Support Us

ޔޫރޯ2020: އިސްޕޭނާއި ސުވިޑުން ވެސް އެއްވަރު

ޔޫރޯ2020 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގައި ރޭ މާލޭގަޑިން މެންދަމު 12 ޖެހިއިރު ކުޅުނު އިސްޕޭނާއި ސުވިޑުން މެޗު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މި މުބާރާތުގައި ހިމެނޭ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ އިސްޕޭނާއި ސުވިޑުން ރޭ ކުޅޭން ނުކުތް އިރު ވެސް އިސްޕޭނަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެ ޓީމުގެ މުހިންމު އެއް ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްހަށް ކޮވިޑު ޖެހުމުގެ ސަބަބުން އޭނާއަށް މި މެޗުގައި ނުކުޅެވުން ވީ ވަރަށް ބޮޑު ގެއްލުމަކަށެވެ.

އިސްޕޭނުވިލާތުގެ އެސްޓޭޑިއޯ އޮލިމްޕިކޯ ޑެ ސެވިލާގައި ކުޅެވުނު މި މެޗަށް އިސްޕޭން ނުކުތީ ނިސްބަތުން ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ގޮވައިގެންނެވެ. އިސްޕޭނުގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވީ މި ފަހަރުގެ ސްކޮޑުގައި ރެއާލްގެ ކުޅުންތެރިން ނުހިމެނުމެވެ. ސުވިޑުން ޓީމަށް ދިމާވި އެންމެ ބޮޑު އެއް ގެއްލުމަކަށްވީ އަނިޔާގެ ސަބަބުން އިބްރާހީމޮވިޗަށް މިފަހަރު ކުޅެވޭ ގޮތް ނުވުމެވެ. އޭނާ ސުކޮޑުގައި ވެސް ހިމަނައިފައެއް ނުވެއެވެ.

ރޭގެ މެޗަށް ބަލާއިރު، ރަނގަޅަށް ކުޅެފައިވަނީ އިސްޕޭނު ޓީމެވެ. އެ ޓީމުން ލަނޑެއް ޖެހުމަށް ޓަކައި 17 ބޯޅައެއް ގޯލަށް ފޮނުވައިލައިފައިވެއެވެ. ނަމަވެސް ގޯލަށް އަމާޒުކުރެވުނީ ފަސް ބޯޅައެކެވެ. މިއިން އެންމެ ބޯޅައެއް ވެސް ލަނޑަކަށް ހެދޭ ގޮތެއް ނުތްވެވެ. އެހެން ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް އިސްޕޭނު ޓީމެވެ.

އަނެއްކޮޅުން ސުވިޑުން ޓީމުން ލަނޑެއް ޖެހުމަށް ޓަކައި ފޮނުވައިލެވިފައިވަނީ ވެސް އެންމެ ހަތަރު ބޯޅައެކެވެ. މީގެ ތެރެއިން ވެސް ގޯލާ އަމާޒުކުރެވުނީ އެންމެ ބޯޅައެކެވެ. އެ ބޯޅަ ވެސް ލަނޑަކަށް ހެދޭ ގޮތެއް ނުތްވެވެ.

މި ނަތީޖާއާއެކު މި ގްރޫޕްގެ ތާވަލުގެ އެންމެ ކުރީގައި މި ވަގުތު އޮތީ 2 ލަނޑާއެކު 3 ޕޮއިންޓް ހޯދައިފައިވާ ސްލޮވޭކިއާއެވެ. ރޭގެ މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު އިސްޕޭނުވިލާތް ތާވަލުގެ ދެވަނައަށް އޮތް އިރު ތިންވަނައަށް އޮތީ ވެސް ރޭގެ މެޗުން އެއް ޕޮއިންޓް ލިބުނު ސުވިޑުންނެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 15 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެ ތެރެއިން އިސްޕޭނުން ވަނީ ހަ މެޗުން މޮޅުވެފައެވެ. ސުވިޑުނަށް މޮޅުވެވިފައިވަނީ ތިން ފަހަރުއެވެ. ފަސް މެޗު ވީ އެއްވަރެވެ.

މި މުބާރާތުގައި ދެން އޮތީ މި ރޭ މާލޭ ގަޑިން 9 ޖަހާއިރު ކުޅޭން ހަމަޖެހިފައިވާ ހަންގޭރީއާއި ޕޯޗުގަލް މެޗެވެ. މިރޭ މެންދަމު އޮތީ ވިލާތުގެ ބޮޑު ދެ ބާރު ކަމުގައިވާ ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ބައްދަލުކުރާ މެޗެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *