Support Us

ޔޫރޯ2020: ފުލުފުލުގައި ޖެހި ތިން ލަނޑާއެކު ޕޯޗްގަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ގްރޫޕު އެފްގެ ފުރަތަމަ މެޗްގައި މިރޭ ޕޯޗުގަލާއި ހަންގޭރީ ބައްދަލުކުރި މެޗް 3-0ގެ ނަތީޖާއަކުން ޕޯޗްގަލް ކާމިޔާބުކޮށްފިއެވެ.

ޕޯޗްގަލަކީ ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަނުން ވެސްމެއެވެ. ހަންގޭރީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައިވަނީ ވެސް ޕްލޭއޯފް ކާމިޔާބުކޮށްގެންނެވެ. ކުރީ ފަހަރުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ގައުމު އެއްވަރުވެގެންނެވެ. އެހެންނަމަވެސް އެ ފަހަރުގެ ޔޫރޯގައި ހަންގޭރީ ވަނީ ޕޯޗުގަލް ހިމެނުނު ގްރޫޕުގެ އެއްވަނަ ވެސް ހޯދައިފައެވެ.

މިރޭ ކުޅުނު މެޗުގެ ފުރަތަމަ 45 މިނިޓްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ޕޯޗުގަލް ޓީމެވެ. ނަމަވެސް ފުރަތަމަ ބައިގައި ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވެ، މެޗް މެދަށް ހުއްޓައިލީ ގިނަ ފުރުސަތުތަކެއް ޕޯޗްގަލަށް ގެއްލިގެންނެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ޑިއޮގޯ ޖޯޓާއަށެވެ. އޭނާ މި ހާފުގައި ނުރައްކާތެރި ދެ ޙަމަލާއެއް ގޯލާ އަމާޒުކުރިއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ވާ ގޮތެއް ނުތްވެވެ.

ހަންގޭރީގެ ކެޕްޓަން އެޑަމް ޒަލާއީއަށް މި ހާފުގައި ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވައިލި ބޯޅަ ކީޕަރު ޕެޓްރީޝިއޯ ވަރަށް ހުޝިޔާރުކަމާއެކު ދިފާޢުކުރީއެވެ.

ޕޯޗުގަލަށް ނަސީބު ހިނިތުންކޮށްލީ 81 ވަނަ މިނެޓުގައި ވިލިއަމް ކާވަލިއޯގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރ ރެނާޓޯ ސަންޗޭޒް ކުޅެން އެރި ހިސާބުންނެވެ. އޭނާ ކުޅޭން އެރިތާ ދެތިން މިނިޓެއްގެ ތެރޭގައި ޕޯޗުގީޒް ލަނޑެއް ޖަހައި މެޗްގެ ލީޑް ނެގިއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ރަފައެލް ގުރޭރޯ ކާމިޔާބުކުރި މި ލަނޑު ހަންގޭރީގެ ގޯލަށް ވަނީ ހަންގޭރީގެ ޑިފެންޑަރު އޯބަންގެ ފައިގައި ޖެހިފައެވެ. އޭގެ ދެ މިނެޓު ފަހުން ހަންގޭރީ ޓީމު ހަމައަކަށް ނޭޅެނީސް ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ހަންގޭރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު އޯބަން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ގޯލުކީޕަރު ޑައިވްކުރި ފަރާތް ނޫން އަނެއް ފަރާތަށް އަމާޒުކޮށް ފޮނުވައިލި ބޯޅައިން މި ގޯލު ކާމިޔާބުކުރީ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯ އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ އޭނާގެ ހުނަރުވެރި ކުޅުމާއެކު ކާމިޔާބުކުރި މޮޅު ލަނޑެކެވެ. މި ލަނޑާއެކު ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާއަށް ލިބުނީއެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 13 ފަހަރެއްގެ މަތިން ކުޅެފައެވެ. މީގެތެރެއިން އަށް މެޗަކުން މޮޅުވެފައި ވަނީ ޕޯޗުގަލެވެ. ހަންގޭރީ ޕޯޗްގަލާ އިދިކޮޅަށް ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް މޮޅުވެފައެއް ނުވެއެވެ. ފަސް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި މި ގްރޫޕުގެ މެޗުތައް ކުރިޔަށްދާއިރު މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމަކީ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފަރަންސޭސިވިލާތާއި އޭގެކުރިން ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ޖަރުމަނުވިލާތެވެ. މި މެޗް މިރޭ 12:00 ގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *