Support Us

އިސްރާއީލުން ރޭ ޣައްޒާއަށް ދިން ޙަމަލާގެ ފޮޓޯއެއް

ޖެއްސުން ކުރުމުގެ ހިނގައިލުމާއެކު އިސްރާއީލުން ޣައްޒާއަށް ޙަމަލާ ދީފި

ޔަހޫދީ ވަޒަންވެރިން ޤާދީމީ ޤުދުސުގައި ރޭ ބޭއްވި ޖެއްސުންކުރުމުގެ ހިނގައިލުމާއެކު އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ޣައްޒާގެ ޚާން ޔޫނުސް ސަހަރަށް ވައިގެ ޙަމަލާއެއް ދީފިއެވެ. ޙަމާސް ޖަމާޢަތުގެ ރޭޑިއޯއެއް ބުނިގޮތުގައި އިސްރާއީލުން ރޭ ޙަމަލާދީފައިވަނީ ތަމްރީނުދިނުމުގެ ފޭލިގެއަކަށެވެ. މިއީ 11 ދުވަހުގެ ހަނގުރާމައަށް ފަހު އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ފުރަތަމަ ޙަމަލާއެވެ.

ޚަބަރާ ބެހޭ މަޞްދަރުތައް ބުނާގޮތުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޙަމަލާދިނީ ޚާން ޔޫނުސްގެ މަޢިން ސަރަޙައްދަށެވެ. މި ޙަމަލާގެ ސަބަބުން މީހަކަށް ގެއްލުން ލިބުނު ޚަބަރެއް ނުލިބެއެވެ.

މުޒާހަރާތައް އެތަންމިތާނގައި

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ޔަހޫދީ ވަޒަންވެރިން އިރުމަތީ ޤުދުސުގައި ރޭ ބޭއްވި "ދިދައިގެ ހިނގައިލުމާ" ދެކޮޅު ހަދައި ޣައްޒާގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ފަލަސްޠީނު ދިދަ ހިފައިގެން މުޒާހަރާއެއް ބޭއްވިއެވެ. މިއީ ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކުން ގޮވާލައިގެން ބޭއްވި ހިނގައިލުމެކެވެ. ޣައްޒާގެ އިރުމަތީ ސަރަޙައްދު ކައިރީގައި ބޭއްވުނު މުޒާހަރާއާ ދިމާއަށް އިސްރާއީލު ސިފައިން ބަޑި ޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ޒުވާނަކު ޒަޚަމުވިއެވެ.

ޣައްޒާގައި ބޭއްވި މުޒާހަރާތަކުގައި ފަލަސްޠީނުގެ ދިދަ އުފުލައިގެން "ޤުދްސަކީ އަހަރެމެންގެ ބިމެއް" އެކޭ ގޮވައި އިސްރާއީލުގެ ހިނގައިލުން ކުށްވެރި ކުރިއެވެ. ފަލަސްޠީނުގެ މުޤާވަމާ ޖަމާޢާތްތަކުގެ ފަރާތުން ވާހަކަފުޅު ދެއްކެވި މަންދޫބު މަޙްމޫދު ޚަލަފު ވިދާޅުވިއެވެ. "އަހުރެމެން މި ނުކުތީ ޤުދްސަކީ އުންމަތުގެ ދިފާޢީ ފުރަތަމަ ރޮނގުކަން ކަށަވަރުކޮށްދޭށެވެ." އޭނާ ވިދާޅުވިއެވެ. "ޞިހްޔޫނީ އައު ސަރުކާރު ބަލިކޮށްލުމަށާއި ޞިހްޔޫނީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢުތަކާ ކުރިމަތިލައި ޤުދްސު ދިފާޢުކޮށް ވަޠަނީ ކަރާމަތު ރައްކައުތެރިކުރުމަށް ޓަކައި ބޭރަށް ނުކުތުންނޫން އެހެން ޚިޔާރެއް އަހުރެމެންނަށް ލިބިގެން ނުވެއެވެ." އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޤުދުސް ސަހަރާ ކުރިމަތިވެފައިވާ ހިރާސްތަކާ ކުރިމަތިލުމަށް ޓަކައި ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން އިސްތިރާތީޖީ އެތައް ފިޔަވަޅުތަކެއް ވަނީ އަޅަން ޖެހިފައެވެ." އޭނާ ވިދާޅުވިއެވެ. "މި ޙައްސާސް ވަގުތުގައި ބައިބައިވުމާ ދުރުހެލިވާން އެބަ ޖެހެއެވެ. ޤައުމީ އެއްބައެއްވަންތަކަން ޤާއިމު ކުރަން އެބަ ޖެހެއެވެ. ފަލަސްޠީނުގެ ޤަޟިއްޔާއަށް ޓަކައި ސިޔާސީ ޕްރޮގްރާމެއް އެކުލަވައިލަން އެބަ ޖެހެއެވެ."

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ހައްދުފަހަނަޅައިފައިވާ ޔަހޫދީ ޖަމާޢަތްތަކުން ބޭއްވި "ދިދައިގެ ހިނގައިލުން" ރޭ ވަނީ ބާއްވާފައެވެ. މި ހިނގައިލުން ފެށުނީ ހުޅަނގު ޤުދުސްގެ ހަންފީއީމު މަގުންނެވެ. މި ހިނގައިލުމުގައި ފަސް ހާހެއްހާ މީހުން ބައިވެރިވިއެވެ. މި ހިނގައިލުން ނިންމާލައިފާ ވަނީ އިރުމަތީ ޤުދްސުގެ ބާބުލްޢާމޫދަށެވެ. މި ހިނގައިލުން ބާއްވާފައިވަނީ އިސްރާއީލުން 1967ގައި އިރުމަތީ ޤުދްސް ހިފިހިފުން ފާހަގަ ކުރުމަށް ޓަކައެވެ.

މި ހިނގައިލުން ބޭއްވުމަށް ކުރިން ހަމަޖެހިފައި ވަނީ މި ދިޔަ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އިސްރާއީލުގެ ދާޚިލީ އަމްނާ ބެހޭ އިދާރާއިން ވަނީ މި ހިނގައިލުން ކެންސަލްކޮށްފައެވެ. އެހެނަސް ބޮޑުވަޒީރުކަމުން ބޭލުމުގެ ދެ ދުވަސް ކުރިން ނަތަންޔާހޫ ވަނީ މި ހިނގައިލުން ބޭއްވުމުގެ ހުއްދަ ދެއްވައިފައެވެ. އިސްރާއީލުގެ އައު ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު މި ދިޔަ ހޯމަދުވަހު ވަނީ މި ހިނގައިލުން ބޭއްވުމުގެ ހުއްދަ ދީފައެވެ.

ޢަރަބީންނަށް މަރު

ޔަހޫދީން އިސްރާއީލު ފުލުހުންގެ ޙިމާޔަތާއެކު ބޭއްވި ހިނގައިލުމުގެ ބައިވެރިން ބާބުލްޢާމޫދަށް ވަދެ "ޢަރަބިންނަށް މަރޭ" ގޮވާ ޝިޢާރުތައް ފާޅު ކުރިއެވެ.އެމީހުން ބުނިގޮތުގައި "އަދި ހަނގުރާމައެއް ނުހުއްޓެއެވެ."

ޔަހޫދީން ބާބުލްޢާމޫދާ ހަމައަށް ވާޞިލުވުމުގެ ކުރިން އިސްރާއީލު ފުލުހުން އެ ސަރަޙައްދަށް އެއްވެ ތިބި ފަލަސްޠީނުގެ ޒުވާނުންތައް ގަދަކަމުން އެ ހިސާބުން ބޭރަށްލިއެވެ. އެ ހިސާބުގައި އިސްރާއީލު ފުލުހުންނާ ފަލަސްޠީނު މީހުންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގިއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ފަލަސްޠީނުގެ 17 މީހަކު ޒަޚަމުވިއެވެ. އަދި ފަލަސްޠީނުގެ ހަ މީހަކު ހައްޔަރު ކުރިއެވެ.

މި ކަމާ ގުޅިގެން ޙަމާސުގެ ތަރްޖަމާނު ޢަބްދުއްލަޠީފުލް ޤާނޫޢު ބަޔާނެއް ދެއްވިއެވެ. މި ބަޔާނުގައި އޭނާ ވިދާޅުވިއެވެ. "ދިދައިގެ ހިގައިލުމަކީ އައު ހަނގުރާމައެއްގެ ހޮނު ގުގުރިއެކެވެ." އޭނާ އިސްރާއީލުގައި އުޅޭ ފަލަސްޠީނު މީހުންނަށާއި ޤުދްސުގެ ރަށްވެހީންނަށް ތައްޔާރުވުމަށް ގޮވައިލެއްވިއެވެ.

މަތިންދާބޯޓު ދަތުރުތަކުގެ މަގު ބަދަލު ކުރުން

އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތައް ހާމަކުރިގޮތުގައި އިސްރާއީލަށް އަންނަން ހަމަޖެހިފައިވާ މަދަނީ މަތިންދާބޯޓުތައް ދަތުރުކުރާ މަގު ބަދަލު ކުރުމަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ރޭ އަމުރުކުރިއެވެ. މަޢާރީފު ދުވަހު ނޫސް ބުނިގޮތުގައި "ބެން ގޫރިއަން" ވައިގެ ބަދަރަށް އައުމަށް ނުވަތަ ފުރުމަށް ހަމަޖެހިފައިވާ ތާވަލު ދަތުރުތަކުގެ މަގު ބަދަލު ކުރަން ރޭ އެންގުނެވެ. އެއީ ޙަމާސުން ރޮކެޓް ޙަމަލާއެއް ދީފަނެތީ ބިރުންނެވެ.

ބާބުލް ޢާމޫދު ކައިރީގައި ޔަހޫދީ ހިނގައިލުމުގެ ބައިވެރިން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *