...

Support Us

ގައިގެ ހަންތައް ވެސް ވާހަކަދައްކާނެ

މިއީ ސައެންސީ ހޯދުންތައް މިއަދު ކަށަވަރުކޮށްދީފައިވާ ޢިލްމީ ޙަޤީޤަތެކެވެ. ކީރިތި ޤުރްއާނުގެ ބަސްފުޅުތަކުން މި ކަމުގެ ސާފު އިޝާރާތްތައް ފެނެއެވެ. މިއިން އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ މި ފޮތަކީ ﷲ ތަޢާލާގެ ބަސްފުޅުކަމެވެ. މި ފޮތުގެ ތެދުކަމެވެ. އެކަލޭގެފާނުގެ މައްޗަށް މި ފޮތް ބާވައިލެއްވުނު މުޙައްމަދު ނަބިއްޔާގެ ރިސާލަތުގެ ތެދުކަމެވެ.

ކީރިތި ޤުރްއާނުގައި ޤިޔާމަތް ދުވަހުގެ ބިރުވެރި މަންޒަރުތަކުގެ ތެރެއިން ތަޞްވީރުކޮށް ދެއްވާފައިވާ އެއް މަންޒަރަކީ ﷲގެ ކަލާންފުޅާމެދު ޝައްކުކޮށް އެ ފޮތަށް އީމާންނުވި މީހުންނާ ދެކޮޅަށް އެ މީހުންގެ އިވުމާއި ފެނުމާއި ގައިގެ ހަންތައް ހެކިބަސްދޭ މަންޒަރެވެ. މި މަންޒަރު ކުރައްސަވާ ދެއްވަމުން އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. (وَيَوْمَ يُحْشَرُ أَعْدَاءُ اللَّهِ إِلَى النَّارِ فَهُمْ يُوزَعُونَ ‎﴿١٩﴾‏ حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ ‎﴿٢٠﴾‏وَقَالُوا لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ[1] – އަދި اللَّه ގެ عدوّ ން އެންމެން އެކުގައި ނަރަކަޔަށް އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! އެ ނަރަކަޔަށް އެއުރެން حاضر ވެއްޖައުމަށް ދާނދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެއުރެންގެ ހަންތައް، އެއުރެން ކޮށް އުޅުނު عمل ތަކަށް ހެކިދޭނެތެވެ. އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ އެތަކެތި ބުނާނެތެވެ. ކޮންމެ އެއްޗަކަށްވެސް ބަސްމޮށުން ދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުން ދެއްވީއެވެ. އަދި އެކަލާނގެއީ، ފުރަތަމަ ފަހަރަށް ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.) ‎

މި އާޔަތްތައް ކިޔައިލުމުން އުފެދޭ ސުވާލުތަކެއް ވެއެވެ. އިވުމަށާއި ފެނުމަށާއި ހަމަށް ބަސްމޮށެވި ވާހަކަދެއްކެނީ ކިހިނެއް ހެއްޔެވެ؟ ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ތިން ކަންތަކުގެ ވާހަކަ ޤުރްއާނުގައި މި ގެންނެވީ ކީއްވެގެންބާވައެވެ؟

މިއީ ވިސްނައިލަން ޖެހޭ ކަންތައްތަކެކެވެ. މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އީމާންކަން ހަރުދަނާކޮށް ސާބިތު ކުރެވޭތޯއެވެ. ﷲއާ މެދު އޮންނަން ޖެހޭ އިތުބާރު ވަރުގަދަކުރުމަށް ޓަކައެވެ. އަދި ހުރިހާ ކަމެއްގައި ވެސް ﷲއަށް ބަރޯސާ ވުމަށް ޓަކައެވެ. ގަދަކީރިތިވަންތަ މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ [2]– مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާ ހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ آية ތައް އެއުރެންނަށް ކިޔަވާދެވޭ ހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ.)

ހަމުގެ މުޢުޖިޒާތް

ހަމަކީ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ގުނަވަނެވެ. އެއީ ތިބާގެ ވަށައިގެންވާ މާހައުލުގެ ނުބައި އަސަރުތަކުން (ހޫނުންނާއި ފިނިން، ބެކްޓީރިއާއި ޖަރާސީމުން، ވިސަޑުތަކާއި ކިސަނޑުތަކުން، ކިލާތަކާއި ހަޑިމުޑުދާރު އެންމެހާ އެއްޗެހިން) ތިބާ ރައްކައުތެރިކޮށްދީ ޙިމާޔަތްކޮށްދޭ ފަށަލައެވެ.

ހަން އޮމާންކަމާއި ވިލުންތެރިކަން މަތީ ދެމިއޮންނަނީ އެއިން އުފައްދާ ތެލުގެ ސަބަބުންނެވެ. ދައު އުފައްދާ ގޮށްތައް ހުންނަނީ ހަމުގައެވެ. ހަށިގަނޑަށް ބޭނުންނުވާ ކީމާވީ މާއްދާތަކާއި ހަށިގަނޑަށް ގެއްލުން ހުރި ބައެއް ވިހަތައް ދަލާއެކު ހަށިގަނޑުން ބޭރަށް ނުކުމެއެވެ.

ހަން އުފެދިފައި ހުންނަނީ ހަތާރުތަކާއި ލޭ ނާރުތަކާއި ޢަޞަބީ ހަތާތަކާއި އިސްތަށީގެ ތުނި ފަށަލަތަކަކުންނެވެ.

ހަމަކީ ދާއިމީ ސިފައެއްގައި ޙަރަކާތް ކުރާ ގުނަވަނެކެވެ. ހަތާތައް އުފެދި އެތެރޭގެ ފަށަލަތަކުން ބޭރުގެ ސަތަޙައަށް ނުކުމެއެވެ. ބޭރަށް ނުކުންނަ ފަށަލަތައް މަރުވުމުން އައު ފަށަލަތައް އުފެދި  ބަދަލުވެބަދަލުވެ ހުރެއެވެ. ޢިލްމީ ދިރާސާތައް ބުނާގޮތުގައި މިނެޓެއްގެތެރޭގައި ހަމުގެ ސާޅީސް ހާސް ހަތާ ބަދަލުވެއެވެ. އެއް މަސް ދުވަހުގެތެރޭގައި ހަށިގަނޑުގެ ހުރިހާ ހަންތަކެއް ބަދަލުވެއެވެ. މި ކަންކަން ހިނގަމުން ދަނީ އިންސާނާއަށް އިޙްސާސް ވެސް ނުކުރެވޭފަދަ އޮމާން ގޮތަކަށެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ!

ހަމުގެ މުހިއްމު ތިން ފަށަލަ

ހަމުގެ ހަތާތަކުގެ ތެރެއިން 95 އިންސައްތަ ހަތާގެ މަސައްކަތަކީ ހަތާތައް އައުކޮށްދިނުމެވެ. އަނެއް 5 އިންސައްތަގެ މަސައްކަތަކީ ހަމަށް އެކަށީގެންވާ ކުލަ ހަމުގައި ޖެއްސުމެވެ. ދިރާސާތައް ކަށަވަރުކޮށްދޭ ގޮތުގައި ހިސާބަށްވުރެ ގިނައިން ހަން އަތްވަށް ހާސާވުމަކީ ހަމުގެ ކެންސަރަށް ފަހިވެދާނެ ކަމެކެވެ. ހަމުގެ ކެންސަރު ބޮޑަށް ޖެހެނީ އަންހެނުންނަށް ކަން ވެސް މި ދިރާސާތަކުން އެނގެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ އަންހެނުން ރަނގަޅަށް ނިވާވެގެން އުޅުމަށް އަންގަވާފައި ވަނީ މިހެންވެގެން ނޫންބާވައެވެ!

އޮމާންކޮށް ސާފުކޮށް މި ފެންނަ ހަމުގެ މަތީގައި އެތައް މިލިއަން ޖަރާސީމުތަކަކާއި ބެކްޓީރިއާތަކެއް ދިރިއުޅެއެވެ. މާތްﷲ މުސްލިމުންނަށް ފަރްޟު ކުރައްވާފައިވާ ނަމާދު ކުރުމަށް ޓަކައި ވުޟޫކުރާއިރު ހަމުގެ މުހިއްމު ބައިތައް ދޮވެވި ސާފުވެގެންދެއެވެ. ވުޟޫގެ ޙިކްމަތްތަކުގެ ތެރޭގައި މި ކަން ފާހަގަ ކުރެވެއެވެ.

ހަމުގެ ހަނދުމަ

ޢިލްމުވެރިން ހަނދުމައިގެ ސިއްރުތައް ދެނެގަތުމަށް ޓަކައި ހަތާތަކުގެ އަނޑިއަށް ފީނައި ދިރާސާތައް ވަނީ ކޮށްފައެވެ. ޢިލްމުވެރީންގެ މި ދިރާސާތަކުގެ ބޭނުމަކީ އިންސާނާގެ ހަށިގަނޑުގައި މި ހަނދާންތަކާއި މަޢުލޫމާތުތައް ކޮށާރުކޮށްފައި ހުންނަ ތަންތަނާއި ގޮތްތައް ދެނެގަތުމެވެ. މި ދިރާސާތައް ބުނާގޮތުގައި އިންސާނާއަށް ވިރާސީ ގޮތުން ލިބޭ ހަނދުމައެއް ވެއެވެ. މި ހަނދުމަތައް ކޮށާރުކޮށްފައި ހުންނަނީ ޑީއެންއޭ ގައެވެ. ހަނދުމައާ ބެހޭ އެންމެ ފަހުގެ ދިރާސާތައް ބުނަނީ ކީކޭހެއްޔެވެ؟

ދެހާސް ހަތް ވަނަ އަހަރުގެ މެދުތެރޭގައި ނާރުތަކާބެހޭ ޢިލްމީ މަޖައްލާއެއްގައި ޝާއިޢުކުރި ސައެންސީ އައު ދިރާސާއެއް ބުނާގޮތުގައި ހަނދާންތައް ކޮށާރުކޮށްދެނީ ހަތާގައި ހުންނަ (CaMKII) ނަމަކަށް ކިޔާ ކުދިކުދި މޮލިކިއޫލްތަކަކުންނެވެ.

ސައެންސީން މި ކަން ކަށަވަރު ކުރުމަށް ޓަކައި މީދާ ބޭނުން ކުރިއެވެ. ތަޖްރިބާ ކުރުމަށް ބޭނުންކުރި މީދާތަކުގައި ހުރި މި މޮލިކިއޫލްތަކަށް ޙަމަލާ ދިނުމުން އޭއްޗެހީގެ ހަނދާންތައް ފޮހެވިގެން ދިޔައެވެ. އެއަށްފަހު އަނެއްކާވެސް ހަނދާންތައް ކޮށާރުކުރުމުގެ ބާރު އެ އެއްޗެއްސަށް ލިބިގެން ދިޔައެވެ. އެއީ ކޮންޕިއުޓަރުގެ ހާރޑް ޑިސްކް ފަދަ އެއްޗެކެވެ. ޑިސްކް ފުހެލައިފާ އަލުން ޑިސްކަށް މައުލޫމާތު އަޅައިގޮތަށެވެ. ދިރޭ އެއްޗެހީގެ ހުރިހާ ހަތާތަކެއްގައި ވެސް މި ހަނދުމަ ހުރެއެވެ. މިއަދު ސައެންސީން ސިކުނޑީގެ ހަނދުމައާއި ހަމުގެ ހަނދުމައާއި ހިތުގެ ހަނދުމައިގެ ވާހަކަ ދައްކައެވެ.

މިއީ ވަރަށް މުހިއްމު ހޯދުމެކެވެ. މި ހޯދުމުގެ ސަބަބުން ޒަމާންވީ ތަދުތަކަށް ފަރުވާކުރަން ފަސޭހަވާނެތީ އެވެ. ހަމަށް ލިބިފައިވާ ތަދުތައް އޭގެ ހަނދުމައިގައި ހުންނާނެތީއެވެ. މިސާލަކަށް އަތެއް ބުރިކޮށްލަން ޖެހުމުން ލިބޭ ވޭންތައް އޭގެ ހަނދުމައިގައި ހުންނާނެތެވެ. ސިކުނޑީގެ ހަނދުމައިގައި ވެސް މި ހަނދާންތައް ހުންނާނެއެވެ. ދޭތެރެދޭތެރެއިން  ތަދު އިޙްސާސް ވަނީ މިހެންވެގެންނެވެ.

އިތުރު ދިރާސާތައް ބުނާގޮތުގައި ހަމުގެ ހަތާތަކަކީ ހަށިގަނޑަށް ވަންނަން އުޅޭ ޖަރާސީމުތަކުން ހަށިގަނޑު ޙިމާޔަތްކޮށްދޭ ދިފާޢީ ބާރެކެވެ. މޯބައިލް ފޯން ގިނަގިނައިން ބޭނުންކުރުމަކީ ހަމުގެ މަތީގައި ބެކްޓީރިއާގެ ބައެއް ބާވަތްތައް ހަރުލައި އޭއްޗެއްސަށް ހިޔާވަހިކަން ލިބި ގިނަވުމަށް އެހީވެދޭ ކަމެކެވެ. މޯބައިލް ފޯން އަތުގައި ގިނަ އިރުތަކެއް ވަންދެން އޮތުމުން ހަމުގެ ހަތާތަކުގެ މަސައްކަތަށް ގަނޑުބަޑުކަން ލިބެއެވެ. އެއީ ފޯނުގެ ކަރަންޓް– ދަގަތްފާނަ ތަރައްދުދު (ފްރިކްއެންސީ)ގެ ސަބަބުން ކަމަށް ދިރާސާތައް ބުނެއެވެ.

ސައެންސީންގެ ތަފާތު ތަޖްރިބާތަކުގެ ތެރެއިން ލައިފާ އެމީހުން ވަނީ މީދަލުގެ ހަމުގެ ހަތާތައް ބޭނުންކޮށްގެން މީދާ ނަކަލު (ކްލޯން) ކޮށްފައެވެ. މި ދިރާސާތައް ދައްކާގޮތުގައި ހަމުގެ ހަތާތަކުގައި ހުންނަ  ހަނދުމަ މާ ދިގެވެ. އަދި މި ދިރާސާތައް ބުނާގޮތުގައި އަންހެން މީދާގެ ހަނދުމަ މާ ވަރުގަދައެވެ. އޭގެ ހަތާތަކުގައި މަޢުލޫމާތުތައް ކޮށާރު ކުރުމުގެ ބާރު މާ ބޮޑެވެ. އިންސާނުންނާ ބެހޭ ގޮތުން މިފަދަ ދިރާސާއެއް އަދި ކޮށްފައެއް ނުވެއެވެ.

ސައެންސީން މިއަދު އިސްކަންދެމުންދާ އެއް މައިދާނަކީ ހަމުގެ ހަތާތަކެވެ. މި ހަތާތައް ބޭނުންކޮށްގެން ކުޑަކުދީންނަށް ޖެހޭ ކެންސަރަށް ފަރުވާ ކުރެވިދާނެކަމުގެ އުންމީދުގައެވެ. މި ހަތާތައް ބޭނުންކޮށްގެން ހަށިގަނޑުގެ ދިފާޢީ ބާރު (މަނާޢަތު) ވަރުގަދަ ކުރެވިދާނެތީއެވެ.

މި ދިރާސާތަކުން ހާމަވެފައިވާ ޙަޤީޤަތްތަކުން ﷲގެ ކަލާންފުޅުގެ ތެދުކަން ދަނީ ފާޅުވެ ހާމަވަމުންނެވެ. ކީރިތި ޤުރްއާނާމެދު ޝައްކު އުފައްދާ މީހުން އަބަދުވެސް ބުނަމުން ދަނީ ތިޔަ ފޮތުގެ ތެދުކަން ހާމަކޮށްދީ ބަލާށެވެ! މާތްﷲ ވަނީ މި ކަން އެމީހުންނަށް ހާމަކޮށް ދެއްވާނެކަން އަންގަވައިފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيد [3]– އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟)

ހަމުގެ ބަސް

ސައެންސީން ހާމަކުރާގޮތުގައި ހަމުގެ ހަތާތަކަށް މޮށެހަދާ އަޑުތަކެއް ލިބިގެން ވެއެވެ. އެހެނަސް އެ ދޭހަކޮށްގަތުމުގެ ބާރު އިންސާނާއަށް ލިބިގެން ނުވެއެވެ. މިއީ ކީރިތި ޤުރްއާން ބާވައިލެއްވި ދުވަސްވަރު އެއްވެސް މީހަކަށް އެނގިފައިވާ ޙަޤީޤަތެއްނޫނެވެ. އެހެނަސް ކީރިތި ޤުރްއާން ބަޔާންކޮށްދޭ ގޮތުގައި މާތްﷲ ހެއްދެވި ކޮންމެ އެއްޗެއް މޮށެ ހަދައެވެ. އެކަލާނގެއަށް ތަސްބީޙަ ދަންނަވަތެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (تُسَبِّحُ لَهُ السَّمٰوٰتُ السَّبعُ وَالأَرضُ وَمَن فيهِنَّ ۚ وَإِن مِن شَىءٍ إِلّا يُسَبِّحُ بِحَمدِهِ وَلٰكِن لا تَفقَهونَ تَسبيحَهُم ۗ[4]– ހަތް އުޑާއި ބިމާއި އެތަންތާނގައި ވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއް ކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ.)

ދިރާސާތައް ބުނާގޮތުގައި ކޮންޕިއުޓަރުގައި މަޢުލޫމާތުތައް ރެކޯޑް ކުރެވޭގޮތަށް ހަމުގެ ހަތާތަކުގައި މަޢުލޫމާތުތައް ރެކޯޑްކޮށް ރައްކައުކުރެވޭނެ ޚާއްޞަ ދަފްތަރުތަކެއްވެއެވެ. ޑރ. ކްލާރކް އޮޓްނީއަކީ ހަން އިންދުމުގެ އެތައް ސަތޭކަ އޮޕަރޭޝަންތަކެއް ކުރައްވާފައިވާ ޑަކްޓަރެކެވެ. އޭނާ ވަނީ މީހުންގެ ގައިން ހަން ނަގައިގެން ހަމުގެ އެތައް އޮޕަރޭޝަންތަކެއް ކުރައްވައިފައެވެ. އޭނާ ހާމަކުރައްވާފައިވާ ގޮތުގައި ހަމަށް ވަރަށް ދިގު ހަނދުމައެއް ލިބިގެން ވެއެވެ. އޭގެ ހަނދުމައިން މި ހަނދާންތައް ފިލައިގެން ނުގޮސް ވަރަށް ދިގު މުއްދަތަކަށް ހުރެއެވެ.

އޭނާ ވިދާޅުވާ ގޮތުގައި އޭނާ އޮޕަރެޝަން ކުރެއްވި 70 އިންސައްތަ މީހުންނަށް ވަނީ ހަމުގެ ކެންސަރު ޖެހިފައެވެ. މިއީ އަދި އެކަމަށް ޙައްލެއް ފެނިފައި ނުވާ މަސްއަލައެކެވެ.

ސައެންސީން ބުނާގޮތުގައި ކޮންމެ އިންސާނަކަށް ވެސް ޚާއްޞަ ހަންތަކެއް ލިބިގެން ވެއެވެ. އެއީ އެ އިންސާނާއާ ބެހޭ ވަރަށް ގިނަ މަޢުލޫމާތުތަކެއް ރައްކައުކޮށްފައި ބަހައްޓާ ކޮށާރެކެވެ. މީހެއްގެ ހަންތައް އެހެން މީހެއްގެ ގައިގައި އިންދުމުން މި ހަމާއެކު އެމީހާއާ ބެހޭ އެތައް މަޢުލޫމާތުތަކެއް މި ހަން އިންދުނު މީހާގެ ހަށިގަނޑަށް ނަޤްލު ކުރެވިގެން ދެއެވެ. ކެންސަރު ޖެހެނީ ބަލިމީހާގެ ހަށިގަނޑު މި މަޢުލޫމާތުތައް ބަލައިނުގަންނާތީއެވެ.

މުސްލިމު ޢިލްމުވެރީން ވިދާޅުވާގޮތުގައި މުސްލިމުންނަށް ޤުރްއާނުން މިކަމަށް ވަނީ ފަރުވާއެއް ފެނިފައެވެ. އެ ހަން އިންދުމުގެ ކުރިން އެ ހަން ޠާހިރުކުރުމަށް ޓަކައި އޭގެ މައްޗަށް ޤުރްއާން ކިޔަވާނީއެވެ. މުސްލިމުން ޤަބޫލު ކުރާގޮތުގައި ޤުރްއާނަކީ ފަރުވާއެކެވެ. ޤުރްއާނުގެ އަޑަކީ ހަތާތައް އަލުން ތާޒާކޮށް ޙަރަކާތްތެރި ކުރުވާނެ އެއްޗެކެވެ.

ހުރިހާ އެއްޗެއް ބަސްމޮށޭ

އަޑުގެ ތަރައްދުދުތައް (ފްރިކްއެންސީތައް) މިނެދޭ އާލަތްތައް އީޖާދުކުރެވުމާ ވިދިގެން ސައެންސީންނަށް އެނގިގެންދިޔަ އެއް ޙަޤީޤަތަކީ މި ކައުނުގައިވާ ކޮންމެ އެއްޗަކަށް އަޑުގެ ޚާއްޞަ ތަރައްދުދެއް ލިބގެންވާ ކަމެވެ. އިންސާނުންނާއި ގަސްގަހާގެއްސާއި، ޙައިވާނުންގެ ހަތާތަކުން އަޑުތައް އުފައްދާ ކަމެވެ. އަދިކިއެއްތޯއެވެ؟ ތަރިތަކުންނާއި ގުރަހަތަކުން ވެސް އަޑުތައް އުފައްދައެވެ. މި ކައުނު އުފެދުނުއިރު އެއަށް ލިބުނު ކުއްލި ތަނަވަސް ފުޅައުކަމުގެ ސަބަބުން އަޑުގެ ތަރައްދުދުތަކެއް ނުކުތެވެ. ނާސާގެ ސައެންސީން ބުނާގޮތުގައި ކަނާޅުތަކުންނާއި ނިއުޓްރޯނިކް ތަރިތަކުން އަޑުގެ ތަރައްދުދުތަކެއް ނެރެއެވެ. އެއީ ބޮޑު މަރުތެލަކުން ތަޅައި އަޑުފަދަ ގަދަ އަޑެކެވެ. ގަސްގަހާގެއްސަކީވެސް އަޑުތައް ނެރޭ އަދި އަޑުތަކަށް އިޖާބަދޭ އެއްޗެކެވެ. [5] މީގެ އިތުރަށް ފަނިފަކުސަތަކަކީ ވެސް މޮށެ އުޅޭ އެއްޗެހިތަކެކެވެ. [6]

ކީރިތި ޤުރްއާނުގެ ޢިލްމީ އިޢުޖާޒު

އިސްވެ ދިޔަ ޙަޤީޤަތްތަކަށް ބަލާއިރު މި އަންނަ ނުކުތާތައް ފާހަގަ ކުރެވެއެވެ.

  • ގައިގެ ސަޠަޙައިގެ މަތިން ފެންނަ ހަމަކީ މަރުވެ ވެއްޓެން ކައިރިވެފައިވާ ހަތާތަކެކެވެ. މި ހަތާތައް ތާޒާކޮށް ޙަރަކާތްތެރިކޮށް ދަމަހައްޓާނެގޮތް ޤުރްއާނުން އެނގެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (اللَّهُ نَزَّلَ أَحسَنَ الحَديثِ كِتٰبًا مُتَشٰبِهًا مَثانِىَ تَقشَعِرُّ مِنهُ جُلودُ الَّذينَ يَخشَونَ رَبَّهُم [7]– اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެ ހަންތައް ތުރުތުރު އަޅައިގެންދެއެވެ.) އެބަހީ ހަމުގެ ހަތާތައް ޙިމާޔަތް ކުރުމަށް ލިބިގެންވާ އެންމެ ރަނގަޅު ވަސީލަތަކީ ޤުރްއާން ކިޔެވުމެވެ. އެ ކަމުގެ ސަބަބުން ހަމަށް ހެޔޮ އަސަރު ކުރާނެތީއެވެ.
  • ހަމުގެ ހަތާތަކަކީ އައުވެއައުވެ ބަދަލުވަމުންދާ އެއްޗެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ މި ކަމަށް އިޝާރަތް ކުރައްވާ ވަޙީ ކުރެއްވިއެވެ. (إِنَّ الَّذينَ كَفَروا بِـٔايٰتِنا سَوفَ نُصليهِم نارًا كُلَّما نَضِجَت جُلودُهُم بَدَّلنٰهُم جُلودًا غَيرَها لِيَذوقُوا العَذابَ ۗ إِنَّ اللَّهَ كانَ عَزيزًا حَكيمًا [8]‎- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.) އެބަހީ ނާރުތަކުގެ ހަތާތައް އަނދައި އިޙްސާސް ކެނޑިގެން ދާން ކައިރިވާ އިރަށް މާތް ﷲ އެ ހަންތައް އައުކުރައްވާނެތެވެ. އަދި ޢަޒާބު އިތުރުވެގެންދާނެތެވެ. މިހެންގެ ކީރިތި ރަސޫލާ ވަރަށް ގިނައިން ކުރެއްވި ދުޢާއަކަށް މި ދުޢާ ވެއެވެ. އުއްމުލް މުއުމިނީން ޙަފްޞަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. (اللَّهمَّ قِنِي عذابَك يومَ تبعَثُ عبادَك [9]– ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!  އިބަރަސްކަލާގެ އަޅުން އަލުން ދިރުއްވާ ދުވަހު އިބަރަސްކަލާނގެ ޢަޒާބުން މި އަޅާ ރައްކައުތެރިކުރައްވާނދޭވެ!)
  • ސައެންސީން ބުނާގޮތުގައި ހަމުގެ ހަތާތަކަކީ އަޑުތަކަށް އިޖާބަދޭ އެއްޗެކެވެ. ހަމަށް އުފާވެރި ޚަބަރެއް ލިބުމުން އުފާވާނެއެވެ. އަދި ހިތާމަވެރި ޚަބަރެއް ލިބުމުން ވޭން ލިބޭނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (اللَّهُ نَزَّلَ أَحسَنَ الحَديثِ كِتٰبًا مُتَشٰبِهًا مَثانِىَ تَقشَعِرُّ مِنهُ جُلودُ الَّذينَ يَخشَونَ رَبَّهُم ثُمَّ تَلينُ جُلودُهُم وَقُلوبُهُم إِلىٰ ذِكرِ اللَّهِۚ ذٰلِكَ هُدَى اللَّهِ يَهدى بِهِ مَن يَشاءُ ۚ وَمَن يُضلِلِ اللَّهُ فَما لَهُ مِن هادٍ [10]– اللَّه، އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حال ގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ މީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ اللَّه ގެ ތެދުމަގެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެއިން މަގުދައްކަވަތެވެ. އަދި اللَّه މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެތެވެ.) މި ބަސްފުޅުން އެނގޭގޮތުގައި މުއުމިނުންގެ ހަމުގެ ހަތާތައް ޤުރްއާން ކިޔެވޭ އަޑަށް އިޖާބަދޭނެއެވެ. އެހެނަސް ކާފިރުންގެ ހަން މި އަޑަށް އިޖާބައެއް ނުދޭނެއެވެ. ކީއްވެގެންތޯއެވެ؟ ޢިލްމުވެރީން ވިދާޅުވާގޮތުގައި ހަމުގެ ހަތާތަކުގެތެރެއަށް ވަނީ މުނާފިޤުކަމާއި ކުފްރާއި ފާޙިޝް ޢަމަލުތަކާއި ނުބައި ޢަމަލުތައް ވަދެ އެ ހަތާތަކުގެ ހަނދުމަ ފުރާލައިފައެވެ. އެހެންކަމުން އީމާންކަމުގެ ތަރައްދުދުތަކަށް (ފްރިކްއެންސީތަކަށް) މި ހަންތައް އިޖާބަ ނުދޭނެތެވެ.
  • އިސްވެ ބަޔާންކުރި ޙަޤީޤަތްތަކުން އެނގޭ ގޮތުގައި ހަށިގަނޑުގެ ހުރިހާ ހަތާތަކެއްގައި ވެސް އެއަށް ޚާއްޞަ ހަނދުމައެއް ވެއެވެ. މިގޮތުން ފާހަގަ ކުރެވޭ ދެ ޙިއްސަކީ އިވުމާއި ފެނުމުގެ ޙިއްސެވެ މި ދެ ޙިއްސުގައި ހިމެނޭ ހަތާތައް ޤިޔާމަތް ދުވަހު އެ ހަތާތަކުގެ ވެރިމީހާއާ ދެކޮޅަށް ހެކިބަސް ދޭނެތެވެ. އޭނާ ދުނިޔޭގައި ކޮށްފައިވާ ނުބައި ޢަމަލުތައް އެ ހަތާތަކަށް އެނގޭތީއެވެ. އެ ޙިއްސުތަކުގެ ހަނދުމައިގައި މި ޢަމަލުތައް ރެކޯޑް ކުރެވިފައި ހުންނާނެތީއެވެ. އިންސާނާ އޭނާއަށް އިވިފައިވާ ކަންތައްތަކާއި ފެނިފައިވާ ކަންތައްތަކަށް ހެކިބަސް ދޭތީ މާ ޙައިރާނެއް ނުވާނެއެވެ. އެހެނަސް އޭނާގެ ހަންތައް އޭނާއާ ދެކޮޅަށް ހެކިބަސްދޭތީ އެކަމާ ވަރަށް ޙައިރާންވާނެއެވެ. އޭނާއަށް މި ހަމުގައި އޭނާގެ ޢަމަލުތައް ރެކޯޑް ކުރެވިފައި ހުންނާނެކަން ނޭނގޭތީއެވެ. މިހެންވެ އޭނާ އަޖައިބުވެ ބުނާނެއެވެ. (وَقالوا لِجُلودِهِم لِمَ شَهِدتُم عَلَينا [11]– އަދި އެއުރެންގެ ހަންތަކަށް އެއުރެން ބުނާނެތެވެ. ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟) އެހިނދު މި ހަންތައް ޖަވާބުގައި ބުނާނެއެވެ. (أَنطَقَنَا اللَّهُ الَّذى أَنطَقَ كُلَّ شَىءٍ[12] – ކޮންމެ އެއްޗަކަށްވެސް ބަސްމޮށުން ދެއްވި اللَّه، ތިމަންމެންނަށް ބަސްމޮށުން ދެއްވީއެވެ.)
  • އިސްވެ ބުނިފަދައިން ކޮންމެ އެއްޗަކަށް ވެސް ޚާއްޞަ ތަރައްދުދެއް (ފްރިކްއެންސީއެއް) ވެއެވެ. މިހެންވެ ﷲ ތަބާރަކަ ވަ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((تُسَبِّحُ لَهُ السَّمٰوٰتُ السَّبعُ وَالأَرضُ وَمَن فيهِنَّ ۚ وَإِن مِن شَىءٍ إِلّا يُسَبِّحُ بِحَمدِهِ وَلٰكِن لا تَفقَهونَ تَسبيحَهُم ۗ[13]– ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ.) ޤިޔާމަތް ދުވަހު އިންސާނާއަށް މި މަޚްލޫޤާތުތަކުގެ އަޑު އިވޭނެއެވެ. އޭނާގެ ހަންތައް އޭނާކުރި ފާޙިޝް ޢަމަލުތަކުގެ ވާހަކަތައް ކިޔައިދޭނެއެވެ. އޭނާ ހިތުން އޭނާގެ މި ޢަމަލުތައް އެކަކުވެސް ދެކެފައެއް ނުވެއެވެ. އޭނާގެ އިވުން ބުނާނެއެވެ. ތިބާ މީހުންނަށް ފުރައްސާރަކުރީ މުނޫން ހެއްޔެވެ؟ ތިބާ ﷲގެ އަމުރުފުޅާ ޚިލާފުވެ އަޑު އެހުން ނަހީ ކުރައްވާފައިވާ އެއްޗެހި އަޑު އެހީމު ނޫންހެއްޔެވެ؟ އޭނާގެ ފެނުން ބުނާނެއެވެ. ތިބާ ﷲ ޙަރާންކުރެއްވި އެއްޗެއްސަށް ބެލީމު ނޫންހެއްޔެވެ؟ ތިބާ އޭއްޗެހި ބެލީ މި ދެ ލޮލުންނެވެ.

ނިންމުން

އަޅުގަނޑުމެންގެ ޙަޔާތުގެ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ހަންތައް އަޅުގަނޑުމެންނާ ދެކޮޅަށް ޤިޔާމަތް ދުވަހު ހެކިބަސް ދޭ މަންޒަރު ހިތް މައްޗަށް ގެންނަމާ ހިނގާށެވެ! މާތްﷲ މި ހަންތައް ލައްވާފައި ވަނީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ރައްކައުތެރިކަމަށެވެ. އަޅުގަނޑުމެން މައިންގެ ބަނޑުތެރޭގައި އުފެދެމުންދާ ހިސާބުން ފެށިގެން ކަށްވަޅާ ހަމައަށް ދާންދެން އަޅުގަނޑުމެންނާ އެކުގައި ވާ ހަންތައް ދުޝްމަނަކަށް ވިޔަ ނުދެމާ ހިނގާށެވެ! އަޅުގަނޑުމެންނާ ދެކޮޅަށް ހެކިދޭ ހެކިވެރިއަކަށް ވިޔަ ނުދެމާ ހިނގާށެވެ!

 

[1]  – فصلت : 19- 21

[2]  –  الأنفال : 2

[3]  –  فصلت : 53

[4]  –  الإسراء : 44

[5]  – ކީރިތި ރަސޫލާ r ޚުޠުބާ ދެއްވަން ހުންނެވި ކަދުރު ރުކުގެ ގަސްގަނޑު  ދޫކޮށްލެއްވުމުން އެ ގަސްގަނޑު ރޮއި ހެދިކަން ރަސޫލާގެ ޙަދީސްފުޅުތަކުން އެނގެއެވެ.

[6]  –  ސުލައިމާނުގެ ވާހަކަ ބައްލަވާ ލައްވާ!

[7]  – الزمر : 23

[8]  –  النساء : 56

[9]  – أخرجه الترمذي (٣٣٩٩)  وأحمد (١٨٥٧٥)، والنسائي (١٠٥٨٩)

[10]  – الزمر : 23

[11]  – فصلت : 21

[12]  – فصلت : 21

[13]  –  الإسراء : 44

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.