...

Support Us

ޚާރިޖީ ގުޅުންތައް ހަރުދަނާވުމަކީ މިނިވަންކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއް: ރައީސް

ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިޠާބުގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމުގައި ފާހަަގަކުރައްވާފައެވެ.

ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަޞްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު މި އަސާސްތަކާ މުޅިން ޚިލާފަށް އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ވަރަށް ފާޅުގައި ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖުތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މި ދެ ކަމަކީ ވެސް އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެ މައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެ މައްސަލައިގެ އޮތް ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެން ކަންކަން ފަދައިން ކޮވިޑް-19ގެ ބަލިމަޑުކަމާހުރެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތަކީވެސް މުޅި ޤައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ އެއްބާރުލުމަށް ބޭނުންވެފައިވާ ޙާލަތެއްކަން ފާހަގަކުރައްވައި، އަންނަ ޙަފްތާގެ ތެރޭގައި ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ. އެގޮތުން، މި ޕްރޮގްރާމުގެ އަމާޒަކީ، ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށާއި، އެއަށްފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެސްފައިވާކަން ހާމަކުރައްވައި، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްކަމަށެވެ.

އަދި، ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. މީހުން އަގައިން ނުލަފާ އެއްޗެހި ކިޔުއްވާން ނޫޅުއްވާށެވެ! މި ރާއްޖޭގައި ސަންޖޭ ސުދީރު ނޫން މީހެއްގެ އެއްވެސް ބާރެއް އެބަ އޮތް ހެއްޔެވެ؟ މަނިކުފާނަށް ޖެހޭނީ އޭނާ ބުނާ ކަމެއް ކުރައްވާށެވެ. ބުނާ ކޮންމެ އެއްޗެއްގައި ސޮއިކުރައްވާށެވެ! މަނިކުފާނު ގާނޫނާ ޚިލާފަށް ސިއްރުތައް ވަންހަނާ ކުރައްވައިގެން ތިޔަ ހުންނަ ހުރުމާއި، މެދުކެނޑުމެއްގނެތި ދިވެހި ރައްޔިތުންނަށް ކޮންމެ ތަގްރީރެއްގައި ހައްދަވާ ދޮގުތައް އަޅުގަނޑުމެން އެބަ ރެކޯޑްކުރަމެވެ. ތިޔަ ދޮގުތައް ނަހއްދަވައި ފޮނި ނުކަނޑުއްވައި ބަފައިބެ ގާތަށް ވަޑައިގަތިއްޔާ މާ ތާޙިރުވާނެ ކަމަށް ދެކެމެވެ.

  2. ރައީސެއް ކީއްކުރާންތޯއެވެ؟ މި ދިވެހިރާއްޖޭގެ އެއްވެސް ދިވެއްސެއް ރ.އ.މ.ޞ. އަށް ވުރެ ދޮގު ހަދާ އިންސާނެއް ދުވެހަކު ވެސް ދިވެހިރާއްޖެއަށް އުފަންވެފައެއް ނެތެވެ. ދެއްކިި އެއްވެސް ވާހަކައެއްގައި ދޮގެއް ނޫނީ ނުއޮންނާނެއެވެ. ވިދާޅުވާ ގޮތާ ޚިލާފަށް ނޫނީ ދުވަހަކު ވެސް ކަމެއް ކުރައްވައިފައެއް ނެތެވެ. ދައުލަތުގެ މާލިއްޔަތު ބަހައި ތިޔަ ނިންމައިލައްވަނީ ވެރިކަން ދަމަހައްޓަވާށެވެ! އެހެންވީމާ ރުޅިގަދަކުރުވާން އިތުރުވާޙަކަތައް ނުދައްކަވަށެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *