...

Support Us

ނަފުރަތުގެ ބިލުން ދެއްކުން މަނާކުރާ ބަސްތަކާއި ދީން ހުއްދަކުރާ ބަސްތައް

ދިވެހިސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ނަފުރަތުގެ ޢަމަލު ހިންގުމު"ގެ ބިލަކީ ފިޤުހުގެ އެއްވެސް މަޒުހަބަކަށް ނުފެތޭ، އަދި ފިޤުހުގެ އަޙްކާމުތައް ނެރުމުގައި އޮތް ގޮންޖެހުމަކަށް ވާތީވެ، ކުފުރުގެ ލަފުޒު ބުނުމަށް އަވަސްވެގަތުން ހުއްޓުވުމަށް ސަރުކާރުން އިޚްތިޔާރުކުރި އަދަބު ދިނުމުގެ ސިޔާސަތު އަލުން މުރާޖަޢާކޮށް އެކަން މަނާކުރުމަށް ޤުރްއާނާއި ސުއްނަތުގައި ބޭނުނުންކުރައްވާފައިވާ އިންޒާރުކުރުމާއި ނަސީހަތްދިނުމާއި މުޖުތަމަޢު ހޭލުންތެރިކުމުގެ މަންހަޖު އިޚްތިޔާރުކޮށްގެން އެކަމުގެ ޙައްލު ހޯދުމަށް ވަޞިއްޔަކޮށް އިލްތިމާސް ކުރަމެވެ.

ޚުލާޞާ:

"ނަފުރަތުގެ ޢަމަލު ހިންގުމު"ގެ ބިލާމެދު އޮޅުންބޮޅުން ބޮޑުވިހިނދު މި މައުޟޫޢުގެ ބޭނުމަކަށްވީ ފިޤުހުގެ މައްސަލަތަކުގައި ކުފުރުގެ ލަފުޒުބޭނުންކުރުން ހުއްދަ އޮތް މިންވަރު ދަނެގަތުމާއި، ކާފިރެއްގެ ގޮތުގައި ސިފަކުރުން މަނާކުރާ ޙަދީޘުތަކާއި އޭގެ މުރާދުތައް ދަނެގަތުމާއި، ފާފަތަކަށް ކުފުރުގެ ލަފުޒު ބޭނުންކުރުމުގެ ހުއްދަ އޮތްމިންވަރު ދަނެގަތުމާއި، ފާފަކުރާމީހުންގެ ވާހަކަ ފާޅުކުރުން ހުއްދަވާމިންވަރު ދަނެގަތުމާއި، ކުފުރުގެ ލަފުޒު ބުނުމަށް އަވަސްވެގަތުމުގެ ބައްޔަށް ފަރުވާހޯދުމަށް އިސްލާމްދީން އިޚްތިޔާރުކުރެއްވި މަންހަޖަކީ ކޮބައިކަން ދަނެގަތުމަށެވެ.

މައުޟޫޢަށް ނަޒަރު ހިންގުމުން ލިބުނު ނަތީޖާއަކީ، ކުފުރުގެ ލަފުޒު ބުނުމަށް އަވަސްވެގަތުމަކީ އިހުޒަމާނުގައި ވެސް އަދި މިޒަމާނުގައި ވެސް އޮތް އިޖުތިމާޢީ ޢާއްމު ބަލިއެއްކަމަށާއި އެބަލިން ސަލާމަތްކަން ހޯދުމަށް ނަބަވީ ދައުރުން ފެށިގެން މިއަދާއި ހަމަޔަށް، ނަފުރަތުގެ ބިލުގެ ދެލިކޮޕީން އަދަބު ކަނޑައެޅުން ފިޔަވައި ދެންހުރިހާ ޒަމާނެއްގައިވެސް  އެފަދަ ކަންބޮޑު ވުމާއިއެކުވެސް އެކަން މަނާކުރުމަށް ބޭނުނުންކުރައްވާފައިވަނީ އިންޒާރުކުރުމާއި، ނަސީހަތްދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުމުގެ މަންހަޖު (މެތެޑް) ކަމަށެވެ. އަދި ކުފުރުގެ ލަފުޒު ބުނުމުން ދީނުން ބޭރުނުވާ މާނައަށް ދަލާލަތުކޮށްދޭ ޤަރީނާއަކާއި އެކު އެލަފުޒު ނިސްބަތްވާ ކަންކަމަށް ބުނުމާއި މެދު އަރަބި ބަހުގެ ހަމަތަކުގައި ހުރަހެއްނުވާ ކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ކުފުރުގެ ދިވެހި ބަހުގެ އެއް މާނައަކީ "ލިބޭ ނިއުމަތަށް ދެކޮޅުހަދާ ހެދުން" އެވެ. އެހެންކަމުން ލިބޭ ނިއުމަތަށް ދެކޮޅުހަދާ މީހަކަށް ނިސްބަތްވާގޮތަށް (އެއީ ލިބޭ ނިއުމަތަށް ދެކޮޅުހެދުންކަން ދަލާލަތުކޮށްދޭ ޤަރީނާއަކާއިއެކު) ކުފުރުގެ ލަފުޒު ދިވެހި ބަހުގައި ވެސް ބޭނުނުން ކުރެވިދާނެކަމަށެވެ.

އަދި ﷲ އާއި، ރަސޫލާ ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދީފިކަން ސާބިތުވެއްޖެ މީހަކަށް ނިސްބަތްކޮށް ކުފުރުގެ ލަފުޒު ބޭނުންކުރުމަކީ ފިޤުހުގެ އުޞޫލެއްކަމަށެވެ. އެކުފުރުގެ ޙުކުމަކީ "މުރުތައްދު" ވުންކަމަށެވެ. މިމައުޟޫޢުން އެނގުނު އެނެއްކަމަކީ ބޮޑު ފާފައެއް ކޮށްފިކަން ޘާބިތުވާ މުސްލިމަކަށް ނިސްބަތްކޮށް ދީނުން ބޭރުނުވާ މާނަދެހަވާ އިބާރަތަކުން ކުފުރުގެ ލަފުޒު ބޭނުންކުރުން ދީނުގައި ހުއްދަވާތީވެ ޤާނޫނީގޮތުން އެކަން ކުށްވެރިކުރުން  ހުއްދަނުވާނެކަމެވެ. އަދި މުސްލިމަކަށް ކުފުރުގެ ބަސް ބުނުމަށް އަވަސްވެ ނުގަތުމަށް އައިސްފައިވާ ހާދީޘުތަކުގައިވާ "ކުފުރު" ގެ މުރާދަކީ ބޮޑުކުފުރެއް ނޫންކަމެވެ. އަދި އެއީ ޙަޤީޤީ ކުފުރެއް ނޫންކަމެވެ. އެޙަދީޘުތަކުގައި އައިސްފައިވާ ކުފުރުގެ މުރާދަކީ މިއްލަތުން ބޭރުވާ ކުފުރެއް ނޫންކަމެވެ. އަދި އެޙަދީޘުތަކުގައި ކުފުރެއްގެ ގޮތުގައި ކަނޑައެޅުނީ އެފަދަ ނުރައްކަލުން ހޭއެރުވުން އިތުރުކުރުމަށްކަމަށެވެ. މި މައުޟޫޢުން އެނގުނު އެއްކަމަކީ ފާފަތަކަކީ ކުފުރުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރަކަށްވާތީވެ ފާފަތައް ޝަރަޙަކުރުމުގައްޔާއި މާނަކުރުމުގައި ކުފުރުގެ ލަފުޒު (ލާދީނީ ކަމެއްގެ ގޮތުގައި) އެއަށް ބޭނުންކުރުން ހުއްދަކަމެވެ. އަދި ފާފަކުރާ މީހުންނަށް ނިސްބަތްކޮށް ކުފުރުގެ ލަފުޒު (ލާދީނީގެ ލަފުޒު) ބުނުމުގައި އެއީ ދީނުން ބޭރުނުވާ ކުފުރެއްކަން ނުވަތަ ޢަމަލެއްކަން އެނގޭގޮތަށް ބުނުން ޝަރުޠުވާ (ވާޖިބުވާ، ލާޒިމުވާ) ކަމަށެވެ. އަދި ފާފަތަކަކީ ކުފުރުގެ ވައްތަރެއްކަމަށް ވާތީއާއި އަދި ފާފަތަކަކީ މުޝްރިކުންގެ ސިފަކަމަށް ވާތީވެ، ކާފިރުންނާއި މުޝްރިކުންގެ އަޚްލާޤާއި އެމީހުން އުޅޭގޮތަށް އުޅޭ މީހުންނަށް "ލާދީނީ" ބުނެވިދާނެ ކަމަށެވެ.

އަދި ދީން ޙިމާޔަތްކުރުމަށް ޓަކައި ފާފަތައް ފާޅުގައިކުރާމީހުންގެ ވާހަކަދެއްކުން ޝަރީޢަތުގައި ހުއްދަކަމެވެ. އަދި އެފަދަ ޢަމަލުތައްކުރާ މީހުން ހުރުތުކުރުން ހުއްދަކަމެވެ. މި މައުޟޫޢުން އެނގުނު އެންމެ މުހިއްމު ކަމަކީ ﷲއާއި، ރަސޫލާ ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދީފިކަން ސާބިތުވެއްޖެ މީހަކަށް ނިސްބަތްކޮށް ކުފުރުގެ ކުރިހާ ބާވަތެއްގެ ލަފުޒުތައް ބޭނުންކުރުން ހުއްދަވުމާއިއެކު އެމީހަކު ހުތުރުކުމުގައި ނިހާޔަތެއްނުވާކަމެވެ.

މުހިއްމު ބަސްތައް: ނަފުރަތު، ކުފުރު، ފާފަ، ދީން، ފިޤުހް

ޙުއްޖަތެއްނެތި، ދަލީލަކާއި ނުލައި އާއްމުން އެއްބަޔަކު އަނެއްބަޔަކަށް ކާފިރެއްގެ ގޮތުގައި ސިފަކުރުމާއި، ދީނީ ޢިލްމުވެރިޔަކު މުސްލިމަކު ކާފިރެއްގެ ގޮތުގައި ކަނޑައެޅުމާއި ނުވަތަ ފަތުވާއެއް ދިނުމާއި ނުވަތަ ޢިލްމީ ލިޔުމެއް ލިޔުމާއި ނުވަތަ ޢިލްމީ މަޖިލިސެއްގައި ބުނުމާއި، މިއީ ތަފާތު ދެކެމެވެ. މުސްލިމަކު ކާފިރެއްގެ ގޮތުގައި ސިފަކުރުކުރަން ޖެހިއްޖެނަމަ އެކަންކުރަން ޖެހޭނީ ސާބިތުކަމާއި އަދި އެއީ ކޮންވައްތަރެއްގެ ކުފުރެއްކަން ރަނގަޅަށް އެނގޭ ގޮތަށް އެކަމުގެ އަހުލު ވެރީންކަމުގައިވާ ދަންނަބޭކަކުންނެވެ. މީހަކަށް ނިސްބަތްކޮށް ކާފިރެއްގެ ގޮތުގައި، ނުވަތަ ފާސިޤެއްގެ ގޮތުގައި ސިފަކުރަންޖެހޭނީ އޭގެ ޝަރުޠު ފުރިހަމަވާނަމައެވެ.

މުސްލިމަކު ކާފިރެއްގެ ގޮތުގައި ކަނޑައެޅުމުގެ ނަތީޖާއަކަށް އަންނާނީ އެމީހަކުގެ މައްޗަށް މުރުތައްދުވުމުން އަންނަ ޙުކުމެވެ. މުރުތައްދު ވުމަކީ ދީނުން ބޭރުވުމެވެ. ދީނުން ބޭރުވުމާއި އެކު އެމީހެއްގެ ލެއާއި މުދަލުގެ ޙުރުމަތްތެރިކަން ގެއްލިގެންދެއެވެ. މިހެންކަމުން ޙުއްޖަތެއް ނެތި، ދަލީލަކާ ނުލައި މުސްލިމަކަށް ކުފުގެ ލަފުޒު ނިސްބަތްކުރުމުގައި އަވަސްވެ ނުގަތުމަށް ޝަރީޢަތުގައި އިންޒާރު ކުރައްވާފައެވެ. އެކަން ކީރިތި ޤުރްއާނުގެ ބައެއް އާޔަތާއި، (މިސާލަކަށް ސޫރަތުއްނިސާއުު 94ވަނަ އާޔަތާއި) އަދި ސުންނަގެ އަގުމާތްވި އިރުޝާދުތަކުން އެނގެއެވެ. އެ އިރުޝާދުތަކަށް އިރާދަކުރެއްވިއްޔާ ފަހުން އަލިއަޅުވާލެވޭނެއެވެ. މީހަކު ޢައްޔަންކޮށް ކުފުރުވެރިކޮށްފިނަމަ (މުރުތައްދުވެއްޖެ ކަމަށް ކަނޑައަޅައިފިނަމަ) އޭގެ ނަތީޖާއަކަށް އަންނާނީ ނުވަތަ އެއިންކުރާނެ ފިޤުހީ އަޘަރުތަކަކީ:

ހ- ދެމަފިރީންގެ ކައިވެނި ތަފުރީޤު ކުރުން، އެހެނީ މުސްލިމު އަންހެނާ ކާފިރަކަށް ޙަލާލު ވެގެން ނުވާތީ އެވެ.

ށ- އެ މައްސަލައެއް ޝަރީޢަތަށް ފޮނުވުން ވާޖިބުވެ، އެމީހެއްގެ މައްޗަށް ކުފުރު ވެއްޖެ ކަމުގެ ޙުއްޖަތް ދެއްކުމުން ތައުބާ ނުވެއްޖެނަމަ  މުރުތައްދު ވާމީހާގެ ޙުކުމް ތަންފީޒުކުރުން.

ނ- އެމީހަކު އެހާލަތުގައި މަރުވެއްޖެނަމަ މުސްލިމުންގެ ކަށުކަމާކެމީގެ އަޙްކާމުތައް ކުރިޔަށް ނުގެންދިއުން ނުވަތަ ނުކުރުމެވެ. އެގޮތުން ނުހިނެއުމާއި، ކަށުނަމާދުނުކުރުމާއި، މުސްލިމުންގެ ޤަބުރުސްތާނުގައި ވަޅުނުލުން ހިމެނެއެވެ.

ރ- އެމީހަކު އެ ހާލަތުގައި މަރުވެއްޖެ ނަމަ، ﷲގެ ލަޢުނަތާއި، އަދި ދާއިމަށް ނަރަވާޖިބުވުން ހުއްޓެވެ. (القرضاوي، ظاهرة الغلو في التكفير، ص31، 32. )

ޙަޤީޤީ ކުފުގެ ޙުކުމަކީ މުރުތައްދު ކަމަށް ވެފައި އެއިން ނުކުންނަ ފިޤުހުގެ އަޘަރަކީ ނުވަތަ ނަތީޖާއަކީ އިސްވެ ދެއްނެވުނުފަދަ ބިރުވެރި އަޘަރުތަކަށްވާތީވެ ސަލަފުގެ ބޭކަލުން ވަނީ ޙުއްޖަތެއްނެތި، ދަލީލަކާއި ނުލައި ކާފިރެއްގެ ގޮތުގައި މުސްލިމަކު ސިފަނުކުރުމަށް އިންޒާރުތައް ދެއްވާފައެވެ. ބައެއް ޢިލްމުވެރީން މިސާލަކަށް الإمام أبو داود السجستاني ވިދާޅުވާގޮތުގައި މުސްލިމަކު ކުރި ފާފައަކާއި ގުޅުވާގެން ސީދާ އެމީހަކާއި ދިމާލަށް، "ﷲ، ކަލޭ ނުދިއްނަވާނެއޭ"، ނުވަތަ "ކަލޭ ދާނީ ނަރަކަޔަށޭ"، ބުނުމަކީ އެމީހެއްގެ ޙައްޤުގައި ވެވޭ އަނިޔާޔެކެވެ. (سنن أبي داود 5/207)

ޢަޤީދާގެ މަޝްހޫރު ފޮތެއްކަމުގައިވާ الطحاوية ގެ ޝަރަޙަ ލިޔުވެވި الإمام أبو الحسن علي بن علاء الدين علي بن أبي العز الحنفي ވިދާޅުވިއެވެ. އެންމެ ބޮޑު ބަޢާވަތަކީ މީހަކާއި ދިމާލަށް، "އެމީހަކަށް، ﷲ ނުފުއްސަވާނެޔޭ، އަދި ރަޙުމެއް ނުކުރައްވާނެއޭ، އަދި ކިއައްހޭ! އޭނާ އަބަދައްމެ އޮންނާނީ ނަރަކާގަޔޭ، އަދި އޭނަގެ ޙުކުމަކީ މަރުވުމަށްފަހު ކާފިރެއްގެ ޙުކުމޭ" ބުނުމެވެ. (شرح الطحاوية، 2/436)

ޙުއްޖަތެއް ނެތި ދަލީލަކާ ނުލައި މުސްލިމަކު ކާފިރެއްގެ ގޮތުގައި ކަނޑަ އެޅުމަށް އަވަސްވެގަތުމަކީ އިހުޒަމާނުގައި ވެސް އަދި މިޒަމާނުގައި ވެސް އޮތް އިޖުތިމާޢީ ޢާއްމު ބަލިއަކަށް ވީހިނދު އެބަލިން ސަލާމަތްކަން ހޯދުމަށް ނަބަވީ ދައުރުން ފެށިގެން މިއަދާއި ހަމަޔަށް ނަފުރަތުގެ ބިލުގެ ދެލިކޮޕީ ފިޔަވައި ދެންހުރިހާ ޒަމާނެއްގައިވެސް އެފަދަ ކަންބޮޑު ވުމާއިއެކުވެސް އެކަން މަނާކުރުމަށް ބޭނުނުންކުރައްވާފައި ވަނީ އިންޒާރުކުރުމާއި ނަސީހަތްދިނުމާއި މުޖުތަމަޢު ހޭލުންތެރިކުމުގެ މަންހަޖު (މެތެޑް) އެވެ. އަދަބު ދިނުމުގެ މަންހަޖެއްނޫނެވެ. ނަފުރަތުގެ ބިލުގެ ދެލިކޮޕީން އެކަން ހުއްޓެވުމަށް އަދަބު ދިނުމުގެ މެތެޑް ބޭނުންކުރުމުން އެކަމާއި ދެކޮޅަށް ދިވެހި ރާއްޖޭގެ ފުންނާބު އުސް ގިނަ ޢިލްމުވެރީ ހިންދަމާލެއްވި ހިނދު، މަދުބަޔަކު ނަމަވެސް ޢިލްމީނަމެއްގައި އެބިލަށް ތާއީދުކޮށް އަތްތިލަބަޑި ތަޅައިގަތުމުން މިމައްސަލާގެ އުދާސްތަކާއި ކަންބޮޑުވުން މުޖުތަމަޢުގައި އިތުރުވެގެން ދިއުމުންވެސް ބައެއް ދީނީ ޢިލްމުވެރީން މިކަމުގައި ދެނެހުރިކަމަށް ވެސް ނަހަދާ، ގައިގެ ތަނެއް ކަހާނުލާ ވެސް ތިއްބެވީތީވެ މިވަގުތަށް މިފަދަ މައުޟޫއެއް މުހިއްމު ވެއްޖެއެވެ. އަދި އޭގެ ބޭނުންތެރިކަން ނިހާޔަތަށް އިހުސާސް ކުރެވުނު ހިނދު "ނަފުރަތުގެ ބިލުން ދެއްކުން މަނާކުރާ ބަސްތަކާއި ދީން ހުއްދަކުރާ ބަސްތައް"ގެ ނަމުން މި މައުޟޫޢު އިޚްތިޔާރުކުރީއެވެ.

މައްސަލައިގެ އޮޅުން ބޮޅުން:

ހ- ނަފުރަތުގެ ބިލުގެ ދެލިކޮޕީގައި ދެއްކުން މަނާކުރާ ބަސްތަކެއް ކަނޑައަޅާފައިވެއެވެ. އެ ބިލުގެ މަޤުޞަދަކީ ނަފުރަތުގެ ޢަމަލުތައް ޖިނާއީ ކުށަކަށް ހެދުމެވެ. ބިލުގައި ހުރި މަނާކުރާ ބައެއް ބަސްތަކުގެ ތެރޭގައި އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާއި ޚިލާފަތް އުޅޭ ނުވަތަ އިސްލާމްދީނާއި ދެކޮޅު މީހެއްކަމަށް ތުހުމަތުކުރުމާއި، އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން، ނުވަތަ ތުހުމަތު ކުރުން ހިމެނޭކަން ފާހަގަވެއެވެ. އަނެއްކޮޅުން ކުފުރުގެ މައްސަލައަކީ ފިޤުހުގެ މައްސަލައެކެވެ. ފިޤުހުގެ މައްސަލަތަކުގައި ޙުކުމެއް ބުނާހިނދު ނުވަތަ ފަތުވާއެއް ނެރޭހިނދު ޙުކުމް އަންނާނީ އެކަމެއްގެ ޙަރާމްކަން ނުވަތަ ޙަލާލުކަން ކަނޑައެޅި އަދި އެނަތީޖާއަކާ ގުޅިގެން އަންނަ ފިޤުހުގެ އަޘަރުތައް ބަޔާންވެވިގެންނެވެ. މީހަކު އިސްލާމްކަން ގެއްލޭ ކަމެއް ކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙުކުމް ބުނެވޭނީ ނުވަތަ ފަތުވާ ދެވޭނީ ބޮޑު ކުފުރަކުން ކުފުރު ވެއްޖެކަމަށެވެ. މީހަކު ބޮޑު ފާފައެއް ކޮށްފިނަމަ އެކަމުގެ މައްޗަށް ޙުކުމް ބުނެވޭނީ ނުވަތަ ފަތުވާ އިއްވެވޭނީ އެއީ އިސްލާމް ދީނުގައި ޙަރާމްކުރެވިފައިވާ ކަމެއް ކަމަށާއި އެމީހަކީ ފާސިގެއް ކަމަށެވެ. ފިޤުޙުގައި މީހެއްގެ މައްޗަށް ބޮޑު ކުފުރުގެ ޙުކުމް ނެރޭނަމަ އެމީހަކު ޢައްޔަންކުރުން ލާޒިމުވެއެވެ. ސަބަބަކީ ބޮޑު ކުފުރަކީ އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ ފިޤުހީ އަސަރުތައް ތަންފީޒުކުރަންޖެހޭ ކަމެކެވެ. ކަންމިހެން އޮތުމާއި އެކު ނަފުރަތުގެ ބިލުގެ ސަބަބުން ފިޤްހުގެ މިފަދަ މަސައްކަތަށް ޙުކުމް ބުނުމާއި، ވާހަކަދެއްކުމާއި، ދިރާސާލިޔުމާއި، އިލްމީ މަޖިލިސްތަކުގައި ވަރުންއެޅުމާއި، ފަތުވާދިނުމާއި އަދި މިފަދަ ކަންކަމުގައި ބައިވެރިވުމަށް ހުރަސްއެޅޭނީ ކިހާ މިންވަރަކަށްތޯ ސުވާލު އުފެދެއެވެ.

ށ- މުސްލިމަކު ކާފިރެއްގެ ގޮތުގައި ސިފަނުކުރުމަށް ސުންނަތުގައި އަމުރުފުޅުތަކެއް އައިސްފައި ވެއެވެ. އެހެންކަމުން އެފަދަ ކަމެއް ކޮށްފި މީހެއްގެ ފިޤުހުގެ ޙުކުމަކީ ކޮބައިކަމާއި އަދި ޙަދީޘުފުޅުތަކުގައި އައިސްފައިވާ އަމުރުކުރެއްވުން ނުވަތަ މަނާކުރެއްވުން ދަލާލަތުކޮށްދޭ ހައިސިއްޔަތު ވެސް މިމައްސަލާގައި އެނގެން މުހިއްމެވެ.

ނ– ދީނީ ނަސޭޙަތުގެ ބޭނުމަކީ މުޖުތަމަޢު ޠާހިރުކުރުމާއި މުންކަރާތްތަކުން ދުރުކުރުމެވެ. އަދި އެސަބަބަށް ޓަކައި ދީނީ ނަޞޭޙަތް ދިނުމާއި އިސްލާމީ ފަތުވާ ނެރުމުގައި ޒަޖުރުކުރުން (ފާފައިގެ ޢަމަލުތައް ހުތުރުކުރުން، ބިރުގެނެވުން، އިންޒާރުކުރުން) ހުއްދައެވެ. (الزجر في الفتاوى ص 67-95) ނަމަވެސް ނަފުރަތުގެ ބިލުން އިސްލާމް ދީނާއި ޚިލާފަށް އުޅޭ ނުވަތަ ފާފަކޮޮށް އުޅޭ މީހަކަށް ނިސްބަތްކޮށް އެފާފައިގެ އަމަލުތައް ހުތުރުކުމާއި އެކަން ހުއްޓުވުމަށް އިންޒާރުކުރުން ނުވަތަ އެފަދަ މީހަކު ތަފާތުކޮށް އެކަހަރިވުމަށް ބުނުން، ޖިނާއީ ކުށަކަށް ވެއްޖެނަމަ، ނަސޭހަތްދިނުމުގައި މުންކަރާތްތައް ހުތުރުކުރުމާއި، ފާފަކުރާ މީހުންނާއި ދުރުހެލިވުމަށާއި އަދި އަނިޔާވެރި ވެރިޔެއްގެ ގާތުގައި ހައްގު ބަސް ބުނުމުގެ ފުރުޞަތު ހަނިވެގެން ނުވަތަ ގެއްލިގެންދާނެ މިންވަރާއި މެދު ސުވާލު އުފެދެއެވެ. އަދި ވަކިން ޚާއްޞަކޮށް، މީހަކު ﷲއަށާއި، ޤުރްއާނަށާއި، ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށްފިނަމަ، އެކަމުގެ ސަބަބުން އެމީހާ ކާފިރެއްކަމުގައި ވާހިނދު، އެމީހާގެ ވާހަކަ ދެއްކުން ޢިލްމުވެރީންގެ މައްޗަށް އެވަގުތު ވާޖިބުވާ ހިނދު، އެމީހާގެ ވާހަކަ ދެއްކުމުގެ ފުރުޞަތު މި ބިލުން ގެއްލިގެންދާނެ މިންވަރާއި މެދު ސުވާލު އުފެދެއެވެ.

އިސްވެ ދެންނެވުނު އޮޅުންބޮޅުންތަކަށް ހާލިފިލުވުމަށްޓަކައި މި މައުޟޫޢު ތިން ނުޤުތާއަކަށް ބައިކޮށްލާނަމެވެ.

ފުރަތަމަ ނުގުތާގައި ބަލައިލާނީ ފިޤުހުގެ މައްސަލަތަކުގައި ކުފުރުގެ ލަފުޒު ބޭނުންކުރުން ހުއްދަ އޮތް މިންވަރު ދަނެގަތުމުގެ މައްޗަށެވެ. އެގޮތުން ޢަރަބި ބަހުގައި ކުފުރުގެ މާނައަކީ ކޮބައިކަމާއި، ދަންނަބޭކަލުން ކުފުރުގެ އިޞްޠިލާޙީ މާނަކުރެއްވި ގޮތާއި، ތަފުސީރުގެ ޢިލްމުވެރީން ޤުރްއާނުގައިވާ ކުފުރުގެ ލަފުޒުތަށް މާނަކުރައްވާފައިވާ ގޮތާއި، ކުފުރު ބެހިގެންވާ ބައިތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ.

ދެވަނަ ނުގުތާގައި ވާހަކަދައްކާނީ ކާފިރެއްގެ ގޮތުގައި ސިފަކުރުން މަނާކުރާ ޙަދީޘުތަކާއި އެމާނައިގައި އައިސްފައިވާ އެފަދަ ޙަދީޘުތަކުގެ މަފުހޫމާއި އޭގެ މުރާދުތަކާ މެދު ޢިލްމުވެރީންގެ ބަހަކީ ކޮބައިކަން އޮޅުންފިލުވުމުގެ މައްޗަށެވެ.

ތިންވަނަ ނުގުތާގައި ބަލައިލާނީ ފާފަތަކަށް ކުފުރުގެ ލަފުޒު ބޭނުންކުރުމާއި ފާފަކުރާ މީހުންގެ ވާހަކަ ފާޅުކުރުން ހުއްދަވާމިންވަރު ދަނެގަތުމުގެ މައްޗަށެވެ. ދެން އެއަށްފަހު މި މައުޟޫޢު ނިންމާލުމުގައި ނަތީޖާ އާއި، ތައުސިއްޔާތު: (ބަޙްޘުގެ އިލްތިމާސްތައް) ހިމެނިފައިވާނެއެވެ. އަދި މަޞްދަރުތަކާއި މަރްޖަޢުތަކަށް އިޝާރާތްކޮށްފައިވާނެއެވެ. މި ލިޔުމުން، ލިޔާ މީހާށާއި، ކިޔާ މީހަކަށާއި، އަޑުއެހި ކޮންމެ މީހަކަށް ފައިދާ އާއި މަންފާ ލިބުން، ރައްބީގެ ރަޙުމަތުން އެދެމެވެ.

ފުރަތަމަ ނުގުތާ: ފިޤުހުގެ މައްސަލަތަކުގައި ކުފުރުގެ ލަފުޒު ބޭނުންކުރުން ހުއްދަ އޮތްމިންވަރު ދަނެގަތުން

ހ- ކުފުރުގެ ލަފުޒީ މާނަ: ޢަރަބި ބަހުގައި ކުފުރުގެ މާނައަކީ އެއްޗެއް ނިވައިވުމެވެ. ޢަރަބި ބަހުގައި ދަނޑުވެރިޔާއަށް ވެސް ކާފިރު ކިޔައެވެ. އެއީ ދަނޑުވެރިޔާ ދަނޑަށް ހުންނަ ލޯބި ބޮޑުކަމުން އެހެނިހެން ކަންތައްތަކަށް އޭނާގެ ސަމާލުކަން ބޮޑުނުވާތީއެވެ. އޭނާ އަށް ކާފިރުކިޔަނީ އޭނާ ދަނޑުގެ ލޯބީގައި ނިވާވެފައިވާތީއެވެ. ޤުރްއާނުގައިވެއެވެ. (كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ) (الحديد 20) މާނައީ: "ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائبކޮށްފައިވެއެވެ." އަދި ރޭގަނޑަށް ވެސް ކާފިރު ކިޔައެވެ. އެއީ ރޭގަނޑުގެ އަނދިރިކަމުން ހުރިހާ ތަކެއްޗެއް ނިވައިވެފައިވާތީއެވެ. ކާފިރުންނަށް ކާފިރުކިޔަނީ އޭނާއަށް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުނުކޮށް އެކަމާއި އެއްބަސްނުވެ އެފޮރުވައިގެން އުޅޭތީއެވެ. ކުފުރުގެ އަނެއް މާނައަކީ އީމާންކަމުގެ އިދިކޮޅު މާނައެވެ. ޤުރްއާނުގައިވެއެވެ. (فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللّهِ) (البقرة 256) މާނައީ: "ފަހެ، شيطانއާޔަށް كافرވެ اللَّهއަށް إيمانވާމީހާ ދަންނާށެވެ!" (الكليات، أبو البقاء الكفوي، ص 742)

الإمام ابن الجوزي ވިދާޅުވަނީ، ތަފްސީރު ޢިލްމުވެރީން ޤުރްއާނުގައިވާ ކުފުރުގެ ލަފުޒުތައް ފަސް ގޮތަކަށް މާނަކުރައްވާފައިވެއެވެ. (نزهة الأعين النواظر في علم الوجوه والنظائر، لابن الجوزي 2/119) އެއީ:

އެކެއް: الكفر بالتوحيد (ތައުޙީދަށް (އެއްކައުވަންތަކަމަށް) ކުފުރުވުން) މާތް ﷲ ވަހީކުރެއްވިއެވެ. (إِنَّ الَّذِينَ كَفَرُواْ سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لاَ يُؤْمِنُونَ (البقرة 6) މާނައި: "ހަމަކަށަވަރުން كافرވި މީސްތަކުންނަށް، ކަލޭގެފާނު އެއުރެންނަށް إنذارކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ. އެއުރެން إيمانއެއް ނުވާނެތެވެ."

ދޭއް: كفران النعمة (ނިޢުމަތަށް ކުފުރުވުން) މާތް ﷲ ވަހީކުރެއްވިއެވެ. (واشكروا لي ولا تكفرون (البقرة 152) މާނައީ: އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكرކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! (މުރާދަކީ: ނިޢުމަތަށް ކުފުރުވުމެވެ.)

ތިނެއް: التبرؤ (ބަރީއަވުން) މާތް ﷲ ވަހީކުރެއްވިއެވެ.( ثُمَّ يَوْمَ الْقِيَامَةِ يَكْفُرُ بَعْضُكُمْ بِبَعْضٍ) (العنكبوت 25) މާނައީ: ދެން އެއަށްފަހު، قيامةދުވަހުން ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު، އަނެއްބަޔަކަށް كافرވާނެތެވެ. (މުރާދަކީ: ބަރީއަވާނެތެވެ.)

ހަތަރެއް: الجحود (އިންކާރުކުރުން) މާތް ﷲ ވަހީކުރެއްވިއެވެ .(فَلَمَّا جَاءهُم مَّا عَرَفُواْ كَفَرُواْ بِهِ) (البقرة89) މާނައީ: "ދެން އެއުރެންނަށް އެނގިފައިވާ حقގޮތް އެއުރެންނާ ހަމަޔަށް އައިހިނދު އެއަށް އެއުރެން كافرވޫއެވެ." (މުރާދަކީ: އިންކާރުވޫއެވެ.)

ފަހެއް: التغطية، (ނިވައިވުން) މާތް ﷲ ވަހީކުރެއްވިއެވެ. (كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ) (الحديد 20) މާނައީ: "ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން عجائبކޮށްފައިވެއެވެ." މިތާނގައި ދަނޑުވެރިޔާއަށް "ކާފިރު" ކިޔެވުނީ އޭނާ ދަނޑުގެ ލޯބީގައި ނިވާވެފައިވާތީއެވެ. އެވާހަކަ އިސްވެ ހިނގައްޖެއެވެ.

ޚުލާޞާއަކީ: އަރަބި ބަހުގައި ކުފުރުގެ މާނަ އެއްމާނައަށް ވުރެ ގިނަ މާނަގައި ބޭނުންކުރުމުގެ ޘަޤާފަތް އޮވެއެވެ. އަދި މުސްލިމު މުޖުތަމައެއް ނުވަތަ އަރަބި ބަހަށް ލޯބިކުރާ މުޖުތަމައެއްގައި ކުފުރުގެ ބަސް އިސްވެ ދެންނެވުނު ފަދަ މާނަތަކުގައި ބޭނުންކުރުމުގެ އާދަކާދަ ހިފިއްޖެނަމަ އެބަޔަކަށް ކުފުރުގެ ލަފުޒު އެފަދަ މާނަތަކުގައި ބެނުން ކުރެވިދާނެއެވެ. އަދި ދިވެހިބަހަކީ ތިރީސް ނުވަތަ ސާޅީސް އިންސައްތަ އަރަބި ބަސް ބޭނުންކުރެވޭ ބަހަކަށް ވެފައި އަދި ޚާއްޞަކޮށް ޢަރަބިކަލާމުގެ ބޭކަލުން ޢަރަބި ބަސްތައް ގިނައިން ބޭނުންކުރަމުން އަންނަ މުޖުތަމައަކަށް ވާތީވެ ކުފުރުގެ ލަފުޒު ބުނުމުން ދީނުން ބޭރުނުވާ މާނައަށް ދަލާލަތުކޮށްދޭ ޤަރީނާއަކާއި އެކު އެލަފުޒު ބުނުމާއި މެދު ބަހުގެ ހަމަތަކުގައި ހުރަހެއްނުވެއެވެ. މިސާލަކަށް "މިވެނި މީހަކަށް އެހުރިހާ ކަމެއްކޮށް ދިނުމުންވެސް ކުފުރުވެރި ވެއްޖެއޭ (އެބަހީ: ނިޢުމަތަށް ކުފުރުވެރި ވެއްޖެއޭ) "ބުނުންފަދަ ނުވަތަ" މިވެނި ދެ މީހަކު އެކަަކު އަނެކަކަށް ކާފިރުވެއްޖެއޭ (އެބަހީ: ބަރީއަ ވެގެންފިއޭ)" ބުނުން ފަދަ ނުވަތަ "މިވެނި މީހަކަށް ތިމަންނަ ނަޞޭޙަތްދިނުމުން އޭނާ އެކަމަށް ކާފިރުވެގެންފިއޭ (އެބަހީ: އިންކަރުކޮށްފިއޭ)" ބުނުން ފަދަ ޖުމުލަތަކެވެ. ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ވެސް ކުފުރުގެ ދިވެހި ބަހުގެ އެއް މާނައަކީ "ލިބޭ ނިއުމަތަށް ދެކޮޅުހަދާ ހެދުން" އެވެ. އެހެންކަމުން ލިބޭ ނިއުމަތަށް ދެކޮޅުހަދާ މީހަކަށް ނިސްބަތްވާ ގޮތަށް (އެއީ ލިބޭ ނިއުމަތަށް ދެކޮޅުހަދުންކަން ދަލާލަތުކޮށްދޭ ޤަރީނާއަކާއިއެކު) ކުފުރުގެ ލަފުޒު ދިވެހި ބަހުގައި ބޭނުން ކުރެވިދާނެއެވެ.

ށ-ކުފުރުގެ އިޞްޠިލާޙީ މާނަ:

الإمام ابن تيمية ކުފުރުގެ އިޞްޠިލާޙީ މާނަކުރެއްވިގޮތް: ވިދާޅުވިއެވެ. ކުފުރަކީ އީމާންކަން ނެތުމެވެ. އެއީ ހުރިހާ މުސްލިމުން އިއްތިފާގު ވާގޮތެވެ. އެއީ އީމާންކަން ގެއްލޭ ކަމަކަށް އިޢުތިޤާދުކޮށްގެން އެވާހަކައެއް ދެއްކިކަމުގައި ވިޔަސް ނުވަތަ އިޢުތިޤާދެއްނެތި އެފަދަ ވާހަކައެއް ދެއްކި ކަމުގައިވިޔަސް މެއެވެ. އަދި އިބްނު ތައިމިއްޔާ އެހެން އިބާރަތަކުންވެސް ކުފުރު މާނަކުރެއްވިއެވެ. ވިދާޅުވިއެވެ. ކުފުރަކީ: ﷲއާއި އެއިލާހުގެ ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމަ) އަށް އީމާން ނުވުމެވެ. އެއީ އެމީހަކު އެކަން ދޮގުކޮށްގެން ކަމުގައި ވިޔަސް ނުވަތަ ދޮގުކުރުމަކާއި ނުލައި ކަމުގައި ވިޔަސް މެއެވެ. އަދި ކިއޭއްތަ! ޝައްކުގެ ކަމަކުން، ނުވަތަ ޙަސަދަވެރިކަމަކުން، ނުވަތަ ތަކައްބުރުވެރިކަމަކުން، ނުވަތަ ރިސާލަތަށް ތަބާނުވުމުގައި ހުރި އަމިއްލަ އެދުމަކުން ކަމުގައި ވިޔަސް މެއެވެ. (مجموع الفتاوى، (20 / ص 98)

الإمام ابن حزم ކުފުރުގެ އިޞްޠިލާޙީ މާނަކުރެއްވިގޮތް: ވިދާޅުވިއެވެ. ދީނީ ގޮތުން ކުފުރަކީ، އެމީހަކާއި ހަމަޔަށް ޙައްޤު އަތުވެއްޖެކަމުގެ މައްޗަށް ޙުއްޖަތް ޤާއިމުކުރެވުމަށްފަހު އެކަމަކަށް އީމާންވުމަށް ﷲ ފަރަޟު ކުރައްވާފައިވާ ކަމެއްގެ ތެރެއިން ކަމަކަށް ފުރަގަސްދީގެން އުޅުމެވެ. އެއީ ދުލުގެ ބުނުމަކާއި ނުލައި ހިތުގެ ނިޔަތަކުން ކަމުގައި ވިޔަސް ނުވަތަ ހިތުގެ ނިޔަތަކާއި ނުލައި ދުލުގެ ބުނުން ކަމުގައި ވިޔަސް ނުވަތަ އެދެކަން އެއްކޮށް ކަމުގައި ވިޔަސް ނުވަތަ އީމާންކަން ގެއްލޭނެ ކަމަށް ނައްޞަކުން އައިސްފައިވާ ކަމެއް ކުރުން ކަމުގައި ވިޔަސްމެއެވެ. ابن حزم، الفصل في الملل والأهواء والنحل،2/586)

الإمام السبكي ކުފުރުގެ އިޞްޠިލާޙީ މާނަކުރެއްވިގޮތް: ވިދާޅުވިއެވެ. ކުފުރަކީ، ޝަރްޢީ ޙުކުމެކެވެ. އޭގެ ސަބަބަކީ ރުބޫބިއްޔަތަށް ނުވަތަ އުލޫހިއްޔަތަށް (އެއްކައުވަންތަކަމަށް) ނުވަތަ ރިސާލަތަށް ފުރަގަސްދިނުމެވެ. ނުވަތަ ފުރަގަސްދިނުމަކާއި ނުލައި ކަމުގައި ވިޔަސް ޝަރީޢަތުގައި ކުފުރުވާނެ ކަމަށް ކަނޑައަޅުއްވާފައިވާ ކަމެއް ކުރުން ނުވަތަ ބަހެއް ބުނުމެވެ. (فتاوى السبكي 2/586)

الإمام ابن القيم ކުފުރުގެ އިޞްޠިލާޙީ މާނަކުރެއްވިގޮތް: ވިދާޅުވިއެވެ. ކުފުރަކީ، ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދިނުމެވެ. އެއީ ޢިލްމީ ނުވަތަ ޢަމަލީ މައްސަލަތަކުގެ ނަމުން ތިޔަބައިމީހުން ނަންދީފައިވާ ކަމެއްކަމުގައި ވިޔަސްމެއެވެ. ފަހެ އެކަމަކީ ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ގެންނެވި ކަމެއްކަން އެނގުމަށްފަހު އެކަމަކަށް ފުރަގަސްދީފި މީހާ ފަހެ ވާހުށީ ދީނުގެ ކުދި ބޮޑު އެންމެހާ ކަންތައްތަކަށް ކުފުރުވެރިއަކަށެވެ. (ابن القيم، مختصر الصواعق المرسلة، 2 /421)

ޚުލާޞާއަކީ: ކުފުރުގެ ދެމާނައެއްވެއެވެ. ނުވަތަ ކުފުރު ބެހިގެންވަނީ ދެވައްތަރަކަށެވެ. އެއީ އެކުފުރަކުން ދީނުން ބޭރުވާ ކުފުރަކާއި އަދި އެކުފުރަކުން ދީނުން ބޭރުނުވާ ކުފުރެވެ. އެއީ ސަލަފުގެ ބޭކަލުންގެ ތެރެއިން ابن عباس އާއި طاووس އާއި عطاء ގެ ވެސް މަޒުހަބެވެ. (تعظيم قدر الصلاة، للمروزي 2/518) އެހެންކަމުން މުސްލިމަކު ކާފިރެއްގެ ގޮތުގައި ސިފަ ކުރުމުގައި ދެ ހައިސިއްޔަތެއްވެއެވެ. އެއް ހައިސިއްޔަތަކީ ދީނުން ބޭރުނުވާ މާނަ ދޭހަވާ އިބާރަތަކުން ކާފިރެއްގެ ގޮތުގައި ސިފަކުރުމެވެ. އެއީ ބޮޑު ފާފައެއް ކޮށްފިކަން ޘާބިތުވާ މުސްލިމަކަށް ނިސްބަތްކޮށް ބުނުން ފިޤުހުގައި ހުއްދަވާ ކުފުރެވެ. އެކުފުރަކުން އެމީހަކު ދީނުން ބޭރުވީކަމުގައި އަހުލުއްސުންނަތުގެ ފިޤުހުވެރީން ނުދެކެއެވެ. ކުފުރުގެ އަނެއް ހައިސިއްޔަތަކީ ދީނުން ބޭރުވާ މާނަދޭހަވާ އިބާރަތަކުން ކާފިރެއްގެ ގޮތުގައި ސިފަކުރުމެވެ. އެއީ ﷲއާއި، ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދީފި މީހަކަށް ނިސްބަތްކޮށް ބުނުން ފިޤުހުގައި ހުއްދަވާ ކުފުރެވެ. އެކުފުރުގެ ޙުކުމަކީ "މުރުތައްދު" އެވެ.

ނ-ކުފުރު ބެހިގެންވާ ބައިތައް

ކުފުރު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ބޮކުފުރާއި ކުޑަކުފުރެވެ.

ހ- ބޮޑުކުފުރު: ބޮޑު ކުފުރަކީ އެއަށް ހުރަހެޅިގެންފި މީހަކަށް ނަރަކަ ވާޖިބުވާ (ދާއިމަށް ނަރަކައިގައި އޮންނަންޖެހޭ) ކަންކަމެކެވެ. ބޮޑުކުފުރުގެ ފަސް ވައްތަރެއްވެއެވެ. އެއީ (އެކެއް) ރިސާލަތު ދޮގުކުރުމުން ކުފުރުވެރިވުން، (ދޭއް) ރިސާލަތުގެ ތެދުކަން ޤަބޫލުކުރުމާއި އެކުވެސް ތަކައްބުރުވެރިކަމުގެ ގޮތުން އީމާންނުވެ ކުފުރުވުން، (ތިނެއް) ރިސާލަތަށް ފުރަގަސްދީގެން ކުފުރުވުން، (ހަތަރެއް) ރިސާލަތަށް ޝައްކުކޮށްގެން ކުފުރުވުން، (ފަހެއް) މުނާފިޤުކަމުން ކުފުރުވުން، މިއެވެ. (ابن القيم، مدارج السالكين، 1/335)

ށ- ކުޑަ ކުފުރު: ކުޑަކުފުރަކީ އެފާފަޔެއްކުރުމުގެ މައްޗަށް ވަޢީދުތައް އައިސްފައިވާ ނަމަވެސް ނަރަކަ ވާޖިބުނުވާ (ދާއިމަށް ނަރަކައިގައި އޮންނަންނުޖެހޭ) ކަންކަމެކެވެ. މިކަމުގައި ހުރިހާ ވައްތަރެއްގެ ފާފަތައް އެކުލެވެއެވެ. އެހެންކަމުން ކޮންމެ ފާފައަކީ ވެސް ކުފުރެކެވެ. ފާފައެއްކޮށްފި މީހާ އެކުރަނީ ކުފުރުގެ އަމަލެކެވެ. އެހެނީ ޝުކުރު އަދާކުރުމުގެ ގޮތުން ހެޔޮ ކަމެއްކުރުމުގެ ބަދަލުގައި އޭނާކުރީ އިންކާރުގެ (ކުފުރުގެ) ޢަމަލަކަށް ވާތީއެވެ. (ابن حجر، فتح الباري، 1\83)

ޚުލަޞާއަކީ: އިސްލާމީ ޢަޤީދާއާއި ގުޅުވައިގެން ވާހަކައެއް ދައްކާއިރު ފާފައަކަށް ނިސްބަތްކޮށް އެފަދަ ފަފައެއް ކޮށްފި މީހެއްގެ ޙުކުމަކީ ކުޑަކުފުރުވުންކަމުގައި(ދީނުން ބޭރުނުވާ ކުފުރެއްކަމުގައި) ބުނެވިދާނެއެވެ. އަދި އެމީކަށް ނިސްބަތްކޮށް އެއަމަލުތައް ކާފިރެއްގެ އަމަލުގެ ގޮތުގައި(ލާދީނީ ކަމެއްގެ ގޮތުގައި) ސިފަކުރެވިދާނެއެވެ. ނަމަވެސް އެޢަމަލަކީ ދީނުން ބޭރުނުވާ ޢަމަލެއްކަން އެނގޭގޮތަށް ޞަރީޙަ ބަހުން ކުޑަކުފުރުގެ އަމަލެއްކަން، ނުވަތަ ދީނުން ބޭރުނުވާ ލާދީނީ ޢަމަލެއްކަން ބުނުން ޝަރުވެއެވެ. މިފަދަ މިސާލުތައް ޤުރްއާނުގައި އައސްފައިވެއެވެ. މިސާލަކަށް (إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِراً وَإِمَّا كَفُوراً،) (الإنسان 3) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكرވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافرވުމަށްޓަކައެވެ." އެހެން އާޔަތެއްގައި ވެއެވެ. (وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ) (النمل40) މާނައީ: "شكرކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكرކުރާކަން ކަށަވަރީ، ހަމަ އޭނާގެ އަމިއްލަ نفسއަށެވެ. އަދި (نعمةއަށް) ދެކޮޅުހަދާމީހާ (ކާފިރުވާ މީހާ) (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ  ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ."

ދެވަނަ ނުގުތާ: ކާފިރެއްގެ ގޮތުގައި ސިފަކުރުން މަނާކުރާ ޙަދީޘުތަކާއި އޭގެ މުރާދުތައް

ހ-عن عبد الله بن عمر (رضي الله عنهما)، أن رسول الله صلى الله عليه وسلم  قال: (أيما رجل قال لأخيه: يا كافر؛ فقد باء بها أحدهما) (البخاري، ومسلم) މާނައީ: މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد الله بن عمرގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. އެއްވެސް މީހަކު އެމީހާގެ އަޚަކަށް "އޭ ކާފިރޭ" ގޮވައިފިނަމަ ފަހެ ހަމަކަށަވަރުން އެ ލަފުޒު (ކާފިރުގެ ލަފުޒު) އެދެމީހުންކުރެ އެކަކު ލިބިގެންފިއެވެ.

"ކާފިރުގެ ލަފުޒު އެދެމީހުންކުރެ އެކަކު ލިބިގެންފިއެވެ." ބުނެވޭ ބަހުގެ މުރާދަކީ ކާފިރެކޭ ބުނެވުނު މީހާގެ ޙަޤީޤަތަކީ އެއީ ކަމުގައި ވާނަމަ އެމީހަކަށް އެކަމުގެ ގެއްލުން މުރުތައްދު ވުމުގެ ސަބަބުން ލިބިގެންވުމެވެ. އަދި ބުނެވުނު މީހާގެ ޙަޤީޤަތަކީ އެއީ ކަމުގައި ނުވާނަމަ ބުނި މީހާއަށް އެކަމުގެ ގެއްލުން ދޮގުހެދުމާއި ބުހުތާން މީހެއްގެ ބޮލުގައި އެޅުވުމުގެ ސަބަބުން ލިބިގެންވެއެވެ. (التمهيد17/22- الموطأ 4/444)

الإمام ابن عبد البر ވިދާޅުވިއެވެ. ޙަދީޘުގައި އެވަނީ މީހަކު ކުރާ ފާފައަކާ އަޅުވައިގެން ނުވަތަ ކުޅަ މާނައަކާއި، (ތަރުޖަމާއަކާއި) އަޅުވައިގެން އެ މީހަކު ކުފުރު ވެއްޖެކަމަށް ކަނޑަނޭޅުމަށް އަވަސްވެނުގަތުމަށް މުސްލިމުންނަށް އަންގަވާފައެވެ. އެހެނީ އެފަދަ ފާފަތާއި މާނަތަކުން އިސްލާމް ދީނުން ބޭރުނުވާކަށް أهل السنة والجماعة ގެ ހުރިހާ ދަންނަބޭކަލުން އެއްބަސްވާތީއެވެ. (التمهيد 17/14)

الإمام النووي ވިދާޅުވިއެވެ. މި ހަދީޘުގެ މުރާދަކީ އޭގެ ބޭރުފުށުގެ މާނައެއްނޫނެވެ. އެހެނީ ޤަތުލު ކުރުމާއި ޒިނޭކުރުން ފަދަ ފާފަތަކުން މުސްލިމަކު، ކާފިރަކަށް (ދީނުން ބޭރެއް) ނުވެއެވެ. އަދި ހަމަ އެފަދައިން އޭނާގެ އަޚަކަށް (އެމީހަކު ދީނުން ބޭރުވެއްޖެ ކަމުގެ ނިޔަތަކާއި ނުލައި) ކާފިރެކޭ ބުނުމަކުން ވެސް އެބުނި މީހަކު ވެސް ދީނުން ބޭރެއްނުވެއެވެ. (المنهاج 1/153)

ށ-عنِ ابنِ مَسعودٍ رضي اللَّه عَنهُ قال : قال رسُولُ اللَّه صَلّى اللهُ عَلَيْهِ وسَلَّم: «سِباب المُسْلِمِ فُسوقٌ، وقِتَالُهُ كُفْرٌ» (متفقٌ عليه) މާނައީ: "މާތްالله ރުއްސުންލެއްވި ابنِ مَسعود ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رَسُول اللَّهِ صَلّى اللهُ عَلَيْهِ وسَلَّم،  حديث ކުރެއްވިއެވެ. މުސްލިމުންނަށް ނެތިނުބައި ގޮވުމަކީ منافقންގެ عمل އެކެވެ. އަދި އެމީހުން ގަތުލުކުރުމަކީ ކުފުރުގެ عمل އެކެވެ."

މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ޤަތުލުކުރުމަކީ ބޮޑު ފާފައެކެވެ. އެފަދަ ފާފައެއްކޮށްފި ބަޔަކު ސިފަކުރެވޭނީ ކުފުރުގެ ޢަމަލު ހިންގާ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެކުފުރަކީ މިއްލަތުން ބޭރުވާ ކުފުރެއްނޫނެވެ. އޭގެ އެއް ދަލީލަކީ ﷲގެ ވަހީ ބަސްފުޅު (وَإِنْ طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا) (الحجرات 9) އެވެ. މަނައީ: مؤمنންގެ ދެބަޔަކު ޤަތުލުކުރާން ފަށައިފިނަމަ (ތަޅައިފޮޅައި، ލޭއޮހުރުވާން ފަށައިފިނަމަ) ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން صلحކުރާށެވެ!) الإمام البخاري ވިދާޅުވިއެވެ. އެދެބައި މީހުންނަށް ނަންދެވުނީ މުއުމިނުންގެ ނަމެވެ. (صحيح البخاري، 4\219.) الإمام ابن حجر ވިދާޅުވިއެވެ. މުއައްލިފު (އެބަހީ އެފޮތުގެ މުއައްލިފު އަލް އިމާމު ބުޚާރީ) މި ޙަދީޘުން ދަލީލު ނަންގަވަނީ މުއުމިނަކު ފާފައެއްކުރުމުން ކުފުރަކަށް ( ދީނުން ބޭރުވާ ބޮޑުކުފުރަކަށް) ނުވާނެ ކަމަށެވެ. ސަބަބަކީ އެޙާލަތުގައިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ، އެބައިމީހުންގެ ނަން ދެމެހެއްޓެވީ މުއުމިނުންގެ ނަމުން ކަމަށްވާތީއެވެ. އަދި الإمام ابن حجر އިސްވެދިޔަ ޙަދީޘުގެ ޝަރަޙައިގައި ވިދާޅުވިއެވެ. އެތާގައި ކުފުރުގެ މުރާދަކީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ. ނަމަވެސް އެތާނގައި ކުފުރެއްގެ ގޮތުގައި ކަނޑައެޅުނީ އެނުރައްކަލުން ހޭއެރުވުން އިތުރުކުރުމަށެވެ. (فتح الباري، ابن حجر 1\113)

الإمام أبو عبيد القاسم بن سلام ވިދާޅުވިއެވެ. ބައެއް ޙަދީޘުތަކުގައި ފާފައެއްކުރުމުގެ ސަބަބުން ކުފުރުވާކަމަށް ސިފަ ކުރެވިފައިވާ ނުވަތަ ޝިރުކެއް ކަމަށް ސިފަކުރެވިފައިވާ ބަސްފުޅުގެ ތިމަންމެންގެ ނަޒަރުގައި މުރާދަކީ އެފާފައެއްކުރި މީހަކުގެ މައްޗަށް އީމާންކަން ގެއްލޭ ފަދަ ކުފުރެއް ނުވަތަ ޝިރްކެއް ޘާބިތުވުމެއް ނޫނެވެ. އަދި ކިއެއްތޯއެވެ. އެ (ކުފުރަކުން) ސިފަ އެކުރެވެނީ އެއީ (އޭނާގެ އެ ޢަމަލަކީ) ކާފިރުންނާއި މުޝްރިކުންގެ އަޚްލާޤާއި އެމީހުން އުޅޭގޮތް ކަމަށެވެ. (الإيمان، أبو عبيد القاسم بن سلام ص 93)-  (الصلاة، لابن القيم ص 53، 54) الإمام أبو عبيد القاسم بن سلام ގެ އެބަސްފުޅުން ވެސް ކާފިރުންނާއި މުޝްރިކުންގެ އަޚްލާޤާއި އެމީހުން އުޅޭގޮތަށް އުޅޭމީހުންނަށް "ލާދީނީ" ބުނެވިދާނެ ކަމަށް ފެނެއެވެ. ސަބަބަކީ ފާފަތަކަކީ ކުފުރުގެ ވައްތަރެއްކަމަށް ވާތީއެވެ. އަދި ފާފަތަކަކީ މުޝްރިކުންގެ ސިފަކަމަށް ވާތީއެވެ.

ޚުލާޞާއަކީ: މުސްލިމަކަށް ކުފުރުގެ ބަސް ބުނުމަށް އަވަސްވެ ނުގަތުމަށް އައިސްފައިވާ އިސްވެ ދެންނެވުނު ހަދީޘާއި އަދި އެ މާނައިގައި ހިމެނޭ (ومن رمَى مسلمًا بكفر فهو كقتله)» (البخاري في كتاب: الإيمان، باب: من حلف بملة سوى ملة الإسلام 6/2451)، މާނައީ: "މުސްލިމަކަށް ކުފުރު ނިސްބަތްކުރުން އެމީހަކު ޤަތުލުކުރުން ފަދައެވެ." ގެ ހާދީޘާއި (لاترجعوا بعدي كفارا يضرب بعضكم رقاب بعض،) މާނައީ: "ތިޔަބައި މީހުން އަހުރެންނަށް ފަހުގައި އެކަކު އަނެކަކު ތަޅައި މަރައި އުޅޭ ކާފިރުންކަމުގައި ވެ ނުގަންނަހުށިކަމެވެ." ގެ ހާދީޘުގައި ކުފުރުގެ މުރާދަކީ ޙަޤީޤި ކުފުރެއް ނޫނެވެ. އެހެންކަމުން ދިނީ ޢިލްމުވެރިޔަކު މީހަކު ދައްކާ ވާހަކައެއް ފާފައެއްގެ ނަޒަރުން މާނަކޮށް ނުވަތަ ކުރާ ޢަމަލެއް ފާފައެއްގެ ނަޒަރުން މާނަކޮށް އެމައްޗަށް މީހަކަށް ކުފުރުގެ ލަފުޒު ނިސްބަތް ކުރުމަކުން އެ އިލްމުވެރިޔަކު ކާފިރުވެއްޖެ ކަމަށް ކަނޑަނެޅޭނެއެވެ. އެއީ الإمام النووي އާއި ބައެއް އެހެން އިލްމުވެރީން ވެސް ދެކެލައްވާގޮތެވެ. ބުޚާރީގެ ޙަދީޘުފޮތުގައި އަލް އިމާމު ބުޚާރީ ސުރުޚީތައް ގެނެސްފައި ވާގޮތަށް ވިސްނައިލުމުން އަލް އިމާމު ބުޚާރީގެ ރަވްޔަކީ ވެސް އެއީ ކަމަށް އިޝާރާތް ލިބެއެވެ. އަލްއިމާމު ބުޚާރީ އިސްވެ ދެންނެވުނު ޙަދީޘު أيما رجل قال لأخيه: يا كافر؛ فقد باء بها أحدهما» ގެންނެވުމަށްފަހު އެ ޙަދީޘު ނިސްބަތްވަނީ މީހަކު ދައްކާ ވާހަކައެއް ފާފައެއްގެ ނަޒަރުން މާނަކުރުމަކާއި ނުލައި ނުވަތަ ކުރާ ޢަމަލެއް ފާފައެއްގެ ނަޒަރުން މާނަކުރުމަކާއި ނުލައި ކަމަށް ދެނެވަޑައިގަތް ކަމަށް ބެލެވެއެވެ. އެއީ އެ ޙަދީޘަށް ބާބު ލިއުއްވެވި ގޮތުންނެވެ. ލިޔުއްވިއެވެ. باب من كفر أخاه بغير تأويل فهو كما قال…." މާނަކުރުމަކާއި ނުލައި އެމީހާގެ އަޚަކު ކާފިރުކޮށްފި މީހާ ފަހެ ވާހުށީ އޭނާ އެބުނި ފަދައިންކަން އަންގައިދޭ ބާބު" ދެން އެއަށްފަހު ގެންނެވި ބާބުގައި ވަނީ باب من لم يرى اكفار من قال ذلك متأولا، أو جاهلا "މާނަކޮށްގެން ނުވަތަ ނޭނގި ހުރެގެން އެގޮތަށް ބުނުމަކުން ކާފިރު ނުވާނެކަން ނަންގަނެވޭ ބާބު" މިފަދައިންނެވެ. އެހެންކަމުން ޢިލްމުވެރީން އެގޮތަށް ކުރައްވާ މާނަތައް އެއީ ޤާނޫނީ ގޮތުން ކުށްވެރި ކުރެވޭނެ ކަމެއްކަމުގައި ނުފެނެއެވެ.

ތިންވަނަ ނުގުތާ: ފާފަތަކަށް ކުފުރުގެ ލަފުޒު ބޭނުންކުރުމާއި ފާފަކުރާމީހުންގެ ވާހަކަ ފާޅުކުރުން ހުއްދަވާމިންވަރު ދަނެގަތުން

ހ- ފާފަތަކަށް ކުފުރުގެ ލަފުޒު ބޭނުންކުރުން

1-ފާފައިގެ މާނަ: ޢަރަބި ބަހުގައި ފާފައަކީ ކުށްތަކާއި ޖަރީމާތަކެވެ. الإمام الجرجاني ވިދާޅުވިއެވެ. ފާފައަކީ، އެއީ ތިބައާއި ﷲއާއި ދެމެދަށް ހުރަސް އެޅޭ ކަންތަކެވެ. (الجرجاني، التعريفات، ص 107)  لإمام المراغي ވިދާޅުވިއެވެ. ފާފައަކީ، އެއީ އަޅާއައި އޭނާ ހައްދަވައި ގެނަގުޅުއްވާ އިލާހާއި ދެމެދުގެ މުޢާމަލާތްތައް އުނިއިތުރު ގެނައުމެވެ. (تفسير المراغي 4/161) الإمام الشنقيطي ވިދާޅުވިއެވެ. ފާފައަކީ، އެއީ އެކަންކުރި މީހަކަށް ޢަޒާބު ޙައްގުވާ ޖަރީމާއެކެވެ. (العذب النمير 5/120)

ޚުލަޞާއަކީ: ޢިލްމުވެރީންގެ އިސްވެ ދެންނެވުނު ބަސްފުޅުތަކުން ދަލާލަތުކޮށްދެނީ ޝަރީޢަތުގައި ހުތުރުކުރައްވައިފައިވާ އަދި އެ މައްޗަށް އަޒާބުލިބޭނެ ކަމުގެ ވަޢީދުތައް އައިސްފައިވާ ކޮންމެ ކަމަކީ ފާފައެއްކަމެވެ.

2-ފާފައިގެ ވައްތަރުތައް:

ފާފަތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ކުޑަ ފާފަތަކާއި ބޮޑު ފާފަތަކެވެ. ބޮޑުފާފަތަކަކީ އަންނަނިވި ޙަދީޘުގައި އައިސްފައިވާ ކަންތައްތަކެވެ. عَنْ أبِي هُرَيْرَةَ رضي اللَّه عَنْهُ عَنِ النبيِّ صَلّى اللهُ عَلَيْهِ وسَلَّم قَالَ: « اجْتَنِبُوا السَّبْعَ المُوبِقَاتِ » قَالُوا: يَا رسُولَ اللَّهِ وَمَا هُنَّ ؟ قَالَ : « الشِّرْكُ بِاللَّهِ ، السِّحْرُ ، وَقَتْلُ النَّفْسِ التي حرَّمَ اللَّه إلاَّ بِالْحَقِّ ، وَأَكْلُ الرِّبَا ، وَأكْلُ مَالِ اليتيم ، والتَّوَلِّي يَوْمَ الزَّحْفِ ، وقَذفُ المُحْصنَات المُؤمِناتِ الْغَافِلات » (متفقٌ عليه) މާނައީ: "މާތްالله ރުއްސުންލެއްވި أبُو هُرَيْرَةَ، نبي އާ صَلّى اللهُ عَلَيْهِ وسَلَّمގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. ހަލާކުވެނިވި ހަތްކަމަކުން ތިޔަބައިމީހުން ދުރުހެލިވާށެވެ. އެބޭކަލުން ދެންނެވިއެވެ. އޭ الله ރަސޫލާއެވެ. އެއީ ކޮންކަންތަކެއްތޯއެވެ؟ حديثކުރެއްވިއެވެ. އެއީ الله އަށް شرْكُ ކުރުމެވެ. އަދި سحر ހެދުމެވެ. އަދި حقއަކާއި ލައިގެންނޫނީ الله އުފައްދަވާފައިވާ ނަފްސެއް قتل ކުރުމެވެ. އަދި ربَا ކެއުމެވެ. އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ހަނގުރާމައިގެ މައިދާނުން ފިލާ ރައްކާވުމެވެ. ފާފަކުރުމުގެخيال އެއް ނެތް عفةތެރި مُؤمِن އަންހެނުންނަށް قَذفُ ކުރުމެވެ.

3-ބޮޑެތި ފާފައިގެ ޙުކުމް

ބޮޑު ފާފަކުރާ މީހާގެ ކުފުރުގެ ޙުކުމާއި މެދު އުދެފައިވާ އިޚްތިލާފުތައް ތިރީގައި އެވަނީއެވެ.

الخوارج ންގެ ޢަޤީދާ: ޚަވާރިޖުންނަކީ ޙައްޤުގެ މަގުން އައިސްފައިވާ ވެރިޔާ (މިއަދުގެ ބަހުންނަމަ ޤާނޫނީގޮތުން ހޮވިފައިވާ ވެރިޔާ) އާއި ދެކޮޅަށް ނިކުތުން (ހަތިޔާރާއި އެކު ނިކުތުން) ހުއްދަކުރާ މީހުންނެވެ. އެއީ ޞަޙާބީންގެ ދުވަސްވަރުން ފެށިގެންކަމުގައި ވިޔަސް ނުވަތަ ތާބިޢީ ބޭކަލުންގެ ދުވަސް ވަރުން ފެށިގެން ކަމުގައި ވިޔަސް ނުވަތަ ކޮންމެ ދުވަސްވަރެއްގައި ކަމުގައި ވިޔަސް މެއެވެ. (الشهرستاني، الملل والنحل، 1 /134) ޚަވާރިޖުން ދެކޭގޮތުގައި ބޮޑު ފާފައެއް ކޮށްފިނަމަ އެއީ މިއްލަތުން ބޭރުވާކުފުރެކެވެ. ޚަވާރިޖުން ދެކޭގޮތުގައި ބޮޑު ފާފައެއް ކޮށްފައި، ތައުބާނުވެ މަރުވެއްޖެނަމަ އެއީ ކާފިރެކެވެ. އެމީހަކު ވަހުށީ އަބަދަށްމެ ނަރަކައިގައެވެ. (محمد إبراهيم الفيّومي, الخوارج والمرجعة, ص 202) ޚަވާރިޖުންގެ ތެރެއިން نجدة بن عامر އަށް ނިސްބަތްކުރެވޭ العاذرية ނަމަކަށް ކިޔުނު ޖަމާއަތުގެ މީހުން ދެކޭގޮތުގައި ނޭނގުމަކީ ޢުޒުރެކެވެ. އެމީހުންނަށް އެނަން ކިޔުނީ އެމީހުންގެ މަޒުހަބުގައި ނޭގުން އުޒުރަކަށް ހަދައިގެން ޙުކުމް ނެރޭތީއެވެ. އެހެންކަމުން ބޮޑު ފާފައަކީ ނަރަކައިގައި ދާއިމަށް އޮންނަންޖެހޭ ފަދަ ކުފުރެއް ކަމުގައި އެމީހުން ނުދެކެއެވެ. އެގޮތުން އެމީހުން މާނަކުރަނީ ބޮޑުފާފައަކީ ނިޢުމަތަށް އިންކާރުކުރުމުގެ ކުފުރެއް ކަމަށެވެ. ނަމަވެސް ބޮޑުފާފައެއް ކޮށްފިނަމަ އެމީހެއްގެ ލެޔާއި މުދަލާއި އަބުރު އެމީހުން ހުއްދަ ކުރެއެވެ. (الشهرستاني، الملل والنحل، 1/ 134)

ޚަވާރިޖުން ވެރިޔާއާ ދެކޮޅަށް ހަތިޔާރާ އެކު ނިކުތުމަށް އަވަސްވެގަންނަނީ އެމީހުންގެ އިސްވެ ދެންނެވުނު ޢަޤީދާގެ ދަށުން ބޮޑުފާފަކުރާ މީހުންގެ ލެޔާއި މުދަލާއި އަބުރު ހުއްދަ ކަކަށް ދެކޭތީއެވެ. ޚަވާރިޖުންގެ ތެރެއިން عبد الله بن إباض އަށް ނިސްބަތްކުރެވޭ الإباضية ޖަމާޢަތުގެ މީހުންނަކީ ބޮޑުފާފަކުރާ މީހުން ކާފިރުކުރުމުގައި އެމީހުންގެ ތެރެއިން އެންމެ ލުއިކޮށް މާނަކުރާ މީހުންނެވެ. އެމީހުންވެސް ދެކެނީ ބޮޑުފާފައަކީ ނިޢުމަތަށް އިންކާރުކުރުމުގެ ކުފުރެއް ކަމަށެވެ. އެހެންކަމުން ބޮޑުފާފަކުރާ މީހުންގެ ލެޔާއި މުދަލާއި އަބުރު ހުއްދަ ކަމަށް އެމީހުން ނުދެކެއެވެ. އަދި ބޮޑުފާފަކުރާ މީހައަކީ މުއުމިނެއް ކަމުގައިވެސް އެމީހުން ނުދެކެއެވެ. އަދި ކާފިރެއް ކަމުގައި ވެސް ނުދެކެއެވެ. (الشهرستاني، الملل والنحل، 1 / 134)

المعتزلة ގެ ޢަޤީދާ: ޢަރަބި ބަހުގައި المعتزلةގެ މާނައަކީ އެކަހެރިވެގަތުމެވެ. އެއީ ހިޖުރައިން ދެވަނަ ޤަރުނު ހިސާބުގައި މުސްލިމުންގެ މެދުން އުފެދުނު ޖަމާޢަތަކެވެ. އެމީހުންގެ މަންހަޖަކަށް ވީ ބުއްދި ޤަބޫލުނުކުރާ ކަމަކީ ނެތްކަމެއް ކަމަށެވެ. އެމީހުންގެ މުއައްސިސަކަށްވީ واصل بن عطاء ނަމަކަށް ކިޔުނު މީހެކެވެ. ސަބަބަކަށްވީ ބޮޑުފާފަކުރާ މީހާގެ ޙުކުމާއިމެދު އޭނަގެ އެދުރުބޭކަލެއް ކަމުގައިވާ الإمام الحسن البصري އާއި ރަވްޔު ތަފާތުވުމުން މަޖިލިސް (ކުލާސް) ދޫކޮށް އެކަހެރިވެގަތުމުންނެވެ. އެމަޒުހަބުގެ ނަޒަރުގައި ބޮޑުފާފަކުރާ މީހާއަކީ މުއުމިނެއް ނޫނެވެ. އަދި ކާފިރެއް ވެސް ނޫނެވެ. އެމީހުންގެ ނަޒަރުގައި އެފަދަ މީހަކު ވާހުށީ އީމާންކަމާއި ކާފިރުކަމާއި ދެމެދު ހުއްޓިފައިވާ މީހަކަށެވެ. ބޮޑު ފާފައަކަށް ފަހު އެމީހަކަށް ޝަރަފެއް ޙައްޤުނުވި ކަމުގައި ވިޔަސް އީމާންކަން އެމީހަކަށް ނިސްބަތްކުރެވެނީ އެމީހުން ބުނާގޮތުން ހަމައެކަނި ޝަރަފަށް ޓަކައިއެވެ. (الضويحي, آراء المعتزلة الأصولية, ص45 )

المرجئةގެ ޢަޤީދާ: ޢަރަބިބަހުގައި االمرجئة ގެ ލަފުޒު އަންނަނީ އިހަށް މަޑުކުރުން، ނުވަތަ ފަސްކުރުން ނުވަތަ މުހުލަތު ދިނުން ފަދަ މާނާގައެވެ. الإمام ابن عيينة ވިދާޅުވަނީ ފުރަތަމަ ޤަރުނުގެ ފަހުކޮޅުގައި މުރުޖިއާއޭ ބުނެވިއްޖެނަމަ މުރާދަކީ ދެމާނައެކެވެ. އެއްމާނައަކީ އެއީ ޢަލީގެފަނާއި، ޢުޘްމަނުގެ ފާނުގެ މައްސަލަ އިހަށް މަޑުކޮށްލުމަށް ދުށް މީހުންނެވެ. އަނެއް މާނައަކީ އެއީ މިއަދުގެ މުރުޖިއާއިންވެސް ދެކޭފަދައިން އިމާންކަމުގައި، ޢަމަލުތައް ނުހިމެނޭ ކަމަށް ދެކޭ މީހުންނެވެ. (تهذيب الآثار للطبري، 2/659) ސަލަފުގެ ބޭކަލުން މުރުޖިއާއިން މާނަކުރައްވަނީ ދެވަނައަށް އެވިދާޅުވި ގޮތަށެވެ. އެގޮތުން މުރުޖިއާއޭ ބުނެވިއްޖެނަމަ އެއީ އީމާންކަމުގައި ޢަމަލު ނުހިމެނޭކަމަށް އިޢުތިޤާދުކުރާ މީހުންނެވެ. އެ ޢަޤީދާގެ ދަށުން އީމާންކަމުގެ ދަރަޖަތަކެއް ވާކަން އެމީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ދެކޭގޮތުގައި އީމާންކަން ކުޑައެއްވެސް ނުވާނެއެވެ. އަދި ބޮޑެއްވެސް ނުވާނެއެވެ. އެމީހުންގެ ނަޒަރުގައި ފާފަތަކުން، އީމާންކަމަށް އަސަރު ނުކުރެއެވެ. (حلية الأولياء لأبي نعيم الأصفهاني 7/29 )

أهل السنة والجماعة ގެ ޢަޤީދާ: އަހުލުއްސުންނަތު ވަލްޖަމާއަތަކީ ކޮބައިކަން ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ބަޔާންކޮށްދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "ޔަހޫދީން ހަތްދިހަ އެއްބަޔަށް ބައިވެގެންދިޔައެވެ. ނަސާރާއިން ހަތްދިހަ ދެބަޔަކަށް ބައިވެގެންދިޔައެވެ. އަދި މި އުއްމަތް ހަތްދިހަ ތިން ބަޔަކަށް (ފިރުޤާއަކަށް) ބައިވެގެންދާނެއެވެ. އޭގެ ތެރެއިން އެންމެ ބަޔަކު (ފިރުޤާއެއް) ފިޔަވައި ދެންތިބި އެންމެން ދާނީ ނަރަކަޔަށެވެ. ދެންނެވުނެވެ. އޭﷲގެ ރަސޫލާއެވެ. ދިންނަވާހުށީ ކޮންބަޔަކު ހެއްޔެވެ؟ ޙަދީޘުކުރެއްވިއެވެ. އެއީ ތިމަންކަލޭގެ ފާނާއި ތިމަންކަލޭގެ ފާނުންގެ އަޞްޙާބުން ތިއްބެވި ގޮތުގައި ތިބިމީހުންނެވެ." (حديث حسن أخرجه الترمذي وغيره) އަހުލުއްސުންނަތު ވަލްޖަމާއަތުގެ ބޭކަލުން ދެކެލައްވާ ގޮތުގައި ބޮޑު ފާފަތަކަކީ ދީނުން ބޭރުވާ ކުފުރެއްނޫނެވެ. އެފަދަ ފާފައަކުން އެމީހެއްގެ އީމާންކަން އެއްކޮށް ނުގެއްލޭނެއެވެ. ނަމަވެސް އީމަންކަން ބަލިކަށިވާނެއެވެ. ބޮޑު ފާފައެއް ކޮށްފި މީހަކު ވެގެންދާނީ ފާސިގަކަށެވެ. ބޮޑުފާފައިގެ ޙުކުމަކީ، އެފަދަ ފާފައެއް ދުނިޔެމަތީގައި ފަޅާއަރައިގެން އެކަމަކަށް ދިނުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބެއް އެމީހަކަށް ދެވިއްޖެނަމަ އެ އަދަބެއް ވާހުށީ އެކަމުގެ ކައްފާރާއަކަށެވެ. އަދި އެމީހަކު (އެކަން ފޮރުވާގެން ހުރެ) ތައުބާވެގެންފިނަމަ ﷲ، އެމީހެއްގެ ތައުބާ ޤަބޫލުކުރައްވާނެ ކަމަށް އަންގަވާފައިވެއެވެ. ތައުބާނުވެ ހުއްޓާ މަރުވެއްޖެ ނަމަ އޮތީ ދެގޮތެކެވެ. އެއްގޮތަކީ ﷲ، އެމީހަކަށް ރުއްސަވައިފިނަމަ ޢަޒާބަކާއިނުލައި ސުވަރުގަވެއްދުމެވެ. ނުވަތަ ﷲ އިރާދަކުރައްވައިފިނަމަ އެފާފައަކަށް ޖަޒާ ދެއްވުމަށް ފަހު ސުވަރުގަ ވެއްދެވުމެވެ. (الفتاوى،7/353-354) (منهاج السنة) 4/570-571)

ޚުލާޞާއަކީ: ބޮޑު ފާފަތަކަކީ އީމާން ކަން އެއްކޮށް ގެއްލޭ ކުފުރެއްނޫނެވެ. ނަމަވެސް އެއީ އީމާންކަން އުނިވާ ކަމެކެވެ. ބޮޑު ފާފަކުރާ މީހާއަށް ފިޤުހުގެ އިޞްޠިލާހުގައި ނަންދެވިފައި އޮންނަނީ "ފާސިޤް" އެވެ. އެހެންކަމުން ދީނީ ޢިލްމުވެރިޔަކު ދެއްވާ ފަތުވާއެއްގައި ނުވަތަ ނަސޭޙަތެއްގައި ބޮޑު ފާފަތަކަކީ ކުފުރެއްގެ ގޮތުގައި (ދީނުން ބޭރުނުވާ ކުފުރެއްގެ ގޮތުގައި) ސިފަކޮށް ދެވިދާނެއެވެ. އަދި ބޮޑު ފާފަކުރިކަން ކަށަވަރުވެއްޖެ މީހަކަށް ނިސްބަތްކޮށް އެމީހަކީ ފާސިޤަކޭ ބުނެވިދާނެއެވެ. ފާސިޤުގެ ލަފުޒަކީ "ލާދީނީ"ގެ ލަފުޒަށް ވުރެ މާހުތުރުކަން ބޮޑު ސިފައެކެވެ.

ނަތީޖާއަކީ: ފާފަތައް ޝަރަޙަ ކުރުމުގައްޔާއި މާނަކުރުމުގައި ކުފުރުގެ ލަފުޒު އެއަށް ބޭނުންކުރެވިދާނެއެވެ. އަދި ފާފަކުރާ މީހުންނަށް ނިސްބަތް ކޮށް ކުފުރުގެ ލަފުޒު ބޭނުންކުރެވިދާނެއެވެ. އަލް އިމާމު ބުޚާރީ ލިޔުއްވި އެއްބާބުގައި: "باب كفران العشير، وكفر دون كفر" މާނައީ: އަހުލުންގެ ކުފުރުތަކާއި އަދި ކުފުރަކަށް ނުވާ(ބޮޑުކުފުރަކަށް ނުވާ) ކުފުރުތައް(ކުޑަ ކުފުރުތައް) ބަޔާންވެގެންވާ ބާބު، މިފަދައިން ލިޔުއްވިއެވެ.

ށ-ފާފަކުރާމީހުންގެ ވާހަކަ ފާޅުކުރުން ހުއްދަވާމިންވަރު ދަނެގަތުން

الإمام النووي، رياض الصالحين ގައި ބާބެއް ލިޔުއްވިއެވެ. އެބާބުގެ ސުރުޚީގައި ވަނީ "غيبةގެ ތެރެއިން ހުއްދަވެގެންވާ މިންވަރު ބަޔާންވެގެންވާ باب" މިފަދައިންނެވެ. ދެން ލިޔުއްވިއެވެ. ސައްހަ شرعي މަގްސަދަކަށްޓަކައި غيبة ބުނުން ހުއްދަ ވެގެންވެއެވެ. އެއީ އެއާއި ނުލައި އެ މަގްސަދު ހާސިލް ނުވާނެނަމައެވެ. އަދި އެކަން ހުއްދަ ވާނީ ހަ ސަބަބަކަށްޓަކައެވެ.

ފުރަތަމައީ: އަނިޔާވެރިކަމެވެ. އެހެންކަމުން އަނިޔާ ލިބިފައިވާ މީހާއަށް ވެރިޔާގެ ކުރިމަތީގައްޔާއި، قاضي އާއި އަދި އެނޫނަސް އެފަދަ ވެރިކަމެއް އޮތް މީހެއް ނުވަތަ އެފަދަ ބާރެއް ލިބިގެންވާ މީހެއްގެ ގާތަށް ގޮސް އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކަން ހޯދުމަށް ހުށަހެޅުން ހުއްދަވެގެން ވެއެވެ. އަދި މިވެނި މީހަކު ތިމަންނައަށް މިވެނި ކަމެއްކޮށް އަނިޔާވެރިވެއްޖެ ކަމަށްބުނުން ހުއްދައެވެ.

ދެވަނައީ: މަނާކަމެއް މަނާކުރުމަށްޓަކައި އާއި ފާފަވެރިޔާ حق އަށް ވާސިލްކުރުވުމުގެ ބޭނުމުގައި އެހެން ފަރާތަކަށް އެދި ހުށަހެޅުމެވެ. މިސާލަކަށް މުންކަރާތެއް މަނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއްގެ ކައިރީގައި މިވެނި މީހަކު މިވެނި ނުބައިކަމެއް ކޮށްފިއޭ، ވީމާ އޭނާއަށް އިންޒާރު ޖަހާށޭ، ބުނުން ފަދަ ކަންކަމެވެ. އަދި އެކަމުގައި އެމީހާގެ މަގްސަދަކީ ހަމައެކަނި މުންކަރާތް ނައްތާލުން ކަމުގައި ވާންޖެހެއެވެ. އެގޮތަށް ގަސްދުނުކުރިނަމަ އެކަން حرام ވެގެންވެއެވެ.

ތިންވަނައީ: ފަތުވާއެއް ހޯދުމަށްޓަކައެވެ. އެގޮތުން މީހަކު مفتيއެއް ގާތުގައި ބުނާ ބުނުމެވެ. (މިސާލަކަށް) ތިމަންނަގެ ބައްޕަ ތިމަންނައަށް އަނިޔާވެރިވެއްޖެއެވެ. ނުވަތަ ތިމަންނަގެ ބޭބެ ނުވަތަ ތިމަންނަގެ ފިރިމީހާ ނުވަތަ މިވެނިމީހަކު މިވެނި ކަމެއް ކޮށްފިއޭ، ވީމާ އެގޮތް އޭނައަށް ހުއްދަވެގެންވޭހޭ އެހުން ފަދަ ނުވަތަ އެއިން ސަލާމަތްވުމަށް ނުވަތަ ތިމަންނަގެ حق ހޯދުމަށް ނުވަތަ އަނިޔާއިން ސަލާމަތްވުމަށް ކުރާނީ ކޮންކަމެއްތޯ އޮޅުން ފިލުވުމަށްޓަކައި ކުރާ އެފަދަ ސުވާލުތަކެވެ. މިއީ ހާޖަތަށްޓަކައި ހުއްދަވާކަމެކެވެ. ނަމަވެސް ބޮޑަށް ރަނގަޅީ އަދި މޮޅުއިތުރުވެގެންވަނީ އޭނާ ސުވާލު ކުރާ ހިނދު މިވެނި ކަމެއްކުރި ފިރިޔަކާއިމެދު ނުވަތަ މިވެނި ކަމެއްކުރި މީހަކާއިމެދު ނުވަތަ މިވެނި ކަމެއްކުރި ފިރިހެނަކާއި މެދު ތިބާ ބުނަނީ ކީކޭތޯ ބުނެ ސުވާލުކުރުމެވެ. އެހެނީ އޭނާ، ވަކި މީހަކު އައްޔަން ނުކޮށް ބުނިކަމުގައި ވިޔަސް އޭނާގެ މަގްސަދު ހާސިލްވެދާނެ ކަމަށްޓަކައެވެ. އަދި އެކަން އެގޮތަށް އޮތްކަމުގައި ވިއަސް ވަކި މީހަކު އައްޔަން ކޮށް ބުނުންވެސް ހުއްދައެވެ. އިރާދަކުރެއްވިއްޔާ މާތް الله ރުއްސުންލެއްވި هند ގެ ކިބައިން ރިވާވެގެންއައިސްފައިވާ އަންނަނިވި حديث ން އެވާހަކަ ބަޔާންވާނެއެވެ.

ހަތަރުވަނައީ: ނުބައިކަންތަކުން މުސްލިމުން ސަލާމަތްކުރުމަށްޓަކައި ދެވޭ އިންޒާރުތަކާއި ދެވޭ نصيحة ތަކެވެ. މިކަމުގައި އެއްގޮތަށްވުރެ ގިނަ ގޮތްވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ގޮތަކީ ފާފައިގެ ތުހުމަތު ވެފައިވާ ރާވީންނާއި ހެކީންގެ ހާލަތު ބަޔާންކުރާ ކުރުމެވެ. އެއީ މުސްލިމުންގެ إجماعން ހުއްދަވެގެންވާ ކަމެކެވެ. އަދި ކިއެއްތަ؟ ބައެއް ފަހަރަށް ހާޖަތަށްޓަކައި އެފަދަ މީހުންގެ ހާލަތު ބުނެދިނުން ވާޖިބުވާތަންވެސް އާދެއެވެ. އަނެއް ގޮތަކީ މީހަކާއި ކައިވެންޏަކުން ގުޅުމަށްޓަކައި، ނުވަތަ ކަމެއް ކުރުމުގައި ބައިވެރި ވުމަށްޓަކައި، ނުވަތަ އަމާނާތެއް ބޭއްވުމަށްޓަކައި، ކޮންމެވެސް معاملاتއެއް ކުރުމަށްޓަކައި ނުވަތަ އެނޫންވެސް ކަމެއް ކުރުމަށްޓަކައި، ނުވަތަ އަވަށްޓެރިއަކަށް ވުމަށްޓަކައި، مشورة އަކަށް އެދުމެވެ. އެގޮތުން مشورة ކުރެވޭމީހާ އޭނާއަށް އެސުވާލު ކުރެވޭ މީހަކާއިމެދު ފެނިފައި ހުރި ގޯސް ކަންތައް ނުފޮރުވައި އެގިހުރި މައުލޫމާތުތައް ދިނުމަކީ ވާޖިބުކަމެކެވެ. އެގޮތުން ނަސޭހަތުގެ ނިޔަތާއިއެކު އޭނާގެ ގޯސްކަންތައް ބަޔާންކޮށްދޭންޖެހޭނެއެވެ. ތިންވަނަ ގޮތަކީ علم އުގެނޭ ކުއްޖަކު، بدعة ގެ އަހުލުވެރި ނުވަތަ فاسق އެއްގެ ގާތުން علم ހޯދާތަންފެނުމެވެ. އަދި علم އުގެނޭ ދަރިވަރަކު އެކަމުން މަގުފުރެދިދާނެ ކަމަށް ބިރުހީވުމެވެ. އެފަދަ ވަގުތުގައި އެމީހާގެ ހާލު ހުރިގޮތް ބަޔާންކޮށްދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. އޭގެ شرط އަކީ ހަމައެކަނި نصيحة ދިނުން مقصدއަކަށް ހެދުމެވެ. މިވައްތަރަކީ ބައެއްފަހަރަށް ގޯސްކޮށް ކަންތައް ހިނގައިދިޔުން އެކަށީގެންވާ ވައްތަރެކެވެ. އަދި އެއީ ބައެއް ފަހަރަށް ހަސަދަވެރިކަމުގެ ސަބަބުން އެފަދަ ވާހަކަތައް ދެއްކޭގޮތް މެދުވެރިވެދާ ވައްތަރަކެވެ. އަދި ބައެއް ފަހަރު شيطان އާ، އޭނާއަށް حقيقة އޮޅުވާލައެވެ. އަދި އޭނާއަށް އެއީ نصيحة އެއް ކަމަށް ވަސްވާސްދެއެވެ. ވީމާ އެކަމުގެ މައްޗަށް ސަމާލުކަން ދޭހުއްޓެވެ. ހަތަރުވަނަ ގޮތަކީ ވެރިކަމާއި ހަވާލުވެހުރެ އެކަން ފުރިހަމައަށް އަދާނުކުރުން ނުވަތަ އެކަމުގެ އަހުލުވެރިއަކަށް ނުވުމެވެ. މިސާލަކަށް فاسق އަކަށްވުން ނުވަތަ ހަމަނުޖެހޭ މީހެއްފަދަ މީހަކަށްވުމެވެ. އެފަދަ ވަގުތު އެމީހަކު އައްޔަން ކުރި މީހެއްގެ ކައިރީގައި އެމީހެއްގެ ވާހަކަ ދެއްކުން ހުއްދައެވެ. އެއީ އޭނާ އެކަމުން ދުރުކޮށް އެއަށްވުރެ ރަނގަޅު މީހަކު އެމަގާމަށް އައުން އެދިއެވެ. ނުވަތަ އެމީހަކާއިމެދު ފިޔަވަޅު އެޅުވުމަށްޓަކައިއެވެ. އަދި އެމީހަކު އޮޅިފައި ނުބެހެއްޓުމަށްޓަކައިއެވެ. އަދި އެމީހަކު ސީދާ ކުރުމަށް ނަސޭހަތްތެރިވުމަށްޓަކައި ނުވަތަ އޭނާ ބަދަލުކުރުވުމަށްޓަކައިއެވެ.

ފަސްވަނައީ: ފާޅުގައި فاسق عمل ތައްކުރާ ނުވަތަ بدعةގެ عملކުރާ މީހެއްގެ ވާހަކަ ދެއްކުމެވެ. މިސާލަކަށް ފާޅުގައި ރާބޯމީހާ، މީސްތަކުންނަށް އަނިޔާ ކުރާ މީހާ، މީސްތަކުންގެ އަތުން ނުހައްގުން ފީތައް ނަގާމީހާ، ގަދަކަމުން މީހުންގެ މުދާ ފޭރޭމީހާ، ގޯސްކަންތަކުގައި ބައިވެރިވާ މީހާ ފަދަ މީހުންނެވެ. އެފަދަމީހުން ފާޅުގައި އެކުރާ ފާފަތަކުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެނޫން މީސް މީހުންގެ އައިބުތައް އިސްވެބަޔާންވެދިޔަ ސަބަބަކާއި ލައިގެން ނޫން އެހެންގޮތަކަށް ބަޔާން ކުރުމަކީ ހަރާމް ކަމެކެވެ.

ހަވަނައީ: މީހެއްގެ ލަގަބު ވަނަމަކުން مشهور ވެފައިވުމެވެ. މިސާލަކަށް الأعمش (ލޯއަވަރުމީހާ)، الأعرج (ކޮރުމީހާ)، الأصم (ބީރުމީހާ) އަދި الأعمى (ލޯކަނުމީހާ) އަދި އެނޫންވެސް އެފަދަ ނަންތަކެވެ. އެފަދަ ނަންތައް އެއީ ކާކުކަން އޮޅުން ފިލުވައިދިނުމަށްޓަކައި ބުނުން ހުއްދައެވެ. އަދި އުނިކަން ބަޔާން ކުރުމަށްޓަކައި ބުނުން حرامއެވެ. އެފަދަ މީހުން އެނޫންއެހެން ނަމަކުން ކާކުކަން އަންގައި ދެވޭނެނަމަ އެގޮތް މޮޅު އިތުރުވެގެންވެއެވެ.

މިއަށްފަހު الإمام النووي ވިދާޅުވިއެވެ. މިއީ ދަންނަ ބޭކަލުން ބަޔާންކުރައްވާފައިވާ ހަ ސަބަބެވެ. މިއިން އެންމެ ގިނައީ الأجماعން އެއްބަސްވެފައިވާ ސަބަބުތަކެވެ. އަދި އެކަމުގެ މައްޗަށް މަޝްހޫރު ޞަހީޙު ޙަދީޘު ތައް ހުރިސަބަބުތަކެވެ.

ޚުލަޞާޢަކީ: ދީން ޙިމާޔަތްކުރުމަށް ޓަކައި އަނިޔާވެރީންގެ ވާހަކައާއި، މަނާކަންތައްކުރާމީހުންގެ ވާހަކައާއި، ފާފަތައް ފާޅުގައިކުރާމީހުންގެ ވާހަކަދެއްކުން ޝަރީޢަތުގައިހުއްދައެވެ. އަދި އެފަދަ ޢަމަލުތައްކުރާ މީހުން ހުރުތުކުރުން ހުއްދައެވެ. الثقفي ޤަބީލާގެ މީހަކު ބަނގުރަލުގެ ޖަގަހެއްހަދައިގެން އުޅުނުކަމުގެ ކަބަރެއް،(ޚަބަރެއް)  މާތްﷲ ރުއްސުންލެއްވި އަބޫބަކުރުގެ ފާނަށް ލިބިވަޑައިގަތުމުން އެތަނަށް ވަޑައިގެން އެތަން ނައްތަވާލެއްވުމަށް ފަހު (އަންދަވާލެއްވުމަށްފަހު) އެމީހާކުރެން އެއްސެވިއެވެ. ކަލޭގެ ނަމަކީ ކޮބާހެއްޔެވެ؟ އޭނާ ބުންޏެވެ. ތމަންނަގެ ނަމަކީ رويشد އެވެ. އެހިނދު ޢުމަރުގެފާނު އޭނާގެ ނަންހުތުރުކުރެއްވިއެވެ. ވިދާޅުވިއެވެ. ކަލޭއަކީ رويشد އެއްނޫނެވެ. ކަލޭއަކީ فويسق އެކެވެ. (رويشدގެމާނައަކީ ތަންދޮރުފިލުމެވެ. فويسقގެ މާނައަކީ ފާސިޤެވެ. އެހެންކަމުން މާނައަކީ ކަލޭއަކީ ތަންދޮރުފިލާ މީހެއްނޫނެވެ. ކަލޭއަކީ ފާސިގެކެވެ.)

ޙާޞިލުވި ނަތީޖާ:

1- ކުފުރުގެ ލަފުޒު ބުނުމުން ދީނުން ބޭރުނުވާ މާނައަށް ދަލާލަތުކޮށްދޭ ޤަރީނާއަކާއި އެކު އެލަފުޒު ބުނުމާއި މެދު އަރަބި ބަހުގެ ހަމަތަކުގައި ހުރަހެއްނުވެއެވެ. ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން ކުފުރުގެ ދިވެހި ބަހުގެ އެއް މާނައަކީ "ލިބޭ ނިއުމަތަށް ދެކޮޅުހަދާ ހެދުން" އެވެ. އެހެންކަމުން ލިބޭ ނިއުމަތަށް ދެކޮޅުހަދާ މީހަކަށް ނިސްބަތްވާ ގޮތަށް (އެއީ ލިބޭ ނިއުމަތަށް ދެކޮޅުހެދުންކަން ދަލާލަތުކޮށްދޭ ޤަރީނާއަކާއިއެކު) ކުފުރުގެ ލަފުޒު ބޭނުނުން ކުރެވިދާނެއެވެ.

2- ﷲއާއި، ރަސޫލާ ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދީފިކަން ސާބިތުވެއްޖެ މީހަކަށް ނިސްބަތްކޮށް ކުފުރުގެ ލަފުޒު ބޭނުންކުރުން ދީނުގައި ހުއްދައެވެ. އެކުފުރުގެ ޙުކުމަކީ "މުރުތައްދު" އެވެ.

3- ބޮޑު ފާފައެއް ކޮށްފިކަން ޘާބިތުވާ މުސްލިމަކަށް ނިސްބަތްކޮށް ދީނުން ބޭރުނުވާ މާނަދެހަވާ އިބާރަތަކުން ކުފުރުގެ ލަފުޒު ބޭނުންކުރުން ދީނުގައި ހުއްދަވާތީވެ ޤާނޫނީގޮތުން އެކަން ކުށްވެރިކުރުން ހުއްދަނުވެއެވެ.

4- މުސްލިމަކަށް ކުފުރުގެ ބަސް ބުނުމަށް އަވަސްވެ ނުގަތުމަށް އައިސްފައިވާ ހާދީޘުތަކުގައިވާ "ކުފުރު"ގެ މުރާދަކީ ބޮޑުކުފުރެއް ނޫނެވެ.  ޙަޤީޤީ ކުފުރެއްނޫނެވެ. އެ ޙަދީޘުތަކުގައި ކުފުރުގެ މުރާދަކީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ. ނަމަވެސް އެޙަދީޘުތަކުގައި ކުފުރެއްގެ ގޮތުގައި ކަނޑައެޅުނީ އެނުރައްކަލުން ހޭއެރުވުން އިތުރުކުރުމަށެވެ.

5- ފާފަތަކަކީ ކުފުރުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރަކަށްވާތީވެ ފާފަތައް ޝަރަޙަކުރުމުގައްޔާއި މާނަކުރުމުގައި ކުފުރުގެ ލަފުޒު އެއަށް ބޭނުންކުރުން ހުއްދައެވެ. އަދި ފާފަކުރާ މީހުންނަށް ނިސްބަތް ކޮށް  ކުފުރުގެ ލަފުޒު ބުނުމުގައި އެއީ ދީނުން ބޭރުނުވާ ކުފުރެއްކަން އެނގޭގޮތަށް ބުނުމުގެ ޝަރުޠާއިއެކު ހުއްދައެވެ.

6- ދީން ޙިމާޔަތްކުރުމަށް ޓަކައި ފާފަތައް ފާޅުގައިކުރާމީހުންގެ ވާހަކަދެއްކުން ޝަރީޢަތުގައިހުއްދައެވެ. އަދި އެފަދަ ޢަމަލުތައްކުރާ މީހުން ހުރުތުކުރުން ހުއްދައެވެ. ﷲއާއި، ރަސޫލާ ގެންނެވި ކަމެއްކަން އެނގޭ ކަމަކަށް ފުރަގަސްދީފިކަން ސާބިތުވެއްޖެ މީހަކަށް ނިސްބަތްކޮށް ހުތުރުކުމުގައި ނިހާޔަތެއްނުވެއެވެ.

7- ކުފުރުގެ ލަފުޒު ބުނުމަށް އަވަސްވެގަތުން ހުއްޓުވުމަށް ޤުރްއާނާއި ސުއްނަތުގައި ބޭނުނުންކުރައްވާފައިވަނީ އިންޒާރުކުރުމާއި ނަސީހަތްދިނުމާއި މުޖުތަމަޢު ހޭލުންތެރިކުމުގެ މަންހަޖެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.