Support Us

އެޑްވަޓޯރިއަލް: އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓާއެކު މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް

މި ޒަމާނުގައި ޓެކްނޮލޮޖީއަކީ އެއާ ނުލާ މުޖުތަމައުގައި މަދަނީ އަދި ސަގާފީ ކަންކަމުގައިވެސް ބައިވެރި ނުވެވޭހާ ދިރިއުޅުމަށް މުހިންމު ވެފަވާ އެއްޗެކެވެ. ޑިޖިޓަލް ވަސީލަތްތަކަކީ މިހާރު މަސައްކަތުގެ މައިދާނާއި ތައުލީމު އުގެނުމަށާއި އަސާސީ ހިދުމަތްތައް ހޯދުމުގައިވެސް އިސް ދައުރެއް އަދާކުރާ ވަސީލަތްތަކަކެވެ.

އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ތެރެއިން ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތްތެރިންގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗަރެއް ގާއިމް ކުރުމުން ވިޔަފާރިތަކާއި ކުންފުނިތައް އަދި ދައުލަތުގެ ވުޒާރާ ތަކުގައި މަސައްކަތްތެރިން މަސައްކަތް ކުރާ ގޮތް މުޅިން ބަދަލު ވެގެންދާނެއެވެ. މި މަޝްރޫގެ ލަނޑުދަނޑި އަކީ އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި ދައުލަތުގެ އެކި ބޭނުމަށް އުފައްދާ އޮންލައިން އެޕްލިކޭޝަންތަކާއި ވަސީލަތްތައް އުފެއްދުމަށް ބޭނުންވާ އަސާސީ މައިގަނޑު ވަސީލަތްތައް ގާއިމް ކުރުމެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ހޯދުންތަކުން ދައްކާގޮތުން ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ބޭނުންކުރަނީ ނުވަތަ ލިބެނީ އާބާދީގެ ދެބައިކުޅަ އެއްބަޔަށެވެ. އޭރު ހުރިހާ ގެއެއްގައި އިންޓަނެޓް ނުހުރެއެވެ. އިންޓަނެޓް ބްރޯޑްބޭންޑް ކަނެކްޝަން ހޯދުން ގިނަ ގޭގޭގައި ވީ މާލީ ގޮތުން ބުރަކަމަކަށެވެ. ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބް ނުވަތަ ރައްޓެއްސެއްގެ ނުވަތަ ތިމާގެ މީހެއްގެ ގެއިން އިންޓަނެޓް ބޭނުންކުރަން ޖެހޭ ސްކޫލު ނުވަތަ އޮފީސް މަސައްކަތް ކުރަން ދިއުމަކީ އޭރު އާންމު ކެމެކެވެ.

އޭގެ ދިހަ އަހަރު ފަހުން، އިންޓަނެޓްގެ ހިދުމަތް މިވަނީ ކަރަންޓާއި ފެން ފަދަ އަސާސީ ހިދުމަތްތަކާ އެއްވަރުގެ މުހިންމު އެއްޗަކަށް ވެފައެވެ. ކަރަންޓް ކެނޑުމުން ވާ އުނދަގޫ އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމުންވެސް ވެއެވެ. އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ވަނީ އިންޓަނެޓާ ގުޅިފައެވެ. އިންޓަނެޓް އަދި ޑިޖިޓަލް ވަސީލަތްތަކުގެ މުހިންމުކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއް ނެތެވެ. އަދި ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތަކާ ގުޅިފަވާ ހިދުމަތެއް ވާން ޖެހޭނީ އާންމު ރައްޔިތުންނަށް ފަސޭހައިން ހެޔޮ އަގެއްގައި ލިބިދޭ ހިދުމަތަކަށެވެ.

މާހިރުން ދެކޭ ގޮތުގައި ހުރިހާ ފަރުދުންގެ ބައިވެރިވުން އޮތް ޑިޖިޓަލް މުޖުތަމައުއެއް އުފެއްދުމަށް ބޭނުންވަނީ ފަސް ކަމެކެވެ. އެއީ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ލިބުމާއި އަދި ހުރިހާ އުމުރެއްގެ ރައްޔިތުން ހިމެނޭ ގޮތައް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ދަސްކޮށްދިނުމާއި އަދި ޓެކްނިކަލް ސަޕޯޓު ބޭނުންވާ ހިދުމަތްތަކުގައި ޓެކްނިކަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން އޮންލައިން އެޕްލިކޭޝަންތައް ޑިޒައިން ކުރުމުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށްވެސް އަމިއްލައަށް އެކަށީގެންވާ ގޮތުގައި ބޭނުން ހިފޭނެހެން އެޕްލިކޭޝަންތައް އުފެއްދުމާއި އިންޓަނެޓްގެ ބޭނުން ކޮށްގެން އޮޓޮމެޓިކުން ކަންކަން ހަމަޖެހޭ ފަދަ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ކުރުމަށް އާދަކުރުމެވެ.

އިންޓަނެޓްގެ ހިދުމަތް ފުޅާވުމުގެ ސަބަބުން އާންމު ދިރިއުޅުމާއި ވައްޓަފާޅިއަށް އެދެވޭ ގިނަ ބަދަލު ތަކެއް ވަނީ އައިސްފައެވެ. އިންޓަނެޓްގެ ޒަރީއާއިން އެއްޗެހި ގަނެވިއްކުން އިތުރުވުމުން މީހުން އެއްޗެހި ގަންނަ ވަރު އިތުރުވުމާ އެކު ވިޔަފާރިތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައްވެސް ގިނަވެގެން ދިޔައެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަސޭހައިން ހޯދޭނެ ގޮތްވެ ވަޒީފާ ދޭ ފަރާތްތަކާ ވަޒީފާ ހޯދާ ފަރާތްތަކުގެ މެދުވެރިއަކަށް އިންޓަނެޓް ވެގެން ގޮސްފިއެވެ. އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ގާއިމް ވުމުން އިތުރު ބައިވަރު ކަންކަން ވިޔަފާރިތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް އަދި ވަޒީފާ ދޭ ފަރާތްތަކަށް މަގުފަހި ވެގެންދާނެއެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ ގާއިމްވުމުން މަސައްކަތްތެރިންނަށްވެސް އައު ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ. ޓެލެވަރކިން ނުވަތަ އިންޓަނެޓްގެ ޒަރީއާއިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތައް ފަހިވާނެއެވެ. އަދި މީގެ ސަބަބުން ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކަށްވެސް ލުއި ތަކެއް ލިބިގެންދެއެވެ. ޓެލެވަރކިންއަކީ މަސައްކަތްތެރިންނަށް އަމިއްލަ މާހައުލެއްގައި ހިތްހަމަޖެހިގެން މަސައްކަތްތައް ނިންމުމަށް ލިބޭ ފުރުސަތެކެވެ. އަދި މިގޮތަށް މަސައްކަތް ކުރަން ފުރުސަތު ލިބުމުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ޝައުގުވެރިކަމާއެކު ވަޒީފާގެ މައްސޫލިއްޔަތު އަދާ ކުރުމަށް ހިތްވަރުލިބެއެވެ. މީގެ އިތުރުން ގޭގައި މަސައްކަތް ކުރަން ލިބުމުން ވަޒީފާއިން ސަލާމް ބުނާ ދުވަސްތައްވެސް މަދުވެއެވެ. ވަޒީފާއާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމުގެ މިނިވަންކަން ލިބުމުން ދުޅަހެޔޮ ގޮތުގައި ވަޒީފާ އާއި ޒާތީ ދިރިއުޅުމުގެ ކަންކަން ބެލެންސް ކުރެވޭނެއެވެ. މިގޮތަށް ވަޒީފާ އަދާކުރުމަށް ހައި ސްޕީޑް އިންޓަނެޓަކީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގެ އިތުރުން ދެން ބޭނުންވާ އެންމެ މުހިންމު ވަސީލަތެވެ. ހައި ސްޕީޑް އިންޓަނެޓް އާންމުންނަށް އަގު ހެޔޮކޮށް ފަސޭހައިން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ވިއުގައެއް ގާއިމް ކުރުމަކީ އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ދަށުން ކުރެވެމުންދާ މަސައްކަތެކެވެ.

ޓެލެވަރކިންގެ ފުރުސަތު ފަހިވެ ގިނަ ބަޔަކު ގޭގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ވަޒީފާ އަދާކުރަން ފެށުމުން މަސަތްކަތްތެރިންގެ ވަގުތު ސަލާމަތްވުމުގެ އިތުރުން މަގުމަތީގެ ކާރު ބާރުވެސް ކުޑަވެގެންދާނެއެވެ. އަދި ވެހިކަލްތަކުގެ ޒަރީއާއިން ވައި ނުސާފުވާ މިންވަރުވެސް ކުޑަވެގެންދާނެއެވެ. ޓެލެވަރކިން ވަޒީފާއެއްގައި ރާއްޖޭގެ ނުވަތަ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅެމުންވެސް ވަޒީފާ އަދާ ކުރެވިދާނެއެވެ. އަދި ރާއްޖޭގެ އެންމެ މީހުން ބައިބޯވެފައވާ މާލެ ސަރަހައްދުން ދުރަށް ދިރިއުޅުން ބަދަލުކޮށް ހިތްގައިމު ދިރިއުޅުމަކާ މާހައުލެއްގައިވެސް ވަޒީފާ އަދާ ކުރެވޭނެއެވެ.

ރާއްޖޭގައި މިހާރުވެސް ޓެލެވަރކް ނުވަތަ ފްރީލާންސް މަސައްކަތް ކުރާ ފަރާތްތަކެއް އުޅެއެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކަކީ މިއުޒިކް، އާޓް، އަދި ފޮޓޯގްރަފީ ފަދަ ކްރިއޭޓިވް ދާއިރާތަކުގައި ފްރީލާންސް މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކެވެ. މިފަދަ ފަރާތްތަކުގެ އަމިއްލަ ވިޔަފާރި ނުވަތަ މަސައްކަތްތަކަށްވެސް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ލިބޭނަމަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އެޗް.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަރ މަޝްރޫއު އަކީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންނާ ހުރިހާ އުމުރުފުރާގެ މީހުން ހިމެނޭ ގޮތައް މުޅި މުޖުތަމައުއަށް ފައިދާތަކެއް ލިއްބައިދޭނެ މަޝްރޫއުއެކެވެ. އަދި މާލެ ސަރަހައްދުގެ ރަށްވެހިންނަށް އަމާން ހިތްގައިމު އަދި ދުޅަހެޔޮ ދިރިއުޅުމެއް މަގުފަހިކޮށްދޭނެ މަޝްރޫއުއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *