Support Us

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ (ވ)

ދެ ޤައުމުން ޝައުޤުވެރިކަން ހުރި ދާއިރާތަކުން ރައީސް ސޯލިހާއި ޗައިނާގެ ރައީސް މަޝްވަރާކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ފޯނުން ގުޅުއްވައި ދެ ޤައުމުގެ ޝައުޤުވެރިކަން ހުރި ދާއިރާތަކާ ބެހޭ ގޮތުންނާއި ކޮވިޑް-19ގެ ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީ.ޕީ.ސީ) އަށް މި ޖުލައި މަހުގެ ފުރަތަމަ ދުވަހު 100 އަހަރު ފުރުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ދަންނަވައިފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސީ.ޕީ.ސީއަކީ ހަމަހަމަކަމަށް ގޮވާލާ، ކާމިޔާބު އަދި ބައިނަލްއަޤުވާމީ ގޮތުން އޮންނަ ގުޅުން ވަރުގަދަވެފައިވާ ޕާޓިއަކަށްވެފައި ވަނީ ޝީ ޖިންޕިންގ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުންކަމުގައި ވިދާޅުވެފައެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން މުޅި ދުނިޔެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަށްވެސް މިދިޔަ މާރިޗު މަހު 200،000 ޑޯޒް ސިނޯފާމް ވެކްސިން ޗައިނާއިން ހަދިޔާ ކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭއިރު، މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި، ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއިއެކު މަސައްކަތްކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އާ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޗައިނާ އާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ފޯންކޯލުގައި ޗައިނާގެ ރައީސްވެސް ވަނީ ދެ ޤައުމުގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޗައިނާގެ ރައީސްވަނީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި ކައިރި މުސްތަޤްބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާކަން ފާހަގަކުރެއްވެވިއެވެ. އަދި، މީގެ އިތުރުންވެސް ޗައިނާއިން ރާއްޖެއަށް އެހީވެވެން ހުރި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާކަން އުފަލާއެކު ފާހަގަކުރެއްވެވިއެވެ. އެގޮތުން ޑެޕްޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީ.އެސް.އެސް.އައި) އަށް އެހީ ތެރިވެދިނުމަށް ނިންމަވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އެހީއަކަށް ވެގެންދިއުމަށްވެސް އުންމީދުކުރައްވާކަމުގައި ވެސއ ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރާއްޖެއާއެކު ކުޅިވަރުގެ ދާއިރާއިން ތަމްރީނުވާ މީހުން އިތުރުކުރުމަށާއި، ޗައިނާ ފަތުރުވެރިން ރާއްޖެއަށް ފޮނުވުމަށް ޗައިނާގެ ރައީސްވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިންވެސް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރައްވާ ދެ ޤައުމުގެ މެދުގައިވާ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދެވުމުގެ އަޒުމް އާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *