މި އަހަރުގެ ޙައްޖު މޫސުން ނިމުމުން ޢުމްރާ މޫސުން މިއަދު ފަށައިފިއެވެ.
އަލްމަސްޖިދުލް ޙަރާމާބެހޭ އިދާރާގެ ވަކީލު ސަޢުދު ބިން މުޙައްމަދުލް މުޙައިމީދާ ހާމަކުރެއްވި ގޮތުގައި ޙައްޖުމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަލްމަސްޖިދުލް ޙަރާމު އޮތީ ޢުމްރާވެރީންނާ އިސްތިޤްބާލުކުރުމަށް ތައްޔާރުވެގެންނެވެ. ޢުމްރާއަށް ދެވޭނީ ޢުމްރާއަށް ޚާއްޞަ އިލެކްޓްރޯނިކް ދޮރޯށިން ވަދެ އެކަމަށް ބޭނުންވާ ހުއްދަ ހޯދައިގެންނެވެ.
ރައްކައުތެރިކަމުގެ ފިޔަވަޅުތަކެއް
އަލްމަސްޖިދުލް ޙަރާމުގެ ވަކީލު ހާމަކުރެއްވި ގޮތުގައި ޢުމްރާވެރީންނަށް މަރްޙަބާ ކިޔޭނީ ޙަރަންފުޅަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމުގެ ތެރެއިން ލައިފައެވެ. އޭނާ ވިދާޅުވިއެވެ. "ހުރިހާ ދޮރޮކޮޅުތަކަކާއި މަގުތަކެއް ވަނީ ވަންނަ މީހުންނާއި ނުކުންނަ މީހުން ގައިގޯޅި ނުވާގޮތަށް އިޖްރާއާތުތައް ހަމަޖެހިފައެވެ. ޙަރަންފުޅަށް ވަދެވޭ ހުރިހާ ދޮރުކޮޅުތަކެއްގައި ވަންނަ މީހުންގެ ހުން ބެލޭނެއެވެ. ޙަރަންފުޅުގެތެރެއިން ވަދެވޭނީ ވަކި ދޮރުކޮޅުތަކަކުންނެވެ. އަދި ނުކުމެވޭނީ ވަކި ދޮރުކޮޅުތަކަކުންނެވެ."
އަލްމުޙައިމީދު ވިދާޅުވިގޮތުގައި ޢުމްރާވެރީންގެ ފައުޖުތަކަށް ޙަރަންފުޅުތެރެއަށް ވަދެ ނުކުމެވޭނީ ގައިދުރުކޮށްނެވެ. އެއީ ޢުމްރާވެރީންނަށާއި ނަމާދުކުރާ މީހުންނަށް ބޭނުންވާ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ޓަކައެވެ.
އަލްމުޙައިމީދު ހާމަކުރެއްވި ގޮތުގައި މިއަދު ހެނދުނުން ފެށިގެން ޢުމްރާގެ ފައުޖުތައް ވަނީ ޙަރަންފުޅަށް އަންނަން ފަށައިފައެވެ.
ސުޢޫދީ ޢަރަބިއްޔާއިން މި އަހަރުގެ ޙައްޖު މޫސުން ނިންމައިލީ މިދިޔަ ހުކުރު ދުވަހުއެވެ. ކޮރޯނާގެ ސަބަބުން މި އަހަރު ޙައްޖަށް ދިޔުމަށް ހުއްދަ ދިނީ އެންމެ 60 ހާސް މީހުންނަށެވެ. އެއީ ސުޢޫދީ ޢަރަބިއްޔާގެ ތެރެއިންނެވެ. ބޭރުން އެއްވެސް މީހަކު އައުމަށް ހުއްދަ ދީފައެއް ނުވެއެވެ.
މިދިޔަ އަހަރު ޙައްޖުގެ ފަރީޟާތައް އަދާކުރުމަށް ހުއްދަ ދީފައިވަނީ 10 ހާސް މީހުންނަށެވެ. އެހެނަސް، ކޮރޯނާގެ ޢާލަމީ ވަބާ ނުފެތުރެނީސް، 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ވަނީ ޙައްޖުވެފައެވެ.