Support Us

އޯމޯ ހުސްކުރި ފޮށިގަނޑަކުން އަޅުގަނޑަށް ފުދޭނެ، ދެއްތޯއެވެ؟

އަޅުގަނޑުމެން ކުޑައިރު، އޯމޯ ދޮންނަކުނޑި ހުސްކުރި ފޮށިގަނޑަކާއި ދެ އިލޮށިކޮޅާއި ހަތަރު ޑޮންޑޮންމަތިން ކުޅޭކާރު ހަދައިގެން އުޅުނީމުއެވެ. އެއީ ޔޫރަޕު ކީއްކުރަންތޯއޭ މުޅި ދުނިޔޭގައިވެސް ނެތް ވަރުގެ ދުއްވާ އެއްޗެކޭ ކިޔައިގެން، ނުވަތަ ހިތަށް އަރުވައިގެން، އޭގައި ވައުކޮޅެއްޖަހައިގެން ގޯތި ތެރޭގައި ދެމީމެވެ. އެމެރިކާ މީހުން ޖީޕު ދުއްވައި އުޅޭތީ، އަޅުގަނޑުމެން ކުޑަކުދީންވެސް ޖީޕު ހެދީމެވެ. ޔޫރަޕު ދޮން ފަރަންޖީން ކާރު ދުއްވައި އުޅޭތީ، އަޅުގަނޑުމެންވެސް ކަރުދާހު ފޮށިގަނޑުގަނޑުން ކާރު ހަދައިގެން ދެމީމެވެ. ނަމަކަށް ނަމެކެވެ. އެއްޗަކަށް އެއްޗެކެވެ. އެދުވަސްވަރަށް އެވަރުން އެ ނިމުނީއެވެ! އަޅުގަނޑުމެން ކަހަލަ ކުޑަކުދީންނަށް އެއިރު އެވަރުން ހަމަ ރަނގަޅަށް ފުދުނެވެ.

އެ ދުވަސް މާޒިވެ ހިނގައްޖެއެވެ. މިއަދު އަޅުގަނޑުމެން މިތިބީ ބޮޑެތި ވެފައެވެ. ދޮންނަކުނޑި ހުސްކުރި ފޮށިގަނޑަކުން ކާރު ހަދައިގެން މިއަދަކު ނުފުދެއެވެ. މިހައިރު ބޭނުން މިވަނީ ދޮން ފަރަންޖީން ގެންގުޅޭ އެހެން އެއްޗިއްސެވެ. ތަހުޒީބު ވާށޯލައެވެ. ޔޫރަޕު މީހުން ޑިމޯކްރަސީ ގެންގުޅޭތީ އަޅުގަނޑުމެން އިހަކަށްދުވަހު ހަމަ އެކަހަލަ އެއްޗެއް ހަދައިފީމެވެ. ހަމަ ގައިމުވެސް އަޅުގަނޑުމެން ހެދި އެއްޗަކަށް އެ ނަން ކިޔައިފީމެވެ. ބާރުވެރިކަމުގެ ބޯކިބަލުން އެކި މީހުންނަށް އެކި ވަރަށް ބައިއަޅަން ޖެހުނަސް ހެޔޮ ކަމަށެވެ. އަދި ހަމަ އެޔާއެކު، ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކުގެ މުޢާޙަދާގައިވެސް އަޅުގަނޑުމެން ސޮއި ކޮށްފީމެވެ. އެކި ފެންވަރުގެ މީހުންގެ މެދުގައި އެކި ވަރަށް ޙައްޤު ބަހަން ޖެހުނަސް ވެހެވެ. އެވަރުން އަޅުގަނޑުމެންނަށް ފުދެއެވެ. ނުވަތަ ފުދިގެން އެބަ ތިބެމެވެ.

އަޅުގަނޑުމެންނަކީ އެއްދުވަސްވަރެއްގައި ތިރިތިރި، ކުދިކުދި ގޭގޭގައި އުޅުނު ބަޔަކަށް ވިޔަސް، މިއަދު އަޅުގަނޑުމެންގެ ތެރެއިން ފޯރާ މީހުން ދުނިޔެއާ ނުބައްދަލު ޢިމާރާތްތައް އަޅަން ފަށައިފިއެވެ. އަދި އެތަންތަން ބޮޑުއަގުގައި ކުއްޔަށްދީ، ދިރިއުޅެ ހަދަން ފަށައިފިއެވެ. ދޮންމީހުން ކޮޕީ ކުރުމުގައި އަޅުގަނޑުމެން އެހައިވެސް ކުޅަދާނައެވެ. އެވަރުން ހަމަ ފުދޭ ނޫންތޯއެވެ؟

ބައިބޯކޮށް މީހުން އުޅޭ ތަންތާނގައި ޢިމާރާތް ތަޅައި، އަޅައި، ހަދާއިރު، ތިމާ ހަދާ ތަނުގެ ވަށައިގެން ހުންނަ، އެހެން މީހުންގެ ޢިމާރާތްތަކަށް ވެދާނެ ގެއްލުމަކުން އެތަންތަން ސަލާމަތްކުރުންވެސް ހިމަނައިގެން ލިޔެފައި އެ ހުންނަ، ބައިނަލް އަޤްވާމީ މިންގަނޑުތައް އަޅުގަނޑުމެންނާ ހަމަޔަށް އަދި ނުފޯރިޔަސް އެންމެ ރަނގަޅު ނޫންތޯއެވެ! ކޮންމެވެސް ދުވަހަކުން އަޅުގަނޑުމެންނާ ހަމަޔަށް އެވެސް ފޯރާނެއެވެ. ދެން އެކަމަކު މިހައިރަށް މިވަރުން ފުދޭ ނޫންތޯއެވެ!

އިންސާނުން ދިރިއުޅޭ ތަންތާނގައި އަޑުގަދަ މެޝިނުތައް ބޭނުންކުރާއިރު، އެތަންތަނުގައި ދިރިއުޅޭ މީހުންގެ ކަންފަތް ބީރުވެދާނެތީ ހަދައިފައި އެހުންނަ މިންގަނޑުތައް (”ލިމިޓްސް އޮފް ޕަރމަނަންޓް ޑެމެޖް ޓު ހިއަރިންގް“) އެއީ އަދި ރާއްޖެ އަންނަން ދުވަސްކޮޅެއް ނަގައިފާނެ އެއްޗަކަށްވިޔަސް މާބޮޑަށް ވަރިހަމަ، އެހެންނޫންތޯއެވެ! މިވަރުންވެސް އަޅުގަނޑުމެން ނިކަމެތީންނަށް ހަމަ ފުދިގެން އެބަ ތިބެވޭ ވިއްޔާއެވެ! ނުވަތަ ފުދިގެން ތިބޭން އެބަ މަޖުބޫރުވޭ ވިއްޔާއެވެ!

ކޮފީއޭ، ޒުވާނުން ނުނިދާތިއްޔޭ، ގައިންގަޔަށް ނަރާ ބަލި އިތުރުވަނިއްޔޭ، ވިދާޅުވޭވޭ އެތިއްބަވާ ޑޮކްޓަރުންނަކަށްވެސް މިދެންނެވި ހިސާބަކަށް އެބޭފުޅުންގެ ވިސްނުންފުޅައިގެން އަދި ވަޑައެއްނުގެންނެވެއެވެ. އަވަށްޓެރިޔާއަށް އެންގުމެއް، ބުނެލުމެއް ނެތި، އެފަކީރުގެ ގޭގެ ފާރުތަކުގައި ރެނދުލިޔަސް ”އެ ހަމަ އޯކޭ! ހުއްދަ މިއޮތީ!“ މިހެން ގޮވަމުން، އެކަތައިގެ ބާރުގައި މުއްސަނދިކަލޭގެ ޢިމާރާތް އަޅަނީއެވެ. ޖެހިގެން އުޅޭ ފަގީރު ސޮރުގެ ދަރިން ސިހިސިހި، ނަފްސާނީ ވެފައި ތިއްބަސް، އަދި ހަމަ ބަރާބަރު، އެހެންނޫންތޯއެވެ! ދެއިރު ދެދަޅަޔަށް ”އެެންގްޒަޔަޓީ ސާކިޓޭ، ޑިޕްރެޝަނޭ“ ގޮވާލަ ގޮވާލަ އެތިބޭ ކައުންސެލަރުންނަކަށްވެސް އެކަން ކަމަކަށް ވާވަރަކަށް އަދި ނުކިޔެވޭ ވިއްޔާއެވެ.\ ފޯރާ މީހާގެ ބިލްޑިންގު ޔޫރަޕު ފެންވަރަށް ހެދެންޏާ އެމީހުންނަށްވެސް އެނިމުނީ ނޫންތޯއެވެ؟ އެމެރިކާ ފެންވަރަށް ފިނިޝިންވެސް ނިމޭނެ ނޫންތޯއެވެ؟ އަޅުގަނޑުމެން ނިކަމެތީން ތައްބައްދައިގެން ތިބީމައި، އަދި މާބޮޑަށް އެކަން ފުދޭނެ ނޫންތޯއެވެ؟ އަޅެ އެހެން ނޫންތޯއެވެ؟

އަސްތާ އަޅުގަނޑު ތޯއެވެ؟ އަޅުގަނޑު މިއަދު މިއުޅެނީ އިހަވަންދިއްޕޮޅުގައި އޮތް ކުޑަކުޑަ ފުށި ރަށްގަނޑެއް ބަލައިލަން ދާށެވެ. ތަން ކޮންމެ ގޮތަކަށް އޮތަސް، އެތާނގައި ރިސޯޓެއް ހަދައިގެން، އެޔަށްފަހު ދުނިޔޭގައްޔާއި އާސްމާނުގައި އުދުހޭށެވެ. ހިންގުމުގެ އިސް ސަފުތަކަށް ޑޮލަރު މުސާރައިގައި ޔޫރަޕުކުލައިގެ މީހުން ލައިގެން، ދޮޅުރުފިޔާބައިގެ މުސާރަ ދީގެން ގުލާނު ކުރުވަން އެޔަށް ވުރެ ގާތުން މީހުންލައިގެން، ފިނޮޅު ޙިމާޔަތް ކުރާ މަޝްރޫޢެއްވެސް ހިންގައިގެން، މުއްސަނދިވާށެވެ. އެހިސާބުން އަޅުގަނޑަށް އަދި ކިރިޔާ ފުދޭނީ، ދެއްތޯއެވެ؟

އެކަމަކު، އަޅުގަނޑު އެހިސާބަށް ދާން އަރަން އޮތީ ބަނބުކެޔޮތޫރިޔަކުން ހަދައިފައި އޮތް އޮޑިޔެކެވެ. ރިޔާ ނަގަން ޖެހެނީ ނިވައިވެލަންވެސް ނުފޯރާވަރުގެ ބައު ފޮތިކޮޅަކުންނެވެ. އެހެންނޫނީ ދަތުރަކަށް ގޮވަން މިޖެހެނީ އޮޑިތާންކަލޭގެ އުޑިއޮޑިޔަށެވެ.  އޭނާޔަށްވެސް ކަނދޮޅުފަތު އިންޖީނުން މިހައިރުވެސް ފުދޭ ވިއްޔާއެވެ!

ކޮންމެއަކަށް އަޅުގަނޑަށްވެސް ރިސޯޓު ހެދިއްޖިއްޔާ، ބާރަ ބުރީގެ ހައެއްކަ ޢިމާރާތް ވަރަށް އަވަހަށް އަޅާނަމެވެ. ބައިބޯ ރަށްރަށުގައެވެ. އަވަށްޓެރީންގެ ގޯތިގެދޮރާއި، މުދަލާއި، ޞިއްޙަތާއި، ނަފްސާނީ ހަމަޖެހުމަށް ބަލައިގެން އުޅެން ޖެހޭ ޤަވައިދުތައް ހޭޖެހޭ ބައެއްގެ ބެލުމުގެ ދަށުން އަލުން ރަމަތަކޮށްލެވޭ ދުވަހަށް އަލިވިލުމުގެ ކުރީންނެވެ. އެ ޤަވާޢިދުތައް އެންމެނަށް ހަމަހަމަޔަށް ރަނުން ރަނަށް ތަންފީޒުކޮށްދޭ ދުވަސް އައުމުގެ ކުރީންނެވެ. އަވަށްގަނޑު ގުޑާވަރު ބަލާ ”ވައިބްރޭޝަން ލިމިޓްސް“ މީޓަރު ތަކާއި، އިންސާނުން ބީރުވާ ވަރު ބެލޭނޭ ”ޑެސިބެލް މީޓަރު“ އެއީ މުނާސަބު ޙާލަތްތަކުގައި، ޔޫރަޕާއި އެމެރިކާގައި މިހައިރުވެސް އެ ހުންނަ ބީދައިން، ކޮންމެހެން ހަރުކުރަން ޖެހޭ އެއްޗިއްސަށް ވުމުގެވެސް ކުރީންނެވެ.  އެހެންނޫނީ، ޚަރަދު ކުޑަކޮށް ބިލްޑިންގު ހަދާނީ ކިހިނެއްތޯއެވެ؟ އެދުވަސް މިތަނަށް ނާންނަނީސް، އަޅުގަނޑު ޢިމާރާތްތައް ނިންމާނަމެވެ. އެ ހިސާބުން އަޅުގަނޑަށް ދިރިއުޅުމުންވެސް ފުދި ނިމޭނޭ ތޯއްޗެކެވެ. ނޫންތޯއެވެ؟

ދެން އެވަރުން އަޅުގަނޑަށް ހަމަގައިމުވެސް ފުދޭނެއެވެ. ވެނު މަސް ވެނަށް ޞައްޙަ ވާގޮތަށް، ދާމޫގަނޑު އޮތް މީހާޔަށް އަދިވެސް އިތުރަށް ދެތިން ހަތަރު ބިލެތް ޅޮސް މިހައިރު އަދި ދިނަސް، ގެއަޅާ ލޯނު ފަގީރު ބާގާގެ އެންމެނަށް ލިބޭ ދުވަސް އަންނަންދެން އަޅުގަނޑު މިތާ އިންނާނަމެވެ. އެދުވަސް އަންނަންދެން އަޅުގަނޑަށް މިތާނގައި އިނދެވޭނީ، ގެގަނޑު ގުޑާވަރުން، ފާރުތަކުގައި ރެނދުލާވަރުން، ގެގަނޑު ބޮލަށް ވެއްޓިދާނެތީ ނަފްސާނީ ފުޅިބައްތިން ތެޔޮހުސްވެ، ސިހިސިހިއެވެ. ކަންފަތުގެ އިވުމަށް ބަދަލު އެބައަންނަކަން އެނގޭތީ، ގެއިން ނިކުމެގެން ގޮސް ބޭރުމަގު ތޮށިގަނޑުމަތީގައެވެ.  ކުޑައިރު އޯމޯފޮށީ ކާރު ދުއްވި ގޮތަށް،  ޑިމޯކުރަސީ ގަހުގައި މާނަވީ މޭވާ އެޅީމައި އެ މޭވާގެ ފޮނި ރަހަ ބަލާނަމޭ ހިތައި، ކަރުދާހައި ޑޮންޑޮންފުޅީ މަތިގަނޑުވެސް ހިމަނައިގެން މިހައިރުގެ ހުވަފެން ބަލައި، ތެޔޮގުޅާސާދާ ކުރާށެވެ. ޔޫރަޕު މީހުންނަށް އެންމެންގެ އެންމެހައި ޙައްޤުތައް މިހައިރުވެސް ލިބޭތީ، އަޅުގަނޑުގެ ދަރީންނަށް އަދަށްވުރެ ފެހި މާދަމައެއް ލިބޭނޭ ކަމަށް ހީކޮށްލައިގެން، ހަމައެކަނި ހުވަފެނަކުން ނަމަވެސްް އެ މަންޒަރު ބަލައިލަ ބަލައިލައެވެ. އެވަރުން އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް ފުދޭނެ، ދެއްތޯއެވެ!

އެހައިތަނަށް، އޯމޯ ހުސްކުރި ފޮށިގަނޑެއް އެއްލަވައިލައްވަން އޮތިއްޔާ، ހަތަރު ޑޮންޑޮންމައްޗާއެކު އީމެއިލްއަކުން އަޅުގަނޑަށް ފޮނުއްވަވައިދެއްވާށެވެ. އިލޮށިކޮޅަކާއި ވައުގަނޑެއް އަޅުގަނޑު ހޯދާނަމެވެ.