތަންމެ ލޯބިކުރާ ބަހެއް ނަމަވެސް ބަހާސާމެލޭޝިއާއަކީ ވެސް ދިވެހިބަހަށްވުރެ މަކި މުއްސަނދި ބަހެއް ނޫނެވެ. ނަމަވެސް އެ މީހުންގެ ބަހުން މިހާރު ކިޔަވައިނުދޭ ޢިލްމީ އެއްވެސް މާއްދާއެއް ނެތެވެ. މާދަރީބަހުން އެކަނި ކިޔަވައިދޭ އިސްކޫލުތަކާއި ޔުނިވަރުސިޓީތައް ބައިވަރެވެ. ޑޮކުޓަރީކަމެވެ. އިންޖިނޭރުކަމެވެ. މިއުމާރިއްޔަތެވެ. މިހެން ގޮސް ހުރިހާ ދާއިރާއެކެވެ. އެ ބަހުގައި ނެތް ލަފުޒުތަކާއި އިޞްޠިލާޙުތައް ބަހަށް ގެނެސްގެން ބަސް ޤާބިލުކުރީއެވެ. ބަސްކޮށާރު އިތުރުކުރީއެވެ. ފަރަންސޭސި ލަފުޒުތަކާއި ގުރީކު ލަފުޒުތަކާއި ލެޓިން ލަފުޒުތައް ބަހަށް ހާނުވައިގެން އިނގިރޭސިބަހުގެ ބަސްކޮށާރު ވެސް މުއްސަނދިކުރި ގޮތަށެވެ. މިއީ ސިޔާސަތު ރާވާ މީހުންގެ ކިބައިގައި ޤައުމާއި ބަސްދެކެ ލޯބިވުމުގެ ސިފަ އުފެދިފައިވާތީ ފެންނަ ނަތީޖާއެވެ. އަދި އެ ބަހުގެ ބަސްކޮށާރު މުއްސަނދިކުރުމަށް ޓަކައި ކޮންމެ ފަދަ ލަފުޒެއް ހެދިޔަސް، އެ ލަފުޒު ހެދީ އެ ކަމާ ބެހޭ ވިދާރާއިން ކަމަށް ވާނަމަ، އެކަމާ ހަޖޫޖަހާ ތަނެއް ހަމަގައިމުވެސް ނުފެނެއެވެ. މިސާލަކަށް، މުވާސަލާތަށް މެލޭ މީހުން ކިޔަނީ، އިނގިރޭސިބަހުގެ "ކޮމިޔުނިކޭޝަން" މި ލަފުޒުން ނަގައިގެން އުފައްދައިފައިވާ "ކޮމޫނިކާސީ"އެވެ. މި ލަފުޒަށް އަދި މިފަދަ އެއްވެސް ލަފުޒަކަށް އެ މީހުން ހަޖުލެއް ނުޖަހައެވެ. އޭގެ ބަދަލުގައި އިނގިރޭސިބަހުން ވާހަކަދައްކާއިރު ވެސް މި ފަދަ ލަފުޒެއް ބޭނުންކޮށްލުމަކީ އެ މީހުން ނިކަން ގަޔާވާ ކަމެކެވެ.

ދެން ޙީބްރޫބަހަށް ބަލައިލަމާތޯއެވެ! ދުނިޔޭގެ އެތަންމިތާނގައި ވިއްސިވިހާލި ވެފައިވާ ޔަހޫންދީން ގެނެސް ފަލަސްޠީނަށް ޖަމާކޮށްގެން އިނގިރޭސީންނާއި ހުޅަނގާއި އެމެރިކާގެ އެހީގައި "އިސްރާއީލޭ" ކިޔާ ދައުލަތެއް އުފެއްދި އިރު، ޙީބްރޫ ބަސް އޮތީ މޫނުއަޅައިފައެވެ. ނަމަވެސް އެ މީހުންގެ ޤައުމިއްޔަތެއް ދިރުވުމަށް ޓަކައި ބަހެއް ބޭނުންވާނެކަން އެ މީހުންނަށް އެނގެއެވެ. އެހެންކަމުން އެ ބަހަށް އޮކްސިޖަނާއި ކާނާ ދީގެން ދިރުވައި ބަސް އާލާކުރީއެވެ. ޒަމާނީކުރީއެވެ. މިއަދު ޔުނިވަރސިޓީތަކުގައި އެބަހުން ކިޔަވައިނުދެވޭ މާއްދާއެއް ނެތެވެ. ޤައުމިއްޔަތަށް ޓަކައި ވަކި ބަހެއް ނުދިރުވައި އެ މީހުންގެ "ބައްޕަ" (އެމެރިކާ) އާއި "ބޮޑުބޭބެ" (އިނގިރޭސީން)ގެ ބަސް އެ މީހުންނަށް ބޭނުންކޮށްލާން މާ ފަސޭހަވީސްތާއެވެ. ނަމަވެސް ޤައުމީ އަދި ވަޠަނީ ރޫޙުގެ ބާރުގައި އަމިއްލަ ޤައުމީ ބަހެއް އާލާކުރީއެވެ.

އާދޭހެވެ! އަޅުގަނޑުމެން ޤައުމު ކުރިއަރުވައި ތަރައްޤީކުރާން ބޭނުންނަމަ، ޤައުމިއްޔަތަށް ލޯބިކުރުމުގެ ސިފަ ދިވެހީންގެ ކިބައިގައި އުފައްދައި އާލާކުރުމުގެ ބޮޑު ބިޔަ ޤައުމީ މަސައްކަތެއް ފަށާން އެބަޖެހެއެވެ. މި ކަމަށް ޓަކައި ޤައުމީ ބަހަށް ލޯބި އިތުރުކުރުމުގެ ކަމާކެމިތަކެއް އެބަ ހިންގާންޖެހެއެވެ. އެހެނީ ޤައުމު ކުރިއަރުވާން ބޭނުންނަމަ ޤައުމިއްޔަތުގެ މައިގަނޑު ބަހާތައް ދެނެގަނެ އެ ބަހާތަކަށް އިޙުތިރާމްކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. އަދި މި ކަންކުރާން ބޭނުންނަމަ، އަޅުގަނޑުމެންގެ ޤައުމީ ބަހަށް މުޅި ދައުލަތާއި ރައްޔިތުން ވެސް ޚާއްޞަ އިސްކަމެއް ދޭން ޖެހޭނެއެވެ. މި ކަންކަން މި މަގަށް ނުކުރެވި ޤައުމިއްޔަތުގެ އަގުތަކާއި ރީތި ސުލޫކުގެ މަތީގައި ޤައުމު ބިނާކޮށް ތަރައްޤީކުރުމަކީ، އަދި ފަރުދުންގެ ޖިސްމާއި ނަފުސު މި ރީތި ސިފަތަކުގެ މަތީގައި ތަރުބިއްޔަތުކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ވީމާ ގައުމިއްޔަތު ދިރިދެމި އޮތުމަށް ޓަކައި ގައުމީ މަސައްކަތަކަށް ބޭނުންވެފައިވާކަމީ ދެބަސްވެވޭން ނެތް ހަގީގަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. މިހާރު މި އޮތް ސަރުކާރު އެކަންޏެއްނޫނެވެ. ކުރީގެ ސަރުކާރުތަކުން ވެސް ދިވެހިބަހަށް އަމަލީ ގޮތުން އިސްކަން ދީފައި ނުވާކަމީ ހަގީގަތެކެވެ. އަމިއްލަ މީހެއްގެ ފިހާރައިގެ ނަންބޯޑުގެ ވާހަކަ ބާއްވަވާށެވެ. ސަރުކާރުގެ އޮފީސް އޮފީހަށް މުވައްޒަފުން ހޯދުމަށްޓަކައި ނޫސްތަކުގައި ޖަހައި އުޅުނު އިއުލާނުތަކުން ފެށިގެން މުހިންމު ޖަލްސާތަކަށް ދައުވަތުދޭން ފޮނުވާ ކާޑުތަކާ އި އެ ތަންތަނުގައި ބަހައްޓާ ބެނަރތަކަށް ދާންދެން ހަމަ އެކަނި އިނގިރޭސިބަހުން ލިޔެފައި ހުށްޓާ ވަނީ ފެނިފަ އެވެ. މައުމޫން ދައުރުގަ އެވެ. އޭގެ ފަހުން އައިސް ގޮސްވީ ސަރުކާރުތަކުގެ ދައުރުތަކުގައެވެ. ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ޢަމަލުކުރަންޖެހިފައި އޮއްވާ ވެސް އަމަލުކުރަމުން އައީ ގާނޫނަށް ސަމާލުކަމެއްނުދީއެވެ.

  2. އަޒީބެގެ ލިޔުމުގައިވެސް މިވާގޮތް ފެންނާން އެއޮތީޢެވެ. އަޒީބެއަށްވެސް އަބަދު ފެންނާނީ އަހަރެމެންގެ ބަހާ ނުވެސް ގުޅޭ މެލޭ ބަހެވެ. ސިންގަޅަ، ހިންދީ ބަހުގެ މިސާލެޢްވެސް ނާންނާނެޢެވެ. ކަޑަޢަކީވެސް އަޒީބެޢަށް އެނގުނު ގޮތުގަޢި މެލޭ ބަހެކެވެ. އަހަރެމެންގެ ހަގީގީ ސަގާފަތަށް ބެލުމެޢްނެތި އަރަބި ސަގާފަތް އިމްޕޯޓުކޮށްފަޢި ގަޢުމިޢްޔަތޭ ކިޔާނެ ކަމެޢް ނެތެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *