Support Us

ޔޫރޯ2020: ޗެމްޕިއަނުންނަށް އަރުތަވެރި ރެޔެއް

ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގެ އެންމެ ވަރުގަދަ އެއް ގްރޫޕުގެ ގޮތުގައި ފާހަގަވެފައިވާ ގްރޫޕު "އެފް"ގައި މިހާތަނަށް މުޅިން ވެސް ކާމިޔާބު ހޯދަމުން އަންނަނީ އެންމެ ފަހުގެ ޗެމްޕިޔަނުންކަން ފާހަގަކުރެވިއްޖެއެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗްގައި ހަންގޭރީއާ ވާދަކޮށް 3-0ގެ ނަތީޖާއަކުން ޕޯޗުގަލް މެޗް ކާމިޔާބުކޮށްފައިވާއިރު ފޯރިގަދަ ދެވަނަ މެޗްގައި ޖަރުމަނާ ބައްދަލުކޮށް 0-1ގެ ނަތީޖާއަކުން ފަރަންސޭސީން ކާމިޔާބު ހޯދައިފިއެވެ. ޕޯޗްގަލަކީ ޔޫރޯކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ހަމަ މިފަދައިން ފަރަންސޭސީންނަކީ ވޯލްޑްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ކުރީން ވެސް ލަފާކުރެވިފައިވާ ގޮތަށް ފަރަންސޭސީންނާއި ޖަރުމަނުން ބައްދަލުކުރި މެޗު ފެށުމާއެކުހެން ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި މޮޅު ކުޅުމެކެވެ. ފުރަތަމަ 45 މިނިޓްގެ ކުރީކޮޅު ފަރަންސޭސި ޓީމުން އެންމެ ނުރައްކާކުރީ ކީލިއަމް އެމްބާޕޭ އެވެ. އޭނާ ވަރަށް ބާރަށް ފޮނުވައިލި ބޯޅައެއް ޖަރުމަނު ކީޕަރު ނޯޔާ ދިފާއުކުރީއެވެ.

ފަރަންސޭސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފާހަގަކުރެވުނީ މެޗްގެ 20 ވަނަ މިނެޓުގައެވެ. ނަމަވެސް އެއީ ފަރަންސޭސީން ޖެހި ލަނޑެއް ނޫނެވެ. އެއީ ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އޭނާއަށް މި ގޯސް ހެދުނީ ހެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ދިފާޢުކޮށް ގޯލި ކުރިމަތި ސާފުކުރާން އުޅުމުގެ ތެރޭގައެވެ.
މި ލަދުވެތި ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި ޖަރުމަނުގެ ކުޅުންތެރިން ވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މި މަސައްކަތުގެ ތެރެއިން ޖަރުމަންގެ ތޯމަސް މުލާ އާއި ޓޯނީ ކްރޫސްއަށް ރަނގަޅު ފުރުޞަތެއް ލިބުނުވެސްމެއެވެ. ނަމަވެސް ލިބުނު މި ފުރުސަތު ވެސް ލަނޑެއް ނުޖެހި ބޭކާރުވެގެން ދިޔައީއެވެ.

ފަރަންސޭސީންނަށް ނަސީބަކުން ލިބުނު، އެއް ލަނޑުގެ ނަތީޖާއަށްފަހު ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމަށް ލިބުނެވެ. މި ފަދަ އެއް ފުރުޞަތަކީ ފުރަތަމަ 45 މިނިޓް ނިމެމުން ދަނިކޮށް އެ ޓީމުގެ ކަރީމް ބެންޒެމާއަށް ލިބުނު ފަހި ފުރުޞަތެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުން ކައްސައިލީއެވެ.

މެދަށް ހުއްޓުމަށް ފަހު، މެޗްގެ 46 ވަނަ މިނިޓުން ފެށިގެން ވެސް ފަރަންސޭސީން ގެންދިޔައީ ޖަރުމަނުގެ ގޯއްޔަށް ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެމްބާޕޭގެ ދިން ބޯޅައަކުން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭރު ގްރިޒްމަން ހުރީ ބޯޅައަށް ތައްޔާރުވެގެން އޭރިއާ ތެރޭގައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޖަރުމަނުގެ ގޯލިތެރެއަށް ފަރަންސޭސީ ޓީމުގެ އެމްބާޕޭ ބޯޅައެއް ފޮނުވައިލިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑަކަށެވެ. އެހެނީ ލަނޑު ޖަހަން ބޯޅަ ލިބުނުއިރު އެމްބާޕޭ ހުރިކަމަށް ވަނީ އޮފްސައިޑު މަގާމެއްގައެވެ.

ހަމަ މި ފަދައިން މެޗްގެ 85 ވަނަ މިނެޓުގައި ބެންޒެމާ ވެސް ޖަރުމަނުގެ ގޯލުގެ ތެރެއަށް ބޯޅައެއް ފޮނުވައިލިއެވެ. ކައުންޓާ އެޓޭކެއްގައި އެމްބާޕޭ ތަނަވަސްކުރި ބޯޅައަކުން ބެންޒެމާ މި ލަނޑު ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެމްބާޕޭ އެ ބޯޅަ ބެންޒެމާއަށް ދިނުމުގެ ކުރިން އޭނާ އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ. ރޭގެ މެޗަކީ ކުރީން ވެސް އުންމީދު ކުރި ފަދައިން ފޯރިގަދަ މެޗެކެވެ.

ޔޫރޯ2023ގެ ގްރޫޕް އިސްޓޭޖްގައި މިރޭ ކުޅޭން ތިން މެޗެއް ތާވަލުކުރެވިފައިވެއެވެ. ފުރަތަމަ އޮތީ، ގްރޫޕް ބީގައި ހިމެނޭ ފިންލެންޑާއި ރަޝިއާ ބައްދަލުކުރާ މެޗެވެ. އެއީ މާލޭ ގަޑިން ހަވީރު 6:00ގައެވެ. އަދި 9:00ގައި ބައްދަލުކުރާނީ ތުރުކީ ވިލާތާއި ވޭލްސެވެ. މެންދަމު 12:00 ގައި ކުޅޭން ހަމަޖެހިފައިވަނީ އިޓަލީއާއި ސްވިޒަރލޭންޑެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *