...

Support Us

މުސްލިމުންނާއި ބީޒަންޠީނުންގެ ސަޤާފަތާއި ކުޅިވަރުގެ ބައެއް މުބާރާތްތައް

މުސްލިމުންނަށް ކުޅިވަރު ކުޅުމަށް ގޮވާލައި ބަސްފުޅުތައް ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ބަސްފުޅުތަކުން ފެންނާތީ މުސްލިމުންނަކީ  ކުޅިވަރަށް ވެސް އަހައްމިއްޔަތު ދިން ބައެކެވެ. ތަފާތު މުނާސަބަތުތަކުގައި އެމީހުން ވަނީ ކުޅިވަރު މުބާރާތްތައް ބާއްވައިފައެވެ.

ދަންނަބޭކަލުންނާއި ފަޤީހުންނާއި މުސްލިމު ފިލޯސަފަރުން ވަނީ ހަށިގަނޑާއި ވިސްނުމާ ދެމެދުގައިވާ ގުޅުންތައް ދެނެގަންފައެވެ. ދުޅަހެޔޮ ހަށިގަނޑެއްގައި މެނުވީ ދުޅަހެޔޮ ސިކުނޑިއެއް ނޯންނާނެ ކަމަށް އެ ބޭކަލުން ވަނީ ވިދާޅުވެފައެވެ. އެބޭކަލުންގެ ލިޔުއްވުންތަކާއި ޚުޠުބާތަކާއި ވަޢުޡުތަކުގައި ކުޅިވަރު ކުޅުމުގެ ބޭނުންތެރިކަން ހާމަކުރައްވާފައި ވެއެވެ. ޢަސްކަރީ، ޖިސްމާނީ، ޞިއްޙީ އަދި އިޖްތިމާޢީ ބޭނުންތަކަށް ޓަކައި އަދި މުނިފޫހިފިލުވުމަށް ޓަކައި ކުޅިވަރު ކުޅުމަށް އެ ބޭކަލުން މުސްލިމުންނަށް ގޮވައިލެއްވިއެވެ.

ރޯމަން އިމްބަރާޠޫރު ސިޔޯޑިސިޔޯސް މީލާދީން 393 ވަނަ އަހަރު އެތުލެޓިކްސް ކުޅިވަރުތައް ވަނީ ހުއްޓާލައްވައިފައެވެ. އެއީ މި ކުޅިވަރުތަކުގައި މަސީޙީ ދީނުގެ އުޞޫލުތަކާ ފުށުއަރާ ވަޘަނީ އާދަކާދަތަކާއި ޝިޢާރުތައް ބޭނުން ކުރެވޭތީއެވެ. ރަސޫލުބޭކަލުންނަށް ކުރެވޭ އިޙްތިރާމަށްވުރެ ކުޅިވަރުތަކުގެ ބަޠަލުންނަށް ކުރެވޭ އިޙްތިރާމާއި ޤަދަރު މަތިވެރިވެގެންދާތީއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ކުޅިވަރާއި ހެވިކަމަކީ  ހަނގުރާމަ ކުރުމަށާއި ތަންތަން ހަލާކު ކުރުމަށް ގޮވައިލާ ހަނގުރާނމަތަކަށް ބޭނުންވާ ޢަސްކަރީ ތަމްރީނު ލިބިދޭ ވަސީލަތެކެވެ.

މި ކުޅިވަރުތައް މަރާލައިފައިވަނިކޮށް އަލުން ދިރުވައި ކަށްވަޅުން ނެގީ މުސްލިމުންނެވެ. އުމަވީ ދައުލަތުގެ ވެރިކަމުގައި ބީޒަންޠީންނާއި މުސްލިމުންނާ ދެމެދުގައި ބޭއްވުނު ތަފާތު މުބާރާތްތަކުގައި މުސްލިމުން ވަނީ ރޯމަނުން ބަލިކޮށްފައެވެ. އެ ދުވަސްވަރު މުބާރާތްތައް ފަރްދީ ފެންވަރުގައްޔާއި ޖަމާޢީ ފެންވަރުގައި ބޭއްވުނެވެ. އަސްވާރީ ކުޅިވަރުތަކާއި ކަނޑީގެ ހެވިކަމާއި ބަރު އުފުލުމާއި ހަށިގަނޑުގެ ބާރު ދެއްކުމާއި ޝިކާރަކުރުން ފަދަ މުބާރާތްތައް ވަނީ ބޭއްވިފައެވެ.

ޢަރަބި ރޯމަނެއް ކަމުގައިވާ ޔޫޙަންނަލް ދިމަޝްޤީއާއި ޔަޒީދު ބިން މުޢާވިޔާއަކީ ތުއްޕުޅު ދުވަސްވަރުން ފެށިގެން ވަރަށް ބޮޑު ދެ ރަޙްމަތްތެރީންނެވެ. މި ދެ ބޭފުޅުން ތުއްޕުޅުއިރު ދުރު ރާސްތާގެ ދުވުމުގެ މުބާރާތްތައް (މަރަތަން މުބާރާތްތައް) ބާއްވަވާފައި ވެއެވެ. ގިނަ ފަހަރަށް މި މުބާރާތްތައް ފެށެނީ އެދުރުބޭގެ ގަނޑުވަރުން ދަރުސްތައް ނިމުމުންނެވެ. ބައެއް ފަހަރަށް މުބާރާތް ނިމެނީ ޔޫޙަންނާގެ ބައްޕާފުޅުގެ ގަނޑުވަރަށެވެ. އަނެއްބައިފަހަރަށް ޚަލީފާގެ ގަނޑުވަރަށެވެ. މި ދެބޭފުޅުން ބޮޑުފުޅުވުމުން ސަހަރާތެރެއަށް ނުކުމެވަޑައިގެން ތަފާތު މުބާރާތްތައް ބާއްވަވާފައިވެއެވެ. އިސްލާމީ ތާރީޚު ފޮތްތައް ބުނާގޮތުގައި މި ދެ ބޭފުޅުން ފުއްލާ ޝިކާރަކުރުމާއި ދޫނި ހިފުމާއި، ދުނިދަނޑީގެ މުބާރާތްތަކުގައި ވާދަކުރައްވާފައި ވެއެވެ. [1] މީގެ އިތުރަށް ކަނޑި ހަނގުރާމައާއި ބަނޑު މުސާރައަށް ބެއްދުން ފަދަ ހެވިކަމުގެ މުބާރާތްތައް ވެސް ބޭއްވިފައި ވެއެވެ.

އިސްލާމީ ދައުލަތާއި ބީޒަންޠީން ދައުލަތާ ދެމެދުގައި ވެސް ކުޅިވަރު މުބާރާތްތަކާއި ސަޤާފީ މުބާރާތްތައް އެކި ފެންވަރުގައި ބޭއްވިފައި ވެއެވެ. މަޝްހޫރު މުއައްރިޚެއް ކަމުގައިވާ އަލް މުބައްރިދު ވިދާޅުވިއެވެ. "ރޯމަނުންގެ ރަސްގެފާނު މުޢާވިޔަތުގެފާނަށް ލިޔުއްވިއެވެ. މަނިކުފާނުގެ ކުރީގެ ރަސްރަސްކަލުން އަޅުގަނޑުމެންގެ ރަސްރަސްކަލުންނަށް ފަތްކޮޅުތައް ލިޔުއްވާ މުބާރާތްތައް ބާއްވަވާފައި ވެއެވެ. އެ ފަދަ މުބާރާތެއް ބޭއްވުމުގެ ހުއްދަ އަޅުގަނޑަށް ދެއްވުން އެދެމެވެ. މުޢާވިޔަތުގެފާނު ހުއްދަ ދެއްވުމުން ރޯމަން ރަސްގެފާނު ދެ މީހަކު ފޮނުއްވިއެވެ. އޭގެތެރެއިން އެކަކު ދިގުވެފައި ބިޔައެވެ. އަނެކަކު ޖާނުން ވަރަށް ވަރުގަދައެވެ. މި ދެމީހުން އައުމުން މުޢާވިޔަތުގެފާނު ޢަމްރު ބުނުލް ޢާޞަށް ވިދާޅުވިއެވެ. ދިގު ބިޔަ މީހާއާ ކުރިމަތިލުމަށް ޤައިސް ބިން ސަޢުދު ބިން ޢުބާދަތު އެބަ ހުންނެވިއެވެ. ވަރުގަދަ މީހާއާ ކުރިމަތިލުމަށް ނެރޭނޭ މީހަކާ ބެހޭގޮތުން މަޝްވަރާއެއް ދެއްވާށެވެ! އެހިނދު ޢަމްރު ބުނުލް ޢާޞް ދެންނެވިއެވެ. ދެ މީހަކު އެބަ ތިއްބެވެ. އެ ދެމީހުންނަކީ ވެސް ކަލޭގެފާނު ހިތްޕުޅާވާ ބައެއްނޫނެވެ. އެއީ މުޙައްމަދު ބުނުލް ޙަނަފިއްޔާއާއި ޢަބްދުﷲ ބުނު ޒުބައިރެވެ. އެ ހިނދު މުޢާވިޔަތުގެފާނު ވިދާޅުވިއެވެ. އެ ދެ ބޭފުޅުންކުރެ އަޅުގަނޑުމެންނާ އެންމެ ގާތް މީހަކު ގެންނަވާށެވެ. ރޯމަނުންގެ ދެމީހުން ދަރުބާރަށް ވަނުމުން ޤައިސުގެފާނަށް ވަޑައިގަތުމަށް ދެންނެވުނެވެ. އެކަލޭގެފާނު ވަދެވަޑައިގެން އެކަލޭގެފާނުގެ ހަރުވާޅުކޮޅު ބާލުއްވައި އެ ބިޔަ މީހާއާ ދިމާއަށް ހިފާށޭ ވިދާޅުވެ ކުއްލިއަކަށް އެ ހަރުވާޅުކޮޅު އެއްލެވިއެވެ. މި ހަރުވާޅުކޮޅު އެ ބިޔަ މީހާގެ މޭމަތީގައި ޖެހި އޭނާ ބިންމައްޗަށް ވެއްޓިގެން ދިޔައެވެ. އެއަށްފަހު މުޙައްމަދު ބުނުލް ޙަނަފިއްޔާ ވަދެވަޑައިގަތެވެ. އެކަލޭގެފާނު ގެނެވުނީ ކީއްކުރަންކަން ދެންނެވުމުން މުޙައްމަދު ރޯމަން މީހާއަށް ވިދާޅުވިއެވެ. ތިބާ އެދޭނަމަ އިށީންނާށެވެ! އެއަށްފަހު ތިބާގެ އަތް ދޭށެވެ! އޭރުން އަހުރެން ކަލޭ ކޮޅަށް ނަގާނަމެވެ. ނުވަތަ ކަލޭ އަހުރެން ބައިންދުވާށެވެ! ނުވަތަ ކަލޭ އެދޭނަމަ ކަލޭ ކޮޅަށް ހުންނާށެވެ! އަހުރެން އިށީންނާނަމެވެ. ރޫމީ މީހާ އިޚްތިޔާރު ކުރީ އިށީންނާށެވެ. އެހިނދު މުޙައްމަދު އޭނާ ކޮޅަށްނެންގެވިއެވެ. އޭނާއަށް މުޙައްމަދު ތިރިއެއް ނުކުރެވުނެވެ. ދެން މުޙައްމަދު އިށީނދެވަޑައިގަތެވެ. މުޙައްމަދު އޭނާ ވަރަށް ކުއްލި ގޮތަކަށް ތިރިކޮށް ބިންމަތީ ބައިންދުވައިފިއެވެ. އެހެނަސް ރޫމީ މީހާއަށް މުޙައްމަދު ކޮޅަކަށް ނުނެގުނެވެ. ރޫމީންގެ ދެމީހުންވެސް ދަރުބާރުން ނުކުތީ ބަލިވެގެންނެވެ."

އިސްލާމީ ދައުލަތާއި ބީޒަންޠީ ދައުލަތާ ދެމެދުގައި ބޭއްވުނު ސަޤާފީ މުބާރާތްތަކާ ބެހޭގޮތުން އިބްނު ޤުތައިބާ [2] އިބްނު ޢައްބާސުގެފާނާ ޙަވާލާދީ ވިދާޅުވިއެވެ. "ޤައިޞަރު މުޢާވިޔާތުގެފާނަށް ލިޔުއްވިއެވެ. މަނިކުފާނަށް ސަލާމަތްކަން ހުށްޓެވެ! އެއަށްފަހު ދަންނަވަމެވެ. މިކަންކަމާ ބެހޭގޮތުން އަޅުގަނޑަށް ޚަބަރު ދެއްވުން އެދެމެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމައަކީ ކޮބައިތޯއެވެ؟ ދެވަނައަށް ތިންވަނައަށް ހަތަރުވަނައަށް ފަސްވަނައަށް ލޮބުވެތިކަން ބޮޑު ކަލިމަތަކަކީ ކޮބައިތޯއެވެ؟ އަދި ﷲ އެންމެ ބޮޑަށް ކަމޭހިއްތެވި ފިރިހެނަކީ އަދި އަންހެނަކީ ކާކުތޯ ވިދާޅުވެ ދެއްވާށެވެ! މުޢާވިޔަތުގެފާނު މި ފަތްކޮޅު ވިދާޅުވެފައި ވިދާޅުވިއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާއަށް ލަޢުނަތް ލައްވާނދޭވެ! މަށަށް އެއިން އެއްވެސް ކަމެއް އެނގިފައެއް ނެތެވެ. އެހިނދު އެކަލޭގެފާނު މި ކަންކަމާ ބެހޭގޮތުން އިބްނު ޢައްބާސުގެފާނާ ސުވާލު ކުރެއްވިއެވެ. އިބްނު ޢައްބާސުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމައަކީ لا إله إلا الله އެވެ. ދެވަނައަށް އެންމެ ލޮބުވެތި ކަލިމައަކީ: سبحان الله އެވެ. ތިންވަނައަށް އެންމެ ލޮބުވެތި ކަލިމައަކީ: الحمد لله އެވެ. ހަތަރުވަނައަށް އެންމެ ލޮބުވެތި ކަލިމައަކީ: الله أكبر އެވެ. ފަސްވަނައަށް އެންމެ ލޮބުވެތި ކަލިމައަކީ: لا حول ولا قوة إلا بالله އެވެ. މާތް ﷲ އެންމެ ބޮޑަށް ކަމޭ ހިއްތެވި ފިރިހެނަކީ އާދަމުގެފާނެވެ. އެންމެ ބޮޑަށް ކަމޭ ހިއްތެވި އަންހެނަކީ މަރްޔަމުގެފާނެވެ.

މުޢާވިޔަތުގެފާނާ ރޯމަން ޤައިޞަރު 2 ވަނަ ޤަސްޠާންޒާ ދެމެދުގައި ހިނގި ޖަދަލެއްގެ ވާހަކަ އަލްމުބައްރިދު ބަޔާން ކުރައްވާފައި ވެއެވެ. "ރޯމަން ޤައިޞަރު މުޢާވިޔަތުގެފާނަށް ފުޅިއެއް ފޮނުއްވާފައި ވިދާޅުވިއެވެ. މި ފުޅިއަށް ހުރިހާ އެއްޗެއް އަޅުއްވާފައި ފޮނުއްވާ ދެއްވާނުތޯއެވެ؟ މުޢާވިޔަތުގެފާނު އެ ކަމާ ބެހޭގޮތުން އިބްނު ޢައްބާސުގެފާނަށް ދެންނެވުމުން އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. އެ ފުޅި ފުރެންދެން ފެން އަޅުއްވާފައި ޤައިޞަރަށް ފޮނުއްވާށެވެ! ރޯމަނުންގެ ރަސްގެފާނަށް މި ފުޅި ލިބިވަޑައިގަތުމުން ވިދާޅުވިއެވެ. އޭނާގެ ބުއްދިވެރިކަން ހާދަ ބޮޑެވެ. އިބްނު ޢައްބާސުގެފާނަށް ދެންނެވުނެވެ. ކަލޭގެފާނު އެ ފުޅިއަށް ފެން އެޅުއްވީ ކީއްވެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (وَجَعَلْنَا مِنَ الْمَاء كُلَّ شَيْءٍ حَيٍّ[3]– އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. )

އިސްލާމީ ޙަޟާރަތާއި ތަހްޒީބުގެ މަތިވެރިކަން ކިހާ ބޮޑުތޯއެވެ؟ މި ޙަޟާރަތުގެ ހުރިހާ އާރުތަކެއް ވެސް ދެމިގެން އައިސްފައި ވަނީ އިސްލާމްދީނުގެ އަޞްލު ދެ މަޞްދަރު ކަމުގައިވާ ކީރިތި ޤުރްއާނާއި ކައު ރަސޫލާގެ ސުންނަތުންނެވެ. މި ކަމުގެ ސަބަބުން ހުރިހާ މައިދާންތަކެއްގައި ކާމިޔާބު ލިބިފައިވަނީ މުސްލިމުންނަށެވެ. އިސްލާމީ އުންމަތަށެވެ.

 

[1]  – ޢުމަރުގެފާނުގެ ޒަމާނުގައި މިޞްރުގައި ބޭއްވުނު އަސްދުއްވުމުގެ މުބާރާތެއްގައި މިޞްރުގެ އޭރުގެ ވާލީ ޢަމްރު ބުނުލް ޢާޞުގެ ދަރިކަލުންގެ މައްޗަށް މިޞްރު މީހަކު ކުރި ހޯދުމުން އޭނާގެ ގައިގައި ޢަމްރު ބުނުލްޢާޞުގެ ދަރިކަލުން ޖެއްސެވި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.

[2]  – ޢުޔޫނުލް އަޚްބާރު ފޮތުގައި

[3]  –  الأنبياء : 30

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.