...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ލާދީނީ ބިލާމެދު އެއްވެސް މީހަކަށް އަދި ނުވިސްނޭ އެހެން ކަމެއް!

"ދިވެހީން މިއަދު ކުރަންވީ ކަމަކީ ބިރަކާނުލާ މަޖާ ކުރުމެއް ނޫނެވެ. ބިރަކާނުލާ ލާދީނިއްޔަތާ ދެކޮޅަށް ތެދުވާންވީއެވެ. ބިރަކާނުލާ އިސްލާމް ދީނުގެ ދިފާއުގައި ތެދުވާންވީއެވެ. ބިރަކާނުލާ ދިވެހި ޤައުމުގެ ދިފާއުގައި، ޤައުމު އަޅުވެތިކުރަން އުޅޭ އިންޑިއާއާ ދެކޮޅަށް، އަދި އިންޑިއާ އަށް މިކަމުގައި އެހީތެރިވާ ދިވެހި ސިޔާސީ މީހުންނާ ދެކޮޅަށް ތެދުވާންވީއެވެ. މިކަން ކާމިޔާބު ވާނީ ބިރުފަހަނައަޅައި ގޮސްގެންނެވެ. ލާދީނީ ބިލް ހުއްޓުވާށެވެ. މިއީ މަޖުލީހުގެ ހުރިހާ މެބަރުންނަށް، އަދި، ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް، ދިވެހި ރައްޔިތުންގެ ނަމުގައި ކުރާ އިލްތިމާސެކެވެ!"

"ލާދީނީ" ބިލްގެ ނަމުން މަޝްހޫރުވެފައިވާ ބިލާ ދެކޮޅަށް ވަރަށް ގިނަ ދިވެހީން އެކި ގޮތްގޮތުން އަަޑު އުފުލަމުން ދަނިކޮށް ޖޫން 15 ވަނަ ދުވަހު ރައްޔިތުންގެ މަޖުލީހުން ވަނީ އެބިލް ބަލައިގަތުމަށް ފާސްކޮށް، ކޮމިޓީއަށް ފޮނުވައިފައެވެ. ކޮމިޓީން ބަހުސްކުރުމަށް ފަހު އަނބުރާ މަޖުލީހުގެ ތަޅުމަށް ގޮސް ވޯޓަކަށް އަހައި މަޖުލީހުން ފާސްވެއްޖެނަމަ އެ ބިލް ތަސްދީގުކުރުމަށް ފޮނުވޭނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށެވެ. ރައީސް ސޮއިކުރެއްވުމުން ބިލް ތަސްދީގުވެ، ޤާނޫނަކަށް ވީއެވެ. ހީލަތްތެރިކަމާ އެކު ރޭވިގެން ދިވެހި މުސްލިމުންގެ ކަރަށް މަހާލެވޭ މި ނުބައި ބިލް ބަލައިގަތުމަށް އެމް.ޑީ.ޕީގެ އަގުލަބިއްޔަތު އޮތް މަޖުލީހުން ފާސްވުމުން ދޭހަވަނީ މި ބިލް އަނބުރާ މަޖުލީހުގެ ތަޅުމަށް އައުމުން ވެސް އެމް.ޑީ.ޕީގެ މެޖޯރިޓީ ވޯޓާ އެކު ބިލް ފާސްވާނެ ކަމެވެ. އެ ހިސާބުން ދެން އޮންނާނެ ހަމައެކަނި އުއްމީދަކީ ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖުލީހަށް ފޮނުއްވުމެވެ. އެހެން ނުހައްދަވާ ރައީސް ސޯލިހު އެފަދަ ބިލެއް ތަސްދީގު ކުރައްވައިފިނަމަ، މިހާތަނަށް ރައީސް ސޯލިހަށް ތާއީދު ކުރައްވަމުން ގެންދަވާ، ޝެއިޚު ޑރ. އިޔާޒް ފަދަ ބޭފުޅުން ރައީސް ސޯލިހަށް ތާއީދު ކުރެއްވުމުގައި ދެމި ތިއްބަވާނެތޯ އެއީ އުފެދޭ ސުވާލެކެވެ!

ޤާނޫނު ނަމްބަރ 2014/9 (ދިވެހި ރާއްޖޭގެ ޤާނުނުލް ޢުޤޫބާތު) އިސްލާހު ކުރުމަށް، 25 މެއި 2021 ގައި ތުޅާދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރ ޙިސާން ޙުސެއިން ހުށަހަޅައިފައިވާ ބިލްގެ އެންމެ މަތީގައި ޖަހާފައިވާ ސުރުހީ އެނގިވަޑައިގަންނަވާތޯއެވެ؟ އެ ބިލްގެ މަތީގައި ލިއެފައިވާ ސުރުހީ އަކީ: "ރައްޔިތުންގެ މަޖުލީހަށް ސަރުކާރުން ހުށަހަޅާ ބިލް،" މިފަދައިންނެވެ. އާދެ، މިބިލަށް ހިސާންގެ ބިލެކޭ ކިޔާނެ ކަމެއް ނެތެވެ. މިއީ ރައީސް ސޯލިހުގެ ސަރުކާރުން ހުށަހަޅާ ބިލެކެވެ! ލާދީނީ މީހަކީ ރައީސް ނަޝީދޭ، ދީނަށް ލޯބި ކުރައްވާ އޯގާވެރި ބޭފުޅަކީ ރައީސް ސޯލިހޭ ވިދާޅުވާ ބޭފުޅުން މި ނުކްތާއާ މެދު ފުންކޮށް ވިސްނަވާލެއްވުން ވަރަށް މުހިއްމެވެ.

"ލާދީނީ" ބިލާމެދު އަދި މިހާތަނަށް ގިނަ މީހުން ނުވިސްނާ ވަރަށް މުހިއްމު ނުކްތާއެއް އެބައޮތެވެ. އެއީ މި ބިލްގެ 124 ވަނަ މާއްދާގެ (ހ) ގެ ދަށުން (3) ވަނަ ބައިގެ ދަށުން (3) ވަނަ ނުކްތާގައި ވެއެވެ: "މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކާ މެދު ތަފާތު ކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން،" މިއެވެ.

މިގޮތަށް މި މާއްދާ ފާސްވެއްޖެ ނަމަ "އިންޑިއާ އައުޓް" ގޮވުން ވާނީ ކުށަކަށެވެ. އެއީ ވަކި ޤައުމަކަށް ނިސްބަތްކޮށް ތަފާތު ކުރުމަށް ގޮވުމުންނެވެ. ހައްދުފަހަނަ އަޅާފައިވާ ހިންދޫންނަކީ ދިވެހި މުސްލިމުންގެ އަދުއްވުންނޭ ބުންޏަސް ވާނީ ކުށަކަށެވެ. ފަލަސްތީނުގެ ދިފާއުގައި ޔަހޫދީންނާ ދެކޮޅަށް ބުނާ ބަސްވެސް ވާނީ ކުށަކަށެވެ. އަދި އެފަދައިން ކުރާ ޓްވީޓް ނުވަތަ ފޭސްބުކް ޕޯސްޓް ވެސް ވާނީ ކުށަކަށެވެ. އެހިސާބުން ނިމުނީއެއް ނޫނެވެ. އެފަދަ ޓްވީޓް ނުވަތަ ޕޯސްޓަކަށް ލައިކެއް ޖެހުންވެސް ވާނީ އެފަދަ އަމަލަކަށް "ހިތްވަރު ދިނުން" ކަމަށެވެ. އެއީވެސް މިބިލްގެ ދަށުން ކުށެކެވެ. މޯދީ އަކީ ގުޖުރާތުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާއްމު ހިންގި ޤާތިލެއް ކަމަށް ބުނެ ލިއުނަސް، ޓްވީޓް ކުރިއަސް، މިބިލް ފާސްވުމާ އެކު، އެކަން ވެގެންދާނީ ކުށަކަށެވެ. ބިލް ފާސްވެއްޖެ ނަމަ ދިވެހި ޤައުމުގެ ދިފާއުގައި ވިއަސް، އަދި ދީން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވިއަސް، އަދި މުންކަރާތް ނަހީކުރުމުގެ ގޮތުން ވިއަސް، ދިވެހީންނަށް، ކުށްވެރިނުވެ، ބަހެއް ނުބުނެވޭނެ އެވެ.

މި ބިލަކީ އިސްލާމް ދީނާ ދެކޮޅު، ސެކިއުލާރ ފިކުރުގެ ދިވެހީންނާއި، ބޭރުގެ އެފަދަ މީހުން ގުޅިގެން، އިންޑިއާ އިން ހިތްވަރު ދޭނެ ބިލެކެވެ. މިބިލް ފާސްވުމުން މި ދިވެހި ފަސްގަނޑުގައި އިސްލާމް ދީން ދިފާއުކޮށް، މުންކަރާތްތައް ނަހީކޮށް، ދިވެހި ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމުގެ ނިޔަތުގައި ވެސް އެއްޗެކޭ ބުނުމުގެ ފުރުސަތު ބަންދުވެގެން ދާނެއެވެ. ދިވެހީންގެ ދުލާއި ޤަލަމުގައި ކަސްތަޅު އެޅުވިގެން ދާނެއެވެ. މިއީ ވަރަށް ހީލަތްތެރި، ނުބައި، ނުލަފާ ރޭވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ ޖަރީމާއެކެވެ. ޑިމޮކްރެސީގެ ނަމުގައި އިންސާނީ ހައްޤުން ދިވެހީން މަހުރޫމްކޮށް، ދީނުގެ އަދުއްވުންނާއި ޤައުމުގެ އަދުއްވުންނަށް މުޅި ޤައުމު ހިބަކޮށްދިނުމަށް ކޮށާ މަގެކެވެ.

"ބޭން ސެކިއުލަރ ބިލް"ގެ ނަމުގައި ސޯޝަލް މީޑިއާގައި ފަތުރެމުންދާ ހޭޝްޓެގްގެ މަޤްސަދަކީ މި ބިލްގެ ހީލަތްތެރިކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، މިބިލް ހުއްޓުވުމަށް މަޖުލީހަށާއި ސަރުކާރަށާއި ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލުމެވެ. ސުވާލަކީ ރައްޔިތުންގެ އަޑު މަޖުލީހަށް އިވިއްޖެތޯއެވެ؟ މަދު މެބަރުންކޮޅަކަށް އިވިއްޖެއެވެ. ބިލް ބަލައިނުގަތުމަށް އެމް.ޑީ.ޕީ އަށް ނިސްބަތްވާ ހަތަރު މެމްބަރަކު ވޯޓު ދެއްވިއެވެ. ނަމަވެސް، އެމް.ޑީ.ޕީ އަށް ނިސްބަތްވާ ގިނަ މެމްބަރުންގެ ވޯޓާއި، އަދި އެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެބަރުންގެ ވޯޓާވެސް އެކު، މަޖުލީހުން ފާސްކުރީ މިބިލް މަޖުލީހަށް ބަލައިގަތުމަށެވެ. ބިލް ބަލައިނުގަތުމަށް ވޯޓު ދެއްވި ހަތަރު ބޭފުޅުން އެކުރެއްވީ ދީނާއި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް އެ ހިސާބަކުން ނުފުދެއެވެ. މިވަރުގެ ބޮޑު ޖަރީމާއެއް ހިންގައި، މިބިލް ފާސްކޮށް ތަސްދީގުކޮށްފި ނަމަ އެހަތަރު މެބަރުން އެމް.ޑީ.ޕީގައި ދެމިނުތިއްބެވުމަށް އަޅުގަނޑު ގޮވާލަމެވެ.

މިއީ އެއްވެސް ހާލެއްގައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްޓުވުމަށް، ނުވަތަ ނަފްރަތުގެ އަމަލު ހުއްޓުވުމަށް ހުށަހެޅިފައިވާ ބިލެއް ނޫނެވެ. މިއީ އިސްލާމް ދީނަށް ފުރައްސާރަކުރާ "ލާދީނީ" މީހުންގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ އަމަލު ކުރާ މީހުންނާ ދެކޮޅަށް ދިވެހީންނަށް ބަސްބުނުން މަނާކުރުމަށް ހުށަހެޅުނު ބިލެކެވެ. އަދި ދިވެހި ޤައުމުގެ ސިޔާސީ އަދި އިގްތިސޯދީ މިނިވަންކަން ނަގާލުމަށް އިންޑިއާ އިން ކުރަމުންދާ ކަންކަމަށް ފާޑުކިޔަނުދޭން، ދިވެހީންގެ ދުލާއި ޤަލަމުގައި ކަސްތަޅު އެޅުވުމަށް ހުށަހެޅިފައިވާ ބިލެކެވެ. މި ބިލްގެ ތަފްސީލް ރައްޔިތުންގެ މަޖުލީގެ ވެބްސައިޓުން ފެނާން ހުންނާނެއެވެ. މިކަމާ ހުރިހާ ދިވެހި ރައްޔިތުން، މިހާރަށް ވުރެވެސް ބޮޑަށް ދެކޮޅު ހަދަން ޖެހެއެވެ.

މިކަމާ ދެކޮޅަށް، މިބިލާ ދެކޮޅަށް ބަސް ބުނެ، ތެދުވާން ޖެހެއެވެ. މަޑުމަޑުން ތިބެއްޖެ ނަމަ މިބިލް ހެދި މީހުން ދެން ދިމާކުރާނީ މިއަށްވުރެވެސް ބޮޑު ޖަރީމާއެއް ހިންގުމަށެވެ. ދިވެހީން ނިދިން ހޭލާށެވެ. ހައްޤު ބަސް ބުނެ، ހައްޤު ބަސް އިއްވާށެވެ. ދިވެހީން މިއަދު ކުރަންވީ ކަމަކީ ބިރަކާނުލާ މަޖާ ކުރުމެއް ނޫނެވެ. ބިރަކާނުލާ ލާދީނިއްޔަތާ ދެކޮޅަށް ތެދުވާންވީއެވެ. ބިރަކާނުލާ އިސްލާމް ދީނުގެ ދިފާއުގައި ތެދުވާންވީ އެވެ. ބިރަކާނުލާ ދިވެހި ޤައުމުގެ ދިފާއުގައި، ޤައުމު އަޅުވެތި ކުރަން އުޅޭ އިންޑިއާއާ ދެކޮޅަށް، އަދި އިންޑިއާ އަށް މިކަމުގައި އެހީތެރިވާ ދިވެހި ސިޔާސީ މީހުންނާ ދެކޮޅަށް ތެދުވާންވީއެވެ. މިކަން ކާމިޔާބު ވާނީ ބިރުފަހަނައަޅައި ގޮސްގެންނެވެ. ލާދީނީ ބިލް ހުއްޓުވާށެވެ. މިއީ މަޖުލީހުގެ ހުރިހާ މެބަރުންނަށް، އަދި، ސީދާ ރައީސުލް ޖުމްހޫރިއްޔާއަށް، ދިވެހި ރައްޔިތުންގެ ނަމުގައި ކުރާ އިލްތިމާސެކެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
16428

12 Responses

  1. ނަސީދު އަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާ ދިނުމާ ހިސާނުގެ ބިލާ ހަގީގަތުގައި އެއްވެސް ގުޅުމެއް ނެތެވެ. ދައުލަތުގެ 3 ބާރު މުށުތެރެއަށް ލައިގެން ތިބެ، ޓެރަރިސްޓު ހަމަލާ ނުބަލާ ޝަރީއަތް ނުހިންގައި ބަރަވެލި ދުވެލީގައި މި ތިބެނީ ކީއްވެގެންބާވައެވެ؟؟ މިކަމުން އެގެނީ ހިސާނު ބިލަކީ މަކަރުވެރި ބިލެއްކަމެވެ. ދަނޑިވަޅުބަލާފައި ލާދީނިއްޔަތު ކުރިއެރުވުމަށް ހުށަހަޅައިގެން އުޅޭ މަކަރުވެރި ބިލެއް ކަމެވެ. މި ބިލުން އެ އުޅެނީ 2 ކަމެއް ހާސިލް ކުރާށެވެ.
    1. މުންކަރާތްތައް ނަހީ ކުރާކުރުން ފަރުދީ ލެވެލްގައި ދެން ނުކުރެވޭނެ.! މި ސަރުކާރަކުން ނުކުރާނެ. އެހެންވީމާ، ޖިނާއީ ކުށެއްގައި ތާށިނުވެ ޖަލަށް ނުގޮސް މުންކަރާތްތައް ނަހީކުރުން "ހިސާނުގެ ލާދީނީ ބިލް" ގާނޫނަކަށް ވެއްޖެނަމަ އެ މަނާވީ.
    2. ދިވެހިރާއްޖެ އަޅުވެތިކޮށް އިންޑިއާގެ ދަށަށް ގެންދިއުމަށް އިންޑިއާއިން މި ގައުމުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން "ހިސާނުގެ މި ލާދީނީ ބިލް" ގާނޫނަކަށް ވެއްޖެނަމަ އެ މަނާވީ!!!

    މި އާރޓިކަލުން އަޅުގަޑަށް މި އެގުނީ މި ވާހަކަ. ޝުކުރިއްޔާ ލިޔުންތެރިޔާއަށް

  2. ރަނގަޅު މައުލޫމާތާއި ތެދު ޚަބަރު ގެނެސްދިނުމަކީ ނޫސްވެރިކަން އެނގޭ ތެދުވެރިންކުރާ ވަރަށްމުހިއްމު މަސައްކަތެއް، އަދި އެބިލުގެ ވާހަކަތައްވެސް ވަރަށް ހާމަކޮށް އޭގެ ނުރައްކާތެރިކަން ކިޔައިދޭންވީ އަދި އެކަމާ ގުޅުން ހުރި އިދާރާތަކަށް ލިޔެގެންނާއި ބައްދަލުކޮށްވެސް އޭގެ ނުރައްކާތެރިކަން ކިޔައިދީ ހާމަކުރަންވީ. ނަމަވެސް އެއީ ތިމާމެންނަށް ސިޔާސީ މީހެއްގެ ތާއީދާއި ބަދަލު ހޯދާ މާއްދީ ފައިދާގަނޑަކަށް ނުހަދަންވީ. ފިތުނަ ފަސާދަ ނުއުފައްދަންވީ. މީހުންގެ އަގުވައްޓާލާ ހިތަށްއެރިހާ އެއްޗެއް ނުލިޔެ، ތިމާ ބުނާބަހާއި ލިޔާލިޔުމާއި ކުރި ޢަމަލްގެ ފަތްތައް ލިބޭ ދުވަހަށް ބިރުވެތިވާންވީ. ފެތުރި ޚަބަރަށް ކޮމެންޓުކުރި މީހުން އުފެއްދި ފިތުނައާއި ހިތަށް އެރިހާ އެެއްޗެއް ކިޔުމުން މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ތިމާ ދައްކަންޖެހޭ ދުވަހު ލިބުނު ފައިސާއާއި މަޤާމުން އަގު އަދާއެއް ނުކުރެވޭނެ. އެދުވަހު ބަދަލުދޭންޖެހޭނީ ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލަކުން. އެ ހުސްވެއްޖެނަމަ އެހެން މީހުންގެ ފާފަތަކާއެކު ތިމާ ވަންނަންޖެހޭ ތަނުގެ ބިރުވެރިކަމާމެދު ވިސްނާލާ. މިއަދު ހިތަށް އެރިވަރަކަށް ނޫސް އުފައްދާ ހިތުހުރި އެއްޗެއް ފެތުރުމުގެ މިނިވަންކަމާއި ފުރުސަތު ލިބިފައިވާކަން އެނގުމުން ނާޖާއިޒު ގޮތުގަ ބޭނުންނުކުރައްވާ! މިފަސް އަހަރަށްފަހު ދެން އަނެއްކާވެސް ދެ ނޫހާއި ދެމީޑިޔާ ހިންގަން ފެށޭ ދުވަހުން ތިކަމެއް ތިގޮތަކަށް ނުކުރެވޭނެކަންވެސް ހަނދުމަފުޅު ބަހައްޓަވާ. މީގެ ކުރިން 3 ނޫސް ހިނގަމުންދަނިކޮށް އޭގެތެރެއިން އެއް ނޫސް އުވާލިގޮތް ހަނދާންކުރައްވާާާ! އެނޫހަކީ އަޅުގަނޑާއި ތިބޭފުޅުންގެ ޙަޔާތުގައި އެންމެ ގިނަ ދުވަހު ނެރުނު މަޤުބޫލް ނޫހެއް. ނޫސް ނެރުނު އިދާރާވެސް އަތުލީ. މީ މާ ދުރުގެ ހަނދާންތަކެއް ނޫން. ނަމަވެސް މިހާރު 100 ވަރަކަށް ނޫސް އެބަނެރޭ. ހާމަ، އަދިވެސް، މަވެސް، ފިނިފެންމާ، ރަނިކަމަނާ، އުދާސް، ވަގުތު، ހަމަ، އަދަދު، ދިޔަރެސް، މިޔަރެން، އަވަސް، ފާގަތި މިހެން ކިޔާނެ ކަމެއްނެތް. ކިޔާނެ ނަމެއް ނެތިގެން ދޮކު ކިޔާފަވެސް ނެރެދާނެ. ރަނގަޅަށް މިނޫސްތަކުގެ ސުރުޚީތަކާއި ލިޔުންތަކަށް އަދި ސިޔާސީ ވާހަކަތަކަށް ބަލާލުމުން މިއީ ކޮންބައެއް އަޑީގަ ތިބެގެން ކުރާ ކޮން ކަމެއްކަން ވަރަށް ސާފުކޮށް އެނގޭހާ ތިލަކޮށް ފެންނަނީ. މިއީ ތިގޮތަކަށް ކުރަންވީ ކަމެއްނޫން. މިއީ ތިބޭފުޅުންނާއި އަޅުގަނޑުގެވެސް ޤައުމު. ވަގުތީ ފައިދާއެއް ހޯދުަށް ޖައްސާ ކުލައަކުން ފައިދާއެއް ނެތް. މިއަދު ހާމަވަމުން މިދަނީ މިހާރު އިޙްތިރާމްކުރާ ވެރިއެއް ޓީޗަރެއް، މައެއް، ބަފައެއް، މުސްކުޅިއެއް، ކުޑަކުއްޖަކު، ނެތް ހިސާބަށް މިޤައުމު މިއޮތީ ވެއްޓިފަ. ޖެހުނުތަނަކުން ކާލައިގެން އުޅެންވީ. މި ކަންކަން، ޙައްޤުތައް، ތިބޭފުޅުންވެސް އަޅުގަނޑުމެންގެ މިޤައުމު ސަލާމަތްކުރުމަށް އިޚްލާޞްތެރި ހިތަކާއެކު ނިކުންނަންވީ. އޭރުން އަޅުގަނޑުމެން ބޭނުންވާ ވެރިންނާއި އަމާނާތްތެރި މީހުން މިޤައުމުން ފެންނާނީ. އަޅުގަނޑުގެ ދުޢާއަކީ މިބޮޑު މުޞީބާތުގެ ވަގުތުގެ ބޭނުން ﷲ ރުހިވޮޑިގެންވާ ގޮތުގައި ހިފުން. ކެތްތެރިންގެ ތެރޭގައި ލެއްވުން. ޤިޔާމަތްދުވަހު ފަލާޙާއި ކާމިޔާބު ލިބޭ މީހުންގެ ތެރޭގައި ލެއްވުން. އަބަދުގެ އަބަދަށް ﷲގެ ދީނުގައި މިނިވަންކަން މަތީގައި ތިބުމުގެ ނަޞީބު މިންވަރުކޮށްދެއްވުން.

    1. ލިޔުމަށް ރައްދު ދޭން ބޭނުން ނަމަ، ރައްދު ދޭން ބޭނުންވާ ނުކުތާ ފާހަގަކޮށްފަ އެ ނުކުތާއަކަށް ރައްދު ދިނީމަ ނިމުނީ. ދޮގު ވާހަކައެއް އޮތް ނަމަ ދޮގު ވާހަކައަކީ ކޮބައިކަން ފާހަގަކޮށްދިނީމަ ނިމުނީ. ފިތުނަ އުފައްދަނީއޭ މީހުންނާ މީހުން ޖައްސަނީއޭ ބުނުމަކުން ލިޔެވިފައި އޮތް އެއްޗަކަށް ރައްދުދެވުނީ ކަމަކަށް ނުވާނެ.

      ހަވީރު ނޫސް އުވާލަން ޖެހުނީ ތި ބަދުނާމު ކުރަން އުޅޭ ފަރާތުގެ ސަބަބަކުން ނޫން. ހަވީރު އުފެދުނު އިރު ހަވީރުގެ މަސްއޫލުވެރިންނަށް ތިބި ހަތަރު މީހުންނާ ފަހުން ހަވީރުގެ ވެރިޔަކަށް ހުރި މީހާކާ ޖެހުނު މައްސަލައެއްގެ ސަބަބުން. މި މައްސަލަ ރައީސް މައުމޫނު ދައުރުގައި ވެސް ނަގަން ވާހަކަ ދެއްކުނު. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަ ރަނގަޅަށް ބަލައިފި ނަމަ، ހަވީރުގެ އަސްލު ހަތަރު މަސްއޫލުވެރިންނަށް ހައްގުތަކެއް ލިބެން ޖެހޭކަން. ކޮންމެ އަކަސް މިތާ މިއުޅެނީ މިކަމުގައި ރަނގަޅުވަނީ ކާކުތޯ ބަލާކަށް ނޫން. ހަވީރު ބަންދުވާން ދިމާވީ މި ކޯޅުމާ ވިދިގެންކަން.

  3. ތިޔައީ ބަރާބަރު ތެދު ހަގީގީ ރިޕޯޓެއް. ފޫކޮޅުގާ ރޯވީމަ ބޮލުގަ ދެ އަތް އަޅައިފާ ރޮ އިގަންނަން ނުތިބެ އެމީހަކަށް ކުރެވުނު މަސައްކަތެއް ކޮށްގެން މިބަލާވެރިކަން ހުއްޓުވަން ނުކުންނަންވީ

  4. ބިލު ފާސް ނުކުރުމަށް ހުރިހާ ބޭފުޅުން ތެދުވާންވީ ވަގުތު ޖެހުނީމި. ހިނގާ ހުރިހާ ރައްޔިތުން މަޖިލީހަށް ދާން .މިނޫން ގޮތެއް .ނެތް

  5. އިދިކޮޅު ޕާޓި މަގުތަކަށް ނުނިކުމެ ނިދާފަ އޮތުމަކީ ނުރައްކާތެރި ކަމެއް. ކަމެއްކޮށް ނިމެންދެން ނުތިބެ މިނިވަންކަމާއި ދީން ނަގަހައްޓަން ސަރުކާރު މައިތިރި ކުރުމުގެ މަސައްކަތް ކުރަންޖެހޭ. މަސައްކަތް ނުކޮށް ތިއްބާ ބިލް ފާސްކޮށްފިނަަމަ، މިއީ އިދިކޮޅުޕާޓީން ޒިންމާ އަދާނުކުރުމުގެ ސަބަބުން ލިބުނު ފުރުސަތެއް ކަމަށް އަޅުގަނޑު ދެކެނީ.

    1. މިއީ އިދިކޮޅު ޕާޓީއާ ގުޅޭ ކަމެއް ނޫން. މި ހުރިހާ ކަމެއްގެ ޒިންމާ އެޅޭނީ، ގައުމު ދުށް އެންމެ ބޮޑެތި ޚާއިނުންގެ ތެރޭގައި ހިމެނޭ ގާސިމާއި އިމްރާނާއި މައުމޫނަށް. އެ ތިން މީހުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދައިދިނުމަށް ޓަކައި ޕީޕީއެމްގެ ތާއިދު ބޮޑުހެން ހީވި ކޮންމެ ދާއިރާއަކަށް ފައިސާ ދީގެން އެ ފަރާތުން މީހަކު ހައްލައިގެން ކެންޑިޑޭޓަކަށް ނެރުނީ. ފޮނަދޫން ޢަބްދުއްރަޙީމް ހޮވިދާނެތީ، ޕީޕީއެމް ސަޕޯޓަރުންގެ ތެރެއިން ވޯޓު ބައިބައިކޮށްލުމަށް ޓަކައި އޭ.ކޭ. އާއި ޒައީމާ ނެރުނީ ގާސިމާއި މައުމޫނު. މި ވަރުން ވެސް ގިނަ ވޯޓު ލިބުނީ އަދުރޭ. އީސީ ޝަރީފުގެ އެހީތެރެިކަމާއެކު، އަދުރޭ ކަޓުވައިލީ. ވޯޓު ގުނައިދޭން އެދިއެދި ވެސް އެކަން ނުކުރީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެނގޭ. އެހެނިހެން ދާއިރާތަކުގެ ވޯޓު، ނަތީޖާއާއެކު ޝްރެޑްކޮށްލި މުވައްޒަފުންގެ ފަރާތުން ސާބިތު ޚަބަރު އޮތީ ލިބިފައި. ވީމާ، ހުރިހާ ނުބައިކަމެއް ކޮށްފައި އޭގެ ބަދުނާމު އުފުލާންޖެހޭ މީހުން އެއް ފަރާތްކޮށް، އެކަމުގައި ޕީޕީއެމް އާއި ޕީއެންސީ ކުށްވެރި ކުރާނެ ތަނެއް ނެތް. މައިމޫނާ މެދުވެރިކޮށް އެންމެން ގޭގައި މިތިބީ. ނުކުމެއްޖިއްޔާ ކޮންމެ މީހަކު އަތުން އެއްހާސް، ޕާޓީ އެއް މިލިޔަނުން ޖޫރިމާނާ. އަބަދު އަބަދު މި ފައިސާ ދައްކާން ހޯދަނީ ކޮން ތާކުން؟ ހަމައާއި އިންސާފުން ވިސްނަބަލަ. މި ރާއްޖެއަށް މި ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތުގެ ފުރިހަމަ ޒިންމާ އުފުއްލާންޖެހޭ ވަރަށް ގިނަ ބަޔެއްގެ ތެރޭގައި މައުމޫނާއި، ގާސިމާއި، އިމްރާނާއި، އަލީ ޒައިދާއި، އިޔާޒް އަބްދުއްލަތީފާއި، އިލްޔާސް ޙުސައިން ހިމެނޭނެ. މިއީ ނުވަވަނަ ހަސަން ރަސްގެފާނަށް ވުރެ ވެސް، އަދި ތާޖުއްދީނުގެ ދެ ދަރީންނަށް ވުރެވެސް ޚިޔާނާތްތެރިކަން ބޮޑެތި ޣައްދާރުން. މި ނުބައި ފާސިދުންގެ ނަންތައް ދިވެހި ތާރީޚުގައި ނަޖިސް އަކުރުތަކުން ލިޔެވޭނެއެވެ.

  6. ތިޔަ ބިލު މަޖިލީހުން ފާސްކުރާ ގޮތަކަށް އިބޫ ތަސްދީގުކުރާނެކަމާ މެދަކު ޝައްކެއް ނެތެވެ. ތިޔަ ބިލު ވެސް ސަރުކާރުން ބޭނުންވާ ގޮތަށް އަވަސްކޮށްލައިގެން މިހާރު އެ ވަނީ ކޮމެޓީއަށް ފޮނުވައިފައެވެ. އެތައް ބައިވަރު ކައުންސިލްތަކަކުން އެކަމާ ދެކޮޅަށް އަޑު އުފުލައުފުލައި އޮއްވައެވެ.ކޮމެޓީން ފާސްކުރާ ގޮތަކަށް މަޖިލީހުން ފާސްކުރާނެއެވެ. މަޖިލީހުން ފާސްކޮށްލީމާ އިބޫ ސޮއިކުރާނެއެވެ. ސަރުކާރުން ފޮނުވި ބިލަކަށް މަޖިލީހުން ދެކޮޅު ހަދާފައި ދުވަހަކު ވެސް އެބަ އޮތް ހެއްޔެވެ؟ މަޖިލީހުން ފާސްކުރި ބިލެއް ވިސްނައިލާން ނަމަވެސް އަނބުރައި އިބޫ ސޮއިނުކޮށް ފޮނުވައިފައި އެބަ އޮތް ހެއްޔެވެ؟ ނޯންނާނެއެވެ. މިއީ އެމްޑީޕީގެ ފަލްސަފާއާއި ސިޔާސަތު ތަންފީޒުކުރުމުގައި އެއްވެސް ޚިޔާލުތަފާތުވުމެއް ނެތްކަމުގެ ސާފު ދަލީލެކެވެ. ރައްޔިތުން ތަންކޮޅެއް ހޭވެރިވާން ވެއްޖެއެވެ.އަންނިއާއި އިބޫއާ ދެމެދު އެއްވެސް ޚިޔާލުތަފާތުވުމެއް ނެތެވެ. އެމްޑިޕީގެ އެތެރޭގައި އެ ފަދަ ޚިޔާލު ތަފާވުމެއް އޮތްކަން ދައްކާން މަސައްކަތްކުރަނީ އެއީ ލާދިއްޔަތާ ދިމާއަށް ރާއްޖެ ގެންދާ ގެންދިޔުމުން ޢާންމުންނާއި ޕާޓީގެ ޢާންމު މެންބަރުންގެ ނަޒަރު އެއްފަރާތްކުރުމަށް ޓަކައި އިބޫއާ އަންނި ކުޅޭ ޑްރާމާއެކެވެ. އެ މީހުންނަށް ލަފާދެނީ އިސްރާއިލާއި ކެނެޑާއާއި އިންޑިއާ ފަދަ މުސްލިމުންގެ ދުޝްމަން ގައުމުތަކުންނެވެ. މިހާރު ދިވެހީންނަށް ވާއެއް ނުވާއެއް ނޭނގި ތިއްބައި އިސްރާލާ ގުޅުން ބަދަހިކޮށް ވައިގެ ދަތުރުތައް ވެސް ސީދާ ފަށައިގެން ކުރިއަށް އެދަނީއެވެ. ދިވެހިން މި ތިބެނީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން އެބަ އޮތޭ ކިޔާލަކިޔާލައެވެ. ރައްޔިތުން ތަންކޮޅެއް ހޭވެރިވާން ވެއްޖެއެވެ. ޑރ. އިޔާޒެއް، އަލީ ޒައިދެއް، އިލްޔާސް ޙުސައިނެއް، ކޮޅުފުށީ ޢިމްރާނެއް، މައުމޫން ޢަބްދުލްގައްޔޫމެއް، ގާސިމް އިބްރާހިމެއް، މި ސަރުކާރާ ދެކޮޅަށް ބަހެއް ނުބުނާނެއެވެ. އެ މީހުންގެ ޖީބަށް އެތިކޮޅެއް ވަންނަންޏާ އެ ނިމުނީއެވެ. މި ބިލު އިބޫ ތަޞްދީގު ކުރިޔަސް މި ދެންނެވި މުނާފިޤު، ޚާއިނު ޣައްދާރުން ސަރުކާރަށް އިބޫއަށް ސަނާ ކިޔައިލަކިޔައިލައި ތިބޭނެއެވެ. ތިބީ ނަގޫ ފިތިފައެވެ. ބްލެކްމެއިލްވެފައެވެ.

  7. މި ކަމާ ދެކޮޅަށް މާލޭ ސިޓީ ކައުންސިލުން ފާޅުގައި ތެދުވާން އެބަޖެހޭ. މި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔްތަކުރުން ފުރަތަމަ މުހިންމު ތަރައްގީއަކީ. މާލޭ ސިޓީ ކައުންސިލު ވެސް އަނެއްކާ ހައްލައިލީބާ؟

  8. ބުޝްރީއެވެ! ތިޔަ ތަންކޮޅު ވެސް އަޅުގަނޑުމެން ނިކަމެތީންނަށް ވިސްނެއެވެ. ނުވިސްނެނީ އަމިއްލަ އެދުމުން ފޯވެފައިވާ މައުމޫނާއި ގާސިމާއި އިމްރާނަށެވެ. އެމްޑީޕީ ތެރޭގައި މައްސަލަ އޮތް ކަމަށް ޢާންމުންނާއި ޕާޓީގެ ޢާންމު މެންބަރުންނަށް ދައްކާން އިބޫއާއި އަންނި އެ ކަންކުރަނީ އެ މީހުން ވަރަށް ބާރަށް ކުރިއަށް ގެންދާ ދެ މަޝްރޫޢެއް 2022 ގެ ކުރިން ނިންމައިލުމަށްޓަކައި. މި ދަނޑިވަޅު އެ ގޮތަށް ދައްކަނީ މިހާރު ހުށަހަޅައިގެން އުޅޭ ސެކިޔުލާރ ބިލް އަވަހަށް ފާސްކޮށްލައި ގާނޫނަކަށް ހެދުން. އެ ބިލުން ސަރުކާރުން ހާސިލުކުރާން ބޭނުންވަނީ އަންނަނިވި ދެ މަގުސަދު.
    1. މުންކަރާތްތައް ނަހީ ކުރާކުރުން ފަރުދީ ލެވެލްގައި މަނާކުރުން! މި ސަރުކާރަކުން މުންކަރާތް ނަހީކުރުމުގެ ބަދަލުގައި މުންކަރާތަށް ވާގިވެރިވާނީ. އެހެންވީމާ، ޖިނާއީ ކުށެއްގައި ތާށިނުވެ ޖަލަށް ނުގޮސް މުންކަރާތްތައް ނަހީކުރުން "ލާދީނީ ބިލު" ފާސްވުމާއެކު ގާނޫނީ ގޮތުން މުޅީން މަނާވާނެ.
    2. އިނޑިއާއިން ރިޝްވަތު ނަގައިގެން ދިވެހިރާއްޖެ އަޅުވެތިކޮށް އިންޑިއާގެ ދަށަށް ގެންދިއުމަށް އިންޑިއާއިން މި ގައުމުގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް ދިވެހިންނަށް ބަސްބުނުން މި ބިލު ފާސްވުމާއެކު އަބަދުގެ އަބަދަށް މަނާވީ. މިއީ އަންނިއާއި އިބޫ ކުރާ މަސައްކަތަކީ. ރައްޔިތުންނަށް ފޫކޮޅުގައި ދަތް ނާޅަނީސް ނުވިސްނެނީ ކީއްވެބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *