...

Support Us

ކޮލަމް: ވިނަވި

ހިތް ބަލިކުދިން ނުކިޔާތި! ހުޅުލޭ އެއާޕޯޓުގައި އުޅުނު ކުޑަ ސޮރާއި ބޮޑު މީހާގެ ވާހަކަ

ހުޅުލޭ އެއާޕޯޓަކީ ވަރަށް ކުޑަ ގޮތަކަށް ފެށިގެން ތަރައްޤީވި ތަނެކެވެ. ފުރަތަމަކޮޅު އެތަނުގެ ފަންނީ ވަސީލަތްތައް ވެސް ހުރީ ވަރަށް އާދައިގެ ފެންވަރެއްގައެވެ. ފެށުމުގައި އެއީ ލޯވަޅުތޮރުފި ދަގަނޑު ފިލާ ބޭނުން ކޮށްގެން، އިނގިރޭސީން އެޅި އެއަރ ސްޓްރިޕެކެވެ. އެންމެ ފުރަތަމަ އެ ތަނަށް ޖެއްސީ ރޯޔަލް ނިއުޒީލަންޑް އެއަރފޯސްގެ މަތިންދާބޯޓެކެވެ. އެއީ 19 އޮކްޓޯބަރ 1960 ގައެވެ. އޭގެ 58 އަހަރު ފަހުން، 18 ސެޕްޓެމްބަރ 2018 ގައި ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގައި ޢަލީ އަހުސަން ތައުފީޤްގެ ކެޕްޓަންކަމުގައި ޖެއްސީ އިއްތިހާދު އެއަރވޭޒްގެ އެއަރބަސް އޭ-380 މަތިންދާބޯޓެކެވެ. މި ދެމެދުގައި ވީ އަހަރުތަކުގެ ތެރޭގައި އެތަނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ވަނީ އައިސްފައެވެ.

މާޒީގެ ތެރެއަށް ބަލާއިރު ހުޅުލޭގައި އެންމެ ކުރިން ބޭނުންކުރި އެއަރސްޓްރިޕް އެޅީ އައްޑޫ މައްސަލަ ހަމަޖައްސަން އެހީތެރިވުމަށް އިނގިރޭސީން ފޮނުވި ރެޕްރެޒެންޓެޓިވް ސަރ އާތިންގްޓަން ޑޭވީ ދޫނިދޫގައި ހުންނެވި ދުވަސްވަރު (1960ން 1964ށް) ގައެވެ. އެތަން ހެދީ 14 ފެބްރުއަރީ 1960 ގައި ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ސޮއިކުރެވުނު އަލްޕޯޓް، ނާސިރު އެގްރީމެންޓްގެ ދަށުންނެވެ. އެއަރ ސްޓްރިޕްގެ ބޭނުމަކީ އިނގިރޭސި އޮފިޝަލުންނާއި ދިވެހި ސަރުކާރުގެ ވެރިން، މާލެއާއި ކޮޅުނބާއި އައްޑޫއާ ދޭތެރޭގައި ކުރައްވަން ޖެހޭ ދަތުރުތަކަށް މަގުފަހިކޮށްދިނުމެވެ.

ފަހުން ދަގަނޑު ފިލާތައް ނައްޓާލުމަށްފަހު ތާރުއެޅި ރަންވޭއަކާ އެކު އަސްލު އެއާޕޯޓެއް ހަދައިގެން ހުޅުލޭ އެއާޕޯރޓް ހުޅުވުނީ 12 އެޕްރީލް 1966 ގައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަވެ އެމީހުންނަށް ޚިދުމަތް ދޭން ދަތިވުމާ ގުޅިގެން އެއާޕޯޓް ބޮޑުކޮށް، ތަރައްޤީކޮށް މާލޭ އިންޓަނެޝަނަލް އެއާޕޯޓްގެ ނަމުގައި 11 ނޮވެމްބަރ 1981 ގައި ހުޅުވުނެވެ. އެއާޕޯޓަށް ދެން އައި ބޮޑު ތަރައްޤީއަކީ އެސްފަލްޓް އެޅި އައު ރަންވޭއެއް 18 ސެޕްޓެމްބަރު 2018 ގައި ހުޅުވުމެވެ.

މި ބަދަލުތައް އަންނަމުން ދިޔަ ދުވަސްވަރު ރަށެއްގެ ގޮތުން ހުޅުލެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެ ރަށުގައި އޮތް ބޯ ޖަންގަލި ނެތުނެވެ. އަދި ރަށުތެރެ ކަރަންޓުން ދިއްލިގެންދިޔައެވެ. މި ބަދަލުތަކަކީ އެ ރަށުގައި އުޅުނުކަމަށް ކިޔާ ހަންޑި، ޖިންނީންނަށް އެ ރަށުގައި އުޅެން އުނދަގޫވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކުރިން ޖަންގަލިން ނޫނީ ނުފެންނަ ޖިންނި ފަދަ އެއްޗެހި މީހުން އާއްމުކޮށް އުޅޭ ސަރަހައްދު ތަކުން ފެންނާން ފެށިއެވެ.

ހުޅުލޭ އެއަރޕޯޓްގައި ފުރަތަމަކޮޅުގައި ހުރި އޮފީސް.

މި ކޮލަމްގައި މި ބަޔާން ކުރަނީ މި ބަދަލުތައް އައި ދުވަސްވަރު އެތަނުގައި އުޅުނު ޒުވާން މުއައްޒިފަކަށް ދިމާވި ހާދިސާއެކެވެ.

މުއާޒު (އަސްލު ނަމެއް ނޫން) ސްކޫލް ނިންމައިފައި އެއާޕޯޓްގެ ޓްރޭނީއެއްގެ ވަޒީފާއަށް ވަނީ 1976 ގައެވެ. އޭރު ވެސް ހުޅުލޭގައި އޮތީ 1966ގައި ހުޅުވުނު އެއާޕޯޓެވެ. ޓާރމިނަލް ބިލްޑިންގް ހުރީ ވަރަށް ކުޑަކޮށެވެ. ޗެކިން ހިނގަނީ އިމާރާތުގެ މަގަތުފަޅީގައެވެ. ބިއްދޮށު ފަރާތުގައި ހިނގަނީ އިދާރީ އޮފީސްތަކެވެ. އެއިގެ ތެރެއިން ކުޑަ އެއް އޮފީހަކީ އެއާޓްރެފިކް ކޮންޓްރޯލާ ބެހޭ ބަޔެވެ. އެ ދުވަސްވަރު އޭ.ޓީ.ސީ ޓަވަރެއް ނުހުރެއެވެ. ޓަވަރެއްގެ މަސައްކަތް ހިނގަނީ ކުޑަ ވޭނެއްގެ ތެރޭގައެވެ. އެވަރުން އޭރު ފުދެއެވެ. ޖައްސާ ބޯޓްފަހަރު މަދެވެ. ވީމާ ތަފާތު އުސްމިންތަކުގައި ފްލައިޓް ގެންގުޅޭކަށް ނުޖެހެއެވެ.

އެ ދުވަސްވަރު އެއާޕޯޓްގެ ހުރިހާ މުއައްޒިފުން ވެސް ސަޔަށާއި ކެއުމަށް ދާނީ ބީޗް ރެސްޓަށެވެ. އެއްރޭ 11 ޖަހާކަންހާއިރު ބީޗް ރެސްޓުން ކައިގެން މުއާޒު ދިޔައީ އޮފީހާ ދިމާޔަށެވެ. އޮފީސް އިމާރާތުގެ ކުރިމަތީގައި ބޮޑު ނިކަގަހެއް ހުރެއެވެ. ގަހުގެ ބުޑު ވަށައިގެން މީހުންނަށް ހިޔަލުގައި ތިބެވޭ ގޮތަށް އަށި ރާނައިފައި ހުރެއެވެ. މުއާޒު އެ ހިސާބާ ކައިރިވީއިރު އައްޓެއްގައި ކުއްޖަކު އިނެވެ. މުއާޒު އެތަނާ ކައިރިވާން ފެށީމާ އެ ކުއްޖާ ތެދުވެގެން ދުރަށް ހިނގައިގެންފިއެވެ. އެ ކުއްޖާ ހުރީ މުންޑެއް އަނދެގެންނެވެ. އެ ނޫނީ ހުސްގަޔާއެވެ. މުއާޒަށް ހީވީ އެއީ އެ ދުވަސްވަރު ހުޅުލެއަށް ގައު ނަގަން ގެނެސްފައި ތިބި އދ. މާމިގިލީ މީހުންގެ ކުއްޖެއް ކަމަށެވެ. ޔަޤީން ކޮށްލަން މުއާޒު އޭނާ ފަހަތުން ދާން ފެށީމާ އެ ކުއްޖާ ދުރަށް ދާން ފެށިއެވެ. ދެން މުއާޒު އޭނާއަށް ގޮވާލައިފާ ބުންޏެވެ. "ކޮއްކޯއެވެ. މިހާރު މާ ލަސް ވެއްޖެ ނޫން ހެއްޔެވެ. އަވަހަށް ގެއަށް ދާށެވެ."

އެ ކުއްޖާ އެއްވެސް ޖަވާބެއް ނުދީ ގެތައް ހުންނަ ކޮޅު ނޫން އަނެއް ކޮޅަށް ދާން ފަށައިފިއެވެ. މުއާޒު ތަންކޮޅެއް ބާރަށް ދާން ފެށީމާ އެ ކުއްޖާ ވެސް ބާރު ކޮށްލިއެވެ. މުއާޒު ދެން ދުއްވައިގެންފިއެވެ. އޭނާއަކީ ފުދޭ ވަރަށް މޮޅަށް ފުޓުބޯޅަ ކުޅޭ ކުއްޖަކަށް ވާތީވެ ވަރަށް ބާރަށް ދުވެވެއެވެ. އެކަމަކުވެސް ވަރުބަލީ ވީއިރު ވެސް އެ ސޮރު އަތެއް ނުވިއެވެ. އެންމެ ފަހުން ބާރަށް ގޮސް ގެއްލުނީއެވެ.

އަނެއް ދުވަހު ހެނދުނު މި ވާހަކަ ކިޔައިދިނީމާ ރައްޓެހީން ބުންޏެވެ. ރޭގަ ކަލޭ ތި ދުވީ ވަރަށް ރަނގަޅު އެއްޗެއްގެ ފަހަތުންނެވެ. އެއީ މި ރަށުގައި އުޅޭ ކުޑަ ސޮރެވެ. ކަލޭ ކައިނުލިކަން ނަސީބެއް ނޫންހެއްޔެވެ؟ ހުޅުލޭގައި އެ ދުވަސްވަރު އެހެން ބައެއް މީހުންނަށް ވެސް ކުޑަ ސޮރު ފެނިފައިވާ ކަމަށް ކިޔައެވެ. އެހެނަސް އެއިން އެއްވެސް މީހަކަށް އެ ސޮރު ގެއްލުމެއް ދީފައެއް ނެތެވެ.

ހުޅުލެއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން ޖިންނިއާއި ހަންޑި ފަދަ އެއްޗެތި ފެނިފައިވާ ކަމަށް ބުނެފައިވާ އެއް ރަށެވެ. މީގެ ސަބަބަކީ އެ ރަށުގެ މާހައުލަށް އައިސްފައިވާ އިންޤިލާބީ ބަދަލު ކަމަށް ވެދާނެއެވެ.

އެ ރަށަށް ޚާއްސަ ޖިންނި ތަކުގެ ތެރެއިން އެކައްޗަކީ މަތީގައި ބަޔާން ކޮށްފައިވާ ކުޑަ ސޮރެވެ. ހުޅުލޭގެ އެންމެ މަޝްހޫރު ޖިންނިއަކީ ހުޅުލޭ ބޮޑުމީހާއެވެ. ބޮޑު މީހާގެ އުނދަގޫ އެންމެ ބޮޑަށް ޖެހުނީ ހުޅުލޭގައި މަޖީދިއްޔާ ސްކޫލް ކުދިން ކެޑޭޓް ކޭމްޕް ބޭއްވި ދުވަސްވަރުގައެވެ. އެއް އަހަރެއްގައި ކޭމްޕަށް ދިޔަ ކުދިންނަށް ބޮޑު މީހާ ފެންނަން ފެށިއެވެ. ގިނައިން ފެނުނީ ވަކީން ޑިއުޓީ ޕޯސްޓްތަކުގައި ތިބޭ ކެޑޭޓުންނަށެވެ. އެ ކުދިންގެ ބަޑިތައް ވެސް ދަމައިގަނެ ހެދި ކަމަށް ބުނެ އުޅެއެވެ.

ބައެއް ކުދިން ހޭނެތި އިދިފުށަށް ދެމިއެވެ. އެ ކުދިން ޖެހުނީ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދާށެވެ. އޭރު ބޭސްކޮށްގެން އެ ކުދިން ރަނގަޅު ވިޔަސް މިހާރު ބޮޑުވެ 65 އަހަރުން މައްޗަށް ގޮސްފައި ވާއިރު ވެސް ދޭތެރެދޭތެރެއިން އެ މީހުންނަށް ބޮޑު މީހާގެ އުނދަގޫ ޖެހެއެވެ. އަދި ޚާއްސަކޮށް ހުޅުލެއަށް ދިޔައީމާ މައްސަލަ ޖެހެއެވެ.

ހުޅުލޭގައި އުޅުނު ދެ ޖިންނީން ފުދޭވަރަކަށް ތަފާތެވެ. ބޮޑު މީހާ އާދައިގެ އިންސާނަކަށް ވުރެ ބޮޑެވެ. އެ ފެނިފައި ވަނީ ކަޅު ހިޔަންޏެއްގެ ގޮތުގައެވެ. އެ އުޅޭ ކަމަށް ބެލެވެނީ ވަލުތެރޭގައެވެ. ބޮޑު މީހާގެ ފަރާތުން އިންސާނުންނަށް ވަރަށް ބޮޑު އަނިޔާ ލިބިފައި އެބަހުއްޓެވެ. ކުޑަ ސޮރު ފެނިފައި ވަނީ ހުސްގަޔާ، ހަމައެކަނި މުންޑެއް އަނދެގެން ހުންނަ 10 ނުވަތަ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ސިފައިގައެވެ. ކުޑަ ސޮރު މީހަކަށް އަނިޔާކުރި ކަމަކަށް ކިޔައި ނުއުޅެއެވެ.

މި ޖިންނީން ހުޅުލޭގައި އުޅުނު އިރު އޮތް ކަހަލަ ތިމާވެއްޓެއް މިހާރު އެ ރަށަކު ނެތެވެ. އެގޮތުން ވަލެއް ނެތެވެ. އަދި އަނދިރި ތަންތަނެއް ވެސް ނެތެވެ. މިހާރު ޖިންނީން ފެނުން މަދުވެފައި ވަނީ މި ސަބަބަށްޓަކައި ކަމަށް ވެދާނެއެވެ. މީގެ މާނައަކީ ކޮންމެހެން ޖިންނި ނެތެކޭ ނޫނެވެ.

ކަވަރ ފޮޓޯގައި: ހުޅުލެއަށް ފުރަތަމަ ޖެއްސި ރޯޔަލް ނިވްޒީލެންޑް އެއަރފޯރސްގެ މަތިންދާބޯޓް. ފޮޓޯ: ނެޝަނަލް އާކައިވް

ރިފެރެންސް

  1. އެމް.އޭ.ސީ.އެލް (2021) "ހިސްޓްރީ އޮފް އެމް.އޭ.ސީ.އެލް،" އެމް.އޭ.ސީ.އެލް.އެވްރޯ
  2. މުޙައްމަދު، ނަސީމާ (—-) "ރިބެލިއަން އޮފް ދަ ސަދާރން އެޓޯލްސް،" ނެޝަނަލް ސެންޓަރ ފޯރ ލިންގުއިސްޓިކް އެނޑް ހިސްޓޯރިކަލް ރިސާރޗް، އެން.ސީ.އެލް.އެޗް.އާރު.ކޮމް
  3. ނަން ހާމަކުރން ބޭނުން ނުވާ ފަރާތެއް (2021) "ހުޅުލޭ އެއާޕޯޓްގައި އަހަރެން ކުރި ތަޖުރިބާއެއް،" ފޯނުން ދިން އިންޓަވިއުއެއް