...

Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 7

ފުދިގަތުމަކީ ކޮބާ ހެއްޔެވެ؟

އެއީ اللهގެ މިންވަރުފުޅަށް ރުހިގަތުމެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް މެއެވެ. އަދި މީސްތަކުންގެ އަތުގައި ހުންނަ ތަކެއްޗަށް ދަހިވެތި ނުވުމެއެވެ. މާތްالله އެދެބަފައިކަލުންނަށް ރުއްސުންލެއްވި عبد اللَّه بن عمرو ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަ ކަށަވަރުން ކީރިތި ރަސޫލާ ﷺ ކުރެއްވެވިއެވެ. ހަމަކަށަވަރުން (އިސްލާމްދީން ޤަބޫލު ކޮށްގެން ހުންނަ ޙާލު، އެމީހެއްގެ رزق އެމީހަކަށް ލިބެމުންދާ، އަދި އޭނާއަށް الله ދެއްވި އެއްޗެއްގެ މައްޗަށް ފުދިގެންވާ މީހަކީ، ކާމިޔާބާއި ބާއްޖަވެރިކަން ލިބިގެންފި މީހެކެވެ.)  (رواه مسلم)

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ލިބޭ މިންވަރަށް ރުހިގެން ހުރުމުގެ ސިފައެވެ. އެއާ ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުއްޓެވެ. އެހެނީ ސިޔާސީ ލީޑަރެއްގެ ނަފުގެ ޢިއްޒަތު ނުހިފެއްޓިއްޖެނަމަ އޭނާގެ ފަހަތުގައި ތިބޭ މީހުން ފޫހިވެދާނެތީއެވެ. ފުދިގަތުމަކީ نفس ގެ غزة ހިފެހެއްޓޭކަމެކެވެ. ފުދިގެން ހުންނަ މީހާ އަކީ ފުރިހަމަ މިނިވަނެކެވެ. އޭނާގެ މައްޗަށް އެހެން މީހުންގެ ނުފޫޒެއް ނުހިނގާނެއެވެ. އެއާ خلاف އަށް ލިބޭ މިންވަރަށް ނުރުހި އޭގެ މައްޗަށް ފުއްދަން މަސައްކަތް ނުކޮށް އުޅޭ މީހާ ވާހުށީ އެހެން މީހުންގެ އަޅުވެތިކަމުގެ ދަށުގައެވެ. މާތް الله ރުއްސުންލެއްވި علي ގެފާނު ވިދާޅުވިއެވެ. (الطمع رق مؤبد) މާނައީ:- ދަހިވެތިކަމަކީ ދާއިމީ އަޅުވެތިކަމެކެވެ. ބުއްދިވެރިއަކު ވިދާޅުވިއެވެ. ހަޔާތުގެ ދުވަސްތައް މިނިވަންކަމާއެކު ވޭތުކުރުމަށް ގަސްތުކުރާ މީހާ ދަހިވެތިކަން އޭނާގެ ހިތާ ކައިރި ނުކުރާށެވެ. ބުނެވެއެވެ. އަޅުވެތިކަންވަނީ ތިން ބަޔަކަށެވެ. އެއީ نفسގެ އަޅުވެތިކަމާއި އެދުމުގެ އަޅުވެތިކަމާއި ދަހިވެތިކަމުގެ އަޅުވެތިކަމެވެ.

ސިޔާސީ ލީޑަރަކަށް ބޭނުންވާ އެއްކަމަކީ ނަފުސާނީ ހަމަހިމޭންކަން ލިބިގެންހުރުމެވެ. ނަފުސާނީ ހަމަހިމޭންކަން ގެއްލިއްޖެނަމަ ސިޔާސީ މައިދާނުގައި ދަތުރުކުރަން އުނދަގޫ ވެދާނެއެވެ. ފުދިގަތުމަކީ ނަފުސާނީ ހަމަހިމޭންކަން ލިބޭކަމެކެވެ. ފުދިގެން ހުންނަ މީހާގެ ދިރިއުޅުން ވޭތުވެގެންދާނީ އުފާފާގަތި ކަމާއި ހިތްހަމަޖެހުމުގެ ތެރެއިންނެވެ. އެއާ خلافއަށް ދަހިވެގެންވާ މީހާގެ ދިރިއުޅުން ވޭތުވެގެންދާނީ ފިކުރުބޮޑުވުމާއި ހާސްކަމާއި ނުތަނަވަސް ކަމުގެ ތެރެއިންނެވެ.

قدسى حديث އެއްގައި ވެއެވެ. ((يابن آدم تفرغْ لعبادتي أملأ صدرك غِنًى، وأَسُدَّ فقرك. وإن لم تفعل، ملأتُ صدرك شُغْلا، ولم أسُدَّ فقرك) [ابن ماجه) މާނައީ:- އޭ އާދަމުގެ ދަރިޔާއެވެ. ތިބާ ތިމަން އިލާހަށް އަޅުކަންކުރުމަށް އަވަސްވެގަންނާށެވެ. އެއިރުން ތިމަން އިލާހު ތިބާގެ ހިތަށް މުއްސަދިކަން ދެއްވާހުށީމެވެ. އަދި ތިބާ ފަގީރުކަމުން ސަލާމަތް ކޮށްދެއްވާހުށީމެވެ. އަދި ތިބާ އެގޮތަށް ނަހަދައިފިނަމަ ތިމަން އިލާހު ތިބާގެ  ހިތަށް ނުތަނަވަސްކަން ވައްދަވާ ހުށީމެވެ. އަދި ތިބާ ފަގީރުކަމުން ސަލާމަތްކޮށް ނުދެއްވާހުށީމެވެ.

ފުދިގަތުމަކީ ސުވަރުގެއަށް މަގުފަހިވާކަމެއް

މީސްތަކުން ކައިރީ އާދޭސްނުކޮށް ލިބޭ މިންވަރުން ފުއްދައިގެން ހުންނަ މީހާގެ އުޖޫރައަކީ ސުވަރުގެކަން ކީރިތި ރަސޫލާ ﷺ حديث ކުރައްވާފައިވެއެވެ. މާތް الله ރުއްސުންލެއްވި ثوْبان ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. މީސްތަކުންގެ ކައިރީން ސަލާންޖަހައިގެން އެއްޗެހި ނުހޯދާނޭ ކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނަށް ދެއްވައި އަދި އެމީހަކަށް ސުވަރުގެއަށް ދެވޭނެ ކަމަށް ތިމަންރަސޫލާ ކަށަވަރު ކޮށްދެއްވުމަށް އެދޭނީ ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ ثوْبان ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އެއީ ތިމަންނައީމެވެ. ފަހެ އެصحابي އެއަށްފަހު އެއްވެސް މީހެއްގެ ގާތުން އެއްވެސް އެއްޗަކަށް އެދިވަޑައިނުގަންނަވައެވެ. (رواه أبو داود بإِسنادٍ صحيح)

ފުދިގަތުމުގެ މާތްކަން

ފުދިގަތުމަކީ بركاة ލިބެނިވި ކަމެކެވެ. އެއީ އެންމެ ބޮޑު މުއްސަނދިކަމެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މާތްالله ރުއްސުންލެއްވި ابو هُرَيْرَةَ ކީރިތި ރަސޫލާ ﷺ ގެ އަރިހުން ރިވާކުރެއްވެވިއެވެ. އެކަލޭގެފާނު حديثކުރެއްވެވިއެވެ. މުއްސަނދިކަމަކީ މުދާ ގިނަވުމެއްނޫނެވެ. ނަމަވެސް (حقيقي) މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދި ކަމެވެ. (متفقٌ عليه)

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މާތްالله ރުއްސުންލެއްވި عُبَيد اللَّه بِن مِحْصَنٍ الأَنْصارِيِّ الخَطْمِي ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ހެނދުނު ހޭލެވޭ ހިނދު ނަފްސަށާއި މުދަލަށާއި އަނބިދަރީންނަށް އަމާންކަން ލިބިފައި އަދި ހަށިގަނޑު ދުޅަހެޔޮ ކަންމަތީ ހުރެފައި އަދި އެދުވަހު ބަނޑުފުރާނަ މުއްތިކުރާނެ ވަރުގެ ކާއެއްޗެއް ހުރެއްޖެނަމަ ފަހެ އެމީހަކީ މުޅި ދުނިޔޭގެ ހުރިހާ މޮޅެއް ލިބިފައިވާ މީހެއް ފަދަ މީހެކެވެ. (رواه الترمذي)

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ތިބާއަށް الله މިންވަރު ކުރެއްވި ތަކެއްޗަށް ރުހޭށެވެ. އެއިރުން ތިބާ ވާހުށީ މީސްތަކުންގެ ތެރޭގައިވާ އެންމެ މުއްސަނދި މީހާއަށެވެ. (الترمذي وأحمد.)

ދަހިވެތި މީހާ ދުވަހަކުވެސް ބަޑު ނުފުރޭނެއެވެ. އެފަދަ މީހާއަށް رزق ގައިވާ ބަރަކާތް احساس ނުކުރެވޭނެއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. މާތް الله ރުއްސުންލެއްވި ابو عبد الرحمن معاوية بن ابو سفيانَ صَخْرِ بنِ حَرْبٍ ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. ތިޔަބައިމީހުން ތަކެއްޗަށް އެދި ތިމަންރަސޫލާއަށް އާދޭސްކޮށް ސަލާންޖެހުން އާދަނުކުރާށެވެ. މާތް الله ގަންދީ ހުވާކޮށް ބުނަމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންރަސޫލާގެ ކައިރީގައި ސަލާންޖެހުމުން ކޮންމެވެސް އެއްޗެއް ދިންކަމުގައި ވިޔަސް ތިމަންރަސޫލާ ހުންނަނީ އެކަމަށް ނުރުހިގެންނެވެ. އެހެންކަމުން ތިމަންރަސޫލާ އެމީހާއަށް އެދިން އެއްޗެއްގައި އެއްވެސް ކަހަލަ ބަރަކާތެއް ނުލައްވާ ހުއްޓެވެ. (رواه مسلم)

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. އަދި އެ صحابى (އެބަހީ މާތް الله ރުއްސުންލެއްވި أَبو هريرة) ސަލާމާއި ސަލަވާތްލެއްވި ނަބީ ކަލޭގެފާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. މަތީގައިވާ އަތް (އެބަހީ ދޭމީހާ) ދަށުގައިވާ އަތަށްވުރެ (އެބަހީ ހޯދާ މީހާއަށް ވުރެ) ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ތިބާ (އެއްޗެއް ބަހަނީނަމަ) ގާތްތިމާގެ މީހުންގެ ފަރާތުން ފަށާށެވެ. އަދި އެންމެ މާތްވެގެންވާ صدقة އަކީ ފުދިގެން ހުރެ ކުރާ صدقة އެވެ. އަދި ސަލާންނުޖަހާ ވޭތޯ މަސައްކަތް ކުރާ މީހާއަށް މާތް الله سبحانه وتعالى ސަލާން ޖެހުމުން ސަލާމަތް ކޮށްދެއްވައެވެ. އަދި ލިބޭ މިންވަރުން ފުއްދައިގަތުމަށް މަސައްކަތް ކުރާ މީހާއަށް މާތް الله ފުއްދަވާ ދެއްވައެވެ. (رواه البخاري)

މާތްالله ރުއްސުންލެއްވި حَكيم بن حِزَامގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ތިމަންނަ (އެއްފަހަރަކު) ކީރިތި ރަސޫލާ ﷺ ގެ އަރިހުން އެހީއަކަށް އެދުނީމެވެ. އެހިނދު އެކަލޭގެފާނު ތިމަންނައަށް އެތިކޮޅެއް ދެއްވިއެވެ. ދެން އެއަށްފަހު ތިމަންނަ ދެވަނަ ފަހަރަށް އެކަލޭގެފާނުންގެ އަތުން އެހީއަކަށް އެދުނީމެވެ. ފަހެ އެކަލޭގެފާނު ތިމަންނައަށް ދެވަނަ ފަހަރަށް އެހީފުޅެއް ދެއްވެވިއެވެ. ދެން އެއަށްފަހު حديث ކުރެއްވެވިއެވެ. އޭ حَكيم އެވެ. ހަމަ ކަށަވަރުން މި މުދަލަކީ ފެހި ފޮނި މޭވާއެއް ފަދަ އެއްޗެކެވެ. ފަހެ އެމުދާ ދަހިވެތިކަމާ ނުލައި ހޯދާ މީހަކަށް އޭގައި ބަރަކާތް ވެއެވެ. ފަހެ އެމުދާ ދަހިވެތިކަމާ އެކު ހޯދާ މީހަކަށް އޭގައި ބަރަކާތެއް ނުވެއެވެ. އެފަދަ މީހާގެ މިސާލަކީ (ކިތަންމެ ވަރަކަށް) ކެޔަސް ބަނޑު ނުފުރޭ މީހެއްގެ މިސާލެވެ. އަދި (ދަންނާށެވެ.) ދޭ، މީހާގެ އަތް ހޯދާމީހާގެ އަތަށްވުރެ މާތްކަން ބޮޑުވެގެން ވެއެވެ. حَكيم ވިދާޅުވެތެވެ. ތިމަންނަ ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ކަލޭގެފާނު ހައްޤައިގެން ފޮނުއްވި އިލާހު ގަންދީ ހުވާކޮށްބުނަމެވެ. ކަލޭގެފާނުގެ އަތްޕުޅުން މި ހޯދި އެއްޗެކަށްފަހު ތިމަންނަ ދުނިޔެ ދޫކޮށްފައި ގޮސްފުމަށް ދާންދެން އެއްވެސް މީހެއްގެ އަތުން އެއްވެސް އެއްޗެއް ނުހޯދާނަމެވެ. (އެގޮތުގެ މަތީގައި އެصحابى ވަނިކޮށް) ފަހެ أَبُو بكرގެ ފާނުންގެ ދުވަސްވަރު حَكيمއަށް (އެބަހީ އެصحابىއަށް) އެތިކޮޅު ދެއްވުމަށްޓަކައި ގޮވުމުން އެ ބަލައިގަތުމަށް އިންކާރު ކުރެއްވިއެވެ. ދެން (އެއަށްފަހު) ހަމަކަށަވަރުން عُمر ގެފާނުގެ ދުވަސްވަރު އެ صحابىއަށް އެތިކޮޅު ދެއްވުމަށް ގޮވުމުންވެސް އެބަލައިގަތުމަށް އިންކާރު ކުރެއްވި އެވެ. ފަހެ عُمرގެފާނު ވިދާޅުވިއެވެ. އޭ މުސްލިމުންގެ جماعةގެ ބޭކަލުންނޭވެ! ތިޔަބޭކަލުން މި حَكيم މައްޗަށް ހެކިވެލައްވާށެވެ. ހަމަކަށަވަރުން ތިމަންނަ މިމުދަލުން الله سبحانه وتعالى އޭނާއަށް މިންވަރު ކުރެއްވި އޭނާގެ ހައްޤު ހަވާލު ކުރުމުން އޭނާ އެކަމަށް އިންކާރު ކޮށްފިއެވެ. ދަންނައެވެ. މި حَكيم، ކީރިތި ރަސޫލާ ﷺ އަށްފަހު އެއްވެސް މީހެއްގެ އަތުން އެއްޗެއް ބޭނުން ނުކޮށް ހުންނެވިއެވެ. އެންމެފަހުން އަވަހާރަވެގެން ދިޔައީވެސް އެގޮތުގެ މަތީގައި ދެމި ހުންނަވަނިކޮށެވެ. (متفقٌ عليه)

މާތް الله ރުއްސުން ލެއްވި سلمان الفارسي (رضي الله عنه) އަކީ ރަށެއްގެ ވެރިކަން ކުރެއްވެވި ބޭކަލެކެވެ. މުސާރަފުޅަށް މަހަކު ފަސް ހާސް ދިރުހަމު ލިބިލެއްވިއެވެ. ނަމަވެސް އެހުރިހާ ތަކެއްޗެއް ސަދަގާތް ކޮށްލައްވައެވެ. އަދި ދިރުހަމެއް ދެއްވާފައި ސަޓާއެއް ގެންނަވައެވެ. އަދި އެއިން ތަށްޓެއް ނުވަތަ ވައްޓެއް ހެއްދެވުމަށްފަހު ތިން ދިރުހަމަށް ވިއްކަވައެވެ. ދެން އޭގެތެރެއިން އެއް ދިރުހަމު صدقة އެއްގެ ގޮތުގައި ހޭދަކުރައްވައެވެ. އަދި އެއް ދިރުހަމު ކެއުން ބިއުމަށް ހޭދަކުރައްވައެވެ. އަދި ބާކީ އޮންނަ ދިރުހަމުން އާ ސަޓާއެއް ބައްލަވައިގަނެއެވެ.

މިންވަރަށް ރުހިގަތުމުގެ އެންމެ މަތިވެރި ނަމޫނާ

ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި އެއްޗެއްގެ މައްޗަށް ރުހިގަންނަވައެވެ. އަދި މީސްތަކުންގެ ފުށުން އެއްވެސް އެއްޗަކަށް އެދި ވަޑައިނުގަންނަވައެވެ. އަދި އެހެން މީހުންގެ އަތުގައި ހުންނަ ތަކެއްޗާ މެދު ދަހިވެތިވެ ނުއުޅުއްވައެވެ. އެކަލޭގެފާނު ދުނިޔެވީ މަސައްކަތްތައް ކުރައްވައެވެ. އަދި އެ މަސައްކަތުން ލިބިވަޑައިގަންނަވާ އެއްޗަކުން ފުއްދަވައެވެ. އެކަލޭގެފާނަށް غنيمة ގެ މުދަލުން ވަރަށް ގިނަ މުދާތައް ލިބެއެވެ. ނަމަވެސް އެހުރިހާ މުދާތައްވެސް اصحاب ބޭކަލުންގެ މެދުގައި ބައްސަވާލައްވައެވެ. ކީރިތި ރަސޫލާ ﷺ އަވަހާރަފުޅު ލެއްޕެވީ ކުނަލެއްގެ މަތީގައެވެ. އަދި އޭގެ ނިޝާން އެކަލޭގެފާނުގެ ހަށިކޮޅުން ފެންނަން ހުންނާތީވެ اصحاب ބޭކަލުން އެކަލޭގެފާނަށްޓަކައި މަޑު ދާންކޮޅެއް ތައްޔާރު ކުރެއްވުމަށް ހުއްދައަކަށް އެދިވަޑައިގަތުމުން حديث ކުރެއްވިއެވެ. އެ ޙަދީޘުގެ ތަރުޖަމާއަކީ މިއެވެ. "މާތްالله ރުއްސުންލެއްވި عبدِ اللَّه بن مَسْعُودގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. (އެއްފަހަރަކު) ކީރިތި ރަސޫލާ ﷺ ކުނަލެއްގެ މަތީގައި އަވަހާރަފުޅު ލެއްޕެވިއެވެ. އަދި އަވަހާރަފުޅުން ތެދުވެ ވަޑައިގަތް އިރު އެކަލޭގެފާނުގެ އަރިކަށްޓާވީ ފަރާތުގައި ހުރީ އޭގެ نشان ތައް ނެގިފައެވެ. (އެހެންކަމުން) ތިމަންމެން ދެންނެވީމެވެ. އޭ الله ގެ ރަސޫލާއެވެ. ތިމަންމެން ކަލޭގެފާނަށްޓަކައި ތަންމަތިކޮޅެއް ތައްޔާރުކުރުން ކިހިނެތް ވާނެތޯއެވެ؟ އެހިނދު حديث ކުރެއްވެވިއެވެ. "ތިމަންކަލޭގެފާނާއި ދުނިޔެއާ ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ ތިމަން ކަލޭގެފާނު ދުނިޔެމަތީގައި މިހުރީ ދަތުރުވެރިޔަކު ގަހެއްގެ ދަށަށް ހިޔަލަކަށް ވަދެފައި ދެން އެ ދޫކޮށްލާފައި އެނބުރި ދާފަދައިންނެވެ." (رواه الترمذي)

ހެޔޮކަންތައް ކުރުމުގައި ނިމުމެއް (ފުދިގަތުމެއް) ނުވެއެވެ.

مسلمން ރުހިގަންނަން ޖެހެނީ އެބައި މީހުންނަށް ލިބޭ ދުނިޔަވީ ކަންތައްތަކުގެ މައްޗަށެވެ. އެއާ خلاف އަށް ދީނީ ކަންތައްތަކަކީ އޭގެ ނިމުމެއްނުވާ ކަންތައްތަކެވެ. އަބަދުވެސް ހުންނަން ޖެހޭނީ އެކަމަށް އިތުރަށް އެދިގެންނެވެ. މާތް الله وحي ކުރެއްވިއެވެ. (وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ) ﴿ البقرة ١٩٧﴾ މާނައީ:- ތިޔަބައިމީހުން ކޮއްތު ލިބިގަންނާށެވެ. ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوىއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ! މާތް الله وحي ކުރެއްވިއެވެ. (وَسَارِعُوا إِلَىٰ مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ) ﴿آل عمران١٣٣﴾ މާނައީ:- އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوىވެރިންނަށެވެ.

ރީތި ކުރު ވާހަކައެއް ކިޔާލަމާ!

ބުނެވެއެވެ. އެއްފަހަރަކު ތިން މީހަކު ދަތުރުކުރަނިކޮށް ޚަޒާނައެއް ފެނުނެވެ. އަދި އެތިން މީހުންގެ މެދުގައި ހަމަހަމައަށް އެޚަޒާނާ ބެހުމާ މެދު އެއްބަސްވިއެވެ. ނަމަވެސް އެކަން ނުނިމެނީސް އެމީހުން ބަނޑުހައިގަތެވެ. އެހެންކަމުން އެތަނުން އެކަކު ކާތަކެތި ގެނައުމަށް ރަށުތެރެއަށް ފޮނުއްވިއެވެ. އަދި އެވާހަކަ ސިއްރުކުރުމަށް ވަސިއްޔަތް ކުރިއެވެ. އެއީ އެހެން މީހަކު އެކަމަށް ދަހިވެތިވެ ނުގަތުމަށްޓަކައިއެވެ. ދެން އެމީހާ ކާތަކެތި ހޯދަން ދަމުން ހިތަށް މުދަލުގެ ދަހިވެތިކަން ވަނެވެ. އަދި އެ ދެ މީހުން މެރުމަށް ގަސްތު ކުރިއެވެ. އެހެންކަމުން އެ ދެ މީހުންގެ ކާއެއްޗަށް ވިހަލިއެވެ. އެހިނދު އެ ދެ މީހުންވެސް ތިބީ އޭނާ ކާތަކެތި ހިފައިގެން އެނބުރި އައުމުން އޭނާ މަރާލުމަށް އެއްބަސްވެގެންނެވެ. އެހެންކަމުން އޭނާ އެނބުރި އައުމުން އެ ދެ މީހުން އޭނާ މަރާލިއެވެ. އަދި ކާތަކެތި ކާންފެށިއެވެ. އަދި ކައިނިމުނު އިރު އެދެމީހުންވެސް މަރުވެއްޖެއެވެ. ނަތީޖާއަކީ އެ ތިން މީހުންކުރެ އެކަކަށްވެސް އެޚަޒާނާއިން އެއްވެސް އެއްޗެއް ނުލިބުމެވެ. އަދި ދުނިޔެއިންވެސް ދާންޖެހުމެވެ. އެއީ ލިބޭ މިންވަރަށް ނުރުހި އަމިއްލަ އެދުން ބޮޑުކުރުމުގެ ހިތި ނަތީޖާއެވެ.