Support Us

އެޑްވަޓޯރިއަލް: ރަނގަޅު ނިންމުންތައް ނިންމުމުގައި ސްމާޓް ސިޓީތައް މާ ކުރީގައި!

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ނިންމަންޖެހޭ ނިންމުންތައް އާންމުގޮތެއްގައި ބިނާކުރަނީ އަޅުގަނޑުމެނަށް ލިބޭ މައުލޫމާތުތަކުގެ މައްޗަށެވެ. މިސާލަކަށް ދަންނަވަނީނަމަ، ފިހާރައަކުން މުދަލެއް ގަތުމުގެ ކުރިން އަޅުގަނޑުމެން އެމުދަލުގެ އަގު އެހެން ފިހާރަތަކާ އަޅާކިޔަމެވެ. އަދި މައުލޫމާތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ޖީބަށް ލުއިވާނޭހެން އިޤްތިސާދުކުރަމެވެ. މިގޮތަށް ލިބިފައިވާ މައުލޫމާތަކީ ހިސާބުން މިނެކުރެވޭ ފަރަގުތަކަށްވެސް ވެދާނެއެވެ. ނޫންނަމަ، އާންމު ދިރިއުޅުމުގައި ފާހަގަކުރެވިފައިވާ ކަންކަމަށްވެސް ވެދާނެއެވެ. ނުވަތަ، ތަފާސްހިސާބުގެ ގޮތުގައިވެސް މިފަދަ މައުލޫމާތު ލިބިދާނެއެވެ.

އަދުގެ ދުނިޔެއަކީ، ހަމަ މިފަދައިން، އެކިއެކި މައުލޫމާތު ނުވަތަ ޑޭޓާގެ މައްޗަށް ބަރޯސާވެފައިވާ ތަނެކެވެ. އާންމު ދިރިއުޅުމުގެ ކަންކަމެކޭ އެއްފަދައިން، ސިޓީ ފަދަ އިދާރީ ދާއިރާތައް ހިންގުމުގައިވެސް މައުލޫމާތާއި ޑޭޓާ ނުހަނު ބޮޑު ދައުރެއް އަދާކުރެއެވެ. މުޖުތަމައުގައި ހުންނަ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް ޑޭޓާ ބޭނުންކުރެވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން މިއަދު ފެންނަ މަންޒަރަކީ ޑޭޓާ މެދުވެރިކޮށް އެގައުމެއްގައި ނުވަތަ ސިޓީއެއްގައި ހިމެނޭ އިޤްތިސާދީ، އިޖްތިމާޢީ އަދި ތަރައްޤީ އާއި ގުޅުންހުރި ކަންކަން ފާހަގަކޮށް، މުޖުތަމަޢުގެ ބޭނުންތަކާ އެއްގޮތަށް ހައްލުތައް ފަރުމާކޮށް ޚިދުމަތްދޭ މަންޒަރެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި އާންމު ފަރާތްތަކަށާއި ވިޔަފާރިތަކަށް އެކިއެކި ކަންކަމާ ގުޅޭ މައުލޫމާތު ނުވަތަ ޑޭޓާ ފަސޭހައިން ލިބެން ނުހުންނަކަމީ ވަރަށް ގިނައިން ބަހުސްކުރެވޭ މައުޟޫއެކެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި 'ބިގް ޑޭޓާ’ގެ އަލީގައި ލިބެމުންދާ ކުރިއެރުންތައް ފާހަގަކޮށް، މިފަދަ ކަންކަން ރާއްޖޭގައި ފަހިކޮށްދިނުމަށް އެދި ގޮވާލާތާ އެތައް އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އަދިވެސް މިކަމަކީ އެންމެ އެކަށީގެންވާ ހައްލެއް ހޯދިފައިނުވާ މައްސަލައެކެވެ.

އާންމުގޮތެއްގައި ބިގް ޑޭޓާ ބެހިގެންދަނީ ތިން ބަޔަކަށެވެ. އެއީ އިޖުތިމާއީ ޑޭޓާ އާއި، މެޝިން ޑޭޓާ އަދި ޓްރާންސްއެކްޝަނަލް ޑޭޓާ މި ތިން ބައެވެ. އިޖްތިމާއީ ޑޭޓާ އަކީ ވިޔަފާރިކުރާ އާންމު ފަރާތްތަކުގެ ހަރަކާތްތަކުން ލިބެން ހުންނަ މައުލޫމާތެވެ. މިސާލެއްގެގޮތުން، އާންމު ފަރާތަކުން އޮންލައިންކޮށް ކުރާ ވިޔަފާރިތައް މެދުވެރިކޮށް އޭނާއަށް ކަމުދާ ތަކެއްޗާއި ކަމުނުދާ ތަކެތި ދެނެގަނެވޭނެއެވެ. އަދި މިފަދަ މައުލޫމާތުގެ އަލީގައި ކަސްޓަމަރުންނާ ބެހޭ މުހިއްމު މައުލޫމާތުތައް ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ދެވަނަ ބާވަތަކީ މެޝިން ޑޭޓާއެވެ. މިއީ މޯބައިލް ފޯން ނުވަތަ އިންޖީނުލީ އުޅަނދުތައް ފަދަ އާލާތްތަކުން ލިބެން ހުންނަ މައުލޫމާތެވެ. މީގެން އިންސާނުންގެ ހަރަކާތްތައް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ. ބިގް ޑޭޓާގެ ތިންވަނަ ބާވަތަކީ ޓްރާންސްއެކްޝަނަލް ޑޭޓާއެވެ. މިއީ، އޮންލައިން އަދި އޮފްލައިން ކޮށް ހިންގާ މުއާމަލާތްތަކުގެ މައްޗަށް ބިނާކޮށް އެއްކުރެވޭ މައުލޫމާތެވެ. މިމައުލޫމާތުގެ އަލީގައި، ޑޭޓާ ސައިންޓިސްޓުންނަށް މުސްތަޤްބަލުގައި ކަން ހިނގާނޭ ގޮތް ނުވަތަ އާންމު ފަރުދުންގެ އަމަލުތައް ބަހައްޓާނޭ ގޮތް ލަފާކުރުމަށް އެހީތެރިވެގެން ދެއެވެ.

ޑޭޓާ ލިބެން ހުރުމަކީ ވަކި އިތުރު ކުރިއެރުމެއް ނޫން – މުހިއްމީ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފުން

ސްމާޓް ސިޓީތަކަކީ އެސިޓީއެއްގައި ލިބެންހުރި ޑޭޓާ ރައްޔިތުންނަށާއި ވިޔަފާރިތަކާ ޚިއްސާކުރާ، އަދި ކަންކަން ނިންމުމުގައި އެފަރާތްތައް ބައިވެރިވުން ހޯދާ ތަންތަނެވެ. މީގެ މަގްސަދަކީ ސިޓީތަކުގައި ދިރިއުޅޭ މީހުންނަށާއި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އިތުރަށް ހިތްވަރުދީ އެކަން މަގުފަހިކޮށްދިނުމެވެ.

ކުރިންވެސް ފާހަގަކުރެވުނުހެން، އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގައި ޑޭޓާ ލިބުމަށް ދަތިތަކަކާއި، ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ނަމަވެސް، ކޮރޯނާވައިރަސްގެ ވަބާގެ ތެރެއިން ފެނިގެންދިޔަ އެއް މަންޒަރަކީ، ސަރުކާރާއި އާންމު ވިޔަފާރިތައް އަދި ތައުލީމީ ޚިދުމަތްތައްދޭ މަރުކަޒުތަކުން ދެމުން އައި ޚިދުމަތްތައް ވަރަށް ކުރުމުއްދަތެއްގައި އޮންލައިން ސިސްޓަމަކަށް ބަދަލުވެގެން ދިޔަ މަންޒަރެވެ. ޒަމާނުއްސުރެ ސަރުކާރުގެ ވުޒާރާތަކުން ދެމުންއައި ޚިދުމަތްތައް މެދުކެނޑުމެއްނެތި އިންޓަރނެޓް މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނީ ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަރނެޓެވެ. މިގޮތުން، ސަރުކާރު ވުޒާރާތަކުން އޮންލައިންކޮށް ޚިދުމަތް ހޯދާ ފަރާތްތަކާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް އެއްކުރުމަށް މިކަމުގެ ސަބަބުން ވަނީ މަގުފަހިވެގެން ގޮސްފައެވެ. މިފަދަ މައުލޫމާތުތަކަކީ، އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ، ޤައުމުގެ ތަރައްޤީއަށް އިތުރު ދުވެއްޔެއް ގެނެސްދޭނޭ ކަންކަމެވެ. އަދި ހަމަ އެހެންމެ، މިފަދަ މައުލޫމާތުތަކުގެ އަލީގައި ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށްފެންނަ އުސޫލުތައް ޤާއިމުކޮށް، ޚަރަދުތައް ކުޑަކޮށް، މަދަނީ ޖަމިއްޔާތަކާއި އާންމު ފަރުދުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވާ މިންވަރު އިތުރުކުރެވިގެން ދާނެއެވެ.

ހަމަ މިފަދައިން، އަދުގެ ދުނިޔޭގައި ކުދި އަދި ބޮޑު ހުރިހާ ވިޔަފާރިތަކަކުންވެސް އެކިކަންކަމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. ވިޔަފާރީގެ ހަރަކާތްތައް ރާވާ ހިންގުމަށާއި، ކަސްޓަމަރުންނާއި މުއާމަލާތުކުރުމަށް ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިހެން ކަމުން، ބިގް ޑޭޓާ އަކީ ކޮންމެ ވިޔަފާރިއެއްވެސް ޒަމާނާއެއްގޮތަށް ކުރިއަރައިގެން ދިއުމަށް މުހިއްމު ރައުސުލްމާލަކަށްވަނީ ވެފައެވެ. ބިގް ޑޭޓާ މެދުވެރިކޮށް ވިޔަފާރީގެ ހުރިހާ މުއާމަލާތްތައް ތަރައްޤީކުރުމުގެ ފުރުސަތުފަހިވެގެން ދެއެވެ. އެންމެ ކުދި އިދާރީ މަސައްކަތްތަކުން ފެށިގެން ގޮސް، ލޮޖިސްޓިކްސް، މާކެޓިންގ، ޕްރޮޑަކްޓް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ފައިނޭސްގެ ހުރިހާ މަސައްކަތެއްމެ ޑިޖިޓަލައިސްކޮށް، ބިގް ޑޭޓާ މެދުވެރިކޮށް އިތުރަށް ހަރުދަނާކުރެވިދާނެއެވެ. މިސާލަކަށް، ކަސްޓަމަރުންގެ ހަރަކާތްތަކާއި ބޭނުންތައް ދެނެގަނެވިއްޖެނަމަ، ޕްރޮޑަކްޓެއް އުފެއްދުމުގަޔާއި ވިއްކުމުގައި ވިޔަފާރިން އަމަލުކުރަންވީގޮތް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި އެމައުލޫމާތުގެ އަލީގައި ނިންމަންޖެހޭ ނިންމުންތައް ކަނޑައެޅެވިދާނެއެވެ.

މީގެ އިތުރުން، ވިޔަފާރީގެ މުއާމަލާތްތަކުގެ ސަބަބުން އެއްކުރެވޭ މައުލޫމާތު ނުވަތަ ޑޭޓާގެ ސަބަބުން އެވިޔަފާރިއެއްގެ އަގު މަތިވެގެންދެއެވެ. މީގެ ހެއްކެއްގެ ގޮތުން ބަލާނަމަ، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތައް، އެވިޔަފާރިއެއްގައި ހިމެނޭ މައުލޫމާތުގެ ބޭނުމުގައި ގަންނަ މަންޒަރަށް ވިސްނާލަމާތޯއެވެ. ދެހާސް ފަނަރަ ވަނަ އަހަރުގައި މަޝްހޫރު އައި.ބީ.އެމް ވިޔަފާރިން ވަނީ ދަ ވެދަރ ކޮމްޕެނީން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ މޫސުމާބެހޭ މައުލޫމާތުގެ ބޭނުމުގައި އެ ކުންފުނި ގަނެފައެވެ.

މުސްތަޤުބަލުގައި ސިޓީތައް ކުރިއަރައިގެންދާ ހިނދު، އަންނަ ޖީލުގެ ޓެކްނޮލޮޖީ މެދުވެރިކޮށް އާންމު ޚިދުމަތްތަކަށް ނުހަނު ގިނަގުނަ ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރަން ފަސޭހަވެ، ކުނި މެނޭޖްކުރުން ނުވަތަ ހަކަތަފޯރުކޮށްދިނުން ފަދަ އާންމު ޚިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. ނަމަވެސް، ޓެކްނޮލޮޖީއަކީ އޭގެ ޒާތުގައި ނުރައްކާތަކަކާ ކުރިމަތިލާންޖެހޭ ވަސީލަތްތަކެކެވެ. ކިތަންމެ ކުޑަ ކަމަކުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހެންކަމުން، ޑޭޓާ އެންކްރިޕްޓްކުރުން އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފަދަ ސަލާމަތީ ފިޔަވަޅުތައް އެންމެ އެކަށޭނަ ފެންވަރެއްގައި އެޅުމަކީވެސް ކޮންމެހެން އިސްކަންދީގެން ކުރަންޖެހޭ ކަމެކެވެ. ޑޭޓާ އެންކްރިޕްޓްކުރުމުގެ ސަބަބުން ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ސިއްރު މައުލޫމާތު ހިފެހެއްޓެއެވެ.

މީގެ އިތުރުން، ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައިވެސް އެކަމަށް ޚާއްސަ ސޮފްޓްވެއަރ މެދުވެރިކޮށް ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅިދާނެއެވެ. ސްމާޓް ސިޓީތަކުގައި ސޮފްޓްވެއަރ އެސް އަ ސަރވިސް، އިންފްރާސްޓްރަކްޗަރ އެސް އަ ސަރވިސް ފަދަ ކްލައުޑް ބޭސްޑް އެތައް ވިއުގަތަކެއް ހިމެނޭނެއެވެ. އަދި މީގެ ސަބަބުން ސްމާޓް ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެއެވެ.

އެޗް.ޑީ.ސީގެ ފަރާތުން ހިނގަމުން ގެންދާ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ގެނެވޭ އުމްރާނީ ތަރައްޤީގެތެރެއިން މިފަދަ ކުރިއެރުންތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ބިންގާ އެޅިގެންދާނެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *