...

Support Us

ޝަރްކަސުންގެ ކާފަ ދަރީންތަކެއް ޢައްމާނުގައި ހުންނަ ރޫސީ އެމްބެސީ ކުރިމަތީގައި މުޒާހަރާ ކުރަނީ

ނުފޫޒުވެރިން އެނގޭ ކަމަށް ނެހެދުމުން ހަނދުމައިން ފޮހެވިފައިވާ ބައެއް ޤަތުލު ޢާއްމުތައް- 2

ކްރިމިޔާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމާއި ބިމުން ފައްސައިލުން

ކްރިމިޔާ ޕެނިންސުލާއަކީ ވަރަށް އިސްތިރާތީޖީ ހިސާބެއްގައި އޮތް ސަރަޙައްދެކެވެ. މި ސަރަޙައްދުގައި އުޅުނީ ތަތާރުންނެވެ. އަވަށްޓެރި ރޫސީ ރަސްކަމުގެ ބޮޑު ސަރަޙައްދާ އަޅާބަލާއިރު މި ސަރަޙައްދަކީ މޫސުން ރަނގަޅު ހޫނު ސަރަޙައްދެކެވެ. ރޫސީން މި ސަރަޙައްދު ހިފީ ހަމައެކަނި އެ ސަރަޙައްދުން ފައިދާ ހޯދާކަށްނޫނެވެ. މީގެ އިތުރަށް ރޫސީންގެ  މަޤްޞަދަކަށް ވީ އެ ބިމަށް ވެރިވެގަނެ އެތާނގައި ރޫސީން ވަޒަންވެރިކުރުވުމެވެ.

ކްރިމިއާގެ ޚާނީ ދައުލަތަކީ 16 ވަނަ ސައްތައިގައި ޔޫރަޕްގެ އެންމެ ވަރުގަދަ ދައުލަތްތަކުގެ ތެރޭގައި ހިމެނޭ ދައުލަތެކެވެ. އެހެނަސް މި ދައުލަތް މަޑުމަޑުން ބަލިކަށިވެ ޢުޘްމާނީ ދައުލަތުގެ ޙިމާޔަތަށް ބަރޯސާވާން ފެށިއެވެ.

ރޫސީވިލާތުން ކްރިމިޔާއަށް ވެރިވެގަތީ 1783ގައެވެ. ރޫސީންގެ އަނިޔާވެރިކަމާއި ދުއްތުރާތަކުގެ ސަބަބުން އެމީހުން ހިޖްރަ ކުރީ ޢުޘްމާނީ ވެރިކަމުގެ ސަރަޙައްދުތަކަށެވެ. ތަތާރުން ނަޕޯލިއަނަށް ތާއީދުކޮށްފާނެތީ ރޫސީން އެމީހުންނަށް ޙަމަލާދީ އެމީހުން ވިއްސިވިހާލި ކޮށްލިއެވެ. އެމީހުން ކަޅު ކަނޑު ހުރަސްކޮށް އެކި ތަންތަނަށް ހިޖްރަ ކުރުމުގެތެރޭގައި އެމީހުންގެ އެތައް ހާސް ބަޔަކު ޣަރަޤުވެ މަރުވިއެވެ. އަދި 1783ވަނަ އަހަރުން ފެށިގެން 20 ވަނަ ސައްތައާ ހަމައަށް ކްރިމިއާއިން 800 ހާސް ތަތާރުން އަވަށްޓެރި އެކި ޤައުމުތަކަށް ވަނީ ހިޖްރަކޮށްފައެވެ. އެމީހުންގެ ކާފަ ދަރިންތައް މިއަދު އުޅެނީ ބުލްގޭރިއާއާއި ރޫމޭނިޔާއާއި ތުރްކީގައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ސްޓާލިންގެ އަމުރަށް ކްރިމިއާގެ ހުރިހާ ރައްޔިތުން މެދުތެރޭ އޭޝިއާއަށް ވިއްސިވިހާލިކޮށްލެވުނެވެ. އެމީހުންނަށް މި ޢަޒާބު ދެވުނީ ނާޒީންގެ ލަޝްކަރުގައި ތަތާރުން ތިބިކަމަށް ތުހްމަތުކޮށްފައެވެ. އެހެނަސް ޙަޤީޤަތަށް ބަލާއިރު ތަތާރުން ދެވަނަ ބޮޑު ހަނގުރާމައިގައި މަސައްކަތްކޮށްފައި ވަނީ ރޫސީވިލާތުގެ މައި ލަޝްކަރުގައެވެ.

ތަތާރުން މެދުތެރޭ އޭޝިއާގައި އެތައް ދަހަރެއް ވަންދެން އުޅުމަށްފަހު ރައީސް ގަރްބަޗޯފްގެ ޒަމާނުގައި އޭގެތެރެއިން 250 ހާސް މީހަކު އެނބުރި ކްރިމިއާއަށް ވަނީ ގޮސްފައެވެ. މިއަދު އެމީހުންނަކީ ކްރިމިއާގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ. އެންމެ ގިނައީ ރޫސީންނެވެ. ދެން ޔުކްރޭނުންނެވެ.

ޝަރްކަސުންގެ ޤަތުލު ޢާއްމުތައް: އުންމަތެއް ވުޖޫދުން މުޅިން ފުހެލުން

ޝަރްކަސުންނަކީ ޔޫރަޕްގައި ވަޒަންވެރިވި އެންމެ ޤަދީމީ ޤަބީލާތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެމީހުން އުޅުނީ ކަޅުކަނޑުގެ އިރު އުތުރު އައްސޭރިފަށުގައެވެ. އެމީހުންނަކީ ވަރަށް ދީލަތި ވަރަށް ހިތްވަރުގަދަ ބައެކެވެ. އެމީހުންގެ އަންހެނުންނަކީ ލޫޅާފަތި ރީތި ބައެކެވެ.

ޝަރްކަސުން އިސްލާންދީނަށް ވަނީ މީލާދީން 15 ވަނަ ސައްތައިގައެވެ. އެމީހުން ޢުޘްމާނީ ދައުލަތުގެ ބަޔަކަށް ނުވެއެވެ. އެހެނަސް އެމީހުންނަކީ ޢުޘްމާނީންނާއެކު އެއްބާރުލައިގެން އުޅުނު ބައެކެވެ. މަމާލިކުންގެ އަސްވާރުންގެ ތެރޭގައި ޝަރްކަސުން ވަރަށް ގިނައެވެ.

ރޫސީ އިސްތިޢުމާރު ކޯކަސް ސަރަޙައްދަށް އަތްގަދަކުރަމުން ދިޔައިރު ޝަރްކަސުންނަކީ މުސްތަޤިއްލު ކުޑަ އުންމަތެކެވެ. ރޫސީން އެމީހުންގެ ބިމަށް އަރައި އެ ބިމަށް ވެރިވެގަތުމުގެތެރޭގައި ޝަރްކަސުން ވުޖޫދުން ފުހެލުމަށް ޓަކައި 1864ގެ މާރިޗް މަހުގެ 6 އާ އެ އަހަރުގެ މޭމަހުގެ  21 އާ ދެމެދުގައި އެތައްއެތައް ޤަތުލުޢާއްމުތަކެއް ހިންގިއެވެ. ޝަރްކަސުންގެ ތެރެއިން 400 ހާސް މީހުން މަރައިލިއެވެ. އަދި 497 ހާސް މީހުން އެމީހުންގެ އަމިއްލަ ބިމުން ފައްސާލިއެވެ. ކަޅުކަނޑުގެ ތެރޭގައި އޭގެތެރެއިން އެތައް ބަޔަކު ޣަރަޤުވެގެން އަދި އަނެއް ބަޔަކު ބަނޑަށް ޖެހިގެން މަރުވިއެވެ.

ޝަރްކަސުންގެ އާބާދީގެ 75 އިންސައްތަ ނައްތާލައިފައި ވަނީ ޤަތުލުޢާއްމުތަކުގެ ތެރެއިންނާއި ގަދަކަމުން އެމީހުންގެ ބިމުން ފައްސާލައިގެންނެވެ. މި މީހުންނާ ދެކޮޅަށް ހިންގާފައިވާ ޤަތުލު ޢާއްމުތަކުގެ ތެރޭގައި އެމީހުންގެ މާބަނޑު އަންހެނުންގެ ބަނޑު ފަޅައިލުމާއި، މަރާލަން ބޭނުންވާ  ބައެއް ފިރިހެނުން ބަނދެ ކުއްތާތަކަށް ކާންދިނުން ފަދަ ލާއިންސާނީ އެތައް ޖަރީމާތަކެއް ވެއެވެ.

ރޫސީ އެމްބަރާޠޫރިއްޔަތު ބިނާކުރުމުގެ ތެރޭގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ އެތައް ލައްކަ ބަޔަކު މަރާލައިފައިވެއެވެ. އެހެނަސް ޝަރްކަސުންނާމެދު މުޢާމަލާތުކޮށްފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އިންސާނީ ޙައްޤުތަކޭ މި ކިޔާ އެއްވެސް އުޞޫލަކަށް ބެލުމެއް ނެތިއެވެ.

މިއީ ސަބަބުތަކެއް ނެތި ހިންގާފައިވާ ޖަރީމާތަކެއްނޫނެވެ.

  • ފުރަތަމަ ސަބަބަކީ ޝަރްކަސުންގެ ވަޠަނުގެ ބިމުގެ މުއްސަނދިކަމާއި އެ ސަރަޙައްދުގެ މޫސުން ރަނގަޅުވެ ނިސްބަތުން ހޫނުކަމާއި އެ ސަރަހައްދު އޮތް ހިސާބު އިސްތިރާތީޖީ ގޮތުން މުހިއްމު ކަމެވެ. ރޫސީ ވިލާތުގެ މަޝްހޫރު ރިސޯޓެއް ކަމުގައި ސޫޗީ އަކީ ޝަރްކަސުންގެ ވަޠަނުގެ ބިމެކެވެ.
  • ރޫސީން ޝަރްކަސުންނާމެދު މިފަދަ ލާއިންސާނީ ގޮތަކަށް ޢަމަލު ކުރުމުގެ ސަބަބުތަކުގެތެރޭގައި އެމީހުންގެ ހިތްވަރުގަދަކަމާއި އެމީހުން ވަޠަނަށްޓަކައި ދޫނުކޮށް ކުރި ޖިހާދު ވެއެވެ. ޝަރްކަސުންގެ ގިނަބަޔަކު ވަޒަންވެރިވީ ތުރްކީއާއި ސޫރިޔާގައެވެ. މިއަދު ދުނިޔޭގައި ޝަރްކަސް ނަސްލުގެ 1.5 މިލިއަން މީހުން އެތަންމިތަނަށް ވިއްސިވިހާލިވެގެންވާ ޙާލަތެއްގައި އެބަ އުޅެއެވެ.
  • މީގެއިތުރަށް ޝަރްކަސުންގެ ބިމަކީ އަރާ ފައިބާ އުޅުމަށް ފަސޭހަ ތިރި ބިންތަކެކެވެ. މިހެންވެ، ޝީޝާނުންގެ ބިމާ ޚިލާފަށް ރޫސީންނަށް މި ބިމަށް އަރައިގަތުން ފަސޭހަކަމަކަށް ވިއެވެ. ފަސް މިލިއަން ޝަރްކަސުންގެ ތެރެއިން ރޫސީވިލާތުގައި މިއަދު ތިބީ އެންމެ 718 މީހުންނެވެ.

ޖަޒާއިރު: ސާފު ދަލީލުތަކާ އެކުގައި ޤަބޫލެއް ނުކުރޭ

ޖަޒާއިރަކީ ހުޅަނގުގެ ތަހްޒީބުގެ ގިތިކަން ދުނިޔެއަށް ހާމަކޮށްދޭ ދިރިހުރި މިސާލެކެވެ. ފަރަންސޭސީން ޖަޒާއިރުގައި ހިންގާފައިވާ ޤަތުލުޢާއްމުތަކަކީ ލިޔެވި ފުރޭފުކުރެވި އެންމެންނަށް ފެންނަން ހުރި ތާރީޚީ ފިލާތަކެކެވެ. އެހެނަސް މިއަދާ ހަމައަށް އައިއިރުގައި ވެސް ފަރަންސޭސީން މިކަންތައްތައް ޤަބޫލުކުރުމާ ދެކޮޅު ހަދައެވެ.

ރައީސްކަމަށް އިމަނުވޭލް މެކަރޯން އިސްވެވަޑައިގަތުމާ ވިދިގެން އޭނާގެ ކާބަފައިން ޖަޒާއިރުގައި ހިންގާފައިވާ ޖަރީމާތަކާ ބެހޭގޮތުން ރަސްމީ މާފަކަށް އެދިވަޑައިގަންނަވާނެ ކަމުގެ އިޝާރަތެއް ކުރެއްވިއެވެ. އެހެނަސް އޭނާ އެކުލަވައިލެއްވި މަސްއަލަ ބަލާ ކޮމެޓީގެ ރިޕޯޓު ވަނީ ގެއްލިފައެވެ. ނުވަތަ ވަންހަނާކޮށްފައެވެ. މި ރިޕޯޓުގައި ފަރަންސޭސީން މާފަށް އެދެންޖެހޭނެ ކަމަށް ބުނެފައެއް ނުވެއެވެ. މިއާ ޚިލާފަށް ފަރަންސޭސި ވިލާތުގައި އަޑުތައް އުފުލިގެން ދިޔައީ ފަރަންސޭސި އިސްތިޢުމާރަށް ޓަކައި ޖަޒާއިރުގެ ރައްޔިތުން ފަޚްރުވެރިވާން ޖެހޭނެ ކަމަށެވެ. އެއީ ރޯމުން ފަރަންސޭސިވިލާތް ހިފުންފަދަ "ލާބަ" ހުރި ކަމެކެވެ.

ޖަޒާއިރުގެ މުޞީބާތްތަކަށް ބަލާއިރު ފާހަގަކޮށްލަން ޖެހޭ ބައެއް ނުކުތާތަކަކީ:-

  • ފަރަންސޭސި އިސްތިޢުމާރުގެ ޖަރީމާތަކަކީ ޖަޒާއިރުގެ ރައްޔިތުން މިނިވަންކަމަށް ޓަކައި ޖިހާދު ފެށުމުން ފަރަންސޭސީން ހިންގާފައިވާ ޖަރީމާތަކެއްނޫނެވެ. ފަރަންސޭސީން 1830ގައި ޖަޒާއިރަށް އެރި ހިސާބުން މި ޖަރީމާތައް ވަނީ ފަށައިފައެވެ. ޖަޒާއިރު މިނިވަން ކުރުމަށް ޓަކައި އެ ޤައުމުގެ ރައްޔިތުން ޖިހާދު ފެށީ ވިހިވަނަ ސައްތައިގެ ދެވަނަ ފަންސާހުގެތެރޭގައެވެ. މި ހަނގުރާމަތަކުގެތެރޭގައި މިލއަނަކަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
  • ޖަޒާއިރުގައި ފަރަންސޭސީން ހިންގާފައިވާ ޖަރީމާތަކަކީ ހުޅަނގުގެ ދާއިރާތަކުން ޤަތުލު ޢާއްމުތަކެއް ކަމަށް ބުނެފައިވާ ޖަރީމާތަކެއްނޫނެވެ. ފަރަންސޭސީން ޖަޒާއިރުގައި ހޭދަކުރި ފުރަތަ 30 އަހަރުގެތެރޭގައި ބަލިމަޑުކަމާއި ހައިހޫނުކަމާއި ޤަތުލު ޢާއްމުތަކުގެ  ސަބަބުން ޖަޒާއިރުގެ ރައްޔިތުންގެ ތެރެއިން މިލިއަނެއްހާ މީހުން މަރުވެފައިވެއެވެ. މީގެ އިތުރަށް ކުށްވެރީންގެ ގޮތުގައި އަޅުމަސައްކަތުގެ ފޭލިގެތަކަށް ދެ މިލިއަނެއް މީހުން ގެންދެވުނެވެ.
  • މިއީ ޢަދަދަށް ބަލާއިރު ނަސްލު ނައްތާލުމުގެ ޖަރީމައެއްކަން ކަށަވަރެވެ. ފަރަންސޭސީން މި ކަންކަން ކޮށްފައިވަނީ ދުރާލައި ރާވައިގެން މަންހަޖީ ގޮތަކަށެވެ. އެމީހުންގެ އަމާޒަކަށް ހަދާފައި ވަނީ އުތުރު އެމެރިކާއިން ފަރަނސޭސީންނަށް ގެއްލުނު ބިންތަކުގެ ބަދަލު ޖަޒާއިރުން ނެގުމަށެވެ. އަމާޒަކީ ރެޑް އިންޑިއަނުން ނައްތައިލެވުނު ގޮތަށް ޖަޒާއިރީން ވެސް ނައްތައިލުމެވެ. އެ ބިމުގައި ފަރަންސޭސީން ވަޒަންވެރި ކުރުވުމަށް ޓަކައެވެ.
  • ފަރަންސޭސީން ޖަޒާއިރުގައި ކޮށްފައިވާ ނިޔުކްލިއަރ ތަޖްރިބާތަކުގެ ސަބަބުން އެ ޤައުމުގެ ބިމުގެ އެ ސަރަޙައްދުތައް ވަނީ ނިޔުކްލިއަރ ދޯދިތަކުން ވިސަޑުވެ ޚަރާބުވެ އެ ސަރަޙައްދުގެ ތިމާވެށި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *