...

Support Us

ކޮވިޑާއެކު އުޅެން ދަސްކުރަމާ ހިނގާށެވެ!

ކޮރޯނާ ވައިރަސް އަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ބަލިޖެހޭ މީހުންގެ 81 އިންސައްތަ މީހުންގެ ހަށިގަނޑުން އޭގެ މަޑު ރޯގާގެ އަލާމަތް ފެނި ރަނގަޅުވަނީ އެއްވެސް ބޭހަކާ ނުލައި އަމިއްލައަށެވެ. އަދި 14 އިންސައްތަ މީހުންގެ ހަށިގަނޑުން ބޮޑެތި އަލާމާތްތައް ފެނި ދުވަސްކޮޅަކުން ބޭހަކާ ނުލައި ރަނގަޅުވެދެއެވެ. އަދި 5 އިންސައްތަ މީހުން ކިރިޓިކަލްވެ އައިސީޔޫގައި އެޑްމިޓްކުރަންޖެހެއެވެ. އަދި ބަލިޖެހޭ މީހުންގެ 2.3 އިންސައްތަ މީހުން ބައެއް ފަހަރަށް މިބަލިން މަރުވެއެވެ. (އިތުރު މައުލޫމަތު)

ކޮވިޑުން އަސަރުކުރަމުންދިޔަ ކަމުގައި ވިޔަސް ތަރައްޤީވެފައިވާ ޤައުމުތަކުގައި ލޮކްޑައުން ކުރަމުންގެންދަނީ ކޮންމެހެން ވެސް ޙިމާޔަތްކުރަންޖެހޭ އަދި އެކަމަށް މަސައްކަތް ކުރުން ލާޒިމުވާ ކަންތަކަށް ބުރު ނާރާގޮތަކަށެވެ. އެގޮތުން ލޮކްޑައުން ކުރި ކަމުގައިވިޔަސް ދީނީ ކަންތަކަށް ބުރުލެއް ނާރުވައެވެ. އަދި ނަފުސު ސަލާމަތްކުރުމަށް ބޭނުންވާ ކެއުންބުއިމާއި އޮނުފޭރާން ހޯދުމަށް މަސައްކަތް ކުރުމުގެ ދޮރުތައް ބަންދެއްނުކުރެއެވެ. އަދި ބުއްދި ޙިމާޔަތްކުރުމަށް ބޭނުންވާ އުނގެނުމުގެ ދޮރުތައްވެސް ބަންދެއްނުކުރެއެވެ. އަދި މުދާ ޙިމާޔަތްކުރުމަށް ބޭނުންވާ އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި ވިޔަފާރީގެ އެއްވެސް ދޮރެއް ބަންދެއްނުކުރެއެވެ. އެހެންކަމުން ތަރައްޤީވެފައިވާ ޤައުމުތައް ކޮވިޑާއެކު އުޅެން ދަސްކޮށްފި ކަމާމެދު އެއްވެސް އޮޅުމެއްނެތެވެ.

މާތް ވެގެންވާ އިސްލާމްދީން މުސްލިމުންނަށް ރައްކާތެރިކުރުމަށް އަމުރުކުރައްވާފައިވާ، އަދި އެއަށް ޝަރްޢީ އުޞޫލުގެ ޢިލްމުވެރިން الضرورات الخمس (ބޭނުންތެރި ފަސްކަންތައް)ގެ ނަމުން ނުވަތަ الكيات الخمس (މައިގަނޑު ފަސްކަންތައް)ގެ ނަމުން ނަންދެއްވާފައިވާ ފަސްކަމެއް ވެއެވެ. އެއީ ދީން ރައްކާތެރިކުރުމާއި، ނަފްސު ރައްކާތެރިކުރުމާއި، ބުއްދި ރައްކާތެރިކުރުމާއި، އަބުރު ރައްކާތެރިކުރުމާއި އަދި މުދާ ރައްކާތެރިކުރުމެވެ. މި ފަސް ކަންތަކަކީ އެއާ ނުލައި އިންސާނާއަށް ހަމަ މަގުގައި ނޫޅެވޭނެ ފަސް ކަންތަކެވެ. މީގެ ތެރެއިން ނަސްލު ފިޔަވައި ދެން ހުރި ކަންތަކަށް އިޝާރާތްކޮށްލާނަމެވެ.

1-ދީން ޙިމާޔަތްކުރެވޭ ވަސީލަތްތައް

ދީން ޙިމާޔަތްކުރުމަށް ޓަކައި ވަސީލަތްތަކެއް ޝަރީޢަތުގައި ބަޔާންކުރައްވައިފައިވެއެވެ. އޭގައި ހިމެނޭ ބައެއް މުހިއްމު ކަންތައްތަކުގެ ތެރޭގައި ދީނަށް ޢަމަލުކުރުމާއި، ދީނަށް ޓަކައި ޖިހާދުކުރުމާއި، ދީނަށް ދަޢުވަތު ދިނުމާއި، ދީނަށް ގެއްލުން ހުރި އެންމެހާ ކަންތައްތަކުން ދުރުކުރުން ހިމެނެއެވެ. (عبد الرحمن معاشي، 1427، ص74)

އިސްވެދެންނެވުނު ކަންތައްތަކުގެ އަސާސު ގޮސް ހުއްޓެނީ މިސްކިތަށެވެ. ވުމާއެކު މިސްކިތަކީ ދީން ޙިމާޔަތްކުރާ ބިންގަލެވެ. ދުނިޔޭ ކޮންމެ ދިމާޔަކަށް ކަޅި އެއްލައި ބަލައިލިޔަސް ފެންނާނީ ހައްތަހާވެސް މިސްކިތުގެ ވަސީލަތުން މުސްލިމުންނަށް ލިބިފައިވާ ތަރުބިއްޔަތާއި ތަޢުލީމާއި އަމުނާއިއަމާން ކަމެވެ. އަދި ރޫޙާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މިސްކިތްތަކާއި އިންސާނިއްޔަތާ ހުރި ގުޅުމެވެ. އަލްއިމާމް الزركشي ވިދާޅުވިއެވެ. "މިސްކިތުގެ ދައުރު އިޙްޔާކުރުމަށްޓަކައި މިސްކިތަށް ވަޤުތުދިނުމާއި ނަމާދުގެ އިންތިޒާރީގައި މަޑުކޮށްގެން އިނުން މުސްތަޙައްބު ވެގެންވެއެވެ. އަދި ނަމާދު އޭގެ ވަޤުތުގައި އެންމެ ފުރިހަމަޔަށް ކުރުން ހުއްޓެވެ." (الزركشي، إعلام الساجد بأحكام المساجد،1416، ص 304)

އެހެންކަމުން އުފެދޭނެ ސުވާލަކީ ދިވެހި ރާއްޖެއަކީ އެއްވެސް ޝަރްޠަކާ ނުލައި ފަތުރުވެރީންނަށް ވަދެފައި ނިކުމެވޭ މަންޒިލަކަށް ވެފައި އަދި އޭގެ އިތުރުން މަހަށް ފުރުމާއި މަސައްކަތު ނިކުތުމާއި ފިހާރަތަކުން ވިޔަފާރިކުރުމާއި މަގުމަތީގައި ވެސް އެކަކު އަނެކަކަށް ބައްދަލުކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނަ މުޖުތަމައެއްގައި ކޮރޯނާ ވައިރަސްގެ ނުރައްކަލުން ސަލާމަތްވުމަށް ޓަކައި ދޭތެރެ ދޭތެރެއިން ހަމައެކަނި މިސްކިތް ބަންދުކުރުމުގެ މަޞްލަޙަތު ދެމިގެންވަނީ ކިހާ މިންވަރަކަށް ތޯއެވެ؟

2-ނަފުސު ޙިމާޔަތްކުރެވޭ ވަސީލަތްތައް

ނަފުސު ޙިމާޔަތްކުރެވޭ ވަސީލަތްތައް ވަރަށް ގިނައެވެ. މުހިއްމު ބައެއް ވަސީލަތްތަކަށް އިޝާރާތް ކޮށްލާނަމެވެ.

1-ކެއުން، ބުއިން، އޮނުފޭރާން، ބޯހިޔާވެރިކަން.

ފުރާނަ ސަލަމަތްކުރުމުގެ އެއް އަސާސަކީ ކެއުން، ބިުއން، އޮނުފޭރާން، އަދި ބޯހިޔާވެރިކަމެވެ. އެހެންކަމުން އުފެދޭނެ ސުވާލަކީ ރައްކާތެރިކަމުގެ ފިޔަވަޅެކޭކިޔާފައި، ރަނގަޅަށް ތިބިމީހުންނާއި ބަލިމީހުންނާއި ކުދި، ބޮޑު، އަންހެން، ފިރިހެން، ޒުވާން، މުސްކުޅި އެންމެންގެ ފުރާނަ ސަލާމަތްކުރުމުގެ އަސާސުކަމުގައިވާ ކެއުން، ބުއިން، އޮނުފޭރާން، އަދި ބޯހިޔާވެހިކަމުގެ ހުރިހާ ދޮރުތައް ބަންދުކުރުމުން (ލޮޮކުޑައުންކުރުމުން) ފުރާނަ ސަލާމަތްކުރެވެނީތޯ ނުވަތަ ފުރާނައަށް ގެއްލުންކުރެވެނީތޯއެވެ؟

2- ފުރާނަ ސަލާމަތްކުރުމުގެ އަނެއް އަސާސަކީ ބޭސްފަރުވާކުރުމެވެ.

ބޭސްފަރުވާ ބެހިގެންނަވަނީ ދެބައަކަށެވެ. އެއްބަޔަކީ ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމެވެ. އަނެއްބަޔަކީ ބަލިޖެހުމުން ބޭސްކުރުމެވެ.

ބަލިޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން، މިސާލަކަށް ފައިދާ ހުރި ތަކެތި ކެއުން، ކަސްރަތުކުރުން، ފަދަ ކަންތަކެވެ. މިހާރު އުފެދޭނެ ސުވާލަކީ ކެއުމަށް ބޭނުންވާ ފައިދާ ހުރި ތަކެތި ހޯދަން މަސައްކުރުމުގެ ދޮރާއި، ކަސްރަތުކުރުމުގެ ދޮރު ބަންދުވާ ގޮތަށް ލޮކުޑައުން ވެއްޖެނަމަ ފުރާނަ ސަލާމަތްކުރެވެނީތޯ ނުވަތަ ފުރާނައަށް ގެއްލުންކުރެވެނީތޯއެވެ؟

ދެން އޮތީ ބަލި ޖެހިއްޖެނަމަ ބޭސްކުރުމެވެ. އެއީ ޑޮކްޓަރުންގެ މަޝްވަރާގެ މަތީން ކުރަންޖެހޭނެ ކަމެކެވެ.

3-ބުއްދި ޙިމާޔަތްކުރެވޭ ވަސީލަތްތައް

ބުއްދި ޙިމާޔަތްކޮށްދޭ އެންމެ އަސާސީ ވަސީލަތަކީ ތަޢުލީމެވެ. ތަރައްޤީވެފައިވާ ޤައުމުތަކުގައި ކޮވިޑްގެ ބިރާއެކުވެސް ގެންދަނީ ސްކޫލުތަކާއި ކޮލެޖުތަކުގައި ދަރިވަރުންނަށް ގާތުން ތަޢުލީމުދެމުންނެވެ. ބައެއް ނާތަހުޒީބު ޤައުމުތަކުގައި ތަޢުލީމަށް މުޅިން ބުރުއަރުވާފައިވާއިރު އަނެއްބައި ޤައުމުތަކުގައި ގެންދަނީ ކިޔަވައިދިނުމުގެ އޮންލައިނުގެ އަރަތެއް ހިންގަމުންނެވެ. ސްކޫލްތައް މެދުކެނޑިފައިވާ ބައެއް ޤައުތަކުގައި މިސާލަކަށް ރޭލު ދަތުރު ބަރާބަރަށް އެބަކުރެއެވެ. ބަސް ދަތުރުތައް އެބަކުރެއެވެ. އެތެރޭގެ އުދުހުންތައް އެބަހުދުހެއެވެ. ސުޕަރމާރުކޭޓް ހުންނަނީ ހުޅުވިފައެވެ. ވީމާ ތަޢުލީމުގެ ވަސީލަތަށް ބައެއް ޤައުމުތަކުގައި މިއަރުވާ ބުރޫއަކީ ދުނިޔޭގެ ނުފޫޒު ގަދަ ބަޔަކު މިފަދަ ޤައުމުތައް މިހާރު މިއޮތް ވަރަށްވުރެން ފަހަތަށް ޖައްސާލަން ރާވައިގެން ހިންގާ ޖަރީމާއެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދަން ޖެހެއެވެ.

ބުއްދި ޙިމާޔަތްކުރުމަށް ޓަކައި ތަޢުލީމަށް އިސްލާމްދީނުގައި މުހިއްމު އިސްކަމެއް ދެއްވިއެވެ. އެގޮތުން ބަލާނަމަ ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ އާޔަތުގައި ވަނީ ކިޔެވުމުގެ ވާހަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ) މާނައީ: ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسمފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ.

ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ﷲގެ އިސްމުފުޅާއެކު ޢިލްމުގެ ލަފުޒު އައިސްފައިވެއެވެ. މިސާލަކަށް (إن الله عليم) ފަދަ ޢިބާރާތްތަކެވެ. އެއީ ވެސް ޢިލްމުގެ މުހިއްމުކަން ދަލާލަތުކޮށްދޭ ހެއްކެކެވެ. އަދި ޤުރްއާނުގައި ﷲ އަށް ބިރުވެތިވާ މީހުންނަކީ ޢިލްމުވެރީން ކަމުގައި ބަޔާންވެފައި ވުމަކީވެސް ޢިލްމުގެ މުހިއްމުކަން އެނގޭ އެއްކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّمَا يَخْشَى اللَّهَ مِنْ عِبَادِهِ الْعُلَمَاءُ ۗ) މާނައީ: اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علمވެރިންނެވެ.

ޤުރްއާނުގައި ދަންނަ މީހުންނާއި ނުދަންނަ މީހުން އެއްވަރުނުވާނެ ކަމުގައި ކަނޑައެޅުއްވުމީވެސް ޢިލްމުގެ މުހިއްމުކަން އެނގޭ އެއްކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (قُلْ هَلْ يَسْتَوي الَّذِينَ يَعْلَمُونَ وَالَّذِينَ لاَ يَعْلَمُونَ) މާނައީ:- ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީ ހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟

ކޮންމެހެން ވެސް އެނގެންޖެހޭ ތަކެތި (علم) އުނގެނުމަކީ ކޮންމެ މީހެއްގެ މައްޗަށްވާ فرض އެއްކަމަށް ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ.

ބުއްދި ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އަނެއް މުހިއްމު ކަމަކީ ބުއްދި އަށް ގެއްލުންކުރާ ތަކެތިން ދުރުހެލިވުމެވެ. އޭގެ ތެރޭގައި ހިމެނޭ މިއަދުގެ އެންމެ ނުރައްކާތެރި ވަބާއަކީ މަސްތުވާތަކެތީގެ ވަބާއެވެ. މަސްތުވާތަކެއްޗާއި ކޮވިޑާއި އަޅައިކިޔައިފިނަމަ ގެއްލުން ބޮޑީ މަސްތުވާތަކެއްޗެވެ. ނަމަވެސް މަސްތުވާތަކެތީން މުޖުތަމަޢު ސަލާމަތްކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ދިވެހި ރާއްޖޭގައި އެކަށީގެންވާ ގޮތަކަށް ނުކުރެވެއެވެ. ރަނގަޅު ފެންވަރެއްގައި ހޭލުންތެރިކަމުގެ ޕްރޮގުރާމެއް ކުރިޔަކަށް ނުދެއެވެ. ފެންނަނީ ހައްތަހާވެސް ކާފިޔު ނުހިންގިގެން ނުވަތަ ލޮކްޑައުން ނުވެގެން އުޅޭ މަންޒަރެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަކަށް އެކަށީގެންވާވަރުގެ ޢިބްރަތްތެރި އަދަބެއް ނުދެވެއެވެ. ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބުދީގެން އެކަން ހުއްޓުވާފައި ނުވަތަ މަދުކޮށްފައި އެބަހުއްޓެވެ.

4-މުދާ ޙިމާޔަތްކުރެވޭ ވަސީލަތްތައް

މުދާ ޙިމާޔަތްކުރެވޭ ވަސީލަތަކީ މުދާ ހޯދުމަށް މަސައްކަތްކުރުމެވެ. އެ އަސާސަކީ ތަކެތި އުފެއްދުމާއި، ދަޑުވެރިކަމާއި، ވިޔަފާރިއެވެ. ބައެއް ޤައުމުތަކުގައި ލޮކްޑައުންގެ ނަމުގައި ދަނޑިބުރި ހިފައިގެން ނިކުމެ ތަޅާ އަނިޔާކޮށް އަންގަނީ ފިހާރަ ބަންދުކުރާށެވެ. ނުވަތަ ފެކްޓަރީ ބަންދުކުރާށެވެ. ނުވަތަ ދަނޑުވެރިޔާ ގެންނަ ގޮވާންތައް ވިއްކަން މަގުގައި ޖަހާފައި ހުންނަ ކަޑަ ބަންދުކުރާށެވެ. ކޮވިޑްގެ މާހިރުން ބުނާގޮތުގައި ސޯޝަލް ޑިސްޓަންސް ބަހައްޓައިގެން، މާސްކު އަޅައިގެން މުޢާމަލާތްކުރެވިދާނެއެވެ. ނުވިތަނަކަށް ސޭފްޓީ ކިޓެއް ލައިގެން ވެސް ވިޔަފާރި ކުރެވިދާނެއެވެ. އެހެންކަމަށް ވާނަމަ ކޮވިޑްގެ ނަމުގައި ބައެއް ޤައުމުތަކުގައި ވިޔަފާރި އަށް މިއަރުވާ ބުރޫއަކީ ކުރީގައިވެސް ދެންނެވި ގޮތަށް ނުފޫޒުގަދަ ބަޔެއްގެ ރޭވުމަކަށް ނުވެދާނެބާވައޭ ހިތަށް އަރައެވެ. މިހެން މިދަންނަވަނީ ބައެއް ޤައުމުތަކުގައި ކޮވިޑޭ ކިޔައިގެން ފިއްތަމުންދާއިރު އަނެއްބައި ޤައުމުތަކުގައި ހުރިހާ ކަމެއް ބަރާބަރަށް ހިނގަމުން އެބަދެއެވެ. މައިގަނޑު ގޮތެއްގައި މިފަދަ ފިއްތުމުގެ ޝިކާރަކަށް ވެފައިވަނީ އޭޝިޔާއާއި އެފްރިކާގެ ބައެއް ޤައުތަށްކަން ފާހަގަވެއެވެ.

ދިވެހި ރާއްޖޭގައި އެއް އަތޮޅުން އަނެއް އަތޮޅަށް ދިއުމުން 15 ވަރަކަށް ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެއެވެ. އެ އުޞޫލުން ބަލާނަމަ އެއް ގެއިން އަނެއް ގެއަށް ދިއުމުން ނުވަތަ އެއް އޮފީހުން އަނެއް އޮފީހަށް ދިއުމުން ވެސް ކަރަންޓީނު ކުރަން ޖެހެއެވެ.

ދިވެހި ރާއްޖޭއަށް ބޭރުން އަންނަ ފަތުރުވެރީން ކަރަންޓީނުގައި ތިބޭކަށް ނުޖެހެއެވެ. ކޮވިޑާއި ދިވެހީންނާ ހުރީ ކޮން ގުޅުމެއްކަން ނޭނގެއެވެ. ނަމަވެސް ދިވެއްސަކު އަތުވެއްޖެއްޔާ ކަރަންޓީނުގައި ހުންނަން ޖެހެއެވެ.

މާލެ ސަރަހައްދުގައި ހަވީރު 4 ން ފަތިހު ހަތަރަކަށް ކާފިޔު ހިންގައެވެ. މުޅި ދުވާލުގައި އެންމެން އުޅެނީ މަސްހުނިވެގެންނެވެ. ކޮވިޑް ޖެހިއްޖެތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށް ޓަކައި ހަތް ދުވަސް ނުވަތަ 10 ދުވަސް ނުވަތަ 14 ދުވަސް ބޭނުންވެއެވެ. އެހެންކަމަށް ވާނަމަ މުޅި ދުވާލުގައި މަސްހުނިވެގެން އުޅެފައި 4 ން 4 އަށް ކާފިޔު ހިންގައިގެން ޤައުމު ހުއްޓުވުމަކަށް ގެނައުމުގައި ހުރީ ޞިއްޙީ މަޞްލަހަތެއްތޯ ނުވަތަ ސިޔާސީ މަންފާއެއްތޯ ސުވާލު އުފެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ބައްޔެއް ޖެހުނީމަ ނުވަތަ މުޖްތަމައުގެ ބައްޔެއް ފެތުރުނީމަ އެ ބައްޔާއެކު އުޅުމެއްނޫން. އެބަލިން ސަލާމަތްވާނެ ގޮތް ހޯދާ އެބަލިން ސިފާ ހޯދުމަކީ ކޮންމެ އިންސާނަކުވެސް ކުރަންޖެހޭ ކަމެއް. އެބައްޔަކާއެކު އުލެން ދަސްކުރަންވިއެއްނޫން .އެބަލީން ސިފަ ހޯދަންޖެހެނީ. މާތްﷲ ދުނިޔެއަށް ބައްޔެއް ފޮނުއްވާއިރު އެބަލީގެ ބޭހާއެކުގަ މެނުވީ ނުފޮނުއްވަވާ. މިސާލަކަށް މެއްސަށް ބަލަމާތޯ. މެހި ދިޔާއެއްޗަކަށް ވެއްޓިއްޖެނަމަ އެ ދިޔާއެތީގެ ތެރެއަށް ގަންބާލުމަށްފަހު މެހި އެއްލާލުމަށް ރަސޫލާ ހަދީސް ކުރެއްވި. އެއީ މެހީގެ އެއް ފިޔާގަ ބަލިތައް ލައްވާފައިވާއިރު އަނެއް ފިޔާގަ އެބަލިތަކުގެ ބޭސް ލައްވާފައިވާކަމަށް ހަދީސް ކުރައްވާފައިވޭ. ވީމާ އިންސާނާއަށް ވާޖިބީ ބައްޔާއެކު އުޅުމެއް ނޫން ވާޖިބު ވެގެންވަނީ އެބަލިން ސިފާ ހޯދުމަށް މަސައްކަތް ކުރުންމަތީ ދެމިހުރުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.