Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިބޫ އާއި ނަޝީދު- ވެރިކަން ހޯދުމުގެ މުޤާބަލާ

އެމް.ޑީ.ޕީގެ ޤައުމީ މަޖުލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހާ ފިކުރީ ގޮތުން ޚިޔާލް ތަފާތުވެފައިވާ ކަމަށާއި، ސިޔާސީ ގޮތުން ރައީސް ސޯލިހާ އެކު ހުރެވެން ދެން ނެތް ކަމަށެވެ. އަދި އެމްޑީ.ޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހުނަސް ތިމަން މަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށާއި، ރައީސް ޔާމީން ދީނީގޮތުން މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރައްވާނަމަ ރައީސް ޔާމީނުގެ ޕާޓީއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަޝީދުގެ މި މެސެޖު ކުޑަކޮށް ދިރާސާކޮށްލަމާ ހިންގަވާށެވެ. ފުރަތަމަ ޕޮއިންޓަކީ ރައީސް ސޯލިހާއި ނަޝީދާއި "ފިކުރީ ގޮތުން" ޚިޔާލް ތަފާތުވީ ވާހަކައެވެ. މެސެޖުގެ ފަހުބައިގައި ނަޝީދު އަލިއަޅުވާލައްވާފައި އެވަނީ އެވިދާޅުވާ "ފިކުރީ" ތަފާތުގެ ތަފްސީލަށެވެ. ޔާމީނާ ގުޅުމުގެ ޝަރުތަކަށް ނަޝީދު ވިދާޅުވެފައި އެއޮތީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތަށް ޔާމީނު ތާއީދު ކުރެއްވުމެވެ!

ރައީސް ނަޝީދަކީ އިސްލާމް ދީނާ އިދިކޮޅު ދިވެހި ޖަމްއިއްޔާ، އެމް.ޑީ.އެންގެ ދިފާއުގައި ފެށުނީއްސުރެ ވާހަކަ ދެއްކެވި ބޭފުޅެކެވެ. ނަފްރަތުގެ ބިލްގެ ދިފާއުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖުލީހުގައި ބައެއް މެމްބަރުން ޤުރުއާނުގެ އާޔަތް ވިދާޅުވެ ވާހަކަ ދެއްކެވުމުން ކޮންމެވެސް އުޒުރެއް ދައްކަވައި އެކަން ހުއްޓުވި ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ނަޝީދު ހުންނެވިއިރު ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަން ކުރަން ބޭރު މީހުން ގެންނަވަން އުޅުއްވި ބޭފުޅެކެވެ. އަދި، ނަޝީދުގެ ރައީސް ކަމުގެ ދައުރުގައި ހެންވޭރު އާޓިފިޝަލް ބީޗުގައި ވާހަކަ ދައްކަވަމުން، ވައްކަން ކުރީމަ އަތްކެނޑުމަކީ ދިވެހީން ބޭނުން ނޫން ކަމެއް ކަމަށާއި ތިމަންނާމެންނަކީ އުމުރުން ނުވަ އަހަރުގައި ކައިވެނި ނުކުރެވިގެން އުޅޭ ބައެއް ނޫންކަމަށް ވިދާޅުވެ ކީރިތި ރަސޫލާއަށް އަށް ހަޖޫ ޖެއްސެވި ރައީސެކެވެ.

ނަޝީދުގެ އަމަލުތައް މިގޮތަށް ހުރުމުން "ލާދީނީ"ގެ ޓެގު ނަޝީދުގެ ކަރުގައި އެޅުވުމުން ތިމަން މަނިކުފާނުގެ ނަޒަރުގައި ލާދީނީގެ މާނައަކީ "ސެކިއުލަރ" ވުން ކަމަށާއި އެމޭރުމުން ބަލާނަމަ ލާދީނީއޭ ކިއަސް މައްސަލައެއް ނެތް ކަމަށް ޚުދު ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދަކީ، ބިރަކާނުލާ މަޖާކުރުން، ބޯން ޖެހޭނެ، ފަދަ އިބާރާތްތައް ބޭނުން ކުރައްވައިގެން މަސްތުވާ ބާރުގަދަ ޑްރަގް ހުއްޓުވުމަށް ޓަކައި މަސްތުވާ ބާރުދަށް ތަކެތި ބުއިން، ޤާނޫނުން، ހުއްދަ ކުރެއްވުމަށް ބާރު އެޅުއްވި ބޭފުޅެކެވެ.

ނަޝީދު އެ ވިދާޅުވާ "ފިކުރީ" ޚިޔާލް ތަފާތުވުން ތަކަކީ ކޮބައިކަން، މަތީގައި އެވާ އިބާރާތްތައް ވިދާޅުވެލެއްވުމުން ވަރަށް ސާފުވާނެއެވެ. ސުވާލަކީ ރައީސް ޔާމީނާއި ޔާމީނުގެ ޕާޓީ އޮތީ ނަޝީދުގެ ތާއީދު ހޯދުމަށްޓަކައި އެފަދަ "ލާދީނީ" ފިކުރަކަށް ދީލާލަން ތައްޔާރަށްތޯއެވެ؟ މި ސުވާލުގެ ޖަވާބުގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ނަޝީދު އެދޭ ފަދަ "މެދުމިނުގެ" ދީނީ ސިޔާސަތަކަށް އިދިކޮޅުގެ ތާއީދެއް ނެތް ކަމަށާއި "ނަޝީދުގެ ފަހަތަށް ޕީ.ޕީ.އެމް ނާރާނެ" ކަމަށެވެ.

ނަޝީދުގެ ފަހަތަށް ޔާމީނު ނޭރުއްވިއަސް ޔާމީނުގެ ފަހަތަށް ނަޝީދު ނާރުއްވާނެ ކަމަކަށް އަބްދުއްރަޙީމް ވިދާޅެއްނުވެއެވެ! ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ އެކީ ވެވަޑައިގަންނަވަމުން ގެންދަވާ ސިއްރު އެއްބަސްވުންތަކާއި، ދިވެހި ޤައުމުގައި އިންޑިއާގެ ބާރު އިންތިހާއަށް ގަދަވެ، ޤައުމު އިންޑިއާއަށް އަޅުވެތިވާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އިދިކޮޅުގެ ގިނަ ރައްޔިތުން ގޮވަމުންދަނީ ރައީސް ސޯލިހުގެ ސަރުކާރު ބަދަލު ކުރުމަށެވެ. އެހެން ކަމުން ޤާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަދަލު ކުރުމަށްޓަކައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ނަޝީދުގެ އެހީ ސީދާކޮށްވިއަސް ނުވަތަ ނުސީދާކޮށް ވިއަސް ހޯދުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

ރައީސް ނަޝީދުގެ ސިޔާސީ ފަލްސަފާގެ ބިންގާ މިވަގުތު އޮތީ ދީނީގޮތުން "މެދުމިނުގެ" ސިޔާސަތު ގެނައުމަށާއި އިންޑިއާއާ އާދަޔާ ޚިލާފް ގުޅުމެއް އުފެއްދުމުގެ މައްޗަށެވެ. މި ދެ ކަމަކީވެސް އިދިކޮޅު ޕާޓީތަކުގެ އާއްމު ގިނަ މެމްބަރުން ދެކޮޅުހަދާ ދެ ސިޔާސަތެވެ. މިވަގުތު ރާއްޖޭގެ ސޯޝަލް މީޑިއާގައި އެންމެ މަޤްބޫލް މައުލޫ ނުވަތަ ހޭޝްޓެގަކީ "އިންޑިއާ އައުޓް" އާއި "ބޭން ސެކިއުލްރ ބިލް" އެވެ. މިއީ އިންޑިއާގެ އަޅުވެތިކަމަށް ދެކޮޅު ހެދުމަށާއި ލާދީނިއްޔަތަށް ދެކޮޅުހަދަން ދިވެހިން ބޭނުންކުރާ ދެ ހޭޝްޓެގެވެ. ދިވެހި ގިނަ ރައްޔިތުންގެ ފިކުރު މިފަދައިން ހުއްޓާ، މި ދެފިކުރާ ދިމާ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމުގައިވާ މުހައްމަދު ނަޝީދާ ގުޅިގެން ކުރާ ސިޔާސީ މަސައްކަތެއްގެ ނަތީޖާ ފޮނިވާނެ ކަމަކަށް ނުބެލެވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރަކީ އިންޑިއާ އަށް ޤައުމު އަޅުވެތި ކުރުމުގައި ނަޝީދަކަށް ވުރެ ވަކި ދެރަ ބައެއް ނޫނެވެ. ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަކީ އިންޑިއާ ކޮޅަށް އިންތިހާއަށް ބުރަވެފައިވާ ވެރިންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. މި ސަބަބަށްޓަކައި ދިވެހި ވަތަނީ ލޭހިނގާ ގިނަ ބަޔަކު މި ސަރުކާރާ ދެކޮޅެވެ. އަދި ހަމަ އެހެންމެ، ލާދީނީ ޓެގް އެޅުވިފައިވަނީ ނަޝީދުގެ ކަރުގައި ކަމަށް ވިއަސް، ބައެއް ދީނީ ޝޭހުންގެ ތާއީދާ އެކު ވެރިކަން ކުރާ ރައީސް ސޯލިގެ ސަރުކާރުވެސް އަމަލުން ފެންނަނީ ލާދީނީ ސިޔާސަތު ކުރިއަރުވާ ތަނެވެ. ލާދީނީ ނުވަތަ ނަފްރަތުގެ ބިލަކީ ސީދާ ސަރުކާރުން ހުށަހެޅި ބިލެކެވެ. އެމް.ޑީ.އެން އާއި އުތެމަ އަށް ފިޔަވަޅު ނާޅައި ދޫކޮށްގެން ތިބީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ. އެހެންކަމުން ނަޝީދާއި ސޯލިހާއި މައްސަލަ ޖެހިގެން އުޅެނީ ފިކުރީ ހިޔާލް ތަފާތުވުމުގެ ސަބަބުން ކަމަށް ޤަބޫލް ކުރަން ދައްޗެވެ. މިއީ ދެ ބޭފުޅުންވެސް ވެރިކަމުގެ ޖާހަތަށް އެއްފަހަރާ ބޭނުންފުޅުވުމުން ވެރިކަން ހޯދުމުގެ މުޤާބަލާގެ ދެބަސްވުމެކެވެ. ނަޝީދަކީވެސް އަދި އެމް.ޑީ.ޕީގެ މި ސަރުކާރަކީ ވެސް އަމަލަށް ބަލާއިރު ލާދީނީ އަދި އިންޑިއާއަށް ޤައުމު ވިއްކާ ދެފަރާތެވެ. ވީމާ 2023 އަށް ދިވެހިން އުފުލަން ޖެހޭ ހަތަރު ޝިއާރަކީ އިންޑިއާ އައުޓް، ނަޝީދު އައުޓް، އެމް.ޑީ.ޕީ އައުޓް، އަދި އިބޫވެސް އައުޓް، މި ހަތަރު ޝިއާރެވެ! މިނޫން ފޯމިއުލާ އަކުން ދިވެހީންގެ ޤައުމާއި ދިވެހީންގެ ދީނުގައި އެމް.ޑީ.ޕީ އާއި އިންޑިއާއިން އަޅުވާފައިވާ ކަސްތޮޅުން ސަލާމަތްވުމެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
6

6 Responses

  1. ހަތަރު ޝިޢާރަކުން އެކަނި 2023 ގައި ނުފުދޭ. ވަ އްކަމާ އަނިޔާވެސް ބޭނުމެއް ނޫން. ޕީޕީ އެމް އައުޓް. ޔާމީނު އައުޓް ވެސް ހިމަނަންޖެހޭ

    1. އެހެންވީއިރު މުޅި ޤައުމު ރަސްމީ ކޮރަޕްޝަނާއި ވައްކަމުގެ ހާއްޔަކަށް ހަދައި، ޔާމީނަށް ނުހައްގުން ޣައްދާރަކު ލައްވައި ހުކުމެކޭ ކިޔައިފައި ބަޔާނެއް ނެރެގެން އަނިޔާކުރާއިރު އަތްތިލަބަޑިޖަހަޖަހައި ތިބާ ސަރުކާރުން ނުހައްގުން މުސާރަ ކައިކައި ތިޔަ ހުންނަނީ ކީއްވެހެއްޔެވެ؟ އެމްޑީޕީ ވެރިކަމަށް އައުމުގެ އެއް ބޭނުމަކީ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ދައުލަތުން ވައްކަންކޮށް ކޮރަޕްޝަންގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދާންކަން އެނގޭއިރު، އެކަމާ ރުހިގެން މައުމޫނާއި ޢިމްރާނާއި ގާސިމް ވެސް އެ ތިބެނީ އެ މީހުންނަށް ވެސް ބައި އެޅޭތީ ނޫންހެއްޔެވެ؟ އަނގަ އޮތިއްޔާ އެއްޗެއް ކީދާނެއެވެ.

  2. މިހާރު ނަސީދު ކުޅުއްވާން އެ އުޅުއްވާ ރޯލަކީ ސާލިހްއާ ނަސީދު ހިޔާލު ތަފާތު ވުމެއް ނޫން. އެކަން އެގެނީ ނަސީދު ހުށަހެޅުއްވެވި ހުށަހެޅުމުން. ފުރަތަމަ ކަމަކީ އިންޑިޔާ އައުޓް ގޮވުން ހުއްޓުވުން، މިކަމަކީ ނަސީދު ވެސް ސާލިހް ވެސް ބޭނުންވާ ކަމެއް. މިކަން ގަބޫލު ނުކުރާ ބަޔަކީ ޔާމީނުއާއި ޔާމީނުގެ ބައިވެރިން. ދެން އޮތީ ލާދީނީ ބިލް ފާސްކުރުން މިކަންމަށް ސާލިހް ވެސް ނަސީދު ވެސް ތާއީދު ކުރޭ. ފާސްނުވެގެން މިއުލެނީ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އިދިކޮޅު މެމްބަރުން އެކުވެ ބިލަށް ނޫނެކޭ ބުނާތީ. މިހާރު ނަސީދުގެ ރޭވުމުގަ އޮތީ އެމްޑީޕީ މެމްބަރުންގެ ތާއީދާއި ނުލާ އިދިކޮޅު ތާއީދުގެ އެބިލް ފާސްކުރެވޭނެގޮތް ވޭތޯ ބެލުން. ޔާމީނަށް އިހްލާސްތެރިވުމުގެ ކަމެއް އޭގެތެރެއަކު ނެތް. ތިންވަނަ ކަމަކީ މިޔުޒިކާއި އަދި އެނޫންވެސް އިސްލާމީ އުސޫލުން ފާފަވެރިވާ ކަންކަން ހުއްދަކޮށް އިދިކޮޅު އެކަމަށް ތާއިދު ކުރުން. މިކަމަކީ ނަސިދު ވެސް ސާލިހް ވެސް ތާއީދު ކުރާ ކަންކަން. 4 ވަނަ ކަމެއް ފޮރުވިފާވޭ. އެކަމަކީ ނިޒާމް ބަދަލުކުރުމުގާ އިދިކޮޅުގެ ވޯޓް ހޯދުން އިދިކޮޅާއި އަދި އެމްޑީޕީ ކޯލިސަނުގެ ވޯޓް ނުލިބި ނިޒާމް އެމްޑީޕީއަށް ފާސްވާކަށް ނެތް. މިކަމަކިީ ނަސީދު ވެސް ސާލިހު ވެސް ކުރަން ބޭނުންވާ ކަމެއް. ހަގީގަތަކި ނަސީދުގެ މި ރޭވުމަކީ ރައްޔިތުންގެ ކުރިމަތީގަ މިހާރުގެ އިދިކޮޅުގެ އަގު ވައްޓާލުން.

  3. ރައީސް ޔާމީންގެ މުޅި ޢުމުރުފުޅު އެމްޑީޕީގެ އަނިޔާޥެރިކަމުގައި ހޭދަކުރައްވާން ޖެހިވަޑައިގަތަސް މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިޤައުމުގެ އިސްތިޤުލާލާއި ސިޔާދަތާއި މިނިވަންކަން ޤުރުބާނެއް ނުކުރައްވާނެއެވެ. ރައީސް ޔާމީނަކީ މިކަންކަން ޤުރުބާން ކުރައްވައިފައި ވެރިކަން ހޯއްދަވާނެ ބޭފުޅެއް ނޫނެވެ. ބުޝްރީ ވެސް ޔާމީނާ ޒާތީ ޙަސަދައެއް އޮންނަ ކަމަށް އޭނާގެ ހުރިހާ ލިޔުންތަކަކުން ވެސް ދޭހަވެއެވެ. އެހެން ނޫންނަމަ، ޔާމީން އެކި ފޯރަމްތަކުގައި އެންމެ ގަދައަށް ވިދާޅުވާ އެއްވެސް ވާހަކައެއް ގެންނެވީހެވެ. ރައީސް ނަޝީދާ ގުޅިގެން މަސައްކަތްކުރުމާއި އެމްޑީޕީއާ ކޯލިޝަން ހެދުމަކީ ޔާމީން ނުކުރައްވާނެ އަނެއް ކަމެވެ. އެމްޑީޕީއާއި ޕީޕީއެމަކީ އިދިކޮޅު ދެ ފިކުރެކެވެ. އެމްޑީޕީއަކީ ލިބަރަލް ޕާޓީއެއް ކަމަށްވާއިރު ޕީޕީއެމަކީ ކޮންޒަވެޓިވް ޕާޓީއެކެވެ. ވީމާ، މައުމޫނާއި ޤާސިމާއި ޢިމްރާނު އެ މީހުންގެ ޖާހަށް ޓަކައި މަޤާމަށް ޓަކައި ދީނާއި ޤާއުމު ޤުރުބާން ކުރެއްވިޔަސް ޔާމީން އެކަން ނުކުރައްވާނެއެވެ.
    ނަޝީދާއި އިބްރާހީމް މުޙަންމަދު ޞާލިޙާ ދެމެދު އަދިވެސް އެއްވެސް މައްސަލައެއް ނެތެވެ. ނަޝީދު އެދައްކާ ވާހަކަފުޅަކީ އިބޫޞާލިޙުގެ ރުހުމާއއެކީ ދައްކަވާ ވާޙަކަތަކެކެވެ. އެއީ ލާދީނީ ބިލާއި އިންޑިއާއަށް ރާއްޖެ ވިއްކައިލުމާއި ބަރުލަމާނީއަށް ރާއްޖެ އަނބުރައިލުމަށް ޓަކައި ހަދާ މަކަރެކެވެ. ދަމާ ގުއިރޯނެކެވެ. މި ގުއިރޯނުގައި ޔާމީނު ޖެހިވަޑައެއް ނުގަންނަވާނެއެވެ. މިކަންކަމަކީ ދުވަހަކުވެސް ނަޝީދާއި އިބޫ ޞާލިޙާ ދެމެދު ޚިޔާޅު ތަފާޓުވާނެ މައްސަލަތަކެއް ނޫނެވެ. އެމްޑީޕީ ވެރިކަމަށް އައީ ތިން މަޤްޞަދަކަށް ޓަކައެވެ. ވެރިކަމުގައި ތިބެގެން ނެގުނުހާ ނާޖާއިޒު ފައިދާއެއް ނެގުމާއި ލާދީނިއްޔަތަށް ރާއްޖެ އަނބުރައިލުމާއި އިންޑިއާއަށް ރާއްޖެ އަޅުވެތިކޮށްދީގެން އެ ދެ މީހުންނަށް މާލީ ފައިދާ ހޯދުމެވެ. މި ކަމުގައި އެންމެ ފަހުގެ އަމާޒަކީ ކޮންމެ ގޮތަކުން ނަމަވެސް މި ރާއްޖެ ސެކިޔުލާރ ކޮށްފި ނަމަ، ނަޝީދާއި އިބޫއަށް ނޯބެލް އިނާމު ލިބޭނެކަން އޮތީ އެ ދެ ބޭފުޅުންނަށް އީޔޫއިން ޔަގީންކަން ދީފައެވެ. ބުޝްރީމެންގެ ވިސްނުން އަދި މާ ތިލައެވެ. ނަމަވެސް ލިޔާ ގިނަ ލިޔުންތަކުގެ އޮއްޓަރު ހުރެއެވެ. ނަމަވެސް ޔާމީނާ ހިތްނުބައިކަން ވެސް އެނގެއެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ ޔާމީނަކީ ދިވެހި ޤައުމު ސިންގަޕޫރު ފެންވަރަށް ފުދުންތެރިކަމާއެކު ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ހަމައެކަނި ލީޑަރެވެ.

  4. ތިޔަ ބޭފުޅުން ދެނެވަޑައިގަންނަވާށެވެ! ނަޝީދަކީ އެކްޓިވިސްޓެކެވެ. އިބޫޞާލިޙަކީ އޭނާގެ މިތުރެވެ. އެ ދެ ބޭފުޅުންގެ އަމާޒަކީ އެއް އަމާޒެކޭ، އިބޫ ސާލިޙުގެ ދޫފުޅުން ލައިވްއެއްގައި ވިދާޅުވި އަޑުއެހީމެވެ. ވީމާ، އެ ދެބޭފުޅުންގެ ނިޔަތާއި އަމާޒު ކަސިޔާރެއް ނުވެއެވެ. މިކަމުގެ އެންމެ އަލިގަދަ ހެތްކަކީ ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް ކޮންމެ ގޮތަކަށް އޮތަސް އެއްވެސް އިޢުތިރާޒެއް ނުކޮށް ފާސްކޮށްލާކަމެެވެ. މިހާރު ސަރުކާރުން ހުށަހަޅައިފައިވާ ބިލާމެދު ރައްޔިތުންގެ ޚިޔާލު މިހާ ބޮޑަށް ތަފާތުވެފައިވާ އިރު ވެސް އެ ބިލު އަނބުރައި ނެގުމަކީ އެއީ ނުކުރާނެ ކަމެކެވެ. އަދި އެ ބިލު ފާސްވެސް ކުރާނެއެވެ. މަޖިލީހުން ފާސްކޮށްފި ކޮންމެ ބިލެއް އެއްވެސް އިޢުތިރާޒެއް ނެތި، ފާސްކުރި ގޮތަކަށް ސޮއިކޮށްލައި ތަޞްދީޤުކޮށްލާނެއެވެ. އެހެންވީމާ މި ހުރިހާ ކަމަކީ ގުޅިގެން ކުރައްވާ ކަންތަކެވެ. އޮޅެނީ އަޅުގަނޑުމެންނަށެވެ. އެ ދެ ބޭފުޅުންގެ އަމާޒު ކަސިޔާރެއް ނުވެއެވެ. އަނގަގަދަ މިތުރުގެ ވާޙަކަތަކަކީ ވެރިޔާގެ ރުހުމާއެކު ކުޅޭ ޑްރާމާއެވެ. މިކަމަށް ރައްޔިތުން ހޭއަރައިގެން ނޫނީ ސަލާމަތެއް ނެތެވެ.

  5. އޮޅިގެން އުޅުއްވަނީ މައުމޫނާއި ގާސިމާއި އިމްރާނަށެވެ! ނަޝީދާއި އިބޫ ޞާލިޙަށް އެ ބޭފުޅުންގެ ޓާސްކެއް އޮޅިވަޑައެއް ނުގަންނަވައެވެ. އެ ބޭފުޅުން އެ ގެންދަވަނީ ފަހަރަކު ޑްރާމާއެއް ކުޅުއްވަމުން އެހެންމީހުން ގުއި ރޯނުގައި ޖައްސަމުންނެވެ. ފައިސާ ނޫޓެއްގެ ދެފުށް ވަކި ނުކުރެވޭހާ ހިނދަކު މި ދެ ބޭފުޅުންގެ ވަކިވުމެއް ނެތެވެ. އިބޫއަށް ރައީސްކަމެވެ. ނަޝީދަށް ބޮޑުވަޒީރުކަމެވެ. އިންޑިއާގެ ގޮނޑިކޮއްކަޮ ސަރުކާރެވެ. ސެކިޔުލާރ ދިވެހި ރާއްޖެއެވެ. އޭގެ ފަހުން ރާއްޖޭގައި ހުރިހާ ދީންތަކެއް ތަޢާރަފު ކުރީތީ ނޯބެލް އިނާމެވެ. އަމާޒަކީ އެއް އަމާޒެކޭ އެ ވިދާޅުވަނީ އެ ވާހަކަފުޅަށެވެ! ރައްޔިތުން ހޭވެރިވާކަށް އަދިވެސް ނުވޭބާވައެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *