Support Us

އެޑިޓޯރިއަލް

ކޯއްޓޭގައި އެހެރަ ބޮޑު ދިދަވެސް ރޮއި ކަރުނަ އަޅަނީއެވެ.

މިއަދަކީ ދިވެހިރާއްޖޭގައި 1965ން ފެށިގެން "މިނިވަން ދުވަސް"ގެ ނަމުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން އައީ ނުވަތަ އަންނަނީ އިނގިރޭސި ޙިމާޔަތުން ސަލާމްތަވީކަމުގެ އުފަލުގައި އެ ހަނދާނުގައި ކަމަށް ބުނެވެއެވެ. ލިޔުންތަކުން ފެންނަނީ އެ ފަދައިންނެވެ. އަޅުވެތިކަމަކުން ސަލާމަތްވެގެންނެއް ނޫނެވެ. އަނިޔާވެރިކަމަކުން ސަލާމަތްވެގެންނެއް ނޫނެވެ.

ތާރީޚީ ލިޔުންތަކުން ފެންނަ ގޮތުގައި ދިވެހީން ތިބީ އިނގިރޭސި އަޅުވެތިކަމުގެ ދަށުގައެއް ނޫނެވެ. އަދި އިނގިރޭސި އިސްތިޢުމާރުގެ ދަށުގައެއް ވެސް ނޫނެވެ. އެކަމަކު އަޅުގަނޑުމެން ތިބީ އަޅުގަނޑުމެން ލޮލުންބޮލުން އެދި އާދޭސްކޮށްގެން އެ މީހުން ދިން "ޙިމާޔަތެއް"ގެ ދަށުގައެވެ. އިނގިރޭސީން ދިވެހި ޤައުމަށް އަރައި އަޅުވެތި ކުރީކީ ނޫނެވެ. މި ތަނަށް އައިސް އަތްގަދަކޮށްގެން އިސްތިޢުމާރުކުރީކީ ނޫނެވެ. ބާރުގަދަ އެކުވެރި ދައުލަތެއްގެ ގޮތުން ބަލިކަށި ދިވެހިރާއްޖެއަށް "ޙިމާޔަތް" ދިނީއެވެ. ދެ ޤައުމުން ސޮއިކުޅަ މުޢާހަދާއެއްގެ ދަށުންނެވެ. މަޖުބޫރީއެއް އޮތް ކަމަށް ތަރީޚީ ބައެއް ލިޔުންތެރީން ރިވާކުރައްވައިފައި ހުއްޓަސް މަތިމަތީން ފެންނަ ފެނުމުގައި އެއީ ދިވެހީން އެދިގެން ދިން "ޙިމާޔަތެކެވެ."

އިނގިރޭސި ޙިމާޔަތުގެ އެއްބަސްވުމުގެ ދަށުގައި ރާއްޖެ އޮތުމުގެ ސަބަބުން އިނގިރޭސީން އުފުއްލާން ޖެހިފައި އޮތް މަސްއޫލިއްޔަތަކީ ބޭރުގެ ބާރުތަކުން ދިވެހި ރާއްޖެ ޙިމާޔަތްކޮށްދިނުމެވެ. އޭރު އެއީ ދުނިޔޭގެ އެންމެ ބާރުގަދަ ދައުލަތެކެވެ. އެ މީހުންގެ ދިދައަށް އިރު ނޯއްސެޔޭ ބުނާ ދުވަސްވަރެވެ. އަދި ދުނިޔޭގައި ކަނޑުފޭރުމުގެ ޢަމަލުތައް ގިނަ ދުވަސްވަރެކެވެ. އެކި ޤައުމުތައް ބޭރުގެ ބާރުގަދަ ދައުލަތްތަކުން އިސްތިޢުމާރުކުރަމުން ގެންދިޔަ ދުވަސްވަރެއް ވެސް މެއެވެ. އެހެންވީއިރު އިނގިރޭސީންނަށް ދިވެހި ޤައުމު ޙިމާޔަތްކުރުމުގެ ޒިންމާއަކީ ކުޑަ ކަމަކަށް ނުވާނެތާއެވެ. ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ކާޑާއި އެނޫނަސް އަސާސީ ތަކެތި އެތެރެކޮށްދިނުމުގައި ރައްކާތެރިކަން ފޯރުކޮށްދިނުން ވެސް ފަސޭހަ ކަމަކަށް ނުވާނެތާއެވެ.

އިނގިރޭސީން ދިވެހިރާއްޖެ ޙިމާޔަތް ކޮށްދިނުމުގެ މުޤާބިލުގައި ދިވެހީން އަދާކުރާންޖެހޭނެ މަސްއޫލިއްޔަތުތަކެއް ވެސް އޮންނާނެތާއެވެ. ދިވެހީން އަދާކުރާންޖެހުނީ އެންމެ މަސްއޫލިއްޔަތެކެވެ. އިނގިރޭސީން މެދުވެރިވެގެން ނޫނީ ޚާރިޖީ އެއްވެސް މުޢާމަލާތެއް ނުހިންގުމެވެ. ނަމަވެސް މިއީ ވަރަށް ގިނަ ވާހަކައެވެ. އެ މީހުން މެދުވެރި ނުވެ ގުޅުން ނުބޭއްވުމުގެ މާނައަކީ އިނގިރޭސީންގެ ދުޝްމަނުންނާ ދުޝްމަނުވެ، އެމީހުންގެ އެކުވެރީންނާ އެކުވެރިވުން ވެސް ހިމެނޭނެ ކަމެއް ނޫންތޯއެވެ؟ ސަބަބަކީ ޚާރިޖީ ގުޅުން ބޭއްވެނީ އިނގިރޭސީންގެ ރުހުމާއެކުގައި ކަމަށް ވާތީ އެ މީހުން ހުއްދަ ދޭނީ މި މިންގަނޑުން ކަމަށް ވާތީއެވެ. ދެން ދިވެހީން އަދާކުރާންޖެހުނު ޒިންމާއަކީ ދިވެހީންގެ ސަގާފަތާއި އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތީން ރަސްކަމަށް އިސްކުރާން ކަނޑައަޅާ ބޭފުޅަކަށް އިނގިރޭސީންގެ ރުހުން އޮތްތޯ ބެލުމެވެ. އެކަމަކު މިއީ ރަމްޒީ ކަމެކެވެ. އާދަޔާކާދައާއި ސަގާފާ އެއްގޮތަށް ޢައްޔަންކުރާ ކޮންމެ ބޭފުޅަކަށް އަބަދު ވެސް އިނގިރޭސީންގެ ރުހުން އޮވެއެވެ.

މި ކަންކަމުގެ ބޭރުން އަޅުގަނޑުމެންގެ ދާޚިލީ އެއްވެސް ކަމަކާ އެ މީހުންނެއް ނުބެހޭނެއެވެ. ދިވެހީންގެ ސަގާފަތާއި ޤަބޫލުކުރުންތަކާއި އާދަކާދަތަކާއި ދީނަށް އެ މީހުން އިޙުތިރަމްކުރާނެއެވެ. ވެރިކަމުގެ ނިޒާމަކާ އެ މީހުންނެއް ގޮތެއް ނުކިޔާނެއެވެ. ދިވެހި ރާއްޖޭގެ ރަސްކަން ފުރަތަމަ ފަހަރަށް ޖުމުހޫރިއްޔަތަކަށް ބަދަލުކޮށްލީ ވެސް މި ދެންނެވި ޙިމާޔަތުގެ ދުވަސްވަރުއެވެ. އަދި އަލުން އެނބުރި ރަސްކަން އިޢާދަކުރީ ވެސް އެ ދުވަސްވަރުއެވެ.

ދިވެހީން އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ނުކުމެ، ޚާރިޖީކަންކަން ހިންގުމުގެ މިނިވަންކަން ހޯދައި އދ. ގައި ބައިވެރިވުމުގެ ފުރުޞަތު ހޯދީ ވެސް ޞުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ދެ ފަރާތުން ސޮއި ކުޅަ އެއްބަސްވުމެއްގެ ދަށުންނެވެ. ދިވެހީން މިއަދު ފާހަގަކުރާ މިނިވަންދުވަހުގެ ހަގީގަތަކީ މިއީއެވެ. ދިވެހީން މިނިވަންކަމެއް ކަމަށް މި ބަލަނީ، ދިވެހީން އެ ބަޔެއްގެ ޙިމާޔަތުގެ ދަށަށް އަމިއްލައަށް ދިޔަ ޙިމާޔަތުން އަމިއްލައަށް އެދިގެން ނުކުތް ނުކުތުމަށެވެ. ތެދުފުޅެކެވެ. އެއީ މިނިވަންކަމެކެވެ. ބައެއްގެ ޙިމާޔަތުގައި އޮތުމަކީ އަޅުވެތިކަމެކެވެ.

ނަމަވެސް….. މިއަދު އަޅުގަނޑުމެން މިނިވަން ދުވަހޭ ކިޔައިގެން ދުވަހެއް ފާހަގަކުރާއިރު، އިނގިރޭސީންގެ ޙިމާޔަތުގައި އޮތް ދުވަސްވަރަށް ވުރެ އަޅުގަނޑުމެންގެ އަޅުވެތިކަން ކުޑައެއް ނޫނެވެ. ދިވެހިރާއްޖޭގައި އުތުރުކަރައިގެ ރަށްވެއްސަކު ކޮންމެ ފަދަ ޖަރީމާއެއް ހިންގި ކަމަށް ވިޔަސް އެއިން އެއްވެސް ކަމަކާ ދަޢުވާކޮށް ފިޔަވަޅު އެޅުމުގެ ބާރު ނެތްކަން ކައިރި މާޒީއެއްގައި ވަނީ ފެނިފައެވެ. ރާއްޖޭގެ ކަނޑުގައި ދާއަޅައިގެން އެ ޤައުމުގެ ބޯޓަކުން މަސްކޮޅު ކަހައިލިޔަސް ފިޔަވަޅު އެޅުމުގެ ޤާބިލުކަން ނުވަތަ އެ "މިނިވަންކަން" ނެތްކަން ވެސް ވަނީ ސާބިތުވެފައެވެ. އަދި އެ ޤައުމާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާމަކުރުމުގެ މިނިވަންކަން ރާއްޖެއަށް ނޯންނަކަން މިވަނީ ހާމަވެފައެވެ. ރާއްޖޭގެ ރައްޔިތުން އަނބުރައި ދައްކާ ގޮތަށް ދަރަންޏަށް އެ ޤައުމުން ފައިސާ ނަގައިގެން އެ ޤައުމުގެ މީހުން ލައްވައި އެ މީހުންނަށް އަގު ދީގެން ހަދާ ކަނޑު ބަނދަރާއި، ވައިގެ ބަނދަރު ދިވެހީންނަށް ބޭނުންކުރެވެނީ އެވެރިންގެ ރުހުން އޮވެގެންނެވެ. އަދި އެ ތަންތާނގައި އެ ޤައުމުގެ ވުޖޫދު އޮންނާންޖެހެއެވެ. ރާއްޖޭގެ ބިމާއި ޖައްވުގެ ސިއްރުތައް އެއްކޮށް ބެލެހެއްޓުމުގެ މިނިވަންކަން އެ ޤައުމަށް އޮންނަ އިރު، އެ މީހުން އެއްކުރާ އެއްވެސް ޑޭޓާއެއް ދިވެހީންނަށް ލިބުމުގެ މިނިވަންކަމެއް ނެތެވެ. ރާއްޖޭގެ ކަނޑުއަޑީގެ ޗާޓުކުރެހުމުގެ ނަމުގައި އެ ތާނގެ ހުރިހާ ހަގީގަތަކާއި ހުރިހާ ސިއްރުތަކެއް ހޯދައި އެއްކުރުމުގެ ފުރުޞަތު އޮތީ އެ މީހުންނަށެވެ. ރާއްޖެ އެތެރެކުރާ ހުރިހާ އެއްޗެއްވެސް ރާއްޖޭގެ ކަސްޓަމްސް މެދުވެރިކޮށް އެ ވެރިންނަށް އެނގެންޖެހެއެވެ. ރާއްޖެއިން ދަރަންޏަށް ފައިސާ ހޯދެނީ އެ ޤައުމުންނެވެ. ނުވަތަ އެބައިމީހުންގެ ހުއްދަ ދިން ބަޔެއްގެ އަތުންނެވެ. ރާއްޖޭގައި ކޮންސިއުލޭޓެއް ހުޅުވާން ވިޔަސް އެކަން ފާސްކުރަނީ އެ ގައުމުގެ ކެބިނެޓުންނެވެ. އެކަން ހުއްޓުވުމުގެ މިނިވަންކަމެއް ދިވެހީންނަކަށް ނެތެވެ. އައްޑޫގައި ފުލުސް އެކެޑަމީއެއްގެ ނަމުގައި ބޮޑު ރަށެއް ވަރުގެ ބޮޑު ބިމެއްގައި ވަރުގަދަ ބިޔަ ކިއްލާއެއް ބިނާކުރިއަސް އެ ތަނަށް ދިވެހި ފުލުހުންނަށް އަދި ކީއްކުރާންތޯއެވެ؟ އައްޑޫގެ ރައްޔިތަކަށް ވެސް ވަދެލުމުގެ މިނިވަންކަމެއް ނޯވެއެވެ. ރާއްޖެއަށް "ހަދިޔާ"އެއްގެ ނަމުގައި ދެ ހެލިކޮޕްޓަރާއި ކުޑަ މަތިންދާ ބޯޓެއް ގެނެސް ބާއްވައިގެން ޢަސްކަރީ އެކި ޙަރަކާތްތައް ހިންގާ އިރު އެ "ހަދިޔާ"ގައި ދިވެހި ސިފައިންނަށް އަތްލުމުގެ މިނިވަންކަމެއް ނެތެވެ. އެކިއެކި ވަކިވަކި ނޫސްތަކަށް ފިޔަވަޅުއަޅާން ދިވެހި ޚާރިޖިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް އަންގައި އަމުރުކުރުމުގެ ބާރު އެ ޤައުމުގެ އެންބަސީއަށް އޮވެއެވެ. އެ ފަދަ ހިކި އަމުރަކަށް ނޫނެކޭ ބުނުމުގެ މިނިވަންކަމެއް ދިވެހި މުއައްސަސާއަކަށް ނޯވެއެވެ. ދިވެހި ޤައުމުގައި ހިނގާ ބިޔަ ބޮޑެތި ގިނަ މަޝްރޫޢުތައް އިޢުލާންކުރުމުގެ ބާރު އެ ޤައުމުގެ ބޭންކުތަކަށާއި އެމްބަސީއަށް އޮންނައިރު، އެ މަޢުލޫމާތު ދިވެހީންނަށް ލިބުމުގެ ޙައްޤެއް ނޯވެއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން، ކަށަވަރުކޮށްދީފައި ވިޔަސް އެ ޤައުމާއެކު ހަދާ އެއްވެސް އެއްބަސްވުމެއް ހާމަކުރުމުގެ މިނިވަންކަމެއް ދިވެހި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯވެއެވެ. އެ ޤައުމުގެ މި ޚުދުމުޚުތާރު ލާދީމުޤްރާޠީ ޢަމަލުތަކާ ދެކޮޅަށް ރައްޔިތުން ބަސްބުނުމަކީ "ނަފުރަތު އުފެއްދުން" ކަމަށް ބުނާން ސަރުކާރަށް މަޖުބޫރުވަނީއެވެ. އެ މީހުން ނަފުރަތުކުރާ ޤައުމަކަށް ނަމަ، ދެކޮޅުވެރިވާން މަޖުބޫރުވަނީއެވެ. ކަޝްމީރާއި އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކަކީ އެ މީހުންގެ ދާޚިލީ ކަމެކޭ ބުނެ ބަޔާން ނެރުމުގެ ލަދުވެތި ޢަމަލު ހިންގާން މަޖުބޫރުވަނީއެވެ. މިހެން ގޮސް ލިޔާނެ ވާހަކަތައް ބައިވަރެވެ.

މި ކަންކަމަކީ، އަޅުގަނޑުމެން އެ ކަމަކުން ސަލާމަތްވެ، މިނިވަންކަން އިޢުލާނުކުރި ޙިމާޔަތަށްވުރެ މާ ބޮޑު އަޅުވެތިކަމެއް ކަމަށް ނޫނީ ހަމަގައިމު ވެސް އަޅުގަނޑަކަށް ދެންނެވޭކަށް ނެތެވެ. އޭރު، އިނގިރޭސި ޙިމާޔަތުގެ ދަށުގައި އޮތްއިރު، ދިވެހީންގެ ވެރިކަން ހިންގުމުގެ ނިޒާމާއި ދާޚިލީ ކަންކަމާ އެ މީހުން ނުބެހޭކަން ކަށަވަރުވެއެވެ. ނަމަވެސް މިއަދު މުޅި ވެރިކަމުގައި އެ މީހުންގެ ނުފޫޒު ނޫން އެއްވެސް ބާރެއް ނެތެވެ. އެ މީހުން މިތާ ކޮންމެ ފަދަ ޖަރީމާއެއް ހިންގިއަސް އެކަމާ ފިޔަވަޅުއެޅުމުގެ މިނިވަންކަމެއް ނެތެވެ.

ވީމާ، މިއަދުގެ ތާރީޚާ ގުޅިގެން ޚިޔާލަށް އަންނަނީ އިނގިރޭސި ޙިމާޔަތަށް ވުރެ ނިކަމެތި އަޅުވެތިކަމެއްގައި އޮވެ، އިނގިރޭސި ޙިމާޔަތުން ސަލާމަތްވުމަކީ މިނިވަންކަމެއް ކަމަށް ބަލައި މިނިވަން ދުވަހޭ ކިޔައިގެން ޖުލައިމަހުގެ 26 ވަނަ ދުވަސް ފާހަގަކުރުމަކީ ކޮންފަދަ ލަދުވެތިކަމެއްތޯއެވެ! މިއަދު މި ޝުޢޫރުތަކާއެކު ކޯއްޓޭގައި އެހެރަ ބޮޑު ދިދަވެސް ރޮއި ކަރުނަ އަޅަނީއެވެ. ވީމާ، މި އަޅުވެތިކަމުން ސަލާމަތްވީ ދުވަހަކުން ނޫނީ މިނިވަންދުވަހެއްގެ ތަހުނިޔާ އަދާކޮށްލުމުގެ ކުޅެދުންތެރިކަން ވެސް މި ގަލަމާ ވަނީ ވަކިވެފައެވެ.

މިއަދަކީ "އަދިވެސް"ގެ ފުރަތަމަ އަހަރީ ދުވަސް ކަމަށްވާތީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ކިއުންތެރީންނަށާއި ލިއުންތެރީންނަށް އަރިސްކުރަމެވެ. "އަދިވެސް"ގެ ފުރަތަމަ އަހަރު މި ކަޑައްތުކުރީ، ތަފާތު ގޮންޖެހުންތަކާއެކުގައެވެ. ނަމަވެސް، އެ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށްދާނެ މަގުތައް ކޮށްޓަވައިދެއްވީތީ މާތް ރަސްކަލާނގެ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވަމެވެ. އަދި ފަސްޖެހުމެއް ނެތި ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ދެއްވީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ލޮބުވެތި ކިއުންތެރީންނާއި "އަދިވެސް ޓީމު"ގެ ހީވާގި ލިއުންތެރީން ކަމަށް ވާތީ، އެ ހުރިހައި ފަރާތްތަކަށް އަޅުގަނޑުގެ ހިތުގެ އަޑީން ޝުކުރު ދެންނެވުމަކީ ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އަޅުގަނޑުގެ ދުޢާ އަކީ ކިއުންތެރީންގެ މަގުބޫލު ނޫހެއްގެ ގޮތުގައި އިތުރު ހަރުފަތްތައް ގިރާކުރުމުގެ ފުރުސަތުތައް "އަދިވެސް" ޓީމަށް މިންވަރުކުރެއްވުމެވެ.

 

ޝުކުރިއްޔާ

 

މުހައްމަދު ޝަހީބު
އަދިވެސްގެ ސީ.އީ.އޯ އަދި އެޑިޓަރ އިން ޗީފް

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *