Support Us

ހިނގުމާ ދުރުހެލިވުން... ދުޅަހެޔޮކަމާ ވަކިވުން 

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ޔޫނާނުގެ މަޝްހޫރު ބޭސްވެރިއެއް ކަމުގައިވާ އަބިޤްރާޠު (ހިޕޮކްރޭޓްސް) ވިދާޅުވިއެވެ: ހިނގުމަކީ އިންސާނާއަށް ލިބިގެންވާ އެންމެ މޮޅު ފަރުވާއެވެ.

ނަފްސާނީ ޢިލްމުވެރީން ވިދާޅުވާގޮތުގައި މީހަކު ހިނގާގޮތުން އެ މީހާގެ ޝަޚްޞިއްޔަތު އެނގޭނެއެވެ. އަދި ކިއެއްހެއްޔެވެ! އެއީ އިންސާނާގެ ނަފްސުގެ ހަމަޖެހުމާއި ތަވާޒުނު އަންގައިދޭ މިންގަނޑެކެވެ. މީހަކު ހިނގަނީ ބަރުހެލިކޮށް ބުރަކަށި ގުދުކޮށްގެންނަމަ އެ މީހަކީ މީހުންނާ އެކަހެރިވެ އުޅުމަށް ލޯބިނުކުރާ، މީހުންނާ ނުގުޅޭ މީހެކެވެ. މިއާ ޚިލާފަށް ރީއްޗަށް ތެދަށް ހުރެ ފިޔަވަޅުތައް ސާބިތުކޮށް އަޅާ މީހެއްނަމަ އެއީ ނަފްސު ހަމަޖެހިފައިވާ މީހެކެވެ. އެއީ ނަފްސު ހަރުދަނާ މީހެކެވެ. ހިނގުމަކީ އެންމެ ފަސޭހަ އަދި އެންމެ ޚަރަދު ކުޑަ ކަސްރަތެވެ. އެކަމަށް އެއްވެސް ސާމާނެއް އަދި ޚާޢްޞަ ހުނަރެއް ބޭނުމެއް ނުވެއެވެ. އެއީ ހަށިގަނޑުގެ ލިޔާޤަތު ރިވެތިކުރުމަށާއި ޞިއްޙަތު ރައްކައުތެރި ކުރުމަށާއި ނުތަނަވަސްކަން ކުޑަކުރުމަށް ލިބިގެންވާ ވަސީލަތެކެވެ. މި ޒަމާނަށް ބަލާއިރު އިންސާނާ ތަރައްޤީވިވަރަކަށް އޭނާ ހިނގުމާ ދުރަށް ޖެހޭތަން ފެނެއެވެ.

ހިނގުމަކީ ކޮންމެ ވަގުތެއްގައި އަދި ކޮންމެ ތަނެއްގައި (ޕާކުތަކުގައްޔާއި، ބާޒާރުމަތީގައްޔާއި ޢާއްމު މަގުތައް މަތީގައްޔާއި، ގޮނޑުދޮށުގައި) ކުރެވިދާނެ ކަސްރަތެކެވެ. ހިނގުމަކީ ވަކި ޢުމުރެއްގެ ބަޔަކަށް ޚާއްޞަ ކުޅިވަރެއް ނޫނެވެ. ދުޅަހެޔޮ މީހުންނަށާއި ދުޅަހެޔޮކަން ކުޑަ މީހުންނަށް ވެސް ހިނގުމުގެ ކަސްރަތު ކުރެވިދާނެއެވެ.

ހިނގާއިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް އެކި މިންވަރަށް ޙަރަކާތް ކުރާނެތެވެ. ދެ ފައިތިލައިގެ މަސްތަކުން ފެށިގެން ގޮސް ދެ އަތުގެ މަސްތަކާ ހަމައަށް ހިނގުމުން ޙަރަކާތް ލިބެއެވެ. މި ކަމުގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް ލޭ ވާޞިލުވާނެއެވެ.

ބާރަށް، ދިގު، ދުރުމިނަކަށް އާދަކޮށް ހިނގުމުން ލިބޭ ފައިދާ ބޮޑުވާނެއެވެ.

ޑަކްޓަރުންނާއި ޢާއްމު ޞިއްޙަތާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ދުވާލަކު 30 މިނެޓު އިރަށް ހިނގައިލުން ރަނގަޅުވާނެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ހަފުތާއަކު ފަސް ދުވަހު މި މިންވަރަށް ހިނގުން އާދަކުރުން ވަރަށް ރަނގަޅު ވާނެއެވެ.

ހިނގާއިރު އަބަދުވެސް އެއް ފައި ހުންނާނީ ބިންމަތީގައެވެ.

ގިނައިން ކައިގެން ނުހިނގުމަށް އެބޭފުޅުން ނަސޭހަތް ދެއްވައެވެ.

ކަމޭބެހޭ ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ހިނގާއިރު

 •  ބޯ ތިރިނުކޮށް ކުރިމައްޗަށް ބަލަމުން ހިނގާށެވެ.
 •  ބިމަށް ބަލަމުން ނުހިނގާށެވެ.
 • ކަނދުރާއާއި ބޮލާއި ކޮނޑު ކުރިމައްޗަށް ގުދުނުކޮށް ހިނގާށެވެ.
 • ހިނގާއިރު މަޑުމަޑުން ވިޔަސް ދެ އަތް ޙަރަކާތްތެރި ކުރާށެވެ.
 • ހިނގާއިރު ބަނޑުގެ މަސްގަނޑު ވާންކޮށްގެން ބަހައްޓާށެވެ.
 • ހިނގާއިރު ބުރިކަށި ތެދަށް ބަހައްޓާށެވެ.
 • ބިންމަތީގައި ފައިތިލަ ޖެއްސުމަށްފަހު އިނގިލިތައް ޖައްސާށެވެ.

ހިނގާއިރު ރައްކައުތެރިވާން ޖެހޭ ބައެއް ކަންތައް

 • އަނބުރަން ފަށައިފިނަމަ ނުވަތަ ނޭވައިލާން އުދަނގޫ ވެއްޖެނަމަ ނުވަތަ މާ ބޮޑަށް ވަރުބަލިވެއްޖެނަމަ ވަގުތުން ހިނގުން ހުއްޓައިލުން
 • ގަދަ އަވީގައި ނުހިނގުން
 • ހިނގަމުން އެއްޗެހި ކަމުން ނުހިނގުން
 • މަގުމައްޗަށް ބަލައިގެން ހިނގުން
 • ހިނގާއިރު މަދުމަދުން ނަމަވެސް ފެން ބުއިން

މަގުމަތީ ހިނގުމާ މެޝިން މަތީ ހިނގުން

ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި ދެ ގޮތުގައި މާ ބޮޑު ތަފާތެއް ނެތެވެ. އެހެނަސް ބޮޑަށް ރަނގަޅީ މަގުމައްޗެވެ. މަގުމަތީގެ ޠަބީޢަތްކަން ބޮޑުވާނެތީއެވެ.

ކީރިތި ރަސޫލާ ހިންގަވާފައިވާ ގޮތް

ހިންދު ބިން އަބީ ހާލަތުގެފާނު ކީރިތި ރަސޫލާ ﷺ ހިންގަވާގޮތް ސިފަކޮށް ދެއްވަމުން ވިދާޅުވި ބަސްފުޅުން އެނގޭގޮތުގައި ކީރިތި ރަސޫލާ ﷺ ހިންގަވާއިރު ހިންގަވާފައި ވަނީ ކުރު ފިޔަވަޅުފުޅުގައެވެ. އުސް ތަނަކުން ފައިބާ ވަޑައިގަންނަވާ ފަދަ ގޮތަކަށެވެ. އެއިން އެނގެނީ ބިންމަތީގައި ބާރަށް ފައިންޕުޅު އަޅުއްވާ ކަމެވެ. މި ބަސްފުޅު ބުނާގޮތުގައި އެކަލޭގެފާނު ހިންގަވާއިރު އަތްޕުޅު ތަޅުއްވައެވެ. ނުވަތަ ޙަރަކާތްތެރި ކުރައްވައެވެ.

ހިނގަނީ ކީއްކުރަން؟

މިއީ ވަރަށް ގިނައިން ކުރާ ސުވާލެކެވެ.

 • ހިނގަނީ ކަންބޮޑުވުމާއި ނަފްސާނީ ނުތަނަވަސްކަމާ ދުރުހެލިވާށެވެ.
 • ހިނގަނީ ހަށިގަނޑު ލުއި ކުރާށެވެ.
 • ހިނގަނީ ހަށިގަނޑުގައި އިތުރަށް ހުންނަ ކެލޮރީތައް އަންދާށެވެ.
 • ހިނގަނީ ހަށިގަނޑުގެ ބުރަދަން ރަނގަޅު މިންވަރުގައި  ބެހެއްޓުމަށާއި ހަށިގަނޑުގެ ލިޔާޤަތު ރަނގަޅު ކުރާށެވެ.
 • ހިނގަނީ  (ހިތުގެ ބަލިތަކާއި، ލޭ މައްޗަށް ދިޔުން ފަދަ) ކްރޮނިކަލް ބަލިތަކުން ހަށިގަނޑު ރައްކައުތެރި ކުރާށެވެ.
 • ހިނގަނީ ހުޅުތަކުގެ ވިލުންތެރިކަމާއި މަސްތަކުގެ ބާރު ވަރުގަދަ ކުރާށެވެ.
 • ހިނގަނީ ހަށިގަނޑުގެ ތަވާޒުނު ރަގަޅުކޮށް ލޭގެ ދައުރުވުން ރަނގަޅު ކުރާށެވެ.
 • ހިނގަނީ ކަށި ފީވުން ހުއްޓުވައި ކަންކާލު ވަރުގަދަކަން މަތީ ދަމަހައްޓާށެވެ.
 • ހިނގަނީ ހަކުރުބައްޔަށާއި ކްލޮސްޓްރޯލަށް ފަރުވާ ކުރާށެވެ.
 • ހިނގަނީ ގުރުދާއާއި މޭގަނޑާއި ލޯ ޙަރަކާތްތެރި ކުރުވާށެވެ.
 • ހިނގަނީ ގޮހޮރާއި ހަޖަމާ ބެހޭ ނިޒާމު ޙަރަކާތްތެރި ކުރުވާށެވެ.
 • ހިނގަނީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުވާށެވެ.

މިއިން ކޮންމެ ކަމަކީވެސް ހިނގުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބޭނުމެކެވެ. މިއީ ޑަކްޓަރުންނާއި މުޖައްރިބުން އެކަމާ ދެކޮޅަށް ޖަދަލު ނުކުރައްވާނެ ޙަޤީޤަތެކެވެ. ކުރުކޮށް ބުނާނަމަ މި ހުރިހާ ބަލިތަކެއްގެ ފަރުވާއަކީ ހިނގުމެވެ.

ޑަކްޓަރުން ވިދާޅުވަނީ: އެ ބަލިތަކަށް ފަރުވާ ކުރުމުގައި ހިނގުމަށް ދައުރެއް ލިބިގެންނުވާ ހަމަ އެންމެ ބައްޔެއްވެސް ނުވެއެވެ. ނަފްސާނީ ބައްޔަކަށް ވިޔަސް ގުނަވަނީ ބައްޔަކަށް ވިޔަސް މި ކަމުގައި ތަފާތެއް ނެތެވެ.

ހިނގުމާ އެއްފަދަ ބޭހެއް އުފެއްދިއްޖެނަމަ ހުރިހާ ޑަކްޓަރުން ވެސް އެބޭފުޅުންގެ ކޮންމެ ބޭސް ސިޓީއެއްގައި މި ބޭސް ލިޔުއްވާނެއެވެ. ބަލިމީހުން މި ބޭސް ކިތަންމެ އަގުބޮޑަސް ގަންނާނެއެވެ. ތަފާތަކީ ހިނގުމަކީ ބާރުގަދަ، ފަރުވާ ބޮޑު، ހިލޭ ލިބޭ ބޭހަކަށް ވުމެވެ. އެހެނަސް ބަލިމީހުން މި ބޭސް އިސްތިއުމާލު ކުރުމުގައި ދެ އަތަށް ކިރެއެވެ.

ޑަކްޓަރަކު ވިދާޅުވިއެވެ. ހަސްފަތާލަށް އަންނަ މީހުންނަށް ހަސްފަތާލަށް ވަދެވެނީ އެ ތާނގެ ވަށައިގެން ހިނގަން ހަދާފައި އޮންނަ ބުރެއްގެ ތެރެއިން ކަމުގައި ވާނަމަ ހަސްފަތާލަށް އަންނަ މީހުންގެ ދެ ބައި ކުޅަ އެއްބައި މީހުން ހަސްފަތާލަކަށް ނާންނާނެއެވެ. އަދި ހަސްފަތާލުގައި ތިބި މީހުންގެ ދެ ބައި ކުޅަ އެއްބައި ހަސްފަތާލުން ނުކުމެދާނެއެވެ.

އިންސާނާ ހެއްދެވުނީ ހިނގާބިނގާވެ އުޅުމަށެވެ. އެހެނަސް އެމީހުން އިންސާނުން ސޯފާތަކުގައި ބައިތިއްބުވީއެވެ. އިންސާނުންނާ ބަލިމަޑުކަމެއް ކުރިމަތިވުމުން ނުހިންގުވާ ހުދު އެދެއްގެ މަތީގައި އިންތިޒާރުގައި ބާއްވަނީއެވެ.

ހިނގަން ފަރުވާ ބަހައްޓާށެވެ! އޭރުން ދުޅަހެޔޮކަން ދެމި ހުންނާނެއެވެ. ބާއްޖަވެރިކަން މެދުނުކެޑޭނެއެވެ.