...

Support Us

ބެލްޖިއަމް ސިފައިން 1994ގައި ރުވަންޑާގެ ކިގާލީގައި

ނުފޫޒުވެރިން އެނގޭ ކަމަށް ނެހެދުމުން ހަނދުމައިން ފޮހެވިފައިވާ ބައެއް ޤަތުލު ޢާއްމުތައް- 1

ޢުޘްމާނީ ދައުލަތުގެ ވެރިކަމުގެ ތެރޭގައި އަރްމަނުންނާ ދެކޮޅަށް އެ ދައުލަތުން ނަސްލު ފުހެލުމުގެ ޖަރީމާއެއް ހިންގާފައިވާ ކަމަށް އެމެރިކާގެ ރައީސް ބައިޑްނަ އިޢުލާން ކުރެއްވުމުން ދިރާސާ ކުރައްވާ ބޭފުޅުން ހުޅަނގުން ހިންގާފައިވާ ޤަތުލުޢާއްމުތަކާއި ނަސްލު ފުހެލުމުގެ ޖަރީމާތައް ކޮބައިތޯ ސުވާލު ކުރައްވަން ފެށްޓެވިއެވެ. އެމެރިކާ މީހުން ރެޑް އިންޑިއަނުންނަށް ކިހާ އޯގާތެރިވިތޯ ސުވާލު ކުރައްވައެވެ. އޮސްޓްރޭލިޔާގެ އަބޮރަޖަނިން، ނިވްޒީލެންޑުގެ މައޮރީން، ދެކުނު އެމެރިކާގެ އެންކާ ޤަބީލާތައް ކޮބައިތޯއެވެ؟ ވަކި ބަޔަކާ ދެކޮޅަށް ވަކިބަޔަކު ކުރާ ކަންތައް  ފާހަގަކުރެވެނީ ކީއްވެގެންބާވައެވެ!

މިފަދަ ކަންކަމާ ބެހޭ ޢިލްމީ ދިރާސާތައް ފުރޭފުކުރެވިފައި ވެއެވެ. މީގެ ތެރެއިން ދިރާސާއެއް ބުނާގޮތުގައި ހުޅަނގު ޔޫރަޕުން މަރައިލެވުނު ކޮންމެ މީހަކަށް އިރުމަތީ ޔޫރަޕްގައި ތިން މީހަކު، މެދުއިރުމަތީގައި ހަތަރު މީހަކު، އޭޝިޔާގައި ނުވަ މީހަކު މަރައިލެވިފައި ވެއެވެ.

ޖާނީއަކީ ހުޅަނގުގެ މީހެއް ކަމުގައި ވާނަމަ ނުވަތަ ހުޅަނގުގެ ބައިވެރިއެއް ކަމުގައިވާނަމަ އެ ޖަރީމާއެއް ހިންގުނު ކަން އެނގޭ ކަމަކަށް ނަހަދާނެއެވެ. އެންމެ ރަނގަޅު މިސާލަކީ ފަލަސްޠީނެވެ. އެ ބިމުގައި ޤަތުލު ޢާއްމުންގެ ކިތައްކިތައް ޖަރީމާ ހިންގާފައިވޭތޯއެވެ؟  މިއިން ޖަރީމާއެއް ކުށްވެރި ކުރަނީ ހުޅަނގުގެ ކޮން ޤައުމަކުން ހެއްޔެވެ؟ އެހެނަސް ޝިކާރަ ކުރެވުނީ ހުޅަނގުގެ މީހެއް ކަމުގައި ވީނަމަ ނުވަތަ ހުޅަނގުގެ އެކުވެރި ޤައުމެއްގެ މީހެއް ކަމުގައި ވީނަމަ އެ ޙާދިސާއެއް ކުށްވެރިކޮށް ބޮޑުކޮށްލެވޭތަން އަބަދުވެސް ފެނެއެވެ.

އަރްމަނުންގެ ހާދިސާގެ ކުރިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ބައެއް ޤަތުލުޢާއްމުތައް

އަރްމަނުންގެ ޙާދިސާއަކީ ހުޅަނގުން ގެންގުޅޭ ދެ މިންގަނޑު ހާމަކޮށްދޭ ވަރަށް ރަނގަޅު މިސާލެކެވެ. މި ޙާދިސާގެ ސައްތައެއްހާ އަހަރު ކުރިން ޢުޘްމާނީ ދައުލަތާއި ޔޫރަޕްގައި އުޅުނު މުސްލިމުންގެ ސަރަޙައްދުތަކާ ދެކޮޅަށް ސިލްސިލާކޮށް ޤަތުލު ޢާއްމުތައް ހިންގާފައި ވެއެވެ. އަދި މަންހަޖީ ގޮތަކަށް ދުރާލައި ރާވައިގެން މުސްލިމުންގެ އާބާދީތައް ޔޫރަޕުން ހުސްކޮށްލުމުގެ ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައި ވެއެވެ. މިއީ އަރްމަނުންގެ ޙާދިސާގެ އެތައް އަހަރުތަކެއްގެ ކުރިން ހިންގާފައިވާ ޖަރީމާތަކަކަށް ވިޔަސް އަރްމަނުންގެ ވާހަކަ ދައްކާއިރު މިއިން އެއްވެސް ހާދިސާއަކަށް ދުރުން ވިޔަސް އިޝާރާތެއް ވެސް ކޮށްލައިފައިނުވާކަން ފާހަގަކުރެއެވެ.

ޢުޘްމާނީ ވެރިކަމުގައި އެމީހުންގެ ބާރުގެ ދަށުގައި އޮތް ބައެއް ބިންތަކުގައި ދިރިއުޅުނު ބައެއް މަސީޙީންނާ ދެކޮޅަށް ހިނގައިފާވާ ބައެއް ހާދިސާތައް ހިނގާފައިވަނީ ޔޫރަޕްގައި މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ރައްދު ޢަމަލެއްގެ ގޮތުންނެވެ.

ޢުޘްމާނީ ދައުލަތުގެ ދަށުގައި ތިބި އަރްމަނުންނާއި އެހެނިހެން މަސީޙީ ޤައުމިއްޔާތުތަކުގެ މީހުންނާ ކުރިމަތިވި ހާދިސާތަކުގެ ސަބަބަކީ ޔޫރަޕްގެ ޤައުމުތަކުން ޚާއްޞަކޮށް ރޫސީވިލާތުން ޢުޘްމާނީ ދައުލަތާ ދެކޮޅަށް ފަސްވަނަ ސަފުގެ ގޮތުގައި އެމީހުން ބޭނުންކޮށްފައި ވުމެވެ. އެމީހުން ލައްވާ ޢުޘްމާނީ ދައުލަތާ ދެކޮޅަށް ގަނޑުބަޑުތައް ހިންގާފައި ވާތީއެވެ.

އަރްމަނުންގެ މަސްއަލައަށް ބަލާއިރު ތުރްކީގެ މިއަދުގެ ސަރުކާރާ ކުރީގެ ސަރުކާރުތަކުގެ ސިޔާސަތު ވަރަށް ތަފާތުކަން ފާހަގަ ކުރެވެއެވެ. މިއަދުގެ ސަރުކާރުން ގޮވާލަނީ މި މަސްއަލަ ދިރާސާ ކުރުމަށް ޓަކައި ޢިލްމީ ކޮމެޓީއެއް އެކުލަވާލުމަށެވެ. ވޮޝިންގްޓަން ޕޯސްޓްގައި އީޝާން ތާރޫރު ލިޔުއްވާފައިވާ ގޮތުގައި 2014ވަނަ އަހަރު ރައީސް ރަޖަބު ޠައްޔިބު އިރްދުޣާން ވަނީ ޢުޘްމާނީ ވެރިކަމުގައި އަރްމަނުންނާ ދެކޮޅަށް ހިންގިފައިވާ "ލާ އިންސާނީ" ޢަމަލުތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ހަނދާން ނައްތާލައިފައިވާ ބައެއް ބޮޑެތި ޤަތުލު ޢާއްމުތައް

އަންދަލުސް- ހުޅަނގުން ހިންގާފައިވާ ނަސްލު ފުހެލުމުގެ ޖަރީމާތަކުގެ އަޞްލު: އަންދަލުސްގައި އޮތް އިސްލާމީ ދައުލަތާ ދެކޮޅަށް ހަނގުރާމަކޮށް އެ ދައުލަތް ވައްޓައިލުމަށްފަހު އެ ބިންތަކުގައި އުޅުނު މުސްލިމުންނާއި ޔަހޫދީންނާ ދެކޮޅަށް ފަރަންޖީން ހިންގާފައިވާ ޖަރީމާތަކަކީ ނަސްލު ނައްތައިލުމުގެ ލާއިންސާނީ ޖަރީމާތަކެކެވެ. މުސްލިމުންނާއެކު ފައްސައިލި ޔަހޫދީންގެ ކިބައިން ސްޕޭނުން މަޢާފަށް އެދިފައި ވެއެވެ. އަދި އެމީހުންގެ ދަރީންނަށް ސްޕޭނަށް އައުމަށް ފުރްޞަތު ދީ ސްޕޭންގެ ޤައުމީ ސިފަ އެމީހުންނަށް ދޭނެކަން ވެސް އެންގިއެވެ. އެހެނަސް އަންދަލުސްއިން ފައްސާލެވުނު މުސްލިމުންނާމެދު މި ގޮތަކަށް މުޢާމަލާތެއް ނުކުރެއެވެ. ސްޕޭނުން ފައްސައިލެވުނު ޔަހޫދީ ސަފާރުދީމު ޤަބީލާގެ ޔަހޫދީންގެ ކިބައިން މަޢާފަށް އެދުނުގޮތަށް ސްޕޭނުން ފައްސައިލެވުނު މުސްލިމުންގެ ކާފަދަރިންގެ ކިބައިން ވެސް މައާފަށް އެދެން ޖެހޭނެ ކަމަށް ސްޕޭންގެ އިސްލާމީ މަޖިލީހުގެ ރައީސާ މާރިއާ އިޒަބެލް ރޮމީރު 2015ގައި ވިދާޅުވިއެވެ. އަދި އެމީހުން އެދޭނަމަ އެމީހުންނަށް ސްޕޭންގެ ރައްޔިތުކަން ދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

އަންދަލުސްގައި ސްޕޭނާއި ޕޯޗްގީޒުން ހިންގާފައިވާ ޤަތުލު ޢާއްމުތަކާއި ނަސްލު ފުހެލުމުގެ ޖަރީމާތަކަކީ ހުޅަނގުގެ ޙަޟާރަތުގެ ލޭއޮހުރުވުން ހުރި މިންވަރު ބަޔާންކޮށްދޭ ވަރުގަދަ ހެކިތަކެކެވެ. މި ފަދަ ޢަމަލުތައް މިއަދުވެސް ދަނީ ތަކްރާރުވަމުންނެވެ.

އަންދަލުސްގައި ހިންގާފައިވާ ޤަތުލުޢާއްމުތަކާއި ލޭއޮހޮރުވުންތައް ނަމޫނާއަކަށް ބަލައިގެން ސްޕޭނާއި ޕޯޗްގީޒާއި ޔޫރަޕްގެ އިސްތިޢުމާރީ ޤައުމުތަކުން އެމެރިކާއާއި އެފެރިކާއާއި އޭޝިޔާގައި މި ފަދަ އެތައްއެތައް ޤަތުލު ޢާއްމުތަކެއް ވަނީ ހިންގައިފައެވެ.

ކަޒާން ތަތާރުން: 500 އަހަރުގެ ހިތްވަރުގަދަ ނާދިރު ޖިހާދު

އަންދަލުސްގެ މުސްލިމުންގެ މުޞީބާތާ އެއްފަދަ ގޮތަކަށް ކަޒާން ތަތާރުން ނައްތައިލެވިފައި ވަނީ ރޫސީ އަލިފާނުންނެވެ.

ކާޒާނަކީ އިސްލާމީ ވަރުގަދަ ދައުލަތެކެވެ. މި ދައުލަތުގެ ރަން ޒަނާނުގައި މޮސްކޯއިން މި ދައުލަތަށް ޖިޒީ ދައްކަމުން އައިސްފައިވެއެވެ.

ރޫސީންގެ ފުރަތަމަ ޒާރު "ބިރުވެރި" އީވާން، ކަޒާން ހިފީ 1552 ގައެވެ. ރޫސީން ކަޒާން މުސްލިމުންގެ އިސްލާމީ ޝަޚްޞިއްޔަތު ނައްތައިލުމަށް ޓަކައި އެމީހުންގެ ތެރެއިން އެތައް ބަޔަކު މަރައިލިއެވެ. އެމީހުންގެ ޝާހީ ޚާންދާނުގެ އެތައް ބަޔަކު ގަދަކަމުން ނަޞާރާ ދީނަށް ވެއްދިއެވެ. ތަތާރުންގެ ތެރެއިން އެތައް ހާސް ބަޔަކު އެމީހުންގެ ވަޒަނުން ފައްސައިލިއެވެ.

ތަތާރުންގެ ނަސްލު ނައްތައިލުމަށް ޓަކައި އެތައް ސައްތަ އަހަރެއްވާންދެން މަސައްކަތް ކުރިނަމަވެސް ރޫސީ ނަޞާރާ އެމްބަރާޠޫރަށް ވެއްދި ތަތާރުން އިސްލާމީ ތުރްކީ ރައްޔިތުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ޓަކައި ގިނަގުނަ ޚިދްމަތްތަކެއް އަދާކޮށްފައި ވެއެވެ. ތުރްކީ ޤައުމިއްޔަތާއި ތުރްކިސްތާނީ ޤައުމިއްޔަތު ދިރުވާ ކުރިއެރުވުމަށް ޓަކައި ތަތާރުން އެތައް ޤުރްބާނީތަކެއް ވެފައި ވެއެވެ. ތަޢުލީމީ ފެންވަރަށް ބަލާއިރު ރޫސީންނަށްވުރެ ތަތާރުންގެ ތަޢުލީމީ އަދި ސަޤާފީ ފެންވަރު މާ މައްޗެވެ. ރޫސީވިލާތުގެ ދަށުގައި ތިބި މުސްލިމު ރައްޔިތުންގެ ސަޤާފީ އަދި ސިޔާސީ ފިކުރު ކުރިއެރުވުމަށް ޓަކައި ތަތާރުން މުހިއްމު ދައުރެއް އަދާކޮށްފައި ވެއެވެ.

ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުގެ ކުރިން ތަތާރުންނަކީ އަޣުލަބިއްޔަތު ލިބިފައި ނުވާ ބައެކެވެ. މިއަދު އެމީހުންނަށް 53 އިންސައްތަ ލިބިފައި ވެއެވެ. އެމީހުންނާއެކު އުޅޭ ރޫސީންގެ ނިސްބަތަކީ 40 އިންސައްތަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *