Support Us

ނަތަންޔާހޫގެ ސަރުކާރު ވެއްޓުމުން އުފާފާޅު ކުރަނީ

ނަތަންޔާހޫގެ ސަރުކާރު ވެއްޓުނަސް ހަރުކަށި ކަމަށް ބަދަލެއް ނާންނާނެ

ނަތަންޔާހޫގެ ޒަމާންވީ ސަރުކާރު ވެއްޓުމުން އިސްރާއީލުގެ ވެރިރަށް ތައްލު އަބީބުގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ރޭ އުފާފާޅުކޮށްފިއެވެ. ރޭ ވަނީ އިސްރާއީލުގެ އައު ސަރުކާރަށް ބަރްލަމާނުން (ކަނީސަތުން) ރުހުން ދީފައެވެ.

ކަނާތު ފިޔައިގެ "ޔަމީނާ" ޕާޓީގެ ޒަޢީމު ނަފްތާލީ ބީނީތުގެ ރިއާސަތުގައި އުފެއްދުނު ކޯލިޝަން ސަރުކާރަށް ކަނީސަތުން ރޭ ރުހުން ދިނީ (120 މެންބަރުންގެ ތެރެއިން) 60 ވޯޓުގެ އަޣްލަބިއްޔަތަކުންނެވެ. ނަތަންޔާހޫގެ އިދިކޮޅު ޒަޢާމަތަށް ލިބުނީ 59 ވޯޓެވެ.

ނަތަންޔާހޫގެ ސަރުކާރު ވެއްޓުން އިޢުލާން ކުރުން

އިސްރާއީލުގެ ބަރްލަމާނުގައި އައު ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޓަކައި ވޯޓު ނެގެމުން ދިޔަ ވަގުތު އެތައް ހާސް ބަޔަކު ތައްލު އަބީބުގެ ރަބީން މައިދާނަށް އެއްވެ މި މަންޒަރު ވަގުތުން ބަލަމުން ދިޔައެވެ. އައު ކޯލިޝަނަށް އިތުބާރު ލިބިއްޖެކަން އިޢުލާނު ކުރެވުމާއެކު އެމީހުންތައް އުފާފާޅުކުރަން ފެށިކަމަށް އިސްރާއީލުގެ "ކާން" ޓީވީން ބުންޏެވެ. އަދި އެ ޓީވީން މި އުފާފާޅުކުރުންތައް ވަގުތުން ދުރަށް ދެއްކިއެވެ.

އައު ސަރުކާރަށް ރުހުން ލިބުމުން ބޮޑުވަޒީރު ކަމުގެ ދުސްތޫރީ ހުވާ ބީނީތު (49 އަހަރު) ކުރެއްވިއެވެ. އޭނާއަކީ އިސްރާއީލުގެ 13ވަނަ ބޮޑުވަޒީރެވެ. އެއަށްފަހު މި ސަރުކާރުގެ ދެވަނަ ޒަޢީމު ލާބީދު ހުވާކުރެއްވިއެވެ. ކޯލިޝަން އެއްބަސްވުން ބުނާގޮތުގައި ދެ އަހަރު ފަހުން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ލާބީދެވެ.

އިސްރާއީލުގެ ރަސްމީ ޢިބްރީ ޓީވީ ސްޓޭޝަން "ކާން" ބުނިގޮތުގައި ނަތަންޔާހޫ، އޭނާގެ އެކުވެރި ބީނީތާ ސަލާންކުރެއްވިއެވެ. އެކަމަކު ވާދަވެރި ލާބީދާ ސަލާމެއް ނުކުރައްވައެވެ.

36ވަނަ ސަރުކާރު

އިސްރާއީލުގެ ތާރީޚަށް ބަލާއިރު މިއީ އެތާނގައި ޤާއިމު ކުރެވުނު 36 ވަނަ ސަރުކާރެވެ. މި ސަރުކާރުގައި 27 ވަޒީރުން ހިމެނެއެވެ. އޭގެތެރޭގައި ނުވަ ވަޒީރާއިން ވެއެވެ. މިއީ އިސްރާއީލުގެ ތާރީޚުގައި އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާ ކެބިނެޓެވެ.

އިސްރާއީލުގެ މި އައު ސަރުކާރަކީ އަށް ޕާޓީ ހިމެނޭ ބަލިކަށި ކޯލިޝަނެކެވެ. މި ސަރުކާރުގައި ކަނާތުފިޔައިގެ ހަރުކަށި ދީނީ ޕާޓިތަކާއި، މެދުމިން ޕާޓީތަކާއި، ވާތުފިޔައިގެ ރެޑިކަލް ޕާޓީތައް ހިމެނެއެވެ. މި ކޯލިޝަންގައި ފުރަތަމަ ފަހަރަށް އިސްރާއީލުގެ ޢަރަބި ޕާޓީއެއް ވެސް ހިމެނެއެވެ.

އާ ސަރުކާރު އެކުލެވިގެން ވަނީ

  • އެތާނގައި ކުރިމަގެއްވޭ (މެދުމިން ޕާޓީއެއް) ޕާޓީގެ 7 ވަޒީރުން
  • އައު އުއްމީދު ޕާޓީ (ކަނާތު ފިޔައިގެ ޕާޓީއެއް) 4 ވަޒީރުން
  • ނޫ-ހުދު (މެދުމިން ޕާޓީއެއް) 4 ވަޒީރުން
  • ޔަމީނާ (ކަނާތު ފިޔައިގެ ޕާޓީއެއް) 3 ވަޒީރުން
  • އިސްރާއީލު އަހުރެމެންގެ ގެ (ކަނާތު ފިޔައިގެ ޕާޓީއެއް) 3 ވަޒީރުން
  • ލޭބަރ (މެދުމިން ޕާޓީއެއް) 3 ވަޒީރުން
  • މިރްތުސް (ވާތު ފިޔައިގެ ޕާޓީއެއް) 3 ވަޒީރުންގެ މައްޗަށެވެ.

 

ޢަރަބި ޕާޓީއަށް ވަޒީރުކަމުގެ މަޤާމެއް ނުދެވެއެވެ. މި ޕާޓީއަށް ބޮޑުވަޒީރު އޮފީހުގެ ނައިބު ވަޒީރުކަމުގެ މަޤާމަކާއި، ބަރްލަމާނުގެ ނައިބު ރައީސްކަމާއި، ބަރްލަމާނުގެ ދާޚީލީ ކަންތައްތަކާއި ޢަރަބި މުޖްތަމައާ ބެހޭ ކޮމެޓީގެ މުޤައްރިރު ކަން ދެވޭނެއެވެ.

އިސްރާއީލުގެ މި ކޯލިޝަންގެ ފުރަތަމަ ދެ އަހަރު ބޮޑުވަޒީރުކަން ކުރައްވާނީ ޔަމީނާ ޕާޓީގެ ޒައީމު ބީނީތެވެ. އެއަށްފަހު 2023 ގެ އޮގަސްޓްގައި ބޮޑުވަޒީރު ކަން ޔާއީރު ލާބީދު (57 އަހަރު) އާ ހަވާލު ކުރެވޭނެއެވެ.

ކަނާތު ފިޔަައިގެ ބޮޑު ވަޒީރެއް

ބޮޑުވަޒީރު ކަމަށް އިސްކުރެވުނު ނަފްތާލީ ބީނީތަކީ މުއްސަނދި ހަރުކަށި ދީނީ ފިކްރުގެ ބޭފުޅެކެވެ. ފަލަސްޠީނު މީހުންނާ ވަރަށް ހަތުރުވެރި ބޭފުޅެކެވެ. ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމާ ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ޣައްޒާއާ ދެކޮޅަށް ކުރެވުނު ހުރިހާ ހަނގުރާމަތަކަކަށް އޭނާ ވަނީ ތާއީދު ކުރައްވާ ހިތްވަރު ދެއްވާފައެވެ. އޭނާއަކީ ހުޅަނގުއައްސޭރިއާއި ޤުދްސުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގޮވައިލައްވާ ސިޔާސީއެކެވެ. އޭނާ ހުޅަނގު އައްސޭރީގެ ބިމުން 60 އިންސައްތަ އިސްރާއީލަށް ނެގުމަށް ގޮވައިލައްވައެވެ.

ތާރީޚަށް ބަލާއިރު ބިނީތު ވާނީ ޔަހޫދީ ދީންވެރިން އަޅާ "ކީބާ" (ތަލަ ތާކިހާ) ތުރުކުރައްވާ ފުރަތަމަ ބޮޑު ވަޒީރަށެވެ.

ސިފަކުރެވޭ ގޮތުގައި އިސްރާއީލުގައި ޤާއިމު ކުރެވުނު މި ކޯލިޝަން ސަރުކާރަކީ "ބަދަލު ގެނައުމުގެ ސަރުކާރެ"ވެ. މި ސަރުކާރުގެ ސަބަބުން ނަތަންޔާހޫގެ 12 އަހަރުވީ ސަރުކާރު ވެއްޓިގެން ދިޔުމުންނެވެ. ނަތަންޔާހޫ، 71، އަކީ އިސްރާއީލުގައ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ޒަޢީމެވެ. އޭނާގެ ޕާޓީއަކީ ކަނާތު ފިޔައިގެ ލީކޫޑް ޕާޓީއެވެ.

ރޭ އިސްރާއީލުގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން މި ސަރުކާރު ވައްޓައިލުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. ވަރަށް އަވަހަށް އޭނާ އެނބުރި ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމުން އޭނާގެ ތިން މަސްއަލައެއް ވަރަށް އަވަހަށް ކޯޓުތަކުގައި ހިނގައިގަންނާނެއެވެ. އެއީ ރިޝްވަތާއި އަމާނާތަށް ޚިޔާނަތްތެރިވުމާ ޓެކުމާ ގުޅިފައިވާ މަސްއަލަތަކެކެވެ. މި މަސްއަލަތަކާ ބެހޭ ޝަރީޢަތް ހުއްޓިފައި ވަނީ އޭނާ ބޮޑުވަޒީރުކަމުގައި ހުންނެވުމުގެ ސަބަބުންނެވެ.

ބަރްލަމާނުގައި އަޑުގަދަކޮށް އިޙްތިޖާޖު ކުރުން

ކަނީސަތުގައި އިޙްތިޖާޖުތައް

ރޭ އިސްރާއީލުގެ ބަރްލަމާނުގައި ބޮޑުވަޒީރު ބީނީތު ވާހަކަފުޅު ދައްކަވަން ފެށްޓެވުމުން ނަތަންޔާހޫގެ ބައެއް މެންބަރުން އަޑުގަދަކޮށް އޭނާގެ ވާހަކަފުޅަށް ހުރަސްއަޅަން މަސައްކަތްކޮށްފައި ވެއެވެ. އޭގެތެރެއިން ބައެއް މެންބަރުންގެ ނަން އިއްވާ ބޭރަށް ވެސް ލެވުނެވެ. އަޑުގަދަ ކުރެއްވީ ދީނީ ޞިހްޔޫނީ ޕާޓީގެ މެންބަރުންތަކެކެވެ. މިއީ ނަތަންޔާހޫއަށް ތާއީދު ކުރާ ޕާޓީއެކެވެ.

ބީނީތުގެ ސިޔާސަތު

ބިނީތުގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓު ނެގުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވިގޮތުގައި އަލުން އިންތިޚާބަކަށް ދާން ޖެހިއްޖެނަމަ "ދައުލަތް" ރޫޅިދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ޤައުމު އޮތީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. މި ބައިބައިވުމުގެ ތެރެއިން ބޭރަށް ނުކުތުމުގެ ބާރު އިސްރާއީލަށް ލިބިގެންނުވާ ކަމަށް ބިނީތު ވިދާޅުވިއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ސިޔާސަތު ކުރިއަށް ގެންދެވޭނެއެވެ. އައު އާބާދީތައް ހެދޭނެއެވެ. ދާޚީލީ އަމްނާއި ޚާރިޖީ ވުޒާރާ ވަރުގަދަ ކުރެވޭނެއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި "އިސްރާއީލުގެ އަސާގެ ބާރުވެރިކަން" އޮތީ މި ދެ ބާރުގެ މަތީގައެވެ. އޭނާ ވިދާޅުވިގޮތުގައި މަސައްކަތް ނުލިބި ތިބި މީހުންގެ ޢަދަދު މަދު ކުރުމަށް އޭނާ އިސްކަން ދެއްވާނެއެވެ. އަދި އިސްރާއީލުގެ ޒަމާނީ ފަންނިއްޔާތާއި މަސައްކަތްތެރިކަން ތަރައްޤީ ކުރެއްވުމަށް އޭނާ ސަމާލުކަން ދެއްވާނެއެވެ.

ބީނީތު ސިފަ ކުރެއްވިގޮތުގައި އިސްރާއީލުގެ އެންމެ ބޮޑު ޢަދުއްވަކީ އީރާނެވެ. އީރާނުގެ ނިޔުކްލިއަރ ފައިލާ ކުރިމަތިލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *