...

Support Us

ކޮޕާއެމޭރިކާ2021: މޮޅަށް ކުޅުނު ބްރެޒިލް ބަލިކޮށް އާޖެންޓީނާ ތަށި ކާމިޔާބުކޮށްފި

ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރާ ދެ ޓީމުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކޮށް 1-0ގެ ނަތީޖާއަކުން މޮޅުވެ ކޮޕާއެމެރިކާ2021ގެ ތަށި އާޖެންޓީނާއިން މިއަދު ކާމިޔާބުކޮށްފިއެވެ. މިއީ 28 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އާރޖެންޓީނާއިން މި ތަށި ހޯދި ފުރަތަޖަ ފަހަރެވެ.

މެޗުގެ 60 އިންސައްތަ ބްރެޒިލުން ކޮންޓްރޯލްކުރި އިރު، 13 ޙަމަލާއެއް ވެސް އެ މީހުން ވަނީ ގޯލަށް ފޮނުވައިލައިފައެވެ. އޭގެ ތެރެއިން ދެ ބޯޅައެއް ގޯލާ އަމާޒުވި ނަމަވެސް އެއްވެސް ބޯޅައެއް ލަނޑަކަށް ބަދަލުކޮށެއް ނުލެވުނެވެ. އަނެއްކޮޅުން އާޖެންޓީނާއަށް، ބްރެޒީލްގެ ދިފާޢީ ކުޅުންތެރީންގެ އަތުން ސަލާމަތްވެގެން ގޯލާ ދިމާއަށް ފޮނުވައިލެވުނީ ވެސް ހަ ބޯޅައެކެވެ. އޭގެ ތެރެއިން ދެ ބޯޅަ ގޯލާ އަމާޒުވި ނަމަވެސް ލަނޑަކަށް ބަދަލުކޮށްލެވުނީ ފުރަތަމަ ހާފުގެ 22 ވަނަ މިނިޓްގައި އެންޖެލް ޑި މާރިއާ ފޮނުވައިލި ބޯޅަ އެކަންޏެވެ. މި ބޯޅައަކީ ރޮޑްރިގޯ ޑި ޕޯލް ފަހިކޮށްދިން ފުރުޞަތަކުން ލިބުނު ބޯޅައެކެވެ.

ބްރެޒިލްގެ މަރަޗާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ފަސް ރީނދޫ ކާޑު އާޖެންޓީނާއަށް ދައްކައިފައި ވިޔަސް ބްރެޒިލަށް ދައްކައިފައިވަނީ ތިން ރީނދޫކާޑެވެ.

މި ދެ ޓީމުގެ ގްރޫޕް ސްޓޭޖްގެ ކުޅުމަށް ބަލާއިރު އޭ ގްރޫޕުން 10 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ. ބީ ގްރޫޕުން ބްރެޒިލް ވެސް އެއް ވަނަ ހޯދީ 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމު ވެސް ފައިނަލަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެއެވެ.

ކުއާރޓަރ ފައިނަލްގައި އާޖެންޓީނާއާ ކުޅެގެން ސެމީފައިނަލަށް އައީ އީކުއޭޑޯރ އާ ބައްދަލުކޮށް 3-0ން މޮޅުވެގެންނެވެ. ބްރެޒިލް ސެމީއަށް ދަތުރުކުރީ ކުއާރޓަރފައިނަލުގައި ޗިލީއާ ބައްދަލުކޮށް 1-0ން މޮޅުވެގެންނެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި އަދި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އާޖެންޓީނާގެ ލިއޮނަލް މެސީއެވެ. މިއީ މެސީއަށް ޙާޞިލުކުރެވުނު އެންމެ ބޮޑު ޝަރަފު ވެސް މެއެވެ.

އަމިއްލަ ފަސްގަނޑުގައި މޮޅަށް ކުޅެ މި މެޗް ބްރެޒިލަށް ނާކާމިޔާބުވުމަކީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ. މިކަމުން ކުރި އަސަރެއްގެ ބޮޑުކަމުން ނޭމާރ އަޑުން އަޑުނަގައި ރުއި މަންޒަރު ވެސް ފެނުނެވެ. އޭނާއަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ޓަކައި މެސީ އޭނާއާ ބައްދަލުކޮށް ހަމްދަރުދީ ފާޅުކުރި މަންޒަރުވެސް ފެނުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *