Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ނަޝީދުގެ ސިޔާސީ މުސްތަގްބަލަށްޓަަކައި ޤައުމު ޤުރުބާން ކުރުން!

މިއަދަކީ ދިވެހި ޤައުމުގެ މިނިވަން ދުވަސް ކަމުގައި ވިއަސް މިއަދު މި ދިވެހި ޤައުމުގެ ޖައްވުގައި ވިހުރުވޭ ދިދައިގައި މިނިވަންކަމުގެ ޖޯޝެއްނެތެވެ. ޤައުމުގެ ސިޔާސީ މަސްރަހުން ފެންނަނީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ޤައުމު އަޅުވެތިވެދާނެ ފަދަ އަލާމާތްތަކެވެ. ދިވެހީންގެ ދީނަށާއި ޤައުމިއްޔަތަށް ދުވަހަކު ނާންނަވަރުގެ ގޮންޖެހުންތައް އެތެރެއާއި ބޭރުން އަންނަމުންދާތަނެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ސަރުކާރާއި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ބޮޑު ކަމެއް މިފަހަކަށް އައިސް އެބަ ހިނގައެވެ. ރައްޔިތުންގެ މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ ދެވުނު ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދަވަން ޔޫރަޕަށް ވަޑައިގެން ހުންނަވައި ރާއްޖޭގައި "ހަރުކަށި ފިކުރު" އިންތިހާއަށް ފެތުރިފައިވާ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ދިވެހީންގެ ތެރެއިން އެތައް ހާސް ބަޔަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެފަދަ އެންމެން އެކުގައި ހައްޔަރު ކުރުމަށް ގޮވާލައްވާފައެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. އެއްފަހަރާ އެތަކެއް ދިވެހިން ހައްޔަރު ކުރަން ރައްޔިތުންގެ މަޖުލިސްގެ ރައީސް ގޮވާލެއްވުމުން މިވަނީ ކިހިނެއްތޯ ތަންކޮޅެއް ފުނަކޮށް ވިސްނާލަން ޖެހެއެވެ!

އާދިއްތަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ހަރުކަށި ފިކުރަށް ބޯލަނބާ މީހުން ވަރަށް ގިނަވެއްޖެ ކަމަށާއި، އެކަން ކޮންޓްރޯލްކުރަން ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށެވެ. އަދި ހޯމް މިނިސްޓްރީ ހިންގުން ރައީސުލްޖުމްހޫރިއްޔާގެ ދަށަށް ގެންނަވައި، ކުއްލި ނުރައްކާ އިއުލާން ކުރައްވަންވެސް ނަޝީދު ގޮވާލެއްވިއެވެ. މިއީވެސް ވަރަށް އާދަޔާ ޚިލާފް ވާހަކައެކެވެ. ކުއްލި ނުރައްކާ އިއުލާން ކުރަންޖެހޭ ފަދަ އެއްވެސް ކަމެއް ހިނގާކަން ސަރުކާރަށާއި ރައްޔިތުންނަށް ނޭނގެނީސް ރައީސް ނަޝީދު މުޅި ޤައުމުގައި ކުއްލި ނުރައްކާ އިއުލާންކޮށް ދިވެހީންގެ އެތައް ބަޔަކު ހައްޔަރު ކުރަން މި ގޮވާލައްވަނީ ކީއްވެގެންތޯ ވިސްނަން ޖެހެއެވެ!

މިފަހަކަށް އައިސް ނަޝީދުގެ ސިޔާސީ ހުރިހާ ބަޔާނެއް ފޯކަސް ކުރައްވާފައި ވަނީ މަޝްހޫރު "ލާދީނީ" ބިލް ނުވަތަ "ނަފްރަތުގެ ބިލް" ފާސްކުރުމަށް ބާރުއެޅުއްވުމަށާއި "ހަރުކަށި ފިކުރު" ދިވެހި ރާއްޖެއިން ނައްތާލުމުގެ މައްޗަށެވެ. ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ވަރުގަދަ ކުރަން ނަޝީދު ގޮވައިލެއްވިއިރު، އެ މަނިކުފާނު އަވާރަކޮށްލަން ބަޔަކު ޓެރަރިސްޓް ހަމަލާ ދިނީ، ނަޝީދަކީ މުރުތައްދު ވެފައިވާ އަދި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރާ ބޭފުޅެއް ކަމަށް ގަބޫލުކޮށް ކަމަށް ފުލުހުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ދިވެހީން ވިސަނާލަންޖެހޭ ކަމަށް އަޅުގަނޑަށް ފެންނަ ބައެއް ނުކުތާތައް ތިރީގައި ފާހަގަކޮށްލާނަމެވެ.

ފުރަތަމަ ކަމަކީ ނަޝީދު އެ ވިދާޅުވާ "ހަރުކަށި" ފިކުރަކީ ކޮބައިކަން ފުރިހަމަ އަށް ޝަރަހަ ކޮށްދެއްވުމެއް ނެތި، ސިޔާސީ ބޭނުމަށް ވާހަކަ ދައްކަވާކަން ފާހަގަ ކުރެވުމެވެ. ފަރުޟް ފަސް ނަމާދުކޮށް، ވައްކަން ކުރާމީހާ އަތް ކަނޑަންޖެހޭ ކަމަށް ބުނެ، މީހަކާ އިނދެގެން އުޅޭ މީހަކު ޒިނޭ ކުރުމުން ރަޖަމް ކުރަން ޖެހޭ ކަމަށް ބުނެ، މިއުޒިކް ހަރާމް ކަމަށް ބުނެ، އަންހެނުން ބުރުގާ އެޅުމަކީ ވާޖިބް ކަމެއް ކަމަށް ބުނާ މީހަކީ "ހަރުކަށި" ފިކުރުގެ މީހެއް ނަމަ މާތްވެގެންވާ ހުރިހާ ސަހާބާއިންނަކީ ވެސް އެބުނާ ހަރުކަށި ފިކުރުގެ މީހުންނެވެ. ހަރުކަށި ފިކުރު މާނަ ކުރަނީ އެފަދަ ގޮތަކަށް ކަމުގައިވާ ނަމަ އަޅުގަނޑަކީ ވެސް ހަރުކަށި ފިކުރުގެ މީހަކީމެވެ. ހަތް އުޑުމަތީން ބާވައިލައްވާފައިވާ އިސްލާމީ ޝަރީއަތުގައި ވައްކަމުގެ ހުކުމާއި، ޒިނޭގެ ހުކުމާއި، އަންހެނާގެ އައުރައިގެ ހުކުމް ވަރަށް ސާފެވެ. އަދި ހަމަ އެފަދައިން މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް އިސްލާމީ އުއްމަތުގެ ހުރިހާ އިމާމުން އިއްތިފާގް ވެއެވެ. ނަމަވެސް ރައީސް ނަޝީދު މި ފެންނަނީ މިއުޒިކް ހަލާލް ކުރާ މީހަކާ އެކީގައި ނޫނީ ކޯލިޝަން ނުހައްދަވާނެ ކަމަށް ވިދާޅުވެ، ސިޔާސީ ކުރިމަގު ތަބަކަކަށް ލައްވައިގެން ވިއްކަވަން ހިންގަވާ ތަނެވެ!

ނަޝީދުގެ ނަޒަރުގައި ހަރުކަށި ނޫން މީހުންނަކީ ބިރަކާ ނުލައި މަޖާކުރާ، ބޯންޖެހޭނެ ކަމަށް ޤަބޫލް ކުރާ، ގަޔަށް ބާރު، ހާމަކަން ބޮޑު ހެދުން އަޅާ، މިއުޒިކް ކުޅެ، ނަށާ، ނާޗަރަންގީ ކުޅޭ މީހުން ކަމަށް ވެދާނެއެވެ. ނަޝީދުގެ ވިސްނުންފުޅު ހުރީ މި އިސްލާމީ ދިވެހި މުޖުތަމައު އެފަދަ ނާޗަރަންގީގެ މުޖުތަމައު އަކަށް ހަދައި އިސްލާމް ކަމަކީ ހަމައެކަނި ނަމަކަށް އޮންނަ އެއްޗަކަށް ހެދުން ކަމަށް ވެދާނެއެވެ. ނަޝިީދުގެ ސިޔާސީ ތަރި އޮއްސި، މަޤްބޫލްކަން ކުޑަވުމުން ރައީސް ސޯލިހުގެ ސަރުކާރު ބަލިކަށިކޮށް، ވެރިކަން ނަޝީދު ކޮޅަށް ކައްސުވާލައްވަން ނަޝީދު ބޭނުން ކުރައްވާ ސިޔާސީ ހަތިޔާރަކަށް "ހަރުކަށި ފިކުރު" ހައްދަވައިފިއެވެ.

މީގެ ސަބަބުން އާޚިރުގައި ގެއްލުން ވާނީ ދިވެހީންނަށެވެ. ނަޝީދު މި ދައްކަވާ ވާހަކަތައް ބޭރުގެ މީޑިއާތަކުން، ހާއްސަކޮށް އިންޑިއާގެ މީޑިއާ ތަކުން ތަކުރާރުކޮށް އެބަ ގެނެސްދެއެވެ. އޭގެ ސަބަބުން ރާއްޖެއަކީ އެއްވެސް ކޮންޓްރޯލެއް ނެތި، ދީނުގެ ނަމުގައި، މީހުންމަރާ ތަނެއްގެ ގޮތުގައި ދަނީ ސިފަވަމުންނެވެ. ދިވެހި ރާއްޖެ އަކީ އަފްގާނިސްތާނާއި އިރާޤު ފަދަ ތަނެއްގެ ގޮތުގައި ނަޝީދު ގެންދަވަނީ ސިފަ ކުރައްވަމުންނެވެ. ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރާ އަސަރުން ޤައުމުގެ އިގްތިސޯދު މިހާރު އޮތް ހިސާބުން އިތުރަށް ހަލާކުވުން ވަރަށް ކައިރިއެވެ.

ނަޝީދުގެ މި ވާހަކަތަކުގެ އެންމެ ބޮޑު ނުރައްކަލަކީ މި ވާހަކަތަކުގެ ސަބަބުން ލިބިދާނެ އިގްތިސޯދީ ގެއްލުމެއްވެސް ނޫނެވެ. އެންމެ ބޮޑު ނުރައްކާ ވިސްނޭނީ ނަޝީދަކީ ކޮންކަހަލަ ބޭފުޅެއްކަން އެނގިގެންނެވެ. ނަޝީދަކީ އެއްވެސް އެޖެންޑާއެއް ނެތި ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ. ހަރުކަށި ފިކުރުގެ މައްސަލަ ބޮޑުކޮށްލައްވައިގެން، ސިޔާސީ ބޭނުމަށް ނަޝީދު މި އަނބުރުއްވާ ގޭސްގަނޑަކީ ވަރަށް ބޮޑަށް ރޭވިގެން އަނބުރާ ގޭސް ގަނޑެއްކަމަށް ޤަބޫލް ކުރަން ޖެހެއެވެ. ނަޝީދު އެ ވިދާޅުވަނީ ދިވެހިރާއްޖެއިން ދެން ފެންނާނީ، އަފްގާނިސްތާން ފަދަ ތަންތާނގައި ބޮން ގޮއްވާހެން، ރާއްޖޭގައި ބޮން ގޮއްވައި މީހުން މަރާތަން ކަމަށެވެ. ހަރުކަށި ފިކުރާ ގުޅުވައިގެން ނަޝީދު މި ދެއްވާ "އިންޒާރު"ތައް ހަޤީގަތަކަށް ހަދާނެ ކަމަށް ނަޝީދު ތުހުމަތު ކުރައްވަނީ ހަމައެކަނި ނަޝީދަށް ފަހުމުވެވަޑައިގެންފައިވާ "އަޑީ ދައުލަތުން"ނެވެ! ހަރުކަށި ފިކުރަކީ ކޮބައިކަމާއި، އަޑީ ދައުލަތަކީ ކޮބައިކަން ތަންކޮޅެއް ސާފުކޮށް ނަޝީދު ސާފުކޮށްދެއްވަން އެބަޖެހެއެވެ. އަދި އެ ވިދާޅުވާ އަޑީ ދައުލަތާއި ނަޝީދާ އޮތީ ކިހާވަރެއްގެ ގުޅުމެއްތޯ ދިވެހި ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސުން މިހާރު ބަލަން އެބަޖެހެއެވެ. ނަޝީދަށް ސިޔާސީ ފައިދާ ލިބި، ރައީސް ސޯލިހުގެ ވެރިކަން ބަލިކަށިވާ ގޮތަށް ހަރުކަށި ފިކުރުގެ ޑްރާމާތަކެއް ރާއްޖޭން ފެނިގެން ދިއުމުން ދެން ނަޝީދު ވިދާޅުވާނީ "ކޮބާ އަޅުގަނޑު ދެންނެވީމެއް ނޫންތޯއޭ މިހެންނޭ ވާނީ" އެވެ. އަދި އެފަދަ ކަމެއް ހިނގުމުން ނަޝީދު ޒިއްމާގެ އިނގިލި ދިއްކުރައްވާނީ ރައީސް ސޯލިހާއި ސަރުކާރާ ދިމާއަށެވެ. ފުލުހުންނާއި ސިފައިންނާ ދިމާއަށެވެ. ވީމާ ނަޝީދުގެ މި ނުރައްކާތެރި ވާހަކަތައް ހުއްޓާނުލައްވާނަމަ ސަރުކާރުން ނަޝީދާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ. ނުވަތަ އެ ދައްކަވާ ވާހަކަތަކުގެ ސާބިތު ހެކި ދައްކަވަން ޖެހެއެވެ. ދިވެހި ދައުލަތަކީ ނަޝީދު ހިތުހުރި ގޮތަކަށް ތަޅުއްވަން އޮތް ބޯޅައެއް ނޫނެވެ. ދިވެހި ޑިމޮކްރެސީގެ ބައްޕަގެ ލަޤަބް ނަޝީދު އަމިއްލައަށް ޖައްސަވައިގެން ހުންނެވިއަސް މި ޤައުމަކީ ނަޝީދުގެ މިލްކެއް ނޫނެވެ. އަދި ދިވެހި ރައްޔިތުން ތިބީ ނަޝީދަށް ދަރައެއް ވެސް ނޫނެވެ.

ނަޝީދު މިހާރު އެ ދައްކަވާ ވާހަކަތަކަކީ ސިޔާސީ ވަކި ސިނާރިއޯއެއް އުފައްދަވަން އަޅުއްވާ ފަލަ ސުރުހީ ތަކެއްތޯ ދިވެހި ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސުން ތަހްޤީގްކުރަން އެބަޖެހެއެވެ. މިހާރު އެ ދައްކަވާ ވާހަކަތަކުގެ ސާބިތު ހެކި ނުދެއްކެވިއްޖެ ނަމަ ރައީސް ނަޝީދު މަޖުލިސްގެ ރައީސް ކަމުން ވަކިކުރަން، އިތުބާރު ނެތްކަމުގެ ވޯޓަކަށް ވެސް ދާންޖެހެއެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސަކަށް ވުމަކީ މިފަދަ ޒިއްމާދާރުކަން ކުޑަކޮށް، ހިތުހުރި ވާހަކަ ތަކެއް ދެއްކެވުމަށް ނަޝީދަށް ލައިސަންސް ލިބޭ ކަމެއް ނޫނެވެ. މިއީވެސް މިނިވަން ޤައުމެކެވެ. މިޤައުމުގައި ރައީސަކާއި މުއައްސަސާ ތަކެއް އެބަހުއްޓެވެ. ކަންކަން ދާންޖެހޭ ގޮތް ޤާނޫނާއި ޤަވާއިދު ތަކުން ކަނޑައެޅިފައިވެއެވެ. ޤައުމާއި ރައްޔިތުންގެ ކުރިމަގު ނުރައްކަލަށް ހުށަހެޅި، ޤައުމު ފަނާވުމަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ނަޝީދު ދައްކަވާއިރު ދެން މުޅިން ވެސް ދައްކަވަނީ އިންޑިއާ އަށް ބަދުބަހެއް ބުނެގެން ނުވާނެ ކަމަށާއި، އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ. ވީއިރު ނަޝީދު މި ދައްކަވާ "ހަރުކަށި" ފިކުރުގެ ވާހަކަ އާއި އިންޑިއާ އަށް ކުރައްވާ ތާއީދާ ގުޅުމެއް ވޭތޯވެސް ސަލާމަތީ ބާރުތަކުން ބަލަން އެބަޖެހެއެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ފުލުހުންގެ މުއައްސަސާ އާއި ސިފައިންގެ މުއައްސަސާ އަކީ ނަޝީދު ދެކެ ބިރުން އުޅޭ ބައެއްގެ ގޮތުގައިވެސް ބައެއް ފަހަރު ސިފަވެއެވެ. ނަމަވެސް ރައީސާއި ފުލުހުންނާއި ސިފައިންވެސް ނަޝީދުގެ މި ވާހަކަތައް ސީރިއަސްކޮށް ނަންގަވައި މިކަމުގެ ހެކި ދައްކަވައި ޒިއްމާދާރު ވެވަޑައިގަތުމަށް ނަޝީދަށް ގޮވާލަން ޖެހެއެވެ. ރައީސް ނަޝީދަކީ މި ޤައުމުގެ އެންމެ ފަރުދެކެވެ. ނަޝީދުގެ ސިޔާސީ ފިކުރު ފެތުރުމުގެ ގޮތުން މުޅި ޤައުމާއި ރައްޔިތުން ނުރައްކަލަށް ހުށަހެޅޭ ގޮތަށް، އެއްވެސް އަސާސެއް ނެތް ގޮތުގައި ހަރުކަށި ފިކުރޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގެއް ނަޝީދަކަށްވެސް އަދި ނަޝީދުގެ ފިކުރަށް ތާއީދުކުރާ މަދު މީހުންނަކަށްވެސް ނޯންނާނެއެވެ.

ދިވެހި ޤައުމުގެ މިނިވަން ދުވަސް، މިއަދު ފާހަގަ ކުރަމުންދާއިރު މިނިވަންކަމަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ ޤައުމުގެ ކަމުވޮށިގެންވާ، ބާރުގަދަ، މަދު ބަޔަކު އިންޑިއާ ކޮޅަށް ޖެހި، ދިވެހި ޤައުމު ބިކަކޮށްލާފައިވުމެވެ. އިންޑިއާ އައުޓް ގޮވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އިންޑިއާ އައުޓަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމާ މެދު އޮތް ލޯބީގެ ހެއްކެކެވެ. އަދި ދިވެހިންގެ ތެރެއިން މާބޮޑަށް ދީންވެރި ނޫން ކަމަށް ބުނާ ގިނަ މީހުންވެސް އިސްލާމް ދީނަށް ކުޑައިމީސް ބަހެއް ބުނާކަށް ނޭދެއެވެ. ނަމަވެސް ރައީސް ނަޝީދު ފެންނަނީ ދިވެހިންގެ ގިނަ ބައެއްގެ އިހްސާސްތަކާ ޚިލާފަށް އިންޑިއާ އަށް ސަނާ ވިދާޅުވެ، އިސްލާމް ދީނަށް ކުޑައިމީސް ބަސް ވިދާޅުވާ ތަނެވެ.

ނަޝީދު މި ދައްކަވާ ޒިއްމާދާރުކަމެއް ނެތް ވާހަކަތައް ޤަބޫލް ނުކުރުމުގެ މާނައަކީ ކޮންމެހެން ބޮންގޮއްވައި މަރާށެކޭ ނޫނެވެ. އަދި އޭގެ މާނައަކީ ބޮމުގެ ހަމަލާއެއްގައި އަނިޔާ ލިބޭ މީހާއަށްޓަކައި ޤައުމުގެ މިނިވަންކަން ޤުރުބާންކުރާށެކޭ ވެސް ނޫނެވެ. ރައީސް ނަޝީދަށް ލިބުނު އަނިޔާއަށް އިންސާފް ލިބެޖެހޭނެކަން ޔަޤީނެވެ. ނަމަވެސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާ އުޒުރަކަށް ހައްދަވައިގެން ދިވެހި ޤައުމާއި ރައްޔިތުންގެ ކުރިމަގު، ނަޝީދަށް ސިޔާސީ ފައިދާ ލިބިވަޑައިގަންނަވާ ގޮތަކަށް އަނބުރާލައްވަން އެ ކުރައްވާ މަސައްކަތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި، ފުލުހުންނާއި ސިފައިންގެ މުއައްސަސާއިންނާއިި، ދިވެހި ރައްޔިތުން ވަރަށް ފާރަވެރި ވާންޖެހޭ ކަމެކެވެ. މިއީ ނުބައި ރޭވުމެއްގެ ކޮޅުމަތިކަމަށް ވެދާނެއެވެ. މިނިވަންކަމާއި ދީނާއި ޤައުމު ގެއްލިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި ވާހަކަ ތަކެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *