Support Us

މިނިވަން ދުވަސް ފާހަގަ ކުރާއިރު… ގިނަ ޕާޓީ ޑިމޮކުރަސީގެ ރާއްޖޭގެ ތަޖުރިބާގެ މައްޗަށް އަވަސް ނަޒަރެއް

މި ޒަމާނުގެ ޑިމޮކުރަސީއާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ޑިމޮކުރަސީގެ ނިޒާމު އުފެދި ތަރައްގީ ކުރެވުނީ ހުޅަނގުގައެވެ. މީގެ މާނައަކީ ޑިމޮކުރަސީގެ ފިކުރުގެ ބައެއް ސިފަތައް، އެކިއެކި ސަގާފަތްތަކުގައި، ނެތް ވާހަކައެއް ނޫނެވެ. މިސާލަކަށް އިހުގެ ގަބަލީ މުޖުތަމައުތަކުން ވެސް ޑިމޮކުރަސީގެ ބައެއް ސިފަތައް ފެންނަން ހުއްޓެވެ. ގަބީލާތަކުގެ ވަކިވަކި ފަރުދުންނަކީ މިނިވަންކަމެއް ލިބިފައި އޮތް ބައެކެވެ. ގަބީލާގެ އިސްވެރިޔާއަކީ ގަބީލާތަކުގެ ކަމުވޮށިވެގެންވާ މީހުން ހޮވާ މީހެކެވެ. ގަބީލާގެ ޖަމާއީ މަސްލަހަތަށް އެންމެން ވެސް ރިއާޔަތްކުރެއެވެ. ފަރުދުންގެ މިނިވަކަން ނިމެނީ ގަބީލާގެ މަސްލަހަތު ފެށޭ ހިސާބުންނެވެ. މިހެން ކަމަށް ވިޔަސް، ތަފާތު އެކިއެކި ސަގާފަތްތަކުގައި ޑިމޮކުރަސީގެ ސިފައެއް ނުވަތަ ސިފަތަކެއް ހުރި ކަމުގައި ވިޔަސް، ޑިމޮކުރަސީއޭ މިއަދު ބުނުމުން، ގަސްދުކުރެވޭ ނިޒާމާއި އެ ނިޒާމު މެދުވެރިކޮށް ވާސިލުވާން ބޭނުންވާ އަމާޒުފަތްގަނޑު، އިހުގެ ސަގާފަތްތަކުން ފެނިގެނެއް ނުދެއެވެ. މި ލިޔުމުގައި، ކުރު ގޮތަކަށް ނަމަވެސް، މައިގަނޑު ދެ ކަމެއްގެ މައްޗަށް ބަލާލަން ގަސްދުކުރަމެވެ. އެންމެ ފުރަތަމަ ހުޅަނގުގައި އުފެދުނު، މި ޒަމާނުގެ ޑިމޮކުރަސީގެ މާނައާއި އަދި މި ޒަމާނުގެ ޑިމޮކުރަސީގެ ނިޒާމު މެދުވެރިކޮށް، ހާސިލުކުރަން ބޭނުންވާ މަގުސަދަކީ ކޮބައިކަމެވެ. ދެން، ރާއްޖޭގައި 2008ގައި ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީއޭ ބުނާ ނިޒާމަށް ފަހު، މިހާތަނަށް، ރާއްޖޭގައި ކުރެވުނު ތަޖުރިބާގެ މައްޗަށް ބަލާލުމެވެ. އާދެ، މިއީ، މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ހަނދާންކޮށްލުން މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

އެންމެ ފުރަތަމަ ޑިމޮކުރަސީގެ ލަފްޒުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟ ޑިމޮކުރަސީ، މި ލަފްޒު، އުފެދިފައިވަނީ ޔޫނާނީ ބަހުގެ ދެ ލަފްޒުންނެވެ. ޑިމޮސް، (މީހުން،) މި ލަފްޒާއި، ކްރާޓޮސް، (ބާރު،) މި ދެ ލަފްޒުންނެވެ. މި އިން ގަސްދުކުރެވޭ މާނައަކީ ޑިމޮކުރަސީއެއްގައި، އާދެ، ޑިމޮކުރަސީ ނިޒާމެއްގެ ދަށުން ހިންގޭ ވެރިކަމެއްގައި ސިޔާސީ ބާރު، ހަގީގަތުގައި، އޮންނާނީ ނުވަތަ އޮންނަން ޖެހޭނީ އާންމުންގެ އަތްމަތީގައި ކަމެވެ. ސިޔާސީ ބާރޭ މިތާނގައި ބުނެ އިޝާރަތްކުރަނީ ޖަމާއަތެއް އިންތިޒާމުކޮށް، އެ ޖަމާއަތުގައި އެކުލެވޭ ފަރުދުންގެއާއި އަދި ޖަމާއަތުގެ މަސްލަހަތު ރައްކާކޮށް، އެ ޖަމާއަތުގެ ޖަމާއީ ކަންކަން ހިންގާލުމުގެ ބާރަށެވެ. އަދި، އެކަންކަން ހާސިލުކުރުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގެ ބާރު ވެސް މެއެވެ.

ދެންމެ، މި ބަޔާންކުރި، ޑިމޮކުރަސީގެ މާނަ، އާދެ، ޑިމޮކުރަސީ މެދުވެރިކޮށް، ސިޔާސީ ބާރު އާންމު މީސްތަކުންނަށް ލިބިދޭ ދިނުން، ޑިމޮކުރަސީގެ ނިޒާމުގެ އެކިއެކި ތައާރުފުތަކުން ފެނެއެވެ. މި ފަދަ ތައާރުފުތަކުގެ ތެރޭގައި އެންމެ މަޝްހޫރު އެއް ތައާރުފަކީ އެމެރިކާގެ ކުރީގެ ރައީސެއް ކަމުގައިވާ އެބްރަހަމް ލިންކަން، 1863ގައި، ޕެންސިލްވޭނިޔާގެ ގެޓިސްބާރގުގައި ވާހަކަދައްކަވަމުން ޑިމޮކުރަސީ ތައާރުފުކުރެއްވި ގޮތެވެ. އާދެ، "ގަވަންމެންޓް އޮފް ދަ ޕީޕަލް، ބައި ދަ ޕީޕަލް އެންޑް ފޯ ދަ ޕީޕަލް" މިތައާރުފެވެ. މާނައަކީ ޑިމޮކުރަސީއަކީ ރައްޔިތުންނަށްޓަކައި، ރައްޔިތުން ހޮވާ، ރައްޔިތުންގެ ސަރުކާރެކެވެ. މާނައަކީ ސަރުކާރު ހޮވަނީ މިނިވަން އިންތިޚާބެއް މެދުވެރިކޮށް ރައްޔިތުންނެވެ. ރައްޔިތުން ހޮވާ އެ ސަރުކާރު އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ފަރުދީ އަދި ޖަމާއީ މަސްލަހަތު ރައްކާތެރިކުރާށެވެ. މި ގޮތުގައި ކަންތައްކުރުމުން، ރައްޔިތުން ހޮވާ އެ ސަރުކާރު ވެގެންދަނީ، ރައްޔިތުންނަށްޓަކައި މަސައްކަތްކުރާ ސަރުކާރަކަށެވެ.

ޑިމޮކުރަސީގެ މާނައިގައި ރައްޔިތުންނަށް ބާރު ލިބިދިނުން އެކުލެވިގެން ވިޔަސް، ސަރުކާރެއް ހިންގުމުގައި ޖަމާއަތެއްގެ ހުރިހާ އަފުރާދުން، އަމަލީ ގޮތުން، ބައިވެރިވުމަކީ މުސްތަހީލުކަމެކޭ ބުނެވިދާނެއެވެ. އަދި، އެފަދަ ގޮތެއްގައި، އަމަލީ ސިފައެއްގައި، ސަރުކާރެއް ހިންގުމަށްޓަކައި ގައުމުގެ ހުރިހާ އަފުރާދުން ބައިވެރިވާކަށް ނުވެސް ޖެހެއެވެ. އެހެންވެ، މިކަން އެންމެ ރަނގަޅު ގޮތުގައި ހިންގާލުމަށްޓަކައި، ސަރުކާރަކީ ޑިމޮކުރަސީގެ ސިފަ ލިބިގެންވާ ސަރުކާރަކަށް ހަދާލުމަށްޓަކައި، އަސާސީ ގާނޫނުތަކެއް ކަނޑައަޅާލެވެއެވެ. އާދެ، ކޮންސްޓިޓިޔުޝަނެއް ނުވަތަ ގާނޫނު އަސާސީއެއް ލިޔެ ކަނޑައަޅާލެވެއެވެ. މި ގާނޫނު އަސާސީގެ ދަށުން، ޑިމޮކުރަސީ ހިންގާލަން ބޭނުންވާ ރަނގަޅު ނިޒާމެއް ކަނޑައަޅާލެވެއެވެ. ރިޔާސީ ނިޒާމާއި ބަރުލާމާނީ ނިޒާމާއި، މި ދެ އިބާރަތަކީ އޭގެ ސޫރައާއި ހަގީގަތަކީ ކޮބައިކަން، އަޅުގަނޑުމެން އެންމެނަށް، މާ ރަނގަޅަށް، ސާފުވެފައި ނެތަސް، މިހާރު، އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ ދެ އިބާރާތެވެ.

ކުރު ގޮތަކަށް ބުނާ ނަމަ، ރިޔާސީ ނިޒާމެއްގައި ރައީސަކު ހޮވަނީ ރައްޔިތުންނެވެ. ސިޔާސީ ޕާޓީތަކުންނާއި އަދި ވަކި ވަކި ފަރުދުންނަށް ވެސް، ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ގޮތެއްގެ މަތިން، ރައީސްކަމަށް ކުރިމަތިލެވެއެވެ. މިފަދަ ނިޒާމެއްގައި ދައުލަތުގެ އެންމެ އިސްވެރިޔަކީ ވެސް އަދި ސަރުކާރު ހިންގުމުގެ އިޚްތިޔާރާއި ބާރު އޮންނަ ވެރިޔަކީ ވެސް ގާނޫނީ ހަމަތަކުގެ މަތިން އިންތިޚާބުކުރެވޭ ރައީސްއެވެ.

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުން ވޯޓުލަނީ، ސިޔާސީ ދާއިރާތަކަށް ކުރިމަތިލާ ޕާޓީގެ ކެންޑިޑޭޓުން ނުވަތަ ޕާޓީއެއް ތަމްސީލު ނުކުރާ، އަމިއްލަ ހައިސިއްޔަތުން ދާއިރާތަކަށް ކުރިމަތިލާ ވަކިވަކި ކެންޑިޑޭޓުންނަށެވެ. މިފަދަ ބަރުލަމާނީ ނިޒާމެއްގައި، ގާނޫނު އަސާސީ ނިޔާކުރާ ގޮތެއްގެ މަތިން، އިދާރީ ދެވެރިން ތިބެއެވެ. ރައީސަކާއި ބޮޑުވަޒީރެކެވެ. ސަރުކާރު ހިންގުމުގެ ބާރާއި އިޚްތިޔާރު އޮންނަނީ ބޮޑުވަޒީރުގެ އަތް މަތީގައެވެ. ބޮޑު ވަޒީރަކަށް ހޮވެނީ، އިންތިޚާބު ކާމިޔާބުކުރާ ސިޔާސީ ޕާޓީއެއްގެ ވެރިޔާއެވެ. ދެން، ގާނޫނު އަސާސީ ނިޔާކުރާ ގޮތެއްގެ މަތިން، މިސާލަކަށް، ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނީ ރައްޔިތުންގެ މަޖުލީހުގެ ވޯޓަކަން، ނޫނީ އެނޫން ވެސް ގޮތަކުން، ރައީސަކު ހޮވެއެވެ. އޭނާ ބެލެވެނީ ދައުލަތުގެ ވެރިޔާކަމުގައެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ ބާރެއް ރައީސަކަށް ލިބިގެން ނުވެއެވެ. މިފަދަ ނިޒާމެއްގައި ރައީސަކީ، ގާނޫނު އަސާސީ ނިޔާކުރާ ގޮތެއްގެ މަތިން، ގާއިމުވެފައި އޮތް ސަރުކާރެއް، އުވާލަން ޖެހިއްޖެ ހާލަތަކަށް ގޮސް، އާންމު އިންތިޚާބެއް ބާއްވަން ޖެހިއްޖެ ހިނދެއްގައި، އެކަމަށް ގޮވާލަން ހުންނަ މީހެކެވެ. މީގެ އިތުރުން ވެސް، ގާނޫނު އަސާސީ ނިޔާކުރާ ގޮތެއްގެ މަތިން، މަސްއޫލިއްޔަތުތަކެއް ރައީސާ ހަވާލުކުރެވިފައި އޮވެއެވެ. ބަރުލަމާނީ ނިޒާމެއްގައި ރައީސަކާއި ބޮޑުވަޒީރެއް ހުރުން، ނިޔާކުރަނީ ވެސް، ވެރިކަމުގެ ނިޒާމަށް، ޚުދުމުޚްތާރުކަން އައުމާ ދުރުހެލިކުރުމަށެވެ. ދެން، މިތަނުގައި ހަނދާންކޮށްލަން ޖެހޭ އެހެން މުހިއްމު ނުކުތާއެއް ވެސް އެބަ އޮތެވެ. ޑިމޮކުރަސީގެ ނިޒާމުތައް ގިނަގުނައެވެ. އޭގެ މިސާލުތައް ޔޫސް.އިންނާއި އިނގިރޭސިވިލާތު ފަދަ ޔޫރަޕުގެ ގައުމުތަކުންނާއި އަދި، އިންޑިޔާއިން ވެސް ފެނިގެން ދެއެވެ. މީގެ ތެރޭގައި ރަސްކަމެއްގެ ތެރެއިންނާއި ޖުމްހޫރީ ވެރިކަމެއްގެ ތެރެއިން ހިންގާލެވޭ ބަރުލަމާނީ ޑިމޮކުރަސީތަކުގެ ނިޒާމުތަކާއި ރިޔާސީ ނިޒާމުގެ ތެރެއިން ހިންގާލެވޭ ޑިމޮކުރަސީގެ ނިޒާމުތައް ހިމެނެއެވެ. ރަސްކަމެއްގެ ތެރެއިން ހިންގާލެވޭ ބަރުލަމާނީ ނިޒާމުތަކުގައި ރަސްކަލަކީ ނުވަތަ ރަނިކަމަނާއަކީ ވިރާސީ ގޮތުން ރަސްކަމަށް އިސްކުރެވޭ މީހެކެވެ. ނަމަވެސް، ޖުމްހޫރީ ބަރުލަމާނީ ނިޒާމުގެ ރައީސެކޭ އެއްފަދައިން، ރަސްކަމެއްގެ ތެރެއިން ހިންގާލެވޭ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އެއްވެސް ބާރެއް ރަސްގެފާނަށް ނުވަތަ ރާނީއަށް ލިބިގެން ނުވެއެވެ.

ޑިމޮކުރަސީގެ މާނައިގައި ފާހަގަކޮށްލެވުނު އަސާސީ ކަންތައް، އާދެ، ސިޔާސީ ބާރާއި އެކަމާ ގުޅޭ ވެރިކަން އާންމުންގެ އަތުގައި އޮންނަ އޮތުން، ޑިމޮކުރަސީގެ ނިޒާމުގެ ތެރެއިން ފެންނަން ޖެހެއެވެ. އެއީ ރިޔާސީ ނިޒާމެއް ކަމަށް ވިޔަސް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށް ވިޔަސް ވެހެވެ. ކޮންމެ ނިޒާމެއް އޮތް ކަމުގައި ވިޔަސް، ސަރުކާރެއް ހޮވަން ޖެހޭނީ ރައްޔިތުންގެ ނަޒާހަތްތެރި އިންތިޚާބަކުންނެވެ. އެ ގޮތުން ހޮވޭ ސަރުކާރަކީ ގައުމުގެ ހުރިހާ ރައްޔިތުން ތަމްސީލުކޮށް ހުރިހާ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައިދޭ ސަރުކާރަކަށް ވާން ޖެހެއެވެ. އެއީ ހަމަ އެކަނި ވަކި ޕާޓީއެއް ތަމްސީލުކުރާ ނުވަތަ އެ ސަރުކާރު އިންތިޚާބުކުރި ބަޔަކު ތަމްސީލުކުރާ ސަރުކާރަކަށް ވެގެން ނުވާނެއެވެ. ދައުލަތް ހިންގުމުގައި ސަރުކާރުން ވަކި ބަޔަކަށް އިސްކަންދީ، ވަކި ބައެއްގެ މަސްލަހަތު ރައްކާކޮށްގެން ނުވާނެއެވެ. ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ އިހުސާސުތަކާއި ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެ، ސިޔާސަތުތައް އެ ގޮތުގެ މަތިން އެކުލަވާލަން ޖެހެއެވެ. މިފަދަ ގޮތެއްގައި ކަންތައް ކުރެވިއްޖެ ނަމަ، ޑިމޮކުރަސީ އިޝާރަތްކުރާ ރައްޔިތުންގެ ބާރު، ޑިމޮކުރަސީގެ ނިޒާމުން، އެއީ ބަރުލަމާނީ ނިޒާމަކަށް ވިޔަސް، ނުވަތަ ރިޔާސީ ނިޒާމަކަށް ވިޔަސް، ފެނިގެންދާނެއެވެ.

އާދެ، ތަނެއްގައި ޑިމޮކުރަސީއެއް ހިންގާލައި، ރައްޔިތުންގެ ސިޔާސީ ބާރު، ވެރިކަމުން ފެނުމަކީ ވަކި ނިޒާމަކާ ގުޅިފައި އޮތް ކަމެއް ނޫނެވެ. މީގެ ހެކި ޔޫރަޕުގެ ގައުމުތަކުންނާއި އަދި، އެމެރިކާއާއި ކެނަޑާ، އޮސްޓުރޭލިޔާއާއި ނިޔޫޒީލެންޑު ފަދަ ގައުމުތަކުން ފެނިގެން ދެއެވެ. މިގައުމުތަކުގައި އޮތީ ޑިމޮކުރަސީގެ ތަފާތު ނިޒާމުތަކެވެ. ޔޫ.އެސް. ފަދަ ބައެއް ގައުމުތަކުގައި އޮތީ ރިޔާސީ ނިޒާމެކެވެ. އިނިގިރޭސި ވިލާތާއި އޮސްޓުރޭލިޔާއާއި ނިޔޫޒީލެންޑާއި ކެނެޑާގައި އޮތީ ރަސްކަމެއްގެ ތެރެއިން ހިންގާލެވޭ ބަރުލަމާނީ ނިޒާމެކެވެ. މިހުރިހާ ގައުމުތަކުންނާއި އަދި ޔޫރަޕުގެ އެހެން ގިނަ ގައުމުތަކުން ވެސް، ޑިމޮކުރަސީގެ ނިޒާމު ކާމިޔާބު ގޮތުގައި ހިންގާލެވޭތަން ފެނެއެވެ. މީގެ މާނައަކީ މިތަންތަނުގެ ސިޔާސީ ނިޒާމުގައި އެއްވެސް މައްސަލައެއް ނެތް ވާހަކައެއް ނޫނެވެ. ނަމަވެސް ފާހަގަކޮށްލަން ބޭނުންވީ، ދުނިޔޭގެ ގިނަ އެހެން ގައުމުތަކަށް ވުރެ ބޮޑަށް، ޑިމޮކުރަސީގެ ހަރުދަނާ އުސޫލުތައް، މިނަންގަތް ގައުމުތަކުން ފެނިގެންދާ ޑިމޮކުރަސީގެ ނިޒާމެއް އެތަންތަނުގައި ގާއިމުކުރެވިފައި އޮތް ކަމެވެ. އިންޑިޔާގައި ދުވަސްތަކެއްވީ ބަރުލަމާނީ ނިޒާމެއް ގާއިމުކުރެވިފައި އެބަ އޮތެވެ. އަދި، ޑިމޮކުރަސީގެ ސޫރީ ބަރުލަމާނީ ނިޒާމެއް ހިންގާލެވޭ ތަންވެސް ފެނެއެވެ. ނަމަވެސް، ހަގީގީ ކާމިޔާބީ ޑިމޮކުރަސީގެ ނިޒާމެއް ހިންގާލެވޭ ތަނެއް އިންޑިޔާއަކުން ނުފެނެއެވެ. މި މައްސަލަ އިތުރަށް ސާފުކޮށްލުމަށްޓަކައި ޑިމޮކުރަސީގެ ހަގީގީ މަގުސަދުގެ މައްޗަށް ބަލާލަން ޖެހެއެވެ.

ޝައްކެއް ނެތް ގޮތުގައި، ޑިމޮކުރަސީ ނިޒާމެއްގައި ސޫރީ، ބޭރު ފުށާ ގުޅޭ، ކަންތައްތަކެއް އޮވެއެވެ. ވޯޓު ނެގުމާއި ވޯޓުލުމެވެ. އަދި އެ ގޮތުގެ މަތިން ސަރުކާރެއް އިންތިޚާބުކުރުމެވެ. ގާނޫނުތައް އެކުލަވާލާއި ގާނޫނުތައް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖުލިހެއް އޮތުމެވެ. ޝަރީއަތްތައްކޮށް، ގާނޫނުތައް އެންމެންގެ މައްޗަށް ހަމަހަމަ ގޮތެއްގައި ހިންގާލާނޭ މިނިވަން ޝަރުއީ ނިޒާމެއް އޮތުމެވެ. މިހުރިހާ ބާރުތައް – ސަރުކާރު ހިންގާ ބާރާއި، ގާނޫނުތައް ހަދާ ބާރާއި، ގާނޫނުތައް ހިންގާ ބާރު – އެ ބާރުތަކުގެ ދާއިރާ ވަކިކޮށް ސާފުކޮށް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. މީގެ އިތުރުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ މިނިވަންކަން ވެސް އޮންނަން ޖެހެއެވެ. ތަނެއްގައި، މިކަންކަން، ބޭރު ފުށުން ފެންނަން އޮތުމަކުން އެ ތަނަކީ ހަގީގީ ޑިމޮކުރަސީގެ ނިޒާމު ހިންގާލެވޭ ތަނަކަށް ނުވެއެވެ. އެ ތަނަކީ ހަގީގީ ޑިމޮކުރަސީގެ ނިޒާމު ހިންގާލެވޭ ތަނަކަށް ވާނީ ޑިމޮކުރަސީގެ ނިޒާމުން ވާސިލުވާން އެދޭ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެވިގެންނެވެ.

ޑިމޮކުރަސީ ނިޒާމެއްގައި ހިމެނޭ ވޯޓު ނެގުމާއި، ވޯޓުލުމާއި، ބާރުތައް ވަކިކުރެވިފައި އޮތުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ސޫރީ ކަންކަމުގެ އަސާސީ ބޭނުމަކީ ވެރިކަމުގެ ބާރު އެކެއްގެ އަތުގައި ނުވަތަ މަދު ބައެއްގެ އަތްމަތީގައި ހިސޯރުވެފައި އޮތުމަ ނުދިނުމެވެ. އާދެ، ވެރިކަމުގެ ނިޒާމުގައި ޚުދްމުޚްތާރު ކަމުގެ ސިފަ ޖެހި ނުދިޔުމަށެވެ. ވެރިކަމުގެ ނިޒާމުގައި ޚުދު މުޚުތާރުކަމުގެ ސިފަ ނުޖެހި ބާއްވަން ބޭނުންވަނީ ވަކި މަގުސަދަކަށްޓަކައެވެ. ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ބަލައި، ތަނުގެ ޚައިރާތުތައް، އާންމުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރެއިން، ތަނުގެ އެންމެންގެ މައްޗަށް އަދުލުވެރި ސިފައެއްގައި ބެހިގެން ދިޔުމެވެ. މީގެ އިތުރުން، އެންމެނަށް ވެސް، ގާނޫނީ ގޮތުން ލިބިދޭން ޖެހޭ ފުރިހަމަ މިނިވަންކަން ލިބިފައި އޮތުމެވެ. ހުރިހާ ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރެވިފައި އޮތުމެވެ. މި މައިގަނޑު ދެކަން، ހަމަހަމަ ކަމާއި، އިންސާނީ ހައްގުތައް ލިބިފައި އޮތުން، ކަނޑައަޅާލަން ޖެހެނީ ތަނުގެ އާންމު އަގުތަކެއްގެ ތެރެއިންނެވެ.

މި ހަމަހަމަކަމާއި ހައްގުތައް ނިޔާކުރާ އެހެން ކަންތައްތަކެއް ވެސް – ކުރިން ޚިދުމަތްތަކޭ ބުނެ އިޝާރަތްކުރި ކަންތައްތައް – އޮވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ، ޑިމޮކުރަސީގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމަ ކޮށްދިނުމެވެ. ވަޒީފާތައް އުފައްދައި، އެންމެނަށް ހަމަހަމަ ގޮތެއްގައި، އެބަހީ މީސްމީހުންގެ ގާބިލުކަމާއި ކުޅަދާނަކަމަށް ބަލައި، ވަޒީފާތައް ލިބިދޭނޭ ފުރުސަތުތައް އޮތުމެވެ. އަދި، ކޮންމެ މީހަކު ވެސް، މަސައްކަތްކޮށްގެން، އޭނާއަށް ލިބޭ އާމްދަނީއިން، އޭނާގެ އިންސާނީ ކަރާމަތް ނުގެއްލޭ ފަދަ ގޮތެއްގައި، އާދެ، ސަލާން ޖަހަން ނުޖެހޭ ގޮތެއްގައި، އޭނާގެ އަސާސީ ބޭނުންތައް ފުއްދޭ ގޮތް ވުމެވެ. ކެއުން ބުއިމާއި އަންނައުނާއި ބޯހިޔާވެހިކަން ލިބޭނޭ ގޮތް ވުމެވެ. މީގެ އިތުރުން، ތައުލީމީ ޚިދުމަތްތަކާއި އަދި ސިއްހީ ޚިދުމަތްތައް ވެސް ލިބެން އޮތުމެވެ. ހުޅަނގުގެ ޑިމޮކުރަސީގެ ނިޒާމުތައް ކާމިޔާބު ނިޒާމުތަކެއްގެ ގޮތުގައި ބެލެވެނީ އެތަންތަނުގައި ހިންގާލެވޭ ޑިމޮކުރަސީގެ ނިޒާމުގެ ސޫރައަށް ހަމައެކަނި ބަލައިގެންނެއް ނޫނެވެ. އެ ނިޒާމުތަކުގެ ދަށުން، މި ނަންގަތް އަސާސީ ބޭނުންތައް ވެސް ރައްޔިތުންނަށް ފުއްދައިދެވޭތީއެވެ. އިންޑިޔާގެ ބަރުލަމާނީ ނިޒާމުގައި ސޫރީ ގިނަގުނަ ރަނގަޅު ކަންކަން އެކުލެވިފައި ވިޔަސް، ރައްޔިތުންގެ އެންމެނަށް، ހަމަހަމަ ސިފައެއްގައި، އަސާސީ ޚިދުމަތްތައް ލިބި، ރައްޔިތުން ފުދުންތެރި ކުރުވާ ނިޒާމަކަށް އިންޑިޔާގެ ބަރުލަމާނީ ނިޒާމު ނުވެއެވެ. އެހެންވެ، އެއީ ކާމިޔާބީ ސިފައެއްގައި ހިންގާލެވޭ ޑިމޮކުރަސީގެ ނިޒާމެއް ކަމުގައި ނުބެލެވެއެވެ. މިހެން ކަންތައް އޮތީ، އިންޑިޔާގެ ބައެއް މީހުން ވެސް ފާހަގަ ކުރާ ފަދައިން، އެތަނުގައި ހަމަހަމަކަން ނެތީމައެވެ. އިންޑިޔާގެ ގިނަ މީހުން ދެކެނީ އެމީހުންނަކީ ގިންތިތަކަކަށް ބެހިގެންވާ ބައެއް ކަމުގައެވެ. އެއްބަޔަކީ މުއްސަނދިކަމާއި ފުދުންތެރިކަން ހައްގު ބަޔަކަށްވާ އިރު، އަނެއް ބަޔަކީ، އެމީހުންގެ ނަޒަރުގައި، އެފަދަ މުއްސަނދިކަމަކާއި ފުދުން ތެރިކަން، އެމީހުންގެ އިންސާނިއްޔަތުކަން ލާޒިމުކުރާ ބައެއް ނޫނެވެ. ގިންތީތަކުގެ މައްޗަށް ބިނާވެފައި އޮތް މި ބޮޑު ތަފާތަކީ، އެމީހުންގެ ދީނީ އިއުތިގާދުގެ ތެރޭގައި ހިމެނިފައި އޮތް ކަމަކަށް ވާތީ، ބަރުލަމާނީ ނިޒާމަކުން ނޫނީ އެހެން ވެސް ސިޔާސީ ނިޒާމަކުން ނޫނީ ގާނޫނަކުން ނެތިކޮށްލައި އެންމެންނަކީ ހަމަހަމަ ބައެއްކަން ގަބޫލުކުރުން ދަތިވަނީއެވެ.

ދެހާސް އަށެއްގައި ރާއްޖެއަށް ގެނެވުނު ޑިމޮކުރަސީގެ ކުރު ތާރީޚުގެ މައްޗަށް ބަލައިލުމަށްޓަކައި، މަތީގައި ބަޔާން ކުރެވުނު ވާހަކަތައް ލިޔެލަން ޖެހުނީ، ޑިމޮކުރަސީގެ ނިޒާމަކީ ހަމައެކަނި ސޫރީ ކަމެއް ނޫންކަމާއި އެނިޒާމު ރަނގަޅުވުމާއި ނުވުން ބިނާވަނީ އެއިން ގަސްދުކުރެވޭ މަގުސަދުތައް ހާސިލުކުރެވިގެން ކަމުގައި ބުނެ އެކަން، ފާހަގަކޮށްލުމަށްޓަކައެވެ. ދެން، 2008 ވަނަ އަހަރުން ފެށިގެން އަދާ ހަމައަށް، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމުގެ ދަށުން ރާއްޖޭގައި ކުރުވެނު ތަޖުރިބާގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި، ގިނަ ޕާޓީގެ ޑިމޮކުރަސީގެ ނިޒާމުގެ ދަށުން ވޭތުވެ ދިޔަ ބާރަ ނޫނީ ތޭރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޑިމޮކުރަސީގެ ސޫރީ ކަންތައްތަކެއް ރާއްޖެއިން ވެސް ފެނިގެން ދިޔައެވެ. ސިޔާސީ ޕާޓީތަކެއް ރަޖިސްޓުރީކޮށް ވުޖޫދަށް އައެވެ. ކުރިއެކޭ ވެސް އެއްފަދައިން، އިންތިޚާބުތައް ބޭއްވޭ ތަން ފެނުނެވެ. ރިޔާސީ އިންތިޚާބުތަކާއި މަޖުލީހުގެ އިންތިޚާބުތަކެވެ. މީގެ އިތުރުން، ރަށްރަށާއި އަތޮޅުތައް ހިންގުމަށްޓަކައި މަޖުލިސްތައް ހޮވުމުގެ އިންތިޚާބުތަކެވެ. މީގެ އިތުރުން، ކުރިން ދިވެހި ބަހުން ކިޔަމުން އައި ނަންތައް އިނގިރޭސިވެސް ކުރެވުނެވެ. މިސާލަކަށް، އިހުގައި ތިބި އަތޮޅުވެރިންނާއި ކަތީބުންނާއި ކުޑަ ކަތީބުން ކައުންސެލަރުންނަށް ބަދަލުވެގެންދިޔައެވެ. ރަށު އޮފީހާއި އަތޮޅު އޮފީހަށް ވެސް ސެކްރަޓޭރިއެޓު ފަދަ ނަންނަން ކިޔުނެވެ. ބައެއް މީހުން ބުނާ ގޮތުގައި، އެ ސެކްރަޓޭރިއަޓު ތަކުގައި ތިބޭ ބައެއް މީހުންނަށް އެ ނަންނަން ރަނގަޅަށް ކިޔަން ވެސް ނޭނގެއެވެ!

ދެން ކޮންލަން ޖެހޭ ސުއާލަކީ ދެންމެ މިނަންގަތް އިންތިޚާބުތައް ކުރެވުނީ، ހަމަ ހަގީގަތުގައި ވެސް، ޑިމޮކުރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ނަޒާހަތްތެރިކަމާ އެކު ހެއްޔެވެ؟ ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެކަންކަން ފުއްދައިދޭނޭ ގޮތެއްގެ ސިޔާސަތާއި އެ ސިޔާސަތުތައް ހަގީގަތަކަށް ހަދާލެވޭނެ ވާހަކަތައް ދައްކައި ރައްޔިތުންގެ ގާތު އެކަން ބުނެދީގެން ހެއްޔެވެ؟ ހިތާމައާއެކު ޖަވާބުގައި ބުނަން މަޖުބޫރުވަނީ ނޫނެކެވެ. މިފަދަ ކަންކަމަށް ކުރިމަތިލަނީ، އެކަމަށް އެންމެ ގާބިލު މީހުންނެއް ނޫނެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ތައުލީމީ އަސާސީ މަރުހަލާތައް ވެސް ގިރާ ނުކުރާ ބައެކޭ ވެސް ބައެއް މީހުން ފާހަގަކުރެއެވެ. އެހެންވެ، މަތީގައި ބަޔާން ކުރެވި ދިޔަ، ޑިމޮކުރަސީގެ ވާހަކަތައް އެމީހުންނަށް އެނގިފައި އޮވެދާނެ ކަމަށް ބެލެވިދާނެ ހެއްޔެވެ؟ އެކަން ނޭނގޭ ނަމަ، ނުވަތަ އެކަން ދެނެގަތުމުގެ އެދުމެއް ނެތް ނަމަ، ނުވަތަ އެކަމުގެ ތަސައްވުރެއް ހިތަށް ގެނައުމުގެ ގާބިލުކަމެއް ނެތް ނަމަ، ހަގީގީ ޑިމޮކުރަސީއެއް ހިންގާލުމުގެ އެދުމެއް އެމީހުންގެ ކިބައިގައި އޮވެމެ، އެކަން ކުރުމުގެ ކުޅަދާނަކަމެއް އެމީހުންނަށް ލިބިފައި އޮވެދާނެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި އާނއެކޭ ބުނުމަކީ ދަތިކަމެކެވެ. އެމީހެއްގެ އަތުގައި ނެތް އެއްޗެއް އެހެން މީހަކަށް ދެވިދާނެ ހެއްޔެވެ؟ ރާމާމަކުނުތަކެއް ކާރަކަށް އަރުވާފައި ދުއްވާށޭ ބުނީމާ އެ މަކުނުތަކަށް ކާރު ދުއްވަން އެނގިދާނެ ހެއްޔެވެ؟

މިފަދަ ނުކުޅެދޭ ބަޔަކު، ރައްޔިތުން ތަމްސީލުކުރުމުގެ ބޮޑެތި މަގާމުތަކަށް ހޮވެނީ ކިހިނެއް ހެއްޔެވެ؟ އެކަމާ ބެހޭ ގޮތުން އެއްޗެއް ލިޔެލާނަމެވެ. ފުރަތަމަ ސަބަބަކީ 2008ގައި އަލަށް ތައާރުފު ކުރެވުނު ގާނޫނު އަސާސީގައި ސިޔާސީ ދާއިރާތައް ކަނޑައަޅާލެވިފައިވާ ގޮތެވެ. އެ ގޮތް ނިޔާކުރާ ގޮތުން، ސިޔާސީ ވަރަށް ގިނަ ދާއިރާތަކުގައި ހިމެނެނީ މަދު މީސްކޮޅެކެވެ. މިކަމުގެ ސަބަބުން، ރައްޔިތުން ތަމްސީލުކުރާ މަޖުލީހަކަށް ހޮވުން ވިޔަފާރީގެ މުއާމަލާތަކަށް ބަދަލުވެގެންދިޔުމުގެ މަގު ފަހިވެގެން ދިޔައެވެ. އިންތިޚާބުގެ ދުވަސްވަރު، ކެމްޕޭނުތަކުގައި ހުށަހަޅާލެވެނީ ރައްޔިތުންނަށް ފައިދާ ކުރާނޭ ސިޔާސަތްތަކުގެ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އެކިއެކި ފަރުދުންނާ ބައްދަލުކޮށް، ނުވަތަ އޭޖެންޓަކު އެމީހުންގެ ގާތަށް ފޮނުވައި، ހުށަހަޅާލެވެނީ ވޯޓު ގަތުމުގެ އަގުތަކެވެ. އެހެންވެ، ފައިސާ ހުރެއްޖެ ނަމަ، އެމީހަކު ކުރިމަތިލާ ދާއިރާއެއްގެ ބޮޑު ބައެއް ގަނެލެވޭ ގޮތް ވެއެވެ. އަދި، ދާދި ފަސޭހައިން އިންތިޚާބު ކާމިޔާބުކުރެވެއެވެ. މިސާލަކަށް ދާއިރާއެއްގައި ފަސްހާސް މީހުން އެކުލެވޭ ނަމަ، އޭގެ ތެރެއިން ތިން ހާސް މީހުންނަށް، ކޮންމެ މީހަކަށް ހާހެއްހާ ރުފިޔާ ނުވަތަ އެއަށް ވުރެ މަތީ އަދަދެއް ދެވެން އޮތް ނަމަ، އެ އަދަދެއް ދީގެން، ވޯޓު ގަތުމުގެ މަސައްކަތް ކުރެވެއެވެ. އެހެންވީމާ، ދިހަ ވަރަކަށް ލައްކަ ރުފިޔާގެ 'އިންވެސްޓްމެންޓެއް' ވޯޓު ގަތުމަށް ކުރުމަށް ފަހު، އިންތިޚާބުވެގެން، ދެން ލިބޭ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި އެކިއެކި 'ސިޔާސީ ޑީލްތައް' ހަދައި، އެމީހެއްގެ އިންވެސްޓުމަންޓު އަނބުރާ ލިބި، އަދި ފައިދާ ހޯދޭ ގޮތް ވެސް ވެއެވެ. މީގެ ހެކި، އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަށް 'ލިބޭ ފުލެޓުތަކުންނާއި’، ކޮމިޝަންތަކުން ފެންނާނެއެވެ. މިހާރު ވެސް، އެންމެ ފަހުން ހޮވުނު މަޖުލީހުގެ ބައެއް މެމްބަރު އެތައް މިލިޔަން ރުފިޔާ ދީފައި ހުޅުމާލެއިން ބިންތައް ގަތް ވާހަކައާއި ގަންނަމުންދާ ވާހަކަ އިވެއެވެ. މިފަދަ މެންބަރުންނަކީ އެމީސް މީހުން މެންބަރުންނަށް ހޮވުމުގެ ކުރިން، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހުންނެވެ. އާދެ، ރާއްޖޭގައި ތައާރުފު ކުރެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީގެ އެއް ތަޖުރިބާއަކީ މިއެވެ. ވޯޓު ގަނުމުގެ ވިޔަފާރިއަކީ ފައިދާ ހުރި އިންވެސްޓުމަންޓަކަށްވެ، އެއީ ކުރަން ހަމަ ރަނގަޅު ކަމަކަށް ވުމުގެ ތަޖުރިބާއެވެ.

ދެން، ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކަށް ބަލާލާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައި، މުޖުތަމައުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް – ސަރުކާރުގެ އިދާރާތަކުގައި ފަސާދަ އަށަގެންފައި އޮތުމުގެ މައްސަލަ، މަސްތުވާތަކެތީގެ މައްސަލަ، ނުރަނގަޅު ބޭނުންތައް ފުއްދުމަށް ދީން ހަތިޔާރަކަށް ބޭނުންކުރުމުގެ މައްސަލަ، ތަނުގެ މީހުން މަސައްކަތް ނުކުރުމުގެ މައްސަލަ، އަދި މިކަމާ ވިދިގެން ބޭރު މީހުން މަސައްކަތްކުރަން ގެންނަން މަޖުބޫރުވާ މައްސަލަ – މި މައްސަލަތައް ހައްލުކުރާނޭ އެއްވެސް ސިޔާސަތްތަކެއް ކަނޑައަޅާލެވި، އެކަން ކުރާނީ ކިހިނެއްކަން ބުނެއެއް ނުދެވެއެވެ. ކޮންމެ ޕާޓީއެއްގެ ބޭނުމަކީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ރިޝްވަތުދީ އަދި ވޯޓު ގަނެގެން ނަމަވެސް، ނުވަތަ، ވޯޓު އޮޅުވާލުމުގެ ފުރުސަތު ލިބިއްޖެ ނަމަ، އެކަން ކޮށްގެން ނަމަވެސް، ނުވަތަ ރާއްޖޭގައި އޮތީ ހުސް އައިސިސް މީހުންނޭ ކިޔައި އެފަދަ ދޮގު ވާހަކަތައް ފަތުރައި މީހުން ބިރުގަންނަވައި މީސްތައް ބައިބައިކޮށްގެން ނަމަވެސް، ނުވަތަ، ބޭރުގެ އަސްކަރީ ބާރުތަކަށް، ތަން ހިފުމަށް ދައުވަތު ދީގެން ނަމަވެސް، ވެރިކަން ހޯދުމެވެ. ގައުމު ބިނާކުރުމަކީ، ޕާޓީތަކުގެ މުހިއްމު މަގުސަދު ކަމުގައި ދެކޭކަމުގެ ހެއްކެއް ނުފެނެއެވެ. ކޮންމެ ޕާޓީއެއްގެ މައި މަގުސަދަކަށް ވެފައި އޮންނަނީ، އެ ޕާޓީ ރަނގަޅުކަމާއި ވެރިކަން ހައްގުވަނީ ހަމައެކަނި އެ ޕާޓީކަން ސާބިތުކޮށް ދިނުމުގެ ގޮތުން، އަނެއް ޕާޓީ ގޯސްކުރެއެވެ. މީގެ މިސާލެއް އިހަށް ދުވަހު ވެސް ފެނިގެން ދިޔައެވެ. ބޭރު ޓީވިއެއްގައި އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅުކަން ދައްކަން، ކުރީ ސަރުކާރުގެ ޚާރިޖީ ސިޔާސަތެއް ނެތޭ މިއަދުގެ ސަރުކާރުގެ ވެރިޔަކު ބުނި ބުނުމެވެ. އަދުގެ ޚާރިޖީ ސިޔާސަތު ރަނގަޅުވާ ގޮތަކީ އިންޑިޔާގެ ފަރާތަށް ހުރިހާ ކަމެއް ދޫކޮށްލުން ނޫން ގޮތެއް އޮތް ކަން، އޭނާއަކަށް ބަޔާން ކޮށެއް ނުދެވެއެވެ.

އާދެ، ޕާޓީތައް ރަނގަޅުވުމާއި ނުވުން ބިނާވަނީ ސާފުކޮށް ފެންނަން އޮންނަ ޕާޓީތަކުގެ ސިޔާސަތުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އެއްބަޔަކު އަނެއް ބަޔަކު ގޯހޭ ބުނުމުން ތިމާމެން ރަނގަޅު ވެގެންދާހެން ހީވާ ކަހަލައެވެ. މިސާލަކަށް ޗައިނާ އަތުން ލޯނު ނަގައި ދަރަނިވާ ވާހަކައެއް އެއްބަޔަކު ގޮވައެވެ. ދެން، އަނެއް ބަޔަކު ވެރިކަމަށް އައިސް، އިންޑިޔާ އަތުން އެތައް ގުނައެއް އިތުރަށް ލޯނު ނެގުމުން އެއީ ގޯސްކަމަކަށް ނުވެއެވެ. މިހެން އެއްބަޔަކު އަނެއް ބަޔަކު ގޯސްކޮށް، އަމިއްލައަށް ތިމާމެން ރަނގަޅުކުރަމުން ދާއިރު، ރައްޔިތުން ވެސް، މި ބެރެއްގެ އަޑުގައި ޖެހި، އެއް ބަޔަކު ނަށައެވެ. ދެން އަނެއް ބަޔަކު، އެމީހުންގެ ގޮތް ރަނގަޅުކޮށް، އަނެއް ބަޔަކާ ދިމާއަށް ގަޅި އުކަން ތިބެއެވެ. ދަރަނީގެ ތެރެއަށް ގައުމު ވެއްޓި، ޣަރަގުވެ، ގައުމުގެ ސިޔާދަތާ މިނިވަންކަން ގެއްލިދާއިރު ވެސް މެއެވެ. މިއީ އަމިއްލަ ވިސްނުން ބޭނުންކޮށްގެން ބަލާލަން ޖެހޭ ކަމެއް ކަމަކަށް ރައްޔިތުން ނުދެކޭ ކަހަލައެވެ. ރައްޔިތުންގެ ހުރިހާ ވެސް އަމާޒަކީ ތިމާ ނުރުހޭ މީހެއް ވެރިކަމަށް އަޔަ ނުދިނުމެވެ. ގާބިލު މީހުން ވެރިކަމަށް ގެނައުމެއް ނޫނެވެ. ގައުމީ މަސްލަހަތު އިސްކޮށްގެން ސިޔާސީ ވެރިންގެ މަސައްކަތް ރަނގަޅު ގޮތުގައި ކުރުމަށް ބާރުއެޅުމެއް ވެސް ނޫނެވެ. އާދެ، ގިނަ ޕާޓީތަކުގެ ރާއްޖޭގެ ތަޖުރިބާގައި މިއީ ވެސް ފެނިގެން ދިޔަ، އަދި ފެންނަމުންދާ، ކަމެކެވެ. ނުރަނގަޅު ސިޔާސީ ވާދައެއް އުފެދި، ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކީ ތަނުގެ އިޖުތިމާއީ މައްސަލަތައް ހައްލުކޮށްދިނުންކަން ހަނދާނުން ނައްތާލުމެވެ. މިކަމުގެ ހެކި، އެކި ދިމަދިމާއިން ފެނެއެވެ. ޑުރަގުގެ ވަބާގައި ޖެހި، އޮރިޔާމުން ބަދުއަޚުލާގީ އަމަލުތައް ހާމަ ގޮތެއްގައި މައި މަގުތަކުގައި ހިނގާ ތަނާއި، ހަމަ އެ ވަބާގައި ޖެހި، މިސްކިއްތަކަކީ ވެސް، އެކަން ކުރަން ހަމަ އެންމެ ރަނގަޅުތަންތަން ކަމުގައި ހަދާލެވިފައިވާ މަންޒަރުތަކެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވާ މީހުން، ޝަރީއަތުގައި އެމީހުން ކުށްވެރިވެ، އެމީހުންނަށް ހުކުމްތައް ކަނޑައެޅުނު ކަމުގައި ވިޔަސް، އެމީހުންނަށް ހަގީގީ އަދަބު ނުދެވޭ މަންޒަރެވެ. ނޫނީ، އެފަދަ މީހުން ދާދި ފަސޭހައިން ރާއްޖެ ދޫކޮށްލާފައި ދެވޭ މަންޒަރެވެ. އާދެ، މިއީ ގިނަ ޕާޓީގެ ޑިމޮކުރަސީގެ ރާއްޖޭގެ ތަޖުރިބާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މަތީގައި ކުރިން ވެސް ބަޔާން ކުރެވި ދިޔަ ފަދައިން، ޑިމޮކުރަސީގެ ނިޒާމެއްގެ އެއް ބޭނުމަކީ ވެރިކަމުގައި ޚުދް މުޚްތާރުކަމުގެ ސިފަ، އާދެ، ޑިކްޓޭޓަރޝިޕެއްގެ ސިފަ ޖެހި ނުދިޔުމެވެ. ވެރިކަމަކީ ހަގީގަތުގައި ވެސް، ރައްޔިތުންގެ ވެރިކަމެއްގެ ގޮތުގައި އެ ނިޒާމު ތަމްސީލުވެގެންދާ ދިޔުމުން، ފެނިގެން ދިޔުމެވެ. އަޅުގަނޑުމެންގެ ތެރެއަށް ވެސް، 2008 ގައި، ހަގީގީ ޑިމޮކުރަސީގެ ނަމުގައި، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ތައާރުފުކުރެވުނީ، ރާއްޖޭގައި އެވޭލާ ޒަމާނުއް ސުރެން، ވެރިކަމުގައި އަށަގަންފައި އޮތް، ޚުދްމުޚްތާރުކަމުގެ ސިފަ ނެތިކޮށްލުމަށެވެ. އެވާލާ ޒަމާނުއްސުރެ، ރާއްޖެއަކީ އެ ވަގުތު ރާއްޖޭގެ ވެރިޔަކަށް ހުރި މީހެއްގެ އަމިއްލަ ތަރިކަ މުދަލެއްގެ ގޮތުގައި އޮތް އެއްޗެއްކަމާއި އަދި ރާއްޖޭގެ ވެރިކަމަކީ އެވެރިޔާ ބޭނުން ގޮތަކަށް ކަންތައް ހިންގާލުމުގެ ބާރާއި އިޚްތިޔާރު ލިބިދޭ ކަމެއް ކަން، ނެތިކޮށްލުމުގެ ބޭނުމުގައި ވެސްމެއެވެ. އޭގެ ފަހުން، މިވޭތު ވެގެން ދިޔަ ބާރަ ނޫނީ ތޭރަ ވަރަކަށް އަހަރު ދުވަހުގެ ތަޖުރިބާއަކީ ކޮބައި ހެއްޔެވެ؟ އިހުގައި ރާއްޖޭގައި އަށަގަންފައި އޮތް ސިޔާސީ ޚުދްމުޚްތާރު ކަމުގެ ސަގާފަތަށް ހަގީގީ އިސްލާހެއް އައިސް އެއްވެސް ބަދަލެއް ގެނެވުނު ހެއްޔެވެ؟ ހިތާމައާއެކު، ޖަވާބުގައި، އަނެއްކާ ވެސް ބުނަން ޖެހެނީ ނޫނެކެވެ!

އެވޭލާ ޒަމާނުއް ސުރެން، ރާއްޖޭގެ ސިޔާސީ ސަގާފަތުގައި ވަކި ހިއްޕާލާފައި އޮތް ޚުދްމުޚްތާރު ސިޔާސީ ސަގާފަތަށް ބަދަލެއް ނާންނަ ކަމުގެ ހެއްކަކީ ކޮބައި ހެއްޔެވެ؟ ދެތިން ހެއްކެއްގެ ވާހަކަ ލިޔެލާނަމެވެ. ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމެއް ރާއްޖޭގައި، 2008ގައި ތައާރުފުކުރެވުމަށް ފަހު، މިވޭތުވެ ދިޔަ ބާރަ ނޫނީ ތޭރަވަކަށް އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައި ބަޔަކު އައީ ސިޔާސީ އިއްތިހާދެއް، އާދެ، ކޯލިޝަން އެއްގެ ތެރެއިންނެވެ. އެއިރަކު އޮތް ވެރިކަމަކާ އިދި ކޮޅަށް، ޕާޓީތަކެއް އެކުވެ، އިއްތިހާދެއް އުފައްދައި، އެ ވަގުތު ވެރިކަމުގައި ހުރި މީހަކު، ނުވަތަ ވެރިކަމުގައި އޮތް ބަޔަކު ވެރިކަމުން ދުރުކޮށްގެންނެވެ. (މީގެ ތެރެއިން 2012އިން 2013އަށް އޮތް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ނުހިމަނަމެވެ. އެއީ އާންމުންގެ އިންތިޚާބަކުން އިންތިޚާބު ކުރެވުނު ވެރިކަމަކަށް ނުވާތީއެވެ.) ކޮންމެ އަކަސް މިވޭތުވެ ދިޔަ ބާރަ ނޫނީ ތޭރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައި ޕާޓީއެއް ވެރިކަމަށް އައިސްފައިވަނީ އިއްތިހާދެއްގެ ދަށުން ކަމަށް ވިޔަސް، އެ ޕާޓީގެ ވެރިކަން ގާއިމު ވުމަށް ފަހު، އެ އިއްތިހާދު ރޫޅެން ދިމާވެއެވެ. ނުވަތަ އިއްތިހާދު ރޫޅާލުމުގެ އެދުން އުފެދެއެވެ. އަދި، އެކަމަށް މަސައްކަތް ވެސް ކުރެވެއެވެ. ދެން، ވެރިކަން ގެނައުމަށް އެހީވެދިން ޕާޓީތައް ސަރުކާރުން ބޭރުކުރެވެއެވެ. މިހެން ވަނީ ކީއްވެ ހެއްޔެވެ؟ ރައީސަކަށް ހުންނަ މީހާ ހިތު ހުރި ގޮތަކަށް ކަންތައް ނުކުރެވޭތީއެވެ. އެހެންވެ، އެހެން ޕާޓީތަކާ ޚިޔާލު ތަފާތުވެ، އެހެން ޕާޓީތައް ވެރިކަމުން ދުރުކުރަން ޖެހެނީއެވެ. އަދި އެ ގޮތަކަށް ކަންތައްކޮށް، ވެރިކަމުގައި ހުންނަ މީހާގެ ފުރިހަމަ ބާރު ހިންގާލައި، ދެން އެއަށް ފަހު އޭނާގެ ޚުދްމުޚްތާރުކަން ހިންގާލާތަން ފެނިގެން ދެއެވެ. މީގެ އެއް މިސާލަކީ 2008ގައި ގާއިމުވި ސަރުކާރުގެ ފުރަތަމަ ކެބިނެޓް، އާދެ، އިއްތިހާދުގެ މައްޗަށް އެކުލަވާލެވުނު ކުލަކުލައިގެ ކެބިނެޓު ރޫޅާލައި، ހުރިހާ ކުލަތައް އެއް ކުލައަކަށް ހަދާލަން އުޅުނު މަންޒަރެވެ. އެއަށް ފަހު، ގާނޫނުތަކާއި ގަވާއިދުތަކާއި، އާންމު ރައްޔިތުން ދެކޭ ގޮތާއި ގައުމުގެ އާންމު މަސްލަހަތާއި ކަންކަން ކުރުމުގެ އިޖުރާއާތުތަކަށް ވެސް ބެލުމެއް ނެތި، އާދެ، ޑިމޮކުރަސީގެ އެއްވެސް އުސޫލަކަށް ބެލުމެއް ނެތި، ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ކުންފުންޏަކަށް ދެވުނެވެ. މިކަން ހިނގީ މިގޮތަށްކަން ދޭހަވާ ގޮތަށް ބުނީ ކާކު ހެއްޔެވެ؟ އެ އެއްބަސްވުމުގައި ޚުދް ސަރުކާރުގެ ފަރާތުން ސޮއި ކުރި މިނިސްޓަރެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ކީއްވެތޯ ފަހުން އޭނައާ ސުއާލުކުރުމުން އޭނާ ބުނީ އެކަންކުރީ އެކަންކުރަން ވެރިޔާ އެންގުމުން ކަމެވެ. މިތަނުން ހަނދާނަށް ގެންނަން މުހިއްމު ވާހަކައެއް އެބަ އޮތެވެ. އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ކުރު މުއްދަތަކަށް ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ލިބިގެން ދިޔަ ދުވަސްތަކެއްގައި އޭރުގެ އުއްތަމަ ފަނޑިޔާރު، މަރުހޫމު އުސްތާޒު މޫސާ ފަތުހީއާ ކުރެވުނު ސުއާލެކެވެ. ބައެއް ކަހަލަ ކަންތައްތަކުގައި ވަކި ގޮތަކަށް ހުކުމްތައް ކަނޑައެޅި މީހުން ކުށްވެރިވަނީ ކީއްވެތޯއޭ އޭނައާ ކުރެވުނު ސުއާލެވެ. އެ ސުއާލުގެ ޖަވާބުގައި، ވަރަށް ސަރީހަކޮށް، އެއްވެސް ހިފެހެއްޓުމެއް، ފޮރުވުމެއް ނެތި، އޭނާ ވިދާޅުވީ އެކަން އެ ގޮތަށް ކުރަނީ އެންމެ މަތީ ވެރިޔާ އަންގައިގެން ކަމެވެ. މީގެ އިތުރުން ޝަރީއަތުގެ ނިޒާމަށް ބާރު ނުފޯރުވުމުން، 'ހަގީގީ ޑިމޮކުރަސީ' ގާއިމު ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ބައެއް ކޯޓުތަކުގައި ތަޅުއަޅުވައި ގާޒީން 'ވަގަށް ނެގުނު' ތަން ވެސް ފެނުނެވެ! އާދެ، 'ހަގީގީ ޑިމޮކުރަސީ’އާއި ހަގީގީ ނޫން ޑިމޮކުރަސީގެ ތަފާތެއް ނެތް ކަން މިކަންކަމުން ފެނިގެން ދެއެވެ. އޭރުވެސް އަދި ފަހުންވެސް، ވެރިޔާ ބޭނުންވަނީ ހުރިހާ ކަމެއް ވެސް ހަމައެކަނި އޭނާއަށް ފެންނަ ގޮތަށް ކުރުމެވެ. އޭނާއަށް ފެންނާނީ ރަނގަޅު ގޮތް ކަމަށް ހަދާލުމެވެ. މިހާރު ވެސް ކަންތައް އޮތީ މިހެން ނޫން ހެއްޔެވެ؟ ރާއްޖޭގެ ކުރިއެރުން އޮތީ ހަމަ އެކަނި އިންޑިޔާއާ ގުޅިގެން ކަމަށް މީހަކު ގޮވުމުން، އެ ގޮވާ ގޮވުމާއި، އަދި، އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ރާއްޖޭގައި ގާއިމުކުރުމަކީ ކޮންމެހެން ވެސް ރާއްޖޭގައި ކުރަން ޖެހޭ ކަމެއްކަމާއި، މި ކަންކަމަކީ، އެއާ މެދު އެއްވެސް އާންމު ބަހުސެއް ކުރުމެއް ނެތި، އެންމެން ވެސް ގަބޫލުކޮށް ބަލައިގަންނަން ޖެހޭނޭ ވާހަކައެކެވެ! ކީއްވެ ހެއްޔެވެ؟ ވަކި މީހެއްގެ އަނގައިން މި ވާހަކަ ނިކުތީމައެވެ! މިއީ ޑިމޮކުރަސީގެ ގޮތް ހެއްޔެވެ؟ ނޫންނަމަ ޚުދްމުޚްތާރު ވެރިޔެއްގެ ހަރުކަށި، ޚުދް މުޚްތާރު އިސްތިބްދާދީ، ފިރުއައުނީ، ގޮތް ހެއްޔެވެ؟ ފިރުއަނު ބުނީ ކީކޭ ކަމަށް ހެއްޔެވެ؟ ما أريكم إلا ما أرى وما أهديكم إلا سيبل الرشاد (40:29) އަހަންނަށް ފެންނަ ގޮތް ނޫން އެހެން ގޮތެއް ކަލޭމެންނަށް އަހަރެން ނުދައްކަމެވެ. އަދި ހެޔޮ މަގު ނޫން މަގެއް އަހަރެން ކަލޭމެންނަށް ނުދައްކަމެވެ. އާދެ، ހުރިހާ ޒަމާނެއްގައި ވެސް ޚުދުމުޚްތާރުވެރި މީހުންގެ ގޮތެވެ: 'ގޮތް ކިޔަން އެނގޭނީ ހަމައެކަނި އަހަންނަށެވެ! އަހަރެން ބުނާ ގޮތް އެއީ ރަނގަޅު ގޮތެވެ!' އާދެ، މިއީ ވެސް ރާއްޖެއަށް ތައާރުފު ކުރެވެނު ގިނަ ޕާޓީގެ 'ހަގީގީ' ޑިމޮކުރަސީގެ ތަޖުރިބާގެ ތެރޭގައި ހިމެނޭ ކަމެކެވެ!

ދެން އޮތީ މަޖުލިހުގައި ވޯޓު ދިނުން އޮންނަ ގޮތެވެ. މި ގޮތުގެ މައްޗަށް ބަލާލުމުން ވެސް، 2008ގައި ގެނެވުނީ ހަގީގަތުގައި ވެސް ރައްޔިތުންގެ ބާރު އޮތް ޑިމޮކުރަސީއެއްތޯ ނުވަތަ ނޫންތޯ ފެނިގެންދެއެވެ. ރައްޔިތުންގެ މަޖުލީހުގައި ތިބެނީ ރައްޔިތުން ހޮވާފައި ތިބި ބަޔެކޭ ބުނެވެއެވެ. ނަމަވެސް، އެމީހުން އަމަލުކުރަން ޖެހެނީ އެމީހުން ތަމްސީލުކުރާ ޕާޓީއެއްގެ ވެރިޔާ ބުނާ ގޮތަށެވެ. ޕާޓީގެ ސިޔާސަތަކީ ވެސް، ކަންކުރަން އޮންނަ ގޮތަކީ ވެސް، ބައެއް ފަހަރު، ޕާޓީގެ ވެރިޔާ ބޭނުން ގޮތަކަށް ކަނޑައަޅާލެވޭ ކަމެކެވެ. ދެން، ގައުމީ މައްސަލަތަކުގައި ވޯޓަކާ ހަމައަށް ގޮސް، ޕާޓީގެ ވެރިޔާގެ އަމުރެއް، 'ވިޕްލައިން' އެއް، ނެރެ، ޕާޓީގެ ވެރިޔާ އެދޭ ގޮތަށް ވޯޓުލުން ކަނޑައަޅާލެވޭ ގޮތުގެ މަގުފަހިވެފައި އޮވެއެވެ. ދެން، މަޖުލީހުގައި މައްސަލައަކާ މެދު ވޯޓު ދިނުމުގައި މަޖުލީހުގެ މެމްބަރުން ތަމްސީލުކުރާ ދާއިރާގެ މީސްތަކުން، އެ މައްސަލައަކާ ބެހޭ ގޮތުން ދެކޭ ގޮތަކީ ކޮބައިތޯ ބެލުމެއް ނެތި، އަދި އެ މައްސަލައިގައި ވޯޓުދޭން ރައްޔިތުން އެދޭ ގޮތާ ޚިލާފަށް ކަމުގައި ވިޔަސް، ނުވަތަ ގައުމީ މަސްލަހަތާ އިދިކޮޅަށް ކަމުގައި ވިޔަސް، ވެރިޔާ ބޭނުންވާ ގޮތަކަށް ކަންތައް ނިންމާލުމުގެ މަގު ފަހިވެފައި އޮވެއެވެ. މީގެ އެންމެ ފަހުގެ އެއް މިސާލަކީ 'ގައުމީ ނުރައްކާގެ ހާލަތު އިއުލާނުކުރަން އެމް.ޑީ.ޕީ.ގެ ގައުމީ މަޖުލިހޭ ކިޔާ މަޖުލިހަކުން ނިންމި ނިންމުމެވެ. އެ ނިންމި ނިންމުން ނިންމީ އެ ބުނާ މަޖުލީހުގައި ތިބި 39 މީހުން ވެގެންނެވެ! މި މީހުންނަކީ ރައްޔިތުންގެ، އާދެ، ރައްޔިތުން ހޮވާފައި އޮތް މަޖުލީހަށް ވުރެވެސް، އަދި، ގާނޫނީ ހަމަތަކުގެ މަތިން އިންތިޚާބުކުރެވިފައި ހުރި ރައީސަށް ވުރެވެސް ބާރުގަދަ މަޖުލީހެއް ކަހަލައެވެ! އެ ބުނާ 39 މީހަކު އެކަން ފާސްކުރީ އެމީހުންގެ އަމިއްލަ މިނިވަން ވިސްނުމުގެ މައްޗަށް ބުރަވެ ތިބެ ހެއްޔެވެ؟ އެމީނުންކީ ވަކި މީހެއްގެ 'ފެކްޝަންއެކެވެ'! އެހެންވީމާ އެމީހުންނަށް މިނިވަން ވިސްނުމެއް ލިބިގެން ނުވެއެވެ! އެމީހުންގެ ވެރިޔާ އެދޭ ގޮތަށް އެމީހުން ކަންކުރަން ޖެހެއެވެ. ރަނގަޅު ނުރަނގަޅު، ގާނޫނީ ޣައިރު ގާނޫނީ އަށް ބެލުމެއް ނެތިއެވެ! ދެން، މި ނިންމި ނިންމުން ރައްޔިތުންގެ މަޖުލިހުން ފާސްކުރަން ޖެހޭ ކަހަލައެވެ. ގައުމުގައި ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ރައްޔިތުންގެ މަޖުލިހެއް އޮވެފައި، ކުއްލި ނުރައްކާ ހާލަތު އިއުލާނު ކުރަން ޖެހޭ ކަންކަމާއި އަދި ކުރަން ޖެހޭ ގޮތާއި ކުރަން ޖެހެނީ ކިހިނެއްކަން ގާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާލެވިފައި އޮވެފައި، މިކަން މި ނިންމާލެވެނީ، އެންމެ މީހެއްގެ އަމިއްލަ އެދުމުގެ މައްޗަށް، އޭނާއަށް ކަނު ސިފައެއްގައި، އެބަހީ ގާނޫނާއި ގަވާއިދުތަކަށް ބަލަން ނުޖެހޭ ކަމަށް އެމީހުންގެ އަމަލުތަކުން ދައްކުވައިދޭ ސިފައެއްގައި، ދާދި މަދު ބައެއްގެ ނިންމުމުގެ މައްޗަށެވެ. މި ނިންމުމަށް އެއްވެސް އަމަލީ ސިފައެއް އަންނާނެ ކަމަށް ލަފާއެއް ނުކުރެވެއެވެ. ނަމަވެސް، ގިނަ ޕާޓީތަކުގެ ނިޒާމު ރާއްޖެއަށް ގެނެސްދިނީ ގާނޫނީ ވެރިކަމެއް ކުރަން ނޫންކަމާއި، ޕާޓީއެއްގެ ވެރިއެއްގެ ހިތުހުރި ގޮތަކަށް ކަންތައް ނިންމަން ޖެހޭނޭކަން ދެކޭ ހައިޖާނީ ނިޒާމެއްކަން މިކަމުން ވެސް ފެނިގެންދެއެވެ. އާދެ، މިވެސް ގިނަ ޕާޓީތަކުގެ 'ހަގީގީ' ޑިމޮކުރަސީގެ ރާއްޖޭގެ ތަޖުރިބާއެކެވެ!

މި ހައިޖާނީ ނިޒާމުގެ ހައިޖާނީ އިތުރު އެއް ވާހަކަ އަދި ލިޔެލާނަމެވެ. ޕާޓީގެ ތެރޭގައި މައްސަލައަކާ މެދު ޚިޔާލު ތަފާތުވެއްޖެ ނަމަ، ބަހުސްކޮށްގެން، ވާހަކަ ދައްކައިގެން، ޑިމޮކުރަސީގެ އުސޫލުގެ މަތިން، އިޖުމާއުއާ ހަމައަކަށް ގޮސް، އެއްބަސްވުމެއް ނިންމޭ ގޮތެއް ނޯވެއެވެ. އެ ފަދަ ދެބަސްވުން ދެ ގޮތެއް ނިޔާކުރެއެވެ. އެއްގޮތަކީ ޕާޓީ ދޫކޮށްލާފައި ތިމާގެ ޚުދްމުޚްތާރުކަން ހިންގާލެވޭނޭ ފަދަ އެހެން ޕާޓީއެއް އުފެއްދުމެވެ. ނުވަތަ ޕާޓީގެ ތެރެއިން އެތައް ވެރިންނެއް ފާޅުވުމެވެ. ގައުމުގައި ގައުމުގެ ގާނޫނީ ރައީސަކު ވެރިޔެއްގެ ގޮތުގައި ހުރެއެވެ. ނަމަވެސް، މިފަދަ ހާލަތެއްގައި އޭނާއަކީ ވެރިޔަކަށް ނުބެލެވެއެވެ. އޭނާއަށް ވުރެ ޕާޓީގެ ރައީސް ގަދަވެ، ގާނޫނީ ރައީސްގެ މައްޗަށް ބާރު ހިންގޭނޭ ކަމަށް ޕާޓީގެ ރައީސްއާއި ޕާޓީގެ ރައީސްއަށް ތާއީދުކުރާ މީހުން ދެކެއެވެ. މިއިން ކޮންމެ ރައީސަކަށް ތާއީދުކުރާ މަޖުލިހުގެ މެމްބަރަކީ ވެސް ވެރިއެކެވެ. އާދެ، ކުޑަވަރެއްގެ ރައީސެކެވެ. އެފަދަ ކޮންމެ މީހަކަށް ކަންކަން ނިންމާލުމުގެ ބާރު އޮންނަ ކަހަލައެވެ. ގާނޫނީ ރައީސްއާ އިދކޮޅު ހަދައި ނޫސްތަކަށް ބަޔާންތައް ނެރުމުގެ ބާރެވެ. ދެން، އެފަދަ ވެރިން ބޭނުންވާ މީސްމީހުން މަޖުލީހަށް ހާޒިރުކޮށް، އެ މީހުންނާ މެދު ޝަރީއަތްކުރުމުގެ ބާރު ވެސް މި މީހުންނަށް އޮންނަ ކަހަލައެވެ. ފުލުހުންނާއި ޝަރުއީ ނިޒާމު އޮތްތާގައި އޮއްވައެވެ! އެ މުއައްސަސާތައް ބޭކާރު ކޮށްލެވެއެވެ! މިއީ ހައްތަހާ ވެސް ފެންނަމުންދާ، ރާއްޖެއަށް ތައާރުފުކުރެވުނު، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ހައިޖާނީ މަންޒަރުތަކެވެ. އާދެ، ޕާޓީ ޑިމޮކުރަސީ ތައާރުފުވުމުން، ވޭތުވެ ދިޔަ، ބާރަ ނޫނީ ތޭރަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އޮތް ޚުދްމުޚްތާރުކަމުގެ ސިފަ ނެތިކޮށެއް ނުލެވުނެވެ. އަދި، އެ ސަގާފަތް ނެތިކޮށްލުމުގެ މަގެއް ކޮށުމުގެ މަސައްކަތެއް ކުރެވިފައި ވެސް ނެތެވެ. ކަންތައްތައް ކުރެވިފައި އޮތީ، ދެންމެ މިނަންގަތް ހެން، އެންމެ މީހެއްގެ ޚުދުމުޚްތާރު ވެރިކަމެއް ގާއިމުކުރުމުގެ ބޭނުމުގައެވެ. ތަފާތަކީ އިހުގައި މިކަން ކުރެވުނީ ޖުމްހޫރިއްޔަތާއި އާއިލާތަކާއި ދީން ކުރިއަށް ނެރިގެންނެވެ. މިހާރު މިކަން ކުރެވެނީ ގިނަ ޕާޓީގެ 'ހަގީގީ' ޑިމޮކުރަސީގެ ނަމުގައެވެ. އަދި، މިކަން ކުރަމުންދާ އިރު، ގާނޫނީ ގޮތުން ވެރިޔަކު ހުރިކަމުގައި ވިޔަސް، ދެންމެ ނަންގަތް ހެން، ހަގީގަތުގައި ވެރިޔަކީ ކޮބައިކަން ވެސް އޮޅޭ ފަހަރު އާދެއެވެ.

ދެން ވެސް އިތުރު އެހެން، ތަޖުރިބާތައް ފެންނަމުން ދެއެވެ. ކުރިއެކޭ އެއްފަދައިން، ޕާޓީ ޑިމޮކުރަސީގެ ވެސް މައިގަނޑު މަގުސަދަކަށް ވެފައި އޮތީ ރައްޔިތުންނަށް ޚިދުމަތަކޮށް ގައުމު ބިނާކުރުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް، ގާނޫނީ ސިފައެއްގައި ވިޔަސް، ނޫނީ ވޯޓު ގަނެގެން، ޣައިރު ގާނޫނީ ސިފައެއްގައި ވިޔަސް، ވެރިކަމުގެ ގޮނޑިއާ ހަމައަށް އާދެވިއްޖެ ނަމަ، އެ ގޮނޑީގައި ބައްދައި އެ ގޮނޑީގައި ދާއިމަށް އިނދެވޭ ގޮތް ހެދުމެވެ. މި އެދުން ހާސިލުކުރުމަށްޓަކައި، އިތުރު ކަންތައްތަކެއް ކުރެވިދިޔަތަން، މިވޭތުވެ ދިޔަ ބާރަވަރަކަށް އަހަރުދުވަހު ތެރޭގައި ފެނިގެން ދިޔައެވެ. އެއްކަމަކީ ދައުލަތުގެ ބައިތުލް މާލަކީ ވެރިކަން ކުރާ ޕާޓީގެ އަމިއްލަ އެއްޗަކަށްވުމެވެ. އެއާ މެދު، އާދެ، ރައްޔިތުންގެ ފައިސާއާ މެދު، ޕާޓީގެ ވެރިން ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭ ގޮތް ވުމެވެ. ވެރިކަން ކުރާ ޕާޓީއަކުން، އެމީހުންނަށް، ބަޔަކުގެ ރުހުން ހޯދަން ބޭނުން ވެއްޖެ ނަމަ، ނުވަތަ ބަޔަކަށް 'ޝުކުރު އަދާންކުރަން' ޖެހިއްޖެކަން ފެނިއްޖެ ނަމަ، ދައުލަތުގެ ޚަޒާނާއަށް އަތް ބާނާފައި ބޮޑެތި އަދަދުތައް، އާދެ އެތައް އެތައް މިލިޔަނުން، ފައިސާ އެ ބަޔަކަށް ދެވޭނޭ ގޮތް ހަދާލެވިފައި އޮވެއެވެ. ބަދަލުދިނުމުގެ ނަމުގައެވެ. މިކަން މިހެން އޮތުމުން، ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިބޭ ޕާޓީގެ މީހުންނަށް ވެސް ދައުލަތުގެ ޚަޒާނާއިން ބޭނުންވާ ވަރެއް، ބޭނުންވާ ހިނދެއްގައި ލިބޭ ގޮތް ވެއެވެ. ދާދި ފަހުން، މިނިސްޓަރަކު ބުނި އެއްޗަކުން މިކަން ދޭހަވާނެއެވެ. "އޭނާ ބޭނުންވި ވަރަށް އޭނާއަށް ފައިސާ ދޫކުރިކަމުގެ" ވާހަކައެވެ. ފަހަރެއްގައި ވެސް ހަމަޖެހިފައި އޮންނަ ގަވާއިދެއްގެ މަތިން، އެކަން ކުރުން ލާޒިމުކުރާތީ ފައިސާ ދޫކުރެވުނު ވާހަކައެއް ނޫނެވެ. މީހާގެ މޫނަށް ބަލާފައި، ޕާޓީގެ އިސް މީހަކަށް އޭނާ ވާތީ އޭނާ ބޭނުންވި ވަރަށް މިނިސްޓަރު ފައިސާ ދޫކުރީއެވެ. ޕާޓީގެ ލީޑަރަށް ވުމުން، އޭނާ ބޭނުންވާ އަދަދު، އެއީ ކިތަންމެ ބޮޑު އަދަދަކަށް ވިޔަސް، އެ އަދަދެއް އޭނާއަށް ދެވޭ ގޮތް ވީއެވެ. މީގެ އިތުރުން، ވެރިކަމުގައި ތިބޭ މީހުންގެ ދަތުރުތަކާއި އަމިއްލަ ކެމްޕޭނު ދަތުރުތަކަށް މިލިޔަނުން މިލިޔަނުން ފައިސާ ޚަރަދުކޮށްލެވޭ ގޮތްވެސް ހުއްދަކުރެވިފައި އޮވެއެވެ. އެފަދަ ދަތުރުތަކުގައި، އެފަދަ ބޭބޭކަލުންނަށް ދަތުރުކުރެވެނީ ފުރަތަމަ ދަރަޖައިގައެވެ. ތިބެވެނީ ހަތްތަރީގެ ހޮޓާތަކުގައެވެ. ދަތުރުކުރެވެނީ އަގު ބޮޑު ލިމޮޒީން ކާރުތަކުގައެވެ. ނަމަވެސް، އިހަށް ދުވަހު ވެސް، މި ނަންގަތް ގޮތަށް ނޫން ގޮތެއްގައި ދަތުރު ނުކުރެވޭ، އަދި، އޭނާ ދަތުރުކުރާ މަންޒިލަށް އޭނާ އެދޭ ވަކި ގައުމެއްގެ ތެރެއިންލާފައި ނޫންގޮތަކަށް ދަތުރު ނުކުރެވޭ ރާއްޖޭގެ ބާރުގަދަ އެއް ވަޒީރު ބޭރުގެ ޓީވީއަކަށް ދިން އިންޓަވިޔުއެއްގައި އިޝާރަތްކޮށް ބުނީ ރާއްޖެއަކީ ތިންވަނަ ދުނިޔޭގެ އެންމެ ނިކަމެތި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްގެ ގޮތުގައެވެ. ނަމަވެސް، މިފަދަ ވަޒީރުންގެ ދަތުރުތަކާއި އަދި އެދަތުރުތަކުގައި ކޮށްލާ ޚަރަދުތަކަށް ބަލާލައިފި މީހަކު ބުނާނީ މި މީހުންނަކީ ތެލުގެ މުއްސަނދިކަން އޮންނަ ދުނިޔޭގެ ރާއްޖެތައް ތަމްސީލުކުރާ ބައެއްކަމުގައެވެ!

އާދެ، މަތީގައި ބަޔާންކުރެވި ދިޔައީ ރާއްޖޭގައި ހަގީގީއޭ ބުނާ އެ ޑިމޮކުރަސީގެ ނިޒާމު ހިންގާލެވުނުތާ ބާރަ އަހަރު ފުރި، ތޭރަވަނަ އަހަރަށް އެޅިގެންދާ އިރު ކުރެވުނު ބައެއް ތަޖުރިބާތަކެވެ. ފެނުނު ބައެއް މަންޒަރުތަކެވެ. މިކަމުގައި މަސްއޫލުވެރިވާން ޖެހޭ ފަރާތަކީ ކޮބާ ހެއްޔެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި މިކަމުގައި އެންމެ ފުރަތަމަ މަސްއޫލުވާން ޖެހެނީ ރައްޔިތުންނެވެ. އާންމު ރައްޔިތުންނެވެ. ޑިމޮކުރަސީގެ ހަގީގީ ފައިދާއެއް ކުރާނީ ރައްޔިތުން ހޭލުންތެރިވެގެންނެވެ. އެފަދަ ބަޔަކަށް ރައްޔިތުންނަށް ވެވޭނީ، ރައްޔިތުންނަކީ ތައުލީމު ޔާފްތާ ބަޔަކަށްވެ، އަމިއްލައަށް، މިނިވަން މުސްތަގިއްލު ގޮތެއްގައި ވިސްނަން އެނގޭ ބަޔަކަށް ވެގެންނެވެ. ޕާޓީތަކުގެ އަވާގައި ނުޖެހި، ޕާޓީތަކުގެ ތައައްސުބުން އެއްކިބާވެ، ގައުމީ މަސްލަހަތު އިސްކުރަށް ދަސްކުރެވިގެންނެވެ. ޕާޓީތަކަކީ އާންމު ރައްޔިތުންގެ ކަންތައްތައް އިސްލާހުކޮށް، ގައުމު ބިނާކުރުމުގެ މަސައްކަތްކުރާ ބައެއްކަމުގައި ހަދާލެވިގެންނެވެ. އަދި، ޕާޓީއަކަށް ތާއީދުކުރުމާއި ނުކުރުން ބިނާވަން ޖެހޭނީ ގައުމީ މި މަސައްކަތްކުރުމުގެ ގާބިލިއްޔަތާއި، އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު އެކަން އެންމެ ރަނގަޅަށް ކުރަނީ ކޮން ބައެކަން ތިމާއަށް އެނގިގަނެވިގެންނެވެ. ޖައުހަރީ ގޮތެއްގައި، ގައުމުގެ ކުރިއެރުން ގުޅެނީ ތަނުގެ މީހުންގެ އަމިއްލަ މަސައްކަތާކަމާއި އެކަމަކީ ބޭރު ބަޔަކަށް ކޮށްދެވޭނޭ ކަމެއް ނޫންކަން ވެސް ގަބޫލުކުރެވި، އެނގިގަނެވިގެންނެވެ. އަދި، ގައުމަކީ ވަކި މީހެއްގެ ނުވަތަ އާއިލާއެއްގެ ނުވަތަ ޕާޓީއެއްގެ ތަނެއް ނޫންކަމާއި އެފަދަ ގޮތެއްގައި މީހަކު ނުވަތަ ބަޔަކު އަމަލުކުރަން ފެށުމުން، އެ ގޮތް ބަލައި ނުގަތުން ދަސްކުރެވިގެންނެވެ. ގައުމުގެ ތަރައްގީގެ މަސައްކަތުގެ ހަގީގީ މަގުސަދަކީ ތަނުގެ ހުރިހާ ރައްޔިތުންނަށް އެމީހުންގެ އަސާސީ ބޭނުންތައް – ކެއުން ބުއިން، ބޯހިޔާވެހިކަން، ތައުލީމާއި ސިއްހީ ބޭނުންތައް ފުދިގެން ދިޔުންކަން – ދެނެގަނެވިގެންނެވެ. މިކަމުގެ މަސައްކަތް ފެށޭނީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި، އެކަންކަން ދިފާއުކުރެވިގެންކަން ހިތުގެ އަޑިން ގަބޫލުކުރެވިގެންނެވެ. މިއަދަކީ އެކަމުގެ މައްޗަށް އިތުރަށް ވިސްނާލުން މުހިއްމު ދުވަހެކެވެ. ބޭރުގެ އަސްކަރީ ބާރެއްގެ ދަށަށް، ޕާޓީގެ އަވައިގައި ބަޔަކު ޖެހިގެން، އެމީހުންގެ ވެރިކަން ދެމެހެއްޓުމުގެ އެދުމުގައި، ރާއްޖެ ގެންދިޔުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުންދާ ދުވަސްވަރެއްގައެވެ. މީގެ އިތުރުން ގައުމުގެ ހުރިހާ ފަރުދުންނަކީ ވެސް ހަމަހަމަ ބައެއް ކަމުގައި ދެކި، އެއްބަޔެއް މަސައްކަތްކޮށް، އެމީހުންގެ މަސައްކަތުގެ އަގު އަނެއް ބަޔަކު ކުލީގެ ގޮތުގައި އަތުލައިގަނެގެން، މަސައްކަތްކުރާ މީހުން، އިހުގައި ރިބާ ބޭނުންކޮށްގެން މީސްތަކުން އަޅުވެތިކުރި ގޮތަށް، އަޅުވެތިކޮށް، ތަރަފުގެ ދިރިއުޅުމުން ދުރުވެ، އެންމެން ވެސް ގަދައަށް މަސައްކަތްކޮށްގެންކަން ގަބޫލުކޮށް އެކަމަށް އަމަލީ ސިފަ ގެނެސްގެންނެވެ. މި ގޮތުގައި ތިބި ރައްޔިތެއް އުފެދިއްޖެ ނަމަ، ހަގީގީ ޑިމޮކުރަސީއެއް ގާއިމުކުރެވި، އެއިން ދޭހަވާ 'ރައްޔިތުންގެ ބާރު އޮތް ވެރިކަމެއް' އުފެދި، ރައްޔިތުންގެ އާންމު ބޭނުންތައް ފުދޭ ގޮތްވެ، ހަގީގީ މިނިވަންކަމެއް ލިބި، އެ މިނިވަންކަމަކީ މާނައެއް ނެތް ހުސް ކުޅިވަރުތަކާއި ބޭންޖެހުންތަކުން ފާހަގަކުރެވޭ މިނިވަންކަމަކަށް ނުވެ، އެންމެންވެސް އެކަމުގައި އުފަލުން ބައިވެރިވެ، ފަޚުރުވެރިވާ މިނިވަންކަމަކަށް ވެގެންދާނެއެވެ. މިއީ އެކަމަކަށްޓަކައި އެންމެން ވެސް، ކެރިގެން، ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމެއްކަމާ މެދު ކުޑަވެސް ޝައްކެއްނެތެވެ.