Support Us

އައްސުލްޠާން އިބްރާހިމް ކަލާފާނު: ދިވެހިރާއްޖޭގައި އެންމެ އިހުތިރާމްކުރާ އެއް ރަދުން

އައްސުލްޠާން އިބްރާހިމް ކަލާފާނަކީ ދިވެހިރާއްޖޭގައި އެންމެ އިހުތިރާމް ކުރާ އެއް ރަދުންނެވެ. މީގެ އެއް ސަބަބަކީ އެ މަނިއްޕުޅަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށް ދެއްވި އުތީމު ބަންޑާރައިންގެ ދަރިކަލުން ކަމަށް ވާތީއެވެ. އެ މަނިކުފާނުގެ މަންމާފުޅަކީ ބާރަށު ބޯށިވަލު ބުޅާ ފާތުމަގެ ރެހެންދިޔައެވެ. އޭނާ ރަސްކަމަށް ވަޑައިގެންނެވީ ބައްޕާފުޅު ބޮޑުތަކުރުފާނު 27 އޮގަސްޓް 1585 ގައި އަވަހާރަވުމުންނެވެ.

ކަލާފާނުގެ މަންމައާއި ބައްޕާފުޅު ކައިވެނި ކުރެއްވި ގޮތާމެދު ތުންތުންމަތިން ކިޔަމުން އައިސްފައިވާ ވާހަކައެއް ބުރާރަ މުހަންމަދު ކޮއި އަކީ "ބޮޑު ތަކުރުފާނު ވާހަކަ"އިގައި ކިޔައިދީފައި ވެއެވެ. އެ ކަން ހިނގީ ޕޯޗުގީޒުންގެ ވެރިކަން ފެއްޓިގެން، ވިޔަޒޯރު ތިލަދުންމަތީ ބާރަށުގައި އުތުރުގެ ހަތަރު އަތޮޅުގެ އަތޮޅުވެރިކަން ޤާއިމު ކުރުމުގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އޭނާ އެ ރަށަށް ދިޔައީ ޢަލި ރަސްގެފާނުގެ ހުވަފަތް އަނބިކަނބަލުން ކަނބާ އައިޝާ ރަނިލެގެފާނާ ކައިވެނިކޮށްގެން އެކަމަނާއާއި ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނު ވެސް ގޮވައިގެންނެވެ.

ޖެހިގެން އައި އީދުގައި އީދު ކުޅިވަރު ނިންމުން ފާހަގަކުރުމަށް އަތޮޅުގެ ކަމުވޮށިވެގެންވާ މީހުންނަށް، އަތޮޅުވެރިން ވިޔަޒޯރު ފަންވަތް ފޮނުވައި ދައުވަތު ދިނެވެ. އެގޮތުން އުތީމު ހުސައިން ކަތީބު ތަކުރުފާނަށް ވެސް ދައުވަތު ލިބިލެއްވިއެވެ. އެދައުވަތަށް އޭނާގެ ބަދަލުގައި ފޮނުއްވީ އޭނާގެ ދެ ދަރީން ކަމުގައިވާ މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނެވެ.

ބާރަށު އަންހެން ކުދިން އެ ދެ ބެއިންގެ އޮޑީގެ ފަޅުވެރިންގެ ބޮލަށް ގޮންޖަހައި ގެއްލުމެއް ދީފާނެތީ އެ ބޭފުޅުން އެއްގަމަށް ވަޑައިގަތީ ފަޅުވެރިން ހިމާޔަތް ކުރައްވަމުންނެވެ. މި މަންޒަރު ދެކެފައި މުސްކުޅި އަންހެނަކު ގޮވާލިއެވެ. މިއަދަކީ ބާރަށް އުފެދި ނިމުނު ދުވަހެވެ. އެހެން ނުބުނާނީ ކީއްވެ ހެއްޔެވެ؟ އުތީމު ދެ ބެއިން އެހެރަގެން އެއްގަމަށް އަރާވަޑައިގަންނަވަނީއެވެ. މިއޮއްބޮޑު ބާރަށުން އެއިން ބެއެއްގެ ބޮލަށް ގޮމެއް ޖަހަން ކެރޭވަރު ކުއްޖަކު ވެސް ނުލިބުނިއްޔާއެވެ. މަށަކާ ކޮން ކަމެއް ހެއްޔެވެ؟ މީގެ ހުރިހާ ދެރައެއް އޮތީ ވާރުގޭ ސިއްތި މާވާރަނިކިލެގެފާނަށެވެ. ނާއިބު ކަލޭގެފާނުގެ ދަރި ސަންޕާފުޅަށެވެ. ކަތީބު ތަކުރުގެ ދަރި އައިމިނާފުޅަށެވެ. މުދިން ކަލޭގެ ދަރި ސިއްތިފުޅަށެވެ.

އެ ދައިތަ މިހެން ގޮވަމުންދާ އަޑު ސިއްތި މާވާ ރަނިކިލެގެފާނުގެ ކަންފަތްޕުޅުގައި ޖެހިއްޖެއެވެ. އެ ކަމަނާ އެ ރަށު ބޯށިވަލު ބުޅާ ފާތުމަގެ ރެހެންދިޔަ ގެންނެވިއެވެ. އަދި އެއްސެވިއެވެ. ތިމަން ކަމަނާއަށް ކަމެއް ކޮށްދެވިދާނެ ހެއްޔެވެ؟ ގޮއްޔެއަށް އުތީމު މުޙައްމަދު ތަކުރުފާނުގެ ބޮލަށް ގޮން ޖަހަން ކެރިދާނެ ހެއްޔެވެ؟ އެ ގޮއްޔެ ދެންނެވިއެވެ. ނުކެރެންވީ ކީއްވެތޯއެވެ؟ އަނދެގެން މިހުރީ ކަމަނާ ދެއްވި ފޭއްޔެކެވެ. ބޮލުގަ އޮތީ ކަމަނާ ދެއްވި ރުމާލެކެވެ. ކަނީ ވާރުގެއިން ކަމަނާ ދެއްވި އެއްޗެކެވެ.

ރެހެންދިޔައަށް މުޙައްމަދު ތަކުރުފާނު ފެނުނީ އެ ތަކުރުފާނު މިސްކިތު ވަޅުން ވުޟޫއުކުރައްވަން ހުންނަވަނިކޮށެވެ. ފަޔަށް ފެން ލައްވަން ގުދުވެލެއްވިތަނާ ދަނޑިވަޅު ބަލައިގެން އޭނާގެ ބޮލަށް ރެހެންދިޔަ ގޮންޖެއްސެވެ. އެ ތަކުރުފާނު އޭނާ އުފުއްލަވައި ކޮނޑަށް ލައްވައިގެން އަތިރިއަށް ހިންގަވައިގެންފިއެވެ. ތޮށިމަތިން ގަލެއްދަށު ލައްވާނަމޭ ކިޔުއްވާފައެވެ. އެ ގޮއްޔެ އާދޭސް ކުރަމުން ދިޔައެވެ. މިއީ އަޅުގަނޑު ޖެހި ގޮމެއް ނޫނެވެ. ވާރުގޭ ސިއްތި މާވާ ރަނިކިލެގެފާނު ޖެއްސެވި ގޮމެކެވެ. އަޅުގަނޑު ދޫކޮށްލައްވާށެވެ. އޭނާ ދޫކޮށްލެއްވީ އިންނަން އަތާއަތާ ޖެހީމައެވެ.

އެހާ ހިސާބުން އެ ދަތުރު ނިންމަވައި ރަށަށް، އުތީމަށް އެނބުރި ވަޑައިގަތީއެވެ. ޖެހިގެން އައި އަހަރު އަނެއްކާ އީދު ކުޅިވަރު ނިންމަވަން ބާރަށަށް ވަޑައިގަތެވެ. އެ ދަތުރުގައި ރެހެންދިޔައާ ކައިވެނި ބައްލަވައިގަތެވެ. އެއަށް ފަހު އެ ގޮއްޔެ ދެންނެވިއެވެ. އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. ވަޑައިގަންނަވާ ކޮންމެ ރަށެއްގައި އަޅުގަނޑަކީ އަތްނބެކޭ ވިދާޅުވަނިކޮށް އެ ނިމުނީއެވެ.

ބޮޑު ތަކުރުފާނު ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވިއިރު ކަލާފާނު ހުންނެވީ ތުއްޕުޅު ބޭފުޅެއްގެ ގޮތުގައި މަންމައާއެކު މަލިކުގައެވެ. އެ ދެކަނބަލުން މާލެއަށް ގެންނެވީ ހަނގުރާމަ ނިމިގެން ހަސަން ތަކުރުފާނު ކަޅުއޮށްފުންމީގައި އެ ރަށަށް ވަޑައިގެންނެވެ. މާލޭގައި ކޮއިލު ތެރޭގައި ގެންގުޅުއްވަމުން އޭނާ ރަސްކަމުގެ ކަންކަމުގައި ބޮޑުތަކުރުފާނު ޝާމިލުކުރެއްވިއެވެ. މިގޮތުން ވަރަށް ތުއްޕުޅު އުމުރުގައި އޭނާގެ އިސްތަށިފުޅަށް ކުޑަކޮޅު ނެންގެވިއެވެ.

ކަލާފާނު ފިރިފުރާވަރަށް އެރިފަހުން، ބޮޑުތަކުރުފާނު މީދޫ ކަނބާއާ ކައިވެނިކުރެއްވިއެވެ. ރޭކުރައްވަން އެކަމަނާގެ ގަނޑުވަރަށް ރަދުން ވަޑައިގަތީ އެއާ ޖެހިގެން އައި ރެއެވެ. އެ ކަމަނާ ފެންތަށިކޮޅެއް ބަލާ އެތެރެއަށް ވަޑައިގަތްތަނާ ބޮޑުތަކުރުފާނަށް ބޭރުން، ދުރުން ކަލާފާނު ރައިވަރެއް ވިދާޅުވާ އަޑުފުޅު އިވިވަޑައިގަތެވެ. ދެން ފެންތަށި ވެސް ނުހިއްޕަވައި އަނބި ކަނބަލުންނާއެކު ރޭ ވެސް ނުކުރައްވައި ގަނޑުވަރަށް ވަޑައިގަތީއެވެ. އެގޮތުން އެ ކައިވެނި ވީ ނުވާ ކައިވެންޏަކަށެވެ.

ހަސަން ތާޖުއްދީން ވިދާޅުވާ ގޮތުން ކަލާފާނަކީ ހައިބަވަންތަވެރި، ބުއްދިވެރި، ޢަދުލުވެރި ޢިލްމުވެރި ބޭފުޅެކެވެ. ވަރަށް މާތް އަޚުލާގެއްގެ ވެރިއެކެވެ. ދަންނަބޭކަލުންނަށް ލޯބި ކުރައްވައި ޢިލްމް އުގެނުމަށް އަމުރު ކުރައްވައި، ޢިލްމްވެރިންނަށް ވާގިކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ކަލާފާނުގެ ދުވަސްވަރު މާލޭގައި ހުންނެވި ޕިރާޑް މިކަމަކާ އެއްބަހެއް ނުވެއެވެ. އެއީ ފަހަރުގައި އޭނާއަށް ރާއްޖޭގެ ދީނާއި ޘަޤާފަތު ރަނގަޅަށް އޮޅުންފިލާފައި ނެތީމާ ކަމަށް ވެދާނެއެވެ. މިސާލަކަށް އޭނާއަށް ހީވެފައި އޮތީ ކަލާފާނުގެ އަނބިކަނބަލުން މީދޫ ކަނބާއަކީ އޭނާގެ ދޮން މަންމައެއް ކަމަށެވެ. އެހެނަސް ކުރިން ވެސް ބަޔާންކޮށްފައި އޮތްގޮތަށް އެ ކަމަނާއާއި ބޮޑު ތަކުރުފާނުގެ ކައިވެންޏަކީ ނުވާ ކައިވެންޏެކެވެ.

ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ފަހުން ބަނދެފައިވާ އޮޑިއެއް

ކަލާފާނު ރަސްކަމުގައި ހުންނަވަނިކޮށް، 4 ފެބްރުވަރީ 1609 ގައި ސެޓިގަމު (މިހާރު ބަންގްލަދޭޝްގެ ޗޮއްޓުގްރާމް)ގެ ހަނގުރާމަވެރި ނައުތަކެއް ރާއްޖެއަށް ހަމަލާދިނެވެ. އެމީހުން އައީ ޕިރާޑް ރާއްޖެއަށް އައި ކޯބިން ނަވުން ގެނައި ބޮޑުބަޑިތައް އަތުލުމެވެ. އެ ލަޝްކަރު އައުމުން ރަދުންގެ ވަޒީރުންނާއި އަމީރުންނާއި ފޮނަދޫ މުޙައްމަދު ފަނޑިޔާރުކަލޭގެފާނު ލަފާއެރުވީ ފިއްލެވުމަށެވެ. އެ ލަފާ ޤަބޫލުކުރައްވައި މާލެއިން ފުރައިގެން ދެކުނަށް ވަޑައިގެންނެވިއެވެ.

އެހެން ވަޑައިގަންނަވަނިކޮށް ހަނގުރާމަވެރިން އެ މަނިއްޕުޅުގެ ގުރާބާ ހަންޏާމީދޫއާ ހަމައިން އަރާ ހަމަކޮށް ލޮންސިންނާއި ދުނިން ހަމަލާދިނެވެ. ރަދުން އަރިހުގައި ތިބި މީހުންގެ ތެރެއިން އެކަކުފިޔަވައި އެންމެން ގުރާބުން ފުންމާލައިގެން ފަޅު ރަށްރަށަށް އަރައި ފިލީއެވެ. ރަދުންގެ އަރިހުގައި ޘާބިތުވެ ހުރީ ޖަމާލު ކަލޯ އެކަންޏެވެ. ދެން ހަނގުރާމަވެރީން ގުރާބަށް އަރައި އެ ދެ ބޭފުޅުން އަވަހާރަކޮށްލީއެވެ. އުޅަނދުކޮޅު އެ ދެ ބޭފުޅުންގެ ހަށިކޮޅުތަކާއެކު ހަންޏާމީދޫ ކައިރިން އޮޔާދަނިކޮށް އެ ރަށު މީހުން އެއަށް އަރައި ދެބޭފުޅުންގެ ހަށިކޮޅުތައް އެއްގަމަށް ބާލައި އެރަށުގެ މިސްކިތްދޮށުގައި ފަސްދާނުލައި ޒިޔާރަތް އެރުވީއެވެ.

މި ލިޔުމުގައި ކަލާފާނު އަވަހާރަވީ ތާރީޚު ލިޔެފައި މިވަނީ "ތަންޤީޙު ކުރެވުނު ދިވެހި ތާރީޚުގެ ތަންތަންކޮޅު"ގައި މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތަށެވެ. އެހެނަސް، ހާދިސާ ހިނގި އިރު މާލޭގައި ހުންނެވި ޕިރާރޑް ލިޔުއްވާފައިވަނީ އޭގެ ދެ އަހަރު ކުރީގެ ތާރީޚެކެވެ. އެއީ ފެބްރުވަރީ 1607 އެވެ. މުޙައްމަދު އަމީން، އޭނާ ލިޔުއްވި ތާރީޚު ނަންގަވާފައިވަނީ ހަސަން ތާޖުއްދީންގެ ތާރީޚު ފޮތުންނެވެ. އަމީން ތާޖުއްދީނަށް އިތުބާރުކުރެއްވީ ޕިރާޑާ ޚިލާފަށް، އޭނާ ކަލާފާނުގެ ޢިލްމްވެރިކަމާއި އަޚުލާގަށް ތާރީފު ކުރައްވާފައި ވާތީއެވެ. މިކަމުގައި ވިސްނާލަންޖެހޭ ދެ ނުކުތާއެއް އެބައޮތެވެ. އެއް ކަމަކީ ޕިރާޑަކީ ހާދިސާ ހިނގިއިރު އެތަނުގައި ހުރި މީހަކަށް ވީކަމެވެ. ދެވަނަ ކަމަކީ އެ ހިސާބުން ފެށިގެން ޕިރާޑްގެ ދަތުރުނާމާގައި ގެންނަވާފައިވާ އެހެން ތާރީޚުތައް މި ތާރީޚާ ލާމެހިގެންދާކަމެވެ.

ކޮންމެއަކަސް ކަލާފާނަކީ ރާއްޖޭގައި ވަރަށް އިޙުތިރާމް ކުރާ ބޭފުޅެކެވެ. މާލޭގެ އެއްމެ މުހިންމު އެއް ސްކޫލްގެ ނަން، ކަލާފާނު ސްކޫލް، ނިސްބަތް ވަނީ އެ މަނިކުފާނަށެވެ.

 

ކަވަރ ފޮޓޯގައި: ކަލާފާނުގެ ޒިޔާރަތް، އއ. ހަންޏާމީދޫ. ފޮޓޯ ކްރެޑިޓް: ދިވެހި ބަވަނަ-ޓަމްބްލްރް

 

ރިފަރެންސް

  1. ޑި ލާވަލް، ފްރާންސްވާ ޕިރާރޑް (1897) "ދަ ވޮޔޭޖް އޮފް ފްރާންސްވާ ޕިރާރޑް އޮފް ލާވަލް،" އިންޓްރޮޑަކްޝަން، އަލްބަރޓް ގްރޭ އާއި އެޗް.ސީ.ޕީ.ބެލް އެޑީޓަރުން، އޮކްސްފޯރޑް ޔުނިވަރސިޓީ ޕްރެސް، ނިއު ދިއްލީ
  2. އަމީން، މުޙައްމަދު (1949) "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު،" ޞ 169 ޞ 173
  3. ތާޖުއްދީން، އަލް ޤާޟީ ޙަސަން (2020) "ތާރީޚް އިސްލާމި ދީބާ މަހަލް،" ޞ 49، ދިވެހިބަހުގެ އެކެޑެމީ
  4. މުޙއްމަދު ކަލޯ، ބުރާރަ (—-) "ބޮޑު ތަކުރުފާނު ވާހަކަ، އަހުމަދު ޔަމީން، ޔޫޓިއުބް ވިޑިއޯ، 8 ވަނައާއި 9 ވަނައާއި 17 ވަނައާއި 19 ވަނަބައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް