Support Us

ޔޫރޯ2020: ޕެނެލްޓީ ޖަހައިގެން ސްޕޭން ސެމީއަށް

ޔޫރޯ2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ސްޕޭނާއި ސްވިޒަރލޭންޑް ބައްދަލުކުރި މެޗު، ޕެނަލްޓީ ޖަހައިގެން 1-3ގެ ނަތީޖާއަކުން މޮޅުވެގެން ސެމީ ފައިނަލުން ސްޕޭން ޖާގަ ހޯދައިފިއެވެ.

ރޫސީވިލާތުގެ ސެއިންޓް ޕީޓާރސްބާރގް ސްޓޭޑިއަމްގައި މިރޭ (މާލެ ގަޑީން) 9:00ގައި ކުޅުނު މެޗްގެ ފުރަތަމަ ހާފުގެ 8 ވަނަ މިނިޓްގައި 18 ނަންބަރު ޖޯޑީ އަލްބާ ލަނޑެއް ކާމިޔާބުކޮށް ސްޕޭނުން ލީޑް ނެގިއެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ސްވިސް ޓީމުގެ ބްރީލް އެމްބޯލޯއަށް ލިބުނު ހާނިއްކައެއްގެ ސަބަބުން އޭނާ ބަދަލުކޮށް އޭނާގެ ބަދަލުގައި ރުބެން ވަރގާސް 23 ވަނަ މިނިޓްގައި ކުޅޭން ނުކުތެވެ. ފުރަތަމަ ހާފު ނިމުނީ 1-0ގެ ލީޑެއްގައި ސްޕޭން އޮވެގެންނެވެ.

ފުރަތަމަ ހާފުގެ ކުޅުމަށް ބަލާއިރު، މުޅި މެޗްގެ 71 އިންސައްތަ ކުޅުން ކޮންޓްރޯލް ކުރީ ވެސް ސްޕޭން ޓީމުންނެވެ. މި ހާފުގައި ސްވިޒަރލޭންޑުން ލަނޑު ޖަހާން ހަތަރު ބޯޅައެއް ފޮނުވައިލިޔަސް އެއިން އެއްވެސް ބޯޅައެއް ގޯލާ އަމާޒުކުރެވިފައެއް ނެތެވެ. ނަމަވެސް ސްޕޭނުން ފޮނުވައިލި ތިން ބޯޅައިން ދެ ބޯޅަ ގޯލާ އަމާޒުކޮށް އެއް ބޯޅަ ލަނޑަކަށް ބަދަލުކޮށްލިއެވެ. ސްޕޭންގެ ހަތަރު ފައުލެއް، އިނގިރޭސި ރެފްރީ މައިކަލް އޮލިވަރ ފާހަގަކޮށްފައިވާއިރު ސްވިސް ޓީމުން ފާހަގަކުރެވުނީ ތިން ފައުލެކެވެ. ސްވިސް ޓީމަށް ހަތަރު ކޯނަރެއް ލިބުނަސް ސްޕޭނަށް ލިބުނީ ތިން ކޯނަރެކެވެ. ސްޕޭނުން ޖެހި ލަނޑަކީ ވެސް ލިބުނު ކޯނަރަކުން ގޯލްކުރިމަތި ސާފުކޮށް ނުލެވިގެން އުޅެނިކޮށް ގޯލަށް ފޮނުވައިލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް ފުރަތަމަ 45 މިނިޓްގެ ފަހު ކޮޅު ސްޕޭނުން ވެސް ބެލީ ލަނޑެއް ޖެހުމަށް ވުރެ ބޮޑަށް އެ ނަތީޖާގައި އޮވެ މެދަށް ހުއްޓައިލެވޭތޯއެވެ.

ދެވަނަ ހާފު ފަށައިގެން ސްވިޒަރލޭންޑުން ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މި މަސައްކަތުގެ ތެރެއިން މެޗްގެ 52 ވަނަ މިނިޓްގައި އެ ޓީމަށް ކޯނަރެއް ވެސް ލިބުނެވެ. ނަމަވެސް ފޮނުވައިލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އަދި 56 ވަނަ މިނިޓްގައި ލިބުނު ކޯނަރުން ފޮނުވައިލި ބޯޅަ ވެސް ގޯލާ އަމާޒެއް ނުވިއެވެ.

މި ހާފުގައި ސްޕޭންގެ ކުޅުން ފެނުނީ ތަންކޮޅެއް ދަށްކޮށެވެ. މި ހާފު ފަށައިގަތްތާ ކުރީކޮޅު އެ މީހުންނަށް މެޗްގައި ކުރެވުނީ 69 އިންސައްތަ އެވެ. ނަމަވެސް ހާފުގެ ކުރީކޮޅު ދެ ބަދަލެއްވެސް ސްޕޭން ޓީމުން ގެނައެވެ. ޕަބްލޯ ސަރަބިއާގެ ބަދަލުގައި ޑާނީ އޮލްމޯއާއި އަލްވާރޯ މޮރާޓާގެ ބަދަލުގައި ގެރާޑް މެރޭނޯ ކުޅޭން ނުކުތެވެ.

މެޗްގެ 59 ވަނަ މިނިޓްގައި ސްޕޭނަށް އިތުރު ލަނޑެއް ޖަހާނޭ ފުރުޞަތެއް ލިބުނެވެ. ނަމަވެސް ފެރަން ޓޮރޭސްއަށް އެ ބޯޅަ މާ ރަނގަޅަށް ޖެހޭ ގޮތް ނުވުމުގެ ސަބަބުން ގޯލަށް އަމާޒެއް ނުކުރެވުނެވެ. މެޗްގެ 65 ވަނަ މިނިޓްގައި ސްވިޒަރލޭންޑަށް ވެސް ވަރަށް ފަހި ފުރުޞަތެއް ލިބުނެވެ. ނަމަވެސް ފޮނުވައިލި ބޯޅަ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރުވީއެވެ.

ނަމަވެސް ހިތްވަރު ދެރަނުކޮށް އެ މީހުން ކުރި މަސައްކަތުން މެޗްގެ 68 ވަނަ މިނިޓްގައި ސްވިޒަރލޭންޑްގެ ރީމޯ ފްރެއިލާރ ފަހިކޮށްދިން ބޯޅައެއް ގޯލަށް ފޮނުވައިލައިގެން ޒަރްދާން ޝަޤިރީ، އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. މި ނަތީޖާއާއެކު ސްވިޑްންގެ ކުޅުން އިތުރަށް ރަނގަޅުވެ ސްޕޭންގެ ކުޅުން އިހުނަށްވުރެ ދަށްވިކަން ފާހަގަވިއެވެ. ނަމަވެސް އެ މީހުން ވެސް ހިތްވަރު ދެރަނުކޮށް ކުރި މަސައްކަތުން ގޯލަށް ބޯޅައެއް ފޮނުވައިލިއެވެ. ނަމަވެސް ދެ ހަމަލާއިން ވެސް ލަނޑެއް ކާމިޔާބުކުރެވެ ގޮތެއް ނުވިއެވެ.

މެޗްގެ 77 ވަނަ މިނިޓްގައި ސްވިސް ޓީމުގެ ރީމޯ ފްރެއިލާރ ކުރި ފައުލަކަށް ރަތްކާޑް ދައްކައި ދަނޑުން ފޮނުވައިލިއެވެ. އޭނާއަކީ އެ ޓީމުން ޖެހި ލަނޑު ކާމިޔާބުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. މި ހިތަމައާއެކު އެ ޓީމަށް ލަނޑު ޖަހައިދިން ޒަރްދާން ޝަޤިރީ ބޭލުމަށް ފަހު ބަދަލުގައި ޑިޖިބްރިލް ސްނޯއާއި ހާރިސް ފެފްރޮވިޗްގެ ބަދަލުގައި މާރިއޯ ގަވްރޮނޯވިޗް ސްވިޒަރލޭންޑުން ކުޅޭން އެރުވިއެވެ.

މެޗްގެ މިހާ ހިސާބަށް އައި އިރު ދެ ޓީމުން ވެސް އިތުރު ލަނޑެއް ޖަހައި ލީޑް ނެގޭތޯ މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް މެޗްގެ 90 މިނިޓާއި އިތުރަށް ދިން ހަތަރު މިނިޓްގެ ތެރޭގައި ވެސް ދެ ޓީމުން އެއް ޓީމަކަށް ވެސް އިތުރު ލަނޑެއް ކާމިޔާބުކުރެވޭނެ ގޮތެއް ފައްސެއް ނުވިއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޓަކައި ކުޅުނު 15 މިނިޓްގެ ފުރަތަމަ ހާފުގައި ސްވިޒަރލޭންޑު ކުޅުނު ކުޅުމަށް ބަލާއިރު ލަނޑެއް ޖެހުމަށް ވުރެ ބޮޑަށް ބެލީ ގޯލު ދިފާޢުކޮށް ޕެނަލްޓީއަށް ދެވޭތޯ ކަމަށް ބެލެވުނެވެ. ސްޕޭނުން ލަނޑު ޖަހާން ކުރާ މަސައްކަތުން އަތުލެވޭ ބޯޅަތައް އަތިލައިގެން ގެންދެވޭތޯ ސްވިޒަރލޭންޑުން ވެސް މަސައްކަތްކުރިއެވެ. އަދި ސްޕޭނުން އިތުރު ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދިޔަތަން ވެސް ފެނުނެވެ. ފުލުފުލުގައި ސްވިޒަރލޭންޑްގެ ގޯލަށް ހަމަލާތައް ފޮނުވަމުން ގެންދިޔައެވެ. ނަމަވެސް ސްވިސް ގޯލްކީޕަރުގެ އަތްދަށުން ސަލާމަތްވެގެން އެއްވެސް ބޯޅަކަށް ނުދެވުނެވެ. އެހެންކަމުން ފުރަތަމަ ފަނަރަ މިނިޓް ނިމުނީ ވެސް ނަތީޖާއެއް ނުނެރެވިއެވެ. ނަމަވެސް މި ހާފުގައި ސްވިސް ޓީމުން ދެ ބަދަލަކާއި ސްޕޭންގެ އެއް ބަދަލެއް ވެސް ފެނުނެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ވެސް ސްޕޭނުގެ ކުޅުން މާ ބޮޑަށް ވެސް ރަނގަޅުކުރިއެވެ. އަބަދު ވެސް އޮންނަނީ ގޯލްކީޕަރަށް ބާރުބޮޑުކޮށްފައެވެ. ނަމަވެސް މުޅި ޓީމު ގޯލު ދިފާޢުކުރާން ތިބުމާއި ގޯލު ކީޕަރު ޔާން ސޮމާރގެ ހުޝިޔާރުކަމުން ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ސްވިޒަރލޭންޑްގެ ގޯލްކީޕަރަށް ތަޢުރީފް ޙައްޤެވެ. އެކަކު މަދުން ކުޅެ 1-1 ގައި ހިފަހައްޓައިލެވުނީ ޔާން ސޮމާރގެ ހުޝިޔާރުކަމުންނެވެ.

އިތުރު ދެ ހާފު ކުޅެގެން ވެސް ނަތީޖާއެއް ނުނެރެވުމުން ގަވާއިދުގައިވާ ގޮތުގެ މަތީން ސެމީފައިނަލަށް ގެންދާނެ ބަޔަކު ހޮވުމަށް ޓަކައި ދެން ޖެހުނީ ޕެނެލްޓީ ޖަހާށެވެ. ސްޕޭނުން ޖެހި ފަސް ޕެނެލްޓީގެ ތެރެއިން ފުރަތަމަ ބޯޅަ ގޯލު ދަނޑިއާ އަމާޒުވުމުގެ ސަބަބުން އެއް ބޯޅަ ގެއްލުނެވެ. އަދި ދެވަނަ ބޯޅަ ވަން ކަމަށް ވިޔަސް ތިންވަނަ ބޯޅަ މަތަކުރީއެވެ. ދެ ޓީމުން ވެސް ފެނަލްޓީތަކެއް ގޯލާ އަމާޒުނުވެ ދިޔުމާއި ކީޕަރު މަތަކުރުމާއެކު މޮޅުވާނީ ކޮން ބަޔެއް ކަމާމެދު ނޭވާ ހިފަހައްޓައިލައިގެން ތިއްބައި 3-1 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ ސްޕޭނުންނެވެ. ނަސީބު އެމީހުންނާ އެހީވީއްޔޭ ނޫން އެއްޗެއް ދެންނެވޭކަށް ނެތެވެ.

ދެ ޓީމުގެ ކުޅުންތެރީންނަށް ބަލާއިރު ދެ ޓީމުގެ ވެސް އެވްރެޖް އުމުރަކީ 26 އަހަރެވެ. އިސްކޮޅަކީ ވެސް ވަރަށް ހަމަހަމަ އިސްކޮޅެކެވެ. ސްޕޭން ކުޅުންތެރީންގެ އިސްކޮޅަކީ 182.9 ސެންޓިމީޓަރު ކަމަށްވާއިރު ސްއިޒަރލޭންޑް ކުޅުންތެރީންގެ އިސްކޮޅަކީ 183.6 ސެންޓިމީޓަރެވެ.
ނުއެފާ ނޭޝަންސް ލީގުގައި މި ދިޔަ އަހަރު މި ދެ ޓީމު ބައްދަލުކުރި ދެ މެދުންކުރެ އެއްމެޗުން ސްޕޭން 1-0 ން މޮޅުވެފައިވާ އިރު އަނެއް މެޗުން ވަނީ 1-1ން ދެ ޓީމު އެއްވަރު ވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *