...

Support Us

މޫސުމީ ޖަމާޢަތީ އަޅުކަންތަކާއި އެކަމުގެ އަޚްލާޤީ އަސަރު

ރޭދުވާލާއި މަސްތަކާއި އަހަރުތަކުގެ ތެރޭގައި މާތްﷲ މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ދުވަސްތަކަކާއި މޫސުންތަކަކާއި ފޯވަހިތަކަކާއި  މުނާސަބާތަކެއް ވެއެވެ. މާތް ﷲ މީސްތަކުންނަށް މި ދުވަސްތަކާއި ރޭތަކުގެ ފައިދާ ލިބިގަތުމަށް ގޮވައިލެއްވިއެވެ.

މާތްﷲ މުސްލިމުންނަށް އަހަރުގެ ތެރޭގައި ވަރަށް ބަރަކާތްތެރި ވަރަށް ޚާއްޞަ އަޅުކަމުގެ ދެ މޫސުމެއް ގެނެސްދެއްވާފައި ވެއެވެ. އެއީ ބަރަކާތްތެރި ރަމަޟާން މަހުގައި އަދާކުރަން ފަރްޟު ކުރައްވާފައިވާ ރޯދައާއެކު އަންނަ ބަރަކާތްތެރި މޫސުމާއި ޙައްޖުގެ ފަރާއިޟުތަކާއެކު އަންނަ ބަރަކާތްތެރި ޙައްޖު މޫސުމެވެ. މި ދެ މޫސުން ވެސް ގުޅިފައި މި ވަނީ މާތްﷲ މުސްލިމުންގެ މައްޗަށް ފަރްޟު ކުރައްވާފައި ޢައިނިއްޔަ ދެ ފަރީޟާއަކާއެވެ.

މި ދެ ފަރީޟާގައި ވެސް ބައިވެރިވާ މަތީ ބަހާތަކެއް ވެއެވެ. ގުޅިފައިވާ ޚާއްޞަ ޞިފަތަކެއް ވެއެވެ. މި ދެ ފަރީޟާގެ ސަބަބުން އުންމަތުގެ އެއްބައެއްވަންތަކަން ހާމަވެގެން ދެއެވެ. މުސްލިމުންގެ އަޚުވަންތަކަމާއި އެއްބައިވަންތަކަން ހަރުދަނާވެގެން ދެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމުން ރޯދަ ހިފަނީ ބަރަކާތްތެރި ރަމަޟާން މަހުގައެވެ. ހަމަ އެފަދައިން ޙައްޖަށް ދިޔުމުގެ ނަޞީބު ލިބުނު އެކަމަށް ޤާބިލު މުސްލިމުން ޙައްޖުގެ މަނާސިކުތައް އަދާކުރަނީ އެއް ވަގުތެއްގައި އެއް ބިމަކަށް ގޮސްގެންނެވެ. މި ދެ ފަރީޟާއިން ވެސް ފެންނަނީ އެއް ޝުޢޫރުތަކަކާއި އެއް އިޙްސާސްތަކެކެވެ. އެކަތިގަނޑަކަށްވެފައިވާ އެއް ހިތެކެވެ. ޙައްޖަށް ދެވުނު މީހާއާއި ނުދެވުނު މީހާ އެކަމުގައި ހިތުގެ އަޑިން ބައިވެރިވެ ޙިއްޞާ ވެއެވެ. ޙައްޖުވެރިޔާ ޢަރަފާތުގައި ހުރެ ދުޢާކުރާއިރު ޙައްޖަށް ނުދެވުނު މީހާ ރޯދަ ހިފައި ﷲގެ ޙަޟްރަތަށް ތަޟައްރުޢު ވެއެވެ. ﷲގެ ޙަޟްރަތަށް ކުއްތަންވުމަށް އެ ދެމީހުން ވެސް ގަދައަޅައި މަސައްކަތް ކުރެއެވެ.

މި ދެ ރުކުނަށް ބަލާއިރު މި ދެ ރުކުން ވެސް އަދާކުރަން ޖެހެނީ އަހަރަކު އެއްފަހަރުއެވެ. މި ދެ ރުކުން އަދާކުރުމާ ވިދިގެން މުސްލިމުންގެ ދެ ޢީދު އާދެއެވެ. ޢީދުލްފިޠުރިއާއި ޢީދުލްއަޟްޙާ އެވެ. އެއީ އުފާވެރިކަމާއި ހިނިތުންވުމާއެކު އެކަކު އަނެކަކާ ބައްދަލުކޮށްގެންނާއި ބައްދަލު ނުކޮށް ވިޔަސް ތަހްނިޔާ ބަދަލުކުރާ ދެ ދުވަހެވެ. އިސްލާމްދީނުގެ އެހެން ރުކުންތަކުގައި މި މަލަތަކެއް ނެތެވެ. މި ސިފަތަކެއް ނެތެވެ.

ރަމަޟާން މަހުގައި މާތް ﷲ ލައްވާފައިވާ ލައިލަތުލްޤަދްރި ވިލޭރޭ ފަދަ ރެއެއް އެހެން މަހެއްގައި ނުވެއެވެ. ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަސް (ނުވަތަ ޢަރަފާތު ދުވަސް) ފަދަ މާތް ދުވަހެއް އެހެން މަހެއްގައި ނުވެއެވެ.

މޫސުމީ އަޅުކަންތަކުގެ ފައިދާތައް

މޫސުމީ ޖަމާޢަތީ ފަރްޟުތަކަށް ބަލައިލާއިރު މި ފަރްޟުތަކުން ފެންނަ އަޚްލާޤީ އެތައް މާނަތަކެއް ވެއެވެ. ރަމަޟާން މަހުގެ ފަރްޟު ރޯދައާ ބެހޭގޮތުން ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (يَاأَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ[1]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.) މި އާޔަތް އިޝާރަތް މި ކުރަނީ ރޯދަ ހިފުމުގެ މަޤްޞަދަށެވެ. އެއީ ތަޤްވާވެރިކަން ހަރުދަނާކުރުމެވެ. މި އާޔަތަށްފަހު އައިސްފައިވާ އާޔަތްތަކުގައި މާތް ﷲ ރޯދަޔާ ބެހޭ ޙުކުންތައް ތަފްޞީލުކޮށް ދެއްވާފައި ވެއެވެ. އެއަށްފަހު ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَلَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنْتُمْ تَعْلَمُونَ[2]– އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!) މި އާޔަތަކީ ތަޤްވާގެ ނަތީޖާއެވެ. އެއީ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމާ ދުރުހެލިވުމާއި ފާސިދުވެރީނަށް ވާގިވެރިވުމާ ދުރުހެލިވުމެވެ.

އިސްލާންދީނަކީ ތަކާމުލީ (އިންޓަރގްރޭޓެޑް) ދީނެކެވެ. މާއްދީ ޙަޔާތާ އެކަހެރިކޮށް ރޫޙާނީ ޙަޔާތް ބިނާކުރަން މި ދީން ގޮވައެއް ނުލައެވެ. އަދި މި ދީން ޚާރިޖީ މާއްދީ ފަރާތް އީމާނީ ދީނީ ފަރާތުގެ މައްޗަށް އިސްކުރާކަށް ވެސް ގޮވައެއް ނުލައެވެ.

ޙައްޖަށް ބަލާއިރު ޙައްޖުގެ ފަރީޟާއަށް އަމުރުކުރައްވާ ބަސްފުޅު ފަށްޓަވާފައި ވަނީ (وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ[3] – ތިޔަބައިމީހުން اللَّه އަށްޓަކައި حج އާއި عمرة ފުރިހަމައަށް އަދާކުރާށެވެ!) މި ބަސްފުޅުންނެވެ. އެއަށްފަހު ޙައްޖުގެ މަނާސިކުތަކާ ބެހޭ ޢަމަލީ ކަންތައްތަކެއް ބަޔާންކޮށް ދެއްވިއެވެ. އެ ވާހަކަތައް ނިންމަވާފައި ވަނީ (وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ[4]– އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!) މި އާޔަތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ އިޝާރަތް މި ކުރައްވަނީ ޙައްޖުގެ އަސާސީ ލަނޑުދަނޑިއަށެވެ. އެއީ ތަޤްވާވެރިކަމެވެ. އެއަށްފަހު އައިސްފައިވާ އާޔަތްތަކުގައި- ރޯދައިގެ ބީދައިން– ވެސް އޮތީ ޙައްޖުގައި ހިމެނޭ ޢަމަލުތަކުގެ ތަފްޞީލުތަކެވެ. މި ތަފްޞީލުތަކަށްފަހު މާތްﷲ ވަޙީ ކުރެއްވިއެވެ.(وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَى مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ. وَإِذَا تَوَلَّى سَعَى فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ وَاللَّهُ لَا يُحِبُّ الْفَسَادَ.. وَمِنَ النَّاسِ مَنْ يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ وَاللَّهُ رَءُوفٌ بِالْعِبَادِ[5]– دنيوى حياة އާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް اللَّه ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ.އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި فساد އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ.އަދި اللَّه އަށް تقوى ވެރިވާށޭ އެމީހާޔާ ދިމާޔަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާޔަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެއަދި اللَّه ގެ ރުހިވޮޑިގަތުން އެދި (އެކަލާނގެއަށް) ތިމާގެ نفس ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللَّه އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.) މި އާޔަތްތަކުގައި ގަދަ ކީރިތިވަންތަ ﷲ މީސްތަކުން މި ވަނީ ދެ ގިންތިއަކަށް ބައްސަވައިފައެވެ. އެއްބަޔަކީ އީމާންކަމާއި ތަޤްވާވެރިކަމުގެ ޙާލަތުން މުނާފިޤުކަމުގެ ޙާލަތަށް ފުރޮޅެމުންދާ ބައެކެވެ. އަނެއް ގިންތިއަކީ ހެޔޮކަމުގެތެރެއަށް ގެބި ތެދުމަގުގައި ސާބިތުވެ ތިބޭ މީހުންނެވެ.

މާތްﷲ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި މި ދެ މިސާލަކީ އިސްލާމްދީނުގެ އަޚްލާޤީ ރުއުޔަތެވެ. އިސްލާމީ ޝަރްޢަކީ ﷲގެ އަޅާއާ ﷲއާ ދެމެދުގައިވާ ގުޅުންތަކާއި ﷲގެ އަޅާއާ އޭނާގެ އަޚު އިންސާނާއާއެކު ކުރާ މުޢަމަލާތުތައް ތަފާތު ކުރާ ޝަރްޢެއްނޫނެވެ. އެހެނަސް މި ދެ ބަޔަކީ އެއްބައި އަނެއްބަޔާ ގުޅި އެއްބައިން އަނެއް ބައި ތަކާމުލުކޮށްދޭ ބައިތަކެކެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ. އެއްވެސް ކަމެއްގައި ޙައްދުފަހަނަޅައި ދިޔުމެއް ނެތެވެ. މި ދީނުގައި ދުނިޔެއާއި އާޚިރަތަށް ސަމާލުކަންދީފައި ވެއެވެ. ދުނިޔެ އާރާސްތުކުރާއިރު އާޚިރަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އިލާހީ ތަޝްރީޢު ގޮވައިލަނީ ހުރިހާ ޙައްޤުވެރީންނަށް ޙައްޤުވާ ޙައްޤު އަދާކުރުމަށެވެ.

މުސްލިމުންގެ މެދުގައި ނުވަތަ މުސްލިމު މުޖްތަމަޢުގައި ހަލަބޮލިކަމާއި މަސްއަލަތައް ފާޅުވާން ފެށީ އިސްވެ ބަޔާންކުރި ދެ ޢުންޞުރު އެކަތި އަނެކައްޗާ ވަކިވެ އެކަހެރިވި ހިސާބުންނެވެ. މިކަމުގެ ސަބަބުން ޙައްޤުތައް އިހްމާލުކުރެވި، ޒިއްމާތައް އަދާކުރުމުގައި ހުއްޓުން އަރައި، އިންސާނިއްޔަތު ކަތިލެވި އެއްވެސް އެއްޗެއް ވަކިކުރަން ނޭނގުމުންނެވެ.މިކަމުގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ހެޔޮ ނަމޫނާއަކީ ކީރިތި ރަސޫލާ ﷺ އެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (إِنَّ لِنَفْسِكَ عَلَيْكَ حَقًّا، وَلِرَبِّكَ عَلَيْكَ حَقًّا، وَلِضَيْفِكَ عَلَيْكَ حَقًّا، وَإِنَّ لِأَهْلِكَ عَلَيْكَ حَقًّا، فَأَعْطِ كُلَّ ذِي حَقٍّ حَقَّهُ[6]– ހަމަކަށަވަރުން ތިބާގެ ނަފްސަށް އަދާކޮށްދޭން ޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ ވެރިރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި އަދާކުރަން ޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ މެހެމާނަށް އަދާކޮށްދޭންޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. އަދި ތިބާގެ އަހްލުންނަށް އަދާކޮށްދޭން ޖެހޭ ޙައްޤެއް ތިބާގެ މައްޗަށް ވެއެވެ. ފަހެ ތިބާ ކޮންމެ ޙައްޤުވެރިއަކަށް އެ ފަރާތުގެ ޙައްޤު އަދާކުރާށެވެ.)

އަލްމައުލާ ސުބްޙާނަހޫ މީސްތަކުން ގިންތި ކުރައްވާފައި މި ވަނީ ދެ ގިންތިއަކަށެވެ. އެއް ގިންތީގެ ފަރްދުންނަކީ އީމާންކަމާއި ތަޤްވާވެރިކަމުގެ ޙާލަތުން މުނާފިޤުކަމުގެ ޙާލަތަށް ފުރޮޅިގެންދާ މީހުންނެވެ. ދެވަނަ ގިންތީގެ މީހުންނަކީ ހެޔޮކަންތައް ކުރުންމަތީގައި ދެ އަތަށް ނުކިރި ތިބޭ ސާބިތު މީހުންނެވެ.

ފުރަތަމަ ގިންތީގެ މީހުންނާ ބެހޭގޮތުން މާތްﷲ ވަޙީ ކުރެއްވިއެވެ. (وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ ‎﴿٨﴾‏ يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ ‎﴿٩﴾‏ فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ [7]– އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު، މީސްތަކުންގެ ތެރެއިންވެއެވެ. (އެއުރެން ހީކުރާގޮތުގައި) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ. އެއުރެން އެ އޮޅުވައިލަނީ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ. އެއުރެންނަށް (އެކަންވެސް) އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.)

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ އަޚްލާޤީ ނިޒާމުގެ ތަކާމުލީ ރުއުޔަތުގެ އަލީގައި ރޯދައާއި ޙައްޖުގެ ފަރީޟާއާމެދު ވިސްނަލަމާ ހިނގާށެވެ! މި ދެ ފަރީޟާގެވެސް ލަނޑުދަނޑިއަކީ ތަޤްވާވެރިކަމެވެ.ތަޤްވާވެރިކަމަކީ ﷲގެ އަމުރުފުޅުތަކަށް ޢަމަލުކުރާއިރުގައްޔާއި ﷲގެ ނަހީތަކާ ދުރުހެލިވާ ވަގުތުގައި މެނުވީ ބޭރަށް ފެންނާނެ ސިފައެއްނޫނެވެ. އެއީ އެތެރެހަށީގެ ސިފައެކެވެ. ތަޤްވާވެރިކަމަކީ ރައްކައުތެރިވުމެވެ. އެއީ ﷲގެ އަމުރުފުޅުތަކަށް ބޯލެނބުމާއި ނަހީތަކާ ދުރުހެލިވުމެވެ. އެއީ ﷲ ތަޢާލާ ދެކެ ބިރުގަތުމާއި  ﷲގެ ޙަޟްރަތުގައިވާ އެއްޗަކަށް އެދުމެވެ. އެއީ  ﷲގެ ޙުރްމަތްތައް މާތްކޮށް މަތިވެރި ކުރުމެވެ. އެއީ ﷲއާއި އެކަލާނގެ ރަސޫލާދެކެ ލޯބިވުމެވެ.

ރޯދައާ ބެހޭ އާޔަތްތަކަށް ބަލާއިރު ތަޤްވާވެރިކަމަށް ފަހު އައިސްފައިވާ އާޔަތްތަކުގައި މާތްﷲ މި ވަނީ ޙަރާންގޮތުގައި އެހެން މީހުންގެ  މުދާ ކެއުން މަނާކުރައްވައިފައެވެ. ފަޤީރުން ޙާލުގައި ޖެއްސުމާ ދުރުހެލިވުމަށް އަންގަވައިފައެވެ. މި ގިއުގަނޑުގެތެރޭގައި ހިމެނޭ ހުރިހާ މާނަތަކަކަށް މި ބަސްފުޅުތައް ތަނަވަސްވެގެން ވެއެވެ. މާލީ ފަސާދައާއި އިދާރީ ފަސާދައާއި ފޭރުމާއި ޔަތީމުންގެ މުދާ ކެއުމާއި ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުންފަދަ މުޖްތަމަޢުގެ ފެންވަރުގައި ހިނގާ ޢާއްމު ފަސާދައިގެ އެންމެހާ ޢަމަލުތައް އެކަމުގައި ޝާމިލުވެއެވެ.

ޙައްޖާބެހޭ އާޔަތްތަކުގައި މީސްތަކުން ގިންތި ކުރައްވާފައި ވަނީ ﷲގެ އަމުރުފުޅަށް ތަބާވެ ﷲގެ އިމުގެތެރޭގައި ތިބޭ މީހުންނަށާއި އެ އިމުން ބޭރުވެ ﷲގެ ޙައްދުތަކަށް އަރައިގަނެ ފަހަތަށް އެނބުރިގަންނަ މީހުންނަށެވެ. ފުރަތަމަ ގިންތީގެ މީހުންނަކީ އެބައިމީހުންގެ ނަފްސުތައް ﷲގެ ވަޖްހުފުޅަށް ޓަކައި ވިއްކާލައި މީހުންނެވެ، އެމީހާއަކީ އޭނާގެ ނަފްސު ﷲއާ ޙަވާލުކުރާ މީހާއެވެ. އެމީހާއަކީ އޭނާ އެ ބަޔަކާއެކު ދިރިއުޅޭމީހުންނަށް ރައްކައުތެރިކަން ދޭ މީހާއެވެ. އޭނާގެ ފުށުން އެމީހުންނަށް ސަލާމަތްކަން ލިބޭ މީހާއެވެ. ދެވަނަ ގިންތީގެ މީހާއަކީ އޭނާގެ ދުލުން މީސްތަކުން ވައުވައްދުވާ މީހާއެވެ. އޭނާގެ ރީތި ބަސްތަކުން މީހުންނަށް ދުއްތުރާތައް ކުރާ މީހާއެވެ. އޭނާގެ ހިތަކީ ނީހައާއި ރުޅިވެރިކަމާއި އަމިއްލައެދުމާއި ނުބައި ހީލަތްތަކުން ކުނިވެފައިވާ މީހާއެވެ. މިއާޚިލާފަށް މުސްލިމަކީ އޭނާގެ ނަފްސަށް ދީލަތި އޭނާގެ މައްޗަށް އޮތް ޙައްޤުތައް ދަންނަ މީހެކެވެ. އޭނާ އެހެން މީހުންނަށް އަދާކުރަންޖެހޭ ޙައްޤުތައް ދަނެއެވެ. މި ޙައްޤުތައް އަދާކުރެއެވެ. އޭނާ ދުލުންވެސް އަދި އަތުންވެސް އެހެން މީހަކަށް ގޯނާއެއް ނުކުރާނެއެވެ. އޭގެ ޒާތުގައި ތަޤްވާއަކީ މިއީއެވެ. އޭނާއަކީ ޞާލިޙު މުޞްލިޙެކެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ[8]– ފޮތުގައި ހިފަހައްޓައި، ނަމާދު قائم ކޮށް އުޅުނު މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، إصلاح ކުރާމީހުންގެ ދަރުމަ، ތިމަންރަސްކަލާނގެ ގެއްލެނި ނުކުރައްވާ ހުށީމެވެ.)

މިއާ ޚިލާފަށް މުނާފިޤަކީ އަނިޔާވެރި ނުބައި ފާސިދެކެވެ. މާތްﷲ އޭނާ ސިފަކުރައްވާ ގޮތް ނިކަން ދެކެ ބަލާށެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. (وَإِذَا تَوَلَّى سَعَى فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ وَاللَّهُ لَا يُحِبُّ الْفَسَادَ [9] އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި فساد އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. اللَّه، فساد ވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ.) މި ބަސްފުޅުގައި ޙައްޖުގެ މަނާސިކުތަކުން ފައިދާ ލިބިނުގަންނަ އެންމެތަކުން ޝާމިލުވެއެވެ. އެމީހާއަކީ މީސްތަކުން ފާސިދު ކުރާ ފަސާދަވެރިއެކެވެ. މާތްﷲ ގެ ބަސްފުޅު (سعى) ގައި ފަސާދައިގެ އެންމެހާ ޙަރަކާތްތައް ހިމެނެއެވެ. ލޭ އޮހޮރުވުމާއި ރަޙިމުގެ ގުޅުންތައް ކެނޑުމަކީ އެންމެ ބޮޑެތި ފަސާދައިގެތެރޭގައި ހިމެނޭ ކަންތައްތަކެވެ. މިއީ މާތްﷲ އިންސާނާ ޚަލްޤު ކުރެއްވުމުގެ މާތް މަޤްޞަދާ އަރާރުންވާ ކަމެކެވެ. މާތްﷲ އިންސާނާ އުފެއްދެވީ މި ދުނިޔެ އާރާސްތު ކުރުމަށެވެ. ހަލާކުކޮށް ވިސަޑު ކުރާކަށް ނޫނެވެ.

މާތް ﷲގެ ބަސްފުޅުތަކުން އެނގެނީ ތަޤްވާވެރިކަން ތަމްސީލުކޮށްދޭ އީމާންކަމާ  މުސްލިމުންގެ އަޚްލާޤާ ގުޅިފައިވާ ވަރުގަދަ ގުޅުމެވެ. މި ދެ ޢުންޞުރު ވަކިކޮށްލެވިއްޖެނަމަ މުޖްތަމަޢުގެ ފަރްދުންގެ މެދުގައި ބޮޑު ބާގަނޑެއް އުފެދި މުޖްތަމަޢު ރޫޅިގެން ހިނގައިދާނެއެވެ. ނަތީޖާއަކަށް ވާނީ މުޖްތަމަޢުގެ ދީންވެރިކަން ނެތިގެން ދިޔުމެވެ. އެހިނދު މި ބިމުން ޢަދްލުވެރިކަމާއި އޯގާވެރިކަމާއި ހެޔޮވަންތަކަން ނެތިގެން ހިނގައިދާނެއެވެ. މަޞްލަޙަތު މަފްދަތަށް ބަދަލުވެދާނެއެވެ. ހެތޮވަންތަ އިންސާނާ ނުބައިވަންތަ އިންސާނަކަށް ބަދަލުވެދާނެއެވެ. ހަމަޖެހުން ނެތި ގަނޑުބަޑުވެދާނެއެވެ.

 

[1]  – البقرة: 183

[2]  – البقرة: 188

[3]  – البقرة: 196

[4]  – البقرة: 196

[5]  – البقرة: 204- 207

[6]  – صحيح الترمذي ٢٤١٣ و صحيح البخاري (١٩٦٨)

[7]  –  البقرة : 8-10

[8]  –  الأعراف :  170

[9]  – البقرة :  205

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *