Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ– ގައުމުގެ މުސްތަގުބަލު އޮވެދާނެ ގޮތުގެ އިޝާރާތެއް

ތިރީގައި އެ ފެންނަ ފޮޓޯއަކީ ދާދި ފަހުން ޚަބަރު ފަތުރާ ވަސީލަތްތަކުގައި އާންމު ކުރެވިގެން ދިޔަ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ޒުވާން ދެ ކުއްޖަކު މިސްކިތެއްގެ ތެރޭގައި ނިދާފައި ތިބި ތަނެވެ. މިކަމާ ބެހޭ ޚަބަރުތައް ބުނާ ގޮތުގައި މި ޒުވާނުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، މަގު އޮޅި، އެކުދިންގެ ހަޔާތް ހަލާކުގެ ތެރެއަށް އެއްލާލާފައިވާ ކުދި ބައެކެވެ. މީގެ އިތުރުން، މި ކުދިންގެ ހިތާމަވެރި ދިރިއުޅުން މިވަގުތު އޮތީ މިސްކިތްތެރޭގައިކަން ވެސް މި ފޮޓޯއާ ބެހޭ ޚަބަރު ބުނެދީފައި އޮތެވެ. ނިދުމުގެ އިތުރުން، ފެންވެރުމާއި އެއްޗެހި ދޮވެ ހެދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ވެސް މިވަތުގު އޮތީ މިސްކުތުގައިކަން ޚަބަރުތައް ބުނެއެވެ.

އަދިވެސް، މި ފޮޓޯއާއެކު ގެނެސްދީފައިވާ ލިޔުމުގައި ލިޔެވިފައި އޮތެވެ. މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ މި ފަދަ ކުދިން، މިސްކިތްތައް މުޑުދާރުކޮށް، މިސްކިތްތަކުގެ ހުރުމަތް ކަނޑާލައެވެ. އަދި، ކަމާ ބެހޭ އިދާރާތްތަކަށް މިފަދަ މައްސަލަތައް ހުށަހެޅުމުން އެކަށީގެންވާ ފިޔަވަޅު ނޭޅި، މިފަދަ ނޭދެވޭ އަމަލުތަކަށް ހުއްޓުމެއް ނުގެނެވޭ ކަމުގެ ޝަކުވާ ވެސް ލިޔެފައި އޮތެވެ.

މީގެ އިތުރުން ވެސް މި ފޮޓޯ ކިޔައިދޭ ވާހަކައެއް އެބައޮތެވެ. މި ހިސާބަށް މުޖުތަމައުގެ ކަންތައް ދާން ދުވަސްތަކެއް ނަގާނެ ވާހަކައެވެ. މި ހިސާބަށް މުޖުތަމައުގެ ކަންތައްތައް ދާން ދިމާވީ ކިހިނެއް ވެގެން ބާވައެވެ؟ މި ހިސާބަށް ކަންތައްތައް ދިޔުމުގައި މަސްއޫލުވެރިވާން ޖެހޭ ފަރާތަކީ ނުވަތަ ފަރާތްތަކަކީ ކޮބައިބާވައެވެ؟ އެ ފަރާތަށް ނުވަތަ ފަރާތްތަކަށް އެ ބައެއްގެ ނުވަތަ އެ މީހުންގެ މަސްއޫލިއްޔަތު ނުއުފުލުނީ ކީއްވެގެންބާވައެވެ؟ މުޖުތަމައުގެ ކަންތައްތައް މި ތަސްވީރުން ދައްކުވައިދޭ ހިސާބަށް ދިޔުމުން، މުޖުތަމައުގެ މުސްތަގުބަލާ މެދު ބުނަން އޮތީ ކީކޭ ބާވައެވެ؟ މިއީ ހައްތަހާ ވެސް މި ތަސްވީރު އުފައްދާ ސުއާލުތަކެވެ. މި ސުއާލުތަކުގެ ޖަވާބުވާނީ މި ތަސްވީރު ބުނެދޭ ވާހަކަތަކަށެވެ.

ޝައްކެއްނެތެވެ. މި ހިސާބަށް ކަންތައްތައް ދާން ދުވަސްތަކެއް ނަގާނެއެވެ. މިސްކިތްތަކުގައި މިސްކިތްތަކުގެ އަދަބާ ޚިލާފު ކަންތައްތައް ކުރުމުގެ ޖެހިލުން ކެނޑި، އެފަދަ ކަންކަން މިސްކިތްތަކުގައި ކޮށް މިސްކިތްތަކުގެ ހުރުމަތް ކަނޑާލާން ދުވަސްތަކެއް ނަގާނެއެވެ. ރާއްޖޭގައި ޒުވާނުން މަސްތުވާތަކީގައި ޖެހި، މަސްތުވާތަކެތި ބޭނުންކުރުން އިޖުތިމާއީ މައްސަލައަކަށް ވެގެން ދިޔައީ އަށްޑިހައިގެ ކުރީ ކޮޅުގައި ކަމަށް ބުނެވިދާނެއެވެ. އެ ދުވަސްވަރަކީ މަސްތުވާތަކެތީގެ މައްސަލައިގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ޒުވާން ޖަމާއަތެއް ބަންދުކުރެވުނު ދުވަސްވަރެވެ. އެހެންވެ، އެއީ ރާއްޖޭގައި މަސްތުވާތަކެތީގެ ފެށުން ކަމަށް ބަލައިފި ނަމަ، މިސްކިތްތަކަކީ މަސްތުވާ ތަކެތި ބޭނުންކުރާ ތަނަކަށް ވުމަށް ސާޅީހަކަށް އަހަރު ނެގި ކަމުގައި ބުނެވިދާނެއެވެ.

އެ ހިސާބުން ފެށިގެން މި ހިސާބަށް އާދެވުނީ، މިކަމުގެ ނުރައްކާތެރިކަން ފާހަގަ ނުކުރެވި، އެކަމާ މެދު އަޅަން ޖެހުނު ފިޔަވަޅުތައް ނޭޅުނީމައޭ ވެސް ބުނެވިދާނެއެވެ. މިއީ ހަގީގަތް ކަމުގައިވާ ނަމަ، ދެވަނަ ސުއާލުގެ ޖަވާބު ލިބެއެވެ. މިސްކިތްތަކުގެ ހުރުމަތް ނަގާލައި އެ ތަންތަނަކީ މަސްތުވާތަކެތި ބޭނުންކުރަން އޮތް ތަނަކަށް ވެގެން ދިޔައީ މަސްތުވާތަކެތީގެ ނުރައްކާތެރިކަން އެންމެ ފުރަތަމަ ދެނެގަންނަން ޖެހުނު ވަގުތުގައި އެކަން ދެނެނުގަނެވުނީމައެވެ. އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު ބަޔަކު މި އަމަލުގައި ޖެހި އެކަމަށް އަދަބު ލިބުނު ހިނދު، މިކަމުގެ ނުރައްކާތެރިކަން އޮތް މިންވަރު ފާހަގަނުކުރެވި، އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުނީމައެވެ. މަސްތުވާތަކެތީ ނުރައްކާތެރިކަން މުޖުތަމައުގެ އަފުރާދުންނަށް އަންގައި ހޭލުންތެރިކުރުވުމުގެ ޕުރޮގްރާމުތައް ނުހިންގުނީމައެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި އެކަމުގެ ވިޔަފާރިކުރާ މީހުން ހިފައި، އެކަމާ ބެހޭ ގާނޫނުތައް އެކުލަވާލައި އެ ގާނޫނުތަކުގެ ދަށުންނަ އެފަދަ މީހުންނަށް ހަރުކަށި އަދަބު ނުދެވުނީމައެވެ.

ދެން އަނެއް ސުއާލެވެ. މިކަން މިގޮތަށް ނުކުރުމުގެ މަސްއޫލިއްޔަތު އުފުލާނީ ކޮން ބައެއް ހެއްޔެވެ؟ އެއީ މިފަދަ ކަންކަން ހުއްޓުވުމަށް މުޖުތަމައު އެބަޔަކާ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ތިބި ފަރާތްތަކެވެ. ސަރުކާރެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކެވެ. ދެން، މަދަރުސާތަކެވެ. އަދި އާއިލާތައް ވެސްމެއެވެ. އާއިލާތަކުގެ އިސް މީހުންކަމުގައިވާ މައިންބަފައިންނެވެ. އެންމެ ފުރަތަމަ މި މައްސަލަ ހިލުނު ހިސާބުން ފެށިގެން، ސަރުކާރުން މި ކަމުގެ ނުރައްކާތެރިކަން ފާހަގަކޮށް، ސަރުކާރުން، މިކަމާ ބެހޭ ހަރުދަނާ ގާނޫނުތައް ހަދަން ޖެހެއެވެ. މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމާ ބެހޭ ގާނޫނުތަކެވެ. އެފަދަ މީސްމީހުން ހައްޔަރުކޮށް، އެމީހުންގެ މައްސަލަ ތަހުގީގުކޮށް، އެމީހުންނަށް ބޮޑެތި އަދަބުތައް ދެވޭނޭ ގާނޫނުތަކެވެ. އަދި، އެފަދަ މީހުންގެ މައްސަލަތައް ޝަރީއަތަށް ހުށަހެޅި، ކުށްވެރިވުމުން، އެމީހުންގެ މައްޗަށް ގާނޫނުތައް ފުރިހަމައަށް ހިންގާލަން ވެސް ޖެހެއެވެ. މިކަމުގެ އިބުރަތް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ލިބެން އޮތެވެ. ބައެއް ގައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މެރުމުގެ އަދަބުދެވެނީ މަސްތުވާތަކެއްޗަކީ މުޅި ގައުމުގެ މުސްތަގުބަލު ހަލާކުކޮށްލާ ކަމަކަށް ވާތީވެ، ގައުމުގެ މުސްތަގުބަލު ރައްކާކޮށް، ދިފާއުކުރުމަށްޓަކައެވެ. މީގެ މާނައަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން މަރަން ގޮވުމެއް ނޫނެވެ. އެކަމުގެ ނުރައްކާތެރިކަން ފާހަގަކޮށް އެކަމަށް މާފުނުދެވޭ ގޮތެއްގައި އުމުރަށް ޖަލަށްލުން ފަދަ ބޮޑެތި އަދަބުތައް ކަނޑައެޅުމެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ނުރައްކާތެރިކަމުގެ މައްޗަށް މުޖުތަމައުގެ އަފުރާދުން، ޚާއްސަ ގޮތެއްގައި އިސްކޫލު ކުދިންނާއި ޒުވާނުން، ހޭލުންތެރި ކުރުވަން ޖެހެއެވެ. އެކަމާ ބެހޭ ލުއި ފޮތްތައް ތައްޔާރުކޮށް، ރޭޑިޔޯއާއި ޓީ.ވީ.ގެ ޒަރިއްޔާއިން ކެނޑިނޭޅި އެކަމުގެ ނުރައްކާތެރިކަން ބުނެ އަންގައިދޭން ޖެހެއެވެ. އަދި، އާއިލާތައް ވެސް މިކަމަށް ހޭލުންތެރިކުރުވައި، އާއިލާތަކުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި ކުރަން ޖެހޭނޭ ކަންތައްތައް ބުނެދޭން ޖެހެއެވެ. ހަމަ އެހެންމެ، އިސްކޫލުތަކުގައި ވެސް މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި އެނުރައްކަލުން ސަލާމަތްކަން ހޯދަން އެހީވެދޭނޭ ގޮތްތަކަކީ ކޮބައިކަން އިސްކޫލުތަކުގެ ދަރިވަރުންނަށް ކިޔައިދީ ބުނެދޭން ޖެހެއެވެ.

ހިތާމަވެރިކަމާއެކު ބުނަންޖެހެނީ، ފޮޓޯ ދައްކާ މަންޒަރު މިއަދު ފެނިގެން މި ދިޔައީ، މަސްތުވާތަކެތީ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވި ވަގުތުގައި، އެކަމަކީ މުޅި ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެއްކަން ފާހަގަކޮށް، އެކަމާ މެދު، އެކަށީގެންވާ ގޮތުގައި ފާރަވެރިވެ، އެކަމާ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމެވެ. ދެން އޮތް ސުއާލަކީ މިފަދަ ކަންކަން ފާހަގަކުރެވި އަޅަން ޖެހޭ ފިޔަވަޅު ނޭޅުނީ ކީއްވެ ބާވައެވެ؟

މިސުއާލުގެ ޖަވާބު ގުޅުވާލެވެނީ ތަނުގެ ސިޔާސީ ސަގާފަތާއެވެ. ޒަމާނުއް ސުރެން ރާއްޖޭގައި އަށަގަންފައި އޮތީ ތަނުގެ އާންމު މަސްލަހަތަށް އިސްކަންދީގެން ތަން ކުރިއެރުވުމުގެ ސިޔާސަތެއް ނޫނެވެ. ވެރިކަމަށް އަންނަ ކޮންމެ ބައެއްގެ ވެސް، އެންމެ އިސް މަސައްކަތްތަކަށް އޮންނަނީ އެ ބައެއްގެ ވެރިކަން ދެމެހެއްޓުމުގެ މަސައްކަތެވެ. މި އެދުން ހާސިލުކުރުމުގެ ގޮތުން އެކި ކަންކަން ކުރަން ޖެހެއެވެ. ކުށްކުރުމުން، އެކުށް ކުރީ 'ބޮޑު މީހަކާ' ގުޅޭ މީހަކަށް ވެއްޖެ ނަމަ، އެކުށް ކުރި މީހާ ދޫކޮށްލަން ޖެހެއެވެ. އެ ބޮޑު މީހެއްގެ ފަރާތުން ވެރިކަމަށް ނުރައްކަލެއް އަތުވެދާނެތީ އޭނާ ރުއްސުމަށްޓަކައެވެ. ވައްކަން ކުރި މީސްމީހުންނާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު ބައެއް މީސްމީހުން އަށްޑިހައިގެ ތެރޭގައި 'ޚާއްސަ އިމްތިޔާޒުތަކެއް ދެވިގެން' ދޫކޮށްލެވުނެވެ. މީގެ ތެރެއިން ބައެއް މައްސަލަ ހިނގީ ގާނޫނީ އިމުން ބޭރުން ކަމަށް ބުނެ، އޭރުގެ ރައްޔިތުންގެ މަޖުލިހުގައި ވެސް މި ވާހަކަ ދެއްކުނެވެ. ނަމަވެސް ކުށްވެރިވީ ވާހަކަދެއްކި މެމްބަރެވެ.

'ބޮޑު މީހާ’ގެ ގާތް މީހާ ދޫކޮށްލުމުގެ އިތުރުން، މިކަން ފަހުން އިތުރަށް ފުޅޭކުރެވުނު ތަން ފެނުނެވެ. މަސްތުވާ ތަކެތި ވިޔަސް، އަދި އެހެން ކަހަލަ ކުށެއް ވިޔަސް، އެކަންކަމަކީ ސީދާ ވެރިކަމަށް އޮތް ހުރަހެއް ކަމަކަށް ނުވި ނަމަ، އެކަމާ އަޅާލުން ކުޑަވުމެވެ. ވޭތުވެ ދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މީގެ ވަރަށް ގިނަ މިސާލުތައް ފެނިގެން ދިޔައެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ބޮޑުން ކަމުގައި ބެލެވޭ ބައެއް މީސް މީހުން ހައްޔަރު ކުރެވި، ދެން އެމީހުން ދޫކޮށްލެވޭ ގޮތް ވުމެވެ. ގާނޫނީ ގޮތުން އެމީހުން ހައްޔަރުކޮށް ބޭތިއްބުމުގެ ގާނޫނީ ބާރެއް ނެތީމަޔޯލައެވެ. އެކަމުގެ ނަތީޖާއަކަށްވީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރުން ހުއްޓުވޭ ގޮތް ނުވެ، އެކަން ބާރު އިސްޕީޑުގައި ކުރިއަށް ދިޔުމެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު، ގާނޫނީ ފިޔަވަޅެއް އެޅުމަށް ނުކުޅެދިފައިވާ ކަން، ނުވަތަ އެފަދަ ފިޔަވަޅެއް އަޅަން ބޭނުން ނުވާކަން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ދޫކޮށްލުމުން އެންމެނަށް ވެސް އެނގުމުންނެވެ. އަދި، ބާރު ހުރި ފަރާތްތަކާ ގުޅުން އޮވެއްޖެ ނަމަ، އެއްވެސް ކުށަކީ ބެދޭނޭ ކުށެއް ނޫންކަމުގެ ސަގާފަތް ގާއިމުވެގެން ދިޔުމުންނެވެ.

ފޮޓޯއިން ފެންނަ މަންޒަރާ ގުޅޭ ޚަބަރުތަކުގެ ބައެއް ވާހަކަތަކުން ވެސް، މަސްތުވާތަކެތި ބޭނުންކުރުމަކީ ކަމާ ބެހޭ ރަސްމީ އިދާރާތަކުން ކަންބޮޑުވާ ކަމެއް ނޫންކަން ދޭހަވެއެވެ. އެތައް ފަހަރަކު ކަމާބެހޭ ފަރާތަށް އެކަންކަން ރިޕޯޓުކުރުމުން ފިޔަވަޅު އަޅާތަން ނުފެންނާތީއެވެ. އާދެ، މިފަދަ ކަންކަމަކީ ސީދާ ވެރިކަމުގެ ތިބޭ ބައެއްގެ ވެރިކަމަށް ނުރައްކަލެއް އޮތް ކަމަކަށް ނުވާތީ ފަރުދުން މިފަދަ ކުށްތަކަށް އަރައިގަތުމަކީ މާބޮޑު ކަމައްގެ ގޮތުގައި ނުބެލެވެނީއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި 'ބޮޑެތި އަތްތަކެއް’ވާ ކަމުގެ ވާހަކަތައް ވެސް ދެކެވެއެވެ. މިއީ ސާބިތުކުރަން ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް، އެންމެނަށް ވެސް އެނގޭ ހަގީގަތެއް އެބަ އޮތެވެ. މަސްތުވާތަކެތި އެތެރެވަނީ ރާއްޖެއިން ބޭރުންނެވެ. ރާއްޖެއަށް އެތެރެކުން މަނާ ތަކެތި ގާނޫނުގައި ކަނޑައެޅިފައި އޮވެއެވެ. މީގެ ތެރެއިން ބައެއް ތަކެތި އެތެރެކުރުން އޮންނަނީ ވަރަށް ވަރުގަދައަށް ހުއްޓުވިފައެވެ. އެކިއެކި ވައްތަރުގެ ހަތިޔާރާއި އެއާއި ގުޅުން ހުރި ތަކެއްޗެއްވެ. ފިސްތޯލައާއި ބަޑިފަދަ ތަކެއްޗެވެ. ބަޑިބޭހާއި އަދި ފަޓާސް ފަދަ އެއްޗިއްސެވެ. މިފަދަ އެއްޗެހި ރާއްޖެއަށް އެތެރެ ކުރެވުނަ ނުދީ ހިފެހެއްޓިފައި އެބަ އޮތެވެ. ވަރަށް ވެސް ރަނގަޅު ކަމެކެވެ. ނަމަވެސް، މިފަދަ މަނާ އެއްޗެހި އެތެރެކުރުން ހުއްޓުވިފައި އޮންނަ ފަދައިން، މަސްތުވާތަކެތި އެތެރެކުރުން ނުހުއްޓިފައި އޮންނަނީ ކީއްވެ ބާވައޭ ސުއާލު އުފެދެއެވެ؟ މަސްތުވާތަކެތި އެތެރެ ކުރެވެނީ އެނގިގެންނާއި ނޭނގި ނަމަވެސް ދޫތަކެއް ދެވިފައިވާތީތާއެވެ؟ މިކަން 'ބޮޑެތި އަތްތަކާ' ގުޅުން ނޯވެ ހިނގައިދާނެ ބާވައެވެ؟ މިކަމުގެ ސަބަބަކީ ކުރީ ސަރުކާރޭ، މިހާރުގެ ސަރުކާރޭ، އަދި މާކުރިން ވެސް މިއީ ކަން އޮތް ގޮތޭ ކިޔައި ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް، މިހެން ކިޔުމަކުން މައްސަލަ ހައްލެއް ނުވާނެއެވެ. މަސްތުވާތަކެތި އެތެރެކުރުމަށް ހުއްޓުމެއް ނާންނާނެއެވެ. އެއްބަޔެއްގެ ނުކުޅެދުން ދެއްކުމަކީ އަނެއް ބައެއްގެ ކުޅެދޭކަން ސާބިތުކޮށްދޭ ކަމެއް ނޫނެވެ! އަދި ކިއެއް ހެއްޔެވެ؟ އެފަދަ ވާހަކަތަކުން ތިމާ ދިފާއުކުރަށް އުޅޭ ބައެއްގެ ނުކުޅެދޭ ކަމަށް އިއުތިރާފުވެވެއެވެ.

ދެން ހެއްޔެވެ؟ ފޮޓޯއިން އެފެންނަނީ ޒުވާން ކުދިންނެވެ. މުޖުތަމައުން ބޭރުކޮށްލެވިފައިވާ ޒުވާން ކުދިންނެވެ. އެކުދިންގެ އާއިލާއިން ވެސް އެކުދިންނަށް އަޅާލަން ބޭނުން ނުވާ ކުދިންނެވެ. ސަރުކާރުންވެސް އެކުދިންނާ މެދު ކަމެއް ކުރަން ބޭނުން ނުވާ ކުދިންނެވެ. ފޮޓޯއިން ފެންނަ ގޮތުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވުމުން، އެކިއެކި ބަލިތައް ވެސް އެކުދިންނަށް ޖެހިފައިވާ ކުދިންނެވެ. ގައުމުގެ ޒުވާނުންގެ އެތައް ބައެއްގެ ހާލަތަކީ މިއީ ކަމަށްވާއިރު، ގައުމުގެ މުސްތަގުބަލު އޮންނާނީ ކިހިނެއް ހެއްޔެވެ؟ ޝައްކެއްނެތް ގޮތުގައި މިފަދަ ޒުވާނުންގެ ކިބަޔަކުން ވެރިކަމަށް އަތުވެދާނެ އެއްވެސް ނުރައްކަލެއް ނެތެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންގެ ވިސްނުމަކަށް އޮންނާނީ އެކުދިން ބޭނުންވާ މަސްތުވާ އެތިކޮޅު ހޯދުމެވެ. ކޮންމެ ގޮތަކުން ވިޔަސް ވެހެވެ. ވައްކަންކޮށްގެން ވިޔަސް ވެހެވެ. ފޭރިގެން ވިޔަސް ހެވެވެ. ހަށި ވިއްކައިގެން ވިޔަސް ވެހެވެ. އެއީ އެކުދިންގެ ހަށިގަނޑުގެ ނިޒާމު މަސްތުވާތަކެއްޗާ ނުލައި މަސައްކަތް ނުކުރާނެތީއެވެ. މަސްތުވާތަކެތި ބޭނުންކުރުން، އެއީ ބައްޔަކަށް ބޭސް ކެއުން ފަދަ ކަމަކަށް ވެފައި އޮތީމައެވެ.

އާދެ، ފޮޓޯއިން ދައްކުވާ މަންޒަރު ކިޔައިދޭ ވާހަކަތަކަކީ މިއީއެވެ. މުޖުތަމައުގެ މައްސަލަތައް އިސްލާހުކޮށް، މުޖުތަމައުގެ ހާލު، ފާރަވެރިކަމާއެކު، ބަލަހައްޓަން ހަމަޖައްސައިފައިވާ އިދާރާތަކާއި މުއައްސަސާތައް، އެފަރާތްތަކުގެ މަސްއޫލިއްޔަތު އުފުލުމަށް ނުކުޅެދިފައިވާ ކަމެވެ. އެފަރާތްތަކުގެ ވާޖިބުތައް އަދާކުރުމަށް ފަސްޖެހިފައިވާ ކަމެވެ. ސަރުކާރުގެ އިދާރާތަކުން އެ އިދާރާތަކުގެ މަސްއޫލިއްޔަތާއި ވާޖިބާ މެދު އިހުމާލުވެފައިވާ ކަމެވެ. އާއިލާތަކުގެ ވެރިން، މައިންބަފައިނާއި ބަލަދުވެރިން، އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާ ނުކުރެވިފައިވާ ކަމެވެ. އާންމު ފަރުދުން ވެސް، ސިޔާސީ ގަބަލިއްޔަތުގެ ފިކުރުގައި ޖެހި، މުޅި މުޖުތަމައު ފަސާދަ ވެގެންދާތަން ބަލަހައްޓައިގެން ތިބި ތަނެވެ. އާދެ، ކުރު ގޮތަކަށް ބުނާ ނަމަ، ފޮޓޯއިން އެފެންނަ މަންޒަރު – ފާޅުގައި ކުށްތަކަށް އަރައިގަނެ، ތަނުގެ މުގައްދަސު ތަންތަނުގެ ހުރުމަތް ކަނޑާލުމުގެ މަންޒަރާއި މިކަމާ މާބޮޑު ކަންބޮޑުވުމެއް ނެތްކަމުގެ މަންޒަރު – ކިޔައިދެނީ ހިތާމަވެރި ވާހަކައެކެވެ. ކަރުނައެޅުން ހައްގު ވާހަކައެކެވެ. ފޭލިވަމުންދާ ދައުލަތަކާއި ފޭލިވަމުންދާ ސަރުކާރަކާއި ފޭލިވަމުންދާ މުޖުތަމައެއްގެ ވާހަކައެވެ.

ނަތީޖާއަކީ ހެއްޔެވެ؟ ގައުމުގެ ޒުވާނުންތައް ހަލާކުވެގެން ދިޔުމުން ގައުމަށް މުސްތަގުބަލެއް ލިބިފައި އޮވެދާނެ ހެއްޔެވެ؟ ގައުމުގެ މުސްތަގުބަލެއް ނެތް ނަމަ، ގައުމުގެ ސިޔާދަތާއި ގައުމުގެ ރައްޔިތުންގެ މިނިވަންކަން ގެއްލިގެން ދާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. މިހާރު އެކަމުގެ އަލާމަތްތައް ފެންނަން ފަށައިފި ކަހަލައެވެ. ގައުމުގެ މައްޗަށް ބޭރުގެ ބާރެއް ވެރިވުން ކައިރިވަމުން އައުމުގެ އަލާމާތްތަކެވެ. އެކަން ނުވުމަށް ވުރެ، ވުން ކައިރި ކަމުގެ ހެކިތައް ފެންނަމުން އެބަ ދެއެވެ. ތަރައްގީގެ ނަމުގައި ރާއްޖޭގެ އެތަން މިތަނުގައި، އުތުރާއި ދެކުނުގައި، އިރާއި ހުޅަނގާއި މެދުތެރޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ހެދެމުން ދަނީއެވެ. ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތީ މިފަދަ މަރުކަޒުތަކާ ހެއްޔެވެ؟ ތަނުގެ އާންމު ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރަން ގާނޫނުތައް ހެދުމުގެ ބަދަލުގައި، ބޭރުގެ ކުންފުނިތަކަށް ތަނުގެ އެއާޕޯޓުތަކާއި އަދިވެސް އެހެންވެސް ތަނުގެ ހަރުމުދާތަކަށް ބޭރު މީހުންނަށް އަތްގަދަ ކުރެވޭ ގޮތް ފަހިވުމުގެ ގާނޫނުތައް ހެދެމުންދަނީއެވެ. ވަޒީފާތަކަށް ބޭރުގެ މީސްތަކުން އިސްކުރެވެމުން ދަނީއެވެ. ކުރިއަށް އޮތް ތަނުގައި އިންޑިޔާގެ ވަޒީރުން ރާއްޖޭގެ ކެބިނެޓުން ފެނުމަކީ ދުރުކަމެއް ނޫނެވެ. އިނގިރޭސީންގެ ބާރުގެ ދަށަށް މިސުރު ދިޔުމުގެ ކުރިން އިނގިރޭސީންގެ ވަޒީރުން މިސުރުގެ ކެބިނެޓުގައި ތިބި ފަދައިންނެވެ. ރާއްޖޭ ސަރުކާރު ހިންގުން އިންޑިޔާގެ އެމްބަސީއަށް ބަދަލުވުމަކީ ވެސް ހައިރާންވާންވީ ކަމަކަށް ނުވެ ހިނގައިދާނެއެވެ! ރާއްޖޭގެ ދިފާއީ ވަޒީރުގެ ވަޒީފާ ގެއްލެން އުޅުމުން އެކަން ހުއްޓުވަން އިންޑިޔާގެ އެމްބަސީގެ އެހީ ހޯދަން ޖެހުނު ކަމުގެ ޚަބަރެއް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ. އެހެން ކަމަށް ވެއްޖިއްޔާ، އިންޑިޔާގެ އެމްބަސީގެ ނަންބޯޑުގެ ތިރީގައި 'ދިވެހި ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް' މިހެން ލިޔެފައި އޮތުން ފެނުމަކީ ވެސް ފެނުން މާ ދުރުކަމަކަށް ނުވެ ހިނގައިދާނެއެވެ.

ރާއްޖޭގައި އިންޑިޔާގެ އަސްކަރީ މަރުކަޒުތައް ގާއިމު ކުރެވި، އެމީހުންގެ ނުފޫޒު އިތުރުވެ ގަދަވެގެން ދިޔުމަކީ ފަހަރެއްގައި ވެސް، އިންޑިޔާ ކުށްވެރި ކުރަން ޖެހޭނޭ ކަމެއް ނޫނެވެ. އެކަމުގައި އެންމެ ފުރަތަމަ ވެސް، އަދި އެންމެ ފަހުންވެސް، ކުށްވެރިވަނީ ރައްޔިތުންނެވެ. އެފަދަ އަމަލުތައް ހިންގާލަން ކެތްކުޑަވެފައި ތިބި ޣައްދާރު ސިޔާސީ ބަޔަކާ ގައުމުގެ ވެރިކަމުގެ ލަގަން ހަވާލުކުރީމައެވެ. ހަރުދަނާ އެއްވެސް ކަމެއް ކުރަން ނޭނގޭ، މަންމަން، ނުކުޅެދޭ ނާގާބިލު ވެރިޔަކާ ވެރިކަން ހަވާލުކުރީމައެވެ. އަދި މިކަން ކޮށްފައި، ވެރިކަމުގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ މީހުންނަކީ ކުދިވަރެއްގެ ކަލާނގެތަކެއްކަމުގައި ބަލައި، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި އޮންނަފަދައިން، 'އަންދާދުންތަކަށް' 'އިލާހީ ސިފަތައް އެމީހުންނަށްދީ، އެމީހުން ކިޔާހާ އެއްޗަކަށް އާނހޫ ކިޔަންޖެހޭ ބަޔަކަށް ހަދާލީމައެވެ. ދެން އެފަދަ މީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން، ބޭރުގެ އަސްކަރީ ބާރުތަކަށް ތިމާމެންގެ އަމިއްލަ ގައުމު ހިފަން އަންނާށޭ ގޮވާ ހަދާއިރުވެސް، އެފަދަ އަމަލުތައް ކުށްވެރި ނުކޮށް، އެމީހުން ކުރާހާ ކަމަކަށް އަތްޖަހައި، އެމީހުންނަށް ޚުޝާމަދުކޮށް، އެމީހުން ޖަހާހާ ބެރަކަށް ނަށަން ތިބީމައެވެ. ބައެއްގެ އަމިއްލަ ވެރިކަން ދެމެހެއްޓުމަށްޓަކައި މުޖުތަމައުގެ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، ތަނުގެ ރައްޔިތުންގެ ތާއީދުގެ މައްޗަށް ބުރަވުމުގެ ބަދަލުގައި، ބޭރު ފަރާތަކާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން ހަވާލުކުރުމުން، އެކަން ވެދާނެކަމަށް ބަލައި އެކަމުގެ މަސައްކަތްތައް ކުރަމުންދާ އިރު ވެސް މެއެވެ. މިހެން ކަންތައް އޮތް އިރު ގައުމުގެ މުސްތަގުބަލު އޮންނާނީ ކިހިނެއް ހެއްޔެވެ؟ ފޮޓޯއިން އެފެންނަ މަންޒަރު އަދި އެއްފަހަރު، ހިތަށް ގެންނާށެވެ! އެއްލާލެވި އުކާލެވިފައިވާ ބައެއް ފަދައިން އެތިބި ޒުވާން ކުދިން ހިތަށް ގެންނަވާށެވެ. އެކުދިންގެ ފައި ދަނޑިއަށް ބަލާލާށެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހަމުގެ އެކިއެކި ބަލިތައް ޖެހިފައިވާ ފައިދަނޑިއެކެވެ. މި މަންޒަރު މިދައްކަނީ އަޅުނގަޑުމެންގެ މުސްތަގުބަލެވެ. ބަލިޖެހި، އަޅާނުލެވި ވާނޭ ގޮތެއްވާން ދޫކޮށްލެވިފައިވާ މުސްތަގުބަލެކެވެ. މިކުދިން ހާލަތު ބަދަލުކޮށްލުމުގެ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މުސްތަގުބަލު ހެޔޮ ގޮތުގައި ކަނޑައަޅާލުމުގެ މަސައްކަތްތެވެ. ގައުމު ބިނާ ކުރުމުގެ މަސައްކަތަކީ ބޭރު ގައުމުގެ އަސްކަރީ މަރުކަޒުތައް ގާއިމުކުރުމާ ބެހޭ ކަމެއްކަމަށް ނުދެކި، އެފަދަ ތާކުންތާކު ނުޖެހޭ ވާހަކަތައް ދައްކާ ޣައްދާރުވެރި، ސިޔާސީ އިންތިހާޒީންގެ ވާހަކަތަކަށް ނުހެއްލި، އެ މަސައްކަތަކީ ތިމާމެން އަމިއްލައަށް ކުރަން ޖެހޭ، އަދި ކުރެވޭނޭ ކަމެއް ކަމަށް ދެކިގެން އެ މަސައްކަތް ކުރެވިގެންނެވެ. އާދެ، ފޮޓޯއިން އެފެންނަ މަންޒަރު ބުނެދޭ ވާހަކަތަކަކީ މިއީ އެވެ.