Support Us

ސިކުނޑި ނެތް ހިމާރެއްގެ ވާހަކައާއި އެއާ ގުޅޭ އެހެން ވާހަކައެއް

ތަންކޮޅެއް ކުރީ ޒަމާނެއްގައި ކުޑަ އަވަށެއްގައި ދޮންނަ މަސައްކަތް ކުރި މީހަކު އުޅުނެވެ. އޭނާގެ މަސައްކަތަކީ އަވަށު ބޮޑުންގެ އެއްޗެހި ދޮވެ އިސްތިރި ކުރުމެވެ. ކޮންމެ ދުވަހަކު ދާ ސާމާނު، ބޮޑު ފޮށިގަނޑަކަށް އަޅައި، އޭނާގެ ހިމާރުގެ ބުރިކަށިމައްޗަށް އެ އަރުވައިގެން ކޯރު ދޮށަށް ގޮސް އެ ސާމާނު ދޮވެއެވެ. އޭނާގެ ދޮވުމުގެ މަސައްކަތް ނިމުމުން، އޭނާގެ ފޮށިގަނޑު ވެސް ދޮވެ ސާފުކުރުމަށް ފަހު، ދޮވުނު އެއްޗެހި އަނެއްކާވެސް ފޮށިގަނޑަށް އަޅައި، ހިމާރުގެ ބުރިކަށިމައްޗަށް އަރުވައިގެން އަނބުރާ ގެއަށް ދެއެވެ. މާ ދުރުނޫން މާޒީގައި މާލޭގައި ވެސް މިފަދަ ދޮންނައިން އުޅުނެވެ. މީހުންގެ ދާ ސާމާނު ގޭގައި ނޫނީ މޫދަށް ގޮސް، ދޮވެހަދައި، ހިއްކައި އިސްތިރިކޮށް އެ މަސައްކަތުން އާމްދަނީ ހޯދައިގެން އުޅުނު މީހުންނެވެ.

ކޮންމެ އަކަސް މިއަދުގެ ވާހަކައިގެ ބަތަލަކީ ދޮންނައެއް ނޫނެވެ. ނަމަވެސް ދޮންނަ ގެންގުޅުނު ހިމާރެވެ. ކޮންމެ ދުވަހަކު ދާ ސާމާނު އޭގެ ބުރިކަށިމައްޗަށް އަރުވައިގެން ކޯރުގެ އައްސޭރިއަށް ގޮސް، އަދި، ފަހުން އެ ސާމާނު ހިފައިންގެ އެނބުރި އައުން ދޮންނަގެ ހިމާރަށް ބޮޑު ކަމަކަށް ވެއްޖެއެވެ. ދެން، ހިމާރު ގަސްދުކުރީ އެ އަވަށް ދޫކޮށްލާފައި ޖެހިގެން އޮތް ޖަންގައްޔަކަށް ގޮސް ފިލާށެވެ.

ކޮންމެއަކަސް ދޮންނަގެ ހިމާރު އޭނާ ކަންތައް ކުރަން ނިންމި ގޮތަށް ކަންތައް ކުރިއެވެ. އޭނާގެ އަވަށް ދޫކޮށް، އެ އަވަށާ ޖެހިގެން އޮތް ޖަންގައްޔަށް ދިޔައެވެ. އެ ޖަންގަލިން އޭނާއާ ހިޔަޅަކާ ބައްދަލުވިއެވެ. މި ހިޔަޅަކީ އެ ޖަންގަލީގެ ރަސްގެފާނުގެ ވަރަށް އަރިސް މީހެކެވެ. ޖަންގަލީގެ ރަސްގެފާނު މުސްކުޅިފުޅުވެ، ގައިގައި ވަރުނެތުމުން، މިހާރު ޝިކާރައެއް ނުކުރެއްވެއެވެ. އެހެންވެ، ޝިކާރައިގެ ޖަނަވާރެއް ރަސްގެފާނުގެ ފަރިއްކޮޅަށްޓަކައި ގެނެސްދިނުން އޮންނަނީ ހިޔަޅާ ހަވާލުކުރެވިފައެވެ. ދޮންނަގެ ހިމާރާއި ހިޔަޅާ ބައްދަލުވީ ރަސްގެފާނުގެ މެންދުރު ފަރިއްކޮޅަށް ޖަނަވާރެއް ހޯދުމުގެ ބޭނުމުގައި ހިޔަޅުކަލޭގެ ޖަންގަލީ ތެރޭގައި އެނބުރެނިކޮށެވެ.

ހިޔަޅުކަލޭގެ ހިމާރުގެ މޫނުމައްޗަށް ބަލައިލުމުން، ހިމާރުގެ މޮޔަކަމާއި ވަރުބަލިވެ ބަނޑުހައިވެފައިވާކަން ވެސް ފާހަގަކުރެވުނެވެ. ދެން، ހިމާރު ގާތަށް ޖެހިލައިފައި، ހިޔަޅުކަލޭގެ ބުންޏެވެ. "އޭ އަހުރެންގެ އަޚު ހިމާރެވެ! ކަލެއަކީ މި ޖަންގައްޔަށް ހާދަ އާ މޫނެއް ހެން ހީވެއެވެ! ކަލޭގެ ޚަބަރަކީ ކޮބާ ހެއްޔެވެ؟ މި ޖަންގައްޔަށް ކަލޭ ތި ޒިޔާރަތް ކޮށްލީ ކޮން ބޭނުމެއްގައި ހެއްޔެވެ؟"

ދެން ދޮންނަގެ ހިމާރު ހިޔަޅުކަލޭގެ ގާތު ބުންނެވެ. "އަހަރެން މަސައްކަތް ކުރަމުން އައި ޖެހިގެން މިއޮތް އަވަށުގައެވެ. އަހަރެން ސާހިބު ދޮންނަކަލޭގެ އަހަރެން ލައްވާ ދުވާލު ހަތަރު ދަމު މަސައްކަތްކުރުވާފައި އަހަންނަށް ރަނގަޅަށް ކާކަށް ނުދެއެވެ. އަހަރެން އަބަދު އޮންނަނީ ބަނޑުހައިވެފައެވެ. އެހެންވެ އަހަރެން ގަސްދުކުރީ ފިލައިގެން މި ޖަންގައްޔަށް އައިސް އާ ދިރިއުޅުމެއް ފަށާށެވެ."

ހިޔަޅުކަލޭގެ ދަނޑިވަޅުގެ ބޭނުންކުރަމުން ބުންޏެވެ. "މަރުހަބާއެވެ! ތިޔައީ ވަރަށް ވެސް ބުއްދިވެރި ނިންމުމެކެވެ. މި ޖަންގައްޔަކީ ބާއްޖަވެރި ޖަންގައްޔެކެވެ. ހުރިހާ ޖަނަވާރަކަށް ވެސް އެ ޖަނަވާރަކަށް ބޭނުންވާ ވަރަށް ކެއުމާއި ބުއިން ލިބެން އޮންނަ ޖަންގައްޔެކެވެ. އަހަންނަކީ މި ޖަންގަލީގެ މަމްލަކާގެ ރަސްގެފާނުގެ އިސް ވަޒީރެވެ. އަހަރެން މިއަދު ނިކުމެ މިއުޅެނީ ޖަންގަލީގެ މާތް ރަސްގެފާނުގެ ހަށިފާރަވެރިޔަކު ހޯދުމުގެ ބޭނުމުގައެވެ. ކަލޭ ބޭނުން ނަމަ، އެ ވަޒީފާ ކަލެއަށް ލިބޭ ގޮތް އަހަރެން ހަމަޖައްސައިދީފާނަމެވެ. އޭރުން ކަލެއަށް ރަސްގެފާނުގެ ގަނޑުވަރުގައި އުޅެވޭނެއެވެ. އަދި ރަސްގެފާނުގެ ބަދިގެކޮޅުން ހިތްފުރެންދެން ކައިގެން ބޮއިގެން އުޅެވޭނެއެވެ. މިކަމާ ދޭތެރޭ ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟"

ހިމާރަށް އިވުނީ ހިޔަޅުކަލޭގެ ދެއްކި އޮމާން ވާހަކައިގެ އަޑެވެ. އޭނާގެ ހުށަހެޅުމުގައި ފޮރުވިފައި އެހެން ކަމެއް އޮވެދާނެ ކަމަށް ހިމާރަށް ވިސްނޭގޮތެއް ނުވިއެވެ. ކޮންމެ އަކަސް ހިޔަޅުކަލޭގެ އެއްލި ބުޅީގައި ހިމާރު ދައިގަނެ، ރަސްގެފާނުގެ ހަށިފާރަވެރިޔާގެ މަގާމު ހިމާރު ގަބޫލުކުރިއެވެ. އަދި، ހިޔަޅުކަލޭގެއާ އެއްކޮށް ރަސްގެފާނުގެ ގަނޑުވަރަށް ދިޔައެވެ.

ސިންގާ ރަސްގެފާނަށް ހިމާރު ފެނިވަޑައިގަތުމުން ކެތްކުރެއްވޭ ގޮތެއް ނުވިއެވެ. ރަސްގެފާނު ފުންމާވަޑައިގެން ހިމާރަށް ހަމަލާދެއްވިއެވެ. ނަމަވެސް، ސިންގާ ރަސްގެފާނުގެ މުސްކުޅިކަމާއި އަދި ދެ ދުވަހެއް ވަންދެން ފަރިއްނުކުޅުވާ އޮންނެވުމުގެ ސަބަބުން ގައިފުޅުގެ ވަރުދެރަވެ އޮންނެވުމުން ހިމާރުގެ ދުވަސް ދުއްވާލެވޭ ގޮތެއް ނުވިއެވެ. އެ ގޮތްމިގޮތް ހަދައި ހިމާރު ސަލާމަތްވެގެން ދުވެ ސިންގާ ރަސްގެފާނާ ދުރަށް ދިޔައެވެ. ދެން، ރަސްގެފާނު ހިޔަޅުކަލޭގެ ގާތު ހިމާރު އަލުން ގެނައުމަށް ވިދާޅުވިއެވެ.

ހިޔަޅުކަލޭގެ އަނެއްކާވެސް ހިމާރު ހޯދައިގެން ވާހަކަދައްކަން ފެށިއެވެ. އަދި ބުންޏެވެ. "އޭ އަޚު ހިމާރާއެވެ. ކަލެއަކީ ހާދަ މޮޔަ އެއްޗެއްދޯއެވެ؟ ސިންގާ ރަސްގެފާނު ކަލެއާ ކުޑަކޮށް ގާތްވެލުމުން ދުވެ ފިލީ ކީއްވެ ހެއްޔެވެ؟" ދެން ހިމާރު ބުންޏެވެ. "ސިންގާ ރަސްގެފާނު އުޅުއްވީ އަހަރެންގެ ދުވަސް ދުއްވާލަން ނޫން ހެއްޔެވެ؟ އެހެންވެ، ދުވެ ނުފިލަންވީ ކީއްވެ ހެއްޔެވެ؟" ދެން ހިޔަޅުކަލޭގެ ހިމާރަށް އޮޅުން ފިލުވައިދިނެވެ. "ސިންގާ ރަސްގެފާނު އުޅުއްވީ ކަލޭގެ ހުޝިޔާރުކަން އިމްތިހާނުކޮށްލައްވާށެވެ. ހަށިފާރަވެރިޔެއްގެ ކިބައިގައި ހުންނަން ޖެހޭ ހުނަރު ކަލޭގެ ކިބައިގައި ހުރިތޯ ބައްލަވާލައްވާށެވެ. ސިންގާ ރަސްގެފާނު ވިދާޅުވީ މިހާތަނަށް ކަލޭހާ ހުޝިޔާރު ޖަނަވާރެއް އަދި ދެކެވަޑައިގެންފައި ނުވާކަމެވެ. އެހެންވެ، ސިންގާ ރަސްގެފާނު ގަސްދުކުރައްވަނީ ކަލެއަށް ހަށިފާރަވެރިކަމުގެ އިތުރުން އެ އޮފީހުގެ އިސްމީހާ ކަމުގެ ވަޒީފާވެސް ދެއްވާށެވެ. ކަލޭގެ ތި ހުނަރު ބޭނުންކޮށްގެން އިތުރު ހަށިފާރަވެރިން ވެސް ތައްޔާރުކުރުމުގެ ގޮތުންނެވެ."

ހިޔަޅުގެ ވާހަކަ އަޑުއަހައި ހިމާރަށް ކަންތައް ކުރެވުނު ގޮތާ މެދު ހިތާމަކުރިއެވެ. ދެން، އަނެއްކާވެސް ސިންގާ ރަސްގެފާނުގެ ދަރުބާރަށް ހިޔަޅުކަލޭގެއާ އެކު ހިމާރު ދިޔައެވެ. މިފަހަރު، ސިންގާ ރަސްގެފާނުގެ އަތްޕުޅުން ހިމާރު ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. ސިންގާ ރަސްގެފާނުގެ ވަކިތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވައި ހިމާރު މަރާލެއްވިއެވެ. އަދި، ހިނިފުޅުވަޑުވަމުން ފަރިއްކޮޅަށް ތައްޔާރުވެވަޑައިގަތެވެ. ނަމަވެސް، ހިޔަޅުކަލޭގެ ރަސްގެފާނަށް ދެންނެވިއެވެ. "މަނިކުފާނެވެ! ފަރިއްކޮޅުގެ މީރުކަމުގެ ރަހަ ލިބިވަޑައިގަންނަވާނީ ނާނާފުޅުފިއްލަވައިގެން ވަޑައިގެން ފަރިއްކޮޅަށް އިންސާފުކުރެއްވީމައެވެ."

ހިޔަޅުކަލޭގެ ދެންނެވި ބަސް އައްސަވައި ރަސްގެފާނު ނާނޭފުޅު ފިއްލަވާން ވަޑައިގަތެވެ. އެވަގުތު، ހިޔަޅުކަލޭގެ ހިމާރުގެ ސިކުނޑި ނަގައި ކާލިއެވެ. ސިންގާ ރަސްގެފާނު ވަޑައިގެން ފަރިއްކުޅުއްވަން ބައްލަވާލެއްވި އިރު، ހިމާރުގެ ސިކުނޑި ނެތް ކަން ފާހަގަކުރެވުނެވެ. ދެން، ހިޔަޅުކަލޭގެއާ ސުއާލުކުރެއްވިއެވެ. "ހިމާރުގެ ސިކުނޑި ކޮބާ ހެއްޔެވެ؟" ޖަވާބުގައި ހިޔަޅުކަލޭގެ ދެންނެވިއެވެ. "ހިމާރަކީ ސިކުނޑިއެއް ލިބިގެންވީ ޖަނަވާރެއް ނޫނެވެ. އެއަށް ސިކުނޑިއެއް ލިބިގެންވީ ނަމަ، ދެވަނަ ފަހަރަށް މަނިކުފާނުގެ އަރިހަށް ހިމާރު އައިސްތޯއެވެ؟" ސިންގާ ރަސްގެފާނުވެސް ހިނިފުޅުވަޑުވާލައްވާފައި ހިޔަޅުކަލޭގެ ބުނި ވާހަކަ ގަބޫލުފުޅުކުރެއްވިއެވެ. ހިމާރަކީ ސިކުނޑިއެއް ނެތް ޖަނަވާރެއްކަމަށް ނިންމައި ހިމާރުގެ މަރުވެފައި އޮތް މަސްގަނޑު ފަރިއްކުޅުއްވާން ފެއްޓެވިއެވެ.

މިއީ އަޅުގަނޑުމެން ކުޑައިރު އިސްކޫލުގައި ކިޔައި އުޅުނު ކުޑަކުދިންގެ ވާހަކަތަކުގެ ތެރޭގައި ހިމެނުނު ވާހަކައެކެވެ. މިވާހަކަ މަތިން ހަނދާންވީ މިހާރު އެންމެ ވަރުގަދައަށް ނޫސްތަކުގައްޔާއި އަދިވެސް އެހެން ވެސް ޚަބަރު ފަތުރާ ވަސީލަތްތަކުގައި ފަލަ ސުރުޚީއެއްގެ ގޮތުގައި ދެކެވޭ ޚަބަރު ފެނިފައެވެ. އާދެ، އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ރާއްޖޭގައި ގާއިމުވެ، އިންޑިޔާގެ ނުފޫޒުގެ ދަށަށް، ސިއްކިމް ނުވަތަ ބޫޓާނު ދިޔަ ފަދައިން ރާއްޖެ ގޮސް ރާއްޖޭގެ މިނިވަންކަން ގެއްލިދާނޭ ވާހަކަތައް ފެނުމުންނެވެ. މަތީގައި ލިޔެވުނު ދޮންނަގެ ހިމާރުގެ ވާހަކައާއި މިކަމާ ގުޅެނީ ކިހިނެއް ބާވައޭ ބައެއް ކިޔުންތެރިން ސުއާލުކޮށްފާނެއެވެ. އެހެންވެ، އެގުޅުމުގެ ވާހަކަ ލިޔެ، އެކަންސާފުކޮށްލަދެވޭތޯ ބަލާނަމެވެ.

އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖޭ ދިޔުން ނުވަތަ އެކަން ހުއްޓުވުން އާޚިރުގައި ގުޅެނީ އާންމު ރައްޔިތުންނާއެވެ. އެކަން ކުރާނީ ނުވަތަ ނުކުރާނީ ރައްޔިތުން ހޮވާފަ އޮތް ސަރުކާރެއްތާއެވެ. ރާއްޖޭގެ ބައެއްގެ އެހީ އަކާ ނުލައި ހަމަ ހުރެފައި އިންޑިޔާއަކަށް ރާއްޖެއަކަށް ވަދެ ނުގަނެވޭނެއެވެ. މިހާރު ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތަކާއި އެތަންތަނަށް ޚިދުމަތް ދިނުމުގެ ކޮންސިޔުލޭޓުތަކާއި ތަންތަން ހެދެނީ ރައްޔިތުން ހޮވާފައި އޮތް ސަރުކާރެއްގެ އެހީގައެވެ. އެ ސަރުކާރަކާއި އެކު އެއްބަސް ވުން ތަކެއް އެއްބަސް ވެގެންނެވެ.

ދެން ފަނަރަ ވަރަކަށް އަހަރު ފަހަތަށް ޖެހިލަމާ ހެއްޔެވެ؟ އޭރުއްސުރެން ރާއްޖޭގެ ސިޔާސީ ބަޔަކާ އިންޑިޔާގެ ސިންގާ ރަސްގެފާނު ދިޔައީ މަޝްވަރާތަކެއް ކުރަމުންނެވެ. ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރުމުގެ މަޝްވަރާތަކެވެ. މިކަމުގެ ފެށުމެއްގެ ގޮތުން 2010ގައި ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ކުންފުންޏަކަށް ދިގު މުއްދަތަށް ދެވުނެވެ. މިކަމާ ނުރުހި، ރައްޔިތުންގެ ބަޔަކު ނިކުމެ، އޭރު އޮތް ސަރުކާރު ވައްޓާލިއެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެއީ ބަޣާވަތްކުރުމެކެވެ. އަނެއް ބަޔަކު ދުށް ގޮތުގައި ނާގާބިލު ވެރިޔަކު ވެރިޔަކަށް ހުރެ، ހަދާނެ ގޮތް ހުސްވެ، އިސްތިއުފާ ދިނުމުން އޭނާގެ ވެރިކަން ނިމިދިޔައީއެވެ. މި ރައުޔުގެ ވެރިން ދެކޭ ގޮތުގައި ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިއީ މިކަމުގައި ރަނގަޅު ގޮތަކީ ކޮބައިކަން ކަނޑައެޅުމުގެ ވަގުތެއް ނޫނެވެ. މިއީ ދޮންނަގެ ހިމާރާއި މިކަން ގުޅޭ ގޮތް އޮޅުންފިލުވައިދިނުމުގެ ވަގުތެވެ.

ކޮންމެއަކަސް 2012ގައި ވެރިކަން ބަދަލުވިއެވެ. ބަޣާވަތަކުން ވިޔަސް ނޫނީ ނުވިޔަސްވެހެވެ. ކީއްވެ ހެއްޔެވެ؟ މައިގަނޑު އެއް ސަބަބަކީ ޖީ.އެމް.އާރުގެ މައްސަލައެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ބަޔަކާ ހަވާލުކުރުމުންނެވެ. އަދި، ސަރުކާރު ބަނގުރޫޓުވާ ހިސާބަށް ކަންތައްތައް ދިޔުމުން ވެސްމެއެވެ. ނަމަވެސް، ދޮންނަގެ ހިމާރަށްވީހެން، އޭގެ ހައެއްކަ އަހަރު ފަހުން، އިންޑިޔާގެ ސިންގާގެ ވަކިގަނޑު ދަށުގައި ބަޔަކު ޖައްސަން އުޅުމުން، އެކަމުން ސަލާމަތްވެވުނީ ކިރިޔާކަން ހަނދާނެއް ނެތެވެ. ދެވަނަ ފަހަރަށް ވެސް، ދޮންނަގެ ހިމާރު ފަދަ ރައްޔިތަކަށް އަޅުގަނޑުމެންވެ، އޭރު ކުރަން ފެށި ކަންތައް އަލުން ކުރުމުގެ ފުރުސަތު ދެވަނަ ފަހަރަށް ވެސް ހަމަ އެއްބަޔަކާ ހަވާލުކުރީއެވެ. ދެން، ދެވަނަ ފަހަރު، ސިންގާ ރަސްގެފާނުގެ ހިމާރު މަރާލައްވައި ފަރިއްކުޅުއްވި ފަދައިން، މިފަހަރު، އިންޑިޔާގެ ސިންގާ ރަސްގެފާނު ހިމާރު ރާއްޖެ ފަރިއްކުޅުއްވާ ލެއްވުމަކީ ދުރުކަމެއް ނޫންކަން މިހާރު ފެންނަމުން އެދަނީއެވެ. އިންޑިޔާ ސިންގާ ރަސްގެފާނު ގެންގުޅުއްވާ އިސްވަޒީރުން، އެމީހުންގެ ރަސްގެފާނު އަރިހު ދަންނަވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުހިމާރުން، އާދެ، އަޅުގަނޑުމެންނަކީ ދޮންނަގެ ހިމާރު ފަދަ ސިކުނޑިއެއް ނެތް، ވަރަށް ވެސް ހަނދާން ބަލި ބައެއްކަމެވެ. ދުވާލަށް ރޭގަނޑޭ ބުނެ، މާމުއި އެއީ ހިތި އެއްޗެކޭ ބުންޏަސް އާނއެކޭ ބުނާނޭ ބައެކެވެ. ވައިގެ ބަނދަރާއި މަތިހަމަގެއަކީ މުޅިން ދެތަނެކޭ އެއްބައެއްގެ ބާރު ނުހިނގާނޭ ތަނެކޭ ބުނުމުން އެމީހުން ވާވެއްދޭނޭ ބައެކެވެ. ވަޅިއެއް ކުއްޔަށް ދޭއިރު އެދެނީ ހަމައެކަނި ވަޅީގެ ތިލައޭ އޭގައި މުށްގަނޑެއް ނުހިމެނޭނޭ ބުނުމުން އެކަންވެސް ގަބޫލުކުރާނެއެވެ. އިންޑިޔާގެ ސިފައިން ތިބުމަކީ އިލާހީ ނިއުމަތެކޭ، އެމީހުންގެ ދަރަންޏަކީ ދަރަންޏެއް ނޫނޭ ކިޔައި ރައްޔިތުން ހިމާރު ހައްދައި ގައުމު ވިއްކާލި މީހުން، މިހާރު އެއުޅެނީ އެއަށްވުރެ ތެދުވެރި ބަޔަކު ނެތްކަމަށް ހެދި، ނަބީބޭކަލުންގެ ތެދުވެރި ހެދުން އަޅައި، މިއުޅެނީ ފަސާދަ ނައްތާލާށޭ ކިޔައިގެންނެވެ. ދެވަނަ ފަހަރަށް ހިޔަޅުކަލޭގެ ދޮންނަގެ ހިމާރު ގާތަށް ގޮސް، ރަސްގެފާނުގެ ދަރުބާރަށް ގެނައުމަށް ހީލާތް ހެދި ގޮތަށެވެ. ދެންވެސް، ރައްޔިތުން، ހަމަ ހިމާރު ހެދިފައި ސިންގާގެ ދަރުބާރަށް ހިޔަޅުކަލޭގެއާ އެކު ހިނގައިދާނެ ބާވައެވެ! އަޅުގަނޑުމެން ރައްޔިތުންގެ ހިމާރުކަން އެ ދަރަޖައަކަށް ދިޔަކަން އަދި ގަބޫލުކުރާ ހިތެއް ނުވެއެވެ.