...

Support Us

"އޮންލައިން ސާރވޭ"އަކުން ފުއްދަވައި ނުލައްވާނެކަން ޔަޤީނެވެ!

އަޅުގަނޑު ދައްކަން މި އުޅެނީ، ރައްޔިތުންގެ ޖުމުލަ މަޞްލަޙަތު އެ ކަންކަމުގައި ހިމެނޭ ތަފާތު ކަންކަން އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި އިސްކޮށް ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ބޮލަރުވައިގެން، އެކި މުއައްސަސާގެ އިސް ގޮނޑިތަކުގައި ތިބި އެންމެހައި މީހުންނާ ބެހޭ ވާހަކައެކެވެ. އަދި ހަމަ އެހެންމެ، މިހައިރު ނޫނަސް، އަދި ތަންކޮޅެއް ފަހުން ވިޔަސް،އެފަދަ ކަންކަމުގެ މަސްއޫލިއްޔަތު ބޮލުގައި އެޅުމުގެ ޝައުޤުވެރިކަމުގައި ނުވަތަ އުންމީދުގައި ތިބޭ އެކިއެކި މީހުންނާވެސް ގުޅުމެއް އޮތް ވާހަކައެއް މެއެވެ. އައްސަވާށެވެ!

މި ރާއްޖޭގެ މިދެންނެވި ކަހަލަ މަސްއޫލިއްޔަތުތަކާ ބެހޭ ބައެއް މަޤާމުތަކަށް މީހުން ހޮވައި އުޅެނީ ވޯޓުލައިގެނެވެ. އެހެންކަމާއެކު، އެފަދަ މަޤާމެއްގައި އެވަގުތަކު ތިބި ބައެއްގެ މަޤާމުގެ މުއްދަތު ހަމަވާން ގާތްވީމައި، ނުވަތަ އެ ފަދަ މަޤާމެއްގެ ގޮނޑިޔެއް އޭގެ ކުރީން ނަމަވެސް ހުސްވެއްޖިއްޔައި، އެ ކަމާ ބެހޭ އިންތިޚާބު އަވަހަށް އިޢުލާން ކުރެވެއެވެ. ޕާޓީތަކުން ހޮވޭ މީހުންނާއި އަމިއްލަގޮތުން ކުރިމަތިލާ މީހުން ކެންޑިޑޭޓުންނަށް ވާނެއެވެ. އަދި އެ ކެންޑިޑޭޓުންގެ ޕާޓީތަކުންނާއި، އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ މީހުންނާއި، ކެމްޕޭނު މަސައްކަތަށް އުޖޫރައެއް ދީގެން ނެރެވޭ މީހުންނާއި، ޚުދު ކެންޑިޑޭޓުންވެސް، ވޯޓުލާން ތިބި މީހުންގެ ތާއީދު ހޯދަން ކުރެވެން އޮތްހައި ކަމެއް ކުރާނެއެވެ.

ދެން އެ ފެށޭ މޫސުުގައި މަގުތައް ހުރަސްކޮށް ފޮތިގަނޑުގަނޑާއި ދިދަފަތި ދަމައި، ޕޯސްޓަރު ހިއްޕައި، ޖަގަހަ ހަދައި، ސައި ހަދައި، ބާރަށް ލަވަޖަހައި، މެންދުރެއް ދަންވަރެއް ނުބަލައި މީސްމީހުންގެ ފޯނަށް ފޯނުކޮށް، ދެންވެސް ކަމުގެ ޘަޤާފަތުގައި ލިޔެވިފައި ހުންނަ، ފައުޅުގައި ކުރަން މިހެން ހުރި އެންމެހައި ކަމެއް ކުރެވޭނެއެވެ. ކޮންމެއަކަސް، ސިއްރުންވެސް ކަމެއް ކުރިޔަސް، ނުކުރިޔަސް، މި މޫސުމަށް ގިނަ މީހުން ކިޔައި އުޅެނީ ކެމްޕޭނު މޫސުމެވެ.

މި ދެންނެވި ކަންކަމުގެ ތެރެއިންވެސް، ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މިރާއްޖޭގައި މިހައިރަކަށް އައިސް ކުރެވޭ ކަންކަމުގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު އެއް ކަމެއް ކަމަށް މީހުން ބުނެ އުޅެނީ، މިހައިރުގެ ބަހުރުވައިން ދަންނަވާނަމަ، ”ދޮރުން ދޮރަށް ހިނގުމެވެ.“ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ގޭގެޔަށް ޒިޔާރަތްކޮށް، އެ މީސްމީހުންނާ ވާހަކަދައްކައި، އެ މީހުންގެ ޝަކުވާތަކާއި، ބޭނުންތަކާއި، ހުވަފެންތަކާއި، ކަންބޮޑުވާ ކަންކަމުގެ ވާހަކަތައް އަޑުއަހައި، ރައްޔިތުންގެ ހިތްތަކުގައި އުންމީދުގެ ހުޅުކޮޅުތައް އެ މަގުން ދިއްލައިދިނުމެވެ. ގިނަ މީހުން ބުނާ ގޮތުގައި، މި ޙަރަކާތުގެ ނަތީޖާ އެންމެ ރަނގަޅުވަނީވެސް ސީދާ ކެންޑިޑޭޓު ދޮރުން ދޮރަށް ހިނގިއްޔާއެވެ. ތިމާޔަކީ އެ މީހުންނާ ހަމަޔަށް އަންނަ، އެ މީހުންނާ ބައްދަލުކުރާ، ބައްދަލު ކުރާނޭ، ބައްދަލު ކުރެވޭނޭ މީހެއްކަން ރައްޔިތުންނަށް ދެއްކިއްޔާވެސް މެއެވެ.

އެޔަށް ފަހު، ދެން އަންނާނީ ވޯޓު ލާ ދުވަހެވެ. ކެންޑިޑޭޓުންނާއި އެ މީހުންގެ މަންދޫބުންނާއި މީޑިޔާޔާއި، ދެންވެސް ތަނުގައި ތިބެން ހުއްދަ އޮންނަ އެންމެންގެ ކުުރިމަތީގައި ވޯޓު ގުނައި ނިންމައިލާ ދުވަހެވެ. ހޮވުނު މީހުންނާއި ނުހޮވޭ މީހުނަކީ ކޮބައިކަން، ރަސްމީ ފަރާތުން ނުރަސްމީ ނަތީޖާ ނެރުމުގެ މާކުރީން އެންމެނަށް އެނގޭ ދުވަހެވެ.

ކޮންމެއަކަސް، މި ގޮތަށް މަޤާމުތަކަށާއި ގޮނޑިތަކަށް މީހުން ހޮވި، އެ މީސްމީހުން މަޤާމުގެ ހުވާކޮށް، ޙަވާލުވާންޖެހޭ މަސްއޫލިއްޔަތުތަކާ ޙަވާލުވެދާނެއެވެ. ނޫން! އެފަދަ ގިނަ މަޤާމުތަކުގެ ޝަރަފަށާއި، ޢިއްޒަތަށާއި، ޙައިޘިއްޔަތަށް ބަލާއިރު، ދަރަޖަ ބަދަލުވެ، ޙަވާލުވެވަޑައިގަންނަވާނެއެވެ. ޝައްކެއް ވަސްވާހެއް ނެތް ގޮތުގައި މިދެންނެވި މަޤާމުތަކުގެ މުހިންމު މަސްއޫލިއްޔަތުތަކާ އެ ބޭބޭފުޅުން ޙަވާލުވެވަޑައިގަތުމާއެކު، ވަރަށް މުހިންމު އެއް ކަމެއް ވާނެއެވެ. އެއީ، އެ ބޭބޭފުޅުންނަށް ވޯޓު ދިން ރައްޔިތުންގެ ޝަކުވާތަކާއި، ބޭނުންތަކާއި، ހުވަފެންތަކާއި، ކަންބޮޑުވާ ކަންކަމުގެ ވާހަކަތައް އެނގިވަޑައިގަންނަވާނެތީ، އެ މީހުންގެ ހިތްތަކުގައި ދިއްލަވައިދެއްވި އުންމީދުގެ ހުޅުކޮޅުތައް ނިވުނަނުދެއްވުމެވެ. ހިތްވަރުފުޅު ގަދަކުރައްވައި، އެ ކަމަށް ފައިންޕުޅު ނެންގެވުމެވެ.

މި ފަހަކަށް އައިސް އަޅުގަނޑަށް ފާހަގަ ކުރެވުނު ގޮތުގައި، މި ދެންނެވި ގޮތަށް އަލަށް މަޤާމާ ޙަވާލުވެވަޑައިގަންނަވާ ބައެއް ބޭފުޅުން ވަރަށް މޮޅު ކަމެއް އެބަ ކުރައްވައެވެ. އެއީ އެ ބޭފުޅުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބުނު އެންމެން ދިރިއުޅޭ ސަރަޙައްދުގެ އެންމެންގެ ޝަކުވާތަކާއި، ބޭނުންތަކާއި، ހުވަފެންތަކާއި، ކަންބޮޑުވާ ކަންކަމުގެ މަޢުލޫމާތު ދޭތެރެ ދޭތެރެއިން ހޯއްދެވުމެވެ. އެކި ވަކި ފަރުދުން އެ ބޭފުޅަކަށް ވޯޓުދިނަސް، ނުދިނަސް، އެ ހުރިހައި ރައްޔިތުން ހަމަހަމަ ކުރައްވައިގެންނެވެ. ”ދޮރުން ދޮރަށް“ ވަޑައިގެންނެވި އިރު، އުފާވެރިކަމާއެކު މަރުޙަބާ ދެންނެވި މީހުންނާއި، ނުރުހުމުގެ ތުންފިއްތުންތަކާ އެކު މޫނުފުޅު މައްޗަށް ދޮރު ލައްޕައިލި މީހުންގެ ޙައްޤުތައްވެސް ހަމަހަމަކޮށް ކަށަވަރު ކޮށްދެއްވުމާ އެކުގައެވެ. އެ ކަން ކުރައްވަނީ ޒަމާނީ ޓެކްނޯލޮޖީގެ އެހީ ހޯއްދަވައިގެން، އިންޓަރނެޓު ވެސް މެދުވެރި ކުރައްވައިގެނެވެ. ”އޮންލައިން ސާރވޭ ހުޅުއްވިއްޖެ“ ކަމަށް ވިދާޅުވުމާއެކު، އެ ކަމަށް ފޯމެއް ފަދަ އެއްޗެއް ތައްޔާރު ކުރައްވައިގެން އެ މަގުންނެވެ.

މި ގޮތުން މި ބޭބޭފުޅުން ކަށަވަރުކޮށްދެއްވާ ކަމަށް އަޅުގަނޑު ވަކީން ޚާއްޞަކޮށް މިދަންނަވަނީ ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ވާހަކައެވެ. އަދި މަޤާމުތަކަށް ވަޑައިގަންނަވާ ބޭބޭފުޅުންގެ މަޤާމުތަކުގެ އިޚްތިޞާޞް ތަކުގެ ތެރޭގައި އެ ޙައްޤުތައް ނެގެހެއްޓުމާއި ދެމެހެއްޓުމާއި ރައްކާތެރިކޮށްދިނުން ހިމެނޭ ޙައްޤުތަކުގެ ވާހަކައެވެ.

އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. މިޒަމާނަކީ ހުރިހައި ކަމެއް ޓެކްނޯލޮޖީގެ އެހީގައި ކުރެވޭ ޒަމާނެވެ. އެހެން ނަމަވެސް، މިގޮތަށް ”އޮންލައިން ސާރވޭ ހުޅުއްވިއްޖެ“ކަމަށް އިޢުލާން ކުރައްވައިފައި، އޭގެ ނަތީޖާ ލިބިވަޑައިގަތުމުން ”ރައްޔިތުން ބޭނުންވާ ގޮތް މިހައިރު އެނގިއްޖެ“ ކަމަށް ވިދާޅުވާ ބޭފުޅުން އެހެން އެ ވިދާޅުވަނީ، ހަމަ އެކަނި ފެއްޓެވުމެއްގެ ގޮތުގައި ހެން އަޅުގަނޑަށް ހީވެއެވެ. އަދި އޭގެ ބޭރުންވެސް އެތައް އެތައް ކަމެއް ކުރައްވާނެ ކަން އަޅުގަނޑަށް އެނގެއެވެ. ފަހުން މިދެންނެވީ ކަމުގެ ޙަޤީޤަތް ކަން އެހެން މީހުންނަށް އަޅުގަނޑު ސާބިތު ކޮށްދިނުމުގެ ގޮތުން އެ ބޭފުޅުން އަރިހު އަޅުގަނޑު ދަންނަވާ ލާނޭ ބައެއް ސުވާލު އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ސުވާލު މިތާނގައި ލިޔެލާނަމެވެ:-

1) ދާއިރާގެ އެންމެހައި ރައްޔިތުންނަކީ އެ މީސްމީހުންގެ ގޭގޭގައި ކޮމްޕިޔުޓަރާއި ލެޕްޓޮޕާއި ސްމާޓްފޯނާއި އިންޓަރނެޓު ގެންގުޅުމުގެ  ޤާބިލްކަން ނެތް މީހުންކަން މާ ރަނގަޅަށް ދެނެވަޑައިގަންނަވަން، އެހެން ނޫންތޯއެވެ؟ އަދި އޭގެ ތެރެއިން އެންމެ ނިކަމެތި ފަޤީރު މީހުންނަކީ، ކޮމްޕިޔުޓަރާއި ލެޕްޓޮޕާއި ސްމާޓްފޯނާއި އިންޓަރނެޓު ޢަމުދުން ނުލިބުމުގެ އިތުރުން، އެ މީހުންގެ އަސާސީ ޙައްޤުތައް ނެގެހެއްޓުމާއި ދެމެހެއްޓުމާއި ރައްކާތެރިކޮށްދިނުން އެންމެ ދެރަވަރުކޮށް އޮންނަ މީހުން ކަމާ މެދު ވިސްނާވަޑައިގަންނަވަން، އެހެން ނޫންތޯއެވެ؟

2) އިސްތިސްނާއެއް ނެތި، ދާއިރާގެ އެންމެހައި ރައްޔިތުންނަކީ ކެއިން ބުއިމާއި، އުނުއޮރިޔާން ފިލުވުމާއި، ބޯހިޔާކުރުމާއި، ބަލިމަޑުކަމުގައި ބޭސްފަރުވާ ލިބުމާއި، އަމާން ވެއްޓެއްގައި ދިރިއުޅުމުގެ އަސާސީ މިންވަރު ލިބިގަނެގެން، ޒަމާނީ ތަޢުލީމުވެސް ކަމުފޮޅާ މިންވަރަކަށް ލިބިގަތުމަށްފަހު، އިންޓަރނެޓަށް ވަދެގެން ”އޮންލައިން ސާރވޭ“ ހެދޭ ޙާލުގައި ތިބި ބައެއް ނޫންކަން އަދި މާ ރަނގަޅަށް ދެނެވަޑައިގަންނަވަމު، ނޫންތޯއެވެ ؟

3) ކެއިން ބުއިމާ ބެހޭ ބާވަތްތައް އެތެރެކޮށް، އުނުއޮރިޔާން ފިލުވަން ބޭނުންވާނޭ ތަކެތި ވިއްކައި، ބޯހިޔާވަހި ކަމުގެ ކަންކަން ހަމަޖައްސައިދީ، ބޭސްފަރުވާޔާ ބެހޭ ތަފާތު އެކި ޚިދުމަތް ދީ ، އަމާން ވެއްޓެއްގައި ދިރިއުޅުން ކަށަވަރުކޮށްދީ، ޒަމާނީ ތަޢުލީމު ދިނުމުގެ ތަންތަން ހިންގައި، މި ހުރިހައި ކަމަކީ ވިޔަފާރި އުޞޫލުން އެކި ފެންވަރުގައި މިއަދު ރާއްޖޭގައި އަގަށް ދެވޭ ޚިދުމަތްތައް ކަމަށް ވާއިރު، އެ ކަންކަމާއި ޚިދުމަތްތަކުގެ ވިޔަފާރި ކޮށްގެން ފައިސާ ހޯދާ ”އިންޓްރެސްޓް ގްރޫޕް“ ތަކުން ”އޮންލައިން ސާރވޭ“ ތަކަށް އަތް ބޭނުމަކީ ވެދާނޭ ކަމެއް ކަމާ މެދު ތިޔަ ބޭފުޅުން އަދި މާ ބޮޑަށް ޚިޔާލުފުޅު ކުރައްވަން، އަޅެ އެހެން ނޫންތޯއެވެ؟

4) ވޯޓު ހޯއްދަވަން ”ދޮރުން ދޮރަށް“ ވަޑައިގެން ގޮތަށް، ދޭތެރެ ދޭތެރެއިން ދާއިރާގެ ރައްޔިތުންގެ ގޭގެޔަށް، އަދި ވަކީން ޚާއްޞަކޮށް ނިކަމެތި ފަޤީރުންގެ ގޭގެޔަށާއި ދެންވެސް އެމީހުން ދިރިއުޅޭ ތަންތަނަށް ވަޑައިގެން، އެ ތަންތަނުގައި އުޅޭ ރައްޔިތުންގެ ޙާލާއި، މުހުތާދުތަކާއި، ޝަކުވާތަކާއި، ބޭނުންތަކާއި، ހުވަފެންތަކާއި، ކަންބޮޑުވާ ކަންކަމުގެ މަޢުލޫމާތު އަބަދުމެ ހޯއްދަވައި، އަދާހަމަކުރެއްވުން މަތީ ދެމިހުންނަވާނަން، ދެއްތޯއެވެ؟ އަަދި ރައްޔިތުންނާ ބެހޭ ތަފާތު އެކި ކަންކަން ނިންމަވާއިރު، އެކަންކަމަށް ރިޢާޔަތް ކުރައްވާނަން، އެހެންނޫންތޯއެވެ؟

5) އިންތިޚާބު ގާތްވަމުން އައި ދުވަސްވަރު، ދާއިރާގައި ތިބި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ރައްޔިތު އެންމެންގެ ފޯނު ނަންބަރު އެ ހޯއްދެވި ގޮތަކަށް ހޯއްދަވައިގެން، ކެމްޕޭނުގައި ޙަރަކާތްތެރިވިި މީހުންނަށް އެ ނަންބަރުތައް ދެއްވައިގެން އެ ރައްޔިތުންނަށް ފޯނުކޮށްގެން ތިޔަ ބޭފުޅުންގެ މުވައްޒަފުން ރެޔާއި ދުވާލު އެ އުޅުނު ގޮތަށް، ރައްޔިތުންގެ ޙާލާއި، މުހުތާދުތަކާއި، ޝަކުވާތަކާއި، ބޭނުންތަކާއި، ހުވަފެންތަކާއި، ކަންބޮޑުވާ ކަންކަމުގެ މަޢުލޫމާތު ހޯދަންވެސް ހަމަ އެކަހަލަ މަސައްކަތު ޓީމެއް ގެންގުޅުއްވާނަން، އެހެން ނޫންތޯއެވެ؟ އަދި ޚުދު ތިޔަ ބޭފުޅުންނާ ސީދާ ގުޅަން ބޭނުންވާ ރައްޔިތުން އެކަން ކުރާނޭ ގަޑިތަކެއް ކަނޑައަޅުއްވައި، އެ ފަދަ މީހުން ގުޅާނޭ ޚާއްޞަ ފޯނު ނަމްބަރަކާއި، ވައިބަރު އެކައުންޓަކާއި، ވަޓްސްއެޕް އެކައުންޓެއްްގެ ތަފްޞީލް ވަރަށް އަވަހަށް ޢާންމުކޮށް އިޢުލާން ކުރައްވާނަމު ނޫންތޯއެވެ؟ އަދި ބައްދަލު ކުރަން ބޭނުންވާ މީހުން ދާނޭ ރަސްމީ ޖަގަހައެއް، އޮފީހެއް، ނުވަތަ ތަނަކާއި، އެތަނެއް ”އޯޕަން ޑޯރ“ ގެ އުޞޫލުން ހުޅުވިފައިހުންނާނޭ، ގަޑިތަކެއް  އިޢުލާން ކުރައްވާނަން، ދެއްތޯއެވެ؟ އެ ގަޑިތަކުގައި ތިޔަ ބޭފުޅުން އެތަންތާނގައި ތިއްބާވާނަމެއް ނޫންތޯއެވެ؟

އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ ތަފާތު އެކި މުއައްސަސާގެ ޤަދަރުވެރި، ޝަރަފުވެރި، އިސް ގޮނޑިކޮޅު ތަކުގައި ތިއްބެވި އެންމެހައި ބޭބޭފުޅުން މިއިން ކޮންމެ ސުވާލަކަށްވެސް ޖަވާބުދެއްވާނީ ”އާނ! ޝައްކެއްވެސް ނެތެއްނު؟“ މިހެންނޭ އެވެ. އެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

އަޅުގަނޑަށް މި ލިބޭ ޔަޤީންކަން އެއީ އަޅުގަނޑަށް ހީވާ ކުށް ހީއެއްނަމަ… އަޅުގަނޑަށް ފެންނަނީ ކެއިން ބުއިމުގެ ސާމާނު ރާއްޖެޔަށް އެތެރެކޮށް ވިއްކުމާއި، އުނުއޮރިޔާން ފިލުވަން ފޭރާމާއި ތައްޔާރީ ހެދުން ވިއްކުމާއި، ބޯހިޔާވަހިކަމުގެ ގޮތުން ދިގުމުއްދަތަށް ގޯތި ކުއްޔަށް ހިފައިގެން ޢިމާރާތް ކުރާ މީހުންނާއި، ބޮޑެތި ބިލްޑިންގުތައް ބިނާކުރާ މީހުންނާއި، ރިޔަލް އެސްޓޭޓް ވިޔަފާރީގައި އުޅޭ މީހުންނާއި، ބޭސްފަރުވާޔާއި ޞިއްޙީ ޚިދުމަތްތައް ދިނުމުގެ އެކި ފެންވަރުގެ އަމިއްލަ ވިޔަފާރީގައި އުޅޭ ފަރާތްތަކާއި، ވެށީގެ އަމާންކަން ކަށަވަރުކޮށްދޭ ސެކިޔުރިޓީ ކުންފުނިތަކާއި، ޒަމާނީ ތަޢުލީމު ދިނުމަށް ހުޅުވައިފައި އެހުންނަ ކޮލެޖުތަކާއި އިންސްޓިޓިޔުޓް ތަކާއި، ދެންވެސް އެހެން ހުރި ބައެއް ތަންތަނުގެ ފަރާތުން ރައްޔިތުންނަށްޓަކައި، ޤަައުމަށްޓަކައި އެތައް ޚިދުމަތެއް އިޚުލާޞްތެރިކަމާއެކު ކުރަމުން ގެންދާ ތަނެވެ. އެހެންނަމަވެސް، ހަމަ އެފަދަ އެ ފަދަ ތަންތަނުގެ ލޭބަލް ޖަހައިގެން އެ ނޫން ”އަނދިިރި“ މަގުތަކުން ހިނގާ، ވަރަށް މަދު ބައެއްގެ ހިޔަނިވެސް ކަންކަމުގެ ތެރެޔަށް އެޅިދާނެ މަންޒަރެވެ.

ފެނިދާނެ އަނދިރި މަންޒަރެއް ކަމަށް އަޅުގަނޑަށް މިފެންނަ ބިރުވެރި މަންޒަރަކީ އެއްގޮތަށް ވުރެ ގިނަ ގޮތުުން އަނދިރި ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައި އެ ހުރީ އެންމެ މިޒަމާނުގެ އަގުބޮޑު ކޮމްޕިޔުޓަރުތަކާއި ޓެކްނޯލޮޖީގެ އެހެނިހެން ވަޞީލަތްތަކެވެ. މިތަކެތީގެ ދޮށުގައި އެ ތިބީ ޒަމީރުގެ މައްޗަށް ޖީބު ބާރު ފޯރުވާ ޒާތުގެ މުވައްޒަފުން ކޮޅެކެވެ. އެ މީހުން ކުރަމުން ގެންދާ މަސައްކަތަކީ، ފޭސްބުކް އާއި، ވަޓްސްއަޕް އާއި، ޓެލެގްރާމް އާއި، ދެންވެސް މިހެން ހުރި އެންމެހައި މަންސަތަކުގައި ފޭކު، ޖާލީ އެކައުންޓުތައް ހެދުމެވެ. ނު އުފަންނަ މީހުން އުފަން ކުރުވުމެވެ. އެތައް ހާހަކުން ނެވެ. އަދި އޭގެ ބޭރުން، ދުނިޔޭގައި އުޅޭ ހަޤީޤީ މީހުންގެވެސް ”އައިޑެންޓިޓީ“ ތަކުގެ މައްޗަށް ވެރިވެގަންނަ ތަނެވެ. އަދި އެޔަށް ފަހު، އެ ”މީހުން“ ލައްވައި އެއްކަލަ ކަހަލަ ”އޮންލައިން ސާރވޭ“ ތަަކަށް މަޢުލޫމާތު ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔުމެވެ. ތިމާމެންނަށް މުސާރަ ދޭ ފަރާތުގެ މަޞްލަޙަތުތަކަށް ކަންކަން ފަހިކުރުވުމަށްޓަކައެވެ.

އެކި މުއައްސަސާ ތަކުގެ ބޮޑެތި ގޮނޑިކޮޅުތަކުގައި އެ ތިއްބެވި ބޭބޭފުޅުން ”އޮންލައިން ސާރވޭ ހުޅުއްވިއްޖެ“ކަމަށް އިޢުލާން ކުރައްވައިފައި، އޭގެ ނަތީޖާ ލިބިވަޑައިގަތުމުން ”ރައްޔިތުން ބޭނުންވާ ގޮތް މިހައިރު އެނގިއްޖެ“ ކަމަށް އެ ވިދާޅުވަނީ، ހަމަ އެކަނި ފެއްޓެވުމެއްގެ ގޮތުގައި ހެން އަޅުގަނޑަށް ހީވެޔޭ އަޅުގަނޑު ދެންނެވީ، އެ ބޭބޭފުޅުންނަށްވެސް މި ދެންނެވި އަނދިރި މަންޒަރު ފެނިވަޑައިގަތުމުގެ ބިރުވެރިކަން އަޅުގަނޑަށް ވުރެ މާ ބޮޑަށް ތަޞައްވުރު ކުރެއްވޭނެތީއެވެ. އަޅުގަނޑަށް ވުރެ މާ ބޮޑަށް ކީއްކުރަންތޯއޭ، އެޔަށް ވުރެ މާ ފުރިހަމަކޮށް ވެސް މެއެވެ. އަދި އެފަދަ ސާރވޭ ތަކުގެ ބޭރުން އެތައް އެތައް ގޮތަކުން މަޢުލޫމާތު ހޯއްދެވުމަށްފަހު މެނުވީ އެ ބޭބޭފުޅުން އެއްވެސް ކަމެއް ނުކުރައްވާނެކަން އަޅުގަނޑަށް ކަށަވަރުވާތީއެވެ. މަތީގައި އަޅުގަނޑު މިދެންނެވި ފަސް ސުވާލުން ކުރެ ކޮންމެ ސުވާލަކަށް އެ ބޭބޭފުޅުން ހެޔޮ ޖަވާބެއް ދެއްވާނެ ކަން ޔަޤީން ވާތީއެވެ. މިކަން އަދި ބޮޑަށް އެނގިވަޑައިގަންނަވާނީވެސް ހަމަ އެ ބޭބޭފުޅުންނަށެވެ. އަޅުގަނޑުމެން ކަހަލަ މީހުން ދިގު ދިގުކޮށް މިހެން ދައްކައިލާ ވާހަކައެއްގެ މާނަވެސް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އެ ބޭފުޅުންނަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.