...

Support Us

ކޮލަމް މާޒީ: ދެ ދިމާއަކުން މާގަކުރެއްވިޔަސް އަމާޒަކީ އެއް އަމާޒެއް

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ޙާލަކީ މީހަކު ބުނާއެއްޗަކާ މެދު ގޮތެއް ކަނޑއަޅާއިރު އޭގެ ވަށައިގެންވާ ކަންކަމާއި މާޒީގައި ކަން ހިނގައިފައިވާ ގޮތާމެދު އެއްވެސް ވަރަކަށް ނަޒަރެއް ނުދީ އެ ބުނި އެއްޗެއްގެ ވަށައިގެން ބަލައި ގޮތް ނިންމުމެވެ. އެ އެއްޗެއް ބުނި މީހެއްގެ ކުރީގެ ޢަމަލުތަކާއި ބުނި ބުނުންތަކަށް ތަޙުލީލީ ނަޒަރަކުން ވިސްނުމެއް ނުދެވި އެ ބުނި އެއްޗެއްގެ ވަށައިގެން ކުއްލިއަކަށް އެނބުރިގަނެވެނީއެވެ. އެ މީހަކު އެހެން އެ ބުނީ ކޮން ޙާލަތެއްގައި ކީއްވެގެންކަމާމެދު އަމުދުން ޚިޔާލެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން މީހަކު ބުނާ ބުނުމެއްގައި ބޭނުންކުރާ ލަފުޒެއްގެ ވަށައިގެން އެކަނި އެނބުރި ލުމަށް ފަހު އެ ބުނި އެއްޗެއް ގަބޫލުކުރަނީ ވަރަށް ފަސޭހައިންނެވެ.

އިންތިޚާބެއްގައި މީހަކު ކުރިމަތިލައި، އޮފުކަރުދާހުގައި ޗާޕުކޮށްފައިވާ މެނިފެސްޓޯއެއް ދައްކައިލުމުން އަޅުގަނޑުމެން ހެޔެއް ނުހުރެއެވެ. މަތިމައްޗަށް ވަޢުދު ވިޔަސް ހަމަ ގަބޫލުކުރަނީއެވެ. އެ ވަޢުދުފުއްދުމުގެ އެކަށޭނަކަމާއި އެ ޤާބިލުކަން ހުރިތޯ ބަލާކަށް ބޭނުމެއް ނުވެއެވެ. އެ ވީ ވަޢުދެއް ފުއްދުމަށް ޓަކައި އޮތް ތަދުބީރަކާއި ގެންގުޅޭ ރޭވުމަކާއި އެ ކަން ކުރާނޭ ގޮތުގެ ނޫޗާޕާމެދު ސުވާލުކޮށް ތަޙުލީލީ ނަޒަރަކުން އެ ކަމާމެދު ވިސްނަނީ މަދު މީހެކެވެ. އަދި އަމުދުން އެ މީހެއްގެ ފަތިފުށާއި ފަސްބަޔާއި މާޒީއާއި އެ މީހެއްގެ ޤާބިލުކަމާއި ތަޖުރިބާއާއި ނަޒާހަތްތެރިކަމަށް ވިސްނާކަށް ވެސް ގިނަ މީހުން ބޭނުމެއް ނުވެއެވެ. މި ކަންކަމަށް ނުވިސްނައި މީހަކު ހަމައެކަނި ބުނި ބުނުމަކަށް، އޭނާގެ އޮފުގަދަ "މެނިފެސްޓޯއަށް" އެކަނި ވިސްނައިގެން ވޯޓު ދިނުމުން ދެން ނުކުންނަ ނަތީޖާއާ މެދު އެއްޗެއް ދަންނަވާކަށް އަޅުގަނޑު ނެތީމެވެ. އެއީ އަޅުގަނޑުގެ މިއަދުގެ މައުޟޫޢަށް ނުވާތީއެވެ.

މި ދެންނެވި ގޮތުގެމަތީން ބޭފުޅަކު ކުރެއްވި ދެތިން ޓްވީޓަކާއި ލިޔެ ޢާންމުކުރެއްވި ބަޔާނަކަށް އެކަނި ބަލައިލުމަށް ފަހު، ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓަރީކުރެވުނު އެމްޑީޕީގެ އިސްވާރުންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ރާއްޖޭގެ ސިޔާސީ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ހީވާ ކަހަލަ ޚަބަރުތަކެއް ރާއްޖޭގެ މީޑިއާގެ އެކި ވަސީލަތްތަކުން އަންނަނީ ފެންނަމުންނެވެ. މިހެން މި ދިމާވަނީ ކުރީން އަޅުގަނޑު ދެންނެވި ފަދައިން ކަންކަމުގެ މައްޗަށް ތަޙުލީލީ ނަޒަރެއް ނުދީ ހަމައެކަނި އެންމެ ފަހުގެ ބުނުމުގެ ވަށައިގެން މުގޯލިއަޅައިލީމާ ނުކުންނަ ނަތީޖާއެއްގެ ސަބަބުންނެވެ. ކުރީގެ ޓްވީޓްތަކާއި ކަމުގެ ވަށައިގެން ހުރި އެހެން ކަންކަމުގެ މައްޗަށް ތަޙުލީލީ ނަޒަރެއް ހިންގައިލައިފި ނަމަ ފެންނަ ފެނުން ތަފާތުވެދާނެއެވެ.

ރާއްޖޭގެ ތިންބާރުގެ ތެރެއިން ދެ ބާރެއްގެ ދެ ވެރީންގެ މެދުގައި މައްސަލަޖެހިގެން އުޅޭ ކަމަށް ނިންމައި، އެ ބޭފުޅުން ނިސްބަތްވާ ޕާޓީގެ އެކި ގޮފިތަކުން ބަޔާންތައް ވެސް އެބަ ނެރެއެވެ. އެކި ބޭފުޅުން ޓްވީޓްތައް އެބަކުރައްވައެވެ. މައްސަލައިގެ ތެރެއަށް ފުންކޮށް ފީނައި ދިރާސާކޮށްލުމުން އަޅުގަނޑަށް ފެންނަ މަންޒަރު ވަރަށް ބޮޑަށް ތަފާތެވެ. އެމްޑީޕީގެ އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ދަންނަވައިލާން ބޭނުންވަނީ ކަންބޮޑުވެވަޑައިނުގަންނަވާށޭއެވެ. ތިޔަ ބޭފުޅުންގެ އިސްވާރުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުމެއް ނެތޭއެވެ.

އަޅުގަނޑުގެ ނަޒަރުގައި ރައީސް މުޙަންމަދު ނަޝީދާއި އިބްރާހީމް މުޙަންމަދު ޞާލިޙާ ދެމެދު ހަގީގަތުގައި އެއްވެސް މައްސަލައެއް ނެތެވެ. މިހެން މި ދެންނެވީ، ތިމަންމަނިކުފާނާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ އަމާޒަކީ އެއް އަމާޒެއް ކަމަށް ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙު މާކުރީން ވެސް ވިދާޅުވެފައިވާތީއެވެ. އެހެންވީމާ، އެ ދެ ބޭފުޅުންގެ ފިކުރާއި ފަލްސަފާގައި ތަފާތެއް ނެތެވެ. ރައީސް ނަޝީދު ކުރައްވާ ޓްއީޓާއި ނެރުއްވާ ބަޔާންތަކަކީ މުޅީން އެހެންކަމެކެވެ. އެ ދެ ބޭފުޅުންގެ މެދުގައި ފިކުރާއި ފަލްސަފާގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތްކަން އެނގޭ ހެކިތައް ބައިވަރެވެ.

ބައެއް ހެކިތައް ދަންނަވައިލާނަމެވެ. ސަރުކާރުން ބޭނުންވެގެން ހުށަހެޅުއްވި އެއްވެސް ބިލެއް މަޖިލީހުން ފާސްނުކުރައްވައި އަދި މިހާތަނަކަށް ބޭރެއް ނުކުރައްވައެވެ. ދާދި ފަހުން މަޖިލީހުގައި ސަރުކާރުގެ ފަރާތުން ފޮނުއްވައިގެން ތާވަލުކުރެވުނު "ނަފުރަތުގެ ބިލު" އަލުން އަނބުރައި ކޮމިޓީއަށް ފޮނުއްވީ ވެސް އެ ބިލަށް ރައްޔިތުން ކުރި ނަފުރަތުގެ ހޫނަށް ފިނިކަމެއް ގެންނަވާންކަމަށް ބެލެވެއެވެ. ސަރުކާރުން ފޮނުއްވި ބިލަކަށް ވާތީ އެ ބިލު ބޭރެއް ނުކުރައްވާނެއެވެ. އެމްޑީޕީގެ 65 މެންބަރުންގެ އެންމެ މަތީ އަޣުލަބިއްޔަތު އޮތީތީއެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޚާއްޞަކޮށް މަޖިލީހުގެ ރައީސް ނަޝީދާއި އެ މަނިކުފާނުގެ އުޚުތު (މަޖިލީހުގެ ނާއިބު ރައީސް)ގެ ރުހުން ވެސް އެ ބިލަށް އޮތީތީއެވެ. ސަރުކާރުން ފޮނުއްވި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވެސް މަޖިލީހުގެ ރައީސްގެ އެންމެ އަރިސް އެއް މެންބަރެވެ.

އަނެއް ކޮޅުން މަޖިލީހުން ކޮންމެ ފަދަ ބިލެއް ފާސްކުރެއްވިޔަސް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް އިޢުތިރާޒެއް ކުރައްވައިފައެއް ނެތެވެ. އެންމެ ކުޑަމިނުން އަލުން ވިސްނައިވަޑައިގަތުމަށް ޓަކައި އަނބުރައި ފޮނުއްވައިފައެއް ވެސް ނެތެވެ. އެންމެ ފަހުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޓެކުސް އިސްތިސްނާކުރުމުގެ ބިލު މަޖިލީހުން ފާސްކުރައްވައި އެ ފާސްކުރެއްވި ގޮތަށް ތަޞްދީޤު ކުރައްވައި ޤާނޫނަކަށް ހެއްދެވީއެވެ. މި ބިލާމެދު ރައީސް ނަޝީދާއި ރައީސުލްޖުލްހޫރިއްޔާގެ ވިސްނުންފުޅު ތަފާތެއް ނުވެއެވެ. އަނެއްކޮޅުން އިސްލާމްދީނަށް ތައުހީނުކޮށް ކައުރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓުތައް ނެރުނު އެމްޑީއެން އާއި އުތެމައަށް ފިޔަވަޅު އެޅުމާމެދު މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާއާ ދެމެދުގައި ޚިޔާލުފުޅު ތަފާތުވުމެއް ނެތެވެ. މި ފަދަ ރިޕޯޓްތައް ނެރުމުގައި އިސްކޮށް އުޅުނު މީހުންނަށް އެ ދެބޭފުޅުން ކުރައްވާ ޤަދަރަށް ތަފާތެއް ނާދެއެވެ. ބޭނުމެއް ނުފުދޭ އެތައް ކޮމިޝަންތަކަކާއި ކޮމިޓީތަކެއް އުފައްދަވައި އެތައް ބައިވަރު މެންބަރުންތަކަކަށް ބޮޑު ޢަދަދުން މުސާރަދެއްވަމުން ގެންދެވުމުގައި ދެ ބޭފުޅުންގެ ޚިޔާލު ތަފާތުވުމެއް ނެތެވެ.

ޤައުމަށް ހެޔޮއެދޭ، އަދި އެއްވެސް ބަދަލެއް ނެތި އެތައް އެހީތަކެއް ވެދިން ސީނުކަރައަށް އެއްވެސް އަޞްލެއް ނެތް ދޮގު ތުހުމަތުތަކެއް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާއިރު، ރައީސުލްޖުމްހޫރިއްޔާ ހަނުހުންނެވުމަކީ، އެ ވާހަކަތަކަކީ ވެސް ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ރުހިވަޑައިގަތުން އޮވެގެން ދައްކަވާ ވާހަކަތަކެއް ކަމަށް ބަލާނެ ޖާގަ އޮތް ކަމެކެވެ.

ދައުލަތުގެ ތިން ބާރުގައި ވެސް ނުފޫޒު ގަދަ މަޤާމުތަކަށް އެމްޑީއެންގެ ޙަރަކާތްތެރީން ޢައްޔަންކުރެއްވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާއާއި ރައީސް ނަޝީދުގެ ވިސްނުންފުޅު ތަފާތެއް ނުވެއެވެ. ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލަށް އުނިކަން އަންނަ ގޮތަށް ސިއްރު އެތައް އެއްބަސްވުންތަކެއް ބޭރުކަރަޔަކާ އެކުގައި ހައްދަވައި އެ އެއްބަސްވުންތައް ޤާނޫނާ ޚިލާފަށް ސިއްރުކުރައްވައިގެން، އެންމެ ކުޑަމިނުން ރައްޔިތުންގެ މަންދޫބުންނަށް ވެސް ވަންހަނާ ކުރައްވައިގެން، އުޅުއްވުމުގައި ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް ޚިޔާލުފުޅު ތަފާތުވުމެއް ނެތެވެ. ރާއްޖޭގެ ދެކޮޅާއި މެދުތެރޭގައި ބޭރު ދައުލަތެއްގެ ސިފައިން ޤާއިމުކުރުމުގެ ފިކުރާ ދޭތެރޭގައި ވެސް ދެ ބޭފުޅުންގެ ޚިޔާލު އެއް ގޮތެވެ. ބޭރު ޤައުމުތަކުގެ ސިފައިން ދިވެހި ޤައުމުގައި ފައި ހަރުކޮށް، ދިވެހި ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ޤުރުބާންކުރުމާ ދެކޮޅަށް ގޮވޭ ގޮވުންތައް ހުއްޓުވާން ވެސް ދެ ބޭފުޅުން މަސައްކަތްކުރައްވަނީއެވެ. އުތުރުންނާއި މާލެއިންނާއި ދެކުނުން، މެދުތެރެއިން ބޮޑެތި ބިންތައް ބޭރު ޤައުމަކަށް ދޫކުރުމުގައި ވެސް ދެ ބޭފުޅުންގެ ޚިޔާލުފުޅު ތަފާތެއް ނެތެވެ. ދައުލަތުގެ ނިޒާމުތަކާއި ޝަރުޢީ ނިޒާމަށް ގެންނަވާ ބަދަލުތަކުގައި ވެސް ދެ ބޭފުޅުން ޚިޔާލު ތަފާތުވުމެއް ނެތެވެ. މި ކަންކަމަށް ދެ ބޭފުޅުންގެ ދޫފުޅުން ވެސް އޮހެނީ ތަޢުރީފެވެ. މި ފަދަ މިސާލުތައް ބައިވަރެވެ. ނަމަވެސް މިހިސާބަށް ކުރުކޮށްލާނަމެވެ.

ރައީސް އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެފައިވާ ފަދައިން އެ މަނިކުފާނާއި ރައީސް ނަޝީދުގެ އަމާޒުގައި ޚިލާފެއް ނެތްކަން އިސްވެ ދެންނެވުނު މަދު މިސާލުތަކުން އެކަނި ވެސް، އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އަދި މި ފަހަކަށް އައިސް ޕީޕީއެމަށް އިޝާރާތްކޮށް ރައީސް ނަޝީދު ދައްކަވާ ހުރިހާ ވާހަކަފުޅުތަކަކީ ވެސް ނެރުއްވާ ބަޔާންތަކަކީ ވެސް ދެ ބޭފުޅުންގެ ތަދުބީރުގެ މަތީން ކުރައްވާ ކަންކަންކަމަށް ނޫނީ އަޅުގަނޑަކަށް ނުވިސްނެއެވެ. އާދޭހެވެ! މި ދެބޭފުޅުންގެ އަމާޒަކީ އެއް އަމާޒެކެވެ. ފުޓްބޯޅަ ޓީމެއްގައި ވެސް އެކި ކުޅުންތެރީން ވެސް ބޯޅަ މާގަކުރާނީ އެކި ދިމާއިން ނޫންތޯއެވެ! ނަމަވެސް ޓީމުގެ އެންމެންގެ ވެސް އަމާޒަކީ ގޯލު ނޫންތޯއެވެ! މި ދެ ބޭފުޅުންގެ މިސާލަކީ ވެސް ހަމައެއީއެވެ. މަޤުޞަދު ޙާޞިލުކުރެއްވުމަށް ޓަކައި މާގަކުރައްވާ ގޮތާއި މިޞްރާބު ތަފާތުވަނީއެވެ. މާގަ ތަފާތުވަނީއެވެ. ނަމަވެސް އަމާޒު ވަރަށް ސާފެވެ. އޮތީ ހަމަ އެއް އަމާޒެކެވެ. މަސައްކަތްކުރައްވަނީ އެ އަމާޒަށެވެ. މި ކަންކަން އެމްޑީޕީގެ ޢާންމު މެންބަރުންނަށް އެނގިފައި ނޯވެދާނެއެވެ. އެއީ މި ނަޒަރުން ވިސްނާން އެ މީހުން ބޭނުން ނުވާތީއެވެ.

 

ރައީސް ޔާމީން އެ މަނިކުފާނުގެ ވިސްނުންފުޅާއި ފަލްސަފާގައި ސާބިތުވެ ހުންނެވި ފަދައިން، ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަކީ ވެސް އެ ބޭފުޅުންގެ ފަލްސަފާގައި ސާބިތުވެ ތިއްބެވި ހަރުދަނާ ދެ ބޭފުޅުންނެވެ. އެ ބޭފުޅުންގެ އަމާޒު އެ ބޭފުޅުންނަށް އޮޅިވަޑައިގެންފައެއް ނެތެވެ. އޮޅިވަޑައިގެން އުޅުއްވަނީ އިސްވާރުންގެ ގޮތުގައި ވަކި އަމާޒެއް ނެތި އުޅުއްވާ އެކި ބޭފުޅުންނަށެވެ.

އެމްޑީޕީގެ ފަލްސަފާގައި އަދި އެ ފަލްސަފާ ކުރިއެރުއްވުމުގައި ހަރުދަނާކަމާއެކު ސާބިތުވެ ހުންނެވި ބޭފުޅަކު އެ ފަލްސަފާއާ ދިމާ އިދިކޮޅު ފިކުރެއްގެ ޕާޓީއަކާ ކޯލިޝަން ހައްދަވާ ވާހަކަ އަޅުގަނޑަށް ވަނީ ޖޯކަކަށެވެ. ޢާންމުންނަށް އޮޅުވައިލައި، ޕީޕީއެމްގެ ޢާންމު މެންބަރުގެ ހިތްތަކުގައި ޝައްކު އުފައްދަވާން ދައްކަވާ ވާހަކައެއް ކަމަށް ވެދާނެއެވެ. އެހެނީ އެމްޑީޕީއަކީ ލިބަރަލް ފިކުރަށް ތާއީދުކުރާ ވާތުފިޔައިގެ މައި ޕާޓީއެވެ. ޕީޕީއެމަކީ އަދި ޕީއެންސީއަކީ ވެސް ކޮންޒަވޭޓިވް ފިކުރަށް ތާއީދުކުރާ ކަނާތު ފިޔައިގެ ދެ ޕާޓީގެ ކޯލިޝަނެވެ. މި ދެ ފިކުރު އެއްކުރާ ވާހަކަ ދެއްކުމެކޭ ރޭގަނޑާއި ދުވާލު އެއްކުރާން ވާހަކަދެއްކުމަކާ އަޅުގަނޑަކަށް އެއްވެސް ތަފާތެއް ނެތެވެ.

އަޅުގަނޑަށް ޔަގީންވާ ކަމެއް އެބަ އޮތެވެ. ރައީސް ޔާމީނެއް ދުވަހަކު ވެސް އެމްޑީޕީގެ ލިބަރަލް ފިކުރަކަށް އަދި ރައީސް ނަޝީދުގެ ފަލްސަފާއަކަށް ތާއީދެއް ނުކުރައްވާނެކަމެވެ. ވެރިކަން ހޯއްދެވުމުގެ އެދުމުގައި އިސްލާމް ދީނާއި ޤައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ޤުރުބާނެއް ނުކުރައްވާނެކަމެވެ. އެ މަނިކުފަނަކީ އިސްވާރުންގެ ނަމުގައި މަވެތިކަން އިސްކުރައްވައިގެން އުޅުއްވާނެ ގުސްތަރެއް ނޫނެވެ. ރައީސް ޔާމީންގެ މުޅި ޙަޔާތްފުޅު ބޭއިންސާފާއި ސިޔާސީ އަނިޔާގައި ވޭތުކުރައްވާންޖެހިވަޑައިގަތަސް އެ މަނިކުފާނުގެ އަސާސްތައް ދުލެއް ނުކުރައްވާނެއެވެ. އެއީ ރައީސް ޔާމީނެވެ. ބަޔަކު ގަބޫލުކުރާން ބޭނުން ނުވިޔަސް އެއީ މި ޖީލުގައި މުޅި އޭޝިއާ ވެސް ދެކެފައި ނުވާފަދަ ހަރުދަނާ ތަޞައްވުރީ އިސްވާރެކެވެ. އެއީ ތަފާތު އިސްވާރެކެވެ. މުޙިއްބުލްވަޠަނެކެވެ. އެއީ ޤައުމަށް ޣަދަރުވެރިވެވަޑައިގަންނަވާނެ ޣައްދާރެއް ނޫނެވެ. ޤައުމަށް ޚިޔާނާތްތެރިވެވަޑައިގަންނަވާނެ ޚާއިނެއް ނޫނެވެ. މި ކަންކަން އަޅުގަނޑެކޭ އެއް ފަދައިން ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ޝަރީޢަތެއްގެ ނަމުގައި ކުޅުނު ޑްރާމާއަކުން ރައީސް ޔާމީން  ޖަލުގައި ބަހައްޓަވައިފައި އެ ވަނީ ވެސް މި ހަގީގަތްތައް އެނގިވަޑައިގަންނަވާތީއެވެ. "ބަޔަކު" ރުއްސާންވެގެންނެވެ.

ގިނަ ބަޔަކަށް ނޭނގުނަސް ނުވަތަ ނޭނގޭ ކަމަށް ހެދިޔަސް ރައީސް ޔާމީނަކީ އެހެން އިސްވާރުންނާ ތަފާތު ބޭފުޅެކެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތީ ވެރިކަމުގެ ޖާހަށް ޓަކައެއް ނޫނެވެ. އެ މަނިކުފާނު ގެންގުޅުއްވާ ޤައުމީ ތަރައްގީގެ ތަޞައްވުރު ޙަގީގަތަކަށް ހައްދަވާށެވެ. އެ ތަޞައްވުރުގައި ކުލަޖައްސަވާށެވެ. އެއީ ސާބިތު ބޭފުޅެކެވެ. އެއީ ދުވަހަކު ވެސް އިސްލާމް ދީނާއި ދިވެހި ޤައުމީ ސިޔާދަތު އަމިއްލަ އެދުމަށް ޓަކައި ޤުރުބާންކުރައްވާނެ ބޭފުޅެއް ނޫނެވެ. އަދި ލިބަރަލް ފިކުރާ ދުވަހަކު ވެސް ކޯލިޝަން ހައްދަވާނެ ބޭފުޅެއް ނޫނެވެ. މިއީ ސައްތައިން ސައްތަ ޔަގީންކަމެކެވެ. ކުރީން ވެސް ދެންނެވި ފަދައިން މި ކަންކަން އަޅުގަނޑެކޭ އެއް ފަދައިން ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙަށް ވެސް ޔަގީންވެވަޑައިގަންނަވާނެއެވެ. ވީމާ، މި ފަދަ ބޭފުޅަކާއެކު މަސައްކަތްކުރައްވާން އެދިވަޑައިގަންނަވާ ވާހަކަ ރައީސް ނަޝީދު ވިދާޅުވުމަކީ ހަލީސާއެކެވެ. އެ ވާހަކައިގައި ފޮރުވިފައިވާ އެހެން ސަބަބެއް އޮންނާނެކަން ކަށަވަރެވެ. މިއީ ހަމަ "އެއް އަމާޒަކަށް" ދައްކަވައިފައިވާ ވާހަކަފުޅެއް ކަމަށް ނޫނީ ނުވާނެއެވެ. އެއީ 2023ގެ ރިޔާސީ ކެންޕޭނާ ގުޅޭ ސްޓަންޓެއްކަމަށް ވެދާނެކަމަށް ވެސް އަޅުގަނޑަށް ލަފާކުރެވެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙު ދެ ދިމާއަކުން މާގަކުރެއްވިޔަސް އެ ދެ ބޭފުޅުންގެ އަމާޒަކީ އެއް އަމާޒެކެވެ. އެމްޑީޕީގެ މެންބަރުން ވެސް އަދި ޕީޕީއެމްގެ މެންބަރުން ވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. ދިވެހިރާއްޖޭގައި އެ ދެ ޕާޓީއެއްގެ ފިކުރުގައި ސާބިތުވެ އޮތް ދެ ޕާޓީއަކީ އެމްޑީޕީއާއި ޕީޕީއެމެވެ. ދެން ޕީ.އެންސީއެވެ. މި ޕާޓީތަކުގެ އިސްވާރުންގެ މެދުގައި ޚިޔާލު ތަފާތުވުމެއް ނެތެވެ. ފަލްސަފާއަކަށް ބަދަލެއް ނާދެއެވެ. ވީމާ ވާތުފިޔައިގެ ޕާޓީއާއި ކަނާތުފިޔައިގެ ޕާޓީތައް ކޯލިޝަން ހަދާ ވާހަކައަކީ ހޮޅި ވާހަކައެކެވެ. އެއީ ދެބޯގެރިދުއްވުމެކެވެ. އެކަމަކު ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެތާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
911

2 Responses

  1. ތިޔަ ބުނަނީ ޔާމީނަކީ ހުދު ކާފޫރު ކޮޅެއްފަދަ މީހެއް ކަމަށެވެ. ރޯމާދުވާލު ދައުލަތުގެ ފައިސާތައް ޢެކި ގޮތްގޮތަށް ނަގައި އެކަމަށް އެއްބަސްވެ އެކައުންޓަށް ލީ އޭނާގެ ނަޒާހަތްތެރިކަމުން ހެއްޔެވެ؟ އޭނާ އިދިކޮޅުގައި ތިބި އެއްމެން ޖަލަށްލީ އޭނާގެ އޯގާތެރިކަމުންހެއްޔެވެ؟ އޭނާގެ ވެރިކަމުގައި އޭނާގެ އެކުވެރި ވިޔަފާރި ވެރިޔާގެ ރިސޯޓުގައި ބުދުފައްޅިއެއް އެޅީ އޭނާ ދީންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންހެއްޔެވެ.؟ ނަޝީދުގެ ވެރިކަމުގައި ލާދީނީ ކަމަކަށްވެގެން' ޕީޕީއެމުން ވެސް ދެކޮޅުހެދުމުން ނުގެނައި ލަވަކިޔުންތެރިޔާ "އޭކަން" ޔާމީނުގެނައީ ދީނަށް ނަސްރުދޭންހެއްޔެވެ؟ .

    1. ލިޔުންތެރިޔާ ތިޔައިން ވާޙަކައެއް ދައްކައިފައެއް ނުވެއެވެ. ނަމަވެސް، އިދިކޮޅަސް އެއް ކޮޅަސް ޖަލަށް ލީ މީހަކު ޖަލަށްލީ ފާޅުވެ އެނގިގެންވާ ކުށްތަކެއް ތަކުރާރުކޮށްގެންނެވެ، މިހާރު ޝަރީޢަތޭ ކިޔައިގެން މި ސަރުކާރުން މަސްހުނި މޮޑޭހެން ޑްރާމާ ކުޅެގެން ކުރި ތަހުގީގާ ކުރި ދައުވާއާއި ކުރި ޝަރީޢަތާ، ކުރި ހުކުމާ ދިމާ ނުވާހެން ޔާމީންގެ ދުވަސްވަރު ޝަރީޢަތެއް ނުކުރެއެވެ. އެއް މޭޒުދޮށުންކާ ލާދީނީ ބަޔަކު ފުލުހުންގެ ވެރީންނަކަށް ނުލައެވެ. ސުޕްރީމްކޯޓުގައި އުޅުނު ބަޔަކަށް ރިޝްވަތު ދީގެން ނަޝީދު ކުށެއް ނެތް ކަމަށް ނިންމިޔަސް ޢަބްދުﷲ ގާޒީ ހައްޔަރުކުރީ އެންމެންގެ ލޯކުރިމަތީގައެވެ. ޔާމީން ދައުލަތުގެ އެންމެ ލޯ ލާރިއަކު ވެސް ޖެހިފައި އޮތް ކަމަކަށް އަދި ވެސް މި ސަރުކާރަކުން ނުބުނެއެވެ. "ސަފީރަށް" އެކަން އެނގެންޏާ އެ ވާހަކަ ސަރުކާރުގައި ނުބުނެ ތިޔަ ހެރީ ކީއްވެހެއްޔެވެ. ޔާމީންގެ އެކައުންޓަށް ވަނިއްޔާ ވަން ފައިސާއެއް އެހެރީ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް އެކައުންޓެއްގައެވެ. އެކަމަކު އެމްއެމްންޕީއާރުސީގެ ފައިސާއިން އެތައްބައިވަރު ފައިސާއެއް ކައިލި މީހުން އެތީބީ މިނިވަންކޮށެވެ. ޔާމީން ނެގި ފައިސާއެއްގެ ވާހަކައެއް އަދިވެސް ކަލޭ ނޫނިއްޔާ ނުދައްކައެވެ. ޖަލަށްލައިފައި އެހެރީ ސަރުކާރު އެކައުންޓަށް ޖަމާކުރީ ޔާމީނުގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން ލީ ރުފިޔާގެ ނޫޓުތަކެއް ނޫނޭ ކިޔައިފައެވެ. އެކަމަކު ޗެކަކުން ޖަމާކުރާ ފައިސާއެއް އެ އަދަދަށް ހުރީމާ އެ ފައިސާ ހުރީކީ ނޫންހެއްޔެވެ؟ މީހަކު އަތުން 500 ރުފިޔާ ދަރަންޏަށް ނެގުމަށް ފަހު އޭގެ ދުވަސްގަނޑެއްފަހުން އެ ފަސްސަތޭކަރުފިޔާ ކަލެއަށް ދިނީމާ އެއީ ތިމަންނާ ދިން ފަސްސަތޭކަ ރުފިޔާގެ ނޫޓެއް ނޫނޭ ބުނާނަން ހެއްޔެވެ؟ އެއީ ކަނޑުކޮަހަކު ނޫދީ ދައްކާނެ ވާހަކަހެއްޔެވެ؟ ލިޔުންތެރިއާއަށް ނޭނގުނަސް އަހަންނަށް އެނގެއެވެ. ޔާމީނުގެ ވެރިކަމުގައި ރިސޯޓެއްގައި ބުދުފައްޅިއެއް ނާޅައެވެ. ކަނޑުއަޑިގައި ހެދި ތިޔަބުނާ "ބުދުތައް" ވެސް އެ މީހުން ނުނެގީމާ ފުލުހުން ފޮނުވައިގެން އެ ތަން ރޫޅައިލިކަން ނޭނގުމަކީ މަޢުލޫމާތުގެ މަދުކަމެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ތައުހީނުކޮށް ރިޕޯޓު ނެރުނު އެންމެން ސަރުކާރުގެ އިސް މަގާމުތަކަށް ލައިގެން އެ މީހުންނަށް ފިޔަވަޅު ނާޅައި އެ އުޅޭ އިބްރާހީމް މުޙަންމަދު ޞާލިޙާއި މުހަންމަދު ނަޝީދަކީ ޔާމީން ހެއްޔެވެ؟ ކިތަންމެ އަސަރެއް ކުރިޔަސް އިބްރާހީމް މުޙަންމަދު ޞާލިޙާއި ޔާމީނާ އަޅައި ކިޔާނަމަ ސުމަކާ އެއްހާހާ ދެމެދުގެ ތަފާތު ހުންނާނެކަން ކަލެއަށް ވެސް އެނގޭނެއެވެ. ނަމަވެސް އެކުޓިވިސްޓަކަށް ވާތީ ސަރުކާރުން ބޮޑު ވަޒީފާއެއް ދީފައި ހުރީމާ ސަރުކާރުގެ ދިފާއުގައި ކޮންމެވެސް އެއްޗެކޭ ކިޔާންޖެހޭނެތާއެވެ؟ އެމްޑިޕީގެ އެކްޓިވިސްޓް ނައީމާއައްތައަކީ ވެސް މިއަދު "ސީނިއަރ ސުޕަރވައިޒަރެކޯ"ލައެވެ. ވީމާ ރާއްޖެ އިންޑިއާއަށް ވިއްކައި ހުސްކޮށް އެ މީހުން ސީދޮއްވަން ކަލެއަށް ޖެހުނީމާ ނޫނީ ތިޔަފަދަ މީހުންނަކަށް ހޭވެރިކަމެއް ނުވާނެއެވެ. ލިޔުންތެރިޔާ ހާމަކޮށްފައި އެވަނީ ހަމަ ސަތޭކައިގެ ވާހަކަތަކެކެވެ. މަ ނަމަ، އެހާ ދުރަކުންވެސް އެ ވާހަކަތަކެއް ނުލިޔާނަމަވެ. ހަމަ ސީދާ ސީދަލަށް ބޮލަށް ކަނދައިލީމުހެވެ. ވަރަށް ސަލާމް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.