Support Us

ރާއްޖެ މައްޗަށް ފިލިޕީންސަށް ގަދައެއް ނުވެވުނު

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ދެވަނަ ބުރުގައި އެކުވެރި އަރަބް އިމާރާތުގައި މިރޭ ދިވެހިރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި މެޗް 1-1 ން އެއްވަރުވެގެން ނިމިއްޖެއެވެ.

މެޗްގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ހަތަރު މިނިޓް ވެސް ހަމަވި ފަހުން 95 ވަނަ މިނިޓްގައި ދިވެހި ޓީމުގެ ގޯލު ކައިރިން ނުރައްކާތެރި ހިލޭ ޖެހުމެއް ފިލިޕީންސް ޓީމަށް ލިބުނެވެ. ނަމަވެސް އެ ޖެހުމުގައި ގޯލުގެ މާ މަތީން ބޯޅަ ދިޔުމާއެކު މެޗް ނިމުނީ ނަތީޖާއަށް ބަދަލެއް ނައިހެވެ.

މެޗްގައި ފުރަތަމަ ލަނޑެއް ޖަހައި ލީޑުނެގީ ފިލިޕީންސް ޓީމުންނެވެ. އެއީ ދިވެހި ދިފާޢީ ކުޅުންތެރީންނަށް ފަރުވާ ކުޑަކޮށްލެވުމުން ފިލިޕީންސަށް ފަހިވި ފުރުޞަތެއް ކަމަށް ކުޅިބަލާން ތިބި މީހުން ތުހުމަތު ކުރެއެވެ. މިއީ މެޗުގެ 18 ވަނަ މިނެޓުގައި ފިލިޕީންސްގެ އެންހެލް ޖިރަލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވައިލި ބޯޅަ އޭރިއާ ތެރެއަށް ބައުންސްވެގެންނެވެ. އޭރު ކީޕަރު ފައިސަލް ވެސް ހުރީ އެ ބޯޅައަށް ވިސްނައިގެން ނޫން ކަމަށް ލަފާކުރެވުނެވެ. ނަމަވެސް ކުރީގެ މެޗްތަކާ އަޅައި ބަލާއިރު ދިވެހި ޓީމުގެ ކުޅުން މާ ބޮޑަށް ވެސް ރަނގަޅުކަމަށް ފާހަގަކުރެވުނެވެ. މި ގޮތުން ފިލިޕީންސް ލަނޑެއް ޖެހުމުން އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 25 ވަނަ މިނެޓުގައި އަލީ ފާސިރުގެ ހުނަރުވެރި ކުޅުމާއެކު ފިލިޕީންސްގެ ދިފާޢީ ރޮނގު ފޫއަޅުވައިލުމަށްފަހު ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ކާމިޔާބުކުރީ އިދިކޮޅު އެއްވެސް ކުޅުންތެރިއަކަށް އެ ބޯޅަ ހޯދާނެ ފުރުސަތު ވެސް ނުދީއެވެ. އަލީ ފާސިރު މި ލަނޑު ކާމިޔާބުކުރީ ތިރިތިރީން ގޯލުގެ ކަނާ ދިމާއަށް ބޯޅަ ފޮނުވައިލައިގެންނެވެ. މިރޭގެ މެޗްގައި ގިނަ ޕާސްތައް ދީގެން ރަނގަޅަށް ކުޅެފައިވަނީ ވެސް ދިވެހި ޤައުމީ ޓީމުންނެވެ.

ރާއްޖެ އޮތީ، ސީރިއާ، ޗައިނާ ފިލިޕީންސް އަދި ގުއާމް ހިމެނޭ ގްރޫޕް "އޭ"ގެ ހަތަރު ވަނައިގައެވެ. މި ރޭގެ މެޗު އެއްވަރުވެގެން ނިމުމުން ރާއްޖެއިން އަމާޒުކޮށްފައިވާ 2023ގެ އޭޝިއަން ކަޕަށް ކޮލިފައިވާން ކުރާ އުންމީދަށް އިތުރު ދައްޗަކާ ކުރިމަތިވީއެވެ. މިރޭގެ މެޗު ރާއްޖެއަށް ކާމިޔާބު ކުރެވުނު ނަމަ މި ގްރޫޕުގެ ތިން ވަނައަށް ރާއްޖެ ޖެހިލީހެވެ. އެހެންނަމަ އޭޝިއަން ކަޕަށް ކޮލިފައިވާން ފަސޭހަވީހެވެ. އޭޝިއަން ކަޕް 2023 އޮންނާނީ 2023 ވަނަ އަހަރު ޗައިނާގައެވެ.

ކޮވިޑްގެ ހާލަތު އުތުރު ކޮރެއާގައި ބޮޑުވެގެން އެ ގައުމުން މިދިޔަ މަހު ކޮލިފިކޭޝަނުން ވަކިވުމުގެ ސަބަބުން ރާއްޖެއަށް އެކަމުގެ އަސަރު ވަނީ ކޮށްފައެވެ. ކުރިން އޮތް ގޮތުންނަމަ، ގުރޫޕުގެ ހަތަރު ވަނަ ހޯދައިގެން، ހުރިހާ ގުރޫޕަކުން ހަތަރު ވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުގެ ގޮތުގައި ރާއްޖެއަށް ވެސް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުގައި ވާދަކުރެވެން އޮތެވެ. ނަމަވެސް އުތުރު ކޮރެއާ ވަކިވުމުން، ހުރިހާ ގުރޫޕަކަށް ވަނީ އޭގެ އަސަރު ކޮށްފައެވެ. ހަތަރު ވަނަ ރާއްޖެ އަށް މިހާރު ޔަގީންވެފައިވިޔަސް ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފިކޭޝަން ބުރަށް ކޮލިފައިވެވޭނީ ޕްލޭއޮފް ކުޅެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *