Support Us

ލަފްޒެއްގެ މާނައާއި އެއާ ގުޅޭ ވާހަކައެއް

މިއަދު އެ ލަފްޒުގެ މާނައިގެ މައްޗަށް ބަލައިލަން ބޭނުންވާ ލަފްޒަކީ 'ޗުޓްޒްޕާ' މި ލަފްޒެވެ. މި ލަފްޒު މިހާރު އިނގިރޭސި ބަހުގައި ބޭނުން ކުރެވެނީ ކަންކަން ކުރުމުގައި، އެއީ ރަނގަޅު ކަމެއް ކަމަށް ވިޔަސް ނޫނީ ނުރަނގަޅު ކަމެއް ކަމަށް ވިޔަސް، ޖެހިލުންކުޑަވެ، އެކަމުގައި ހައްދު ފަހަނައަޅައި ދިޔުމުގެ މާނާއިގައެވެ.

މި ލަފްޒުގެ އަސްލު ގުޅެނީ އިބްރީ ނޫނީ އަރަމައިކް ބަހުގެ ހޮއެސޭޕާއާއެވެ. މި އަސްލުން ނެގި، ޔިޑިޝް ބަހުން، 'ހުސްޕާ’އޭ ކިޔުނެވެ. 'ޗުޓްޒްޕާ' އިނގިރޭސި ބަހަށް އައީ ޔިޑިޝްގެ 'ހުސްޕާ' އިންނެވެ.

ޔިޑިޝް ބަހުގެ ހުސްޕާ ބޭނުން ކުރެވެނީ ނުރަނގަޅު މާނައެއްގައެވެ. ކަންކަން ކުރުމުގައި ނުރަނގަޅު ގޮތެއްގައި ހިއްވަރާއި ކެރުން ބޭނުން ކުރުމަށެވެ. މިސާލަކަށް، މީހަކު އޭނާގެ މައިންބަފައިން މަރާލުމަށް ފަހު، ކޯޓުގައި، ރޮއިފައި ޔަތީމަކަށްވާތީ ގާޒީ އަރިހުން އޭނާއަށް މާފުދިނުމަށް އެދުމަކީ ހުސްޕާގެ އަމަލެކެވެ. ހަމަ އެހެންމެ، ކުއްޖަކު އެހެން ކުއްޖެއްގެ ގައިގައި ޖަހާފައި ޖެހި ކުއްޖާ ރޯން ފަށައިފި ނަމަ އެވާނީ ހުސްޕާގެ އަމަލަކަށެވެ.

މި ލަފްޒު މަތިން ހަނދާންވީ މިހާރު ނޫސްތަކުގައްޔާއި އަދި ޚަބަރު ފަތުރާ އިޖުތިމާއީ ބައެއް ވަސީލަތްތަކުގައި ފެތުރެމުންދާ ޚަބަރެއް ފެނުމުންނެވެ. ރާއްޖޭގެ ބައެއް ނޫސްތަކާ މެދު، އިންޑިޔާއިން ޝަކުވާކޮށް ފިޔަވަޅު އަޅަން ރާއްޖޭގެ ކަމާ ބެހޭ ފަރާތަށް އަންގައިފައިވާ ޚަބަރެއް ފެނުމުންނެވެ.

 

އިންޑިޔާ އެމްބަސީގެ މި އަމަލު ހުސްޕާގެ އަމަލަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ތަނުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެ، ތަނުގައި، އާންމު ރައުޔާއި އަދި ތަނުގެ ގާނޫނުތަކާ ވެސް ޚިލާފަށް، މުޅިން އޮޅުވާލައިގެން، އަސްކަރީ މަރުކަޒުތަކެއް ގާއިމުކޮށް، ތަން ހިފުމުގެ ބިރު ހީވުމުން އެންމެން އެ ވާހަކަ ނުދައްކާ ތިބޭނެ ހެއްޔެވެ؟

މި ވަގުތު ހަނދާކޮށްލުން އެންމެ ރަނގަޅު ކަމެއް އެބަ އޮތެވެ. އިންޑިޔާގެ ރަސްމީ ފަރާތްތަކަށް އެއްވެސް ހެއްކެއް ލިބެން ނެތް އިރުވެސް، އެމީހުންގެ ދޮގު ހީކުރުންތަކެއްގެ މައްޗަށް ބިނާކޮށް، ޖާސޫސުކުރި ކަމުގެ ދޮގު ތުހުމަތުގައި ދިވެހި ދެ އަންހެނުން އިންޑިއާގެ ޖަލަށްލައިގެން އުޅުނު ހަނދާން ނެތުނީ ހެއްޔެވެ؟ އެކަން ކުރީ ކީއްވެހެއްޔެވެ؟ އިންޑިޔާގެ އަމަންއާންމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. އެފަދަ ބިރު ހީވުމުން، އެމީހުންގެ ދޮގު ހީތަކެއްގެ މައްޗަށް ދެ މީހުން ބަންދުކުރުން ވެސް ވީ ހަމަ އެންމެ ރަނގަޅު ކަމަކަށެވެ. އެހެންވީ އިރު، ކަނޑައެޅިގެން ތަނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަކަމުގެ ތެދު ހެކި ލިބެން އޮތް އިރު އަދި ތަނުގެ އުތުރާއި ދެކުނާއި މެދުތެރޭގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށް ތަން ހިފުމުގެ ހެކިތައް ފެންނަމުންދާއިރު، އެކަމާ އެއްޗެއް ބުނުން އެއީ ދިވެހި މުވާތިނުންނަށް ހުއްދަކަމަކަށް ނުވާންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ އަދި، އެކަން މަނާކުރަނީ ރާއްޖޭގެ ކޮން ގާނޫނަކާ ގަވާއިދުތަކެއް ހެއްޔެވެ؟ ނޫނީ އެމްބަސީތަކުން، ތަނުގެ ދާޚިލީ ކަންތަކާ ބެހުން ހުއްދަކުރާ ބައިނަލް އަގުވާމީ ގާނޫނަކީ ކޮބާ ހެއްޔެވެ؟ މިފަދަ އަމަލުތައް ހިންގުން ހުއްދަ ކުރާ ޑިޕްލޮމަސީއާ ބެހޭ ގާނޫނެއް ގަވާއިދެއް އޮވޭ ހެއްޔެވެ؟

މީގެ އިތުރުން، އިންޑިޔާ ސަރުކާރުގެ އިސް މީހަކު ރާއްޖެ ހިފަން ފާޅުގައި ޓީވީއިން ގޮވައި އޭނާގެ ބޮޑުވަޒީރަށް ލަފާދޭ ވާހަކަ ބުނުމުން، އެންމެ ކުޑަވެގެން އިންޑިޔާގެ އެމްބަސީއިން ކުށްވެރި ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ އޭގެ ބަދަލުގައި އިންޑިޔާ ސަރުކާރުގެ ރަސްމީ ބަހަކަށްވީ ކޮން ބަހެއް ހެއްޔެވެ؟ އެ ބުނި މީހާ އެބުނި އެއްޗެއް ބުނުމަކީ އޭނާގެ އަމިއްލަ ޚިޔާލުކަމެވެ. އެމީހާއަށް އެހެން މިނިވަން ގައުމެއް ހިފަން ގޮވުން އެއީ އޭނާގެ އަމިއްލަ މިނިވަން ޚިޔާލު ފާޅުކުރުން ކަމުގައި ވަނީ ނަމަ، ދިވެއްސަކަށް އެމީހުންގެ މިނިވަންކަން ގެއްލިގެންދާހެން ހީވެ، އެކަން ކުރަނީ ވަކި ބައެއްކަން އެނގި އެކަމާ މެދު އެއްޗެއް ބުނުމަކީ ދިވެހި މީހާއަށް ލިބިފައި އޮންނަ މިނިވަންކަމެއް ނޫން ހެއްޔެވެ؟

ޖާސޫސްކުރި ކަމުގެ ތުހުމަތުގައި، ހައްގުން ކަމަކާ ނުލައި އިންޑިއާ ޖަލުތަކުގައި އަނިޔާދިން މަރިޔަމް ރަޝީދާ (ކ) އާއި ފައުޒިއްޔާ

އިންޑިޔާގެ ސަރުކާރުގެ އިސް ބައެއް މީހުން ރާއްޖޭ ހިފަން ގޮވައި، އަދި މިކަމުގެ އަމަލީ މަސައްކަތްތައް ކުރެވެމުން ދާއިރު، ޖާސޫސު ކުރިކަމުގެ ދޮގު ތުހުމަތުގައި ކުށެއް ނެތް ދިވެހި ދެ އަންހެނުން ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ހައްޔަރުކުރުމާއި، ރާއްޖެއިން އިންޑިޔާގެ ދެ މީހަކު ފޭބުމަށް އެންގުމުން ނުފައިބައި ތިބުމާއި މި ހުރިހާ ކަމެއް ކޮށްފައި، އިންޑިޔާ ސަރުކާރުގެ އަމަލުތަކާ މެދު ނޫސްތަކުން އެއްޗެއް ބުނުންވާނީ މައިންބަފައިން މަރާލާފައި ކޯޓުގައި އޭނާ ޔަތީމުވުމުން ހަމްދަރުދީ ވުމަށް އެދުނު ކުއްޖާގެ އަމަލު ފަދަ އަމަލަކަށެވެ. ނޫނީ، ކުއްޖެއް ގައިގައި ޖަހާފައި ތިމާ ކުށްވެރިވެދާނެހެން ހީވުމުން ރޮއިގަތް ކުއްޖާގެ އަމަލުގެ ފަދަ އަމަލަކަށެވެ. އާދެ، އިންޑިޔާ ސަރުކާރުގެ އެދުމުގެ މަތިން އިންޑިޔާގެ އެމްބަސީއިން ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ، ރާއްޖޭ ބައެއް ޕާޓީތަކުގެ އިސް ވެރިން ވެސް އެއްބަސްވެފައިވާ ފަދައިން، އިންތިޚާބުތައް ވަކި ކޮޅަކަށް އަނބުރާލުމަށްޓަކައި އެހީވެދީ، ރާއްޖޭގެ ނޫސްތަކުގައި ވަކި ކޮޅަކަށް ބުރަވެ ޚަބަރުތައް ލިޔުމަށް ބާރުއަޅައި، މިހުރިހާ ކަމެއް ކޮށްފައި، ދިވެހި ނޫސްތަކުގައި މިކަންކަމާ މެދު ފާޑު ކިޔުމުން، ދެން، އިންޑިޔާގެ އެމްބަސީއިން ތިމަންމެންނާ މެދު މިވެނި އެއްޗެއް ކިޔަނީއޭ ބުނެ، ޝަކުވާކުރުންވާނީ ހަމަ ހުސްޕާގެ އަމަލަކަށް ނޫން ހެއްޔެވެ؟

(މިކަމާ ބެހޭ ބައެއް ލިޔުންތަކާއި ވީޑިޔޯ ފީތާތައް ޚާއްސަކޮށް ވީޑިޔޯ ފީތާތައް، ބަލައިލުން މުހިއްމު.)